ފޮތްފޮތް ހަލާކުވެ ނެތިގެންދަނީ ކަތުރުފަނިއެޅީމައެވެ.
ހަމައެގޮތަށް ގައުމުތައް ހަލާކުވެ ބަރުބާދުވެގެންދަނީ ފަސާދަ އަށަގަތީމައެވެ. ނަން
ތަފާތުވިޔަސް ކަތުރުފަންޏާއި ފަސާދަ ކުރަނީ އެއްކަމެކެވެ. ގައުމެއް ހަލާކުވަމުންދާ
މިންވަރު ނުވަތަ ހަލާކުވެފައިވާ މިންވަރު އަންގައިދޭ މީޓަރަކީ އެގައުމެއްގައި ފަސާދަ
ފެތުރިފައިވާ މިންވަރެވެ.
ފަސާދަ މިބަހަކީ އަރަބި ބަހުން ދިވެހިބަހުގެ
ތެރެޔަށް ވަދެފައިވާ ލަފުޒެކެވެ. މާނަޔަކީ މިޒަމާނުގައި އެންމެންވެސް މިކިޔާ ކޮރަޕްޝަނެވެ.
އެއީ ރިޝްވަތު ހިފުމާއި ރިޝްވަތުދިނުމާއި ނާޖާއިޒު ފައިދާ ލިބިގަތުމާއި ގައުމީ މަސްލަހަތަށްވުރެ
އަމިއްލަ މަސްލަހަތު އިސްކޮށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމުގެ ފޭރާން ބާލައި ދެންކުރާ
އެންމެހައި ކަންކަމެވެ. ޚިދުމަތްދިނުމަށްޓަކައި ތަންތަނަށް މީހުންލީމާ އަމިއްލަ އަންބޮނޑިޔަށް
ފައިދާވާނޭ އުސޫލަކުން ނޫނީ ޚިދުމަތެއްވެސް ނުލިބޭނޭހެން މަގުހަނިކުރުމެވެ.
ހަމަކޮންމެ ކަމަކަށްވެސް ސަލާންޖެހުމުގެ
ސަގާފަތެއް ގާއިމުވެފައި އޮތީވިއްޔާ އެވަނީ ޚިދުމަތުގެ މަގު ހަނިކުރެވިފައެވެ. އަސާސީ
ހައްގަކުންކުރެ ހައްގެއްވެސް ލިބޭން އޮތީ ކޮންމެވެސް މަގާމެއްގައިހުރި ކޮންމެވެސް މީހަކަށް
ސަލާންޖަހައިގެންނެވެ. މިއީ ގައުމާއި ރައްޔިތުން ފެލާލައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރުމަށްޓަކައި
މަގާމުތަކުގައި ތިބޭ މީހުން އަމިއްލަޔަށް ގާއިމުކުރާ ނިޒާމެކެވެ. ފަސާދައިގެ ނިޒާމެކެވެ.
އެނިޒާމުގެ ތެރެއިން ގޯއްޗެއްވިޔަސް ފުލެޓެއްވިޔަސް ލިބޭނީ ކޮންމެވެސް މީހަކަށް ސަލާންޖަހައިގެން
އެމީހަކު ދިނިއްޔާއެވެ. ފުރުސަތެއްވެސް ތަނަވަސްވެގެން އަންނާނީ އެމީހަކު ތަނަވަސްކޮށްދިނިއްޔާއެވެ.
ހަތަރުފަރާތުގައިވެސް އޮންނަނީ ފަސާދައެވެ. ވައްކަމެވެ.
ދިވެހިރާއްޖެއިން މިހާރު އިވެމުންދާ
އަޑުތަކަށް ވިސްނައިލީމާ ފަސާދައިގެ މީޓަރު އައްޑިހަޔަށް އަރައިފިކަމަށް ގަބޫލުކުރެވެއެވެ.
ނޭވާހޮޅިންވެސް ވައްކަންކުރާ ވާހަކަ އެބައިވެއެވެ. ސަދަގާތަށް ފޮނުވާ ހަނޑޫކޮޅާއި ހަކުރުކޮޅުންވެސް
ވައްކަންކުރާ ވާހަކަ އެބައިވެއެވެ. ބަޔަކަށް ބައިއެޅޭގޮތަށް ނޫނީ ހަމައެއްކަމެއްވެސް
ކުރެވޭކަމަކަށް ނުވެއެވެ. ބަނދަރެއް ފުންކުރިޔަސް އިމާރާތެއް އެޅިޔަސް މަގެއްހެދިޔަސް
އެތައްބަޔަކަށް ބައިއަޅަން ޖެހެއެވެ.
ބީލަމުގައި ބައިވެރިވެގެން މަޝްރޫއެއް
ލިބެނީ އެތައް ބައެއްގެ ކައިރިޔަށް ހިނގައި ސަލާންޖަހައިގެން ބައިއަޅަން އެއްބަސްވީމައެވެ.
ލޯނުވެސް ހަމަޖެހެނީ އެމަގުންނެވެ. ގޯއްޗެއްވިޔަސް ފުލެޓެއްވިޔަސް ލިބެނީ ހަމަައެމަގުންނެވެ.
ދެނެގަތުމާއި ޝަރަފުގެ އެވޯޑެއް ހޯދުމަށްވެސް ހިނގާންއޮތީ މިމަގެވެ. މިމަގުން ހިނގާން
އެއްބަސްނުވާ މީހާޔަށް އެކައްޗެއްވެސް ނެތެވެ. ހަމަޔާއި އިންސާފުގައި ހިފެހެއްޓުމެކޭ
އޮޔާވަޔާއި ދެކޮޅަށް ކެނބުމެކޭ އެއްގޮތެވެ. ފަސާދައިގެ ސަގާފަތް ގައުމުގެ މައިބަދައިގައި
އޮތީ އެވަރަށް ހަރުލައިފައެވެ.
ސިނަމާލެ ފުލެޓޭ ކިޔުނު ފުލެޓުތައް
މާލޭގައި އެޅިދުވަސްވަރު އަޅުގަޑުގެ ރައްޓެއްސަކަށްވެސް ފުލެޓު ލިބުމާ ކައިރިޔަށް ދެވުނެވެ.
އެކަމަކު އެކަމުގައި އިސްކޮށްހުރި މީހަކު އެދުނީ ދެލައްކަ ރުފިޔާއަށެވެ. އެ އަދަދަށް
ފައިސާދޭން އެއްބަސްނުވުމުން ފުލެޓު ނުލިބުނީއެވެ. ޝަރުތުހަމަވާކަމަށްވެސް ނުވީއެވެ.
ލޯނު ނަގައިގެން ދަރަނިވެރިވެގެން ޕައިލެޓް ކޯސް ހެދި ޒުވާނެއްގެ މައިންބަފައިންނަށް
އެމީހުންގެ ދަރިޔަށް ވަޒީފާ ހޯދައިދިނުމަށްޓަކައި ކޮންމެވެސް އެއަރލައިނެއްގެ އިސްމީހަކަށް
އެތައްހާސް ޑޮލަރެއްދޭން މަޖުބޫރުވެގެން އެވާހަކަ ދެއްކި އަޑުވެސް އިވިފައިވެއެވެ.
ދާދިފަހުން ރައްޓެއްސަކު ޝަކުވާކުރި
އަޑުއެހީމެވެ. ތިމަންނާގެ ބަފާ އެހެރީ އައްޑިހައިން މައްޗަށް ގޮސްފައެވެ. މުޅި އުމުރު
ހޭދަކުރީ މިވެނި ދާއިރާއެއްގައި ޚިދުމަތްކުރުމުގައެވެ. ގައުމަށް ރީތިނަމާއި ޝަރަފު
ހޯދައިދިނުމުގައެވެ. އަގުވަޒަންކޮށް ކަރުދާސްކޮޅެއްހައި މިންވަރުވެސް ލިބޭތޯ އެއްއަހަރުވެސް
ވައްޓާނުލައި ހުށައަޅަމުންދާތާ ވީދުވަހެއްވީއެވެ. އެކަމަކު ލިބުނު އެއްޗެއް ހަރާމެވެ.
ހަމައެދާއިރާއިން ހިތްވަރުދިނުމާއި ޝަރަފުވެރިކަންވެސް ބަފާކައިރިން ދަސްކުރި އެތައްބަޔަކު
ހޯދައިފިއެވެ. އިހައްދުވަހު އެވެނި މީހަކު އެހޯދީ މިވެނި އޮފީހެއްގެ އެވެނި މަގާމެއްގައި
ހުންނަ މީހެއްގެ ނުފޫޒާއި ބާރުންނެވެ. އެވެނި މިވެނި ބަޔަކަށް އެކަންވީ އެވެނިބަޔަކާ
ގުޅިގެންނެވެ. ގައުމީފެންވަރުގެ ދެނެގަތުންވެސް ގަންނާން މިޖެހެނީ ނީލަމުންނެވެ. ހުރިހާ
އެއްޗެއްވެސް ހުރީ ސަލާންޖެހުމުގެ ބާޒާރާއި ނީލަމުގެ ބާޒާރުގައެވެ.
އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި
އަމިއްލަ ތަޖުރިބާޔަށް ރިއާޔަތްކުރާއިރު މިގައުމުގައި ފަސާދައިގެ މީޓަރު އެހެރީ ޒިމްބާބުވޭޔާއި
ނައިޖީރިޔާ ފަދަ ގައުމުތަކާ އެއްހަމައިގައޭ ބުނެވިދާނެއެވެ. ގައުމު މިހިރީ ހަލާކާއި
ގެއްލުމާއި ބަރުބާދުވުމަށް މިސްރާބު ހިފައިފައޭ ބުނެވިދާނެއެވެ. ދިހުންގަދަ ގަމީހާއި
ކުލަކުލައިގެ ޓައިއަކީ ފަސާދައިގެ ރަމްޒެކޭވެސް ބުނެވިދާނެއެވެ. މިވާހަކަ ބުނެގެން
ދެންވާންވީ ކަމެއްވެސްވާނެއެވެ. ހަކުރުކިލޯއިން ވައްކަންކޮށްފައިވެސް ދޮގެކޭ ބުނީއެވެ.
ނޭވާހޮޅިން ވައްކަންކޮށްފައިވެސް ދޮގެކޭ ބުނީއެވެ. ދެނެގަތުމާއި ޝަރަފުވެރިކަމަކީ ނީލަމުން
ގަންނާންލިބޭ އެއްޗެކޭ ލިޔުނީމާ ތިބާއީވެސް ބޮޑުދޮގެކޭ ބުނެފައި ފަލްސަފާވެރިކަމުގެ
ޖުމްލަޔަކުން ފުއްދައިލެވޭނެތާއެވެ.
------------------
ލިޔުއްވީ: ޢިމާދު ލަޠީފު
16 ސެޕްޓެމްބަރ 2020މ.