ހަވަރުތިނަދޫން މީހުންބޭލުމުގެތެރެއިން - 5

(ހަތަރުވަނަ ބަޔާއި ގުޅޭ)
ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ދުވަސްވަރު ހަވަރުތިނަދޫ ފަޅުތެރެއަށް ވަދެނުކުމެވޭ ހުރިހާ ނެރުތަކަށް ގައުއަޅައި ތިލަކޮށްފައިވާ ކަމަށާއި، އެއީ ބޭރުންއަންނަ އެއްވެސް އުޅަނދެއްގެ ބަޔަކު ހަވަރުތިނަދޫއަށް އެރިޔަ ނުދިނުމަށްޓަކައި ކޮށްފައިވާކަމެއް ކަމަށް ބައެއް ލިޔުންތަކުގައިވަނީ ޙަޤީޤަތާއި މުޅިން އެއްގޮތަކަށްނޫނެވެ. ހަވަރުތިނަދޫގެ ނެރުތަކުން ގައުއަޅައި ތިލަކޮށްފައިވާ ނެރުތަކަކީ ބޭރުދަތުރުކުރާ އޮޑިފަހަރު ފަދަ ބޮޑެތި އުޅަނދުފަހަރު ރަށުގެ ބަނދަރަށްވަންނަ ނެރުކަމަށްވާ "ގަލެހިރި" މަގުގެ އިތުރަށް "ފޮޓާ" މަގެވެ. ނަމަވެސް ކުރުނެރާއި، ރަށުމަތީމަގާއި، މަންގަޑާއި މިއީ ގައުއަޅައި އާދައިގެ އުޅަނދުތަކަށް މުޅިން ނުވަދެވޭވަރަށް ތިލަކޮށްފައިވާ ނެރުތަކެއްނޫނެވެ. އާދައިގެ ދޯނިފަހަރަށް އާދައިގެ ދިޔަވަރުގައިވެސް ވަދެވިދާނެ ނެރުތަކެވެ. ނަމަވެސް "ސިލްވަރކްރެސްޓް"ގެ ބޭފުޅުން ހަވަރުތިނަދޫއަށް ދަތުރުކުރައްވާ ދޮންކަޅާބޭގެ ޢަލީ ޙުސައިންގެ ދޯނި ނެރުން ވަން ވަގުތަކީ ދިޔަވަރު ތިލަ ވަގުތަކަށްވީމާ ނެރުގެ ދަތިކަމެއް އޭރު ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ.       މިއީ އެދުވަސްވަރުގެ އޮޑިފަހަރާ ނާލުބައްތެލި ހުންނަގޮތުގެ ނަމޫނާއެކެވެ. 

"ސިލްވަރކްރެސްޓް" ދޮށުން ހަވަރުތިނަދޫއަށް ދިޔަ ދޯނި އެރަށުގެ "ރަށުމަތީމަގުން" ފަޅުތެރަށްވަދެ، ފަޅުގައިއޮތް ހަވަރުތިނަދޫ ނާއިބު އިސްމާޢީލްދީދީގެ "ފަތުޙުލްމުބާރިކް" އޮޑިއާއި ކައިރިކޮށް އެއޮޑިއަށް ހުޅުލޭ މޫސަ ފޮނުއްވައިގެން އެ އޮޑީގައި އަލިފާން ރޯކޮށްލިއެވެ. މިއޮޑި އަނދަމުންދާތަން ހަވަރުތިނަދޫގެ އަތިރިމަތީގައި އެވަގުތު ތިބި އެންމެންނަށްވެސް ފެނުނެވެ. 

ހަވަރުތިނަދޫން މީހުންބޭލި ދަތުރުގައި މިކަހަލަ ޙާދިސާއެއް ނުހިނގާކަމާއި، މިކަހަލަ އެއް ޙާދިސާ ހިނގީ ކުރީ "މޯލްޑިވްސްޓާރ"ގެ ފަހަރު ކަމަށް ބައެއް ލިޔުންތަކުން ފެނުނު ނަމަވެސް ސިލްވަރކްރެސްޓް ހަވަރުތިނަދޫއަށް ގޮސް އެރަށުން މީހުންބޭލި މިދަތުރުގައި ހަވަރުތިނަދޫގައި އެ ދުވަހު ހުރި ހުރިހާ ބޮޑެތި އުޅަނދުތައްކަމަށްވާ ނާއިބު އިސްމާޢީލް ދީދީގެ އޮޑި ފަތުޙުލްމުބާރިކާއި، މުދިމް ޙުސައިން ތަކުރުފާނުގެ އޮޑި ބަރަކަތުއްރަޙުމާނާއި، ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އޮޑި ފަތުޙުލްމަޖީދާއި، އަބޫބަކުރު ކަތީބު ކަލޭގެފާނުގެ ނާލުބައްތެލި ޣަނީމާ އާއި، އައްޑޫ ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ ޢަފީފުގެ ނާލުބައްތެލި ނޫރާނީ ގައި އަލިފާންރޯކޮށް އަންދާލިއެވެ. މީގެއިތުރަށް ހަވަރުތިނަދޫގެ ބައެއް މަސްދޯނިތަކާއި ބައެއް ކުދި ދޯނިތަކާއި ހުރިހާ އޮޑިހަރުގެތަކާއި އަދި ބައެއް ގޭގޭގައި ވެސް ހަވަރުތިނަދޫން މީހުންބޭލި ދުވަހު އަލިފާންރޯކޮށް އަންދާލިއެވެ. 

ހަވަރުތިނަދޫ ނާއިބު އިސްމާޢީލްދީދީގެ "ފަތުޙުލްމުބާރިކް" އޮޑީގައި އަލިފާންރޯކޮށް އަންދާލި ވާހަކަ، ނާއިބު އިސްމާޢީލްދީދީގެ އެއްބަނޑުއެއްބަފާ ދައްތަ (ފުވައްމުލަކު ކަރިއްޔަ އަޙުމަދުދީދީގެ ޙައްވާދީދީގެ މޫސާދީދީ(ކުއްދީދީ)ގެ އާމިނާދީދީގެ ކަތްދާދީދީ(ސީނިއަރުގެ/ތިނަދޫ)ގެ ގާތުގައި ވެސް އަލްމަރުޙޫމް ހުޅުލޭ މޫސަ ދެއްކެވިކަމަށް ކަތްދާދީދީ މަޢުލޫމާތު ދެއްވައެވެ.


ހަވަރުތިނަދޫ "ފަތުޙުލްމުބާރިކް" އޮޑި އަންދާލީ ހަވަރުތިނަދޫގެ ފަޅުތެރެއިން މިފެންނަ އޮޑިއޮތް ތާނގައި އޮއްވައެވެ. 

ނާއިބު އިސްމާޢީލްދީދީގެ އޮޑި ފަތުޙުލްމުބާރިކް ގައި އަލިފާންރޯވެ، އަނދަންފެށުމުން "ސިލްވަރކްރެސްޓް" ދޮށުން ދިޔަ ދޯނި ރަށުގެ ފަޅުތެރެއިން ބީހޭ ނުބީހޭފަށަށް ދިޔުމާއެކު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އެންގެވުމަށް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން މޫދަށްއެރި ދޯނީގެ ދެ މައްޔަލުގައި ހިފައިގެން ބޮޑުވަޒީރު އެންގެވި ދިމާލަކަށް ބަޑިޖަހާދޯނި ގެންދިޔައެވެ. ފުރަތަމަ ގެންދިޔައީ ހަވަރުތިނަދޫގެ އިރުމަތީފަރާތުގެ އުތުރުން ޙާޖީ މުހައްމަދު ކަލޭގެފާނުގެ ގެއާދިމާލަށް ދޯނި ނުބީހޭ ހިސާބަށެވެ. މިތާނގައި ދޯނިއޮވެގެން އަޑުގަދަކުރާގެ ޛަރީޢާއިން ރަށުގެ ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. ރަށުގައި ނަގާފައިހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އޭރުން އެއްވެސްމީހަކު ކުށްވެރިނުވެ މާފު ލިބޭނެކަމަށެވެ. މިހެން ނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެ ކަމެވެ. އޭގެފަހުން ވައިގެތެރެއަށް އިންޒާރުގެ ބަޑިޖަހަމުން ދިޔައެވެ. އެންމެހައިކަމެއް ހިނގަމުންދިޔައީ ސީދާ ބޮޑުވަޒީރު އަންގަވާގޮތަކަށް ދޯނީގެ ވަށައިގެން ހަތިޔާރާއިއެކު ސިފައިން ތިބެގެންނެވެ.


މަތީގެ ފޮޓޯގައިވަނީ ހަވަރުތިނަދޫ ކުޑަފާލަމާއި "ފަސްބާޑި"އެވެ.  ތިރީގެ ފޮޓޯއިންފެންނަނީ "ފަސްބާޑި" ރޫޅާލައިފައިވަނިކޮށެވެ. 

ޙާޖީ މުހައްމަދު ކަލޭގެފާނުގެ ގެއާދިމާލުގެ ފަހުން ދެން ދޯނި ގާތްކުރީ މާވަށްދިހަރޭ ކުޑަ ފާލަމާ ދިމާއަށެވެ. އެތަނުން ބޮޑުފާލަމާ ދިމާލަށެވެ. އެދުވަސްވަރު ހަވަރުތިނަދޫގެ އަތިރިމަތީ ތޮށިގަނޑުކައިރީ ތޮށިގަނޑުގެ ދިގުމިނަށް ހުންނަނީ "ފަސްބާޑި" ޖަހާފައެވެ. މިއީ އެރަށަށް "މޯލްޑިވްސްޓާރ" ދިޔަ ފަހަރުވެސް ޖަހާފައިހުރި ކަހަލަ އެއްޗެކެވެ. މި ފަސްބާޑިއަކީ ހަތަރުސަތޭކަ ފޫޓު ވަރުގެ ދިގުމިނަށް ތިންހަތަރު ފޫޓުގެ އުސްމިނަށް ދެތިން ފޫޓްގެ ފުޅާމިނަށް ދެ ފަރާތުގައި ދަނޑިފަނުން ދެ ބިތްގަނޑު (ފުޅައް)ހަދައި، އޭގެ އެތެރެއަށް ވެލިއަޅައި، އެ ވެލިގަނޑު ފޫއަޅުވާފައި ބަޑީގެ ވަޒަނަށް ނުދެވޭގޮތަށް ހަދާފައިވާ ތަނެކެވެ. އަދި ފަސްބާޑި ކައިރީގައި ރަށާވީ ފަރާތުގައި އަތްފޯރާ ފަށުގައި ފަސޭހައިން އުކާލެވޭ ވަރުގެ އެކިވަރުގެ ގައުތައް ބެހެއްޓިފައި ހުރެއެވެ. 

ބަޑިޖަހަމުން ދިޔަ ދޯނި މިތަނާ ގާތްކުރިއިރު ފަސްބާޑީގެ ނިވަލުގައި ރަށާވީ ފަރާތުގައި ބަޔަކު ތިބެ ގައުއުކައި އެއްޗެހިގޮވައި ހެދިއެވެ. މިތާނގައި ދޯނި އޮވެގެންވެސް ރަށުގައި ނަގާފައި ހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، އޭރުން އެއްވެސްމީހަކު ކުށްވެރިނުވެ މާފު ލިބޭނެކަމާއި މިހެން ނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެ ކަމަށް އަޑުގަދަކުރާގެ ޛަރީޢާއިން އަންގައި އިންޒާރުކޮށް ބަޑިޖަހަމުން ދިޔައެވެ. އޭރު ރައިފަލްގެ ބަދަލުގައި ބޭނުންކުރަމުން ގެންދިޔައީ ސަބްމެޝިންގަން އެވެ. މިއީ 25 ވަޒަނުގެ މެގަޒިނެއް ލައްވައިފައިވާ އެއްޗެއްކަމަށް ބުނެވެއެވެ.


މިފޮޓޯ ބަލާމީހުންގެ ކަނާތްފަރާތުން ފެންނަ ހިރުނދުގަހުގެ ކަނާތްފަރާތުގައި އެދުވަސްވަރު ހަވަރުތިނަދޫ ބޮޑުދިދަދަނޑި ހުރެއެވެ. މިސަރަޙައްދަކީ ފާލަން ސަރަޙައްދެވެ. ނުވަތަ މާވަށްދިހެރޭއެވެ. (ނުނިމޭ)
         --------------------
ޢަބުދު ޙިލްމީ