މާކަނެޔާ ބެރެޖިހީ ވާހަކެޔާ



މަނިކާރޯއްދާ! ތެހެލާ ވޮޅެހެލޭ ތެހެލާންނަގެ އަތޮޅޭ ބަހުން ވާހަކައިކެ ކެޔަންނަން. އިހެނަން. ކޮންފަދެ ކަމެކާއި މިލައިގައްތޫ! މީބޫ ގާމުން ކުރިޔޭވޭލޭ ތެއްޔެހައި ކޫދު ކެޔަނެ ވާހަކައިކެ. މިހިދެ ކޫދު މިވާހަކެޔާ ކެޔަންނަން ދަސްކެރަންނަން ވޮޅެހެލާ!


އެކެދޮހާކު އެކެދޮހާކު ތެދެ ކައޮޑާއި ބަޑެ ކައޮޑާއި ދެވެނެ މަހަށް އެޔަންނަން ވެގެން އެބަގެޔާއަ. ތެދެ ކައޮޑާ ގެޔައު ހައިވަކަރެ ވޮއްޑަކުން. ބަޑެ ކައޮޑާ ގެޔައު ފީ އިލޯޓި ވޮއްޑަކުން. ހުރައިގެން ގޮހޮ އެމެލަންނަން ބެލީވޭލޭ ފީ އިލޯޓި ވޮއްޑާ ހެރީގެ. އަޑިޔަށް އެބަގެ. ހައިވަކަރެވޮއްޑާ އެމެ ނުލެބީގެން ފަރުފަރު ދަޓުން ދޮއްވާނެދެކޮން ފަރަކު ގަލަކުމަންތޭ އިނެ މާކަނައިކެ ގޮވައިލައި ބޮނޫ "ތެންމިހާ ލީ ގުއްޕޮއްދެކެ މި ގަލު ތި ހުއްޓީއަ. އެ ގުއްޕޮއްދާ އެމަކަށް ނަގައިގެންގޮހޮ، މަހަ ބާންނަން އެޔަންނާއަ."

މިހެން މާކަނެޔާ ބޮނީމައި ތެދެ ކައޮޑާ ގުއްޕޮއްދާ ހިފައިގެން މަހަށްގޮހޮ މަހަބާއިގެން ރަޓަށް ބާޔާއަ. ދެން ރަޓު ދިހެރޭފަޓަށް މަހަ އެރޮވީ ތަންނެން އެއްކަލެ މާކަނެޔާ އިދިހެގެން ގޮހޮ އެންމެބޮޑެ މަހާ އެޔާ ހުލުދަޓު ލައިގެން އިރީދުނާއަ. އެހެން އިދެފައި އެންމެނަށް މަހަ ބެހައި ނިމުނެމެއި ކެޔޮޅެމީހާއި ދިމާން މާކަނެޔާ ބޮނޫ "ތެންމިހާ ގުއްޕޮދި ގުއްޕޮދި ދީގެން މަހަ ބާއިގެން އަހަ ތެންމިހަން މަހަ ނުދިންނޫހޭ؟" މާކަނެޔާ މިހެން ބޮނީމައި ކެޔޮޅެމީހާ ބޮނިޔާޔަ "ތަ ހުލުދަޓު ތި އޮއްތޫ ތަންވީ މަހާއަ." މިހެން ކެޔޮޅެމީހާ ބޮނީމައި މާކަނެޔާ ހެދީލިހައްކޫ، މަހާ ހިފައިގެން ގޮހޮ ގެޔަކު ބައިކެންނެ ހުކު ލޮނާޑެކެ ކައްކަނެ ތާކު މަހާ ބާއްވައި ރަޓާ ވަޓައި ޖަހަންނަން އެބަގެ.

މާކަނެޔާ ރަޓާ ވަޓައި ޖަހާހައި އާވޭލޭ އެ މީހެންނެ ހެދީ ލިހައްކޫ އެ މަހާ ކައްކައިގެން ކައިގަތާ. ދެން މާކަނެޔާ ބޮނޫ "ތެންމިހާ ގުއްޕޮދި ގުއްޕޮދި ދީފައި ގަތެ މަސްމަސް ކޮބައިހޭ؟" ދެން އެ ގޭ މީހެންނެ ބޮނޫ "ތަ މަހެއްކައިކެ ނުއެގީގެން މަހާ ކައްކައިލީމާއަ. ތަން ދެންނާ މަހެކެހޭ، ރާއެކެހޭ؟" މާކަނެޔާ ބޮނޫ "މަން ދެންނާ ރާއެކެއަ." ދެން އެ މީހެންނެ މާކަނެޔަށް ރާއެކެ ދިނެމެއި ހެދީލިހައްކޫ އޭއްތާ ހިފައިގެން ގޮހޮ ބައިކެންނެ ހަކެރެ ނޯޑައި އައްޕަނެ އޮޑަނެ ތާކު ބާއްވައި ރަޓާވަޓައި ޖަހަންނަން އެބަގެ.

ދެން ގޮހޮފައި އާވޭލޭ މަނިކާ އެ މީހެއްނެ ހެދީލިހައްކޫ ރާޔާ އޮޑައިގެން އައްޕަނެ ފެހެގަތާ. ދެން ކޭއްކޮޅައު!  މިކަމާ އެގީގެން މާކަނެޔާ ބޮނޫ މަސްމަސް ދީފައިގަތެ ރާމަން ރާމަން ކޮބައިހޭ؟ މިހެން އެހީމައި އެ ގޭ މީހެއްނެ ބޮނޫ މާކަނެޔާ ރާއެކެކައިކެ އަހަންނާނަށް ނުއެގީގެން ރާޔެން އައްޕަނެ ފެހެގަތާއަ. ތަން ދެންނަންވޫ ރާއެކެހޭ އައްޕަނެކެހޭ؟ މާކަނެޔާ ބޮނޫ މަން ދެންނައު އައްޕަނެކެއަ. ދެމް އެ ގޭ މީހެއްނެ އައްޕަނެކެ ދިނެމެއި  އޭއްތާ ނުކައި ހިފައިގެން ގޮހޮ ފޭރާން ކެރަނެ މީހަކުން ގާތު އައްޕަނާ ބާއްވައި ރަޓާއިވަޓައި ޖަހަންނަން އެބަގެ.

ދެން މާކަނެޔާ ރަޓާއިވަޓައި ޖަހާހައި އާވޭލޭ އެ މީހި އައްޕަނާ ކައިފި. މާކަނެޔާ އެ ކަމާއިހެދި ދެރަވެގެން ބޮނޫ މަސްމަސް ދީފައިގަތެ، ރާމަން ރާމަން ދީފައިގަތެ، އައްޕަން އައްޕަން ކޮބައިހޭ؟ މިހެން އެހީމައި އެ މީހާ ބޮނޫ ތަ އެއްތެކެ ކައިކެ ނުއެގީގެން އޭއްތާ ކައިފީމާއަ. ތަން ދެންނަންވޫ އައްޕަނެކެހޭއަ ނުންފަހޭ، އޫތެއްރެކެހޭއަ؟ މިހެން އެ މީހާ އެހީމައި މަކަނެޔާ ބޮނޫ މަން ދެންނާ އޫ ތެއްރެކެ ދެންނާއަ. ދެން އޫ ތެއްރާ ދިނެމެއި އޭއްތާ ހިފައިގެން ގޮހޮ ބައިކެންނެ ބެރެ އޮޑަނެތާކު ބާއްވައި ރަޓާއިވަޓައި ޖަހަންނަން އެބަގެ.

ދެން މާކަނެޔާ ރަޓާއިވަޓައި ޖަހާހައި އާވޭލޭ އެ މީހެންނެ ހެދީލިހައްކޫ އޫ ތެއްރެން ބެރެ އޮޑައިގަތާ. އޫ ތެއްރާ ނެތިމެއި މާކަނެޔާ ދެރަވެގެން ބޮނޫ މަސްމަސް ދީފައިގަތެ، ރާމަންރާމަން ދީފައިގަތެ، އައްޕަން އައްޕަން ދީފައިގަތެ، އޫތެރި އޫތެރި ކޮބައިހޭ؟ މިހެން އެހީމައި އެ މީހެންނެ ބޮނޫ ތަ އެއްތެކެކައިކެ ނުއެގީގެން އޭއްތެން ބެރެ އޮޑައިލީމާއަ. ތަން ދެންނަންވޫ އޫތެއްރެކެހޭ ނުންފަހޭ ބެރެކެހޭ؟ މާކަނެޔާ ބޮނޫ މަން ދެންނާ ބެރެކެއަ. ދެން އެ މީހެންނެ ބެރެކެ ދިނެމެއި ބެރާ ހިފައިގެން ގޮހޮ ކޭއްވައްގެހަކު ކުރިޔަށް އަރައި އިދެ ބެރެޖަހައި، ލަވަ ކެޔަންނަން ފައްޓައިގަތެ.

މާކަނެޔާ މިހެން އިދޮވައި މޭއްލަގެ ދިޔެ ލޮނެ ނަގަންނަން ދެޔަގަޑަށް އެރެންތަނާ މާކަނެޔަށް ފެނީގެން މާކަނާ ގޮވައިލިޔާއަ ކޮންފަދަ ރޯދިހޭ، މޭއްލަގެ ދިޔެ ދެޔަގަޑަށް އެރުނެމެއި ފެމުނެކެ އަހަ އެ ދިޔެ ބޮއިފީފަހޭ. މޭއްލަގެ ދިޔަށް މާކަނެޔާ ބޮނީ އެއްތޭ އަޑާ އިބީގެން އެ ދިޔެ ބޮނޫ ކޮންފަދަ ރޯދިހޭ، މާކަނެޔާ ވަތަށް، ގެހާ މަންތަން، ގެހު މަންތަން ބެރާ އިންގެ ފަހޭ!  މިހެން މެއްލަގެ ދިޔެ ބޮނީތަނާއި ފެމުނެކެ އަހަ އެ ދިޔެ ބޮއިފި. ހަމަ އެ ވޭލޭ މާކަނެޔާ ވަތަށް، އެޔާ ގާމަންތަން ގެހާ، ގެހު މަންތަން ބެރާ އިންގެ! ވާހަކެޔާ ކޮޑޭ ދަބަރެކައިގެ. ތިން ނޮންޓަން ގޮހޮރެ ކައިގެ!
            -------------------
ވާހަކައިގެ އަޞްލު ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ
ހުވަދޫ ބަހުރުވައިން ލިޔުނީ: ޢަލީ ޢަބުދުﷲ މަދަރުސާދޮށުގެ/ ތިނަދޫ
22/12/2012