ބުއްދިވެރި އަންހެންކުއްޖެއް


އަންހެނަކަށް ގުދުރަތުން ދެއްވި ރީތިކަމަށްވުރެ އޭނާގެ ވިސްނުންތެރިކަން އިސްނުކުރެވިއްޖެނަމަ އެރީތިކަމަކީ ބައެއްފަހަރު ދެރައަކަށްވެދެއެވެ. އެމީހެއްގެ މުޅި ހަޔާތް ވީރާނާވެދެއެވެ. ރީތިކަމަށްވުރެ ބޮޑަށް އިސްކަން ދޭންޖެހެނީ އޭނާއަށް ގުދުރަތުން ދެއްވި ވިސްނުމަށެވެ. ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. މިވާހަކައަކީ އަންހެންކުއްޖެއްގެ ރީތިކަމަށްވުރެ ވިސްނުންތެރިކަން ކުރިއަށް ނެރުނުކަން ދައްދައިދޭ ވާހަކައެކެވެ. މިއީ ފޫހިފިލުވައިލުމުގެ އިތުރަށް މައުލޫމާތުވެސް ހާސިލްކުރެވިދާނެ ވާހަކައަކަށްވުން އެކަށީގެންވެއެވެ.

ވާހަކައިގައި އުޅޭ އަންހެންކުއްޖަކީ ހުވަދުއަތޮޅު ވާރުލޫއިން މީހުންފޭބި ނަމަވެސް އެރަށުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ކުރީގެ ދުވަސްވަރު ނުވަތަ ވާރުލޫގެ މަޝްހޫރު ދުވަސްވަރު އެރަށުގެ ފުރާވަރުގެ ގިނަ އަންހެންކުދިންނަކީ ރީތިކަމުގައި ނަންހުރި ބަޔެކެވެ. އެއީ މިހާރު މިފެންނަހެން އުނގުޅާ ކުލައަކުން ބޮކިއަލީގައި އެކަނި ރީތިކަން ފެންނަ ބައެއްނޫނެވެ. އެދުވަސްވަރު ވާރުލޫގެ އަންހެނުންނަކީ އިރުގެ އައްޔާއި ހަނދުވަރުގެ އައްޔަށް ވެސް ރީތިބަޔަކީއެވެ. ވާރުލޫއަކީ ހުވަދުއަތޮޅުގައި ކުރިން މީހުން އުޅުނު ރަށެކެވެ. ފަހުން ފަޅުވީއެވެ.

ވާރުލޫގައި ދިރިއުޅުނު މީހުން ރަށުން ފައިބައި މީހުން ހުސްވާން ޖެހުނު ދެސަބަބެއް ހުވަދުއަތޮޅުގެ އެޒަމާނުގެ މީސްމީހުންގެ ފަރާތުން ނަގުލުވަމުން އައިސްފައިވެއެވެ.

ފުރަތަމަ ސަބަބަކީ އެޒަމާނުގައި މުޅި ރާއްޖެއިން އަންހެނުން ރީތިކަމަށް މަޝްހޫރު ރަށަކަށްވުމުން އެހެން ރަށްރަށުން މީހުން ގޮސް ވާރުލޫ އަންހެނުންނާއި ކައިވެނިކޮށްގެން ގެންދިޔުމެވެ. މިކަމުގެ ސަބަބުން ވާރުލޫއިން އަންހެނުން މަދުވަމުންދާކަމާއި އެހާގިނައިން އަންހެނުން ރަށްދޫކޮށް ދާން ޖެހެނީ އަންހެނުންނާއި އެއްވަރަށް ރަށުގެ ފިރިހެނުން ރީތި ނުވުމުންކަމަށް އިހުގެ ވާހަކަތަކާއި ލިޔުންތަކުން އެނގެއެވެ.

ދެވަނަ ސަބަބަކީ ވާރުލޫގެ އިސް ދެމީހެއްގެ މެދުގައި އުފެދުނު ފަންޑިތަހާހޫރަ ކަމަކާއި ގުޅިގެން ގިނަބަޔަކު ރަށްދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރުމެވެ. ގިނަމީހުން ދިޔައީ ގައްދޫއާއި ކަނޑުހުޅުދޫއަށެވެ.

މާޟީގެ ހިރަފުހުގެ ތެރެއިން މިފަދަ ވާހަކަތައް ހަށިފޮޅާލައި އަމިއްލައަށް ހިންދެމިލާ ހާލަތު އާދެއެވެ. މިވާހަކަ ހިންދެމިލީވެސް މީގެ އަހަރުތަކެއްގެ ކުރިންނެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ ބޯޓުތަކެއް ރޯމަސްގަތުމަށް ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުތަކަށް އައިސްގޮސްވި ދުވަސްވަރެވެ. އެއީ 70 ގެ އަހަރުތަކުގެތެރެއެވެ.

އެދުވަސްވަރު މަސްބޯޓުގައި އުޅޭ މީހުންނަކީ ފިސާރި އަތްމަތި ތިޔާގި ބައެކެވެ. އެތިޔާގިކަން އައި ނައިގޮތެއް ނޭނގެއެވެ. ތެޔޮ ދޫކުރެވޭވަރު ބަލަން ގެންގުޅޭ މީޓަރަށް ސިއްރުން ތެޔޮދޫކުރާނަމަ ތެލަށް ވީނުވީއެއް މީޓަރަށްވެސް ނޭނގޭހެންނެވެ. މަސްކިރާވަރު ބަލާ މީޒާނުގެ ކައްޓަށް ތާއްޓެއް އަރައިފިނަމަ މަސް ކިރެމުންދާވަރު  އެޔަށްވެސް ނޭނގޭހެންނެވެ. މަހަށް ނުފުރާ ދޯންޏަކަށް ނުބާނާ މަހަކަށް ނުކިރާ މަހަކަށް ފައިސާވެސް ލިބެޔޯލައެވެ.

މިޒާތުގެ ތިޔާގިކަން ލިބިފައިވާ މީހުންނަކީ އެވަސީލަތުގެ އެހީގައި ހިތަށްއެރި ކޮންމެ ކަމެއް ފަސޭހަކަމާއެކު ކުރި ބަޔެކެވެ. އޮޑިޖެހިނޫޓު ހުރިއްޔާ ނުވާނެކަމެއް ނޯންނާނެތާއެވެ. ރަށްރަށުގެ މީހުންނާއި ގުޅުން އުފައްދައި އެމީސްމީހުންނަށް ހަދިޔާބަދިޔާ ފޯރުކޮށްދެއެވެ. އޭގެ ބަދަލުގައި އެމީހުން މެދުވެރިކޮށް ބައެއް ރަށްރަށުން ލޯބީގެ ކުޅިސަމާއަށް މަގުފަހިކުރުންވެސް އޮވެއެވެ.

މައިންބަފައިންގެ ރުހުމާވެސްއެކު ޅަދޮޅު އަންހެންކުދިންނާއި ހިތަށްއެރި އިރަކު ކައިވެނިކުރުމަކީ އޭރު ވަރަށް ފަސޭހަކަމެކެވެ. ކައިވެނިކުރަން އުޅޭމީހަކީ ކާކުތޯ މިއީ ދިރިއުޅުމެއް އުޅެވިދާނެ މީހެއްތޯ މިކަން މިވަނީ ކިހިނެއްތޯ ބެލުމެއް ނޯވެއެވެ. އެންމެފަހުން ގިނަ އަންހެންކުދިންގެ ދުޅަހެޔޮކަން ގެއްލި ކައިވެންޏާއި ކައިވެނީގެ ބޭރުން ލިބިފައިވި ޅަދަރިންކޮޅު މަގުމަތިވީއެވެ.  ޚަރަދުބަރަދުކުރުން ލާޒިމް މީހާގެ ޚަބަރެއްނުވެ ދަތިބޮޑުވުމުން ކުރާނޭކަމެއްނެތިގެން އެމީހާ މިހާރުހުރީ ކޮންބޯޓެއްގައިތޯ ކޮންރަށެއްގައިތޯ ބަލަން ރަށުގެ ވެރިންނާއި ގާޟީންގެ އަރިހަށް ހިނގަހިނގާފައި އުޅެނިކޮށް ބައެއް އަންހެނުންނަށް ލިބެނީ ރޭޑިޔޯ މެސެޖެކެވެ.  އަންހެންމީހާގެ ނަމުގެ ފަހަތަށް ލިޔެފައިއޮންނަނީ އެންމެ ޖުމްލައެކެވެ. ވަރިކޮށްފީމެވެ. މިހެންނެވެ.

އެހިސާބުން ތިޔާގިކަމާއި ކަންފަސޭހަކަންވެސް  ގެއްލުނީއެވެ. ދިރިއުޅުމުގެ އެބާބު ނިމުނީއެވެ. މިއީ ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި އެ ދުވަސްވަރު އާއްމު މަންޒަރެކެވެ. މީސްމީހުންނަށް ލިބެމުންދިޔަ ތަޖުރިބާތަކުގެ ވާހަކަ އަޑުއިވިފައި ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަމުގެ މިސާލުތައް ދައްކަމުންދިޔަ އަންހެންކުދީންވެސް މަދެއްނޫންމެއެވެ. ހެއްލުންތެރިކަމުގައި ނުޖެހި ވިސްނުންތެރިކަން އިސްކުރި ކުދީންވެސް މަދެއް ނޫންމެއެވެ.

މިޒާތަށް ދެރަލިބޭ މީހުން ފެނުނީމާ ބައެއް މީހުން އިހުގެ ކޮންމެވެސް ވާހަކަޔަކުން މިސާލު ދައްކައި އުޅެއެވެ. އެންމެ ގިނަބަޔަކު މިސާލު ނަގަނީ ލިޔާން މިއުޅޭ ވާހަކައިންނެވެ. މިވާހަކަޔަކީ މުޅި ހުވަދޫއަށްވެސް މަޝްހޫރު ވާހަކަޔަކަށްވާތީއެވެ. ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަން ހުރެއްޖެނަމަ ގެއްލިނުދާނޭކަމުގެ ސާބިތު ހެކި ހިމެނޭ ވާހަކަޔަކަށްވާތީއެވެ. އަހަރެމެންގެ މިރަށުގެ އެވެނި މަންޖެއާއި އެމަންޖެގެ މައިންބަފައިންނަށް އެވަރެއްވެސް ނުވިއެވެ. އެހެންނޫންނަމަ އެމަންޖެއާއި އެމަންޖެގެ ޅަދަރިންކޮޅު މިއަދު އެހާލެއްގައި ނުއުޅުނީސްތާއެވެ. މިއީ ވަރަށް ގިނަ ރަށްރަށުގެ ވަރަށް ގިނަބައެއްގެ ދުލުން ބޭރުވި ޖުމްލައެކެވެ.

ވާރުލޫގެ މަޝްހޫރު ދުވަސްވަރު ހުވަދުއަތޮޅު ދިޔަދޫގެ ބޮޑުންގެބޭފުޅަކު، ދިޔަދޫ ފާތިމައިދިއާއި ކައިވެނިކުރައްވައިގެން ދިޔަދޫގައި އުޅުއްވިއެވެ. މިބޭފުޅުން ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތަކީ ފަޅުރަށްރަށް ގެންގުޅުމާއި ވިޔަފާރިކުރުމެވެ. އެދުވަސްވަރު ދިޔަދޫދީދީ މެންގެ ވިޔަފާރިމުދައު ހިފައިގެން އެކި ރަށްރަށަށް ދަތުރުކޮށް ވިޔަފާރީގައި އުޅުނީ މާލޭ އަހުމަދު ކިޔާ ބޭކަލެކެވެ. މާލޭގައި ގޯތިގެދޮރު ހުރި ހަރުދަނާ ރަނގަޅު ބޭކަލެކެވެ.

ދިޔަދޫދީދީގެ ވިޔަފާރީގައި އުޅުނު މާލޭ އަހުމަދު ނިޔާވިތާ އަހަރުތަކެއް ފަހުން އެ އާއިލާގެ ޒުވާން އުމުރުގެ ހުސޭނު، ފުރަތަމަފަހަރަށް ހުވަދުއަށް ދިޔައެވެ. ބޭނުމަކީ އޭނާގެ ކާފަމެންގެ ދުވަސްވަރުގެ ރައްޓެހި ބޭފުޅުންގެ އާއިލާއާއި އަދި އެނޫންވެސް އެދުވަސްވަރު ކާފަގެ ރައްޓެހި މީސްމީހުންގެ އާއިލާއާއި ބައްދަލުވެލައި ގުޅުން ބަދަހިކުރުމެވެ.

އެދުވަސްވަރު ދިޔަދޫދީދީއާއި އެއްބަނޑު އެއްބަފައި ބޭފުޅުންނާއި އަދި އެއްބަފައި ބޭފުޅުން ހުވަދޫގެ ބައެއް ރަށްރަށުގައި ތިއްބެވުމުން އެ ރަށްރަށުން ހުސޭނަށް ފެނުނީ އަމިއްލަރަށާއި އަމިއްލަ ގެއަށްވުރެވެސް އަމިއްލަވަންތަ ކަމާއި ހެޔޮކަމެވެ.

ހުސޭނުގެ ހުވަދޫ މިދަތުރުގައި ދިޔަދޫދީދި އާއި ތިމާގެބޭފުޅުންގެ ތެރެއިން  ދެއްވަދޫގައި އިންނެވި އަންހެންބޭފުޅެއް ހުސޭނުގެ ލޮލުގައި މާގަދަޔަކަށް އަޅައިގެންފިއެވެ. ވާރުލޫއަށް ނިސްބަތްވުމާއެކު  ލޫޅާފަތިކަމާއި  ރީތިކަމުގެ ނަމޫނާއެކެވެ. މި ކުއްޖެއްގެ ސަބަބުން ހުސޭނުގެ މާލެދަތުރަށް  ހުއްޓުން އަތުވެއްޖެއެވެ. އެއީ ކޮން ކުއްޖެއްތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނީ ކޮންމެވެސް ޚަދީޖާއެއް ކަމެވެ. އެރަށުގައި ތިއްބެވި ދިޔަދޫދީދީ އާއި ތިމާގެ ބޭފުޅުންގެވެސް ތިމާގެ ކުއްޖެއްކަމެވެ.
 
އުޅެބޮޑުވި މާލެ ހުސޭނުގެ ހިތުން ކުއްލިއަކަށް ފޮހެވިއްޖެއެވެ. އަންހެނުންނަކީ ފިރިހެނުންގެ ހިތުގައި ހުންނަ އެއްޗެހި ފޮހެލެވޭހާ މޮޅު ރަބަރު ގެންގުޅޭ ބަޔެކޭ ބުނެވެއެވެ. އަދި އެއީ ފިރިހެނުންގެ ހިތުގައި އެކިއެއްޗެހި ލިޔެވޭހާ މޮޅު ގަލަން ގެންގުޅޭ ބަޔެކޭވެސް ބުނެވެއެވެ. ހުސޭނުގެ ހިތުގެ އެންމެ އެތެރެއާއި އެންމެ ބޭރުގައި ވެސް ލިޔެވިފައި އޮތްކަމަށްވަނީ ހަމަ އެކަނި ޚަދީޖާއެވެ. ހުސޭނާއި މިކަމެއްދިމާވުމަކީ ހައިރާންވާންޖެހޭ ކަމެއްވެސް ނޫނެވެ. މިހެނީ ޚަދީޖާއަށް ގުދުރަތުން ދެއްވި އަންހެންވަންތަ ބަނިޔާދަން ރިވެތިކަމަށްޓަކައި ފިދާވާން ތައްޔާރަށްތިބީ ކިތައް ފިރިހެނުންކަން ޚުދު ޚަދީޖާއަކަށްވެސް ނޭނގެއެވެ. ހުސޭނާއި މިކަމެއްދިމާވެ އެތައް ދުވަހެއްވީއިރުވެސް  ޚަދީޖާގެ ހިތުގައި މިހުސޭނެއް ނެތެވެ. ޚަދީޖާގެ އާނ ބަހެއް  ނެތްތާނގައި ބަލައިލުމެއްވެސް ނެތީއެވެ.

މިހިސާބަށް ދިޔުމުން މާޔޫސްކަން ބޮޑުވެ ހަދާނެގޮތަކާމެދު ހުސޭނުގެ ފިކުރުބޮޑުވި އެވެ. އަލިމަގެއްފެނޭތޯ ދިޔަދޫ ދީދީގެ ދައްތަ ދެއްވަދޫ ދޮންދީދީގެ އަރިހުގައި މިވާހަކަ ދަންނަވައިފިއެވެ. ހުސޭނު ބޭނުމީ ޚަދީޖާ ރުހޭނަމަ އޭނާއާއި އިދެގެން މާލެ ގެންދިޔުމަށެވެ. ނުވަތަ އޭނާ ބޭނުންނަމަ މިރަށުގައި ހުރުމަށެވެ. އޭގައިއޮތީ ޚަދީޖާ ބޭނުންގޮތެކެވެ. ހުސޭނުގެ މިވާހަކަ އައްސަވަން އިރުކޮޅެއްވަންދެން އިންނެވުމަށްފަހު ދޮންދީދީ ވިދާޅުވިއެވެ.

ހުސޭނަށް ރަނގަޅީ ވާރުލޫ އާއިލާއެއްގެ ކުއްޖެއްދޯއެވެ. ތިޔަބުނި ޚަދީޖާއަކީ ވާރުލޫ އާއިލާއެއްގެ ކުއްޖެކެވެ. އެކަމަކު ބުނަންހެއްޔެވެ. އަންހެނަކާ ފިރިހެނަކާ އެކަކުއަނެކަކަށް ފިކުރާ ކުރުވުމަކީ އެހެންބަޔަކަށް ކުރުވޭނޭކަމެއް ނޫނެވެ. އެކަންވެވޭނީ ހަމަ އެބަޔަކަށެވެ. ބަޔަކު އުޅެގެން ދެމީހެއްގެ ކައިވެންޏެއް ކުރުވުނުނަމަވެސް އެ ދެމީހެއްގެ ފިކުރާވުމާއި ރަނގަޅު ދިރިއުޅުމެއްގެ ވިސްނުމެއް ނެތިއްޔާ ގިނަފަހަރަށް އެކަންވާނީ ބޮޑު ދެރައަކަށެވެ. އަނެއްކާ އެ މީހަކާއި ފިކުރާނުވާ އަންހެނަކާއި އިދެފިނަމަ އެ އަންހެނަކު ރިއްސަށް ލޯ ނުލާނެކަމެއްވެސް ނޭނގޭނެއެވެ. ވީމާ މިކަންކަމަށްވެސް ވިސްނާލަންވާނެއެވެ.

ރިއްސަށް ލޯލުމަކީ ހަލާލު ދަރިއެއްކަމަށް ބަފައި ގަބޫލުކުރުމާއެކުވެސް އެހެންމީހެއްގެ ދަރިއެއްކަމަށް ޝައްކުވާނޭ ގޮތްތައް ހުރެގެން ބުނެއުޅޭ މަޖާޒީބަހެކެވެ.

ދޮންދީދީގެ ނަސޭހަތް މިގޮތަށް ހުރުމާއި ޚަދީޖާގެ ކަންތައް ހުރިގޮތުން ހުސޭނަށް އަލިމަގެއް ނުފެނުނެވެ. ލިބުނީ ހިތްދަތިކަމާއި ވޭނެވެ. ކުޑަމިނުން ހުސޭނާއި އަނގައިން ބުނެލުމެއްވެސް ޚަދީޖާގެ ނެތީއެވެ. ފެންނައިރަށް ފޫހިގޮތަކަށް އެކަހެރިވެލަނީއެވެ. މިގޮތަށް އަލިމަގެއް ނުފެނި ދޮޅު މަސްދުވަހަށްވުރެ  ގިނަދުވަސްވީމާ ހުސޭނު ނިންމީ ދެން އެންމެއަވަހަށް މިރަށުން ފުރާ އޮޑިއަކުން  އަވަހަށް މާލެދާށެވެ.

މާލެދަތުރު ގާތްވެފައިވަނިކޮށް އެރަށުގެ މުސްކުޅިފުރައިގެ މީހަކު އެއްދުވަހަކު ހުސޭނާ ބައްދަލުކުރި އެވެ. އެއީ އޭނާ ދެކިއުޅޭ މީހެކެވެ. އެމީހާ ބުންޏެވެ. ހުސޭނު ހިތުލައިގެން ތިޔައުޅޭ ކަންތައް އަހަންނަށްވެސް އެނގެއެވެ. ކަންކުރެވޭނީ ހިތްވަރާއެކު އެކަމަކާއި އުޅެގެންނެވެ. ނޫޅެ ނުވާނެއެވެ. ތިޔައީ ފިރިހެނުންގެ ގޮތެއްނޫނެވެ. ހުސޭނަށްވެސް މިވަރު އެނގެންވާނެއެވެ. ހުސޭނު ދެކެ ޚަދީޖާ ފިކުރާނުވާކަން އެނގެނީ ކިހިނެއްހެއްޔެވެ. އަންހެނުންނަކީ ވަރަށް ފާޑެއްގެ ބަޔެކެވެ. އެމީހުންގެ ހިތުގައި އޮންނަ އެއްޗެއް އެހެންމީހަކަށް ނޭނގޭނެއެވެ. މަށަށް ހީވަނީ ޚަދީޖާވެސް ހުސޭނާ ރުހޭހެންނެވެ. އިނުމަކީ ދެން ތިޔަ ދެމީހުންގެ ކަމެއްތާއެވެ. މާލެ ފުރުމުގެކުރިން އަޅެ އޭނާއާ ބައްދަލުކޮށްލަން އުޅެބަލާށެވެ. މިކަމުގައި އަހަރެންގެ އެހީތެރިވާނަމެވެ.

މުސްކުޅިބޭބެގެ އެހީތެރިކަމާއެކު ޚަދީޖާއާއި ބައްދަލުވެވިއްޖެއެވެ. އެކަމަކު ޚަދީޖާ ހުރީ އެބޭބެ ބަޔާންކުރި ކަހަލަ ރުހޭ މޫޑެއްގައެއް ނޫނެވެ. އެމޫޑެއްނެތެވެ. ޚަދީޖާ ބުންޏެވެ. މީހުންގެ ކައިރީގައި ކިޔައިގެން މަގޭ ރުހުން ހުސޭނަށް ލިބިދާނެކަމަށް ހީވަނީހެއްޔެވެ. އެއީ އެހެން މީހަކަށް  ކުރެވޭނޭ ކަމެއްހެއްޔެވެ. ފިރިހެނުންނަށް އެމީހުންނަކީ ފިރިހެނުންކަން ނޭނގެންޏާ ރަނގަޅުވާނީ ކަނޑިއްކެއް އަނދެގެން ބޮނބިތަޅަން ގޮނޑުދޮށުގައި އުޅުނިއްޔާއެވެ. އޭރުން އެއީ ފިރިހެނެއްކަން އެހެން ބަޔަކަށްވެސް ނޭނގޭނެއެވެ.

ޚަދީޖާއޭ ކިޔައިގެން މުސްކުޅިބޭބެ ދެއްކި ވާހަކަތަކަށް ބަލާއިރު މިފެންނަނީ ކޮން ކަމެއްހެއްޔެވެ. އެ ބޭބެ ކިޔައިދިންގޮތާއި ދިމާ އިދިކޮޅަށް ސީދާ ޚަދީޖާގެ މިވާހަކަތައް ހުސޭނަށް އިވުމުން އޭނާއަށް ވާނެގޮތް ކިޔައިދިނުމަކީ އެހެންމީހަކަށް ނުކުރެވޭނެ ކަމެކެވެ. ހުސޭނަށް ވާނޭގޮތުގެ އެންމެގާތް މިސާލަކަށް ވާނީ ހަތަރު އުދަރެސް ފެނުޖެހި ދުނިޔެ ރެވިއޮށަކަށްވުރެ ވެސް ކުޑަވުމޭ ބުނުމެވެ. އެހާވެސް އޭނާއަށް ދުނިޔެ ކުޑަވެއްޖެއެވެ. ނަމަވެސް ވާހަކަދައްކައިލުމަށް މިލިބުނު ފުރުޞަތުގެ ބޭނުންހިފުމަށް ހުސޭނު ހިތްވަރުކުރިއެވެ. އޭނާ ބުންޏެވެ. އަހަރެންބޭނުމީ ޚަދީޖާއާއި އިދެގެން ރަނގަޅު ދިރިއުޅުމެއް އުޅޭށެވެ. ބައެއްމީހުން އެއުޅޭހެން ނަމެއްގައި އިނދެގެން އުޅޭކަށް އަހަރެން ބޭނުމެއްނޫނެވެ. އަދި އިނދެފައި ދޫކޮށްލާކަށްވެސް ނެތީމެވެ. މިދިޔަ ހުރިހާ ދުވަހެއް މިދިޔައީވެސް ޚަދީޖާގެ އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. ނަމަވެސް ޚަދީޖާ މިކަންކުރަން ނެތިއްޔަކާ އަހަރެންނަށް އެކަނި މިކަމެއްނުވާނެތާއެވެ. އަހަރެންނަށް ޖެހޭނީ އެނބުރި މާލެ ދާށެވެ.

ހުސޭނުގެ ވާހަކައަށް ޚަދީޖާ ޖަވާބުދިނީ ހަމަ ކުރީގެ ނުރުހޭ މޫޑުގައެވެ.  އެމީހަކާއި ފިކުރާނުވާ އަންހެނަކާއި އިދެފިނަމަ އެއަންހެނަކު ރިއްސަށް ލޯ ނުލާނެކަމެއްވެސް ނޭނގޭނެޔޭ ދޮންދީދީވެސް ވިދާޅުވި ނޫންހެއްޔެވެ. އެހެންވީއިރު ހުސޭނާ އަހަރެން ފިކުރާ ނުވަންޏާ އިނދެގެން ވާނީވެސް އެހެންނޫންހެއްޔެވެ. އެގޮތް ރަނގަޅުހެއްޔެވެ.

ހުސޭނަށް ބުނެވުނީ މިހެންނެވެ. ޚަދީޖާއަކީ އެކަހަލަ ވިޔާނުދާކަމެއް ކުރާނޭ ކުއްޖެއް ކަމަށް އަހަރެން ގަބޫލުނުކުރަމެވެ. ޚަދީޖާ ބުންޏެވެ. އެހެންދޯއެވެ. އަހަރެންނަކީ އިނދެގެން އެކަހަލަ ވިޔާނުދާކަމެއް ކުރާނޭ އަންހެނަކަށް ނުވާނެޔޭ ބުނާއިރު މިހާރު މިއިނީ ކިހިނެއްކަމެއްވެސް ނޭނގޭ ނޫންހެއްޔެވެ.  އެމީހަކާއި ފިކުރާނުވާ އަންހެނަކާއި އިންނަން އުޅޭއިރު އެއަންހެނަކު ރިއްސަށް ލޯލައިފައި ނޯންނާނެކަމެއްވެސް ނޭނގޭނެއެވެ. މިފަހަރުވެސް ހުސޭނަށް ބުނެވުނީ ތިޔައީ އެކަހަލަ ވިޔާނުދާކަމެއް ކުރާނޭ އަންހެންކުއްޖެއް ކަމަށް އަހަރެން ގަބޫލުނުކުރަމެވެ.

ހުސޭނާއި ޚަދީޖާގެ މިވާހަކަތަކުގެ ދުވަސްކޮޅެއްގެ ފަހުން އެދެމީހުންގެ ކައިވެނިކުރިއެވެ. ކޮންމެ ވާހަކައެއް ކޮންމެގޮތަކަށް ކުރިން ޚަދީޖާ ދެއްކިނަމަވެސް ހުސޭނަށް ޚަދީޖާއާއި ކައިވެނިކުރެވުނީ އޭނާގެ ފިކުރާވުމާއި ގަބޫލުގައެވެ. ކައިވެނީގެ ކުރިން ގުޅުމެއްނެތިއެވެ. ޚަދީޖާގެ ފަރާތުން ހުސޭނަށް ކުރިން ފެނުނީ އޭނާގެ އަސްލުގޮތެއް ނޫނެވެ. ހެދި ގޮތެކެވެ. ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަން އޭނާ އިސްކުރީއެވެ. އަދި ކައިވެނިކުރިއިރު ރިއްސަށް ލޯލުމެއްވެސް ނެތެވެ. ކައިވެނިކުރިއިރު ޚަދީޖާއަކީ ކައިވެންޏަށް ހަށި ހުއްދަ ހާލަތުގައި އިން އަންހެނެކެވެ. މިދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބުނީ ވެސް ކައިވެންޏަށް ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. އޭގެފަހުން އެދެމަފިރިންނަށް އިތުރު ދަރިންވެސް ލިބި އާއިލާ އުފެދިފައިވެއެވެ. ހުސޭނާއި ޚަދީޖާގެ ކައިވެނިކުރެވުނީ ޚަދީޖާގެ މައިންބަފައިންގެ ރުހުމާއި ފުރިހަމަ އެނގުން އޮވެގެންނެވެ. އަދި ހުސޭނުގެ އެވަގުތުގެ ބަލަދުވެރިންކަމަށްވާ ދިޔަދޫ ދީދީގެ ތިމާގެ ބޭފުޅުންގެ ރުހުމާއި އެނގުންވެސް އޮވެގެންނެވެ.

ހުސޭނު މާލެ ފުރަންވުމުން އެމީހުންގެ ކައިވެނިކޮށްދެއްވި ނާއިބުތަކުރުފާނުގެ ގެއަށްގޮސް އެތަކުރުފާނާއި ބައްދަލުކޮށް ހިތްހެޔޮކަމާއި ގުޅުންތެރިކަމުގެ ޝުއޫރު ފައުޅުކުރިއެވެ. އެ ދުވަހު އޭނާ ސަމާސާގޮތަކަށް ތަކުރުފާނަށް ނަންގަތެވެ.

ތަކުރުފާނެވެ. އެމީހަކާއި ފިކުރާނުވާ އަންހެނަކާއި އިދެފިނަމަ އެއަންހެނަކު ރިއްސަށް ލޯ ނުލާނެކަމެއްވެސް ނޭނގޭނެޔޭ މީހުން.ބުނެއެވެ. އެމީހަކާއި ފިކުރާނުވާ އަންހެނަކާއި އިންނަން އުޅޭއިރު އެއަންހެނަކު ރިއްސަށް ލޯލައިފައި ނޯންނާނެކަމެއްވެސް ނޭނގޭނެ ނޫންތޯއެވެ. އަދި ބަޔަކު އުޅެގެން ދެމީހެއްގެ ކައިވެންޏެއް ކުރުވުނު ނަމަވެސް ރަނގަޅު ދިރިއުޅުމެއްގެ ވިސްނުމެއް ނެތިއްޔާ ގިނަފަހަރަށް އެކަންވެގެންދާނީ ބޮޑު ދެރައަކަށްނޫންތޯއެވެ. ތަކުރުފާނެވެ. ހިތްހެޔޮކުރައްވާށެވެ. އަޅުގަނޑު މާލެދާން މިއަދު ފުރަނީއެވެ. އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެއެވެ.

ހުސޭނަށް ނަސޭހަތްދެއްވި ދޮންދީދީ މިކައިވެނީގެ ފަހުން ވިދާޅުވިކަމަށްވެއެވެ. ތަނަކުން ފެންނަހާ ފިރިހެނަކާ އިންނާކަށްނުވާނެއެވެ. އަދި ތަނަކުން ފެންނަހާ އަންހެނަކާވެސް އިންނާކަށްނުވާނެއެވެ. އެކަމުގައި އެދެމީހަކާއި އެދެމީހެއްގެ މައިންބަފައިންނާއި ބަލަދުވެރިންގެ ވިސްނުމަކާއި ބެލުމާއި ހިފެހެއްޓުމެއްވެސް އޮންނަން ވާނެއެވެ.
                   -----------------
ޢިމާދު ލަޠީފު
07 ޖުލައި 2020މ.