ހަވަރުތިނަދޫން މީހުންބޭލުމުގެތެރެއިން - 1














ދިވެހިދައުލަތާ މެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއި ގުޅިގެން އެކަން ޙައްލުކުރުމުގެ ދަތުރުގައި ދިވެހިސަރުކާރުގެ އުޅަނދު "ސިލްވަރކްރެސްޓް" ހަވަރުތިނަދޫއަށް ދިޔުމާއި އޭގެފަހުން ހިނގިކަމެއް ހިނގައި ނުހިނގިކަމެއް ނުހިނގުމަށްފަހު އެރަށުން މީހުންބޭލުމާއި މިދެމެދުގެ ކަންކަން ހިނގައިދިޔަގޮތް ބަޔަކު ލިޔުނުނަމަ، ލިޔެފައިވީ ނަމަވެސް އެލިޔުންތައް ޢާއްމުކޮށް ގިނަބަޔަކަށް ނުފެނި މިހާރު ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަނީއެވެ. މިކަމާއެކުމެ، އެފަހަރު ހިނގި ބައެއް ކަންކަން ކައިރިން ދެކިވަޑައިގަތް ބައެއް ބޭފުޅުންގެ ހަނދުމަފުޅުންވެސް އެކަންކަން ފަނޑުވަމުންދަނީއެވެ. މީގެތެރެއިން ބައެއްބޭފުޅުންނަކީ ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ފުރަތަމަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ޙައްލުކުރުމުގެ ދަތުރުގައި ދިވެހިސަރުކާރުގެ އުޅަނދު "މޯލްޑވްސްޓާރ"ގައި ވެސް ހަވަރުތިނަދޫއަށް ވަޑައިގެންނެވި ބޭފުޅުންނެވެ.

ދުވަސްވީ ބައެއް ކަންކަމަކީ އެކަމެއް ހިނގާއިރު އެކަމެއް ދުށްމީހެއްގެ ހަނދާނުގައި އެކަމެއް ރަނގަޅަށް ހުރުމަށްވުރެ، އެކަމަކުން މޮޅެއް، ނުވަތަ ދެރައެއް، ނުވަތަ އެހެންވެސް ސީދާ ޙިއްޞާއެއް އޮތް މީހެއްގެ ހަނދާނުގައި އެކަމެއް ރަނގަޅަށްހުރުން ގާތް ކަންކަމެވެ. މިހެންވީމާ، ހަމައެކަނި ކަމެއް ދުށްމީހެއްގެ ހަނދާނުން އެކަމެއް ފަނޑުވެގެން ދިޔުމަކީ ވެދާނެކަމެކެވެ. އަދި ޚާއްޞަކޮށް ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެ ފަހަރަކަށް ހަމަނުޖެހުން އުފެދި ކަންތައްތަކެއް ހިނގައިފައިވާތީ އެ ދެ ފަހަރުގެ ބައެއް ކަންކަން ހަމައެކަނި ދުށްމީހެއްގެ ހަނދާނުން އެ ދެ ފަހަރުގެ ކަންކަން އެއްފަހަރު އަނެއްފަހަރާ ފުށުއަރައި އޮޅޭގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަނދާނުގެ ނިސްބަތުގައި މާބޮޑު ކަމެއްނޫނެވެ. އެހެންނަމަވެސް ޙަޤީޤަތާއި ތާރީޚުގެ ނިސްބަތުގައި އެހާ ކުޑަކަމެއްވެސް ނޫނެވެ.

ހަވަރުތިނަދޫއަށް "ސިލްވަރކްރެސްޓް" ދިޔުމާއި އެރަށުން މީހުންބޭލުމާއި މިދެމެދު ހިނގި ބައެއް ކަންކަމުގެ ވާހަކަ ބައެއް ލިޔުންތަކުން ފެންނަނީ އެކަންކަން ހިނގިގޮތުގެ ޙަޤީޤަތާއި މުޅިން އެއްގޮތަކަށްނޫނެވެ. ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ކަމެއް ހިނގިގޮތަކަށް އެކަމެއް ހާމަކޮށްގެންނޫނީ ކަން ހިނގިގޮތުގެ ޙަޤީޤަތާއި އެއްގޮތަށް އެކަމެއް ނޭނގޭނެއެވެ.


ހަވަރުތިނަދޫއަށް "ސިލްވަރކްރެސްޓް" ދިޔުމާއި އޭގެފަހުން ހިނގިކަމެއް ހިނގައި ނުހިނގިކަމެއް ނުހިނގުމަށްފަހު އެރަށުން މީހުންބޭލުމާއި މިދެމެދުގައި ހިނގި ގިނަ ކަންކަމެއް ހިނގައިފައިވަނީ އެރަށުން ބޭލި އެރަށުގެ ކޮންމެވެސް އެއް ބަޔެއްގެ ޙާޟިރުގައެވެ. ނުވަތަ ފެންނަ ފަށުގައެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބި ބަޔަކު އެވާހަކަތައް ކިޔައިދެމުންދަނީ ވެސް އޭރެކޭ މިހާރެކޭ މާބޮޑު ތަފާތެއްނެތި ކަން ހިނގިގޮތާއި އެއްގޮތަށެވެ. މިވާހަކަތަކުގެ ވަރަށްބޮޑު ބަޔަކީ މީގެ ސާޅީހަކަށް އަހަރުކުރިން ފެށިގެން އަޅުގަނޑުވެސް ލިޔެފައިވާ ވާހަކަތަކެވެ. "ސިލްވަރކްރެސްޓް"ގެ އެ ޙާދިސާ ހިނގިއިރު އަޅުގަނޑުގެ ޢުމުރަކީ ބާރަ ވަރަކަށް އަހަރުވީ ނަމަވެސް އެ ޙާދިސާގެ ބައެއް ކަންކަމަކީ އަޅުގަނޑުގެ އަމިއްލަ ލޮލަށްފެނި ކަންފަތަށް އަޑުތަކެއްވެސް އިވިފައިވާ ކަންކަމެވެ.

1950މ. ގެ އަހަރުތަކުގެތެރޭ ދެކުނުގެ ތިން އަތޮޅުގައި ދިވެހިދައުލަތާ މެދު އުފެދުނު ހަމަނުޖެހުމާއި ގުޅިގެން އެކަން ހަމަޖެއްސެވުމުގެ އިސް ބޭފުޅަކަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަމަޖެހިގެން ދިޔައީ ދެކުނުގެ 3 އަތޮޅުފިޔަވައި އެހެން އަތޮޅުތަކުގެ ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހާއި، އޭރުގެ ރަދުން އެގޮތަށް ނިންމެވުމުން ކަމަށް ލިޔުންތަކުން އެނގެއެވެ. މިގޮތުން 16 ފެބްރުއަރީ 1959މ. ގައި ހުވަދުއަތޮޅުގައި ފެށުނު ހަމަނުޖެހުން ޙައްލުކުރެއްވުމަށް ބޮޑުވަޒީރު އިބްރާހިމް ނާޞިރު "މޯލްޑިވްސްޓާރ"ގައި ހުވަދުއަތޮޅު ގައްދޫއަށް ވަޑައިގަތުމަށްފަހު، ހަވަރުތިނަދޫއަށް ވަޑައިގަތީ 17 ޖުލައި 1959މ. ގަ އެވެ. އެދުވަހު އެކަން ހަމަޖައްސަވައި ދިވެހިދައުލަތުގެ ބާރުގެދަށުގައި ހުވަދުއަތޮޅު ވަނިކޮށް، 2ވަނަ ފަހަރަށް 15 ޖޫން 1961މ. ގައި އެއަތޮޅުގައި ދިވެހިދައުލަތާއި މެދު ހަމަނުޖެހުން އުފެއްދިއެވެ. މިހެންވުމުން މިކަން ހަމަޖެއްސެވުމަށްޓަކައި ބޮޑުވަޒީރު އިބްރާހިމް ނާޞިރު "ސިލްވަރކްރެސްޓް"ގައި ހަވަރުތިނަދޫއަށް ވަޑައިގަތީ 30 ޖެނުއަރީ 1962މ. އަންގާރަ ދުވަހުއެވެ.

ދިވެހިދައުލަތާ މެދު ހުވަދުއަތޮޅުގައި 2ވަނަ ފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ހަމަޖެއްސެވުމަށްޓަކައި ބޮޑުވަޒީރު އިބްރާހިމް ނާޞިރު "ސިލްވަރކްރެސްޓް"ގައި ހަވަރުތިނަދޫއަށް ވަޑައިގަތުމުގެކުރިން 20 ސެޕްޓެމްބަރ 1959މ. އާދީއްތަ ދުވަހުވެސް އެމަނިކުފާނު "ސިލްވަރކްރެސްޓް"ގައި ހަވަރުތިނަދޫއަށް ވަޑައިގެންފައިވެއެވެ. ހަވަރުތިނަދޫގައި ފުރަތަމަ ބައިސްކޯފް ފިލްމެއްދެއްކީ އެ ދަތުރުގައެވެ. 1951މ. ގައި ރިލީޒްކުރި ބަގްވާންއާއި ގީތާބާލީ ލީޑްރޯލްކުޅެފައިވާ "އަލްބޭލާ" އެވެ. އޭރު ދިވެހިސަރުކާރުގެ ޖަނަރޭޓަރަކުން ހަވަރުތިނަދޫގެ ބައެއް ޢިމާރާތްތަކަށާއި އިޖްތިމާޢީ ބައެއް ސަރަޙައްދުތަކަށް ކަރަންޓްގެ އަލިކަން ލިބެއެވެ.


                 "ސިލްވަރކްރެސްޓް"

ދިވެހިދައުލަތާ މެދު ހުވަދުއަތޮޅުގައި 2ވަނަ ފަހަރަށް އުފެދުނު ހަމަނުޖެހުމާއި ގުޅިގެން އެކަން ހަމަޖެއްސުމަށް ކުރި ދަތުރުގައި ހަވަރުތިނަދޫއަށް "ސިލްވަރކްރެސްޓް" ދިޔައީ 30 ޖެނުއަރީ 1962މ. އަންގާރަދުވަހު މެންދުރު 2ގަޑިބައި- 3 ޖަހާކަންހާ އިރުއެވެ. މިދަތުރުގައި ހިމެނިވަޑައިގަންނަވަނީ ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި، މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިޔާ އަޙުމަދު ޒަކީ އާއި، ވަޒީރުއްޞިއްޙާ އަޙުމަދު ޙިލްމީ އާއި، އަންނަބީލް މުޙައްމަދު ޢިމާދުއްދީނާއި، ބޮޑުވަޒީރުގެ ރަސްމީގެ މުލީއާގޭ ސެކްރެޓެރީ މައިޒާން އިބްރާހީމްމަނިކާއި، ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅުތަކުގެ މާލިމީ މ.ހުދުޢަޞުރުމާގޭ މުޙައްމަދު ޙަސަންމަނިކާއި، ވަޔަރލެސް އޮޕަރޭޓަރ މައިޒާން ޢުމަރުމަނިކާއި،  ސިފައިންގެ ބޭކަލުންކަމަށްވާ އައިނެއްލަ އަޙުމަދު ނަސީމާއި، ހުޅުލޭ މޫސައާއި، ކުޑައާމިނަ މުޙައްމަދުފުޅާއި، ކުޑަފާތުމަ ކަޅުތުއްތު އާއި، ވަކައޮޅި އިބްރާހީމްފުޅާއި، ތިމަރަފުށީ ޢުމަރުމަނިކާއި، ޖާދޫ އަޙުމަދުމަނިކާއި، ނޮޅިވަރަންފަރު ދޮން ޙުސައިންފުޅާއި، ކުޅުދުއްފުށީ ބޮޑު ޙަސަންފުޅާއި މިބޭފުޅުންގެ އިތުރަށް "ސިލްވަރކްރެސްޓް"ގެ ފަޅުވެރިން ކަމަށާއި، އަދި ހަތިޔާރުގެގޮތުގައި އެދަތުރުގައި 10 ސަބްމެޝިންގަނާއި، 5 ރައިފަލް ގެންދިޔަކަމަށްވެސް ލިޔުންތަކުން އެނގެއެވެ. (ނުނިމޭ)
            -------------------- 
ޢަބުދު ޙިލްމީ