ޤުރުއާނާއި ސައިންސް


ކީރިތި ޤުރުއާން ބާވައިލެއްވި ޒަމާނަކީ، ސައިންޓިފިކް ހޯދުންތަކުގެ ޒަމާނެއް ނޫނެވެ. އެހެންކަމުން، އެ ފޮތުގައި، ސައިންޓިފިކް ޙަޤީޤަތްތަކެއް ބަޔާންކުރައްވާފައިވާކަން އެ ޒަމާނުގައި އެނގިފައެއް ނެތެވެ. އެ ޒަމާނުގައި ކުރިއަރާފައިވަނީ، ބަސްމޮށުންތެރިކަމެވެ. ކީރިތި ޤުރުއާނުގައިވާ ބަހަވީ އިޢުޖާޒު، އެ ޒަމާނުގައި ވަނީ އެނގިފައެވެ. އެ ފޮތުގައި ސައިންޓިފިކް ޢިލްމީ އިޢުޖާޒެއް ވާކަން އެނގެންފެށީ، ޢިލްމީ ހޯދުންތައް ކުރިއަރައި، އިންސާނުން އާ މަޢުރިފާތައް ޙާޞިލުކުރަން ފެށުމުންނެވެ.


ކީރިތި ޤުރުއާނުގައި ޢިލްމީ ޙަޤީޤަތްތައް ބަޔާންކުރައްވާފައިވާކަން އެނގެން ފެށުމުން، މުސްލިމުންގެ ތެރެއިން ބައެއް ޢިލްމުވެރިން އެކަމާ ދެކޮޅު ހެއްދެވިއެވެ. އެ ބޭކަލުން ވިދާޅުވީ، ކީރިތި ޤުރުއާނަކީ، ސައިންސްގެ ފޮތެއް ނޫން ކަމަށެވެ. އެ ބޭކަލުން އެ ގޮތަށް ބުރަވެވަޑައިގަންނަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ، ބާޠިލުވުމާއި، ބަދަލުވުމުގެ ސިފަ، ސައިންސްގެ ނަޒަރިއްޔާތަކުގައި ވާތީއެވެ. އަދި ކާއިނާތުގައި ލައްވާފައިވާ ޤުދުރަތީ ކަންކަން، ސައިންސްގެ އަލީގައި އެތައް ގޮތަކަށް ޝަރަޙަކުރެވޭތީއެވެ.

ޣައިރު މުސްލިމުންގެ ތެރެއިން ބައެއް ޢިލްމުވެރިން ވެސް، ކީރިތި ޤުރުއާނުގައި ސައިންޓިފިކް ޙަޤީޤަތްތައް ވާކަމާމެދު ދެކޮޅު ހައްދަވައެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޤުރުއާނާއި ސައިންސްގެ މައިދާނުގައި މުސްލިމުން ބޭނުންކުރާ މަންހަޖަކީ، ޢިލްމީ މަންހަޖެއް ނޫނެވެ. މި މައިދާނުގައި އިޢުޖާޒު ކަމަށް ނުވަތަ މުޢުޖިޒާތް ކަމަށް މުސްލިމުން ޤަބޫލުކުރާ ކަންކަން، ޣައިރު މުސްލިމުން ގަބޫލެއް ނުކުރެއެވެ.

ކީރިތި ޤުރުއާނަކީ، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ދިގުދެމިގެންވާ އެންމެ ބޮޑު މުޢުޖިޒާތް ކަމަށް މުސްލިމުން އީމާންވެއެވެ. އަދި އެފަދަ ފޮތެއް ނުވަތަ އެ ފޮތުގައިވާ ފަދަ އެންމެ ސޫރަތެއް ވެސް އުފެއްދުމަކީ އިންސީންނާއި ޖިންނީންނަށް ކުޅަދާނަވެގެން ނުވާ ކަމެއް ކަމުގައި މުސްލިމުން ފުރިހަމައަށް ގަބޫލުކުރެއެވެ. އެ މާތް ފޮތަކީ، އިތުރުއެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމުގެ އެންމެ އުޖާލާ ދަލީލެކެވެ.

އިސްލާމީ އުންމަތުގެ މުޢުތަބަރު ދީނީ ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ސައިންޓިފިކް މަޢުލޫމާތު ބަޔާންކުރައްވާފައިވާ ކަމަށެވެ. ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒެވެ، ކިޔަނީ އެއަށެވެ. ޤުރުއާނާއި ސައިންސްގެ މައިގަނޑު މައުޟޫޢު ބިނާވެފައިވަނީ އޭގެ މައްޗަށެވެ. މިޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވާ އެތައް ކަންކަމެއް، މާކުރިން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައިވާކަން އެނގެނީ އެއިންނެވެ. އެއިން ޔަޤީންވާ އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރުއާން ބާވައިލެއްވީ، ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ކަމެވެ.

ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ސައިންޓިފިކް ޙަޤީޤަތްތަކުގެ ތެރޭގައި، އިންސާނާ ޚަލްޤުކުރެއްވުމުގެ މަރްޙަލާތައް ހިމެނެއެވެ. އަދި އެންމެހައި ދިރޭތަކެތި ހެއްދެވީ ފެނުންކަން ބަޔާންކުރައްވާފައި ވެއެވެ. މިފަދަ ޙަޤީޤަތްތަކަކީ، ކީރިތި ޤުރުއާން ބާވައިލެއްވި ޒަމާނުގައި އެނގިފައިވާ ކަންކަމެއް ނޫނެވެ. އާދޭހެވެ. ކަނޑުގެ އަޑީގައި އަނދިރިކަން ވެރިވެފައިވާ ފަޝަލަތަކެއް ވާކަމާއި، ކޯރުގެ ފެންގަނޑާއި ކަނޑުގެ ލޮނުގަނޑާ ދެމެދުގައި ހުރަހެއް ވާކަމާއި، ބިމުން މައްޗަށް އަރަމުންދާވަރަކަށް އޮކްސިޖަން މަދުވަމުންދާ ކަމާއި، ފަރުބަދަތަކަކީ ބައްރުތައް ހިފަހައްޓައިދޭ ކަޑަތަކެއް ކަމާއި، ދުނިޔޭގެ ނާރެހުގެ ވަށައިގެން ދުނިޔެ ދައުރުކުރަމުންދާ ކަމާއި، މިފަދަމިފަދަ އެތައް ކަންކަމެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ. މި ޙަޤީޤަތް އެނގިވަޑައިގަތުމުން، އެތައް ސައިންޓިސްޓުންނެއް ވަނީ އިސްލާމްވެވަޑައިގެންފައެވެ.

ކީރިތި ޤުރުއާނަކީ، ޢަދަދުގެ ގޮތުން ވެސް މުޢުޖިޒާތެއްކަން މިޒަމާނުގައި ވަނީ ކަށަވަރުވެފައެވެ. އޭގެ އެންމެ ސާދާ އެއް މިސާލަކީ، ކަހުފު ބާގައިގެ މީހުން ހޮހަޅައިގެ ތެރޭގައި ނިދާފައި ތިބި މުއްދަތެވެ. އެ މުއްދަތަކީ، މީލާދީ ކަލަންޑަރުގެ އަހަރުން ގުނާނަމަ، 300 އަހަރެވެ. ހިޖުރީ ކަލަންޑަރުގެ އަހަރުން ގުނާނަމަ، 309 އަހަރެވެ. އަލްކަހުފު ސޫރަތުގައި، ކަހުފުބާގައިގެ މީހުންގެ ވާހަކަ ފަށްޓަވާފައިވަނީ، އެ ސޫރަތުގެ 9 ވަނަ އާޔަތުންނެވެ. އެމީހުން ހޮހަޅައިގައި ނިދާފައި ތިބި މުއްދަތު ބަޔާންކުރައްވާފައިވަނީ އެ ސޫރަތުގެ 25 ވަނަ އާޔަތުގައެވެ. 9 ވަނަ އާޔަތުގެ ފުރަތަމަ ކަލިމައިން ފެށިގެން، 25 ވަނަ އާޔަތުގައި މުއްދަތު ބަޔާންކުރައްވަން ފެށްޓެވި ކަލިމައާ ހަމައަށް އޮތީ، 309 ކަލިމައެވެ. މިފަދަ އަނެއް މިސާލަކީ، ނޫޙު ސޫރަތުގައިވާ އަކުރުތަކުގެ ޢަދަދެވެ. އެ ސޫރަތުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާންކުރައްވާފައިވަނީ ތިންފަހަރުއެވެ. އޭގައި މެނުވީ، އެކަލޭގެފާނުގެ ނަންފުޅުގައިވާ (ح) އެ ސޫރަތުގައި ނެތެވެ. އެ ސޫރަތުގައިވާ އަކުރުތަކުގެ ޢަދަދުގެ ޖުމުލައިން 3 ކެނޑީމާ ލިބޭ ނަތީޖާއަކީ، 950 އެވެ. އެއީ އެކަލޭގެފާނު ޤައުމުގައި ދީނަށް ގޮވައިލެއްވި މުއްދަތެވެ. މިފަދަ ކިތަންމެ މިސާލެއް ކީރިތި ޤުރުއާނުގައި ވެއެވެ.

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ އިޢުޖާޒު ދެނެގަތުމަށްޓަކައި މޮޅަށް ޢަރަބި ބަސް އެނގޭކަށެއް ނުޖެހެއެވެ. އަދި ސައިންސްގެ މައިދާނުގައި މޮޅު މީހަކަށް ވާކަށެއް ވެސް ނުޖެހެއެވެ. އެއީ ހިސާބުކުރަން ދަންނަ ކޮންމެ މީހަކަށް ދެނެގަނެވިދާނެ އެއްޗެކެވެ. ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް ނުއުފެއްދޭނެކަން އެއިން ވަރަށް ސާފުކޮށް އެނގެއެވެ.

ކީރިތި ޤުރުއާނަކީ، އެ ފޮތް ބާވައިލެއްވި ޒަމާނުގެ މީހުންނަށް އެނގިފައިވާ ފަދައިން ބަހަވީ ގޮތުން ވެސް މުޢުޖިޒާތެކެވެ. އަދި އެ ނޫން މުޢުޖިޒާތްތައް ވެސް އެ ފޮތުގައި ވެއެވެ. އެ ފޮތް ބާވައިލެއްވިއިރު ދުނިޔޭގައިވާ އެއްވެސް ބަޔަކަށް އެނގިފައިނުވާ ސައިންޓިފިކް މަޢުލޫމާތު އެ ފޮތުގައި ވާކަމީ މުޢުޖިޒާތެކެވެ. އެ ފޮތަކީ ތަޙުރީފުކޮށް ބަދަލުނުކުރެވޭނެފަދަ މުޙުކަމު ފޮތެއް ކަމުގައި ލެއްވި ކަމީ ވެސް މުޢުޖިޒާތެކެވެ. މިފަދަ ކަންކަމުން އެނގި ކަށަވަރުވަނީ، އެ ފޮތަކީ ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުފެއްދެވި ފޮތެއް ނޫންކަމެވެ. އެކަމަކު، އެއީ، މޮޅަށް ދެނެވޮޑިގެންވާ ކީރިތިވަންތަ މާތް ﷲ، އިތުރުއެކަލޭގެފާނަށް ބާވައިލެއްވި ފޮތެއް ކަމެވެ.
            ----------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން