ހަވަރުތިނަދޫ ކިޔުނުގޮތާއި ތިނަދޫ ހަނގުރާމަ












ތިނަދޫގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމެއްގެ ގޮތުގައި އެނގެނީ އިސްލާމުންނާއި ކާފަރުން ތިނަދޫގައި ކުރި ހަނގުރާމައެއްގެ ވާހަކައެވެ. މި ހަނގުރާމަ އަކީ، އައްސުލްތާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢްޡަމް ސިރީސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި، މާލެއިން ބަޔަކު (ހަވަރު) ގޮސް ތިނަދޫގައި ކުރި ހަނގުރާމަ އެވެ. ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ގެނެވުނީ މި ހަނގުރާމަ އާއި ގުޅިގެންނެވެ. އުތީމު ރަދުންގެ ރަސްކަމުގައި މާލޭގެ ހަވަރު ތިނަދޫއަށް ގޮސް ކުރި ހަނގުރާމާގައި ވަރަށް ގިނަ ލޭ އޮހޮރުނު ކަމަށް ބުނެވެއެވެ. މާލޭ ހަވަރަކީ އެ ޒަމާނުގައި އޮންނަ ރަސްކަމުގެ ފަރާތުގެ ލަޝްކަރެވެ. މީގައި ހިމެނެނީ ހަ ބައެކެވެ. އެއީ:-

1.  ދޮށިމޭނާވަރު
2. ވެލާނާވަރު
3. ހަކުރާވަރު
4. މާފަތްވަރު
5. ދަހަރާވަރު
6. ފާމުލަދޭރިވަރު

ބައެއް މީހުން ބުނަނީ އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ފަހު، ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގެން އިރު، އެ ރަށުގައި ތިބީ ޣައިރު ދީނުގެ ބައެއް ކަމަށެވެ. މިހެންކަމުން އެ ރަދުން އެ މީހުންނާއި ވާހަކަފުޅު ދައްކަވައި އިސްލާމްދީނަށް ގޮވާލެއްވުމުން އެ މީހުން އިސްލާމްވީ ކަމުގައެވެ. ކޮންމެއަކަސް ދެންވީ ގޮތެއްކަމަށް ބުނެއުޅެނީ އުތީމު ރަދުން ތިނަދޫއިން ފުރާވަޑައިގަތްތާ ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވުމެވެ. މިކަން ބޮޑުވެ، ރަށުގެ މީހުން ހަދާނެ ގޮތެއް ނޭނގިގެން މި ފިކުރުތެރޭ އުޅެނިކޮށް އޭރު މީހުންއުޅުނު ރަށެއްކަމުގައިވާ "ރަހަދޫ"ގައި އިން އަންހެނަކު، "ތިނަދޫގެ ކުދިން މަރުވާ ސަބަބަކީ ކުރިން އެ މީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއް ކަމަށް" ބުނުމުން އަނެއްކާ ތިނަދޫ މީހުން ޣައިރުދީނަށް ވަނީއެވެ. 

މި ޚަބަރު މާލޭގެ ރަސްކަމުގެ ފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ "މަގަށް" އެޅުއްވުމަށް ލަޝްކަރު ފޮނުއްވީއެވެ. މި ލަޝްކަރު އައިސް ކުރި ހަނގުރާމާ ގައި ލޭ އޮހޮރި އެތައް ބަޔަކު މަރުވީކަމަށް ބުނެއުޅެއެވެ. އެ މަރުވީ މީހުންގެ ގަބުރުތައް ކަމަށްބުނާ ގަބުރުތަކެއް ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދާއި ދިމާލުން އެ ސަރަޙައްދުގެ އުތުރު ފަރާތު ގޮނޑުދޮށް ގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެއެވެ. މިހާރު މިތަނަކީ ތިނަދޫ އާއި މާފުއްޓާއި ދޭތެރެ ހިއްކުމުގައި މުޅިން ހިކިފައިވާ ތަނެކެވެ. މި ތާނގައި ވަޅުލެވިފައިވާ ހުންނަ ގަބުރުތައް ހުންނަނީ އެގޮތް މިގޮތަށެވެ. ވަރަށް ބޮޑު ބިޔަމީހުންގެ ހަށިގަނޑުގެ ކަށިވެސް ހުރެއެވެ. އޭރު ތިނަދޫގައި ތިބޭ މުސްކުޅިން ވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ގަބުރުކަމަށެވެ.

 
    ގދ. ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދު - 1966 (ހުޓުކޮޑޭ މިސްކިތް)

ތިނަދޫގެ މިކަންކަމަށް ފަހު، އެ ރަށުގެ ދަނޑުކޮޅާއި، މެދުރުއްގަނޑާއި، ބަރާސީލާއި، ތިނަދޫ މާފުއްޓާއި، ކޫއްޑޫ އާއި، ކާޑެއްދޫ އަކީ، ވެސް މާލޭގެ ހަވަރަށް އޮންނަ ތަންތަންކަން ހަމަޖެހި ހަވަރުގެ ފަރާތުން މި ތަންތަން ތިނަދޫގެ ރައްޔިތުންނަށް ވަރުވާއަށް ދޫކުރިއެވެ. މި ވަރުވާ ނަގައި މާލެ ފޮނުއްވުމަށް ތިނަދޫގައި ހަވަރުގެ ފަރާތުން ބޮޑު ބޭކަލަކު ބެހެއްޓިއެވެ. މިއީ، ތިނަދޫގެ ކަންކަމުގައި ވާރުވެރިއަކަށް އަންގަވާ ކޮންމެ މުޙިއްމު ކަމެއްގެ ކޮޕީ ވެސް މި ބޭކަލަކަށް ފޮނުއްވާ ބޭކަލެކެވެ. މި ބޭކަލަކު މަޝްހޫރުވެފައި ވަނީ ތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. މީނާގެ މުސާރައެއްގެ ގޮތުގައި ރަތަފަންދޫ ކަންނިގިލި ކޮޅާއި ބައެއް އެހެނިހެން ޢިނާޔަތްތައް ސަރުކާރުން ދެއްވާފައި ވެއެވެ. މިދުވަސްވަރު ތިނަދޫގެ ވެރިންނަށް ފަތްކޮޅު ދެއްވަނީ ވެސް ހަވަރުގެ ފަރާތުންނެވެ. މި ފަތްކޮޅަކީ “އަލިފުޖެހި ފަތްކޮޅު” ކިޔާ ފަތްކޮޅެކެވެ.

ތިނަދޫގެ ރައްޔިތުންގެ އަތުން އަހަރަކު އެއްފަހަރު މާލޭގެ ހަވަރަށް ދައްކަންޖެހޭ ތަކެތީގެ ތެރޭގައި 300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި)، 1200 ކުދެވަޓި (ވެށުން)، 1200 ކާޑެއްދޫ ކުނަލާއި، ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި، 16 ބުރި ވަކަވަލާއި، 01 ގޮއި އޮޑީ ބޮއްކުރައަކާއި، ރަށުގެ ކޮންމެ މީހެއްގެ އަތުން 02 ސަމްސާ ކާށިތެޔޮ (25 އަޑުބާ)، އަދި ކޮންމެ މީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެއެވެ.

ތިނަދޫ އަކީ ހަވަރުގެ ރަށަކަށްވުމުން ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ޚާއްސަޞަ ކަންތައްތަކެއް އެ ރަށަށް ހަމަޖެހުނެވެ. އޭގެ ތެރޭގައި އައްޑޫ މުލަކު އޮޑި ފަހަރު މާލެ އާއި ކޮޅުނބަށް ދިއުމަށް އެ އަތޮޅުގެ އެތެރެވަރިއަށް ވަދެގެން ކުރާ ދަތުރުތަކުގައި ކާނޑެއްދޫ ކަނޑުން ވަނުމާއެކު އޮޑިގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރުމާއި ތިނަދޫ މީހުން ނޫން މީހުން ތިނަދޫގައި ހުދުލިބާސް ލައިގެން އުޅުމާއި އަދި މަކަނަށް ފޮށާލައިގެން އުޅުމީ، މަނާ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މީހުންނަށް ޖެހޭ ބަންޑާރަ މަސައްކަތް ތިނަދޫ މީހުންނަށް ނުޖެހުމާއި ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށް ގޮވައިފިނަމަ އޭނާގެ އަތުން ދުރޯ ނެގުމުގެ އިތުރަށް ހަވަރަށް ވެސް ދުރޯއެއް ނަގާނެއެވެ. ދުރޯއަކީ 25 ލާރިއެވެ. އެ ޒަމާނުގައި މިއީ ވަރަށްވެސް ބޮޑު އެއްޗެކެވެ.

މި ހިނގައި ދިޔަ ކަންތައްތަކަށް ބަލައިލާ އިރު، އުފެދިދާނެ ސުވާލުތަކެއްވެސް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެ އިސްލާމްވީތާ އެތަކެއް އަހަރު ވީއިރު ވެސް، ތިނަދޫ އޮތީ ޣައިރު ދީނުގައި ބާވައެވެ. ނުވަތަ އިސްލާމްދީނުގައި އޮއްވާ ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމާއި ގުޅިގެން އަނެއްކާ ވެސް ޣައިރު ދީނަށް އެނބުރުނީ ބާވައެވެ. ޕޯޗުގީޒުންގެ އަނދިރި އަނދިރި އާއި ވިޔަޒޯރު ފަދަ ވެރިޔަކު ނުވަތަ ބަޔަކު ދެކުނުގެ މި ހިސާބުގައި ވެސް އުޅުނީ ބާވައެވެ. އަދި ފުރެތިކާލުންގެ ބަޔަކު ތިނަދޫގައި ތިބެގެން މި ހަނގުރާމައެއް މި ކުރެވުނީ އެ މީހުންނާއި ނޫން ބާވައެވެ. މިކަހަލަ އެތައް ސުވާލުތަކެކެވެ. ބުނެވޭ ގޮތުގައި މާލެ ނުވަތަ ރާއްޖެ އިސްލާމްވީތާ އަހަރުތަކެއް ވީއިރު ވެސް އެކަން ނުފޯރާ ބައެއް އަތޮޅު ރާއްޖޭގައި ހުރިކަމަށް ވެއެވެ. އެއީ އެ ޒަމާނުގައި މުވާޞަލާތާއި ދަތުރުފަތުރުގެ ދަތިކަމާއި އަދި ވެސް ބައެއް އެހެން ސަބަބުތައް ހުރުމުންނެވެ.

މާލެއިން ހަވަރުފަދަ ލަޝްކަރީން ތިނަދޫއަށް ގޮސް މި ހަނގުރާމަ ކުރި އިރު، ތިނަދޫގައި ތިބި ކިތައް މީހުންތޯ ވިސްނައިލުން ހުއްޓެވެ. މީލާދީން 1853 ގައި ތިނަދޫގައި ލާޓް ދަގަނޑު ޖެހި އިރު، ތިނަދޫގައި ތިބީ 500 ވަރަކަށް މީހުންނެވެ. މި މީހުންގެ ތެރޭ އަންހެނުންނާއި ކުޑަކުދިން މުސްކުޅިންނާއި ބަލިމީހުން ވެސް ހިމެނެއެވެ. ވީމާ އޭގެ 260 ވަރަކަށް އަހަރު ކުރިން އުތީމު ރަދުންގެ ރަސްކަމުގައި ތިނަދޫގައި ތިބޭނީ ކިތައް މީހުން ބާވައެވެ. މިހެން ކަމާއެކު މިކުރެވުނު ހަނގުރާމަ އާއި މެދު ބައެއް ފަރާތްތަކުން ދެކެނީ އުތީމުރަދުން ރަސްކަމަށް އިސްވެ ވަޑައިގަތް އިރު، ޕޯޗުގީޒުންގެ ބަޔަކު ނުވަތަ ޣައިރު ދީން ފެތުރުމަށް އެބައިމީހުންގެ ފަރާތުގެ ބަޔަކު ރާއްޖޭގެ އެތަން މިތާނގައި އެ މަސައްކަތް ކުރަމުން ގެންދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ. އުތީމު ރަދުން ތިނަދޫއަށް ވަޑައިގަތްއިރު މިފަދަ ބަޔަކު އެ ރަށުގައި ނެތްކަމާއި އެ ބަޔަކު ތިނަދުއަށް އައީ އެ ރަދުން ފުރާވަޑައިގަތީމާ ކަމަށެވެ. މިހެންކަމުން މި ހަނގުރާމައެއް މި ކުރެވުނީ އެބައިމީހުންނާ ކަމުގައެވެ. އަދި ރަހަދޫގައި އިން އަންހެނަކު ބުނާ ޔޯލަ ބަހަކަށް މި މަތިވެރި އިސްލާމްދީން ދޫކޮށްލާ ވަރަށް ވުރެ، އޭރު ތިބި މީހުންގެ އަޤީދާ ވެސް ވަރުގަދަވާނޭ ކަމަށެވެ. 

އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރު ކުރިން ރާއްޖެ އައި ބޭރުގެ ވިޔަފާރިއެއްގެ ލިޔުމުގައި ވެސް ރާއްޖޭގެ މީހުންނަކީ ޞިއްޙަތު ރަނގަޅު އަދަބުވެރި އަދި ޢަރަބީންގެ ދީނުގައި ތިބި ބައެއް ކަމަށް ލިޔެފައި ވެއެވެ. މީނާ 6 މަސް ދުވަހު ރާއްޖޭގައި ހުއްޓެވެ. މީނާގެ ނަމަކީ، "ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯ" އެވެ. މިވާހަކަ ކުރީގެ "ހުވަދޫއަތޮޅު" މިފޮތުގައި ވެއެވެ.

27 ޖޫން 1979މ. ގައި އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ތިނަދޫގެ ނަމުން "ހަވަރު" ވަނީ، ރަސްމީގޮތުން ވަކިކުރައްވާފައެވެ.
               ------------------

ޢަބުދުﷲ ޙިލްމީ
"ހަވަރު އޮންލައިން"
04 ސެޕްޓެމްބަރ 2009މ.