ގައުމީ އިނާމު ކޮމިޓީގެ ޗަރުކޭސް - 1

ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި މިނިވަން މުއައްސަސާތަކުންނާއި މަދަނީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދެމުން ގެންދާ އިނާމެކެވެ. ރައީސްލުޖުމްހޫރިއްޔާގެ އޮފީހުން އިނާމުގެ ތައާރަފުގައި ބުނެފައިވެއެވެ.

އެއޮފީހުން ހާމަކުރިގޮތާއި އެއޮފީހުގައި އޮންނަ ގައުމީ އިނާމު ކޮމިޓީން އަމަލުކުރާގޮތް ދިމޭވޭތޯ ބަލައިލަމާބަހީއެވެ. މިއީ ދިވެހިދައުލަތުގެ ދެ މުވައްސަސާއެވެ. ގައުމީ އިނާމުގެ މަގްސަދާ އެއްގޮތަށް އެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ބަދަލުގައި ބައެއްފަހަރު އިނާމު ކޮމިޓީން ކަންކުރަނީ ރަގަޅަށްނޫންކަމަށް ބެލިދާނެ ކަންކަން އެބަހުއްޓެވެ.

ފުރަތަމަކަމަކީ 2019 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ގައުމީ އިނާމަށް ހުށަހެޅި ހަތަރު ބޭފުޅެއްގެ ކަންތައް ކޮމިޓީން ގެންދިޔަގޮތެވެ. ގައުމީ އިނާމުދިނުމުގެ ޖަލްސާ ބާއްވައި ނިމުނުއިރުވެސް އެ ހަތަރު ބޭފުޅުންނަށް އިނާމެއް ނުލިބުނެވެ. އެވީގޮތެއް އަންގާލަދިނުން އެދި ގައުމީ އިނާމުކޮމިޓީއަށް ދިވެހިބަހުގެ އެކެޑަމީން ސިޓީއެއް ފޮނުވީމާ  ލިޔުމަކުން ޖަވާބެއްވެސް ނުދިނެވެ. އަނގަބަހުން ބުނަނީ އިނާމަށް އެދި ހުށަހަޅާފައިވާ ބޭފުޅުންގެ ލިޔުންތައް ހަމަނުވާކަމުގައެވެ.

މި ހަތަރު ބޭފުޅުންނަކީ އަލްއުސްތާޒު މުހައްމަދު ވަހީދު ނަދުވީއާއި އަލްފާޟިލް ކޮޕީ މުހައްމަދު ރަޝީދާއި އަލްފާޟިލާ ރަޝީދާ އިބްރާހީމާއި އަލްފާޟިލް އަބްދު ﷲ ހިލްމީއެވެ. މިއީ ދިވެހިގައުމަށްޓަކައި އެބޭބޭފުޅުން ކުރެއްވި މަސައްކަތްޕުޅަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެކަމަށް ހިތްވަރުދެއްވުމުގެ ކަރުދާސްކޮޅެއް ނުވަތަ ބަސްފުޅެއް ވިޔަސް ލިބިވަޑައިގަންނަވަންޖެހޭ ބޭފުޅުންކަމަށް ގިނަބަޔަކު ގަބޫލުކުރާނެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އެބޭފުޅުންނަށް ގައުމީ އިނާމު ދިނުން އެދި ދިވެހިބަހުގެ އެކެޑަމީން ހުށަހެޅި ފޯމަކީ އެފޯމާއެކީ ހުށަހަޅަންޖެހޭ ތަކެއްޗެއްވެސް ހުންނަ ފޯމަކަށްވާއިރު އެތަކެތި ހުށަހަޅާފައި ނުވާނަމަ ފޯމުތައް ބަލައިގަތީ ކީއްވެގެންތޯއެވެ.

އަނެއް ސުވާލަކީ ފޯމާއެކީ ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައިނުވާ މީހަކާބެހޭގޮތުން ހެރިޓޭޖް މިނިސްޓަރ އިންނަވައިގެން ހެލްތު މިނިސްޓަރ އަގުވަޒަންކުރުމުގެ ފިލާ ދެއްވާފައިވާ މީހަކީ ތާރީޚަށް މަސައްކަތްކުރާ މީހެއްތޯ ތިނަދޫ އަބްދު ﷲ ޢަފީފު އަރިހުން އިނާމުކޮމިޓީގެ މެމްބަރަކު އެހުމުގެ ބޭނުމަކީ ކޮބައިތޯއެވެ. މިފިލާ ދެއްވާފައިވަނީ 27 ފެބްރުވަރީ 2019 ގައި ޓީވީންވެސް ވަގުތުން ދެއްކި ރަސްމީ ޖަލްސާއެއްގައެވެ.

އަނެއްކަމަކީ ދިވެހިބަހުގެ އެކެޑަމީއަކީވެސް ދިވެހިދައުލަތުގެ މުވަސައްސަސާއަކަށް ވެފައި އެތަނާމެދު ގައުމީ އިނާމުކޮމިޓީން ކަންތައްކުރި ގޮތެވެ. އެތަނަށް އެއްވެސް އެއްބާރުލުމެއް ނުދިންކަމެވެ. ގައުމީ އިނާމަށް އެތަނުން ހުށަހެޅި ހަތަރު ބޭފުޅަކު އެކަމުން މަހުރޫމުކުރިކަމެވެ.

މިހެންވީމާ ދިވެހިރާއްޖޭގެ ދިވެހިބަހުގެ އެކެޑަމީއަކީ ދެކުނު އެފްރިކާގެ ކުވާޒޫލޫ ޕްރޮވިންސުގެ ޒޫލޫ ބަހާބެހޭ އެކެޑަމީއެއްކަމަށް  ގައުމީ އިނާމުކޮމިޓީއަށް ހީވަނީކަމަށް ބެލުމަށް ފުރުސަތު އެބައޮތެވެ.

މިކަމާބެހޭގޮތުން ގަލެހިރި ވައިބަރު އޮޅީގައި ދެކެވުނު ބައެއް ވާހަކަތައް ތިރީގައި ބަޔާންކުރާނަމެވެ.

************


ލަފާކުރެވޭގޮތުން މިއީ ކޮންމެވެސް އެއްޗެއް ހައްގުވާ ބަޔަކަށް އެ އެއްޗެއް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއްގެ ތެރެއިން ކޮންމެވެސް ބަޔަކު ފެންނަ ފޮޓޯއެކެވެ. މިދެންނެވިއެއްޗަކީ ފްލެޓްކަމަށް ވިޔަސް ނޫނީ ގޯތިކަމަށް ވިޔަސް އޭގައި އަދުލުވެރިކަން އޮންނަން ޖެހެއެވެ. އެހެނީ އެއީ މަތިވެރި ﷲ ސުބްހާނަހޫވަތައާލާ އެކަމަށް އަމުރުކުރައްވާފައިވާ ކަމެކެވެ.

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ  ﴿٩٠﴾

މާނަޔަކީ، ހަމަކަށަވަރުން عدل ވެރިވުމަށާއި إحسان ތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި منكرات ތަކާއި އަނިޔާވެރިވެ އުޅުން އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ ތިޔަބައިމީހުންނަށް وعظ އިއްވަވަނީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. - އައްނަޙުލު 

*************

އެހެންބޭފުޅަކު ވިދާޅުވިއެވެ. ތިޔައީ ފްލެޓާއި ގޯތި ކަމަކަށެއް ނުވާނެއެވެ. އަނީސާ އެބައިންނެވިއެވެ. ވީމާ އެހެންކަމެކެވެ.

*************

އެހެންބޭފުޅަކު ވިދާޅުވިއެވެ.

އަދުލުވެރިވުމަކީ ގުރުއާނުގެ ނައްސުން ކަނޑައަޅުއްވައި ﷲ ވަރުގަދަގޮތެއްގައި އަންގަވާފައިވާ ކަމަކަށް ވީނަމަވެސް އެއީ މުޅި އިންސާނިއްޔަތު ވަކިން ޚާއްސަކޮށް ދިވެހިން އެކަހެރިވެގެންފައިވާ ކަމެކެވެ. އޭގެ ވާހަކަ ދައްކާނީވެސް ތިމާޔަށް ނުލިބިއްޖެ ހާލަތެއްގައި އެކަންޏެވެ. މިގޮތަށް މިކަން ތަކުރާރުވަމުން ގޮސް މިހާރު އޭގެ ލަފްޒީ މާނަޔާއި އިސްޠިލާހީ މާނައިގެ އިތުރުން ޝަރުއީ މާނަވެސް ވަނީ އޮޅިފައެވެ. ނުވަތަ އޮޅުވައިލައިފައެވެ. އެކަމަކު އަޅުގަނޑު އެކަމަކާ މާބޮޑަކަށް ހިތާމައެއް ނުކުރަމެވެ. ސަބަބަކީ އެއީ ގިޔާމަތް ދުވަހުން ލިބޭނެ އެއްޗެއްކަން ޔަގީންވާތީއެވެ.

މިފަދަ ދެވަނަ ކަމަކީ އިހުސާން ކަމެވެ. އުމުރުން 40 އަހަރު ނުފުރޭ ޒުވާނުންގެ ތެރެއިން އިހުސާންކަން އެނގެނީ ގާތްގަނޑަކަށް 10 އިންސައްތަ ކުދިންނަށެވެ. އެއީ ކޯއްޗެއްތޯ އެހީމާ ބުނަނީ އެއީ މީހުންނަށް ހެޔޮކޮށްހިތުމޭ، ލަފާދާރު ވުމޭ، ތެދުވެރިވުމޭ، އަމާނާތްތެރިކަމޭ، މިފަދަ ކޮންމެވެސް ވާހަކައެކެވެ. މިއީވެސް އެއްބޭފުޅެއްގެ ވިދާޅުވުމެކެވެ. (ނުނިމޭ)

                   -------------------------

ލިޔުއްވީ: ޢިމާދު ލަޠީފު

14 ސެޕްޓެމްބަރ 2020މ.