ދިވެހި ރާއްޖެއަށް
އިސްލާމް ދީން ތަޢާރަފުވީ 1153މ. ގަ އެވެ. އެ ދުވަސްވަރު ރާއްޖޭގައި ހުރި ބުދު ދީނުގެ
އެންމެ ބޮޑު "އެދުރުގެ" ހުރީ އަތަމަނަހުރާ އަތޮޅު ނުވަތަ މާލެއަތޮޅު
ކާށިދޫގަ އެވެ. މިޒަމާނުގެ ގޮތުން ނަމަ އެއީ ޔުނިވަރސިޓީއެކެވެ. އެތަނުން ކިޔަވައި ދެނީ ބުދު ދީނެވެ.
އިސްކޮށް ތިބެނީ، ރަތްލާ ޖެހި ބޮޑެތި ހާމުދުރުންނެވެ. ބުދު ދީނުގެ ދަންނަ ބޭކަލުންނެވެ.
ނުވަތަ ފިލޯސަފަރުންނެވެ.
މިވާހަކައިގައި ކިޔާ ގޮތުން އެ ދުވަސްވަރު ބުދު ދީން ކިޔަވައިދޭން ރާއްޖޭގައި ތިބި ބޮޑެތި އުސްތާޛުންނަކީ، އެހާ ތަނަށް ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނާއި ތިމާގެ ބޭފުޅުންނަށް ވީމާ ރާއްޖެ އިސްލާމް ވުމަކުން ވެސް އެ މީހުންނަށް އެއްވެސް ގޯނާއެއް ނުކުރެ އެވެ. ޚާއްޞަކޮށް އިސްލާމް ދީނަކީ އަނިޔާވެރި ކަމަށް ހިތްވަރު ދިނުގެ ބަދަލުގައި އޯގާތެރި ކަމަށް ހިތްވަރުދޭ ދީނަކަށް ވާތީ ނޭއްގާނި ގޮތަކަށް އެ މީހުންނާއި މެދު ކަންތައްތަކެއް ނުހިނގަ އެވެ. އެ މީހުން ތިބި ގޮތަކަށް ތިބެ، ނެތެމުން މުޅީން ހުސްވަންދެން ވެސް އެ މީހުން ތިބީ ރާއްޖޭގަ އެވެ.
އިސްވެދިޔަ ގޮތަށް ކަންކަން ހުރުމުގެ ސަބަބުން އެންމެފަހު ދުވަހާއި ހަމަޔަށް ވެސް ކާށިދޫގައި އެ މީހުން ތިބި ހިސާބުގަނޑު ރައްކާތެރިކޮށް ބަލަހައްޓަމުން ގެންދިޔައީ، އަތަމަނަހުރާ (މާލޭ)ގެ ރަސްކަމުގެ ގަނޑުވަރުންނެވެ. އެކަމަށްޓަކައި އެ ރަށުގައި ތިބޭ ބަޔަކީ ގަނޑުވަރުގެ ޚަރަދުބަރަދު ހިންގުމަށް ބޭނުންވާ ކާއްޓާއި، ދަރާއި އަދި މިނޫން ވެސް އެފަދަ ތަކެތި އެ ރަށުން ގަނޑުވަރަށް ގެންނަ މީހުންނެވެ. އެގޮތުގެ މަތިން ހާމުދުރުންގެ ޒަމާން ނިމުމުން ވެސް ކާށިދޫގެ އެބައި އޮތީ ރަސްކަމުގެ ގަނޑުވަރުގެ ތަނެއްގެގޮތުގަ އެވެ. އެއީ ގަނޑުވަރުގެ ހިންނައެކެވެ.
ކާށިދޫގައި އޮންނަ ގަނޑުވަރުގެ ހިންނަ ބެލެހެއްޓުމާއި ޙަވާލުވެ ހުންނަ މީހާއަކީ ސީދާ ރަސްގެފާނުގެ ފައިންޕުޅު ފެންނަ މީހެކެވެ. އެ މީހަކީ މީހާގެ ފެންވަރުގައި ރަށްވެރިއެއް ކަމަށް ވިއަސް އެއީ ބާރު ގަދަ މީހެކެވެ. އެހެން މީހުންގެ އަދަބު އިޙްތިރާމް ލިބިގެންވާ މީހެކެވެ. މިވާހަކައިގައި ކިޔާ ގޮތުން ސުލްޠާން ވަޑީކަލަމިންޖާގެ އެ ދުވަސްވަރު އެ "ހިންނަ" ބަލަހައްޓަން ހުރީ ކާށިދޫގެ މީހެކެވެ. ބުރަކަށީގައި ގުދު ކަމެއް ހުންނާތީ ބައެއް މީހުން އޭނާގެ ވަނަމަކަށް "ކާށިދޫ ގުދުކަލޯ" ކިޔަ އެވެ. މިހެން ވިޔަސް އޭނާގެ ޢާއްމު ނަމަކީ "ކާށިދޫ ކަލޯ"އެވެ. މި ކަލޯއަކީ ވަރަށް ހިތްވަރު ގަދަ ކަމަށް ކަމޭހީކުރާ ފިސާރި ކަންކުރެވޭ މީހެކެވެ.
އޭނާގެ މަސްއޫލިއްޔަތަކީ ކޮންމެ މަހަކު ކާށިދޫ ރަސްހިންނަ ނުވަތަ ކުރު ހިންނައިން ލިބޭ ނަފާ މަހުން މަހަށް އަތަމަނަހުރާ (މާލޭ)ގެ ރަސްކަމުގެ ގަނޑުވަރާއި ޙަވާލު ކުރުމެވެ. އެ ނަފާ ނުވަތަ އެ ތަކެއްޗެއް ގަނޑުވަރާއި ޙަވާލު ކުރުމަށްފަހު އޭނާއަށް ރަށަށް ފުރޭނީ، ރަސްގެފާނުގެ ފައިންޕުޅު ފެނި ހިސާބު ކިތާބު އަރިސްކޮށް ދެން ވެސް ދަންނަވަން ހުރި ވާހަކައެއް ދެންނެވުމަށް ފަހު މަހާރަދުންގެ ހުއްދަ ވިދާބަސްފުޅު ލިބިގެންނެވެ. އޭނާ އަތަމަނަހުރާގައި ހުންނަ ދުވަސްތަކުގައި ނިދަން ހަމަޖެހިފައި ވަނީ ރަސްކަމުގެ ގަނޑުވަރުގެ ކުޑަ އަށީގަ އެވެ. އެއީ، މަހާރަދުން ވަދެ ނިކުމެ ވަޑައިގެން އުޅުއްވާ ދޮރުކޮޅެއްގެ އެއް ފަރާތުގައި ހުންނަ އައްޓެކެވެ.
ކާށިދޫ ކަލޯ އަތަމަނަހުރާ (މާލޭ)ގައި ހުންނަ ދުވަސްވަރު އާދަވެ ކޮންމެ ދުވަހަކު ވެސް އެންވޭރު (ހެންވޭރު) މަސްވެރިންގެ އަތިރިމައްޗަށް ނިކުމެ އުޅެ އެވެ. މިހެންވުމުން ހުރިހާ މަސްވެރިން ވެސް ކާށިދޫ ކަލޯ ދަނެ އެވެ. ރައްޓެހި ރަހުމަތްތެރި ކަން އޮވެ އެވެ. ކާށިދޫ ކަލޯއަކީ ވެސް ފިސާރި ބިޑު ބޭކަލަކަށް ވެސް ވާތީ އެވެ. މަސްވެރީންގެ ތެރެއިން ކާށިދޫ ކަލޯ އާއި އެންމެ ގާތް ރައްޓެއްސަކީ ގާމަގު ދޮންކަލޯބެ އެވެ. އެއީ ޖާނުގައި ވަރުހުރި މަޝްހޫރު ކެޔޮޅެކެވެ. ދައްކާ ވާހަކަތަކުގައި ވެސް ފިސާރި "ޓިކާނާ" ހުރި މީހެކެވެ. މިހެންވުމުން އެ ދުވަސްވަރުގެ އަތަމަނަހުރާގެ ހުރިހާ މަސްވެރިން ވެސް އޭނާއަށް ބޯލަނބަ އެވެ. އަތަމަނަހުރާ (މާލޭ)ގެ ނަން މަޝްހޫރު އެންމެ އިސް ކެޔޮޅަށް ވުމުންނެވެ.
ކާށިދޫ ކަލޯއާއި އެންމެ ގިނައިން ވާހަކަ ދައްކާ މީހަކީ ވެސް ގާމަގު ދޮންކަލޯބެއަށް ވުމުން ދެ މީހުން ބައްދަލުވި ދުވަހެއްގައި ދޮންކަލޯބެ ބުންޏެވެ.
"ކަލޯއަކީ މިހާރު މަގޭ ރައްޓެއްސެކެވެ. ވީމާ، ރައްޓެހިކަން އިތުރަށް ބަދަހި ކުރުމަށްޓަކައި މަގޭ ގެއަށް ވެސް ޖައްސާލަންވާނެ ނޫންހެއްޔެވެ؟"
ދޮންކަލޯބެ އެގޮތަށް ބުނުމުން ކާށިދޫ ކަލޯ ވެސް އެކަމަށް އާނބަސް ބުނުމުގެ ގޮތުން "ދެން މިފަހަރަކު ނޫނޭ ދެން އަންނަ ފަހަރަކުން ދާނަމޭ" ބުނެތްޕެވެ.
އެގޮތުގެ މަތީން ކާށިދޫ ކަލޯގެ އިންތިޒާރުގައި ގާމަގު ދޮންކަލޯބެ ހުއްޓާ އަނެއް ދަތުރު ކަލޯ އަތަމަނަހުރަޔަށް އަތުވެއްޖެ އެވެ. ކުރިން އެއްބަސްވެފައި އޮތް ގޮތުގެ މަތިން ކާށިދޫ ކަލޯ ވެސް އޭނާގެ މަސައްކަތް ކުޑައަޑި ކޮށްފައި އެއް ދުވަހަކު ހަވީރު ގާމަގު އަތިރިއަށް ގޮސް ދޮންކަލޯބޭގެ ގެ ހޯދައިގެން ގޮސް އެ ގޯތީގެ ބަކަރިފުޅަލި ގަނޑު ކޮއްޕާލައި ސަލާމް ގޮވައިލުމުން އެ އަޑު އިވިގެން ސަލާމް ބަލައިގަނެ އަވަސް އަވަހަށް ދޮންކަލޯބެ ނުކުމެއްޖެ އެވެ.
ދެން ދެ މީހުން ގޭތެރެއަށް ވަދެ، ކާށިދޫ ކަލޯއަކީ ޚާއްޞަ މެހުމާނަކަށް ވާތީ ރަނގަޅު ނާސްތާއެއް ތައްޔާރު ކުރުމަށް ގޭގެ އަންހެންވެރިންނަށް ދޮންކަލޯބެ އެންގި އެވެ.
މިއަށްފަހު، ދެ މިތުރުން ނާސްތާ ކުރަން އިށީނުމާ އެކު އަތް ދޮއްވުމަށް ކުރައާއި ލޯގަނޑު ހިފައިގެން ބުރުޞޫރަ ރިވެތި ޅަވަރެއްގެ މަންޖެއަކު އަތުވެއްޖެ އެވެ. އެއީ ދިގުނޮޅިލީ ރަންވަންލޮއިގެ ކުރައަކާއި ރަންވަންލޮއިގެ ކޯދޮންނަ ލޯގަނޑެކެވެ. އެ މަންޖެ އެ އެއްޗެތި ގެނެސް ފުރަތަމަ އަށް ކާށިދޫ ކަލޯގެ އަތް ދޮއްވަން ފެންއެޅުމުގެ ތެރޭ ތަންކޮޅެއް ބާރަށް ފެން އޮއްސާލީ ތޯއްޗެކޭ ލޯގަނޑުގައި ޖެހިފައި ފެން ބުރައިގެން ދިޔަ ގޮތުން ކަލޯއަށް އިސް އުފުލައި އެ މަންޖެގެ މޫނަށް ބަލައިލެވުމުން ރަކި ފާޑަކަށް އެ މަންޖެ ހީލާފައި ކުރަން އައި ކަމެއް ނިމުމުން މަންޖެ ހިނގައްޖެ އެވެ.
އެ ޒަމާނަކީ، އަންހެން ކުއްޖަކު ފިރި ފުރާވަރަށް އެރި ނަމަވެސް އެ ކުއްޖަކާއި މީހަކާއި ދެވުމުގެ ކުރިން އުނގަނޑުން މަތި ނިވާކޮށް އުޅުނު ޒަމާނެއް ނޫނެވެ. ދާދި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގެ ރަށްރަށުގައި މިކަން އޮތީ އެ ގޮތަށެވެ. އެ ދުވަސްވަރު އަންހެން ކުއްޖަކު ލިބާސް ލައްވަނީ ވެސް އެ ކުއްޖަކާއި އިންނަ މީހެކެވެ. ނަކަތްތެރީންގެ ނަކަތް ރާއްސަށް ބަލައި ވިރުދުވެރީންގެ ވިރުދުގެ ޢަދަދު ހަމަކޮށް އަދި ރަމަލުވެރީންގެ ފިލާގަނޑުން ގޮޅިތައް ގުނައި ވިޔަ ހެދުމަށްފަހު ހެއު އިރުވަރުގައި ލިބާސް ލެއްވޭނީ ވެސް ކައިވެނިކޮށްގެންނެވެ. އަންހެން ކުއްޖެއްގެ ޢުމުރުން ވިހި ފަންސަވީސް އަހަރު ނުވަތަ އެއަށްވުރެ ޢުމުރު ދޮށި ވިއަސް ކަން އޮންނަނީ އެހެންނެވެ.
ކާށިދޫ ކަލޯގެ އަތް ދޮއްވަން ފެންއެޅުމުގެ ތެރޭ ފެނިގެންދިޔަ މަންޒަރަށް ސަމާލުވެ ހުރުމަށްފަހު، ފުރުޞަތުލިބުމުން ދޮންކަލޯބެ އޭނާގެ ވާހަކަފެށި އެވެ.
"އެއީ މަގޭ
ދޮންކަނބުލޯ އެވެ. އޭނާ އެ ހުރީ، ފިރި ފުރާވަރަށް އަރައި ލިބާހަށް އައިބުވެފަ އެވެ. ނަމަވެސް
ކައިވެންޏެއް ވުމަކުން ނޫނީ އެފަދަ ގޮތެއް (ލިބާސްލެއްވުން) މައްޗެއް ނުވާނެ
އެވެ. މަގޭ އޮތް ހަމައެކަނި އުއްމީދަކީ ވެސް އެ މަންޖެއާ ރަނގަޅު މީހަކު
ކައިވެނިކޮށް ރަނގަޅު ޙަޔާތެއް ވޭތިކުރެވޭތޯ ބެލުމެވެ."
ދޮންކަލޯބެ އެ ބުނި
އެއްޗަކަށް ވިސްނަން އިނުމަށްފަހު އިރުކޮޅަކުން ކަލޯ ބުންޏެވެ.
ދޮންކަލޯބެ އެވެ.
މަހާރަދުންގެ އަރިހުގައި އުޅުނެއް ކަމަކު..................! އަހަރެމެންނަކީ ރަށްފުށުގެ
ބީރައްޓެހިންނެވެ. މި ފުރަ ހުރާގަނޑު (އަތަމަނަހުރާ) ގެ ރަށްވެހީންނެއް ނޫނީމުތާ
އެވެ. ވީއިރު ކުރާނީ ކިޔެއްހެއްޔެވެ؟!
ކަލޯ ބުނި އެއްޗަކުން ދޮންކަލޯބެ ވެސް އޭނާގެ އަމިއްލަ ސިޔަރަތުގެ ބައެއް ނިއުޅާލައިފި އެވެ.
"މަގޭ
ކާފައަކީ ވެސް މި ހުރާ (އަތަމަނަހުރާ)ގެ މީހެއް ނޫނެވެ. އެ އޮތް ފެންނަ ހުޅުލޭގެ މީހެކެވެ.
ކާފައަށް މި ހުރަޔަށް އާދެވުނީ ދިމާވި ގޮތަކުންނެވެ. ކާފަ ބުނަނީ މިރާއްޖޭގެ މީހުންގެ ތެރެއިން
މިހާރު އޮތް ދީނަށް (އިސްލާމް ދީނަށް) އެންމެ ފުރަތަމަ އެއްބަސްވެ ވަޑައިގަތީ
އެއިރު ހުންނެވި މަހާރަދުން ކަމަށާއި، ދެން އެއަށްފަހު އެހެން މީހުން ކަމަށެވެ. ކާފަގެ
ކާފައަކީ ވެސް ކެޔޮޅެކެވެ. ކާފަ ބުނީ އެ ދުވަސްވަރު މިރަށުގައި އުޅެނީ
"ދޮޅަކަށް ހިޔައަށް ވުރެ ތަންކޮޅެއް ގިނަ މީހުން"ނެވެ. ކުރިން
މިރަށުގައި ބެހެއްޓި މިސްކިތް ބައުވެ ހުންނާން ނެތިގެން، އެހެން މިސްކިތެއް
ބަހައްޓަން މި ހިސާބުގެ ރަށްރަށުގެ މީހުން އާނުގަނޑުން ކެނޑި ގަލާއި ދަނޑި ފަން
ގެނެސް އެ މަސައްކަތް ކުރިއިރު ކާފައަކީ އެކަމުގައި އިސްކޮށް އުޅުނު މީހެކެވެ. އެ
މަސައްކަތް ނިމުމުން މަހާރަދުން ކާފައަށް ވިދާޅުވިއޭ، ހުސޭނާވޭ މިރަށުގައި ހުސޭނު
ހުރިއްޔާ ވާނީފަހެ ކިޔެއްހޭ؟ ހުންނަން ބޭނުމިއްޔާ ގެގަނޑެއް ޖަހައިގެން
އުޅުނަސް ވަރިހަމަޔޭ އަހުރެން އެ ކަމަށް ރުއްސަވައިފީމޭ. މަހާރަދުން އެގޮތަށް
ވިދާޅުވުމުގެ ފަހަށް މި ގާމަގު އަތިރިން އެއްގަމަށް ދޮޅަސް ބަމަ ދޫކޮށް
އެއްގަމުގައި މި ގެ ބެހެއްޓިއްޔެވެ. ކާފަ މަރުވިތާ ވެސް މިހާރު ހަޔެއްކަ ދޮޅަސް
އަހަރު ވެދާނެޔޭ ބައްޕަމަރުވީ ދާދި މިދާކަށް ދުވަހު އެވެ."
މިހާ ހިސާބުން ކަލޯ ބުންޏެވެ.
"މިހާރު އެއޮތްގެން
އިރު ފެނަށް ދަނީޔޭ، އަހަރެން ދެން ދަނިއްޔޭ، މަހާރަދުން ފަރީއްކުޅުއްވައިގެން
ނިކުމެ ވަޑައިގަންނަވާ އިރު ކުޑަ އަށީގައި މަ ނެތިއްޔާ ލާހިކެއް ނުވާހުއްޓޭ، ދެން
ބައްދަލު ވާނީ އަނެއް ދަތުރުގަޔޭ، މާދަމާ ހުރެފައި އަނެއް ދުވަހު ފުރާނަމޭ"
މިހެންބުނެފައި ސަލާމްކޮށް
ކަލޯ ހިނގައިގަތުމުން، ދޮންކަލޯބެ ވެސް ފަހަތުން ގޮސް ބަކަރިފުޅަލި ގަނޑު
ލައްޕާލާފައި ގޭތެރެއަށް ވަނީ އެވެ.
ދޮންކަލޯބެ ގޭތެރެއަށް ވެދެފައި ގޮވައިލިޔޭ "މަންޖޭ ދޮންކަނބުލޯވޭ އާދެބަލަހަރޭ!"
ދެން އެކުއްޖާ އައުމުން ބުނެތްޕެވެ.
"ކަނބުލޯވޭ، އެ ދިޔަ ކަލޯއަކީ މަހާރަދުންނާއި އަރިސްކަން ބޮޑު ރަނގަޅު މީހެކޭ،
މިކަމަށް ކަނބުލޯ ވިސްނިއްޔާ ކިޔެއްހޭ، އެއީ ކަނބުލޯ ގޮވައިގެން ހަމަ އެންމެ ރަނގަޅު
ދިރިއުޅުމެއް ވެސް އުޅެވިދާނެ ލަފާދާރު މީހެކޭ ބަފާ އެބަ ހީކުރަމުއޭ، މިކަން ކުރަން
ބަފަޔަށް ފެނެޔޭ، ކަނބުލޯއަށް ފިސާރި ފާގަތި ވާނެތޭ، ގޭތެރެ ތަނަވަސް ވާނެޔޭ،
އަންނައުނު ރީތިވާނެ އެވެ."
އެ ކަނބުލޯ ބުންޏެވެ.
"ބައްޕާވޭ، އެޔަކީ
ގުދު .....................!"
މިހާ ހިސާބުން އެ މަންޖެގެ ބަސް މެދުކަނޑުވާލާފައި ދޮންކަނބުލޯ ބުންޏެވެ.
"ކަނބުލޯވޭ! ބުދާއި
ގުދާއި އެޔަކީ މާ އިހުގެ ކަމެކޭ، ކިޔެއްހޭ އެޔަކީ އެ ކަލޯ އަމިއްލަ އަމިއްލަޔަށް
ކުރިކަމެއް ވެސް ނޫނޭ، ބޮޑުސުވާމީންގެ އިރާދަފުޅާ އެކު ވެނިމިފައިވާ ކަމެކޭ،
އެހެންނާ އެޔަކީ ކޮންމެހެން އެ މީހާގެ ފުށުން އަނެކާއަށް ނަގުލުވާ ކަމެއް ވެސް
ނޫނިއްޔާއޭ، ބަފައި މިބުނިކަން ކަނބުލޯ ވާނީ ކުރަހަރޭ، މަންމަ ގާތަށް ބަދިގެ ފަރާތަށް
ދާން އުޅެހަރޭ ބަފާ މިދަނީ ދޯނިދޮށަށެވެ."
ކަލޯ އެދިޔަ ގޮތަށް ގޮސް ގަނޑުވަރަށް ވަދެ ދަތްދޮޅީގައި އަތް ވިއްދައިގެން ކުޑަ އަށީގައި
ޒާތެއްގެ ފިކުރެއްގައި އެބަ އިނެވެ. އެގޮތަށް އިނދެވުނީ ކިހާ އިރެއް ވަންދެން
ކަމެއް ނޭގެޔޭ، ކުއްލިއަކަށް މީހާ ފުންމައިގެން ތެދުވީ މަހާރަދުންގެ ފައިންޕުޅުގެ އަޑު
ގާތުން އިވިގެންނެވެ.
މަހާރަދުން ވިދާޅުވިއެވެ.
"ކަލޯއޭ ހާދަބޮޑު
ފިކުރެއްގައި އިންހެން އެބަ ހީވެޔޭ، ރަށުން ދޯންޏެއް އައީހޭ، މައިންބަފައިން ތިބީ ގަދަވެޔޭ އިއްޔެ ބުނީމެއް ނޫންހޭ އަނެއްކާ އެމީހުން ބަލިވެއުޅެނީހޭ،
އެނޫން އެހެން ބަޔަކު ކަލޯގެ ނުތިބޭނެ ނޫންހޭ؟ އަނތްބެއް ދަރިއެއް އަދި ނެތެއް ނޫންހޭ؟"
މަހާރަދުންގެ ދެފައިންޕުޅުގައި އަތް ޖައްސާލާފައި ތެދުވެ ނިތް ކުރީގައި އަތް ޖައްސާލާފައި ކަލޯ ދެންނެވިއެވެ.
"މަސާހިބާވޭ! އެކަހަލަ
އެއްވެސް ކަމެއް ނިކަމެތި އަޅާއަށް ވީކީ ނޫނޭ، ހަމަ އިނދެވުނިއްޔެވެ."
މަހާރަދުން ވިދާޅުވިއެވެ.
"އެހެންނަކުން
ނުވާނެޔޭ ކޮންމެވެސް ކަމެއް ވެއްޖެޔޭ، ރަށަށް ދެވޭލެއް ލަސްވީހޭ؟ ވާނީ ވީ ކަމެއްތާއޭ،
އެކަމަކީ ފުރާވަރުގެ ޅަދޮނޅު ކުއްޖަކު ކަލޯއަށް ފަހެ، ދެރަ ބަހެއް ބުނީހެއްޔޭ،
އެކަމެއް އެނގޭނީ ވެސް ބުނީމާ ނޫންހޭ، މީހަކާ އިންނަންވީ ދޮތައޭ، އެކަމަކު އެކަމެއް އޮތް ނަމަ
އޭގެ ކުރީން އެ މަންޖެއަކު ވާނީ، އަހަރެމެން ދެމަފިރިން ވެސް ބަލައިލާށޭ، ލަފާ
ނުލަފަޔާއި ރަނގަޅު ނުރަނގަޅު އެނގޭނީ ބެލީމައެއް ނޫންހޭ، އެ މަންޖެއަކު ގެންނަން
އުޅެހަރޭ،
މަހާރަދުންގެ ވިދާޅު ބަސްފުޅު ހުރި ގޮތުން ކަލޯ ވަރަށް ރަކިވެ އިސްދަށަށް ޖެހުނެވެ. އަދި ދެންނެވި އެވެ.
"މަސާހިބާވޭ،
ކޮންމެހެން މުޅިން އެހެންނަކުން ވެސް ނޫނޭ، ހުއްދަ ވިދާޅު ބަސްފުޅު ދެއްވައިފިނަމަ މާދަމާ ފުރާން ކަމަށޭ، ހިންނަ
ބަލަހައްޓާނޭ އެހެން މީހަކު ވެސް ނެތޭ، އެކަމަކު މަސާހިބާގެ ތިޔަ ހުންނެވި
ތޫނުފިލި ކަމަކާއި ދެނެވަޑައިގަތުމުގެ ވިސްނުންފުޅަކަށް މިއަޅާގެ ޖާނު ގުރުބާނުން
ގުރުބާނޭ، މިއަޅާގެ ތަގުޞީރު މާފު ކުރެއްވުން އެދެމޭ، ދެން އަންނަ ދަތުރެއްގައި އެ
މަންޖެއަކު މަސާހިބާގެ އަރިހަށް ގެނެވޭތޯ އުޅުނިއްޔާ ކިޔެއްތޯއޭ މަސާހިބާގެ
އަރިހުގައި މިދެންނެވުނީ ރަނގަޅަށް ކަމަށް މަސާހިބާގެ ދެނެވަޑައިގަތުން ބޮޑެވެ.
މަހާރަދުން ވިދާޅުވިއެވެ.
"ބަލަބަލަ! މީހަކު
އަނެކާގެ ގާތުގައި ބުނަން ބޭނުންވާ އެއްޗެއް ބުނެވެން އޮންނަނީ އޭނާގެ އަޑުން
އެކަނި ކަމަށް ކަލޯ ހީކުރަނީހޭ، އެހެންނަކުން ނުވާނެޔޭ، ކިޔެއްހޭ އެމީހާގެ
މޫނުމަތިން ފެންނަ ކުލަތަކާއި މީހާގެ ޙަރަކާތްތަކުން ވެސް މީހަކަށް އަނެކާގެ ގާތުގައި
އެއްޗެއް ބުނެވިދާނެޔޭ، ކަލޯއަށް މިއަދު އަހުރެންގެ ގާތުގައި އެއްޗެއް ބުނެވުނީ
މިގޮތުން ކަމެއް ނުދެނެހުރީމުތާއޭ، އާނއާނ! ދެން މާދަމާ ފުރިޔަސް އެންމެ ރަނގަޅޭ،
އަންނައިރު އެއްކަލަ އަތިރީ ރުކުން ކުރުނބާ ގެންނައްޗެވެ."
ކާށިދޫ ކަލޯ "އާދޭހޭ" ދަންނަވައި މަހާރަދުންގެ ފައިންޕުޅުގައި ހިފައި ކުރުނީސް ކޮށްފައި ކާށިދޫއަށް ފުރުމަށްޓަކައި ދޯންޏަށް ދާން ގަނޑުވަރުން ނުކުމެއްޖެ އެވެ.
ކާށިދުއަށް ގޮސް ކުރަންހުރި ކަމެއް ކޮށް އަނެއްދަތުރު ކާށިދޫ ކަލޯ އެނބުރި މާލެއަށް އައިއިރު މަހާރަދުން ވަނީ، ކައިވެނީގެ ތިންގަޑެއްޗާއި، އެޔާވާނެ އެހެނިހެން ސާމާނު ވެސް ތައްޔާރު ކުރައްވާފަ އެވެ. ވުމާއެކު، އެ ތަކެތި ގާމަގު ދޮންކަލޯބެގެ ގެއަށް ގެންގޮސް ގަނޑުވަރުގެ އާދަކާދަ ތަކާއި އެ ތާނގައި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ވެސް އެ ގޭގެ އެންމެނަށް ޚާއްޞަކޮށް އެގޭ ދޮންކަނބުލޯއަށް ކަލޯ ކިޔައިދިނުމަށް ފަހު މިރޭ ޢިޝާގެ ފަހުން މަހާރަދުންގެ ދެކަނބަލުންގެ ފައިންޕުޅު ދެކެން ގަނޑުވަރަށް ދާން ޖެހެޔޭ، ބަލައި އަންނާނަމޭ، ބުނެފައި ކަލޯ ދިޔައީ އެވެ.
އެ ރޭ ޢިޝާގެ ފަހުން ދޮންކަލޯބެ ގެޔަށް ކާށިދޫ ކަލޯ ހިނގައްޖެ އެވެ. އެއިރު ދޮންކަނބުލޯގެ ދެމައިން ތިބީ ގަނޑުވަރަށް ދާން ތައްޔާރުވެގެންނެވެ. އެ ގެއަށް ވަދެ ދޮންކަނބުލޯ ފެނުމާއެކު ކާށިދޫ ކަލޯއަށް ވީގޮތެއް އެނގޭނީ ހަމަ އެ ކަލޯ ނޫން ދެވަނަ އެހެން މީހަކަށް ނޫނޭ މީހުން ބުނެ އެވެ. ރަސްކަމުގެ ގަނޑުވަރުން ގެނައި އެއްޗެތީން ޒީނަތްތެރިވެ ހުރި ދޮންކަނބުލޯ ފެނުމުން ކަލޯގެ ހިތަށްއެރި އެވެ.
މިވަރުގެ ރީތި ފުރާ ފުރިހަމަ ލޫޅާފަތި ޅަދޮން ޅަނބާޅަ ދެވަނަ އަންހެން ޞޫރައެއް މި
"އަތަމަނަހުރާ" ގައި ނެތްއިރު، ކާށިދުއަށް އުފަން މަކަހަލަ މީހަކަށް ކުރެވެން މިއުޅެނީ
ފަހެ، ކިޔެއްހެއްޔެވެ!؟ އަނެއްކާ މިއީ ކަމުފޮޅައި ދާނެ ކަމެއް ހެއްޔެވެ.
ކަމުފޮޅުމަކީ، (1)ތަނަވަސްކަމެއް ޙާޞިލުވުން. (2) ބޭނުންކަމެއްވުން. (3) ބޭނުންހިފޭގޮތްވުން. – ދިވެހިބަހުގެ ރަދީފު
ދޮންކަނބުލޯގެ ދެމައިން ގަނޑުވަރަށް ދާން ތައްޔާރުވެގެން ތިބުމާއެކު އަންނަހަރޭ،
ބުނެފައި ކާށިދޫ ކަލޯ ހިނގައިގަތުމުން އޭނާގެ ފަހަތުން އެ ދެމައިން ވެސް ގަނޑުވަރަށް
ދިޔައޫ އެވެ. އެއަށްފަހު ގިނައިރެއް ނުވެ އެ ދެމައިންނާއި ކާށިދޫ ކަލޯ ތިބި ތަނަށް
މަހާރަދުންގެ ދެ ކަނބަލުން ނުކުމެވަޑައިގަތުމުން އެ އެންމެތަކުން އަދަބު ތަޢުޡީމު
އަދާކޮށް މަހާރަދުންނަށް ކުރުނީސް ކުރުމަށްފަހު މަހާރަދުންގެ ދެކަނބަލުން ވެސް
އެބައިމީހުންނާއި ބައެއް ވާހަކަފުޅު ދެއްކެވި އެވެ.
މިއަށްފަހު އެ މީހުން އެނބުރި ދިޔުމުގެ އިޛުނަ ދެއްވުމުން ދޮންކަނބުލޯގެ ދެމައިން ގެޔަށް ގެންގޮސްފައި ކާށިދޫ ކަލޯ ގަނޑުވަރަށް އައިސް މަހާރަދުންގެ ފައިންޕުޅު ދުށުމުން މަހާރަދުން ވިދާޅުވި އެވެ.
"ކަލޯވޭ، ކަލޯއަށް
ތިޔަކަމެއް ފަހަކުން ހިއްޗެއް ނުވާނެހޭ ފެންނަނީ ކިހިނެއް ހެއްޔެވެ؟"
ކާށިދޫ ކަލޯ ދެންނެވިއެވެ.
"މަސާހިބާވޭ، އެ
މަންޖެގެ ބަފާ ދޮންކަލޯބެ މިއަޅާއަށް ހަމަ އެންމެ ރަނގަޅަށް ކަމޭ ހީކުރެޔޭ ހީވެ
އެވެ. ކުރާ ކަމެއް މިކުރަނީ ވެސް ދޮންކަލޯބެ އެކަމަށް އަތްބާރު ލައިގެންނޭ، އެ
މަންޖެ ވެސް ވަކި ހަރާންކޯރެއް ވާނެހެން އަދި ހިޔެއް ނުވެޔޭ، އެކަމަކު މަސާހިބާގެ
ނިންމެވުމާއި އަމުރުފުޅުގެ ކުރިޔަކަށް ނިކަމެތި އަޅާގެ އިޚުތިޔާރެއް
ނުވާނެތެވެ."
މަހާރަދުން ވިދާޅުވި އެވެ.
"އާނ! އެންމެ ރަނގަޅޭ،
ކަލޯ ތިޔަ ކަމަށް ރުހެންޏާއި، ދެން އޮތީ ގޮތް ބަލާލުން ދޮތައޭ، ހުކުރު ވިލޭރެއަށް
ތައްޔާރު ކުރާން އުޅެހަރޭ."
ކޮންމެއަކަސް ކައިވެނީގެ ކަންޒޫރި ތައްޔާރުކޮށް ޖެހިގެންއައި ހުކުރު ވިލޭރޭ މަހާރަދުންގެ ގަނޑުވަރުގައި "އަތަމަނަހުރާގެ ގާމަގު ދޮންކަލޯބޭގެ ދޮންކަނބުލޯ އާއި، ކާށިދޫ ކަލޯގެ ކައިވެނިކޮށް ދެއްވައިފިޔޭ، ކައިވެނިކޮށްދެއްވީ އުއްތަމަ ޕަޑިޔާރީންނެވެ.
މި ކައިވެންޏަށް ފަހު،
ގާމަގު ދޮންކަލޯބެގެ ގޯއްޗަށް ތަނަވަސް ކަމާއި ތިޔާގި ކަން އޮހި އެ ގޯއްޗަކީ
އަވަށްޓެރީންނަށް ވެސް ހެޔޮ ފޯރުވާ ތަނަކަށް ވެއްޖެ އެވެ. ކައިވެންޏަށް ފަހު
ކޮންމެ ރެޔަކު ވެސް ދޮންކަނބުލޯ ކަފު ޖަހައިގެން ކާށިދޫ ކަލޯ ގަނޑުވަރަށް ހިނގާ
މަންޒަރު ދެކެން ފުރާވަރު ޢުމުރުގެ ފިރިހެން ކުދިން ތިބެތެވެ.
ކާށިދޫ ކަލޯގެ ކައިވެންޏަށް ފަހު، އަތަމަނަހުރާގެ ބައެއް ކުދީން ވެސް ދޮންކަނބުލޯއާއި ދިމާވެއްޖެ ނަމަ ކުޑާއިކޮށް ތުނބުން ފުމެ، ހާދަ ނަލައޭ، ހާދަ ފަރިޔޭ، ހާދަ ރީތި ހިނގުމެކޭ، އަހަރެންނަށް ލިބުނު ނަމަ ގެންގުޅޭނީ ހާދަ އުފަލުގަޔޭ، އެކަމަކުވާ މަންޖެއަށް ލިބުނީ ކޮންކަހަލަ ފިރިޔެއްހޭ، މަންޖެގެ ދެލޮލަށް ތިޔަހުރީ ފަހެ އުއްސަކުރު ފަންޏާއި ބަޒަބާޒު އެޅިފަހޭ، އެހެން ނޫންނަމަ އަހަރެމެން ވެސް މި ތިބީ ވިއްޔާއޭ، އަންގާލިނަމަ ވަކި ދެރަވާނެ ހެއްޔޭ، މިކަހަލަ އެތައް ބަސްތަކަކުން ދޮންކަނބުލޯގެ ހިތް ތޮރުފަމުން ގެންދާ ގޮތަށް އަދި އެ ތޮރުފާ ތަނެއްގެ ޒަޚަމު ވެސް އިތުރަށް ބޮޑު ކުރަމުން ގެންދިޔަ އެވެ.
މިޔަށްފަހު ދާދި އަވަހަށް ދޮންކަނބުލޯއަށް އެ ވާހަކަތައް ގަބޫލު ވެސް ކުރެވި ކާށިދޫ ކަލޯ އަތަމަނަހުރާގައި ނެތްނަމަ ދޮންކަލޯބެގެ ގޯތީގައި ސޯދަރަށް ދަމާފައި ކައްކައި އަވަށްޓެރީންނާއި، ޅަފުރައިގެ ދެ ވައްތަރުގެ ކުދީންނަށް އަބަދު ވެސް ސުފުރާ ތައްޔާރަށް ހުރެ އެވެ. ގަނޑުވަރުގެ ތަނަވަސްކަން އޮތީ އެގެއަށް ކަނޑު ވަދެފަ އެވެ. މިކަން މި ހިސާބަށް ދިޔައީ އެ ގޯތީ ދޮންކަލޯބެ މަހަށް ގޮސް އުޅެނިކޮށް، ވިއްސާރަ ޖެހި މަހަށް ދިޔަ ދޯންޏާއެކު ގެއްލުނު ފަހުންނެވެ. އެކަމަކު ވެސް އެ ގެއަށް ލިބިފައިވާ ތަނަވަސް ކަމެއްގެ ސަބަބުން ދޮންކަލޯބެއަށް ވީގޮތެއްގެ ހަނދާނެއް ހުރި އެއްވެސް މީހަކު އެގެއަކު ވެސް އަދި އެ ގެއަށް ވަދެނުކުމެ ވެސް ނުއުޅޭ ކަހަލަ އެވެ. މިހެނީ، ދޮންކަނބުލޯ ލަނީ މަހާރެހެންދިގެ ހެދުންކޮޅެވެ. ރެހެންދި ބޭނުންފުޅު ކުރައްވާ ހުވަނދު (މޭމަތީގައި އުނގުޅާ ލާދަން) ދޮންކަނބުލޯއަށް ލިބެ އެވެ. ގަނޑުވަރުން ބާކީވާ ފަރިއްކޮޅު ސުފުރާގެ ބައެއް ވެސް ގެންނަނީ އެ ގެއަށެވެ. ކަން މިހެން ހުރުމާއެކު، މި ކަންކަމީ، ނެތި ހިނގައި ދާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭނީ ކާކަށް ކޮން ގޮތަކުން ހެއްޔެވެ.
ދޮންކަބުލޯއާއި، ކާށިދޫ ކަލޯގެ ކައިވެނީގެ ކުރިން މަހަކު 1 ފަހަރު އަތަމަނަހުރަޔަށް އަންނަ ގޮތަށް ކަލޯ އައިސް އުޅުނުހެން ކައިވެނީގެ ފަހުން ވެސް އެކަން އޮންނަނީ އެ ގޮތަށެވެ. އެއް ފަހަރަކު ކާށިދޫ ރަސް ހިންނައިގައި މާބޮޑު މަސައްކަތް ތަކެއް އޮވެގެން ކާށިދޫ ކަލޯއަށް އާދެވޭނޭ ގޮތެއް ނުވުމުން ގަނޑުވަރަށް ފޮނުވާ ތަކެއްޗާ އެކީ 3 މަހެއްހާ ދުވަހު، (3ފަހަރު) އަތަމަނަހުރަޔަށް ފޮނުވީ ކާށިދޫގެ އެކި މީހުންނެވެ. މިގޮތަށް 3 މަހުގެ ފަހުން ކާށިދޫ ކަލޯ އަތަމަނަހުރަޔަށް އައި ދަތުރު އެ ދެމަފިރިން އެކީގައި ގަނޑުވަރަށް ދިޔަ ވަގުތެއްގައި އެކި އެކި ވާހަކަފުޅު ދެއްކެވުމަށް ފަހު އެންމެ ފަހުގެ ބަސްފުޅަކަށް ކީރިތި މަހާރަދުން ވިދާޅުވި އެވެ.
"ކަލޯ މިފަހަރު ތިޔަ އައީ، ހިޔަ ދުވަހާއި، ތިން ހަތް ދުވަސް ފަހުންތާ އެވެ!
އެކަމަކު މި ހުރިހާ ދުވަހެއް ވެސް ދޮޅުމަސް ދުވަހަށް ވުރެ ގިނަޔެއް ނުވާނޭ ހާދަ
ހީވެޔެވެ."
މަހާރަދުން އެ ވިދާޅުވި ބަސްފުޅެއްގެ މާނަޔަކީކީ ކޮބައި ކަމެއް ކާށިދޫ ކަލޯއަކަށް ނުވިސްނުނެވެ. އެއީ ކަލޯގެ މިޒާޖެވެ. ނުނިޔަތް ލުމެއް ޝައްކު ކުރުމެއް ކަލޯ ނުދަންނާތީވެ އެވެ. ނަމަވެސް މަހާރަދުން އެ ވިދާޅުވި ބަސްފުޅެއްގެ މާނައަކީ ކޮބައިކަން ކާށިދޫ ކަލޯގެ އަނބި ދޮންކަނބުލޯޔަށް ކުޑައިކޮށް ރޭކާލައިފި އެވެ.
ހަމަ އެ ރޭ ގެއަށް ގޮސް ދޮންކަނބުލޯ ބޭނުންވީ ކާށިދޫ ކަލޯގެ ގާތުން ވަރިވާށެވެ. ކަލޯއާއި ގަޔާ ނުވަނީ އެވެ. ވާނީ ވެސް އެހެންތާ އެވެ. ދޮންކަނބުލޯއަށް މާ ރީތި މާ ޒުވާން ކުދީން ވެސް ލިބެން އެބަ ހުއްޓެވެ. ބަފާ އެހާ ބޮޑަށް އެކަމާ ނޫޅުނު ނަމަ އެ ކައިވެންޏެއް ނުވެސް ކުރާނަމޯލަ އެވެ. އަނެއްކާ ބަފާ ދުނިޔޭގައި ނެތް ކަމަށް ވިޔަސް އަދި ކަލޯ އެ ގޯތީގައި ނެތް ކަމަށް ވިޔަސް އެ ގޯއްޗަށް ލިބިފައިވާ ތަނަވަސް ކަން ވެސް ވަކި ކުޑަވާނެ ކަމަކަށް ދޮންކަނބުލޯމެން ދެކެނިއްޔަކީ ނޫނިއްޔާ އެވެ.
އެ ރޭގެ ފަހުން ވެސް ވަރީގެ ވާހަކަ ހުއްޓުމެއް ނެތި ދިގުލަމުން ދާތީ އެންމެ ފަހުން ކާށިދޫ ކަލޯ ބުންޏެވެ.
"އާނއާނ! އަހަރެން މީ
މަހާރަދުންގެ ކާށިދޫ ހިންނަ ބަލަހައްޓާ އެ ރަށުގެ ގުދު ކަލޯ އެވެ. ނަމަވެސް
މަހާރަދުން ވިދާޅުވެގެން ކުރި ކައިވެންޏެއް ރޫޅާލެވޭނީ ވެސް އެ ރަދުންނަށް ދަންނަވައިފައިތާ
އެވެ. އެ ކަން އެބަ ބަލަމެވެ."
ކޮންމެޔަކަސް މަހާރަދުންނަށް އެ ވާހަކަ ކާށިދޫ ކަލޯ ދެންނެވުމުން ރަދުން ވިދާޅު ބަސްފުޅު އިއްވެވި އެވެ.
"ކަލޯއޭ، ކުއްލިއަކަށް ބަޔަކަށް ތަނަވަސް ކަމެއް ލިބުމަކީ، އިހު އުޅުނު ގޮތް
ދާދި އަވަހަށް ބަޔެއް މީހުން ހަނދުމަ ނެތޭ ކަމެކޭ، ތިޔަ ކަމުން ފޭވެ ދުރުވުން ހުއްޓޭ!
"އެއް ދަނޑެއްގައި ގިނަ މީހުން
މުޑުވައް ކޮށްފިއްޔާ، އޭގެ ވެރި ފަރާތް އޮޅޭނެޔޭ"
ދަނޑަކީ ކަލޯގެ ދަނޑެކޭ، މިހެން ވިޔަސް އެ
ދަނޑުގައި މުޑުވައް ކުރީ ގިނަ ބަޔެއް ދޮތައޭ!؟
މަހާރަދުންގެ މިބަސްފުޅާއެކު، ކާށިދޫ ކަލޯ ގާމަގު ދޮންކަލޯބެގެ ގެޔަށް ގޮސް
ދޮންކަނބުލޯ ވަރިކޮށް، ހިޔަ ދުވަހުގެ ކާބޯ ތަކެއްޗާއި، އަންނައުނު ދީ ޚަލާޞްކޮށް
އަދި ކޮއި ބެލުމުގެ ޚަރަދު ވެސް ލިބޭނޭ ގޮތް ހަމަޖައްސާފައި ހިނގައްޖެ އެވެ.
ވާހަކައިގެ
ނިމުން:
ކާށިދޫގައި ހުންނަތާ 3 މަހުގެ ފަހުން ކާށިދޫ ކަލޯ އަތަމަނަހުރަޔަށް އައި ދަތުރު ކަލޯގެ ދެމަފިރިން އެކީގައި ގަނޑުވަރަށް ދިޔަ ވަގުތެއްގައި އެކިއެކި ވާހަކަފުޅު ދެއްކެވުމަށް ފަހު އެންމެފަހުގެ ބަސްފުޅަކަށް ކީރިތި މަހާރަދުން ވިދާޅުވީ،
"ކަލޯ މިފަހަރު ތިޔަ
އައީ، ހިޔަ ދުވަހާއި، ތިން ހަތް ދުވަސް ފަހުންތާ އެވެ! އެކަމަކު މި ހުރިހާ
ދުވަހެއް ވެސް ދޮޅުމަސް ދުވަހަށް ވުރެ ގިނައެއް ނުވާނޭ ހާދަ ހީވެ އެވެ." މިހެންނެވެ.
ހިޔައަކީ 96 އެކެވެ. ތިންހަތް ދުވަހަކީ 21 ދުވަހެވެ.
އައްސުލްޠާން ވަޑީ ކަލަމިންޖާ އެ ވިދާޅުވި ބަސްފުޅުގެ މުރާދަޔަކީ، ކާށިދޫ ކަލޯއާއި އޭނާގެ އަނބި ދޮންކަނބުލޯއާއި ބައްދަލު ނުވެ ކަލޯ ކާށިދޫގައި ހުންނަތާ 117 ދުވަސް (3 މަހާއި 9 ދުވަސް) ފަހުން އެނބުރި އަތަމަނަހުރާ (މާލެ)އަށް އައިސް ދޮންކަނބުލޯއާއި ބައްދަލުވިއިރު ވެސް އެ ކަނބުލޯގެ ބަނޑަށް (ބަލިވެ އިނދެ) ދޮޅު މަހަށް ވުރެ ގިނަ ނުވާނެކަމަށް އެ މަހާރަދުންނަށް ހީފުޅުވާ ވާހަކަ އެވެ.
"އެއްދަނޑެއްގައި ގިނަ މީހުން މުޑުވައްކޮށްފިއްޔާ، އޭގެ ވެރިފަރާތް އޮޅޭނެޔޭ" ސުލްޠާން ވަޑީ ކަލަމިންޖާ އެ ވިދާޅުވީ އެ ކަން އެ ގޮތަށް އޮތުމުންނެވެ. އެއީ ތެދުފުޅަކަށް ވުމުންނެވެ. އެއް ދަނޑެއްގައި ގިނަ މީހުން މުޑުވައް ކޮށްފިއްޔާ އެޔެއް މިޔެއް އެ ގަހު ކޭލެއް މި ގަހު ކޭލެއް ވައްކެއް ނުވެ އޭގެ ވެރި ފަރާތަކީ ކޮބައިކަން ވެސް ނޭނގި އޮޅޭނެތީ އެވެ.
(ނިމުނީ)
ނޯޓް:
މިއީ ތާރީޚީ ފުލޯކު
ވާހަކައެކެވެ. ތާރީޚީ ފުލޯކު ވާހަކައެއް ކަމަށް ބެލީ ދިވެހި ތާރީޚުގެ ވަކި
ދުވަސްވަރަކާއި މިވާހަކަ އާއި ގުޅުވިފައި ވާތީ އެވެ. މިވާހަކައިގައި ކިޔާ ގޮތުން
މިކަމެއް ހިނގާފައި ވަނީ 1213މ. އިން 1213މ. އަށް ރާއްޖޭގެ ރަސްކަން ކުރެއްވި
އައްސުލްޠާން ވަޑީ ކަލަމިންޖާގެ ދުވަސްވަރުގަ އެވެ. މި ރަދުންނަކީ ސުލްޠާން ދިނެއި
ކަލަމިންޖާއާއި ސުލްޠާން ދިހެއި ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. މިހުރިހާ
ބޭފުޅުންނަކީ ވެސް ފަތަހިރިޔާ މާވާކިލެގެ ގެ ބޭފުޅުންނެވެ.
މިކަހަލަ ފުލޯކު ވާހަކަތައް ލިޔެ އަދި ކިޔައި ދިނުމުގައި އެކި މީހުން އެކި ގޮތަށް ލިޔެ ކިޔައިދިން ކަމަށް ވިޔަސް އެ ވާހަކައިގެ އެންމެ ބޮޑު މައިގަނޑު މަފުހޫމަށް ބަދަލެއް ނާދެ އެވެ. އެ މަފުހޫމު އޮންނާނީ އެއް ގޮތަށެވެ. މިގޮތުން މިވާހަކައަށް ވެސް ވާނީ އެ ގޮތެވެ. ވާހަކައިގެ އެންމެބޮޑު މައިގަނޑު މަފުހޫމަށް ބަދަލެއް ނާންނާނެ އެވެ. އެއީ ކާށިދޫ އާދައިގެ މީހަކު އަތަމަނަހުރާ (މާލޭ)ގެ ރީތި ފުރާ ފުރިހަމަ ލޫޅާފަތި ޅަދޮން ޅަނބާޅަ އަންހެން ކުއްޖަކާއި އިނުމަށްފަހު އެ ކަން ވީގޮތެވެ.
"އަތަމަނަހުރާ" އަކީ، ކުރީގެ ދުވަސްވަރެއްގައި މާލެއަށް ކިޔައި އުޅުނު ނަމެކެވެ. މާލޭގެ އަވަށެއް ކަމަށްވާ "ހެންވޭރު"އަށް އެ ދުވަސްވަރު ކިޔަނީ "އެންވޭރު" ކަމަށް އިހުގެ ބައެއް މުސްކުޅިން ބުނެ އެވެ.
"އެން" މިއީ މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އެމެވެ. "ވޭރު"ގެ މާނަ ދޭހަކޮށް ދެނީ: (1) ކުޅި. (2) ފެންގަނޑު. (3) ބުދު ދީނު މީހުން އަޅުކަން ކުރަން ބޭނުން ކުރާ ތަނެއް. މިގޮތަށެވެ. – ދިވެހިބަހުގެ ރަދީފު
ވާހަކައިގެ ޚުލާޞާ
ލިޔުއްވުން:
އަލްމަރުޙޫމް ޢަލީ ނަޞީރު
ޒޫރިޔާގެ/ މަޑަވެލި
އެކުލެވުން:
"ގަލެހިރި"
އެޑްމިން
28 އޯގަސްޓް 2016މ.