ހަވޮއްޑޭ މޭނާ ކަލޭގެފާނުގެ ޢާއިލާއިން




ހަވޮއްޑޭ މޭނާ ކަލޭގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާ ކައިވެނިކުރައްވައިގެން އެ ރަށުގައި ވެސް ހުންނެވި މީދޫ ޝަމްސުއްދީން  ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ، މޫސާ ކުޑަ ބަނޑޭރި ތަކުރުފާނުގެ، ޙަސަން ތައްޚާނުގެ، ޙުސައިން ތައްޚާނުގެ، އާމިނާފާނުގެ، ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) އެވެ.

އޭނާއަށް މޭނާކަން ދެއްވީ ބޮޑުފެންވަޅުގޭ އާމިނާދީދީ އާއި ކައިވެނި ކުރައްވައިގެންމާލޭގައި ހުންނެވިއިރު އެވެ. އޭގެކުރިން އޭނާއަށް ކިޔަމުން އައީ "ދޮންކޮއްޔެގޭ" "ޢަލިތައްޚާނު" އެވެ. ޙައްވާ ކަނބުލޭގެފާނާއި މޭނާ ކަލޭގެފާނު ކައިވެނިކުރެއްވީ ހަވޮއްޑާގައި މީހުން ދިރިއުޅުނު ދުވަސްވަރު އެވެ. މޭނާ ކަލޭގެފާނަކީ އޭނާ އަށް ލިބިވަޑައިގެންފައިވާ ޢިލްމުގެ ފައިދާވަރަށް ގިނަ ބަޔަކަށް ފޯރުކޮށްދެއްވި ބޮޑު ޢިލްމުވެރިއެކެވެ. 

މޭނާ ކަލޭގެފާނުގެ ބައްޕައަކީ ހިމިތީ ބޮޑުގޭ ދޮން މޫސާ ކަތީބު ކަލޭގެފާނެވެ. މިމޫސާ ކަތީބު ކަލޭގެފާނަކީ، އައްޑުއަތޮޅު ކަތީބަކަށް ވަޑައިގަތް ފ. ހިމިތީގެ ބޭފުޅެކެވެ. ހިމިތީ ދޮން މޫސާ ކަތީބު ކަލޭގެފާނަކީ ފުރަތަމަފަހަރަށް ސަރުކާރުން ކަތީބުކަމުގެ ވަޒީފާ ލިބިވަޑައިގެން އައްޑުއަތޮޅަށް ވަޑައިގެންނެވި ބޭފުޅާއެވެ. މޫސާ ކަލޭގެފާނުގެ ކުރިން ޒަމާނުއްސުރެ ކަތީބުކަން ހަމަޖެހެމުން ގޮސްފައިވަނީ ވަކި ޢާއިލާއަކަށް ނިސްބަތްވާގޮތަށް އެބަޔަކަށެވެ. މިސާލަކަށް ގަނޑުވަރު، އަތިރަގޭގެ ކޮންމެ ފިރިހެންބޭފުޅަކީ ކަތީބެކެވެ. މޫސާ ކަލޭގެފާނުގެ ފަހުން ކަތީބުކަން ދެއްވަމުންގެންދެވީ އެކަމަށްޓަކައި ކަނޑައަޅުއްވާ ބޭފުޅުންނަށް ސަރުކާރުން ދެއްވާ ފަތްކޮޅަކުންނެވެ.

މީދޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާބީފާނާއި މާލޭ ހެންވޭރު މުޙައްމަދު ކުޑަ ބަނޑޭރި ތަކުރުފާނާއި ކައިވެނިކުރއްވައިގެން ލިބިވަޑައިގަތް ދަރިކަލުން މޫސާ ކުޑަ ބަނޑޭރި ތަކުރުފާނުގެ، ޙަސަން ތައްޚާނުގެ ޙުސައިން ތައްޚާނު، ކައިވެނިކުރެއްވީ"ދޮންކޮއްޔެ"ގެ ފާޠިމާ ބީފާނާ އެވެ. މި ބީފާނުގެ މަތިފުށް އެނގޭކަށްނެތެވެ. "ދޮންކޮއްޔެ"އަކީ ޢާއިލީނަމެކެވެ. ނަސަބުގެ ލިޔުންތަކުގައި "ކޮއްޔެ" ބޭނުންކޮށްފައިވަނީ ފިރިހެނުންނަށް ކަމަށްވާތީ، ފާޠިމާ ބީފާނުގެ ބައްޕައަށް ދޮންކޮއްޔެ ކިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ފާޠިމާ ބީފާނު އުޅުއްވި ގެއަށް "ދޮންކޮއްޔެގެ" މިހެން ކިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މޭނާ ކަލޭގެފާނު، އެކި ފަހަރު އެކި ބޭކަނބަލުންނާއި ކައިވެނިކުރައްވައިގެން ބޭފުޅުން ލިބިވަޑައިގަތެވެ. މީދޫ އެދުރުގޭ އެދުރުފާނު (އާމިނާފާނު) އާ ކައިވެނިކުރައްވައި މި ކައިވެނިން "ދޮންކޮއްޔެގޭ" ފާޠިމާފާނު ލިބިވަޑައިގަތެވެ. އައްޑުއަތޮޅުގައި މިހާރު އޮތް "ދޮންކޮއްޔެގެ" ދަރިކޮޅަކީ މި ފާޠިމާފާނުގެ ދަރިކޮޅެވެ. މީދޫ އެދުރުގޭ އެދުރުފާނު(އާމިނާފާނު) އަކީގާޟީ އިބްރާހިމް މަޖުދުއްދީނާ އެއްބަނޑު އެއްބަފާ މަރިޔަމްމަނިކެގެ ބޭފުޅެކެވެ. މަޝްހޫރު ޢިލްމުވެރިޔާ މޫސަލްމުޞްޠަފާ (މާވަޑިބެއްޔާގެ މޫސާ މަނިކު) އަކީ ވެސް މޭނާ ކަލޭގެފާނުގެ ފާޠިމާފާނުގެ ދޮންމަނިކެގެ ބޭފުޅެކެވެ. އައްޑުއަތޮޅު ހިތަދޫގެކަތީބުކަން ކުރެއްވި ސ.ހިތަދޫ އަޙުމަދު ޖަމީލާ މޭނާ ކަލޭގެފާނުގެ ދޮންކޮއްޔެގެ ފާތުމާފާނުގެ ދޮންކޮއްޔެގެ ދޮންމަނިކެ އާއި މާވަޑިބެއްޔާ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އިބްރާހިމް މަނިކުގެ ބޭފުޅެކެވެ.

ސ.ގަމު ފަތްކިޔަވާ އެދުރުތައްޚާނު (ސ.ގަމު އެދުރުގޭ މުހައްމަދު ތައްޚާނު)ގެޢަލިކަތީބު ތަކުރުފާނުގެ މަރިޔަމްފާނާއި މޭނާ ކަލޭގެފާނު ކައިވެނިކުރައްވައިގެން އިބްރާހީމް ތައްޚާނު، (އިބްރާހީމް ތަކުރުފާނު) އަދި ސިއްތީފާނު ލިބިވަޑައިގަތެވެ.

ފ. ހިމިތީގެ ބޭކަނބަލަކާއި މޭނާ ކަލޭގެފާނު ކައިވެނިކުރައްވައި 2 ބޭފުޅުން ލިބިވަޑައިގަތްކަމަށް މޭނާ ކަލޭގެފާނަށް މާފަ ވިދާޅުވާ "ދޮންކޮއްޔެގޭ" ތުއްތުމަނިކު ވިދާޅުވާކަމަށް ވެއެވެ. އެކަމަކު އެއީ ކޮން ބޭފުޅުންނެއްކަމެއް އެނގޭކަށް ނެތެވެ. 

މާލޭ ބޮޑުފެންވަޅުގޭ އާމިނާދީދީ އާ ވެސް މޭނާ ކަލޭގެފާނު ކައިވެނިކުރެއްވިއެވެ. ނަމަވެސް މި ކައިވެނިން ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

މޭނާ ކަލޭގެފާނު އެންމެ ފަހުން ކައިވެނިކުރެއްވީ ހުވަދޫ ހަވޮއްޑޭ ތިރުގޭއަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާ އެވެ. މި ކައިވެނިން 5 ބޭފުޅުން ލިބިވަޑައިގަތްކަމަށް ހިތަދޫ ރިޔާޒް އަލްފާޟިލް އަޙުމަދު ޖަމީލު ލިޔުއްވައެވެ. ނަމަވެސް އެ ބޭފުޅުންގެ ޢާއިލާ އޭނާ ލިޔުއްވައިފައެއް ނުވެއެވެ. ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައި ވަނީ މޭނާ ކަލޭގެފާނާއި ޙައްވާ ކަނބުލޭގެފާނާއި ދެބޭފުޅުންނަށް ލިބިވަޑައިގަތް މޫސާ ތަކުރުފާނާއި، ދަލިކާފާނާއި، ކުޑަ ތަކުރުފާނާއި މި 3 ބޭފުޅުންގެ ޢާއިލާއާއި މޭނާ ކަލޭގެފާނު ދެވަނައަށް ކައިވެނިކުރެއްވި ފަތްކިޔަވާ އެދުރު ތައްޚާނުގެ ޢަލިކަތީބު ތަކުރުފާނުގެ މަރިޔަމްފާނާއި ދެބޭފުޅުންނަށް ލިބިވަޑައިގަތް އިބްރާހީމް ތައްޚާނު(އިބްރާހީމް ތަކުރުފާނު) އާއި އަދި ސިއްތީފާނުގެ ޢާއިލާ އެވެ. ޙަސަން ޙިލްމީ ލިޔުއްވައިފައިވާ މޭނާ ކަލޭގެފާނުގެ މި ޢާއިލާތައްވަނީ ވަނީ ހުވަދޫގަ އެވެ.

މޭނާ ކަލޭގެފާނުގެ މޫސާ ތަކުރުފާނުގެ ބޭފުޅުންނަކީ ކަތްދާފާނާއި، އައިސާފުޅާއި،ޙަލީމާ އާއި، ޙުސައިން ތަކުރުފާނެވެ. މި ބޭފުޅުންގެ އާއިލާ ހުވަދޫ މާމެންދޫ އާއި އެހެން ބައެއް ރަށްރަށުގައި ވެސް އެބަ ވެއެވެ.

މޭނާ ކަލޭގެފާނުގެ ދަލިކާފާނުގެ ބޭފުޅުންނަކީ ތިނަދޫ، ޖައްވު ޙަސަން ތަކުރުފާނާއި، ތިނަދޫ، ނަރުގިސްވިލާ ޤާސިމް ތަކުރުފާނާއި، ތިނަދޫ/ ކެނދިފަށުވިގޭ މުޙައްމަދު ތަކުރުފާނާއި، ތިނަދޫ، އަލިވާގޭ ޢަލިތަކުރުފާނާއި، އަދި ތިނަދޫ، ގްރީންޕާކް ދޮން ކަލޭގެފާނެވެ.


މޭނާ ކަލޭގެފާނުގެ ކުޑަ ތަކުރުފާނުގެ މޫސާ ދީދީގެ ބޭފުޅުންނަކީ ހުވަދުއަތޮޅު މާމެންދޫ ގުލްހަޒާރުމާގޭ ކަތްދާދީދީ އާއި، ތިނަދޫ، ނާރިނގުމާގޭ އައިސާދީދީ އާއި، މާލެ، ވިލިގިލި ސެޓްލައިޓް ފާޠިމާދީދީ އާއި، މާމެންދޫ ލައިނޫފަރު އާމިނާދީދީ އާއި، މާމެންދޫ، ޓިއުލިޕްމާގޭ ސަންފާދީދީ އެވެ.

މޭނާ ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މޫސާ ތަކުރުފާނު ކައިވެނިކުރެއްވީ ހުވަދޫ ފަރެސް މާރިޗްގޭ ޚަދީޖާ (ކަތްދަ)އާ އެވެ. ލިބިވަޑައިގަތީ ފަރެސް، ނޫވިލާގޭ މުޙައްމަދު ލަޠީފު އާއި، ފަރެސް، އުދަރެސް ޢަބުދުލް ޢަޒީޒު އާއި ފަރެސް، ރަންދޯދި ސަކީނާ މޫސާ އެވެ. މޭނާ ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނު ކައިވެނިކުރެއްވީ އައްޑޫ ފޭދޫ މުސްކުޅި ކަތީބާއި އެއްބަނޑު؟ އަންހެން ބޭފުޅަކާ ކަމަށް ހިތަދޫ ރިޔާޒް އަޙުމަދު ޖަމީލް ލިޔުއްވައެވެ.

މޭނާ ކަލޭގެފާނުގެ ސިއްތީފާނުގެ އިބްރާހީމްގެ ބޭފުޅުންނަކީ މަޑަވެލީ ޝޭޑީވިލާ ދޮންކަމަނަ އާއި މަޑަވެލީ މާފޮޅޭގޭ ޢަބުދުﷲ އިބްރާހީމާއި، މަޑަވެލީ ދޭލިޔާގޭ ޙަސަން އިބްރާހީމާއި އަދި މަޑަވެލީ ޒޫރިޔާގޭ ޙައްވާ އިބްރާހީމެވެ.

ހުވަދޫ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނު ކައިވެނިކުރެއްވީ ހަވޮއްޑާގައި މީހުން ދިރިއުޅުނު ދުވަސްވަރު އެވެ. މޭނާ ކަލޭގެފާނު، ޙައްވާ ކަނބުލޭގެފާނާއި ކައިވެނިކުރެއްވި އިރު އޭގެކުރިން މި ޙައްވާ ކަނބުލޭގެފާނާއި ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގެންނެވި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނު ވަނީ އަވަހާރަވެފައެވެ. ރާގުޅި އަޙުމަދު ކަލޭގެފާނަކީ މޭނާ ކަލޭގެފާނު ހަވޮއްޑާއަށް ވަޑައިގަތް ދުވަސްވަރުގެ ހުވަދޫ ވާރުވެރިން(އަތޮޅުވެރިން)ކަމަށްވާ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ބައްޕަގެ ބޮޑުބޭބެ އެވެ. ރާގުޅި އަޙުމަދު ކަލޭގެފާނަކީ ވެސް ހުވަދޫގެ ވާރުވެރިކަންކުރެއްވި ވަރަށްބޮޑު ފައިސާވެރިއެކެވެ.

މޭނާ ކަލޭގެފާނު، ޙައްވާ ކަނބުލޭގެފާނާއި ކައިވެނިކުރައްވައިގެން ހަވޮއްޑާގައި އުޅުއްވި ނަމަވެސް ހަވަރުތިނަދޫއަށް ވަޑައިގެން އެ ރަށުގެ ކުދިންނާއި މީސްމީހުންނަށް ޢިލްމު އުނގަންނައިދެއްވި އެވެ. މި ލިޔުމުގެ ފެށުމުގައި ދެންނެވިހެން ހަވޮއްޑޭ މޭނާ ކަލޭގެފާނަކީ މީދޫ ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ ޙަސަން ތައްޚާނުގެ ޙުސައިން ތައްޚާނުގެ އާމިނާފާނުގެ ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) އެވެ. މިހެންވުމުން އެ ދުވަސްވަރު ހުވަދޫގައި ތިއްބެވި ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ ޢާއިލާގެ ބޭފުޅުންގެ ވަރަށްބޮޑު ގާތްކަމަކާއި އެހީތެރިކަން މޭނާ ކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެ ދުވަސްވަރުގެ ހުވަދޫ ވާރުވެރިޔާ ޙާޖީ މުޙައްމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި ދައްތަ ދަލިކާފާނާއި ކައިވެނިކުރައްވައިގެން ހަވަރުތިނަދޫގައި ހުންނެވި ދެއްވަދޫ ގަނޑުވަރު ކަތްދައިދީ (ދެއްވަދޫ ގަނޑުވަރު ދީދީ) ގެ އިސްމާޢީލް ދީދީ އަކީ އެއްފަރާތުން މޭނާ ކަލޭގެފާނު ނިސްބަތްވާ އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ ޢާއިލާގެ ބޭފުޅެއް ވެސްމެ އެވެ. އެހެންވުމުން ތިމާގެކަމުގެ ގޮތުން މި އިސްމާޢީލް ދީދީގެ ވަރަށްބޮޑު އެހީތެރިކަމާއި ގާތްކަން މޭނާ ކަލޭގެފާނަށް ލިބިވަޑައިގަންނަވަމުން ދިޔައެވެ.

މޭނާ ކަލޭގެފާނު ހުވަދޫގައިހުންނެވި ދުވަސްވަރު، އައްޑޫ މީދޫ ބޮޑު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ ޢާއިލާގެ ބޭފުޅުންގެ ތެރެއިން ހުވަދޫގައި ތިއްބެވީ ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ ކޮރުވަލު ޒުލައިޚާބީގެއަތިރީ ޙައްވާބީގެ އަތިރީކަމަނާގެ އިބްރާހިމް މުޡުހިރުއްދީނުގެ ޢާއިލާގެ ބައެއް ބޭފުޅުންނާއި އަތިރީކަމަނާގެ ފާޠިމާ މާވާކިލެގެފާނުގެ ޢާއިޝާ ކަނބާފާނުގެ މުޙައްމަދު ޣިޔާޘުއްދީންގެ އިބުރާހީމް ފާމުލަދޭރިކިލެގެފާނުގެ ޢާއިލާގެ ބައެއް ބޭފުޅުންނެވެ. ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ލިޔުއްވައިފައިވާ އޭނާއާއި އެހެން މީސްމީހުންގެ ވަނަވަރުތަކާއި އަދި ޙަސަން ޙިލްމީގެ އެހެން ބައެއް ލިޔުންތަކުން ވެސް މިކަން އެނގެއެވެ. ހުވަދޫގައިއޮތް މި ދެންނެވި އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ ޢާއިލާގެ ބޮޑުބައެއްވަނީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު(2) ގެ ޢާއިލާ އާއި ވެސް ގުޅިފައެވެ. 

ދޮން ދަލޭކަ ކަނބުލޭގެފާނު(1) އަކީ ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅު ޝައިޚުލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ބޭފުޅެކެވެ. ދޮން ދަލޭކަ ކަނބުލޭގެފާނު(2) އަކީ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނެވެ. ދޮން ދަލޭކަ ކަނބުލޭގެފާނު(3) އަކީ ދޮން ދަލޭކަ ކަނބުލޭގެފާނު(2) ގެދަރިކަނބަލުން މަރިޔަމް ކަނބުލޭގެފާނުގެ ބޭފުޅެކެވެ.

ހުވަދުއަތޮޅުން ގިނައިން ފެންނަކަމަށް ލިޔުންތަކުން މިހާރު ވެސް އެނގޭ އެއް ދަރިކޮޅަކީމީދޫ ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅެވެ. ރާއްޖޭގެ ކޮންމެ ދަރިކޮޅަކީ ވެސް މީސް ގިނަ ވަރަށް ބޮޑެތި ދަރިކޮޅެވެ. އެނގެންނެތް ޒަމާނުއްސުރެ ހިނގަމުންދާ ދަރިކޮޅުތަކެވެ. ނަމަވެސް ލިޔެކިޔުންތަކުން އެކަން އެނގެން ނުހުންނަނީ އެވެ. ލިޔެކިޔުމުގެ ކަންތައް ރާއްޖޭގައި ޢާއްމުވުމުގެ ކުރިން ލިޔެވި ފެންނަ ފަށުގައި ވަނީ ވެސް މަދު ދަރިކޮޅެކެވެ. މިދެންނެވި ގޮތުން ލިޔެކިޔުންތަކުން ހުވަދޫގައި ފެންނަ ބޮޑު އެއް ދަރިކޮޅަކީ އައްޑޫ މީދޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅަށްވެފައި ވަނީއެވެ.

03 ފެބްރުއަރީ 1887މ. ދުވަހުގެރޭ މާލޭގައި ހިންގި ބޮޑުހުޅު ޖެހުމުގެބޮޑުންނާއި އަދި ޙާދިސާގައި ފަންޑިތަ ހެދި މީހެއްކަމަށްވާ "ކުދުއަބޫ" އާއި މޭނާ ކަލޭގެފާނާއި ގާތްކަމެއް އޮވެ، އެ ޙާދިސާގައި މޭނާ ކަލޭގެފާނު އޭނާގެބައްޕަގެ ރަށަށް ފ.ހިމިއްޗަށް ފޮނުވައިލެއްވިކަމަށް ނުވަތަ އަރުވާލެއްވި ކަމަށް ބުނެވެއެވެ. އެ ޙާދިސާގެ ބައެއް މީހުން ތަޅައި ބުރީ ހަން ނެގިކަމަށްވިޔަސް މޭނާ ކަލޭގެފާނަށް އެ ފަދަ އަދަބެއް ލިބިވަޑައިނުގަންނަވާކަމަށް ވެސް ބުނެވެއެވެ. 16 ޑިސެމްބަރ 2010 ގެ "ހާމަ" ނޫހުގައި "ކަނބާފާނު ގަނޑުވަރާއި ހަކުރާ ގަނޑުވަރު (4)" މި ސުރުޚީގެ ދަށުގައި އަލްފާޟިލް މުޙައްމަދު ނަޞީރު އއ. މާޅޮސް ލިޔުއްވަނީ [ބުނެވެނީ، ކަނބާފާނުގަނޑުވަރުގައި، ހޮނު އަލިފާނުން ދިއްލައިފައިވާ ބައްތިއެއް ހުންނަ ކަމަށާއި، އެ ބައްތި ދިއްލައިފައި ވަނިކޮށް، އެ ގޭގައި ރޯކޮށް ނުލެވޭނޭތީ، "ކުދުއަބޫ" ލައްވައި "ނުފެންނަ އަނދުން" އަޅުވައިގެން ވަދެ އެގަނޑުވަރު ރޯކޮއްލީ ކަމުގައެވެ. މި ޙާދިސާގައި ހަކުރާ ގަނޑުވަރެއް ނާނދައެވެ.] މިހެންނެވެ.

ހަވީރު ނޫހުގައި "އިބްރާހީމް ދޮށިމޭނާ ކިލެގެފާނު (ދެވަނަބައި)" ގައި އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވައިފައިވަނީ [ޝަރީޢަތަށް ސާބިތުވީގޮތުގައި، އެކި ކަންތައް ކޮށްފައިވަނީ އެކި މީހުންނެވެ. ނަމަވެސް އެންމެން ވެސް ބުނެފައިވަނީ، އެ ކަންކަން ކުރަން ވިދާޅުވީ އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނު ކަމަށެވެ. ހައްޔަރު ކުރެވުނު އެންމެ ބޭފުޅުން ޝަރީޢަތްކޮށްފައި އަރުވައިލީއެވެ. ބައެއް ބޭފުޅުން ތަޅައި ބުރިހަން ނަގައިފައެވެ. އިބްރާހީމް ދޮށިމޭނާކިލެގެފާނު އަރުވައިލެވުނީ، 1887 ވަނަ އަހަރުގެ ސެޕްޓެމްބަރު 29  ހާތާނގައި، އައްޑުއަތޮޅު ހުޅުދޫއަށެވެ. އިނގިރޭސީންނަށް މި ޚަބަރުތައް ލިބުމުން މިކަން ހިނގި ގޮތް ބެލުމަށް ގަވަރުނަރުގެ ފަރާތްޕުޅުން 26  އޮކްޓޫބަރު 1887  ގައި މާލެއަށް މަނަވަރެއް ފޮނުއްވި އެވެ. ކުރެވުނުތަޙުޤީޤުން އެނގުނީ، ކުށްވެރިވީ ބޭފުޅުން އަރުވައިލެވުނީ ފުރިހަމައަށް ޝަރީޢަތްކޮށްފައި ކަމަށާއި، އެ އެންމެންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓަމުން ގެންދާ ކަމެވެ.] މިހެންނެވެ.

މޭނާ ކަލޭގެފާނު ހުވަދުއަތޮޅުގައި އުޅުއްވި ދުވަސްވަރު، ޖެހިވަޑައިގަތް އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް މާބޮޑު ލުޔެއް ލިބިވަޑައިނުގަތުމުން އޭނާގެ އެދިވަޑައިގަތުމަކަށް އައްޑުއަތޮޅުން "ދޮންކޮއްޔެގެ" ދޯނި ހުވަދުއަށް ގޮސް މޭނާ ކަލޭގެފާނު ގޮވައިގެން އައްޑުއަށް ދިޔަކަމަށްވެ އެވެ. އެ ފަހަރު މޭނާ ކަލޭގެފާނު ވަޑައިގަތީ ފޭދޫއަށެވެ. މޭނާ ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނު ކައިވެނިކުރެއްވީ ފޭދޫ މުސްކުޅި ކަތީބާއި އެއްބަނޑު އަންހެން ބޭފުޅަކަށް ވުމުން އެ ދުވަސްވަރު ފޭދޫގައި މޭނާ ކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުން ތިއްބަވާނެކަމަށް ބެލެވެ އެވެ. މޭނާ ކަލޭގެފާނު ފޭދުއަށް ވަޑައިގަތް ދުވަހު ފަރުވާދެވެމުން ގެންދަނިކޮށް ހަމަ އެދުވަހުމެ، އަވަހާރަވީ އެވެ. މޭނާ ކަލޭގެފާނުގެ މަހާނަ ހުރިކަމަށް ބުނެވެނީ ފޭދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ.

މަތިވެރިﷲ މޭނާ ކަލޭގެފާނަށް ސުވަރުގޭގެ މަތިވެރި ރަޙުމަތް މިންވަރުކުރައްވާށި އެވެ. އާމީން!
              ------------------------

ޢަބުދުﷲ ޙިލްމީ
14 ޖެނުއަރީ 2013މ.