ހުވަދޫ "ފަތުޙުލް ޢިނާޔަތު" އޮޑީގެ ތާރީޚީ ހުވަދޫދަތުރު – 2
ފުރަތަމަ ބަޔާއި ގުޅޭ-
"ފަތުޙުލްޢިނާޔަތު" ވިލިގިލީ ބޭރުން މާލެއަށް ފުރުން

"ފަތުޙުލް ޢިނާޔަތު" ހުވަދުއަތޮޅަށް ދަތުރުކުރީ ގިނަ ޢަދަދެއްގެ ކާޑުގެ ސާމާނާއި ގއ. އަތޮޅުއޮފީހުގެ ބައެއް ތަކެއްޗާއި ފައިސާހުރި ތިޖޫރީއާއި ފާސިންޖޯރުންނާއި އެބައިމީހުންގެ ތަކެތި ވެސް ހިފައިގެންނެވެ. މިދަތުރު އިރުއޮއްސުނު ފަހުން ނިލަންދޫ އިރުމަތީ ފަރާތު ފަރާއި ކައިރިކޮށް އެރަށުގެ ފާސިންޖޯރުންނާއި އެމީހުންގެ ތަކެތި ބާލައި ވިލިގިލީ އިރުމަތީ ފަރާތުން ވިލިގިއްޔާއި ކައިރިކޮށް އެރަށުގެ ފާސިންޖޯރުންނާއި އެމީހުންގެ ތަކެތި ބޭލުމަށްފަހު ގއ. އަތޮޅުއޮފީހުގެ ތަކެއްޗާއި ކާޑުގެ ސާމާނު ނުބާލައި އަދި ވިލިގިލީ ބަނދަރަށް ވެސް ނުގޮސް އޮޑި ފުރައިގެން ދާންޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލު އުފެދޭނެ އެވެ. އެއީ އުފެދެންޖެހޭ ވެސް ސުވާލެކެވެ. 

މިކަމުގެ ސަބަބު އޭގެ ޙަގީގަތާއި އެއްގޮތަށް ދެނެހުންނާނެކަމަށް ގަބޫލުކުރެވި، އަދި އެ ބަޔެއްގެ ގާތުން އެ ވާހަކަ އަހަން އަޅުގަނޑު ބޭނުންވާ އެންމެން މި ލިޔުމާއި ހަމައަށް އައިއިރު ދުނިޔެ ދޫކޮށްފި އެވެ. މިހެންވުމުން ދެން އޮތީ އޮޑި ފުރައިގެން ދިޔަ ސީދާ ސަބަބެއް އެމީހަކަށް އެނގިފައިނެތް ނަމަވެސް އެ ސަބަބާމެދު އެއްޗެއް ބުނަން ބޭނުންވާ މީހަކު ހުރިނަމަ އެކަމާ ވިސްނުމަށްފަހު އެ މީހަކަށް ފެންނައެއްޗެއް ބުނުމެވެ. ފެންނައެއްޗެއް ހާމަކުރުމެވެ. ނަމަވެސް މިބުނުން ނުވަތަ ހާމަކުރުން ބިނާވެފައި އޮންނަން ޖެހޭނީ ހުވަދުއަތޮޅުގެ އޭރުގެ ޙާލަތާއި، އެ ޙާލަތުގައި ކަންކަން ހިނގަމުންދިޔަ ގޮތާއި، އެގޮތަށް ކަން ހިނގަމުން ދިޔަ ތަނެއްގައި "ފަތުޙުލް ޢިނާޔަތު" އޮވެއްޖެނަމަ، އޮޑިއަށާއި އެ އޮޑީގެ މާލިމީއަށާއި ދެންތިބި މީހުންނަށް ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަކަށް ރަނގަޅަށް ވިސްނުމަށްފަހު އެވެ.  

އަދި މިކަންކަމާއެކު އޮޑި އެރަށެއްގެ ފުއްޓަރު ފަރާތުގައި އޮތް ހުވަދުއަތޮޅު ވިލިގިއްޔާއި އެ އޮޑިއާއި އެ އޮޑީގައި ތިބި ބަޔަކާއި ގާތް ގުޅުމެއް އޮތްތޯ ނެތްތޯ ބެލުމަކީ ވެސް ނެތްކަމެއް ނޫނެވެ. އެހެންނޫނީ "ފަތުޙުލް ޢިނާޔަތު" އޮޑި ފުރި ސަބަބުގެ ޙަގީގަތާއި ކައިރި ވެސް ނުކުރެވޭނެ އެވެ. އެ ޙަގީގަތް ރޭކާލާ ހިސާބަށް ވެސް ވާޞިލު ނުވެވޭނެ އެވެ.

"ފަތުޙުލްޢިނާޔަތު" ވިލިގިލީ ބޭރުން މާލެއަށް ފުރުވާލުން

ފުރުމާއި ފުރުވާލުމާއި މިއީ ދެ ބަހެކެވެ. ދެގޮތަކަށް ހިނގާ ދެ ކަމެކެވެ. ގިނަބަޔަކު ދެކޭގޮތުގައި "ފަތުޙުލް ޢިނާޔަތު" އޮޑި ފުރުވާލީ އެވެ. އެ އޮޑި ފުރީކީ ނޫނެވެ. އެ އޮޑި ފުރިކަމަށް ބަލަންޖެހެނީ އޭގައިތިބި 7މީހުން އަމިއްލައަށް ރިޔާނަގައިގެން ފުރީމަ އެވެ. ފުރޭނެނަމަ އެވެ. އެކަމެއް ނުވާނެ އެވެ. "ފަތުޙުލް ޢިނާޔަތު" އޮޑީގެ މައިރިޔާ 7މީހަކަށް ނުނެގޭނެ އެވެ. އެ އޮޑި ފުރުވާލީ ކަންކަމުގެ އެކޮޅުމިކޮޅާއި ހުވަދުއަތޮޅުގެ އޭރުގެ ޙާލަތު ރަނގަޅަށް އެނގޭ ވިލިގިލީގައި ތިބި މަޑަވެލީ މޫސިޔާގެ ދަރިކޮޅުގެ ހޭވަރިވާ އިސް ބައެއް ފަރާތްތަކާއި އަދި އެ ރަށުގެ ކަމުވޮށީންގެ ތެރެއިން ވެސް މުޞްޠަފާ މަންޞޫރަށް ހެޔޮއެދޭ ބަޔެކެވެ. އެ މީހުން މިކަންކުރީ "ފަތުޙުލް ޢިނާޔަތު" އޮޑިން މުޞްޠަފާ މަންޞޫރު ހުވަދުއަތޮޅަށް ކުރެއްވި ދަތުރަކީ އެ ދަތުރުގެ މަގްޞަދާމެދު ބަޔެއްގެ ހިތުގައި ސުވާލު އުފެދޭވަރަށް ވުރެ ކަށަވަރާއި ގާތްވުމުން އޭގެ ނަތީޖާ ރަނގަޅުނޫން މިޞްރާބަކަށް ހިނގައިދާނެކަމަށް ފެނިގެންނެވެ.


ދިވެހިދައުލަތުގެ ބާރުގެ ދަށުން ދެވަނަފަހަރަށް ހުވަދުއަތޮޅު ވަކިކޮށްލައި ހޭދަވި 7 މަހެއްހާ ދުވަހުގެ ތެރޭ ހުވަދުއަތޮޅުގެ ބައެއް މީސްމީހުންގެ ޖާނަށާއި މުދަލަށް އެކިވަރުގެ ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ އެވެ. މިކަން ތަޙައްމަލުކުރަން ޖެހުނީ ހުވަދުއަތޮޅުގައި އޭރުއޮތް ވެރިކަމަށް އެއްބާރުލުން ނުދޭކަމަށް ބަޔަކަށްބެލެވޭ ފަރާތްތަކަށެވެ. ނުވަތަ އެ ވެރިކަން އިހުއޮތް މަގަށް ރުޖޫޢަކުރުމަށް އުޅޭކަމަށް ބަޔަކަށްބެލެވޭ ފަރާތްތަކަށެވެ.


ހުވަދުއަތޮޅު ވިލިގިއްޔަކީ "ފަތުޙުލް ޢިނާޔަތު" އޮޑީގެ ވެރި އަދި މާލިމީ މުޞްޠަފާ މަންޞޫރުގެ ބައްޕަ ޙާޖީ މުޙައްމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި ބަޔެއްގެ ފަރާތުން އުފެދިފައިވާ ނުފޫޒުހުރި ވަރަށްބޮޑު ޢާއިލާއެއް އޭރުވެސް އަދި މިހާރުވެސް އޮންނަ ރަށެކެވެ. މީގެއިތުރަށް މި ޢާއިލާގެ މަދުނޫން ފަރާތްތަކެއް ވަނީ ރަށުގެ އެހެނިހެން ގިނަ ޢާއިލާތަކާ ގުޅިފަ އެވެ. އަދި ވިލިގިލީގެ ކަމުވޮށިވެގެންވާ ފަރާތްތަކުގެ ތެރޭ މުޞްޠަފާ މަންޞޫރާ ޢާއިލީގޮތުން ގުޅުމެއް ނުވާ ފަރާތްތަކެއް ތިއްބެވިނަމަ، އެބަޔަކީ ވެސް މުޞްޠަފާ މަންޞޫރުގެ ޖާނަށާއި މާލަށް އެއްވެސް ކަހަލަ ދެރައެއް ގެއްލުމެއްވާން ނޭދޭ ބަޔަކަށްވާތީ މަތިވެރި ﷲގެ ވާގިފުޅާއެކު މަންޞޫރާއި އެ އޮޑީގައި ތިބި މީހުންނަށާއި އޮޑިއަށް ސަލާމަތްތެރިކަން ލިބުނީ އެވެ.

"ފަތުޙުލް ޢިނާޔަތު" ފުރުވާލީ އެއިން މާލެދާން ތިބި 7 މީހުންނަށް އޮޑީގެ މައިރިޔާ ނުނެގޭނެތީވެ، ވިލިގިލީ ނަސްރީނުވިލާ އިބްރާހީމްބޭގެ ބޮޑު ދޯނީގެ ކެޔޮޅު ވިލިގިލީ ގަދަގޭ އާދަމް އަބޫބަކުރު (އާބަކުރުގެ އާދަންފުތު) އިސްކޮށް ހުރެ ވިލިގިލީ ބަޔަކާއެކީ އޮޑިއަށް އަރައި އޮޑީގެ މައިރިޔާ ނަގައިދީގެންނެވެ. މިކަން ހިނގީ އާދަމް އަބޫބަކުރާއި މުޞްޠަފާ މަންޞޫރާ ވާހަކަތަކެއް ދެކެވުމަށްފަހު ކަމަށް މިދަތުރު އެ އޮޑިން އެނބުރި މާލެއަށް ދަތުރުކުރެއްވި ތިނަދޫ ގޯލްޑްރިންގް މުޙައްމަދު ޢަލީ (ތުއްތުބެ) ބުނުއްވި އެވެ.   އަދި އޮޑީގެ ރިޔާ ނެގުމުގައި މާމެންދޫ ޗާނދަނީގޭ މުޙައްމަދު ކަލޭގެފާނު ފޮނުއްވި މާމެންދޫ ބަޔަކު ތިބިކަމަށް ވެސް އެ އޮޑީގެ ސަރަނގު ތިނަދޫ ޖޭނެސްޓް ޢަލީ ގާސިމްއާއި ޙަވާލާދެއްވައި ޢަލީ ގާސިމްގެ މުޙައްމަދު ޒުހައިރު މަޢުލޫމާތު ދެއްވި އެވެ.

އޭރު އޮޑިދޮށުގައި ތިބި ވިލިގިލި މާމެންދޫ ދޯނިފަހަރުގެ މީހުނަށް ހީކުރެވިފައި ވަނީ އޮޑީގެ ރިޔާ ނަގައިދިނުމުގެ ބޭނުމަކީ މޫސުމުގެ ގޮތުން ރޭގަނޑު ވިލިގިލި ކަނޑުން އެތެރެއަށް ވަދެވޭވަރު ނުވުމާއި އަދި ފުއްޓަރު ފަރާތުގައި ބަނދަރުކޮށްގެން ވެސް އޮވެވޭވަރު ނުވާތީ އިރުމަތީފަރާތު ފަރާއި ދުރުނޫން ހިސާބެއްގައި އޮޑި ދެކޮޅު ދެކޮޅަށް ދުއްވަދުއްވާ އޮތުމަށްފަހު އަނެއްދުވަހުގެ އިރުއެރުމުން ދޯނިފަހަރު ވެސް އައީމާ ދޯނިތަކުގެ އެހީއާ ވެސް އެކީ އޮޑި ވިލިގިލި ކަނޑުން ވަދެ ވިލިގިއްޔަށް ދާނެ ކަމަށެވެ.

އިސްވެހުރެ އޮޑީގެ މައިރިޔާ ނަގައިދިނީ މުޞްޠަފާ މަންޞޫރާ ޢާއިލީ ގުޅުންއޮތް މަޑަވެލީ މޫސިޔާގެ ދަރިކޮޅުގެ ފަރާތަކަށް ނުވެފައި، އެކަން ކުރުމުގައި އިސްކޮށްހުރި ވިލިގިލީ ގަދަގޭ އާދަމް އަބޫބަކުރަކީ ވިލިގިލީގައި އޮންނަ މަޑަވެލީ މޫސިޔާގެ ދަރިކޮޅުގެ ފަރާތަކަށް ނުވާތީ ކަން ހިނގިގޮތް ބޭރުން ބަލާބަޔަކަށް ފެންނާނީ އޭގެތެރޭ ފޮރުވިފައިވާ ވަކި ކަމެއް ވަކި ބޭނުމެއްނެތް ކަމަށެވެ. ނަމަވެސް އާދަމް އަބޫބަކުރަކީ ހަވަރުތިނަދޫއާއި ޢާއިލީ ގުޅުންއޮތް ފަރާތެއްކަމަށް ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސް މަޢުލޫމާތު ދެއްވަ އެވެ.

ވިލިގިލީ ގަދަގޭ އާދަމް އަބޫބަކުރާއި އޭނާއާ އެކީ އޮޑީގެ ރިޔާ ނަގައިދިން މީހުންތައް އޮޑިން ދޯނިތަކަށް ފައިބައި އެ ދޯނިފަހަރު ރަށާވީ ކޮޅަށް ދާން ފެށިތާ ވަގުތުކޮޅެއްގެ ފަހުން ދޯނިފަހަރުގައި ތިބި މީހުނަށް ފެނުނީ އޮޑީގެ އެހެން ރިޔާތައް ވެސް ނަގައި ހުޅަނގުގެ ފައްސިޔަ ވަޔާއި އެއްގޮތަށް އަރާ މުރިނގަށް(އިރުއަރާ ދިމާލަށް އިރުމައްޗަށް) ބާރަށް އޮޑި ދުއްވާލިތަނެވެ. މިތަން ފެނުމުން ބައެއް ދޯނިފަހަރުގައި ތިބި މީހުން ހޯބޯލަވައި އޮޑި އަތުލުމަށްޓަކައި އޮޑީގެ ފަހަތުން ދާން ފެށި އެވެ. އަދި މިކަން އެނގިގެން ވިލިގިލީގެ އިތުރު ދޯނިތަކެއް ބިގަރު ދިއްލައިގެން އޮޑި ހޯދުމަށް ވިލިގިލިން ފުރިވެސްމެ އެވެ.

ވަގުތަކީ އަނދިރި ރޭގަނޑެއްގެ އަނދިރި ވަގުތެވެ. އޮޑީގެ ފަހަތުން ބައެއް ދޯނިފަހަރު އަންނަތަން ފެނުމުން "ފަތުޙުލް ޢިނާޔަތު" އޮޑީގެ އެއްވެސް އަލިކަމެއް ނުހުންނާނޭގޮތް ހެދުމަށް މާލިމީ މުޞްޠަފާ މަންޞޫރު އެންގެވި އެވެ. މިހެން ހެދުމުން ގަދަ އަނދިރީގައި އޮޑި ފާހަގަކޮށް ދެނެގަތުމަށް އޮޑީގެ ފަހަތުން އަންނަ ދޯނިފަހަރުގެ މީހުނަށް ދަތިވެ އިރުކޮޅަކުން އޮޑި ގެއްލިއްޖެ އެވެ. ނަމަވެސް އޮޑީގެ ގެ މައްޗާއި ކުނބަށް އަރާ މީހުންނަށް ފަހަތުގައި ތިބި ދޯނިފަހަރުގެ ތެރެއިން ބިގަރު ދިއްލައިގެން އަންނަ ދޯނިފަހަރު އިރުކޮޅެއްވަންދެން ފެނުނެވެ.

"ފަތުޙުލް ޢިނާޔަތު" އަރާ މުރިނގަށް ބާރަށް ދުއްވާތާ ވަގުތުކޮޅެއްގެ ފަހުން އެ އޮޑީގެ ފަހަތުން އޮޑި އަތުލުމަށްޓަކައި އަންނަ ދޯނިފަހަރާއި ހުވަދުއަތޮޅު މާމުޓާ(ފަޅުރަށެއް) ވެސް ގެއްލުމުން އޮޑީގެ މިޞްރާބު އުތުރަށް ބަދަލުކުރުމަށް މާލިމީ މުޞްޠަފާ މަންޞޫރު އެންގެވުމުން އޮޑި އުތުރަށް އަނބުރާލައި ދުއްވަން ފެށީ ހައްދުންމައްޗާއި ދިމާލަށެވެ. (ނުނިމޭ)
                           ---------------

ޢަބުދުﷲ ޙިލްމީ
20 ފެބްރުއަރީ 2016މ.