ހުވަދޫ "ފަތުޙުލް ޢިނާޔަތު" އޮޑީގެ ތާރީޚީ ހުވަދޫދަތުރު – 3ދެވަނަ ބަޔާއި ގުޅޭ-

ހުވަދުއަތޮޅު ވިލިގިލީ ބޭރުން ފުރި ރޭގެ އަނެއްދުވަހު ހެނދުނުގެ ވަގުތެއްގައި ހައްދުންމަތީ މާމެންދޫ ބޭރުގައި "ފަތުޙުލް އިނާޔަތު" ބަނދަރުކޮށްފި އެވެ. 

އެ ދުވަސްކޮޅަކީ، ދިވެހިސަރުކާރުގެ އަމުރާއި ބާރުގެދަށުން ވަކިކޮށް އަމިއްލަ ވެރިކަމެއް ގާއިމުކޮށްފައިވާ ދެކުނުގެ 3 އަތޮޅުން ދަތުރުކޮށްފައި އަންނަ އުޅަނދުފަހަރާއި އެއިން އަންނަ މީހުންނަށް ރާއްޖޭގެ އެހެނިހެން އަތޮޅުތަކާއި މާލެއިން ވެސް ބޮޑު ސަމާލުކަމެއް ދީފައިވާ ދުވަސްކޮޅެކެވެ. އަދި އޭރު ހައްދުންމައްޗާއި ކޮޅުމަޑުލުގައި ވެސް ސިފައިންގެ ބަޔަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

"ފަތުޙުލް ޢިނާޔަތު" ހައްދުންމަތީ މާމެންދޫ ބޭރުގައި ބަނދަރުކުރިތާ ގިނަ އިރުތަކެއްނުވެ އެ އޮޑިއަކީ ދެކުނުގެ 3 އަތޮޅުންކުރެ އަތޮޅެއްގެ އޮޑިއެއްކަން އެނގިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޯނިފަހަރުގައި އެ އޮޑިދޮށަށް ގޮސް އޮޑީގެމީހުން ދައްކާ ވާހަކައަކަށް ނުބަލައި އޮޑީގެ ހުންގާނު ނައްޓާލައިގެން މާމެންދޫއަށް ގެންގޮސްފި އެވެ. އޭގެ ބޭނުމަކީ އެ ބަނދަރުން އޮޑި ފުރިޔަނުދީ ހިފެހެއްޓުމެވެ.

މިހެންވުމުން މާމެންދޫގެ ވެރިންނާއި އެ ރަށުގައި ތިބި ސިފައިންނާއި ބައްދަލުކުރެއްވުމަށްޓަކައި އޮޑިވެރިޔާ އަދި މާލިމީ މުޞްޠަފާ މަންޞޫރާއި އޮޑީގެ ސަރަނގު ޢަލީ ގާސިމް(ރެއްކާބެ) އޮޑީގެ ބޮއްކުރާއިން މާމެންދޫއަށް ފައިބަންނަވައި އޮޑީގެވާހަކަ ވުޒާރަތުއް ދާޚިލިއްޔާގައި ދަންނަވައި އެ ތަނުން އަންގަވާގޮތަކަށް އޮޑިއާއި މެދު ޢަމަލުކޮށް ދެއްވުމަށް އެ ރަށުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ކިބައިން އެދިވަޑައިގަތެވެ.

އެ ދުވަހު މާމެންދޫގައި ސިފައިންގެ ބޭކަލުންގެ ކިބައިން މުޞްޠަފާ މަންޞޫރު އެދިވަޑައިގަތް ކަމަށް މަޢުލޫމާތު ލިބެނީ، ހަމައެކަނި އެ އޮޑި އެ ބަނދަރަށް ދިޔުމުން ކަންތައް ހިނގި ގޮތް ވުޒާރަތުއް ދާޚިލިއްޔާގައި ދަންނަވައިދެއްވައި އެ ވުޒާރާއިން އަންގަވާ ގޮތަކަށް ކަންތައް ކޮށްދެއްވުމަށެވެ. ދަތުރުގެ ބޭނުމާއި ދަތުރުގައި (ހުވަދުއަތޮޅުގައި) ދިމާވި ކަންކަން އެ ބޭކަލުންނާއި ޙިއްޞާކުރެއްވި ކަމެއް ނުވަތަ ނުކުރައްވާ ކަމެއް އެނގިފައިނުވެ އެވެ. ނަމަވެސް ދަތުރުގެ ބާވަތާއި ދުވަސްވަރަށް ބަލާނަމަ ބައެއް މަޢުލޫމާތު ވިޔަސް ސިފައިންނާއި ޙިއްޞާކުރެއްވުން އެކަށީގެންވެ އެވެ.

މާމެންދޫ ބަނދަރުގައި އޮތް ދިވެހިސަރުކާރުގެ އުޅަނދެއްގެ މުވާޞަލާތީ ޚިދުމަތެއް ބޭނުންކުރައްވައިގެން މާމެންދޫގައި ތިއްބެވި ސިފައިންގެ ބޭކަލުން "ފަތުޙުލް ޢިނާޔަތު"ގެ ޚަބަރުތައް ވުޒާރަތުއް ދާޚިލިއްޔާއާއި ހަމައަށް ގެންދެވުމުން ދެން އެ ޚަބަރު ދާންޖެހޭ ދިމާލެއްވާނަމަ އެ ދިމާލަކަށް ގޮސް ގިނައިރުތަކެއް ނުވެ ވުޒާރަތުއް ދާޚިލިއްޔާއިން އެންގެވިކަމަށް ވަނީ، އޮޑީގެ ހުންގާނު އަޅުވައި އޮޑިއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށާއި އަދި އޮޑީގެ ރިޔާނަގައި ބޭލުމަށް ބޭނުންވާވަރަށް އޮޑީގައި މީހުންނެތް ނަމަ އެކަން ކުރެވޭވަރަށް އޮޑިއަށް މީހުންއަރުވައި އެމީހުންނާއެކު އަވަހަށް އޮޑިއަށް މާލެދެވޭގޮތް ހެދުމަށެވެ.

މާލޭގެ ކަމާބެހޭފަރާތުން އެންގެވިގޮތަށް "ފަތުޙުލް ޢިނާޔަތު"ގެ ކަންކަން ހަމަޖެހިގެން އޮޑި ފުރޭވަރުވީ ދެ ރޭ އެ ބަނދުގައި އޮތުމަށްފަހު، ދެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ދުވަހާއި އެ ރޭ ދަތުރުކޮށްފައި މާލޭގެ ބޭރަށް އޮޑިއަށް ދެވުނުއިރު ސިފައިންގެ ބައެއް އުޅަނދާއި "ސީކިންގް ލޯންޗު" ބޭރު ބަނދަރުގައި އޮތެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި "ފަތުޙުލް ޢިނާޔަތު" މާލޭގެ ބަނދަރަށް ވެއްދީ "ސީކިންގް ލޯންޗް"ގެ ކަފުޖަހައިގެންނެވެ. ބޮޑުފާލަމުގެ ކައިރިން މާލޭ ކަނޑިންމައަށް އޮޑި ވައްދަމުންދިޔަ އިރު، އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި ދައުލަތުގެ ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން ބޮޑުފާލަމުގައި ތިއްބަވައި "ފަތުޙުލް ޢިނާޔަތު"ގެ އެ ދަތުރަށް ތަޢުރީފުކުރެއްވި އެވެ. ޚާއްޞަކޮށް އޭގެ ސަރަނގު ޢަލީ ގާސިމް (ރެއްކާބެ) އެ ދަތުރުގައި ކުރެއްވި ހިތްވަރު ފާހަގަކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

"ފަތުޙުލް ޢިނާޔަތު"ގެ މިދަތުރު މާލެ/ހުވަދޫ، އަދި ހުވަދޫ/މާލެ ދަތުރުކުރެއްވި އެ އޮޑީގެ މުވައްޟަފެއްކަމަށްވާ ތިނަދޫ ގޯލްޑްރިންގ މުޙައްމަދު ޢަލީ (ތުއްތުބެ) މަޢުލޫމާތު ދެއްވާފައިވަނީ، މި ދަތުރު މާލެ ދެވުނީއްސުރެ ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުން ނުވަތަ ބައެއްމީހުން އެ ކިޔާ ބަޣާވާތުގެ ކަންތައް ހަމަޖެހި އޮޑިއަށް ހުވަދުއަތޮޅަށް ދެވެންދެން އޮޑީގެ މުވައްޟަފުންނަށް ދިވެހިސަރުކާރުން މުސާރައެއް ހަމަޖައްސަވައި ކޮންމެމަހަކު އެ މުސާރަ ދެއްވަމުންގެންދެވި ކަމަށެވެ. އެއީ ސަރަނގަށް -/150ރ. އާއި އެނޫން މީހަކަށް -/130ރ. އެވެ. މުޙައްމަދު ޢަލީ (ތުއްތުބެ) ފާހަގަކުރައްވާ ގޮތުގައި އެ ދުވަސްވަރު (1962މ. އަށް ބަލާނަމަ) އެއީ ކުޑަ އެއްޗެއްނޫނެވެ.

މުސާރަ ފައިސާގެ ޢަދަދުގެ ވާހަކަ މުޙައްމަދު ޢަލީ (ތުއްތުބެ) އެ ގޮތަށް ފާހަގަކުރެއްވީ، 1970މ.ގެ ދުވަސްވަރާ ހަމައަށް އައިއިރު ރާއްޖޭގެ ރަށެއްގެ ކުޑަކަތީބަށް -/66ރ. ކަތީބަށް -/80ރ. އަދި އަތޮޅުވެރިޔާއަށް -/250ރ. މުސާރައަށް ހުރުމުންކަމަށް ވެދާނެ އެވެ. މިގޮތަށް ބެލިކަމަށް ވިޔަސް، އަދި ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގައި ދިވެހިސަރުކާރު ނޫން އެހެން ސަރުކާރެއް އެ ތާނގައި ގާއިމުކުރުމުން (އެ ދުވަސްވަރު މާލޭގައި ތިބި ހުވަދުއަތޮޅުގެ 8 މުވައްޟަފުން ފިޔަވައި) ހުވަދުއަތޮޅުގައި ތިބި ދިވެހިސަރުކާރުގެ ހުރިހާ މުވައްޟަފުން ދިވެހިސަރުކާރުގެ ވަޟީފާތަކުން ވަކިކުރެއްވުމުން އެ ދުވަސްވަރު ދިވެހިސަރުކާރުގެ މުސާރައެއް ލިބުނު އެއްވެސްމީހަކު ހުވަދުއަތޮޅުގައި ނެތީމާ، "ފަތުޙުލް ޢިނާޔަތު"ގައި ތިބި އެ އޮޑީގެ މުވައްޟަފުންނަށް ދިވެހިސަރުކާރުން ދެއްވި މުސާރަ ރަނގަޅުކަމަށް ތުއްތުބެއަށް ފާހަގަކުރެއްވިދާނެ އެވެ.

ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ނުވަތަ ބައެއްމީހުން އެ ކިޔާ ބަޣާވާތުގެ ދުވަސްވަރު (އެ މުވައްޟަފުން މާލޭގައި ތިއްބެވުމުން) ދިވެހިސަރުކާރުގެ ވަޟީފާތަކުން ވަކިނުކުރައްވައި މުސާރަ ލިބިވަޑައިގަތް މުވައްޟަފުންނަކީ، ކޮލަމާފުށީގެ ބޭފުޅަކާއި، ކަނޑުހުޅުދޫގެ ބޭފުޅަކާއި، ފިޔޯރީގެ ދެ ބޭފުޅުންނާއި، ހޯޑެއްދޫގެ ބޭފުޅަކާއި، މަޑަވެލީގެ ބޭފުޅަކާއި، އަދި ތިނަދޫގެ ދެ ބޭފުޅެކެވެ.

ނިންމާލުން:

ދިވެހިދައުލަތުގެ ބާރުގެ ދަށުން ދެވަނަފަހަރަށް ހުވަދުއަތޮޅު ވަކިކޮށްލައި ހޭދަވި 7 މަހެއްހާ ދުވަހުގެ ތެރޭ، ހުވަދުއަތޮޅުގައި އޭރުއޮތް ވެރިކަމަށް އެއްބާރުލުން ނުދޭކަމަށް ބަޔަކަށްބެލެވޭ މީސްމީހުންނަށާއި، ނުވަތަ އެ ވެރިކަން އިހުއޮތް މަގަށް ރުޖޫޢަކުރުމަށް އުޅޭކަމަށް ބަޔަކަށްބެލެވޭ ބައެއް މީސްމީހުންގެ ޖާނަށާއި މުދަލަށް އެކިވަރުގެ ގެއްލުންތަކެއް ކުރިމަތިވަމުން ދަނިކޮށް، ހުވަދުއަތޮޅު ތިނަދޫ "ފަތުޙުލް ޢިނާޔަތު" އޮޑި ހުވަދުއަތޮޅަށް ކުރި ދަތުރުގައި އެ އޮޑިން ދަތުރުކުރި މީހުންނާއި އަދި އެ އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށްޓަކައި ހުވަދުއަތޮޅު ވިލިގިއްޔާއި އެ އަތޮޅު މާމެންދޫގެ ބަޔަކު އެ ބޭނުންކުރި ޙިކުމަތާއި ވިސްނުންތެރިކަމަށް ތަޢުރީފު ޙައްގެވެ.

މިހެނީ. އެ ދުވަސްވަރުގެ ބައެއް ޙާލަތްތަކުގައި ވެރިޔަކީ ކާކުކަމެއް، އަމުރު ހިނގަނީ ކާކުގެ ކަމެއް، ބޯލަނބަން ޖެހެނީ ކާކަށްކަމެއް، ބައެއްފަހަރު އެނގޭކަށް ނޯވެ އެވެ. އެންމެންނަކީ ވެރިންނަށްވާ ފަހަރު ވެސް އަޔެވެ. އެ ދުވަސްވަރު ބައެއް ރަށްރަށުގައި ޒަމާނުއްސުރެ އެ ރަށެއްގެ މީހުން ގަދަރުކުރާ އިޙުތިރާމްކުރާ ބައެއް މީސްމީހުންނާ މެދު ނުބައި ހީތައްކުރެވި އެ މީސްމީހުންގެ ނަފުސަށް އަރައިގަނެ އަނިޔާކޮށް، އެ މީސްމީހުންގެ މުދައު ފޭރި، އެ މީސްމީހުންގެ ގޯތިގެދޮރު ތަޅައި ސުންނާފަތިކުރަމުން ގޮސްފައިވެ އެވެ.

މިކަން މިގޮތަށް އޮތް ދުވަސްވަރެއްގައި "ފަތުޙުލް ޢިނާޔަތު" އޮޑި ހުވަދުއަތޮޅަށް ކުރި ދަތުރުގައި އެ އޮޑިން ދަތުރުކުރި މީހުންނާއި އަދި އެ އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށްޓަކައި ހުވަދުއަތޮޅު ވިލިގިއްޔާއި އެ އަތޮޅު މާމެންދޫގެ ބަޔަކު އެ ބޭނުންކުރި ޙިކުމަތާއި ވިސްނުންތެރިކަމަކީ ހެޔޮމަގާއި ޞުލްޙައަށް ލޯބިކުރާ ހަމަ އެންމެންގެ ޝުކުރާއި ތަޢުރީފު އަބަދަށް ޙައްގު ކަމެކެވެ.


"ފަތުޙުލް ޢިނާޔަތު" އޮޑީގެ ފަހު ދަތުރަކީ، (ލަފާކުރެވޭ ގޮތުން 1963 ގެ އަހަރުތަކުގެ ތެރޭ) އެ އޮޑީގެ ވެރިޔާ އަދި މާލިމީ މުޞްޠަފާ މަންޞޫރު އައްޑުއަތޮޅަށް ކުރެއްވި ދަތުރެވެ. އޮޑި ބައުވެ ހަލާކުވެދިޔައީ މަތީގެ ފޮޓޯއިން ފެންނަގޮތަށް އައްޑުއަތޮޅު ހިތަދޫ ބޯޅަދަނޑު އޮންނަ ހިސާބުގެ އަތިރިމައްޗަށް އެހިލައި ފަނުން މަތި ހިޔާކޮށްފައި ހުއްޓަ އެވެ. މިތަނަށް އެހިލާފައި ހުރި އޮޑިތައް މުޅިން ހަލާކުވެ އެ އެއްޗެތި ބޭނުންކުރެވޭވަރު ނުވެ ހަލާކުވެދިޔައީ ދެކުނުގެ ހަމަނުޖެހުން ނުވަތަ ބަޔަކު ކިޔައި އެއުޅޭ ބަޣާވާތުގެ ކަންތައް ހަމަޖެހި، 30 ސެޕްޓެމްބަރ 1963މ. ގައި ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ ޢަފީފު ސީޝެލްސްއަށް ވެސް ފުރާވަޑައިގަތް ފަހުންނެވެ. އަދި އޮޑިތައް ހަލާކުވެދިޔައީ އޮޑިތަކަށް އަޅާލުމެއް ނުލިބިގެންކަމަށް ވެސް ހިތަދޫ މީނާޒް ޢަބުދުﷲ ނަޞީރު މަޢުލޫމާތު ދެއްވި އެވެ.
(ނިމުނީ)
                              -----------------

ޢަބުދުﷲ ހިލްމީ
21 ފެބްރުއަރީ 2016މ.

މަޢުލޫމާތާއި ފަންނީ އެހީތެރިކަމުގެ ޙިއްޞާ:

ޢަބުދުﷲ ނަޞީރު މީނާޒް/ ސ.ހިތަދޫ، އިބްރާހީމް އަނީސް ޝަބުނަމީގެ/ ވިލިގިލި، ޢަދުނާނު ޙަލީމް އޭޝް/ ވިލިގިލި، މުޙައްމަދު ޢަލީ ގޯލްޑްރިންގް/ ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ، ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ (ލިޔުއްވުން)