(ފަސްވަނަބަޔާއި ގުޅޭ)
ހަވަރުތިނަދޫ
އިރުމަތީފަރާތުގެ ފަސްބާޑީގެ ހުޅަނގުން ފާލަމުގެ ދެކުނުގައި ހުރި ބޮޑު ދިދަ ދަނޑީގައި
ސުވައިދީބު ސަރުކާރުގެ ދިދަ ހުއްޓެވެ. އޭރު އެ ދިދަ
ދަނޑީގެ ވާ އައްސާފައިވަނީ ފަސޭހައިން ދިދަ ނުބޭލޭގޮތަށް ދަނޑީގެ މަތީގައެވެ. މިދަނޑީގެ
ދިގުމިނުގައި ސާޅީހަކަށް ފޫޓު ހުންނާނެކަމަށް ބެލެވެއެވެ. ދިދަދަނޑީގެ މަތީގައި ވާ
އައްސާފައިވަނީ "ސިލްވަރކްރެސްޓް" މާކިރިގައްލާގެ ބޭރަށްދިޔުމުން އެ ރޭގައެވެ.
އެއް ގައުމެއްގެ
ނުވަތަ އެއް ސަރުކާރެއްގެތެރޭ އުޅެމުން ދިޔަ ބަޔަކު އޭގެތެރެއިން ވަކިވެ މުޅިން އަމިއްލަ ބަޔެއްގެ ގޮތުގައި އުޅެން ފެށުމުން އެކަހަލަ ދެބައިވެފައިވާ ބަޔެއްގެތެރޭ ބައެއްކަހަލަ
ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން
މިކަން ފެނެއެވެ. މިފަދަ ދެ ބަޔެއްގެތެރޭ ކުރިމަތިލުންތަކެއް ހިނގާއިރާއި އަދި
ޞުލްޙައިގެ ކަންތައްތަކެއް ހިނގާއިރު ވިޔަސް، އެއްފަރާތުގައި އެބައެއްގެ ދިދަ
ނަގާފައި ހުރުމުން އަނެއް ފަރާތުގެ ބަޔަކު ދެކޭނީ އެބަޔަކު އަދިވެސް އެތިބީ
އެބައިމީހުންގެ ގޮތުގައިކަމަށެވެ. ނުވަތަ ޞުލްޙަވުމެއް ނެތި ދެކޮޅުވެރިކަމުގައެވެ. ދެ ފަރާތެއްގެ ދެމެދުގައި ހަތިޔާރުން ކުރާ ހަނގުރާމައެއް ނަމަ
ހަތިޔާރުބަހައްޓައި އަމާން ނުދޭކަމަށެވެ.
ހަވަރުތިނަދޫ
ބޮޑުފާލަން ސަރަޙައްދުގައި ބަޑިޖަހާ ދޯނި އޮތްއިރު ބޮޑުވަޒީރަށް ދެންނެވުމަށްފަހު ހަވަރުތިނަދޫ
ރައްޔިތެއްގެ ޙައިސިއްޔަތުން ރަށުގެ ދިދަ ދަނޑީގައި ހުރި ސުވައިދީބު ސަރުކާރުގެ ދިދަ
ބޭލުއްވޭތޯ ދެތިންފަހަރު ޢަބުދުލްވައްހާބު ހަވަރުތިނަދޫގެ ބޮޑުފާލަމަށް އަރުއްވައި ފަސްބާޑިއާއި
ހަމަވާއިރަށް އޭގެ ނިވަލުގައި ތިބޭ މީހުން ގައުއުކައި އަނިޔާވާ ޒާތުގެ އާލާތްތައް
ހިފައިގެން އޭނާއާއި ދިމާލަށް ދިޔުމުން އޭނާ އެނބުރި ފާލަމުން މޫދަށް
ފުންމާލައްވަނީއެވެ. ފުންމާލެއްވުމާއެކު ފާލަމުގެ ތެރެއިން ރަށާއިވީ ކޮޅަށް
ބަޑިޖަހައެވެ. ނަމަވެސް ބަޑީގެ ވަޒަންއަރަނީ ފާލަމަށް ހުރަސްވާގޮތަށް ހުރި ފަސްބާޑިއަށެވެ.
އޭރު ބަޑިޖަހަމުންދިޔަ ދޯންޏާއި ފަސްބާޑީގެ ނިވަލުގައި ތިބި މީހުންނާއި ދޭތެރޭ ހުންނާނީ
ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ.
މިފޮޓޯއިން ފެންނަނީ ހަވަރުތިނަދޫ ވާރުގެ(އަތޮޅުއޮފީސް)ގެ އިރުމަތިން ފާލަން ސަޙައްދު ނުވަތަ މާވަށްދިހެރޭ އެވެ،
ބޮޑުފާލަން
ސަރަޙައްދުން ދެން ބަޑިޖަހާ ދޯނި ދިޔައީ ފަޅުތެރެއިން ދެކުނަށް ރޯޝަނީމަގާއި ދިމާލުން ދޯނި
ނުބީހޭ ހިސާބަށެވެ. މިފަރާތަށް ދޯނި ދާތަން ފެނުމުން ފަސްބާޑީގެ ރައްކާތެރިކަން
ހޯދައިގެން ތިބި މީހުންނަށް އެތާނގައި ތިބެވޭނޭގޮތެއް ނުވިއެވެ. އެއީ މިފަރާތުގައި
އޮންނަ ދޯންޏަކުން ބަޑީގެ ޙަމަލާދީފިނަމަ ފަސްބާޑީގެ ރައްކާތެރިކަމެއް ނުލިބޭގޮތަށް
އެހިސާބު ހާމައަށް އޮންނާނެތީއެވެ. މިހެންވުމުން ފަސްބާޑީގެ ރައްކާތެރިކަން
ހޯދައިގެން ތިބި މީހުން އެތަން ދޫކޮށް ދުވެފައިދިޔައީ ބޮޑުއަށިގެ ނުވަތަ "މަދަރުސަތުލް އަމީރު އިބްރާހީމް"ގެ ޢިމާރާތުގެ ކަރިއަށެވެ. އެއްބަޔަކު ޢިމާރާތުގެ
އެތެރެއަށެވެ. އޭރު ރަށުގެ ވެރިންގެ އަމުރަށް ރައްޔިތުންގެތެރެއިން ގިނަ ބަޔަކުވަނީ
ރޭއްސުރެ މިޢިމާރާތަށް ގެނެސްފައެވެ. ބަޑިޖަހާދޯނި މިތާނގައި އޮވެގެންވެސް ދިވެހިދައުލަތަށް
ކިޔަމަންތެރިކަން އަދާކޮށް ސުވައިދީބުގެ ދިދަ ތިރިކުރުމަށާއި އޭރުން
އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމަށާއި މިހެން ނުހެދިނަމަ ދެރަގޮތެއް
މެދުވެރިވެދާނެ ކަމަށް އަޑުގަދަކުރާގެ ޛަރީޢާއިން ގޮވައި އިންޒާރުދީ އޭގެފަހުން
ބަޑިޖަހަމުން ގެންދިޔައެވެ.
ދިވެހިދައުލަތަށް
ކިޔަމަންތެރިކަން އަދާކުރައްވައި މާފަށް އެދިލައްވައިގެން ތިނަދޫ އަތިރީގޭ އަލްފާޟިލް އަލްމަރުޙޫމް މޫސާ
ފަތުޙީ، އެ ދޯނި ކައިރިއަށް ދުރުވީ މިތާނގައި ދޯނި އޮއްވައި މޫދަށް އެރިލައްވައިގެންނެވެ.
އެއްގަމަކުން ނޫނެވެ.
މޫސާ ފަތުޙީ ދުރުވަނިކޮށް އޮޅިގެން އެދިމާލަށް ބަޑީގެ ބޭނުންކުރެވުމުން އޭނާ ސަލާމަތްވީ ފައި އޮޅިގެން ބިންމައްޗަށް ވެއްޓިލެއްވުމުން ކަމަށް ބައެއް ލިޔުންތަކުގައި ވަނީ އެކަން ހިނގިގޮތަކަށް ނޫނެވެ. މޫސާ ފަތުޙީގެ ގެ ހުންނަނީ ރޯޝަނީމަގުގެ ދެކުނުގައެވެ. ބަޑިޖަހަމުން ދިޔައީ އުތުރުފަރާތުން ފާލަންކައިރި ސަރަޙައްދަށެވެ. އޭރު މޫސާ ފަތުޙީގެ އަތިރީގޭގެ އިރުމަތީ ގޮނޑުދޮށާއި ގާތުގައިވާ އޮޑިހަރުގެއެއްގައި ބައެއް މީހުން ބަޑިޖަހާތަން ބަލަން ތިއްބެވެ. ބަޑިޖަހާ ދޯންޏަށްވެސް މި މީހުންތައް ފެނެއެވެ. މޫސާ ފަތުޙީ ބަޑިޖަހާދޯނި ދޮށަށް ދުރުވީ އެދޯނީގައި ހުންނެވި އަންނަބީލް އަލްމަރުޙޫމް މުޙައްމަދު ޢިމާދުއްދީން ހަރުގެ ކައިރީ ތިބި މީހުންނަށް ހަނާއަޅުއްވައި އިޝާރާތުން "އަންނާށޭ" ވިދާޅުވަމުން ގެންދަވާތީވެ، ޢިމާދުއްދީން އެ ވިދާޅުވަނީ މޫސާ ފަތުޙީއަށް ކަމަށް އެތާނގައި ތިބި މީހުންނަށް ވިސްނިގެން އެމީހުން ގޮސް އެވާހަކަ މޫސާ ފަތުޙީއަށް ނަންގަތީމައެވެ. އޭރު މިތާނގައި ތިނަދޫ ޓޯކިޔޯވިލާ އާދަމް ތަކުރުފާނާއި ދުންތަރި އިބްރާހީމް ޝާކިރާއި، ލާޓް މުޙައްމަދު ނިޒާރާއި މިނޫން ބަޔަކުވެސް ތިއްބެވެ.
މޫސާ ފަތުޙީ ދުރުވަނިކޮށް އޮޅިގެން އެދިމާލަށް ބަޑީގެ ބޭނުންކުރެވުމުން އޭނާ ސަލާމަތްވީ ފައި އޮޅިގެން ބިންމައްޗަށް ވެއްޓިލެއްވުމުން ކަމަށް ބައެއް ލިޔުންތަކުގައި ވަނީ އެކަން ހިނގިގޮތަކަށް ނޫނެވެ. މޫސާ ފަތުޙީގެ ގެ ހުންނަނީ ރޯޝަނީމަގުގެ ދެކުނުގައެވެ. ބަޑިޖަހަމުން ދިޔައީ އުތުރުފަރާތުން ފާލަންކައިރި ސަރަޙައްދަށެވެ. އޭރު މޫސާ ފަތުޙީގެ އަތިރީގޭގެ އިރުމަތީ ގޮނޑުދޮށާއި ގާތުގައިވާ އޮޑިހަރުގެއެއްގައި ބައެއް މީހުން ބަޑިޖަހާތަން ބަލަން ތިއްބެވެ. ބަޑިޖަހާ ދޯންޏަށްވެސް މި މީހުންތައް ފެނެއެވެ. މޫސާ ފަތުޙީ ބަޑިޖަހާދޯނި ދޮށަށް ދުރުވީ އެދޯނީގައި ހުންނެވި އަންނަބީލް އަލްމަރުޙޫމް މުޙައްމަދު ޢިމާދުއްދީން ހަރުގެ ކައިރީ ތިބި މީހުންނަށް ހަނާއަޅުއްވައި އިޝާރާތުން "އަންނާށޭ" ވިދާޅުވަމުން ގެންދަވާތީވެ، ޢިމާދުއްދީން އެ ވިދާޅުވަނީ މޫސާ ފަތުޙީއަށް ކަމަށް އެތާނގައި ތިބި މީހުންނަށް ވިސްނިގެން އެމީހުން ގޮސް އެވާހަކަ މޫސާ ފަތުޙީއަށް ނަންގަތީމައެވެ. އޭރު މިތާނގައި ތިނަދޫ ޓޯކިޔޯވިލާ އާދަމް ތަކުރުފާނާއި ދުންތަރި އިބްރާހީމް ޝާކިރާއި، ލާޓް މުޙައްމަދު ނިޒާރާއި މިނޫން ބަޔަކުވެސް ތިއްބެވެ.
މަތީގެ ފޮޓޯއިން ފެންނަނީ އަލިފާންރޯކޮށް އަންދާލި ހަވަރުތިނަދޫ ކަތީބު އަލްފާޟިލް އަލްމަރުޙޫމް ޙުސައިން މުޙައްމަދުދީދީ (އޮޅަދީދި ކަތީބު)ގެ ހަރުގެއެވެ. މިއީ ހަވަރުތިނަދޫގެ އަތިރިމަތިން ރަށުގެ ދެކުނުކޮޅު ސަޙައްދަށް ފެށޭ ހިސާބެވެ. އެ ފޮޓޯގައި ދުރުން އެފެންނަނީ ހަވަރުތިނަދޫ ބަރާސީލު އަވަށެވެ. އަދި ތިރީގެ ފޮޓޯއިން ފެންނަނީ އެދުވަސްވަރު ބަރާސީލުގައި ތިބި ބަލިމީހުންގެ ގެތަކުން ބައެއް ގޭގެއެވެ.
ރޯޝަނީމަގާއި
ދިމާލުން މިތާނގައި ދޯނި އޮވެގެން ބޮޑުވަޒީރުގެ އެންގެވުމަށް ސިފައިންގެ
ބޭކަލެއްކަމަށްވާ އަލްމަރުޙޫމް ހުޅުލޭ މޫސަ، އެދިމާލުން އަތިރިމަތީގައިވާ ހަވަރުތިނަދޫ ކަތީބު ޙުސައިން މުޙައްމަދުދީދީ (އޮޅަދީދި ކަތީބު)ގެ އޮޑިހަރުގޭގައި އަލިފާން
ރޯކުރުމާއެކު ވައިޖެހޭ މިޞްރާބުގެ ގޮތުން އެ ހަރުގެއާއި، އެހަރުގެ ކައިރީގައިވާ ކަޓި އިބްރާހީމްބޭގެ އޮޑިހަރުގެ ދެ
ހަރުގެއާއި، މޫސާ ފަތުޙީގެ
އޮޑިހަރުގެވެސް މުޅިން އަނދައިގެން ދިޔައެވެ. މިހަރުގެ ތަކުގައި
އަލިފާން ރޯކޮށްލިއިރު އެތަންބަލަން ތިނަދޫ ދުންތަރި އިބްރާހީމް ޝާކިރާއި، ތިނަދޫ ލާޓް މުޙައްމަދު ނިޒާރާއި، އެނޫން ބަޔަކުވެސް
ތިއްބެވެ.
މިދުވަހުގެ އެވަގުތު މަރުޙޫމް ހުޅުލޭ މޫސަ ފޮނުއްވައިގެން ހަވަރުތިނަދޫ ބަރާސީލު ގެތަކުގައި އަލިފާންރޯކޮށް އަންދާލިކަމަށް ބައެއް ލިޔުންތަކުގައި ހުންނަނީ ކަން ހިނގިގޮތަކަށް ނޫނެވެ. ހަވަރުތިނަދޫގެ ބަލިބަޔަކު އޭރު ވަޒަންވެރިވެ ދިރިއުޅުނު ބަރާސީލުގެ ދަނޑިފަނުގެ ގެތައް އެއްކޮށް އަނދައިގެން ދިޔައީ ހަވަރުތިނަދޫގެ މީހުން އެރަށްދޫކޮށް ދިޔުމަށް އަމުރުކުރެއްވި ފަހުންނާއި އަދި މިދުވަހުގެ ފަހުން ޖެހިގެންއައި ދުވަހު ރަށުތެރޭގެ ގިނަ ތަންތާނގައި އަލިފާންރޯކުރުމުގެ ސަބަބުން ރަށުގެ އެތަން މިތަނަށް އަލިފާން ފެތުރި ތަންތަން އަނދައިގެން ދިޔުމުގެ ސަބަބުންނެވެ.
މިދުވަހުގެ އެވަގުތު މަރުޙޫމް ހުޅުލޭ މޫސަ ފޮނުއްވައިގެން ހަވަރުތިނަދޫ ބަރާސީލު ގެތަކުގައި އަލިފާންރޯކޮށް އަންދާލިކަމަށް ބައެއް ލިޔުންތަކުގައި ހުންނަނީ ކަން ހިނގިގޮތަކަށް ނޫނެވެ. ހަވަރުތިނަދޫގެ ބަލިބަޔަކު އޭރު ވަޒަންވެރިވެ ދިރިއުޅުނު ބަރާސީލުގެ ދަނޑިފަނުގެ ގެތައް އެއްކޮށް އަނދައިގެން ދިޔައީ ހަވަރުތިނަދޫގެ މީހުން އެރަށްދޫކޮށް ދިޔުމަށް އަމުރުކުރެއްވި ފަހުންނާއި އަދި މިދުވަހުގެ ފަހުން ޖެހިގެންއައި ދުވަހު ރަށުތެރޭގެ ގިނަ ތަންތާނގައި އަލިފާންރޯކުރުމުގެ ސަބަބުން ރަށުގެ އެތަން މިތަނަށް އަލިފާން ފެތުރި ތަންތަން އަނދައިގެން ދިޔުމުގެ ސަބަބުންނެވެ.
ފޮޓޯގައިވަނީ ތިނަދޫ ޑައިމަންޑްވިލާ ޢަލީ ރަޝީދާއި، އެދުވަސްވަރުގެ ދިވެހިދައުލަތުގެ ދިދައާއި، އެދުވަސްވަރުގެ ސުވައިދީބުގެ ދިދައެވެ.
ރޯޝަނީމަގާއި ދިމާލުން
ބަޑިޖަހާދޯނި ނުބީހޭ ހިސާބުގައި އޮތުމަށްފަހު ދެން ދޯނިދިޔައީ ބޮޑުފާލަން ކައިރިއަށެވެ.
އޭރުވެސް ބަޑިޖަހަމުން ދެއެވެ. މުޅި ހަވަރުތިނަދޫ ގުގުމަމުން ދިޔަ ސަބްމެޝިން ބަޑީގެ
އަޑު މަޑުވެގެން ދިޔައީ ބޮޑުފާލަން ކައިރީ ދޯނި އޮއްވައި ފާލަމުގެ އެއްގަމުގައިވާ ބޮޑު
ދިދަދަނޑީގެ ކުރީގައި އައްސާފައިވާ ސުވައިދީބު ސަރުކާރުގެ ދިދަ މޮހާލައި އެ ދިދަ ތިރިކޮށް
ދިވެހިދައުލަތުގެ ދިދަ ނެގުމުންނެވެ. މިކަން ކުރެއްވީ ތިނަދޫ ޑައިމަންޑްވިލާ އަލްފާޟިލް
ޢަލީ ރަޝީދެވެ.
ޢަލީ ރަޝީދު މަޢުލޫމާތު ދެއްވަނީ "ހަވަރުތިނަދޫއަށް "ސިލްވަރކްރެސްޓް" ދިޔަ ދުވަހުގެ ރެއިން ފެށިގެން ބޮޑުއަށިގެ "މަދަރުސަތުލް އަމީރު އިބްރާހީމް"ގެ ޢިމާރާތުގެ ތެރޭގައި ރަށުގެ ފިރިހެނުންގެ ތެރެއިން ބަޔަކު ތިބިކަމަށެވެ. އަހަރެންވެސް އެތަނަށް ގޮސް އައިސްވަމެވެ. ބުދަ ދުވަހު ބަޑިޖަހާދޯނި ރޯޝަނީމަގާއި ދިމާލުން ފަޅުތެރޭ އޮވެގެން ބަޑިޖަހަމުންދިޔަ އިރު ވަގުތުގެ ނާޒުކުކަމާއި ވަމުންދާ ކަންކަމާއި އިތުރަށް ވެދާނެ ކަންކަމަށް ވަރަށްބޮޑަށް އަމިއްލައަށް ވިސްނަމުން ގެންދިޔައީމެވެ. ނަމަވެސް ބަޑިޖަހާ ދޯނި އޮތް ދިމާލުގެގޮތުން އެވަގުތު ދިދަ ބޭލުމަށް ދިދަދަނޑި ކައިރިއަށް ދެވޭނޭގޮތެއް ނުވީ އަހަރެން އެ ޢިމާރާތެއްގެ ކައިރީ ހުރި "މަދަރުސަތުލް އަމީރު އިބްރާހީމް"ގެ ޢިމާރާތާއި ދިދަދަނޑިއާ ދޭތެރެއިން ބަޑީގެ ގިނަ ވަޒަންތައް ދަތުރުކުރަމުންދާ ކަން ޔަޤީން ކުރެވޭތީއެވެ. މިހެންވީމާ ބަޑިޖަހާ ދޯނި އެހެން ދިމާލަކަށް ގޮސް ފުރުޞަތު ލިބުމާއެކު މިކަންކުރީ ހަވަރުތިނަދޫގެ ވެރިންގެ ނުވަތަ ރައްޔިތުންގެ ބަޔެއް އެދިގެންނޫނެވެ. މިއީ އެދުވަހު ހަވަރުތިނަދޫގައި ހުރި އެރަށުގެ ކޮންމެ މީހެއްގެވެސް ފަރުދީ އަދި ޤައުމީ ވާޖިބެއްކަމަށް ދެކިގެންނެވެ. އަދި މިކަމަކީ މަތިވެރި ﷲ ގެ ރަޙުމަތްފުޅާއި އޯގާވަންތަކަމުގެ ބޮޑުކަމުން މެދުވެރިކޮށްދެއްވި ވަރަށް ރަނގަޅު ކަމަކަށްވާތީ އެކަމަށްޓަކައި މަތިވެރި ﷲ ގެ ޙަޟްރަތަށް ޝުކުރުކުރުން މަތީ ދެމިހުރީމެވެ." މިހެންނެވެ.
ހަވަރުތިނަދޫ އަތިރިމަތީގައި ހުރި ދިދަ ދަނޑިން ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހިދައުލަތުގެ ދިދަ ނެގިއިރު އެތަނާއި ސާޅީހަކަށް ފޫޓު ކައިރީ އިރުމަތީގައި ބަޑިޖަހާ ދޯނި އޮތެވެ. އޭރުވެސް ބަޑި ޖަހައެވެ. އޭގެފަހުން ގިނައިރެއްނުވެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ހަވަރުތިނަދޫއަށް ފައިބައިވަޑައިގެން ވާރުގޭ (އަތޮޅުއޮފީސް) ކައިރިއަށް ވަޑައިގެން "އިރުއޮއްސުމުގެ ކުރިން ރަށުގެ އެންމެން ރަށުން ފައިބައިގެން ދާން" އަމުރު ނެރުއްވީއެވެ. އެއާއި ގުޅިގެން ރަށުތެރޭގެ އެކި ހިސާބުގައި އަޑުގަދަކުރާ އާލާތްތައް މެދުވެރިކޮށް ރަށުގެ އެންމެންނަށް އެ އަމުރު އިއްވައި އެކަން ތަންފީޛުވެސް ކުރީއެވެ. އަދި އޭގެފަހުން 04 ފެބްރުއަރީ 1962މ. ގައި ހަވަރުތިނަދޫއަކީ ފަޅުރަށެއް ކަމުގައި ދިވެހިދައުލަތުން އިޢުލާން ކުރެއްވިއެވެ.
"ސިލްވަރކްރެސްޓް"
ޙާދިސާއާއި ގުޅިގެން ނިޔައުވިމީހުންނާއި ޒަޚަމްވިމީހުން:
1-
ހަވަރުތިނަދޫ ލައިނޫފަރުމާގޭ ސަންފާ، ހައިހޯޕް/ ތިނަދޫ
(ސަންފާ
ނިޔައުވީގޮތް މިލިޔުމުގެ ކުރީބައިގައި ލިޔެފައިވާނެއެވެ.)
2-
ހަވަރުތިނަދޫ ޢަބުހަރީގޭ ޙުސައިން ތަކުރުފާނު، ޢަބްހަރީގެ/ ތިނަދޫ
(ޙުސައިން
ތަކުރުފާނު ނިޔައުވީ ބޮޑުއަށިގެ ނުވަތަ މަދަރުސަތުލް އަމީރު އިބްރާހީމް ކައިރީ ހުންނަވަނިކޮށެވެ.
ތިރީގައިވާ ފޮޓޯތަކުން ފޮޓޯ A އަކީ ޙުސައިން ތަކުރުފާނު ހުންނެވި ހިސާބެވެ. އެ
ހިސާބުގައި ޙުސައިން ތަކުރުފާނު ހުންނަވާއިރު އޭނާއަށް ބަޑީގެ ޙަމަލާއެއް އަމާޒުވާނީ
ފޮޓޯ C ގައިވާ ޕޮޒިޝަނުން ދޭ ޙަމަލާއަކުންނެވެ. މިއީ އޭރު ބަޑިޖަހާ
ދޯނިއޮތް ރޯޝަނީމަގާއި ދިމާލުން ދޯނި ނުބީހޭ ހިސާބެވެ. މިޙަމަލާ ފޮނުވައިލެވިފައި ވަނީ
ފޮޓޯ B އިން ފެންނަ ފަސްބާޑީގެ އެންމެ ދެކުނުން ބޮޑުއަށިގެ ނުވަތަ
މަދަރުސަތުލް އަމީރު އިބްރާހީމްގެ އިރުދެކުނު ކަނަށެވެ. މަރުޙޫމް ޙުސައިން ތަކުރުފާނު
ވަޅުލެވުނީ ހަވަރުތިނަދޫން މީހުން ފައިބަމުން ދިޔަ ވަގުތުއެވެ. މިޖަނާޒާގައި އިސްކޮށް
ހުންނެވީ ވެސް ހަވަރުތިނަދޫގެ މަޝްހޫރު ކުޑަކަތީބު ޤާސިމް ރަޝާދު (ކާސިންފުތު ބެއްޔާ)އެވެ.
(ސަޢުދިއްޔާ
މުޙައްމަދު ނިޔައުވީ ބަޑިޖެހުމާއި ރަށުން ފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެ
ތެރޭ ހޮޑުލައި އެދުވަހުގެ އިރު އޮއްސުނު ފަހުން "މާގޮޑެރެހާ"ގަ
އެވެ. އޭނާ ވަޅުލެވުނީ އެ ފަޅުރަށުގައެވެ.)
4-
ހަވަރުތިނަދޫ ހުދުވިލާގޭ ޙުސައިން ޙަސަންދީދީ، ފީރޯޒުގެ/ ތިނަދޫ
(ޙުސައިން
ޙަސަންދީދީ ނިޔައުވީ ބަޑިޖެހުމާއި ރަށުންފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެތެރޭ
ހޮޑުލައި އެދުވަހުގެ އިރުއޮއްސުނުފަހުން މާގޮޑެރެހާގައެވެ. އޭނާ ވަޅުލެވުނީ އެފަޅުރަށުގައެވެ.)
5-
ހަވަރުތިނަދޫ އަތަމާގޭ މަރިޔަމްދިޔެ، ޕާޕަލް/ ތިނަދޫ
(މަރިޔަމްދިޔެ
ނިޔައުވީ ހަވަރުތިނަދޫއަށް ބަޑިޖެހުމާއި އެރަށުން ފައިބައިގެން ދިޔަ ވަގުތުގެ ބިރުވެރި
ހިތްދަތިކަމުގެ ތެރޭ ހޮޑުލައި ހާލު ދެރަވުމާ ގުޅިގެން އެހީތެރިވާނެ އަޅާލާނެ ފިރިހެނަކު
ނެތި ކާޑެއްދޫގައެވެ. އޭނާ ވަޅުލެވުނީވެސް އެ ފަޅުރަށުގައެވެ. މަރިޔަމްދިޔެ ނިޔައުވެ
އެތައް ގަޑިއެއްވީ އިރުވެސް މަންމަ އެވަނީ ހާލުދެރަވެފައި ކަމެއް ނިޔައުވެފައި ކަމެއް
އޭނާގެ ކުޑަކުޑަ ކުދިންނަކަށްވެސް ނޭނގެއެވެ. އޭރުވެސް ޢުމުރުން އެންމެ ހަތަރުމަސްވީ
ތުއްތު ދަރިފުޅު މަންމަގާތުން ބުއްބޯންވެސް އޮތެވެ. މަތިވެރި ﷲ ގެ ކުޅަދުންވަންތަ ކަމުގެ
ބޮޑުކަމާއެވެ. އޭގެ ހަޔެއްކަ ދުވަސް ފަހުން އެ ތުއްތުދަރިފުޅު ވެސް ނިޔައުވީއެވެ.)
6-
ހަވަރުތިނަދޫ ޢަބުދުﷲ ޔޫސުފު (ވިލުވާނު ޔޫސުފުބޭގެ)
(ޢަބުދުﷲ
ޔޫސުފު ޒަޚަމްވީ ހަވަރުތިނަދޫން މީހުންބޭލި ދުވަހު ބަޑިޖަހަނިކޮށް ވައިލެޓްމަގާއި ރޯޝަނީމަގާ
ގުޅޭ ހަތަރުއަނގޮޅިންނެވެ. މިޒަޚަމް ފަސޭހަވިއެވެ.)
7-
ހަވަރުތިނަދޫ ޙުސައިންފުތު، އައިލަކްސް/
ތިނަދޫ
(ޙުސައިންފުތު
ޒަޚަމްވީ ހަވަރުތިނަދޫން މީހުންބޭލި ދުވަހު ބަޑިޖަހަނިކޮށެވެ. މިޒަޚަމް ފަސޭހަވިއެވެ.)
8-
ހަވަރުތިނަދޫ ޢުސްމާނުބެ(މާކަޑަމަތި)
(ޢުސްމާނުބެ
ޒަޚަމްވީ ހަވަރުތިނަދޫން މީހުންބޭލި ދުވަހު ބަޑިޖަހަނިކޮށް އަތިރިމައްޗާއި ކައިރި ހިސާބެއްގައި
ހުންނަވިކޮށެވެ. މިޒަޚަމް ފަސޭހަވިއެވެ.)
މަތިވެރި
ﷲ ، ސަންފައާއި، ޙުސައިން
ތަކުރުފާނާއި، ސަޢުދިއްޔާ މުޙައްމަދާއި ޙުސައިން ޙަސަންދީދީ އާއި، މަރިޔަމްދިޔެގެ ފުރާނައަށް
ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތްލައްވާށިއެވެ. އާމީން!
ދިވެހިދައުލަތާ
މެދު ހުވަދުއަތޮޅުގައި 2ވަނަ ފަހަރަށް އުފެދުނު ހަމަނުޖެހުން ޙައްލުކުރުމަށް 1962މ.
ގައި "ސިލްވަރކްރެސްޓް" ކުރި ދަތުރުގެ ފޮޓޯތައް ކަމަށް ބަޔާންކޮށް އެކި ދިމަދިމާލުން
ފެންނަ ފޮޓޯތަކުގައި އެފަހަރު މާލެ ގެންދެވި ބައެއް ބޭފުޅުން ފެނުނު ނަމަވެސް އެއީ
ހަވަރުތިނަދޫގައި ނަގާފައިވާ ފޮޓޯތަކެއްނޫނެވެ. "ސިލްވަރކްރެސްޓް"ގެ
1962މ.ގެ ދަތުރުގައި ހަވަރުތިނަދޫގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް
ޢާއްމުވެފައި ނުވެއެވެ. މިހެންމެ، މިލިޔުމުގައިވާ "ސިލްވަރކްރެސްޓް" ފެންނަ
ފޮޓޯފިޔަވައި، އެހެން ފޮޓޯތަކަކީ ވެސް "ސިލްވަރކްރެސްޓް"ގެ 1962މ.ގެ ހަވަރުތިނަދޫ
ދަތުރުގެ ފޮޓޯތަކެއް ނޫނެވެ. މިލިޔުމުގައިވާ ފޮޓޯތަކަކީ ލިޔުމުގައި ގެނެސްދޭކަމަކާއި
ގުޅިގެން އެކަމެއް ހިނގި ސަރަޙައްދު ދައްކުވައި ދިނުމަށް ބޭނުންކޮށްފައިވާ ހުވަދުއަތޮޅުގެ
ފުރަތަމަ ހަމަނުޖެހުން ޙައްލުކުރުމަށް 1958މ.ގައި "މޯލްޑިވްސްޓާރ" ހަވަރުތިނަދޫއަށް
ކުރި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި އެހެނިހެން ބައެއް ފޮޓޯތަކެވެ.
ނަމަވެސް
"ސިލްވަރކްރެސްޓް"ގެ 1962މ.ގެ ދަތުރުގައިވެސް ފޮޓޯ ނެގިކަމާއި ފިލްމާއެކީ
ފޮޓޯކެމެރާ ވަނީ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަތްޕުޅުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިމަޢުލޫމާތު އަޅުގަނޑަށް ދެއްވީ އަލްފާޟިލް މައިޒާން އިބްރާހީމް މަނިކެވެ. (ނިމުނީ)
------------------
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ/ ގދ. ތިނަދޫ
12
އޮކްޓޫބަރ 2013މ.
މަޢުލޫމާތުގެ
ޙިއްޞާ:
ޢަލީ ރަޝީދު ޑައިމަންޑްވިލާ/ތިނަދޫ
އަލްމަރުޙޫމް ޒަކަރިއްޔާ މޫސާ(ބެރުގެ) މަދޮށިމާގެ/ތިނަދޫ
އަލްމަރުޙޫމް ޢަބުދުލްވައްހާބު(ބާންސަރީގެ) ދޯދިލް/ތިނަދޫ
މުޙައްމަދު ޙުސައިން މާބަނޑޭރިގެ/ތިނަދޫ
އިބްރާހީމް ރާޝިދު މުޖުމަރާގެ/ތިނަދޫ
ޢަލީ ޙުސައިން ރަންގަލް/ތިނަދޫ
ފާޠިމަތު ރަޝީދާ ލައިޓްރޯސް/ތިނަދޫ
އާދަމްތަކުރުފާނު ޓޯކިޔޯވިލާ/ތިނަދޫ
އާމިނަތުފާއިޒާ ހަލަވެލި/ތިނަދޫ
މުޙައްމަދު ޒުހައިރު ޖޭނެސްޓް/ތިނަދޫ
އިބްރާހީމް ޝާކިރު ދުންތަރި/ތިނަދޫ
މުޙައްމަދު ނިޒާރު ލާޓް/ތިނަދޫ
ޢަބުދުﷲ ކަލޯ ޕާޕަލް/ތިނަދޫ
------------------