ދުންބައްތެއްލެން ގެނަހަގެން ދެއްކީ، ބައިސްކޯފެ ފިލްމާ

އެ ދޮހާ ހަވީރެ، ހަވަރެތެނަދޫ ތަންތަންނެން އަޑެ އިބެމުންގެޔައު، އެ ދޮހާ އެ ރަޓަން އާ ދުންބައްތެއްލެން (ލާންޗެން) ގެނާޑެ ބައިސްކޯފެ ފިލްމެ އެތެރެން ފިލްމެކެ މިރެއި ޢިޝާ ނަމާދުގެ ފަހުން ތެނަދޫ ފޮޑަލެ މަގެކެކަމަން ވެނެ، "ޑޭޒީމަގު" ދައްކަންނެއި ކަމަން. ތެނަދޫ އެވޭލޭ ތެއިފަހޭ، ތެއިހައި ބައިކެންނަން ޢާއްމުކޮން ފެނެން ލިކަން. އޭބޫ 17 ރަބީޢުއްވަލް 1379ހ. (20 ސެޕްޓެމްބަރު 1959މ.) ދޮހެޔާ.

   ދުންބައްތެލިން ގެނެސްގެން ދެއްކި، ބައިސްކޯފް ފިލްމް

(އެދުވަހުގެ ހަވީރު ހަވަރުތިނަދޫގެ އެތަންމިތަނުން އަޑު އިވެމުންދިޔައީ، އެ ދުވަހު އެ ރަށަށް އައި ދުންބައްތެލިން (ލޯންޗުން) ގެނައި ބައިސްކޯފް ފިލްމްތަކުން ފިލްމެއް މިރޭ ޢިޝާނަމާދުގެ ފަހުން ހަވަރުތިނަދޫގެ ފުޅާ މަގެއްކަމަށްވާ "ޑޭޒީ" މަގުގައި ދައްކާނެކަމަށެވެ. ހަވަރުތިނަދޫގައި ތިބިއްޔާ ތިބިހާ ބަޔަކަށް ޢާއްމުކޮށް ފެންނަގޮތަށެވެ. އެއީ، 17 ރަބީޢުލްއައްވަލް 1379ހ. (20 ސެޕްޓެމްބަރ 1959މ.) ދުވަހެވެ.)

           ހަވަރުތިނަދޫ ޑޭޒީމަގު ފެންނަ ފޮޓޯއެއް    

ހަވަރެތެނަދުއަން އެ ދޮހާ އާ ދުންބަތެއްލޭ ނަމައްކޫ "ސިލްވަރ ކްރެސްޓް". މި ދުންބައްތެއްލެން އެ ދޮހާ އެ ރަޓަން ވަޑައިގަތެ އިސް ބެއިފުޅުންނަގެ އެތެރޭ، އެ ދުވަސްވަރު ބޮޑެވަޒީރަކުނަން ހުއްޓީ އިބްރާހީމް ނާޞިރުއާއި، އުއްތަމަފަޑިޔާރު މަނިކުފާނު މުޙައްމަދު ޖަމީލުދީދީ އާއި، ވަޒީރުއްދާޚިލިއްޔާގެ ނާއިބު އިބްރާހީމް ރަޝީދުއާއި މި ބެއިބެއިފުޅުންނެ ހިމެނެއި. އަދި ހުވަދުއަތޮޅޭ ދެ ބެއިފުޅުންނެ ކަމަށް ވެނެ ގައްދޫ މާގަސްދޮށުގޭ އިސްމާޢީލު ވަތަބަނޑޭރި ކަލޭގެފާނާއި، އެ ރަޓު އަސަރީގޭ ޢަލިކަލޭގެފާނާއި އެހެން ބެއިފުޅުންނަސް އެ ދޮހާ ދުންބައްތެއްލެން ވަޑައިގަތާ. "ސިލްވަރ ކްރެސްޓް" އައްކޫ، ހަވަރެތެނަދޫން މީހެންނެ ބޭއިކަލެސް އެ ރަޓަން ގެޔަ ދުންބައްތެއްލާ.

(ހަވަރުތިނަދޫއަށް އެ ދުވަހު އައި ދުންބައްތެލީގެ ނަމަކީ، "ސިލްވަރ ކްރެސްޓް" އެވެ. މި ދުންބައްތެލިން އެ ދުވަހު އެ ރަށަށް ވަޑައިގަތް އިސް ބޭފުޅުންގެ ތެރޭ، އެ ދުވަސްވަރުގެ ބޮޑުވަޒީރަކަށް ހުންނެވި އިބްރާހީމް ނާޞިރާއި، އުއްތަމަ ފަނޑިޔާރުމަނިކުފާނު މުޙައްމަދު ޖަމީލްދީދީ އާއި، ވަޒީރުއްދާޚިލިއްޔާގެ ނާއިބު އިބްރާހީމް ރަޝީދާއި މި ބޭބޭފުޅުން ހިމެނެ އެވެ. އަދި ހުވަދުއަތޮޅުގެ ދެ ބޭފުޅެއްކަމަށްވާ ގައްދޫ މާގަސްދޮށުގޭ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނާއި، ގައްދޫ އަސަރީގޭ ޢަލިކަލޭގެފާނާއި އެހެން ބޭފުޅުންކޮޅެއް ވެސް އެ ދުވަހު ދުންބައްތެލިން ވަޑައިގަތެވެ. "ސިލްވަރ ކްރެސްޓް" އަކީ، ހަވަރުތިނަދޫން މީހުން ބޭލިފަހަރު ވެސް އެ ރަށަށް ދިޔަ ދުންބައްތެއްޔެވެ.)

           ސިލްވަރ ކްރެސްޓް، ހަވަރުތިނަދޫ ބަނދަރުގައި

ހަވަރެތެނަދޫ ފޮޑަލެ މަގަކު ޢާއްމުކޮށް އެންމެނަން ބެލެނެގޮތަން ބައިސްކޯފެ ފިލްމެކެ ދައްކަނެ ފެރެތަން ކަލަންވީމައި، އެ އެއްތާ ދެކެނަން ބޭނުންވެނެ ކުދެބޮޑެ އެންމެނެ އެކަމަން ތައްޔާރެވެންނަން ފޮއްޓިޔާ. މީގެތެރޭ އެހައިތަނަން ބައިސްކޯފެ ފިލްމެކެ ނުބަލަނެމައި އޭބޫ ކޮންކަހަލައި އެއްތެއްކަން ނުއެގީގެން މީހެންނެ ގާތުން އެ އެއްތެކެ އެހީ ކުއްދުނާއި ނުއަހަނެ ކޫދުއަސް ތެއްޔާ.

(ހަވަރުތިނަދޫގެ ފުޅާ މަގެއްގައި ޢާއްމުކޮށް އެންމެންނަށް ބެލޭނެގޮތަށް ބައިސްކޯފް ފިލްމެއް ދައްކާ ފުރަތަމަފަހަރަށް ވީމާ، އެ އެއްޗެއް ދެކެން ބޭނުންވާ ކުދިބޮޑު އެންމެން އެކަމަށް ތައްޔާރުވާން ފެށި އެވެ. މީގެތެރޭ އެހާތަނަށް ބައިސްކޯފް ފިލްމެއް ނުބަލާތީ އެއީ ކޮންކަހަލަ އެއްޗެއްކަން ނޭނގިގެން މީހުންކުރެން އެ އެއްޗެއް އެހި ކުދިންނާއި ނާހާ ކުދިން ވެސް ތިއްބެވެ.)

ބައިސްކޯފެ ފިލްމައްކޫ، ކޭންތެކެކަމާ ނުއެގެނެ ބައިކެންނެ އެ ދުވަސްވަރު މާލެއާނުން އެހެން ރަށްރަޓު ތިބުމައްކޫ، މިހިދެ އެ ކެޔަންލިކަން އެއްވިޔަސް މައްސަލައިކެނުން. އެ އެއްތެކެ ނުއެގުމާ މައްސަލާކަށް ވެންނާ، އެ ދުވަސްވަރު ރަސްކުހާނު މުޙައްމަދު ފަރީދުގެ ކާރުކޮޅާ މާލޭ މަގުމަންތޭ ދޮއްވާހައި ގެޔަމައި، މަގު އެ ހުންނާ ޕެޓްރޯލެ ވަހަ އެ ހުންނައު ކާރުކޮޅު ހުރޮއްޅާ ފާހުކަވެނެ ރޮގުކަމަން ހީކޮށްގެން އެ ރޮގު ވަހަ ބަލަންނަން (ނަމާދު ސަޖިދާން ތިޔެންލިކަން) ތިޔެނެ ކޫދު މާލޭ މަގެމަގުން އަސް އެ ދުވަސްވަރު ނުފެނެނެއެއްތެނާ. އަދި މިގޮތަށް ވަހަބެލީ ކުއްދުނަގެ އެތެރޭ، އެޔަށްޓައިފަހުން ވަޒީރުކަން ކޮޅަ ބެއިފުޅުންނަސް ނުހިމެނެނެ އެއްތެނާ.

(ބައިސްކޯފް ފިލްމަކީ ކޮން އެއްޗެއްކަން ނޭނގޭ ބަޔަކު އެ ދުވަސްވަރު މާލެ ނޫން އެހެން ރަށްރަށުގައި ތިބުމަކީ،  މިހާރު އެ ކިޔާހެން އެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. އެ އެއްޗެއް ނޭނގުން މައްސަލައަކަށް ވާނީ، އެ ދުވަސްވަރުގެ ކީރިތި މަހާރަދުން މުޙައްމަދު ފަރީދުގެ ކާރުކޮޅު މާލޭގެ މަގުމަތީގައި ދުއްވާފައި ދިޔައީމާ، މަގުގައި އެ ހުންނަ ޕެޓްރޯލްގެ ވަސް އެ ހުންނަނީ ކާރުކޮޅުގެ ފޮރުޅޮ ފާހަގަވާ ރޮނގުގައި ކަމަށް ހީކޮށް، އެރޮނގުގެ ވަސްބެލުމަށް (ނަމާދުގެ ސަޖިދައިގައި އޮންނަ ގޮތަށް) ތިބޭ ކުދީން މާލޭގެ މަގުތަކުން ވެސް އެ ދުވަސްވަރު ނުފެންނަނަމަ އެވެ. އަދި މިގޮތަށް ޕެޓްރޯލްގެ ވަސްބެލި ކުދިންގެ ތެރޭގައި، އޭގެ ފަހުން ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ވެސް ނުހިމެނޭނަމަ އެވެ.)

އެ ދޮހާ އިރޯހުމުގެ ކުރިޔޭ، އެ ރެއިދައްކަނެ ބައިސްކޯފެ ފިލްމާ ބަލަނެ މީހެންނެ އިރީފައި ތިޔެންނެއިގޮތަން ހަވަރެތެނަދޫ "ޑޭޒީމަގު" އެ ހިސާބު ބިންމަންތޭ ބޭރެދަތެރެ ކެރަނެ އަރުމާދެ ވޮޑިފަހަރޭ ރޭލެ އޮޑައިލިޔާ. އަދި ހުކުރެމިސްކިތު އިރެމަންތޭފަރާތު ހަރިންމަފާރޭ ކަބެއްރޭ ޑޭޒީމަގަން ސީދާވެނެ ގޮތަން ފޮތިއަޑެކެ ހަރެކޮޓެފައި ހުއްޓީ ހަތަރެސްކަނެ ހަރެ ވައްތަރަކު އެއްތެކަސް ބާހުއްޓިޔާ. މީއްތާ ބޭއިމައި އެ ރެއި ބައިސްކޯފެ ފިލްމާ ފެނެންނާ އޭއްތެންކަމަން ބައިކެންނެ ކެޔަންނަން ފޮއްޓީމައި މިކަމާއި ޙައިރާނެވީ ކޫދުއަސް ވޮންޑިޔާ.

(އެ ދުވަހު އިރުއޮއްސުމުގެ ކުރިން، އެ ރޭ ދައްކާ ބައިސްކޯފް ފިލްމް ބަލާމީހުން އިށީނދެތިބެވޭ ގޮތަށް ހަވަރުތިނަދޫ "ޑޭޒީމަގު"ގެ އެ ހިސާބު ބިންމަތީގައި، ބޭރު ދަތުރުކުރާ އަރުމާޒު އޮޑިފަހަރުގެ ރިޔާތަކެއް އަޅައިފި އެވެ. އަދި ހުކުރުމިސްކިތުގެ އިރުމަތީފަރާތު ޙަރިންމަފާރުގެ ކައިރީ ޑޭޒީ މަގަށް ސީދާވާގޮތަށް ފޮތިގަނޑެއް ހަރުކޮށްފައި ހުރި ހަތަރެސްކަން ހަރެއް ފާޑުގެ އެއްޗެއް ވެސް ބަހައްޓައިފި އެވެ. މި އެތި ބެހެއްޓީމާ، އެ ރޭގެ ބައިސްކޯފް ފިލްމު ފެންނާނީ އެ އެތިންކަމަށް ބަޔަކު ކިޔަން ފެށުމުން މިކަމާ ޙައިރާންވި ކުދިން ވެސް އުޅުނެވެ.)

        އެ ދުވަސްވަރުގެ ބައެއް މޫވީފިލްމުގެ ސްކްރީން ހުންނަގޮތް

އިރޯފެންނަން ވޮންނާދެކޮން، 2 ސަރަކަ (ރޯދު އެބެރުމާއި ނަނެ އޮޑުމާއި، ވަލެއޮޑުން ކަހަލައި ކަންކަމު އެ އެއްތެއްތޭ އުޅި އަބެރައި ހަރެކެރަންނަން ގެނޮންނާ އާލާތެކެ) ހުއްޓީ ބޮޑެ ދުރުމައިކެ ކަހަލައި އެއްތެކެ ގެނަހަފައި، އެއްކަލެ ފޮތިއަޑާއި ދިމާވެން ލިކަން ވިއްދޭދުރު ޑޭޒީމަގު މޭޒަކުމަންތޭ ބާހުއްޓިޔާ. ވޭލަކޮޑަކުން އެނެއްކަލައި ބައިކެންނެ ކެޔަންނާދެކޮން އަޑެ އިބެމުންގެޔައު އެ ރެއި ބައިސްކޯފެ ފިލްމާ ފެނެންނާ އެ ބޮޑެ ދުރުމިޔެއްކަހަލައި އެއްތެން ފޮތިއަޑަން އަލި އޮޑޮވީމައި ކަމަން. އެކެވަރަކު ކަންތެތި.

(އިރު އޮއްސެން އުޅެނިކޮށް، 2 ސަރަކަ (ރޮދި އެނބުރުމާއި ނަނު އެޅުމާއި ވާއެޅުން ފަދަ ކަންކަމުގައި އެތަކެތީގެ އުޅި އަނބުރައި ހަރުކުރުމަށް ގެންގުޅޭ އާލަތެއް) ހުރި ބޮޑު ދުރުމީއެއް ކަހަލަ އެއްޗެއް ގެނެސް އެއްކަލަ ފޮތިގަނޑާއި ދިމާވާގޮތަށް ތަންކޮޅެއް ދުރުގައި ޑޭޒީ މަގުގައި މޭޒެއްގެމަތީ ބަހައްޓައިފި އެވެ. އިރުކޮޅަކުން އަނެއްކާ ބަޔަކު ކިޔާތީ އަޑު އިވެމުން ދިޔައީ، އެ ރޭގެ ބައިސްކޯފް ފިލްމު ފެންނާނީ އެ ބޮޑު ދުރުމީއެއް ކަހަލަ އެތިން، ފޮތިގަނޑަށް އަލިއެޅުވީމާ ކަމަށެވެ. އެއްވަރުގެ ކަންތަކެވެ.)


      އެ ދުވަސްވަރުގެ މޫވީފިލްމު ދައްކާ ބައެއް ޕްރެޖެކްޓަރ ހުންނަގޮތް

އެ ރެއި، ޢިޝާނަމާދުގެ ފަހުން ތެނަދޫ ޑޭޒީމަގު އަޅިވިލާގޭ ކުރިމަންތޭ، ބައިސްކޯފެ ދައްކަންނަން ފައްޓައިގަތާ. އޭބޫ ދިވެހިސަރުކާރު އިންޖީލާޑަކުން ހަވަރެތެނަދޫ ބައެކު ޢިމާރާތާއި އިޖުތިމާޢީ ބައެކު ސަރަޙައްދަން އަލިކަން ލެބެންނަން ފޮއްޓީ ދުވަސްވަރާ. އެ ދުވަސްވަރު ބޮޑެވަޒީރު އިބްރާހީމް ނާޞިރު އަމިއްލަން ދައްކަމުން އެ ރެއި އޮޑަ ބައިސްކޯފެ ފިލްމު "އަލްބޭލާ" ފެނެމުންގެޔައު ކުރިއެން އަސް އަޑެ އިބީފައިވެން ލިކަން އެއްކަލެ ބޮޑެ ދުރުމިޔެއް ކަހަލައި އެއްތެން، އެތާ ކުރިމަންތޭ ހަރު ހުއްޓީ ފޮތިއަޑަން އަލިއޮޑެވީމައި އޭއްތެން. ފިލްމާ ފޮއްޓީމައި ދެތިނެ ވައްތަރަކު ފަރަންޖީ ބަހުން ހުއްޓީ ލެޔުމެތަކެކެ ފެނުނެ ފަހޭއަސް، އެތަންނެން ބަހެކެއެގެނެ މީހަކުނަން ނުންފަހޭ އޭއްތެކެ ނުއެގެންނެއި. އަދި މިލިކަން ނުއެގެނެ ބާ އެ ދުވަސްވަރު ވޮންޑީ ކުއްދުނެއައްޓައި ބޮޑެމީހިންނަސް މަދެވެންނެއިއަ ހިތަކާ ނޮބޮނައި.

(އެ ރޭ، ޢިޝާނަމާދުގެ ފަހުން ތިނަދޫ ޑޭޒީމަގު އަޅިވިލާގެ ކުރިމަތީގައި ބައިސްކޯފް ދައްކަން ފަށައިފި އެވެ. އެއީ ދިވެހިސަރުކާރުގެ އިންޖީނަކުން ހަވަރުތިނަދޫގެ ބައެއް ޢިމާރާތްތަކާއި އިޖްތިމާޢީ ބައެއް ސަރަޙައްދުތަކަށް އަލިކަން ލިބެންފެށި ދުވަސްވަރެވެ. އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަމިއްލަފުޅަށް ދައްކަވަމުން އެ ރޭ ގެންދެވި ބައިސްކޯފް ފިލްމު "އަލްބޭލާ" ފެންނަމުން ދިޔައީ، ކުރިން ވެސް  އަޑުއިވިފައިވާ ގޮތަށް އެއްކަލަ ބޮޑު ދުރުމީއެއް ކަހަލަ އެތިން އެ ތާނގެ ކުރިމަތީ ހަރުގައި ހުރި ފޮތިގަނޑަށް އަލިއެޅުވީމާ އެއިންނެވެ. ފިލްމު ފެށުމުން ދެތިން ވައްތަރެއްގެ ފަރަންޖީބަހުގެ ލިޔުންތަކެއް ފެނުނު ނަމަވެސް، އެއިން ބަހެއްދަންނަ މީހަކަށްނޫނީ އެޔެއް ނޭނގޭނެ އެވެ. އަދި މިގޮތަށް ނޭނގޭ ބައިގައި އެ ދުވަސްވަރު އުޅޭ ކުދިންނަށްވުރެ ބޮޑުމީހުން ވެސް މަދުވާނެއެކޭ ހިތެއް ނުބުނެ އެވެ.)

މިހެން އެޔަންނާދެކޮން މަނިކާ! އެ އިބުންނޫ އެ ބައިސްކޯފް ފިލްމޭ ފެރެތަން ލަވެޔާ. "މެހެފިލްމޭ މޭރީ ކޯންޔޭ ދީވާނާ". މި ލަވެޔާ ހަމަ އިބުމާއެކު ރަޓު ބަޔަކު ކުއްދުނަން ބޮޑެ ޙައިރާން ކަމެކެ ލެބުނެ. އޭބޫ ހަވަރެތެނަދޫ ބަޔަކު ގޭގޭ އެވޭލޭ އެކިވަރު ލަވަކެޔަނެފޯޓި ހުއްޓީފަހޭއަސް، އޭގެ އެއްތަކުން ލަވައިކެ އިބެނެވޭލޭ ލަވެޔާ ކެޔަނެމީހަކުން ނުފެނީ ވޮންނާދެކޮން މިހިދެ ލަވަކެޔަނެ މީހެންނަސް އެއްކަލެ ފޮތިއަޑެން ފެނެނެކަމާއި ހެދި. މީބޫ އެ ދުވަސްވަރު އެކެބައި ކުދެ ކުއްދުނަން ކުދެކަމަކަން ނުވީ ކަމެކެ.

(މިހެންދަނިކޮށް އަސްތާ! އެ އިވުނީ، އެ ބައިސްކޯފް ފިލްމުގެ ފުރަތަމަ ލަވަ އެވެ. "މެހެފިލްމޭ މޭރީ ކޯންޔޭ ދީވާނާ" އެވެ. މި ލަވަ ހަމަ އިވުމާއެކު، ރަށުގެ ބައެއް ކުދިންނަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. އެއީ، ހަވަރުތިނަދޫގެ ބައެއް ގޭގޭގައި އޭރު އެކިވަރުގެ ލަވަފޮށިތައް ހުރިކަމަށް ވިޔަސް، އެއިން އެއްޗަކުން ލަވައެއް އިވޭއިރު ލަވަކިޔާމީހަކު ނުފެނިވަނިކޮށް، މިހާރު ލަވަކިޔާ މީހުން ވެސް އެއްކަލަ ފޮތިގަނޑުން ފެންނާތީ އެވެ. މިއީ އެ ދުވަސްވަރުގެ ބައެއް ކުޑަކުދިންނަށް ކުޑަކަމަކަށް ނުވި ކަމެކެވެ.)

           އެ ދުވަސްވަރުގެ ބައެއް ލަވަފޮށި ހުންނަގޮތް

ލަވަކެޔަނެ ފޮއްޓެން ލަވަޖަހަންނަން އޭއްތޭ ކަބެއްރޭ ތިޔެނެ ބައިކެންނަން އަސް ލަވަކެޔަނެމީހެންނެ ނުފެނީ ވޮންނާދެކޮން، ރަޓަކު މަގުމަންތޭ ހުއްޓީ ޒާތަކު ފޮތިއަޑަކުން ލަވަކެޔަނެ މީހެންނެ ފެނުމާއްކޫ އެ ދުވަސްވަރަން ބަލަނެފަހޭ ކޫދުނުން ބަޔަކު ބޮޑެ މީހެންނަސް ޙައިރާންނުވެނެ ވަރުގެ ކަމެކެނުން. ލަވަކެޔަނެ ބައިކެންނާއި އެ ބައިކެންނެ ތެއި ތަނެކަސް ލޮލަން ފެނެނެކަމާއި ހެދި. އެ ރެއި ލޮލަން ފެނެންނޫ ބަގުވާނާއި ގީތާބާލީ އެ ލަވެޔާ ކެޔަންތަނާ. ލޮލަށް ނުފެނެންނޫ މުޙައްމަދު ރަފީޢުއާއި ލަތާ މަންގޭޝްކަރު އެ ލަވެޔާ ކެޔަންތަނާ. އެހެންވީމައި ލޮލަށް ފެނެނެ ތެއްޔަހައި ކަމައްކޫ ޙަގީގަތެނުން ކައިކެ އެ ދުވަސްވަރު ބަޔަކު ކުއްދުނަން ނުއެގެންނެއި، އެގެންނަންއަސް ނުޖެހެއި. އޭބޫ، އެ ދުވަސްވަރާ އެއްކަބެއްރޭ ބާއްވާހައި، މި ދުވަސްވަރު ބަޔަކު ކޫދުނުން ބޮޑެ މީހެންނަންއަސް ލޮލަންފެނެނެ ތެއްޔަހައި ކަމައްކޫ ޙަގީގަތެނުން ކަން އެގެންނުއަކު ނުންމައި.

(ލަވަފޮށިތަކުން ލަވަޖަހަން އޭގެ ކައިރީ ތިބޭ ބަޔަކަށް ވެސް ލަވަކިޔާމީހުން ނުފެނިވަނިކޮށް، ރަށެއްގެ މަގުމަތީގައި ހުރި ޒާތެއްގެ ފޮތިގަނޑަކުން ލަވަކިޔާމީހުން ފެނުމަކީ އެ ދުވަސްވަރަށް ބަލާނަމަ، ކުދިން ފިޔަވައި ބައެއް ބޮޑުމީހުން ވެސް ޙައިރާންނުވާ ވަރުގެ ކަމެއްނޫނެވެ. ލަވަކިޔާ ބަޔަކާއި އެ ބަޔަކު ތިބި ތަނެއް ވެސް ލޮލަށް ފެންނާތީ އެވެ. އެ ރޭ ލޮލަށް ފެންނަނީ، ބަގްވާނާއި ގީތާބާލީ އެ ލަވަކިޔާ ތަނެވެ. ލޮލަށް ނުފެންނަނީ، މުޙައްމަދު ރަފީޢާއި ލަތާ މަންގޭޝްކަރު އެ ލަވަކިޔާ ތަނެވެ. އެހެންވީމާ، ލޮލަށް ފެންނަ ހުރިހާކަމަކީ، ޙަގީގަތްނޫން ކަމެއް އެ ދުވަސްވަރުގެ ބައެއް ކުދިންނަކަށް ނޭނގޭނެ އެވެ. އެނގޭކަށް ވެސް ނުޖެހެ އެވެ. އެހެނީ، އެ ދުވަސްވަރު އެއްކައިރީ ބާއްވާފައި، މި ދުވަސްވަރުގެ ބައެއް ކުދިންފިޔަވައި ބައެއް ބޮޑުމީހުންނަށް ވެސް، ލޮލަށް ފެންނަ ހުރިހާކަމަކީ ޙަގީގަތްނޫން ކަން އެނގެނީކީ ނޫނިއްޔާ އެވެ.)

            ލަތާ މަންގޭޝްކަރ – މުޙައްމަދު ރަފީޢު

ފިލްމެފިލްމޭ ލަވަކެޔައި އޭއްތަން ޙަރަކާތެ ކެރަންނާދެކޮން ފެނެންނޫ، ޙަގީގަތުގައި އަސް އެ ލަވައިކެ ކެޔަނެ މީހެންނެކަމަން ހީކެރަނެމީހެންނެ އެ ދުވަސްވަރޭ ރައްރަޓު ތެއްޔާ. އޭއްތޭ ޙަގީގަތެ އޮންނާ އޮއްތާކު. މީބޫ އެ ދުވަސްވަރު ހޭލުންތެރިކަމާއި ވެންނުވެނެތި އެގެންނަންޖެހެނެ ވަރަން ނުއެގުމުގެ ނިސްބަތުން ބޮޑެ ކަމެކެނުން. މީބޫ އެ ދުވަސްވަރު މިކަމާ ވެންނެއިލިކާ. ވެންނަންޖެހެނަސް ލިކާ. މިކަމާ ބޮޑެކަމަކަން ވެންނައު ވިއްދޭކުރިއެން ބޮނީލިކަން، އެ ދުވަސްވަރު ރަސްކުހާނު، މުޙައްމަދު ފަރީދުގެ ކާރުކޮޅާ މާލޭ މަގުމަންތޭ ދޮއްވާހައި ގެޔަމެއި، މަގު އެ ހުންނާ ޕެޓްރޯލެ ވަހަ އެ ހުންނައު ކާރުކޮޅު ހުރޮއްޅާ ފާހުކަވެނެ ރޮގުކަމަން ހީކޮށްގެން އެ ރޮގު ވަހަ ބަލަންނަން (ނަމާދު ސަޖިދާން ތިޔެންލިކަން) ތިޔެނެ ކޫދު މާލޭ މަގެމަގުން އަސް އެ ދުވަސްވަރު ނުފެނެނެ އެއްތެނާ. އަދި މިގޮތަން ވަހަބެލީ ކުއްދުނަގެ އެތެރޭ، އެޔަށްޓައިފަހުން ވަޒީރުކަން ކޮޅަ ބެއިފުޅުންނަސް ނުހިމެނެނެ އެއްތެނާ.

(ފިލްމުފިލްމުގައި ލަވަކިޔައި އެއަށް ޙަރަކާތްކުރާތީ ފެންނަނީ، ޙަގީގަތުގައި ވެސް އެ ލަވައެއް ކިޔާ މީހުންކަމަށް ހީކުރާމީހުން އެ ދުވަސްވަރު، ރަށްރަށުގައި ތިއްބެވެ. އޭގެ ޙަގީގަތް އޮންނާނީ އޮތްތާކު އެވެ. މިއީ އެ ދުވަސްވަރުގެ ހޭލުންތެރިކަމާއި ވާނުވާ އެނގެންޖެހޭ ވަރަށް ނޭނގުމުގެ ނިސްބަތުގައި ބޮޑު ކަމެއްނޫނެވެ. މިއީ އެ ދުވަސްވަރު މިކަން ވާނޭ ގޮތެވެ. ވާންޖެހޭ ވެސް ގޮތެވެ. މިކަން ބޮޑުކަމަކަށް ވާނީ، ތަންކޮޅެއްކުރިން ވެސް ދަންނަވައިފައިވާ ގޮތަށް، ކީރިތި މަހާރަދުން މުޙައްމަދު ފަރީދުގެ ކާރުކޮޅު މާލޭގެ މަގުމަތީގައި ދުއްވާފައި ދިޔައީމާ،  މަގުގައި އެ ހުންނަ ޕެޓްރޯލްގެ ވަސް އެ ހުންނަނީ ކާރުކޮޅުގެ ފޮރުޅޮ ފާހަގަވާ ރޮނގުގައި ކަމަށް ހީކޮށް، އެރޮނގުގެ ވަސްބެލުމަށް (ނަމާދުގެ ސަޖިދައިގައި އޮންނަ ގޮތަށް) ތިބޭ ބަޔަކު، މާލޭގެ މަގުތަކުން ވެސް އެ ދުވަސްވަރު ނުފެންނަނަމަ އެވެ. އަދި މިގޮތަށް ޕެޓްރޯލްގެ ވަސްބެލި ކުދިންގެ ތެރޭގައި، އޭގެ ފަހުން ވަޒީރުކަންކުރެއްވި ބައެއް ބޭފުޅުން ވެސް ނުހިމެނޭނަމަ އެވެ.)

ދައްކަމުން އެޔަނެ ބައިސްކޯފެ ފިލްމާއްކޫ، އޭއްތޭ ތެއްޔަހައި ލަވައިކެ އެ ދުވަސްވަރު ހަވަރެތެނަދުއާއި އަތޮޅޭ ރައްރަޓު ބަޔަކު ގޭގޭ ހުއްޓީ ލަވަކެޔަނެ ފޯޓިތަކުން އިބީފައިވެނެ ލަވަތަކެކެ ކަމަން ވީމައި، ތެނަދޫ ގިނަ ކުއްދުނާއި އެޔަށްޓައި ބޮޑެމީހެންނަސް ތޮއު ވަރަށް ގަޔާވެގޮހޮ މަޖާވެގޮހޮ. މިހެން ތިޔައި ފިލްމާ ކުރިޔަށް އެޔަމުން ގޮހު ދެން އެ ފޮއްޓީ ލަވާއްކޫ ހަވަރެތެނަދޫ ބަޔަކު ކޫދު އަސް އެ ލަވާ ވިދިވިދި ފަހޭސް ކެޔަންނަން އެގެނެގޮތަކަން ކެޔައި ވޮންޑީ ލަވައިކެ. "ޝާމްޑަލޭ ކިޑިކީތަލޭ". މި ހިސާބުން، ބަޔަކު ކުއްދުނާއި މީހެންނަގެ ފޯރިއާއި ޖޯޝެ ވަރަށްބޮޑަށް އިތިރިވެގެން އެބަގެ. އިބެމުން ފެނެމުން އެޔަނެ "ޝާމްޑަލޭ ކިޑިކީތަލޭ"އައްކޫ، ހަވަރެތެނަދޫ އެ ދުވަސްވަރު މަޝްހޫރު ލަވާކަންވީމައި. އަދި އެއަށްޓައި އަސް ބޮޑަން ހައިރާނެ ކޮޅައު އެ ލަވާން މިހިދެ ފެނެނެ ބަގުވާނާއި ގީތާބާލީގެ މުޅެ ހުނަރާއި ފަރި ޙަރަކާތުން.

(ދައްކަމުންދާ ބައިސްކޯފް ފިލްމަކީ، އޭގެ ހުރިހާ ލަވައެއް އެ ދުވަސްވަރު ހަވަރުތިނަދޫއާއި އަތޮޅުގެ ރަށްރަށުގެ ބައެއް ގޭގޭގައި ހުރި ލަވަފޮށިތަކުން ވެސް އިވިފައިވާ ލަވަތަކެއްކަމަށް ވީމާ، ތިނަދޫގެ ގިނަ ކުދިންނާއި އެއަށްވުރެ ބޮޑުމީހުން ވެސް ތިބީ ވަރަށް ގަޔާވެ، މަޖާވެފަ އެވެ. މިހެންތިއްބައި ފިލްމު ކުރިޔަށްދަމުން ގޮސް ދެން އެ ފެށި ލަވައަކީ، ހަވަރުތިނަދޫގެ ބައެއްކުދިން ވެސް އެ ލަވައެއްގެ ތަންތަންކޮޅު ވިޔަސް ކިޔަން އެނގޭގޮތަކަށް ކިޔައި އުޅޭ ލަވައެކެވެ. "ޝާމްޑަލޭ ކިޑިކީތަލޭ" އެވެ. މި ހިސާބުން ބައެއް ކުދިންނާއި މީހުންގެ ފޯރިއާއި ޖޯޝް ވަރަށްބޮޑަށް އިތުރުވެގެން ހިނގައްޖެ އެވެ. އިވެމުން ފެންނަމުންދާ "ޝާމްޑަލޭ ކިޑިކީތަލޭ"އަކީ، ހަވަރުތިނަދޫގެ އެ ދުވަސްވަރު މަޝްހޫރު ލަވައަކަށްވީތީ އެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް ހައިރާން ކުރުވީ އެ ލަވައިން މިހާރު ފެންނަ ބަގްވާނާއި ގީތާބާލީގެ މޮޅު ހުނަރާއި ފަރި ޙަރަކާތްތަކުންނެވެ.)

ޝާމްޑަލޭ ކިޑިކީތަލޭ - ލަވައިގެ ވީޑިއޯ

އެރެއި ބައިސްކޯފެ ފިލްމާ ނިމުނެމައި ތެއްޔަހައި ކުއްދުނާއި އަދި މީހެންނަސް އެބައިކެންނަގެ ގޭދޮރަން ގެޔައު، ވަރަން މަޖާވެގޮހޮ ތިޔެގެން.

(އެ ރޭ ބައިސްކޯފް ފިލްމު ނިމުނީމާ ހުރިހާ ކުދިންނާއި އަދި މީހުންވެސް އެބަޔެއްގެ ގެއަށް ދިޔައީ، ވަރަށް މަޖާވެފައި ތިބެގެންނެވެ.)

ބަގުވާނާއި ގީތާބާލީ ލީޑްރޯލާ ކޮޅެ، އަދި ބަގުވާނު ޑައިރެކްޓް ކޮޓެފައިވެނެ ހިންދީ ފިލްމު "އަލްބޭލާ"އައްކޫ، 1951މ. ގައި ނެރެ އެ ދުވަސްވަރު ވަރަން މަޝްހޫރުވީ ފިލްމަކަންވެނެކަމާއި ހެދި، ބަގުވާނުގެ ޙަޔާތުގެ މަންތަން އަލިއޮޑޮވަނެ އެޔަގެ ހަދާނެއްގޮތުން "މަރާޓީ" ބަހުން ކޮއްޅާ ފިލްމާ "އޭކް އަލްބޭލާ"އަށް ތަރީންނެ ހަމަޖަހޮވައި އެކަމާ އިންޑިޔާލައި ކުރިޔަން އެޔަނެކަމަން މަޢުލޫމާތު ލެބެއި.

(ބަގްވާންއާއި ގީތާބާލީ ލީޑްރޯލް ކުޅެ، އަދި ބަގްވާން ޑައިރެކްޓްކޮށްފައިވާ ހިންދީ ފިލްމު "އަލްބޭލާ" އަކީ، 1951މ. ގައި ނެރެ އެ ދުވަސްވަރުގެ ވަރަށް މަޝްހޫރުވީ ފިލްމަކަށްވުމާ އެކު، ބަގްވާނުގެ ޙަޔާތުގެ މައްޗަށް އަލިއަޅުވާލާ އޭނާގެ ހަނދާނެއްގެ ގޮތުން "މަރާޓީ" ބަހުން ކުޅޭ ފިލްމު "އޭކް އަލްބޭލާ"އަށް ތަރިން ހަމަޖައްސައި އެކަން އިންޑިޔާގައި ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބެ އެވެ.)


"މަރާޓީ" ފިލްމޭ ގީތާބާލީގެ ރޯލާ ކޮއްޅައު، މަޝްހޫރެ ފިލްމީތައްރާ "ވިދިޔާ ބާލަން".

("މަރާޓީ" ފިލްމުގައި ގީތާބާލީގެ ރޯލުކުޅެނީ، މަޝްހޫރު ފިލްމީތަރި "ވިދިޔާ ބާލަން" އެވެ.)
           -------------------

ޢަބުދުﷲ ޙިލްމީ
02 މާރޗް 2016މ.

ފަންނީ އެހީ:
އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ތިނަދޫ

މަޢުލޫމާތުގެ ޙިއްޞާ:
މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ، ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ ތިނަދޫ، އިބުރާހީމު ޝާކިރު ދުންތަރި/ ތިނަދޫ