ގައުމީ އިނާމު ކޮމިޓީގެ ޗަރުކޭސް - 2

ފުރަތަމަބަޔާއި ގުޅޭ:

މިކަމާމެދު އެންމެ ދިގުކޮށް ވާހަކަދެއްކެވި ފަރާތުން ވިދާޅުވިއެވެ.

ގައުމީ އިނާމަށް ނަންހުށައެޅި މީހެއްގެ ވަނަވަރުގެ ޞައްޙަކަމަށް ހެކިދޭނޭ މީހެއްގެ ގޮތުގައި އަޅުގަނޑުގެ ނަންވެސް ފޮނުވާފައިއޮތީމާ މީގެ ދެތިން އަހަރުކުރިން ތިޔަ ކޮމިޓީއަށް އަޅުގަނޑު ޙާޒިރުކުރިއެވެ. މައިގަނޑުގޮތަކަށް މިފޮޓޯއިން މިފެންނަނީ އެދުވަހުވެސް އަޅުގަނޑަށް ފެނުނު މޫނުތަކެވެ. ކޮމިޓީގެ މަސައްކަތް އިންސާފުވެރިވާނޭކަމަށް އުއްމީދުކުރަމެވެ.

އެހެންވިދާޅުވެފައި އޭގެ އެއްދުވަސްފަހުން އަނެއްކާވެސް ވިދާޅުވިއެވެ. ރައީސް އޮފީހުގައި ގާއިމުވެފައި އޮންނަ ގައުމީ އިނާމު ކޮމިޓީއާމެދު އިއްޔެ ދެކެވުނު ވާހަކައެއްގައި އެކޮމިޓީގެ މެންބަރުން އިންޞާފުވެރިވާނޭ ކަމަށް އުއްމީދުކުރަމޭ ލިޔެފައި އޭގެ ފަހަތަށް އަދި ބައެއް އެހެން ވާހަކަވާހަކަވެސް އިތުރުކުރާންކަމަށް ހީކުރީމެވެ. އެހެންހުއްޓައި ފަހުން ހިލިގަތް މައުޟޫއެއްގެ ސަބަބުން ހަނދާންނެތުނީއެވެ. މިރޭ އަލުން ހަނދާނަށް އައިމާ އެވާހަކަ ދައްކާނަމޭ ހިތަށް އަރައިފިއެވެ. އިޒުނައޮތްކަމަށް ބަލައިގެން ފަށާނަމެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޒަމާނުގައި އެމަރުކަޒުން އިސްވެ ހުށައަޅައިގެން އަޅުގަނޑަށް ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލިޔުންތެރިކަމުގެ ގައުމީ އިނާމުވަނީ ލިބިފައެވެ. އޭރު އަޅުގަނޑަށް އަދިކިރިޔާ ތިރީހަކަށް އަހަރުވީއެވެ. އެހާވެސް ކުރިން އިނާމު ލިބިއްޖެއެވެ. އޭރު ދިވެހިބަހާއި ތާރީޚާގުޅޭ ދާއިރާތަކުން އިނާމުދޭންޖެހޭ މީހުންގެ ވަނަވަރު ބަލައި ދިރާސާކޮށް ލިސްޓު ހަދަނީ ގައުމީ މަރުކަޒުންނެވެ. އެ މަރުކަޒަށް ރައީސް އޮފީހުގައި އޭރު ތިއްބަވާ މިކަމާބެހޭ ކޮމިޓީގެ ބޭފުޅުން އިތުބާރު ކުރައްވައެވެ. ސަރުކާރުގެ ހަމަ ކޮންމެ މުވައްސަސާޔަކަށްވެސް އިތުބާރު އޮވެއެވެ. އަޅުގަނޑުގެ ނަން ގައުމީ މަރުކަޒުން ފޮނުވީމާ އަޅުގަނޑުގެ ރަށުގެ ކަތީބަށް ރައީސް އޮފީހުގެ ކޮމިޓީއަކުން ގުޅާފައި ތިޔަރަށުގެ މިވެނި ސޮރަކީ ދިވެހިބަހުން ލިޔާން ދަންނަ އަދި ލިޔެއުޅޭ މީހެއްތޯ ކްރޮސްޗެކެއް ނުކުރެއެވެ.

ގައުމީ މަރުކަޒު އުވައިލުމަށްފަހު އެމަރުކަޒުން ކުރި މަސައްކަތުގެ ހަވާލުދާރަކީ މިހާރު ދިވެހިބަހުގެ އެކެޑަމީއެވެ. މިއެކެޑަމީއަކީ ދައުލަތުގެ މުވައްސަސާއެކެވެ. ރައްޔިތުންގެ ޓެކްސްފައިސާއިން ހިންގާ ދައުލަތުގެ އިދާރާއެކެވެ. އެތަނަށް ރައީސް އޮފީހުގައި އޮންނަ ގައުމީއިނާމު ކޮމިޓީން އިތުބާރުކުރޭ ބާވައެވެ. އަޅުގަނޑަށް އެނގިގެންވާ ކަންކަމާއި އެނގެންނުޖެހޭ އެކަމަކު މުއުތަބަރުކޮށް އިވިފައިވާ ވާހަކަތަކަށް ރިއާޔަތްކުރާއިރު އިތުބާރެއް ނުކުރެއެވެ. އެއީ ކީއްވެގެންކަމެއް ނޭނގެއެވެ. ދެކުނު އެފްރިކާގެ ކުވާޒޫލޫ ޕްރޮވިންސުގެ ޒޫލޫބަހާބެހޭ އެކެޑަމީއެއް ކަމަށް އިނާމުކޮމިޓީއަށް ހީކުރެވެނީކަމަށްވެސް ވެދާނެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ހުވަދޫ ނިލަންދޫ އަޝްރަފު ހުންނެވިޔަސް އަދި އަޅުގަނޑު ހުއްޓަސް އެއީ ދިވެހިބަހުގެ އެކެޑަމީއެވެ. އެތަނުން ބަލާބެލުންތަކަށްފަހު އެތަނުން ފޮނުވާ ފައިލްތަކާއި ހުށައެޅުންތަކުގައި ބަރުދަން ހުންނާނެއެވެ. ހުންނަންޖެހޭނެއެވެ. އެކަމަކު މިވަނީ އެހެނެއް ނޫނެވެ. އެކަޑެމީން ފޮނުވާ ލިޔުންތައް ޞައްޙަކަމަށް އިނާމުކޮމިޓީއަށް ނުފެންނަތާގައި ލިޔުންތައް ދުވަހަކު ފުރިހަމަވާކަމަކަށްވެސް ނުވެއެވެ. ދެންމިވާގޮތަކީ އެކެޑަމީން ފޮނުވާ ލިސްޓުގައި ހިމެނޭ ބައެއްމީހުން ނިސްބަތްވާ ރަށްރަށުގައި ކޮމިޓީގެ މެންބަރަކު ދަންނަ މީހަކު ދިރިއުޅެންޏާ އެމީހަކަށް ގުޅައިގެން އަހައިފާނެއެވެ. ތިޔަރަށު އެވެނި ގެޔެއްގެ މިވެނި ނަމެއްކިޔާ މީހަކު އުޅޭ ހެއްޔެވެ. އާނއެކޭ ބުނެފިއްޔާ ބުނާނެއެވެ. އޭނާޔަކީ އަޅެ ތާރީޚޭ ބަހޭ މިކިޔޭ އެއްޗަކާ ދޯޅުކޮށް އުޅޭ މީހެއް ހެއްޔެވެ.

މިހިސާބަށް ކަންތައްދާނީ އަޅުގަނޑު މިދަންނަވާ ދެކަމުންކުރެ އެއްކަމެއް މެދުވެރިވެގެންނެވެ.

އެއްގޮތަކީ:

އަޅުގަނޑު އިސްވެދެންނެވިހެން އެކެޑަމީއަކީ ހުންނާންނުޖެހޭ ބޭކާރުތަނެއްކަމަށް ކޮމިޓީއަށް ފެނުމެވެ. އެހެންވެ އިތުބާރު ނުކުރެވެނީއެވެ.

އަނެއްގޮތަކީ:

ބަހާއި ތާރީޚޭ މިކިޔާ ދާއިރާގައި ހޭކިއުޅޭ މަދުމީސްކޮޅުގެ ޚަބަރެއް ދަބަރެއް ކޮމިޓީއަށް ނޭގެނީއެވެ. ދެނެގަންނަންވެސް ބޭނުންނުވަނީއެވެ. ކުފޫހަމަނުވަނީއެވެ. އެހެންނޫންނަމަ ހެރިޓޭޖް މިނިސްޓްރީއަކާއި އެނޫން މިނިސްޓްރީއަކާއި މިހެންގޮސް އެކި މުވައްސަސާތަކުން ޖަލްސާބާއްވާފައި ޓީވީތަކުން ވަގުތުން ދައްކާފައި ބައެއް މީހުންނަށް ދީފައިހުރި އިނާމުތަކާއި ދެނެގަތުން ކޮމިޓީއަށްވެސް މޭރުންވާނެއެވެ. ރަށްރަށަށް ގުޅާފައި ހޮޅުއަށީގައި ތިބޭ މީހުންކުރެން ބަލަ ކަލޭގެޔާއޭ ތިޔަރަށު މުޝްތަރީގޭ އާދަންކޮއެ ދަންނަންހޭ އަހައި ސުވާލުކުރާނީ އެވަރުނުވާތީއެވެ.

އެއްކޮޅަށް ބޭފުޅަކު އެއްޗެއް ވިދާޅުވުމަށްވުރެ އަޅުގަނޑު އެދެނީ މިދެއްކި ވާހަކަތައް ނަފީކުރެވޭނޭ ހުއްޖަތާއި ދަލީލާއެކު އަޅުގަނޑާ ދެކޮޅަށް ބޭފުޅަކު ވާހަކަ ދެއްކެވުމެވެ. އެހެންވެއްޖެނަމަ ވަރަށް ރަނގަޅެވެ. މައުލޫމާތު ގުޅި ބަންޑުންވެ ދެން ދައްކާންހުރި ވާހަކަތައް ފައިބައިގެންދާނީ އެހެންވެއްޖެނަމައެވެ. والله أعلم

މީގެ ޖަވާބުގައި އެހެންބޭފުޅަކު ވިދާޅުވިއެވެ. ގައުމީ އިނާމާބެހޭ ވާހަކަތަކާމެދު މިއުޅެނީ އެއްޗެއް ދަންނަވާން ދަތިވެގެންނެވެ. އަނގަމަތީގައި އަޅާފައިވާ ޓޭޕެއްގެ ތެރަހުގެ ގަދަކަމުން ވާހަކަދައްކަން އުނދަގޫވެގެންނެވެ. މިދެންނެވި ތެރަހުގެބާރު ތަންކޮޅެއްކުޑަވެ ވައި ދައުރުވާގޮތްވީމާ އެއްޗެއް ދަންނަވައިލެވޭތޯ ބަލާނަމެވެ. - إِنْ شَاءَ ٱللّٰهُ

 އެކިބޭފުޅުން ވިދާޅުވި ވާހަކަފުޅުތައް ގެނައުމަށްފަހު ދެން މިގެންނަނީ ގައުމީ އިނާމު ކޮމިޓީ އެކުލެވިގެންވާގޮތާމެދު ކޮންމެވެސް ނޫހެއްގައި ލިޔެފައިވާ ޚަބަރެކެވެ.

"ގައުމީ އިނާމާބެހޭ ކޮމިޓީއަށާއި ޚާއްސަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައެއް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މާފަންނު ލޮނުވެލި އަނީސާ އަހުމަދެވެ. އެކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި އެހެން ބޭފުޅުންނަކީ މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާއީލް އަލީ، ޅ.ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމް އަދި ހެންވޭރު އިރުވައި އާމިނަތު ނާޒެވެ. މިބޭފުޅުންގެ އިތުރުން އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ހުސައިން އާމިރާއި މައްޗަންގޮޅީ ފިޔަވަނި އަޙުމަދު ޢަލިމަނިކާއި މާފަންނު ކާނިމާގޭ މުހައްމަދު އިކްރާމާއި މާފަންނު މާހިޔާ ރަހީމާ އާދަމާއި މާލޭ ވިލިނގިލީ ކަންދު ޙަސަން މަނިކެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި މިނިވަން މުއައްސަސާތަކުންނާއި މަދަނީ އެކިއެކި ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނެވެ. މި ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި އެހެން ބޭފުޅުންނަކީ މައްޗަންގޮޅީ މާނިކަ ޑޮކްޓަރ އަޙުމަދު ޢަލިމަނިކާއި މާފަންނު ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނާއި މާފަންނު ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރ ޢަބްދުލްއަޒީޒް ޔޫސުފާއި މައްޗަންގޮޅީ ވިލާރޮދި އާއިޝަތު ޝާހީނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއި ހުނަރާއި އިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަގްސަދުގައި ދެއްވާ އިނާމެކެވެ. (ނިމުނީ)

                 ---------------------

ލިޔުއްވީ: ޢިމާދު ލަޠީފު

15 ސެޕްޓެމްބަރ 2020މ.