ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތާއި ގުޅިގެން "ހަވަރުތިނަދޫން މީހުންބޭލުމުގެ
ތެރެއިން" މި ސިލްސިލާގެ ބައިތައް ގެނެސްދިނުމުގައި އަޅުގަނޑުގެ ބޭނުމަކީ އެ ދުވަހު
ހިނގި ބައެއްކަންކަން ހާމަކޮށް ލިޔެފައިވާ ބައެއް ލިޔުންތަކުގައި ކަންހިނގި ގޮތުގެ
އޮޅުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ އެފަދަ ކަންކަމަށް ބަލައިލައި އެ އޮޅުންތައް
ރަނގަޅުކުރެވޭތޯ ބެލުމެވެ.
ކުރިން ދެންނެވިފަދަ
ބައެއް ލިޔުންތަކުގައި އެ އޮޅުން ހުރުމަށް ދިމާވިކަމަކީ އެ ލިޔުމެއް ލިޔުއްވި ބޭފުޅުންގެ
އުނިކަމެއްނޫނެވެ. އަދި ހަމަ މިހެންމެ އެފަދަ ލިޔުއްވުމަކަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމުގައި
ވެސް އެ ބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނުކުރައްވަނީ ނޫނެވެ. އެ ބޭފުޅުން
މިކަން ކުރެއްވި އެވެ. އަދި އެ ބޭފުޅުންނަކީ ވެސް އެފަދަ ލިޔުއްވުމަކަށް ނުހަނު ގާބިލު
ބޭފުޅުންނެވެ. ނަމަވެސް އެ ލިޔުންތަކުގައި ހުރި ބައެއް ކަންކަމަށް އޮޅުންއެރީ އެ މަޢުލޫމާތެއް
ދެއްވީ ހަވަރުތިނަދޫން މީހުންބޭލި ދުވަހު ހިނގި އެ ކަންކަން ކައިރިން ދެކިވަޑައިގަތް
ބޭފުޅަކަށްވީ ނަމަވެސް އެ ޙާދިސާގެ ފަހުން ގިނަ އަހަރުތަކެއް ވޭތިވުމުން ނޫނީ އެނޫން
ގޮތަކުން ވިޔަސް އެ ކަންކަން އެ ބޭފުޅެއްގެ ހަނދުމަފުޅުން ފަނޑުވެ އޮޅުންއަރާގޮތް
ވުމެވެ.
ދުވަސްވީ ބައެއް
ކަންކަމަކީ ކަމެއް ހިނގާއިރު އެ ކަމެއް ދުށްމީހެއްގެ ހަނދާނުގައި އެ ކަމެއް ރަނގަޅަށް
ހުރުމަށްވުރެ، އެ ކަމަކުން މޮޅެއް، ނުވަތަ ދެރައެއް، ނުވަތަ އެހެން ވެސް ސީދާ
ޙިއްޞާއެއް އޮތް މީހެއްގެ ހަނދާނުގައި އެ ކަމެއް ރަނގަޅަށްހުރުން ގާތް ކަންކަމެވެ.
މިހެންވީމާ، ހަމައެކަނި ކަމެއް ދުށްމީހެއްގެ ހަނދާނުން އެކަމެއް ފަނޑުވެގެން ދިޔުމަކީ
ވެދާނެކަމެކެވެ.
ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ ކަންކަން ކައިރިން ދެކިވަޑައިގަތްކަމަށް ވިޔަސް އެ ކަންކަން ހަނދުމަފުޅުން
ފަނޑުވަމުންދާ ބައެއް ބޭފުޅުންނަކީ ދިވެހިދައުލަތާ މެދު ހުވަދުއަތޮޅުގައި ފުރަތަމަފަހަރަށް
އުފެދުނު ހަމަނުޖެހުމާއި ގުޅިގެން ވެސް އެކަން ޙައްލުކުރި ދަތުރު ދިވެހިސަރުކާރުގެ
އުޅަނދު "މޯލްޑވްސްޓާރ"ގައި ވެސް ހަވަރުތިނަދޫއަށް ވަޑައިގެންނެވި ބޭފުޅުންނެވެ.
މިހެންވުމުން އެ ދެ ދަތުރުގެ ކަންކަން އެއްފަހަރު އަނެއްފަހަރާ ފުށުއަރައި އޮޅޭގޮތްވުމަކީ
ވެދާނެކަމެކެވެ. މިއީ އިންސާނީ ހަނދާނުގެ ނިސްބަތުގައި ބޮޑު ކަމެއްނޫނެވެ. އެހެންނަމަވެސް
ކަމެއް ހިނގިގޮތުގެ ޙަގީގަތާއި ތާރީޚުގެ ނިސްބަތުގައި އެހާ ކުޑަކަމެއް ވެސް ނޫނެވެ.
ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ ބައެއް ވާހަކަތަކަކީ މީގެ ސާޅީހަކަށް އަހަރުކުރިން ފެށިގެން އަޅުގަނޑު
ވެސް ލިޔެފައިވާ ވާހަކަތަކެވެ. "ސިލްވަރކްރެސްޓް"ގެ އެ ޙާދިސާ ހިނގިއިރު
އަޅުގަނޑުގެ ޢުމުރަކީ ބާރަ ވަރަކަށް އަހަރު ނަމަވެސް އެ ޙާދިސާގެ ބައެއް ކަންކަން ހަމަ
އެ ވަގުތު އަޅުގަނޑުގެ ލޮލަށް ފެނިފައި ވެސް ވެ އެވެ.
30 ޖެނުއަރީ
1962މ. އަންގާރަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ހަވަރުތިނަދޫ އަންނާރުމާގެ ޢަބުދުﷲ
ޢަފީފު (މިހާރު ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު)އާއި އަޅުގަނޑާއި ދެ މީހުންތިބީ
ޢަފީފުގެ މަންމަގެ އަންނާރުމާގޭގައި ފޮތަކުން ވާހަކައެއް ކިޔާށެވެ. މިހެންތިއްބައި
ހަވަރުތިނަދޫއާއި ދިމާލަށް ދުންބައްތެއްޔެއް (ލޯންޗެއް) އަންނާތީ "ނާރޭތަކުބީރު"
(ނަޣަރާ ތަކުބީރު) ގޮވާއަޑަށް ހަވަރުތިނަދޫ ފާލަން ސަރަޙައްދަށް އަޅުގަނޑުމެން ދުވެފައިދިޔަ
އިރު، އެ ދުންބައްތެލި (ސިލްވަރކްރެސްޓް) ރަށާއިދިމާލަށް އަންނަނީ އެވެ.
ފާލަން ކައިރިއަށް
އަޅުގަނޑަށް ދެވުނުއިރު ހަވަރުތިނަދޫ ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޙަސަން
ޙިލްމީދީދީ (އޮޅަދީދީގެ ޙަސަންދީދީ) އެ ތާނގައި ހުންނެވި އެވެ. އޭނާއަށް އަޅުގަނޑު
ފެނިވަޑައިގަތުމުން އަވަސް އަވަހަށް ކައިރިއަށް ވަޑައިގެން "ފަރު ކައިރިއަށް އެ
ލޯންޗަށް އާދެވުމާއެކު ލަސްނުކޮށް މިކޮޅަށް ބަޑިޖަހާނެ. ފަސްބާޑީގެ ނިވަލުގައި އަވަހަށް
މިތާނގައި އިށީނދޭ!" ވިދާޅުވެއްޖެ އެވެ.
ކޮންމެއަކަސް އެއީ
ވިދާޅުވުމަކަށް ވިޔަސް ނޫނީ އަމުރަކަށް ވިޔަސް އަޅުގަނޑު އޭނާއަށް ކިޔަމަންވާން ޖެހޭ
2 ޙައިސިއްޔަތެއް އޭނާއަށް ލިބިވަޑައިގެންފައިވެ އެވެ. ފުރަތަމަ ޙައިސިއްޔަތަކީ، އޭނާއަކީ
އަޅުގަނޑުގެ (ބައްޕައާއި ދެބެންގެދެދަރި) ބޭބެއަކަށްވުމެވެ. ދެވަނަ ޙައިސިއްޔަތަކީ، އޭނާއަކީ އެ ދުވަސްވަރު ހުވަދުއަތޮޅުގެ އެންމެއިސް 2 ވެރިންކުރެ
އެއްބޭފުޅަކަށް ވުމެވެ. އަނެއް ވެރިޔާ އެ ދުވަހު ހަވަރުތިނަދޫގައި ނޫޅުއްވަ އެވެ. އެއީ
ހަވަރުތިނަދޫ ތާނގީދޮށުގޭ (މިހާރު ތިނަދޫ ދެލްވައްތަ) އަލްފާޟިލް މުޙައްމަދު ޙަމީދެވެ.
މިއީ ވެސް އަޅުގަނޑުގެ (ބައްޕައާއި ދެބެންގެދެދަރި) ބޭބެއެކެވެ.
މަރުޙޫމް ޙަސަން
ޙިލްމީދީދީގެ އެ ވިދާޅުވުމާ އެއްގޮތަށް އެ ކަންވީ ހަމަ އެހެނެވެ. އެ ދުންބައްތެލި ރަށާއި
ދިމާލަށް އައިސް ރަށުގެފަރާއި އެއްގޮތަށް ދުންބައްތެލި ވެސް ސީދާކޮށްލުމާއެކު ބަޑިޖަހަން
ފެށީ އެވެ. އެ ބަޑީގެ އުންޑަތަކުން ވާރުގޭގެ (އަތޮޅުއޮފީހުގެ) ގޯތިތެރޭ ހުރި ބަނބުކެޔޮ
ގަހުގެ ބައެއް ފަތްތައް ކުދިކުދިވެގެން ބިމަށް ފައިބަމުންދާ ތަން ފެނުނެވެ. އޭރު އަޅުގަނޑު
އިނީ ފަސްބާޑީގެ ނިވަލުގައި (ރަށާއިވީ ފަރާތުގައި) ބިންމަތީގަ އެވެ. އެ ތަނުން ދެން
ގެއަށްދިޔުމުގެ އަމުރުލިބުނީ އެ ދުންބައްތެލި ރަށާއިދުރަށް ދުއްވާލުމުންނެވެ. އޭރު
އަޅުގަނޑު ބަލައި ގެއިން ފޮނުވިމީހަކު ވެސް އައިސް ހުއްޓެވެ.
ޖެހިގެން އައި ރޭ
އެ ދުންބައްތެލި (ސިލްވަރކްރެސްޓް) އޮތީ ހަވަރުތިނަދޫއާއި މާ ދުރުނޫން ހިސާބެއްގައި
އޮންނަ އެންދަމާ ހަލެއްކަމަށްވާ "މާކިރިގައްލާ"ގެ ކައިރީގަ އެވެ.
މި ހިސާބުން މި
ދަންނަވާލަނީ އަޅުގަނޑު ލިޔެފައިވާ "ހަވަރުތިނަދޫން މީހުންބޭލުމުގެ ތެރެއިން"
މި ސިލްސިލާގެ ބައިތަކުގައިވާ މަޢުލޫމާތު އަޅުގަނޑަށްދެއްވި ފަރާތްތަކުގެ ނަންތަކާއި
އެ ފަރާތްތަކާއި އެ ޙާދިސާގެ ތަޖުރިބާއާއި ގުޅުމެއްވާނަމަ ވެސް ނުވާނަމަ ވެސް އެ ކަމެވެ.
މި ނަންތައްވާނީ އަޅުގަނޑު ލިޔެފައިވާ "ހަވަރުތިނަދޫން މީހުންބޭލުމުގެ ތެރެއިން"
މި ސިލްސިލާގެ އެންމެފަހު ބައި (6 ވަނަ ބައި)ގައި އެ މަޢުލޫމާތުތައް އަޅުގަނޑާއި ޙިއްޞާކޮށްދެއްވި
ފަރާތްތަކުގެ ގޮތުގައި ތިރީގައިވާ ގޮތަށް ލިޔެފަ އެވެ.
މަޢުލޫމާތުގެ ޙިއްޞާ:
ޢަލީ ރަޝީދު ޑައިމަންޑްވިލާ/ ތިނަދޫ، އަލްމަރުޙޫމް ޒަކަރިއްޔާ މޫސާ(ބެރުގެ) މަދޮށިމާގެ/
ތިނަދޫ، އަލްމަރުޙޫމް ޢަބުދުލްވައްހާބު (ބާންސަރީގެ) ދޯދިލް/ ތިނަދޫ، މުޙައްމަދު ޙުސައިން
މާބަނޑޭރިގެ/ ތިނަދޫ، އިބްރާހީމް ރާޝިދު މުޖުމަރާގެ/ ތިނަދޫ، ޢަލީ ޙުސައިން ރަންގަލް/
ތިނަދޫ، ފާޠިމަތު ރަޝީދާ ލައިޓްރޯސް/ ތިނަދޫ، އާދަމްތަކުރުފާނު ޓޯކިޔޯވިލާ/ ތިނަދޫ،
އާމިނަތު ފާއިޒާ ހަލަވެލި/ ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ، އިބްރާހީމް
ޝާކިރު ދުންތަރި/ ތިނަދޫ، މުޙައްމަދު ނިޒާރު ލާޓް/ ތިނަދޫ، ޢަބުދުﷲ ކަލޯ ޕާޕަލް/ ތިނަދޫ
ޢަލީ
ރަޝީދު ޑައިމަންޑްވިލާ/ ތިނަދޫ
ޢަލީ ރަޝީދުގެ މަންމައާއި
އަޅުގަނޑުގެ މަންމަގެ ބައްޕައާއި ދެބެންގެދެދަރި އެވެ. އަދި ޢަލީ ރަޝީދުގެ އަންހެނުން
އާމިނަތު ޙަމީދާއި އަޅުގަނޑުގެ ބައްޕައާއި ވެސް ދެބެންގެދެދަރި އެވެ. ދުނިޔެ ދޫކުރެއްވުމާއި
ހަމައަށް ވެސް ޢަލީ ރަޝީދަކީ އަޅުގަނޑާއި ގާތް އަދި ގާތް އަވައްޓެރިއެކެވެ. މަރުޙޫމް
ޢަލީ ރަޝީދަކީ 2 ވަނަފަހަރަށް ހުވަދުއަތޮޅުގައި ދިވެހިދައުލަތާ ދެކޮޅަށް ހަމަނުޖެހުން
އުފެއްދުމަށްފަހު ހަވަރުތިނަދޫގައި ނަގާފައިވާ ސުވައިދީބު ސަރުކާރުގެ ދިދަ (ހަވަރުތިނަދޫން
މީހުންބޭލި ދުވަހު) ތިރިކުރައްވައި ދިވެހިދައުލަތުގެ ދިދަ ނެންގެވި ފަރާތެވެ. އަޅުގަނޑު
ލިޔުނު "ހަވަރުތިނަދޫން މީހުންބޭލުމުގެ ތެރެއިން" މި ސިލްސިލާގެ ބަޔެއްގައި
މިވާހަކަ ލިޔެފައިވާނެ އެވެ. މީގެ އިތުރަށް އަޅުގަނޑު ލިޔެފައިވާ "ބާޣީއެއް، މިނިޓެއްގެތެރޭ
ޣާޒީއަކަށް" މި މަޒުމޫން ލިޔެފައިވާ ތިރީގައިވާ ލިންކުން ވެސް މަރުޙޫމް ޢަލީ ރަޝީދާއި
ބެހޭ މަޢުލޫމާތުކޮޅެއް ލިބިވަޑައިގެންފާނެ އެވެ.
އަލްމަރުޙޫމް
ޒަކަރިއްޔާ މޫސާ (ބެރުގެ) މަދޮށިމާގެ/ ތިނަދޫ
އިބްރާހީމް
ރާޝިދު މުޖުމަރާގެ/ ތިނަދޫ
ޒަކަރިއްޔާ މޫސާ
(ބެރުގެ) މަދޮށިމާގެ/ ތިނަދޫ އަކީ، އަޅުގަނޑުގެ މަންމައާއި ދެބެންގެދެދަރި އަދި މަންމަގެ
ޝަރުޢީ ވަލީވެރިޔާ އެވެ. އޭގެއިތުރަށް މަންމަގެ ބެލުމުގެދަށުން އަޅުގަނޑު ކުޑައިރު
ގެންގުޅުނު ދީއަންމަ (މަރިޔަމް ޒަކަރިއްޔާ)ގެ ބައްޕައެވެ.
އިބްރާހީމް ރާޝިދު
މުޖުމަރާގެ/ ތިނަދޫ އަކީ، އަޅުގަނޑު ކުޑައިރު ގެންގުޅުނު ދީއަންމަ (ޒަކަރިއްޔާ މޫސާގެ
މަރިޔަމް ޒަކަރިއްޔާ)ގެ ދަރިއެކެވެ. ކިރުގެގޮތުން އަޅުގަނޑުގެ އަޚެކެވެ.
"ސިލްވަރކްރެސްޓް"
ހަވަރުތިނަދޫއަށް ދިޔަ ދުވަހު ކާޑެއްދޫ އުތުރުކޮޅާ ދިމާލުން ކޮޑަކިރިގައްލާގެ އިރަށް ހޭރިޔާކުރަމުން ދިޔަ ހަވަރުތިނަދޫ އަލްފާޟިލް އަލްމަރުޙޫމް
ޢަލީ ހުސައިން (ދޮންކަޅާބޭގެ ޢަލީ)ގެ ރިޔާނެގި ދޯންޏަކާ ދިމާލަކަށް "ސިލްވަރކްރެސްޓް"
ގޮސް މިދޯންޏާއި ކައިރިކޮށް "ސިލްވަރކްރެސްޓް"ގެ ބާރުގެދަށަށް އެ ދޯނި ގެނަ
އެވެ. މިދޯނީގެވެރި ޢަލީ ހުސައިން އަކީ ވެސް އަޅުގަނޑުގެ މަންމައާއި ދެބެންގެދެދަރި
ބޭކަލެކެވެ. ދޯނި އަތުލައިގަތްއިރު ދޯނީގައި ތިބި މީހުންގެތެރޭ ޒަކަރިއްޔާ މޫސާއާއި
އޭނާގެ މާފަދަރިފުޅު އިބްރާހީމް ރާޝިދު ވެސް ވެ އެވެ.
"ސިލްވަރކްރެސްޓް"ގެ ކަފުގައި ދޯނި ބާއްވައިގެން
ހަވަރުތިނަދޫ ފަރުކައިރިއަށް "ސިލްވަރކްރެސްޓް" އައުމަށްފަހު އިރުކޮޅަކުން
ދޯނީގައި ހުރި ޒަކަރިއްޔާ މޫސާ ހަވަރުތިނަދޫއަށް ފޮނުއްވި އެވެ. އޭރު އިބްރާހީމް ރާޝިދު
އެ ދޯނީގައި ހުއްޓެވެ. ޒަކަރިއްޔާ މޫސާ ފޮނުއްވީ ހަވަރުތިނަދޫގެ ވެރިންނާއި ރައްޔިތުންނަށް
އިއްވައިދިނުމަށް ދިވެހިދައުލަތުން ބޭނުންފުޅުވާއެއްޗެއް އޭނާއަށް އެންގެވުމަށްފަހު،
ދޯނީގެ މަޅުގަނޑެއް "ސިލްވަރކްރެސްޓް" ކައިރީ ކަނޑުތެރޭ ބާއްވައިގެން އެއަށް
ބަޑިޖަހައި ގިނަ ލޯވަޅުތަކެއް އެޅުމުން އެ މަޅުގަނޑާ އެކީ އެވެ. އަދި ޒަކަރިއްޔާ މޫސާ
ފޮނުއްވުމަށްފަހު ކަންކަން ހިނގަމުންދަނީ ކިނެއްތޯ ދުރުމީގެ ޛަރީޢާއިން ބޮޑުވަޒީރު
އިބްރާހީމް ނާޞިރު ބައްލަވަމުން ގެންދެވި އެވެ.
ޒަކަރިއްޔާ މޫސާ
ހަވަރުތިނަދޫ ފާލަން ސަރަޙައްދުން ރަށަށްއަރައި ދެން ހިނގިކަމެއް ހިނގީ ވެސް ސީދާ އަޅުގަނޑުގެ
ކުރިމަތީގަ އެވެ. ހަޔެއްކަފޫޓުހާ ކައިރީގަ އެވެ. އޭނާގެ ކަންކަން ހިނގައިދިޔަ ގޮތް
ތިރީގައިވާ ލިންކުން ވެސް އެނގިވަޑައިގެންފާނެ އެވެ.
އަލްމަރުޙޫމް
ޢަބުދުލްވައްހާބު (ބާންސަރީގެ) ދޯދިލް/ ތިނަދޫ
މުޙައްމަދު
ޙުސައިން މާބަނޑޭރިގެ/ ތިނަދޫ
އަލްފާޟިލް އަލްމަރުޙޫމް
ޢަބުދުލްވައްހާބަކީ ހަވަރުތިނަދޫން މީހުންބޭލި ދަތުރު "ސިލްވަރކްރެސްޓް"
ހަވަރުތިނަދޫއަށް ދިޔައިރު އަޅުގަނޑުގެ މަންމަގެ ފިރިމީހާގެ އިތުރަށް އޭނާގެ މަންމައާއި
އަޅުގަނޑުގެ މަންމަގެ މާމައާއި ދެބެންގެ ދެދަރި އެވެ. އަދި އޭނާގެ ބައްޕައާއި އަޅުގަނޑުގެ
މަންމަގެ މާފައާއި ވެސް ދެބެންގެ ދެދަރި އެވެ.
މުޙައްމަދު ޙުސައިނަކީ
އަޅުގަނޑުގެ މަންމަގެ ބައްޕައާއި ދެބެންގެދެދަރި އަންހެން ކަނބަލެއްގެ ބޭކަލެކެވެ.
އަދި މުޙައްމަދު ޙުސައިނަކީ އޭނާ ކުޑައިރުއްސުރެ އަޅުގަނޑުމެންނާއި ވަރަށްގާތްކޮށް
އުޅުއްވާ ބޭކަލެކެވެ.
ޢަބްދުލްވައްހާބާއި،
މުޙައްމަދު ޙުސައިނާއި ދެ ކަލުންނަކީ ހަވަރުތިނަދޫން މީހުންބޭލި ދަތުރު ދިވެހިދައުލަތުގެ
މާފު ހޯއްދެވުމަށް "ސިލްވަރކްރެސްޓް" ހަވަރުތިނަދޫއަށް ދިޔަ ދުވަހުގެ ރޭ
ހަވަރުތިނަދޫގެ ރައްޔިތުންނަށް ސިއްރުން ހަވަރުތިނަދޫ "ފަތުޙުލް މުބާރިކް"
އޮޑީގެ ބޮއްކުރާ ބާލައިގެން "ސިލްވަރކްރެސްޓް" ދޮށަށް ދުރުވި ދެ ބޭކަލުންނެވެ.
ބޮއްކުރާ އެއާއި ކައިރި ކުރުމާއެކު ކުއްލިއަކަށް މުޅި ބޯޓް ދިއްލިގެންދިޔަ އިރު ތައްޔާރީ
ޙާލަތުގައި ތިބި ސިފައިންވެސް ފެނިގެން ދިޔަ އެވެ. އަދި މި ދެ ކަލުން "ސިލްވަރކްރެސްޓަ"ށް
ނެގުމަށްފަހު އިރުކޮޅެއްގެތެރޭ ސީދާ ބޮޑުވަޒީރު އިބްރާހިމް ނާޞިރު އެ ދެކަލުންނާއި
ސުވާލުކުރެއްވި އެވެ. "ކޮން ބައެއްތޯއާއި، ބޭނުމަކީ ކޮބައިތޯ އެވެ. މިހާތަނަށް
ރަށުގައި ހިނގަމުންދިޔަ ދެކޮޅުވެރި ޙަރަކާތުގައި ބައިވެރިވެ އުޅުނީ ކޮންކަމެއްގައި
ކިހާ ވަރަކަށްތޯ އާއި ރަށުތެރޭގެ ކަންތައް މިވަގުތު ހުރީ ކޮން ގޮތަކަށްތޯ އެވެ."
އޭރު "ސިލްވަރކްރެސްޓް"ގެ
ކަފުގައި ހަވަރުތިނަދޫ ޢަލީ ހުސައިން (ދޮންކަޅާބޭގެ ޢަލީ)ގެ ރިޔާނެގި ދޯނި އޮތެވެ.
ނަމަވެސް އަނެއްދުވަހު އެ ދޯނީގެމީހުން ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި
ދެކަލުން ދަތުރުކުރެއްވި "ފަތުޙުލްމުބާރިކް" އޮޑީގެ ބޮއްކުރާގައި ހަވަރުތިނަދޫއަށް
ފޮނުވުމަށްފަހު، ބޮޑުވަޒީރުގެ އެންގެވުމަށް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެ ކަލުން
އިސްކޮށް ތިއްބަވައިގެން "ސިލްވަރކްރެސްޓް" ކައިރީއޮތް ހަވަރުތިނަދޫ ޢަލީ
ޙުސައިންގެ ދޯނީގެ ތަކެތީގެތެރެއިން 4 ފައްޔާއި ރިތާއި ނޫން އެހެން ހުރިހާއެއްޗެތި
ކަނޑަށްއުކައިލައި ހަވަރުތިނަދޫއަށް ދިޔުމަށް ތައްޔާރުކުރުމުން ބޮޑުވަޒީރާއި، އަޙުމަދު
ޒަކީއާއި، އަޙުމަދު ޙިލްމީއާއި، މުޙައްމަދު ޢިމާދުއްދީނާއި، މައިޒާން އިބްރާހީމް މަނިކާއި
ދޯންޏަށް އެރުއްވިއެވެ. މިބޭފުޅުންގެ އިތުރަށް މިދޯނީގައި ތިބީ ސިފައިންނާއި ޢަބްދުލްވައްހާބާއި،
މުޙައްމަދު ޙުސައިނެވެ. މި ދެ ބޭކަލުން ގެންދެވީ ކުރިންދެންނެވި ބޭފުޅުންގެ މަސައްކަތްޕުޅަށް
އެހީތެރިވެ ދިނުމަށެވެ.
ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ އިރުއޮއްސުމާ ހަމައަށް ވެސް ބޮޑުވަޒީރު ހުންނެވި ތަނެއްގައި ހިނގި
ހުރިހާކަމެއް ހިނގިއިރު ވެސް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ވެސް ބޮޑުވަޒީރުގެ
އަރިހުގައި ތިއްބެވުމުން އެ ދުވަހުގެ މަޢުލޫމާތު އެންމެ މުއްސަނދި ފަރާތްތަކުގެތެރޭ
އެ ދެ ބޭކަލުން ހިމެނޭކަމަށް ގަބޫލުކުރަންޖެހެ އެވެ.
މިކަން މިގޮތަށް
އޮތުމާއެކު އޭގެތެރެއަށް ހަވަރުތިނަދޫ ބެރުގޭ މަރުޙޫމް ޒަކަރިއްޔާ މޫސާ (ތިނަދޫ މަދޮށިމާގެ)އާއި
ތިނަދޫ މުޖުމަރާގޭ މަރުޙޫމް އިބްރާހީމް ރާޝިދާއި ތިނަދޫ ޑައިމަންޑްވިލާ މަރުޙޫމް ޢަލީ
ރަޝީދުގެ މަޢުލޫމާތު އެއްކޮށްލުމުން ހަވަރުތިނަދޫން މީހުންބޭލި ދުވަހުގެ އެންމެ މުހިއްމުބައި
ހޯދައި އޭގެ ތެދުދޮގު ދެނެގަތުމުގެ ދައްޗެއް ނޯންނާނެކަމަށް ގަބޫލުކުރެވެ އެވެ.
ޢަލީ
ޙުސައިން ރަންގަލް/ ތިނަދޫ، ފާޠިމަތު ރަޝީދާ ލައިޓްރޯސް/ ތިނަދޫ، އާދަމް ތަކުރުފާނު
ޓޯކިޔޯވިލާ/ ތިނަދޫ، އާމިނަތު ފާއިޒާ ހަލަވެލި/ ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/
ތިނަދޫ، އިބްރާހީމް ޝާކިރު ދުންތަރި/ ތިނަދޫ، މުޙައްމަދު ނިޒާރު ލާޓް/ ތިނަދޫ، ޢަބުދުﷲ ކަލޯ ޕާޕަލް/ ތިނަދޫ
އަލްފާޟިލް ޢަލީ
ޙުސައިން ރަންގަލް/ ތިނަދޫ ފިޔަވައި މަތީގައިވާ ބޭކަލުންނާއި ކަނބަލުންނަކީ ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ މަދުނޫން ކަންކަމެއް ކައިރިން ތަޖުރިބާކުރެއްވި ފަރާތްތަކެވެ.
އެ ފަރާތްތަކުގެ ބައެއް ތަޖުރިބާވަނީ އަޅުގަނޑު ލިޔުނު "ހަވަރުތިނަދޫން މީހުންބޭލުމުގެ
ތެރެއިން" މި ސިލްސިލާގެ ބައިތަކުގައި ލިޔެފަ އެވެ. އަލްއަޚު ޢަލީ ޙުސައިނަކީ
ވަރަށް ހަރުދަނާ އަދި އިތުބާރުކުރެވޭ މަޢުލޫމާތު މުއްސަނދި ފަރާތަކަށްވީމާ ހަވަރުތިނަދޫން
މީހުންބޭލި ދުވަހުގެ ބައެއް ކަންކަމާއި އަދި އެކަމާގުޅިގެން ހިނގި ގިނަ ކަންކަމެއްގެ
މަޢުލޫމާތު ވެސް އޭނާ ހޯއްދަވާފައިވާތީ އެ މަޢުލޫމާތު އޭނާ އަޅުގަނޑާ ވެސް ޙިއްޞާކުރެއްވި
އެވެ.
ހަވަރުތިނަދޫން މީހުންބޭލި ދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތާއި ގުޅިގެން "ހަވަރުތިނަދޫން މީހުންބޭލުމުގެ ތެރެއިން" މި ސިލްސިލާގެ ބައިތައް ގެނެސްދިނުމުގައި އަޅުގަނޑުގެ ބޭނުމަކީ އެ ދުވަހު ހިނގި ބައެއްކަންކަން ހާމަކޮށް ލިޔެފައިވާ ބައެއް ލިޔުންތަކުގައި ކަންހިނގި ގޮތުގެ އޮޅުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ އެފަދަ ކަންކަމަށް ބަލައިލައި އެ އޮޅުންތައް ރަނގަޅުކުރެވޭތޯ ބެލުމެވެ. ކަމެއް ހިނގިގޮތުގެ ޙަގީގަތާއި ތާރީޚަށްޓަކަ އެވެ.
------------------
ޢަބުދުﷲ ޙިލްމީ
1 ސެޕްޓެމްބަރ 2016މ.