ކަޅުވަކަރު މިސްކިތޭ ކިޔާ ތަނުގެ ޙަގީގަތް ހާމަވޭތޯ ބެލުން

 

ހެޔޮހިތުން ޒާތީކަމެއް ނެތި ދައްކާވާހަކަ ހުރެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ މާޒީވެދިޔަ ޞަފުޙާތަކުން ފެންނަން ހުންނަ ޙަގީގީ ކަންކަމުގެ ތެރެއިންނެވެ. މިކަހަލަ ބައެއް ވާހަކަތައް ދެއްކީމާ ކޮންމެވެސް ބަޔަކަށް ހީވަނީ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ ދަރިކޮޅުގެ މީހަކަށް، ބަޔަކަށް، އެއްޗަކަށް، އަނިޔާއެއް ދެރަޔެއް ލިބިފައި އޮވެގެން އެދަރިކޮޅުގެ ބަޔަކު "މަދަރިކޮޅު" ވެގެން އެވާހަކަތައް ދައްކަނީ ކަމަށެވެ.

ނަމަވެސް އަޅުގަނޑު ދެކެނީ އެގޮތަކަށް ނޫނެވެ. ވާހަކަދައްކާ ބަޔަކު އެދައްކަނީ ހިނގިކަމެއް ފޮރުވިފައި ނުވަތަ އޮޅިފައި އޮތީމާ އޭގެ ޙަގީގަތް ހާމަކޮށްދިނުމަށެވެ. ތާރީޚު އޭގެ އަމިއްލަ ނަފުސު އިޢާދަކުރުމަށް ފުރުޞަތެއް ލިބޭތޯއެވެ. އެކަމަށް މަގެއް ފަހިވޭތޯއެވެ. ކޮންމެހެން "މަދަރިކޮޅު" ވެގެނެއްނޫނެވެ. އޭގެ މިސާލެކެވެ.

ސުލްޠާނު މުޙައްމަދު ފަރީދާއި އަމީރު ޙަސަން ފަރީދާއި ރައީސް މުޙައްމަދު އަމީނާއި ރައީސް އިބްރާހީމް ނާޞިރާއި ބޮޑުވަޒީރު އަޙުމަދު ޒަކީގެ ވެރިކަމުގެ ދުވަސްވަރުގެ ރަނގަޅުނޫން ކަންކަމެއްގެ ވާހަކަ ވެސް ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ ދަރިކޮޅުގެ ބަޔަކު ދައްކައެވެ. މިވާހަކަތައް ދައްކަނީ މިދެންނެވި ބޭފުޅުންނަކީ "މަދަރިކޮޅު"ގެ ބޭފުޅުންނަށް ނުވެގެން ނޫނެވެ. އެހެނީ، އެ ހުރިހާ ބޭފުޅުންގެ މަންމާފުޅާއި ބައްޕާފުޅަކީ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ ދަރިކޮޅުގެ ވެސް ބޭފުޅުންނެވެ.  

މިހެންމެ، ޝަމްސުއްދީން(3) ރަދުންނާއި ބޮޑުވަޒީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ވެސް ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ ދަރިކޮޅަށް ނިސްބަތްވެވަޑައިގަނެވެ. އެކަމަކު އެބޭފުޅުންގެ ވެރިކަމުގެ ދުވަސްވަރުގެ ރަނގަޅުނޫން ކަންކަމެއްގެ ވާހަކަ، ހަމަ އެ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ ދަރިކޮޅުގެ ބަޔަކު ދައްކަނީ ނޫންތޯއެވެ. އެހެންވީމާ އެނގެނީ ރަނގަޅުނޫން ކަންކަމެއްގެ ވާހަކަ ދައްކަނީ "މަދަރިކޮޅު" ވެގެންނޫން ކަމެވެ. ކޮންމެ ދަރިކޮޅެއް ވިޔަސް ރަނގަޅުނޫން ކަމެއްނަމަ އެވާހަކަ ދައްކާނެކަމެވެ.

ދެން އޮތީ މިލިޔުން ލިޔުނު ބޭނުމުގެ ވާހަކައެވެ.

އެބޭނުމަކީ ކަޅުވަކަރު މިސްކިތޭ ކިޔާ ތަނުގެ ޙަގީގަތް އެންމެނަށް އެނގޭނެ ގޮތެއްވޭތޯ ބެލުމެވެ. އެކަން ފޮރުވިފައި ނޯންނާނެ ގޮތެއްވޭތޯ ބެލުމެވެ. މިކަން ކުރެއްވުން އެންމެ އައުލާކަން ބޮޑީ އެތަން ބަލަހައްޓަވާ ފަރާތެވެ. ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ އެތަނަކީ ކާކު، ކީއްވެ، ކޮންއިރަކު، ކޮން ބޭނުމަކު، ކިހިނެއް ހެދި ތަނެއްކަން ހާމަކޮށް ދެއްވުމެވެ. މި ފަސް ކާފު ފުރިހަމަކޮށް ދެއްވުމެވެ. މިކަން ކުރައްވަން ބޭނުންފުޅުނަމަ އެކަންކަން އެނގޭނޭ ލިޔުމެއް އެތާނގައި ބެހެއްޓެވީމާ ވެސް އަދި އެތަނަށް ޒިޔާރަތްކުރާ މީސްމީހުންނަށާއި އިސްކޫލު ދަރިވަރުންނަށް އެޙަގީގަތް އެނގޭނޭ ލީފުލެޓެއް ނުވަތަ ލިޔުމެއް ފަދަ އެއްޗެއް ދެއްވީމާ ވެސް އެތަނުގެ ޙަގީގަތް އެނގިދާނެއެވެ.

ކުރިން ދެންނެވި ފަސް ކާފު ފުރިހަމަކުރުމަށް މިޖީލުގެ، މިހާރުގެ އެއްވެސް މީހެއްގެ ލިޔުމެއް މަޢުލޫމާތެއް ވިޔަސް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ އެތަނުގެ އެންމެހައި ކަމެއް ހިނގާފައިވާ ގޮތް ކަޅާއި ހުދުން ދިވެހިތާރީޚުގައި ލިޔެފައިވާ ގޮތަށް އެކަން ހާމަކުރުމެވެ. އެނިމުނީއެވެ. އޭރުން އެތަނަށް ޒިޔާރަތްކުރާ މީސްމީހުންނަށާއި އިސްކޫލު ދަރިވަރުންނަށް ވެސް އެތަނުގެ ޙަގީގަތް އެނގޭނޭއެވެ. އެތަނުގެ ތާރީޚަށް އޭގެ އަމިއްލަ ނަފުސު އިޢާދަ ކުރެވޭނެއެވެ.

ނިންމާލުން:

ދެންނެވިފައި އެވަނީ ރަނގަޅު ކަމެއްގެ ވާހަކަނަމަ އެކަން ކުރެއްވުމަކީ ކަމާއި ބެހޭ ފަރާތުގެ ކަމެކެވެ. އަދި އެއީ ރަނގަޅުކަމެއް ނަމަވެސް ނުވަތަ ރަނގަޅުނޫން ކަމެއް ނަމަވެސް އެކަން ކުރެއްވުމާއި ނުކުރެއްވުމަކީ ވެސް ކަމާއި ބެހޭ ފަރާތުގެ އިޚްތިޔާރުގައި އޮންނާނެ ކަމެކެވެ. އަޅުގަނޑުމެން ކަހަލަ ރަސްމީ ޙައިސިއްޔަތެއް ނެތް އާދައިގެ މީހުންނަށް ކުރެވޭނެ ކަމަކީ ތާރީޚަށް އޭގެ އަމިއްލަ ނަފުސު އިޢާދަކުރުމުގެ ފުރުޞަތެއް ލިބޭތޯ، އެކަމަށް މަގެއް ފަހިވޭތޯ ބެލުމެވެ.  

              --------------

ޢަބްދުﷲ ޙިލްމީ

7 އޭޕްރީލް 2023މ.