ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުންގެ ދަރިކޮޅުން - 1










މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ

ދިޔަމިނގިލީ ދަރިކޮޅު ފެށިގެން އައީ މީލާދީ ސަނަތުން 1704 ވަނަ އަހަރުގެ ޑިސެމްބަރ 20 ވަނަ ދުވަހުއެވެ. މި ދަރިކޮޅުގެ ކުރީން ރަސްކަން ކުރެއްވި ދަރިކޮޅުގެ މަހާރަދުން ޙައްޖަށް ވަޑައިގެންނެވުމަށްފަހު އަނބުރާ މާލެ ވަޑައިގެންނެވި މަގުމަތީ ވަރަށް ގަދަ ވިއްސާރަ ޖެހި ނައުކޮޅާއި އެކު ދަތުރު ކުރަމުން އައި ގިނަ ފުރެއްދެ އޮޑިތައް ހަލާކުވީއެވެ. ސަލާމަތްވީ އަލްޤާޟީ ޙަސަން ތާޖުއްދީން އިންނެވި އޮޑިކޮޅެވެ. މި އޮޑިކޮޅު މާލެއާއި ހަމަޔަށް ފޯރުމުން ނައުކޮޅު ޣަރަގުވެގެން ދިޔަ ވާހަކަ މާލެއަށް ޚަބަރު ކޮށް ރަދުން ގެއްލިއްޖެކަމަށް ޚަބަރު ކުރުމުން މާލޭގެ ތެރޭގައި ފިތުނަ ބޮޑުވެގެން ދިޔައެވެ. އެކިއެކި ބޭބޭފުޅުން ރަސްކަމުގެ ތަޚުތަށް ދަޢުވާ ކުރައްވަން ފެއްޓެވިއެވެ. ޙައްޖަށް ވަޑައިގެންނެވި އިސްދޫ ދަރިކޮޅުގެ ރަދުން އައްސުލްޠާން އިބްރާހިމް މުޒްހިރުއްދީންގެ ބޮޑު ވަޒީރަކަށް ހުންނެވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނު އިބްރާހިމް މުޒްހިރުއްދީން ރަދުންގެ އަނބި ކަމަނާ ރަސްކަމުގެ ކޮއިލުން ނެރުއްވާ ރަސްކަން ހިއްޕެވިއެވެ.

އާދެ! ތާރީޚުގެ އާ ބާބެއް ފެށުނީއެވެ. އިސްދޫ ދަރިކޮޅުގެ ރސްކަން ނިމި ދިޔަމިނގިލީ ދަރިކޮޅުގެ ރަސްކަމެއް ފެށުނީއެވެ. ( މަޢުލޫމާތު: މޯލްޑިވްސް ރޯޔަލް ފެމެލީ އޮފިޝަލް ވެބްސައިޓް، ހައުސް އޮފް ދިޔަމިނގިލީ) ( ރަހުންނާއި ރަނިން/ ނަސީމާ މުޙައްމަދު ކަލޭގެފާނު/ ސަފްޙާ 184)

އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން (ދެވަނަ) ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތް ފަހުން އިސްދޫ ދަރިކޮޅުގެ މުޒްހިރުއްދީން ރަދުންނާއި އެ ރަދުންނާއި އެކު ޙައްޖަށް ވަޑައިގެންނެވި އޭގެ ކުރީގެ ރަދުން އައްސުލްޠާން ޙަސަން (ދިހަވަނަ) ދަތުރުފުޅުތެރޭ ދަތި ޙާލުކޮޅެއްގައި އުޅުއްވުމަށްފަހު ރާއްޖެއަށް ވަޑައިގެންނެވުނެވެ. ރާއްޖެ ވަޑައިގެން މަނަދޫއަށް ވަޑައިގެންނެވުމުން މާލޭގެ ވެރިކަން ބަދަލުވި ވާހަކަ އައްސަވާ ސިއްރުން މާލެއަށް އެރުއްވުމަށް ވިސްނާ ވަޑައިގަންނަވާ މާލެ ވަޑައިގަންނަވަނިކޮށް ދިޔަމިނގިލީ ބަންޑާރައިންގެ ލަޝްކަރު އެމަނިކުފާނުން އަތުލައްވާ ފުވައްމުލަކަށް ފޮނުވާލެއްވިއެވެ. އާދެ ހިލިހިލާ އަޅުއްވާފައެވެ. އެހެންނަމަވެސް އެތަނުން ފިއްލަވާގެން ސިލޯނުގެ ގޯލަށް މުޒްހިރުއްދީން ވަޑައިގެންނެވިއެވެ. އަދި ގޯލުން އިންޑިޔާއަށް ވަޑައިގެންނެވިއެވެ. މުޒްހިރުއްދީން ރަދުން އިންޑިޔާއަށްގައި ހުންނަވަނިކޮށް އެ ރަދުން ދިވެހި ސަރުކާރުގެ ދަށަށް ގެންނެވުމަށް ދިޔަމިނގިލީ ބޮޑު ބަންޑާރައިން ކުރެއްވި މަސައްކަތްޕުޅު ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ. ކުރީގެ ރަދުން ޙަސަން (ދިހަވަނަ) ފޮނުވާލެއްވީ އައްޑުއަތޮޅަށެވެ. އެ އަތޮޅުގައި މި ރަދުން އަވަހާރަވެ ފަސްދާނުވެޑުވިފައި ވެއެވެ. އަދި މި ރަދުންގެ ފަރާތްޕުޅުން އުފެދިފައިވާ ދަރިކޮޅު އައްޑުއަތޮޅާއި ފުވައްމުލަކާއި ހުވަދުއަތޮޅާއި އަދި މާލޭގައިވެސް ވެއެވެ.

އިންޑިޔާގެ ރަސްކަލެއް ކަމުގައިވާ ފަޚްރުއްޝިޔާރުގެ އެހީފުޅާއި އެކު މުޒްހިރުއްދީން ރަދުން ރާއްޖެ ހިއްޕަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އެތައް ފަހަރެއްގެ މަތިން ރާއްޖެ ހިއްޕަވަން މަސައްކަތް ކުރައްވާވެސް އެކަމެއް އެ މަނިއްޕުޅަކަށް ކާމިޔާބުވެވަޑައިއެއް ނުގެންނެވިއެވެ. އައްސުލްޠާން އިބްރާހިމް މުޒްހިރުއްދީނުލް އިސްދުވީ އަވަހާރަވީ އިންޑިޔާގެ ފަޚްރުއްޝިޔާރުގެ ގަނޑުވަރެއްގައި ހުންނަވާ އިންޑިޔާގައެވެ. އެ ރަދުން އިންޑިޔާއިން ކައިވެނިފުޅެއް ކުރެއްވިކަމެއް ނުވަތަ ކުރައްވާ ބޭފުޅުން ލިބިވަޑައިގެންނެވި ކަމެއްވެސް އެނގިފައި ނެތެވެ. އެހެންނަމަވެސް ރާއްޖޭގައި ހުންނެވި މި ރަދުންގެ ދެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ދަރިކޮޅު އުފެދިފައި އެބައޮތެވެ. މި ދަރިކޮޅުގެވެސް ބޮޑުބައި ވަނީ މާލޭގަޔާއި ހުވަދު އަތޮޅާއި އައްޑު އަތޮޅާއި އަދި ފުވައްމުލަކުގައެވެ. (މަޢުލޫމާތު: މޯލްޑިވްސް ރޯޔަލް ފެމެލީ އޮފިޝަލް ވެބްސައިޓް، ދިޔަމިނގިލި ޑައިނަސްޓީ/ ރަހުންނާއި ރަނީން ސަފްޙާ 186)

ނޯޓް: އަޅުނގަޑު މި ދެންނެވި ފަޚްރުއްޝިޔާރުގެ މަޢުލޫމާތު ހޯދާ ބެލި ބެލުމުން އެނގިގެން ދަނީ މި ރަސްގެފާނަކީ އިންޑިޔާގެ މަޝްހޫރު މޫޣާލް ދަރިކޮޅުގެ ރަސްކަލެއް ކަމެވެ. މި ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ މީލާދުން 1713 ވަނަ އަހަރުގައެވެ. ރަސްކަމުން ޢަޒުލު ކުރެވުނީ މީލާދުން 1719 ވަނަ އަހަރުގައެވެ. އެހެންކަމަށް ވާނަމަ މުޒްހިރުއްދީން ރަދުންނަށް ރާއްޖެ ހިފުމަށް އެހީވެވަޑައިގެންނެވި އިރަކު މި ފަޚްރުއްޝިޔާރު އަދި އިންޑިޔާގެ ރަސްކަމަށް އިސްވެވަޑައެއް ނުގަންނަވާނެއެވެ. އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭގެފާނު ލިޔުއްވާފައިވާ ރަހުންނާއި ރަނީންގެ ފޮތުގެ 186 ވަނަ ޞަފްޙާގައި ވަނީ މި ރަދުން ރާއްޖެ ހިއްޕެވުމަށް އުޅުއްވީ މީލާދުން 1712 ވަނަ އަހަރުގައި ކަމެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ފަޚްރުއްޝިޔާރު ރަސްކަމަށް އިސްކުރީ "ސައްޔިދު ދެބޭންނެވެ. އެއީ މޫޣާލް  ރަސްކަމުގެ ދެ ބޮޑު ވަޒީރު ވެސް މެއެވެ. އެ ދުވަސްވަރަކީ މޫޣާލް ދަރިކޮޅުގެ ތެރޭގައިވެސް ވަރަށް ކޯޅުން ބޮޑުވެފައިވީ ދުވަސްވަރެއް ކަމަށް ފެނެއެވެ. މި ދެންނެވި ސައްޔިދު ދެ އަޚުންގެ ނުފޫޒު ގަދަކަމާއި ރަސްގެފާނުންގެ ބާރު ހަނިކަމުން ފަޚްރުއްޝިޔާރު މަސައްކަތް ކުރެއްވީ މި ދެބޭންގެ ބާރު ދުއްވާލުމަށެވެ. އެގޮތުން ބޮޑުންގެ އެތައް ބަޔަކަށް ރިޝްވަތު ދެއްވައިގެންވެސް ކުރެއްވި މަސައްކަތްޕުޅު ވެގެންދިޔައީ ނާކާމިޔާބެވެ. އެންމެފަހުން މި ކަމުގެ އާޚިރު ނަތީޖާއަކަށް ވެގެން ދިޔައީ މި ރަސްގެފާނަށް އެ ރަދުންގެ އަމިއްލަފުޅު ތަޚްތު ގެއްލުމާއި ފުރާނަފުޅުވެސް ދިޔުމެވެ. މި ރަދުން އަވަހާރަކޮށްލެވުނީ ރަސްކަމުން ޢަޒުލު ކުރެވި ޖަލުގައި ބަންދުކޮށް އެތައް ހާނީއްކައެއް ލިބިވަޑައިގަތުމަށްފަހުގައެވެ.

އާދެ! ދިޔަމިނގިލީ ބަންޑާރައިން 17 އަހަރާއި އެތައް މަހަކު ވެރިކަން ކުރެއްވުމަށްފަހު ފަސްދާނަށްވަޑައިގަތީ 21 އޮކްޓޫބަރ 1721 ވަނަ އަހަރުގައެވެ. އެއިރު ރަދުންގެ ޢުމުރުފުޅުން 62 އަހަރުފުޅެވެ. ދެން ރަސްކަމުގެ ތަޚްތަށް އިސްކުރެއްވި ބޭފުޅަކީ އެ ރަދުންގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް މަނިކުފާނެވެ. ފަހުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުންނެވެ. މި ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ މީލާދުން 1720 ވަނަ އަހަރުގައެވެ. ޢުމުރުފުޅުން 13 އަހަރުގައެވެ.

އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ) ދިވެހި ސިންގާސަނާއަށް އިސްކުރެވުނީ މީލާދުން 1720 ވަނަ އަހަރުގައި ކަމަށް ވާނީ ދެންނެވިފައެވެ. މިރަދުންނަކީ ރައްޔިތުންނަށް އޯގާވެރި ރައްޔިތުންގެ ޙާލު ބެއްލެވި ޢިލްމުވެރިންނަށް އިޙްތިރާމް ކުރައްވާ އަދި ޢިލްމުވެރީން ގާތް ކުރެއްވި ރަސްކަލެއްކަމަށް ތާރީޚުން ފެންނަން އޮވެއެވެ. މި ރަދުންގެ ރަސްކަމުގައި ވަޒީރުންގެ ތެރެއިން ބޭފުޅަކު ރަދުން އަވަހާރަކޮށްލަން ސިޙުރު ހެދިކަން ފަޅާއެރުމުން އޭގެ ތެރެއިން އެ ވަޒީރު އަރުވާލައްވާ އަދި ސިޙުރު ހެދި ސިހުރުވެރި ކަލޭގެ ޤަތުލު ކުރެއްވިކަމަށްވެސް ތާރީޚުން ފެންނަން އޮވެއެވެ. މި ރަދުން އަވަހާރަވީ މީލާދުން 25 ފެބްރުއަރީ 1750 ވީ ބުދަ ވިލޭރޭގައެވެ. ފަސްދާނުގައި ވެޑުވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 43 އަހަރުފުޅެވެ. ރަސްކަން ކުރެއްވީ 29 އަހަރުއެވެ. ( މަޢުލޫމާތު ރަހުންނާއި ރަނީން/ ސަފްޙާ 192/ ނަސީމާ މުޙައްމަދު ކަލޭގެފާނު)
އާދެ! އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުންނަށް ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެންމެ ހަގު ދަރިކަނބަލަކީ އަލްއަމީރާ ޢާއިޝާ ކަނބާފާނެވެ. މި ޢާއިޝާ ކަނބާފާނުން އުފަންވެވަޑައިގަތީ މީލާދުން 1736 ވަނަ އަހަރުގެ ޖޫން މަހު 30 ވަނަ ދުވަހުގައެވެ. އަލްއަމީރާ ޢާއިޝާ ކަނބާފާނަކީ އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ)އަށް ލިބިވަޑައިގަތް އެންމެ ހަގު ދަރިކަނބަލުންނެވެ. އަލްއަމީރާ ޢާއިޝާ ކަނބާފާނު ކައިވެނިފުޅު ކުރެއްވީ ސިއްކަ ވެލާނާ މަނިކުފާނާއެވެ. މި ކައިވެނިފުޅުން މި ކަމަނާއަށް ލިބިވަޑައިގަތްކަމަށް މަޢުލޫމާތު ލިބިފައިވަނީ އެންމެ ބޭފުޅެކެވެ. މި ޢާއިޝާ ކަނބާފާނުން މި ނޫން އެހެން ކައިވެނިފުޅެއް ކުރެއްވި ކަމެއް ނުވަތަ ނުކުރައްވާކަމެއްވެސް އަދި މަޢުލޫމާތު ލިބިފައެއްނެތެވެ. ދަރިކޮޅު ހިނގާފައިވާކަމަށް އެނގިފައިވަނީ މި ދެންނެވި ސިއްކަ ވެލާނާ މަނިކުފާނާ ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް މަރިޔަމްދީދީގެ ފަރާތްޕުޅުންނެވެ. މި މަރިޔަމްދީދީގެ މަޝްހޫރު ނަންފުޅަކީ މާވާގަނޑުވަރު މަރިޔަމްދީދީ އެވެ. އެ ގަނޑުވަރަކީ އިބްރާހިމް ރަސްގެފާނުން ޢައިޝާ ކަނބާފާނަށް އަޅުއްވާދެއްވި ގަނޑުވަރެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މާވާގަނޑުވަރު މަރިޔަމްދީދީ ( އިބްރާހިމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ)
މާވާގަނޑުވަރު މަރިޔަމްދީދީ ދެ ކައިވެނިފުޅެއް ކުރެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާ ކުރެއްވި ކައިވެނިފުޅާއި އަދި ސިއްކަ އަހަންމާ ތަކުރުފާނާ ކުރެއްވި ކައިވެނިފުޅެވެ. މި ދެ ކައިވެނިފުޅު ނޫން އެހެން ކައިވެނިފުޅެއް ކުރެއްވިކަމެއް ހޯދިފައެއް ނެތެވެ. މާވާގަނޑުވަރު މަރިޔަމްދީދީ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާ ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތީ 3 ބޭފުޅުންނެވެ. އެއީ
1 މާވާގަނޑުވަރު ޙަސަންދީދީ
2 މާވާގަނޑުވަރު ޙުސައިންދީދީ
3 މާވާގަނޑުވަރު އާމިނަތުދީދީ އެވެ.
މަރިޔަމްދީދީއަށް ސިއްކަ އަހަންމާ ތަކުރުފާނުންގެ ފަރާތްޕުޅުން ލިބިވަޑައިގަތީ
4 މާވާގަނޑުވަރު ދޮން ޢާއިޝަތު ދީދީ އެވެ.
ނޯޓް: މާވާގަނޑުވަރު މަރިޔަމްދީދީގެ އާމިނަތުދީދީ އަވަހާރަވީ ހިޖްރައިން 1271 ވަނަ އަހަރުއެވެ. ވަޅުފުޅު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ. އަދި މަތީގައި އިސްވެ ދެންނެވުނު ދޮން ޢާއިޝާދީދީ އަވަހާރަވީ ހިޖްރައިން 1270 ވަނަ އަހަރުގައެވެ. މި ކަމަނާވެސް ވަޅުފުޅު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ. ( މަޢުލޫމާތު: ހުކުރު މިސްކިތްފޮތް / ޞަފްޙާ 410)
މާވާގަނޑުވަރު މަރިޔަމްދީދީއަށް ދެ ކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގެންނެވިކަން މިހާރު ސާފުވެވަޑައިގަންނަވާނެއެވެ. އެއީ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާއި ކުރެއްވި ކައިވެނިފުޅާއި ސިއްކަ އަހަންމާ ތަކުރުފާނާއި ކުރެއްވި ކައިވެނިފުޅެވެ. މި ކައިވެނިފުޅުތަކުން މަރިޔަމްދީދީ އަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ 4 ބޭފުޅުންކަންވެސް މިހާރު ވާނީ ދެންނެވިފައެވެ. އެއީ ޙަސަންދީދީ ، ޙުސައިންދީދީ ، ޢާއިޝަތުދީދީ އަދި އާމިނަތުދީދީއެވެ. ކުރީން އަޅުގަނޑު ލިޔެފައިވާ " މާލޭގައިވާ ދަރިކޮޅުތަކުގެ ތެރެއިން އެދުރުދީދީގެ ދަރިކޮޅު" މި މަޒުމޫނުގައި މާވާގަނޑުވަރު މަރިޔަމްދީދީގެ ޙަސަންދީދީގެ ދަރިފަސްކޮޅުގެ ބޮޑުބަޔެއް ވާނީ ލިޔެވިފައެވެ. މި ސިލްސިލާގައި އެބައިވެސް އިތުރަށް އަދި ތަފްސީލުކޮށްލެވޭތޯ އުޅޭނަމެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ފަށަން ގަސްތު ކުރެވިފައި މިވަނީ މިބޭފުޅުންގެ ތެރެއިން ޙުސައިންދީދީގެ ދަރިފަސްކޮޅެވެ.

މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ކައިވެނިފުޅު ކުރެއްވި ބޭކަނބަލެއްގެ މަޢުލޫމާތު މާބޮޑަކަށް ސާފުވެފައެއް ނެތެވެ. މުޙައްމަދު ޖަމީލްދީދީ ލިޔުއްވި "ޙަޔާތުގެ ހަނދާން" މި ފޮތުގައި އެމަނިކުފާނުން ލިޔުއްވާފައިވަނީ ޙުސައިންދީދީ ގެ ބޭފުޅުންގެ މަންމައަކީ ހުވަދޫ ކަތްދާފުޅު ކަމެވެ. ޙުސައިންދީދީ އަކީ ފޮތު މުރީދު ޙުސައިންދީދީ ކަންވެސް ލިޔުންތަކުން އެނގެއެވެ. މި ޙުސައިންދީދީއަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1 ޢާއިޝަތުދީދީ ( ދޮންދީދީ)
2 އާމިނަތުދީދީ ( މެދުދީދީ)
3 ފާޠިމަތުދީދީ
4 ސަންފާދީދީ (ޅަދީދީ) އެވެ.

މީގެ އިތުރު ބޭފުޅަކު ހުންނެވިކަމެއް އަޅުނގަޑަކަށް މަޢުލޫމާތު ލިބިފައެއް ނެތެވެ. މި ޙުސައިންދީދީގެ ބޭފުޅުންގެ ފަރާތުން މާލޭގެ ވަރުގަދަ ސިޔާސީ ޢާއިލާތަކެއް ވަނީ އުފެދިފައެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ސިޔާސީ ކަންކަމުގައި އެންމެ ނުފޫޒު ގަދަވެގެން ދިޔަ ކަކާގޭ ޢާއިލާ އާއި އަތިރީގޭ ޢާއިލާ އާއި އެއްގަމުގޭ ޢާއިލާ އާއި ހެންވޭރުގޭ ޢާއިލާ ވެލާނާގޭ ޢާއިލާ ފަދަ ޢާއިލާ ތަކަކީ މި ޙުސައިންދީދީގެ ދަރިފަސްކޮޅާއި ވަރަށްބޮޑަށް ގުޅި ލާމެހިފައިވާ ޢާއިލާތަކެވެ. އަދި ހުރަވީ ޚާންދާނާއި ދިޔަމިނގިލީ ޚާންދާނު އެންމެ ބޮޑަށް އެކުވެ މަސްހުނިވެގެން ދަނީވެސް މި ޙުސައިންދީދީގެ ދަރިފަސްކޮޅުގެ ފަރާތުންނެވެ.

ނަމްބަރ 1ގައިވާ ޢާއިޝަތުދީދީ ގެ ޢާއްމު ނަމަކީ ދޮންދީދީ އެވެ. މި ދީދީ ކައިވެނި ކުރެއްވީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ދެ ޢާއިލާއިން ކުރެ އެއް ޢާއިލާއެއްގެ ބޭފުޅަކާއިއެވެ. އެއީ ރާއްޖޭގެ ރަސްކަމުގެ މަޤާމަށްފަހު އެންމެ ބާރުގަދަ އެއް މަޤާމް އެތައްފަހަރަކު ފުރުއްވާފައިވާ ބޭފުޅެކެވެ. އާދެ! ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. މި ކިލެގެފާނަކީވެސް މި ކިލެގެފާނުގެ އަނބިކަނބަލުންނާއި އެއްމަތިފުށަކާއި ގުޅިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެނީ މި ކިލެގެފާނަކީ ދިޔަމިނގިލީ ބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ)ގެ ދަރިކަނބަލުން އަލްއަމީރާ ސަންފާ ރަންދި ކަނބާފާނުންގެ ދަރިކަނބަލުން ދޮންބީނާގޭ އާމިނަތުދީދީ، އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަންނެވި އަލްއަމީރާ ޢާއިޝާ ރަނި ކަނބާފާނުން،ފެންފުށީ އެދުރު ޙަސަން ކަލޭގެގެ ދަރިކަލުން އަލްވަޒީރުލް އަޢްޒަމް ކަކާގޭ އިބްރާހިމް ރަންނަބަނޑޭރި މަނިކުފާނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަންނެވި ދަރިކަލުން ކަމުގައިވާތީއެވެ. މި ކިލެގެފާނާއި އެއްބަނޑު އެއްބައްޕާ ބޭފުޅުންނަކީ ކަކައިގޭ އަޙުމަދު ކަލޭގެފާނާއި، ކަކައިގޭ ޚަދީޖާދީދީ އާއި، ކަކައިގޭ ޙައްވާދީދީ އެވެ. މި ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނު ރާއްޖޭގެ ވަޒީރުލް އަޢްޒަމްކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބުންބާ މީހުންނަށް ރާއްޖޭގައި ދާއިމީކޮށް ތިބެ ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވުމެވެ.

އާދެ! ބޮޑުވަޒީރުކަން އޮތީ ކަކާގޭ އަށެވެ. ބޮޑުބަނޑޭރިކަން އޮތީ ގަލޮޅުގެ އަށެވެ. ( މިހާރުގެ ނަމުންނަމަ އަތިރީގެއަށެވެ.) މި ދެ ގެއަކީ އެ ޒަމާނުގައި ރާއްޖޭގައި އޮތް އެންމެ ނުފޫޒު ގަދަ ސިޔާސީ ދެ ގެއެވެ. މިހާރުގެ ގޮތުން ދަންނަވަނީނަމަ އެންމެ ނުފޫޒު ގަދަ ސިޔާސީ ދެ ޕާޓީއެވެ. އެހެން ހުރިހާ ކުދި "ޕާޓީ"ތައް ހުންނާނީ މިއިން ކޮންމެވެސް އެއް ޕާޓީއެއްގެ ހިޔަލުގެ ދަށުގައެވެ. މި ދެންނެވި ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރާއި ހަމަޔަށް އައިއިރުގައި ކަކާގެ އާއި ގަލޮޅުގެ ( އަތިރީގެ) ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ރަދުންވެސް ހުންނަވަން ޖެހިވަޑައިގެންނެވީ މި ދެ ޢާއިލާގެ ސިޔާސީ ކޯޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ފިތިވަޑައިގެންފައެވެ. މިތަނުގައި ފާހަގަ ކޮށްލަންޖެހޭ އެންމެ ބޮޑު އެއް ނުކުތާއަކީ ރާއްޖޭގެ އެންމެ ބާރުގަދަ ތިން މަޤާމް އާދެ، ރަސްކަމުގެ މަޤާމާއި ބޮޑުވަޒީރު ކަމާއި ބޮޑު ބަނޑޭރިކަން ކުރައްވަމުން މި ގެންދަވަނީ ތަފާތު ތިން ޢާއިލާއަކުން ކަމުގައި ހީވިޔަސް ޙަޤީގަތަކީ މިއީ ހަމަ އެއް ޢާއިލާއެއް ކަމެވެ. ރަސްކަން ކުރައްވަނީ ކުރިންވެސް ދެންނެވިހެން ރާއްޖެއަށް މިނިވަންކަން ހޯއްދަވާދެއްވި އައްސުލްޠާނުލް ޣާޒީ މުލީގޭ ދޮންބަންޑާރައިންގެ ދަރިކޮޅުންނެވެ. ނުވަތަ ހުރަވީ ދަރިކޮޅުންނެވެ. ބޮޑު ވަޒީރުކަމުގައި އެއްފަހަރު ކަކާގެ، އަނެއް ފަހަރު ގަލޮޅުގެ (އަތިރީގެ) އެވެ. އެހެނަސް މި ދެންނެވި ތިން ބާރުވެސް މި އޮތީ ހުރާ ދޮންމަރުދުރު ފަޑިއް ކަލޭގެފާނުންގެ ދަރިކޮޅުގެ އެކިއެކި ގޮފިތަކުގެ އަތްމަތީގައެވެ.

ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުންގެ ދަރިކޮޅުގެ އަތްމަތީގައި ރަސްކަމުގެ ކޮއިލާއި ބޮޑިވަޒީރުކަމާއި ބޮޑުބަނޑޭރި ކަން އޮތް އިރު ފަނޑިޔާރުކަން އޮންނަނީ އުވިދިޔަ ދިޔަމިނގިލީ ރަސްދަރިކޮޅުގެ ބޭފުޅުންނަށެވެ. އާދެ ކޮންމެއަކަސް މި ދެންނެވި ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުން ރާއްޖޭގައި ބުންބާ ވިޔަފާރި ވެރިންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވުމަށް ރަދުންނަށް ހުށައެޅުއްވުމުން އެކަމާއި އެންމެބޮޑަށް ދެކޮޅުހެއްދެވީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. މި ކިލެގެފާނުންގެ ބަހަކީ އެއީ ރާއްޖޭގެ މުޅި އިޤްތިޞާދު ހަލާކުވެގެންދާނޭ ކަމެއް ކަމުގައެވެ. އެހެންނަމަވެސް ކަކާގޭ ބޭފުޅުންނަށް ހީފުޅު ކުރެއްވުނީ އެއީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނަކީ ބޮޑު ވިޔަފާރިވެރިޔެއް ކަމުން އެ ކިލެގެފާނުންގެ ވިޔަފާރި ހަލާކު ވެދާނެތީ ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ. ރަދުންވެސް ބުރަވެ ވަޑައިގަތީ ޢަލީ ކިލެގެފާނުންގެ ކޮޅަށެވެ. މިހެންކަމުން "ބަސް ނުވިކޭ އޮޑީގެ ދިރުބާ ކޮޅުގައި ހުރުމަށް" ވުރެ ފޭބުން ރަނގަޅު ކަމުގައި އެ ކިލެގެފާނަށް ( ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނަށް) ފެނިވަޑައިގަތުމުން މަޤާމުން އިސްތިޢުފާ ދެއްވުމާއި އެކު ސިލޯނުގެ ގާއްޔަށް ވަޑައިގަތެވެ. އަދި ހުރިހާ ވިޔަފާރިއެއްވެސް ގާއްޔަށް ބަދަލުކުރެއްވިއެވެ.

އާދެ! މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ޢާއިޝަތުދީދީ (ދޮންދީދީ)، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.1 ޚަދީޖާ ދީދީ ( ދޮށީ ދީދީ)
1.2 މަރިޔަމްދީދީ
1.3 ޢަބްދުﷲ ދީދީ ( ފަހުން ޢަބްދުﷲ ފާށިނާ ކިލެގެފާނު)
1.4 އިސްމާޢިލް ދީދީ ( ފަހުން އިސްމާޢިލް ދޮށިމޭނާ މަނިކުފާނު)
1.5 ކުޑަ މުޙައްމަދު ދީދީ  ( ފަހުން މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު)

ނޯޓް: މި ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދޮންތުއްތުދީދީއެއް ހުންނަވާކަމަށް އަލްފާޟިލާ ފާޠިމަތު މުނީރާ ލިޔުއްވާފައިވެއެވެ. އިސްވެ މަތީގައި ދަންނަވާފައިއެވާ ބޭފުޅުންގެ ތެރޭގައި މި ދޮންތުއްތުދީދީ ގެ ނަން އަޅުނގަޑު ބަޔާންނުކުރީ އެ ދީދީގެ މައިފުށް ޔަގީން ކުރެވިފައި ނުވާތީއެވެ.

ތިރީގައި އެވަނީ މި ބަޔާން ކުރެވުނު ނަސަބުގެ ޢާއިލީ ގަހެވެ.


(ނުނިމޭ)
                 ---------------------

ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާދީދީ)
މަޢުލޫމާތު:
* ދަރަވަންދޫގޭ ޢަބްދުﷲދީދީގެ މޫސާ ޖަމީލްދީދީގެ ޢަބްދުﷲ ޝާހިދުގެ އަރިހުން
* މޯލްޑިވްސް ރޯޔަލް ފެމެލީ އޮފިޝަލް ވެބްސައިޓު / ބޮޑުދަހަރާގޭ ޢަބްދުލްމާޖިދު ޢަބްދުލްވައްހާބު
* ރަހުންނާއި ރަނީން / ނަސީމާ މުޙައްމަދު ކަލޭގެފާނު
* އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަދުވީ ދެއްވި ނޯޓުތަކަކުން
*  މާލޭ ހުކުރު މިސްކިތާއި ބެހޭގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ ފޮތުގައި ހުރި މަހާނަގަލުގެ ލިޔުންތަކުން