ހަވަރުތިނަދޫ މުޞްޠަފާ މަންޞޫރު


ހަވަރުތިނަދޫ މުސްތަފާ މަންޞޫރުގެ ބައްޕާފުޅަކީ، ހަވަރުތިނަދޫ ޙާޖީމުޙައްމަދު ކަލޭގެފާނެވެ. އަލްމަރުޙޫމު ޙާޖީމުޙައްމަދު ކަލޭގެފާނަކީ ހަވަރުތިނަދޫގެ ކަތީބުކަމާއި އަދި ދެފަހަރެއްގެމަތިން ހުވަދުއަތޮޅުގެ އަތޮޅުވެރިކަންކުރެއްވި، ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ހުވަދުއަތޮޅުގެ ވަރަށް ހަރުދަނާ، ވަރުގަދަ ޝަޚުޞިއްޔަތެކެވެ. ކުރިން ހުވަދުއަތޮޅުގެ ވެރިކަންކުރަމުންއައި ވާރުގެ (ފަހުގެތާރީޚެއްގައި ފެންނަންހުރި އަތޮޅުއޮފީސް) ހުވަދުއަތޮޅު ހޯނޑެއްދޫއިން ހަވަރުތިނަދޫއަށް ބަދަލުކުރައްވައި ހުވަދުއަތޮޅުގެ ވެރިރަށަކީ ހަވަރުތިނަދޫ ކަމުގައި ހަމަޖައްސަވާފައިވަނީވެސް ޙާޖީ މުޙައްމަދުކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުގައެވެ. ޙާޖީ މުޙައްމަދުކަލޭގެފާނަކީ ހުވަދުއަތޮޅާއި، މާލޭގެ ގިނަބައެއްގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ވަރަށް ޢިއްޒަތްތެރި ބޭފުޅެކެވެ. އަދި ހުވަދުއަތޮޅުގައި އުފެދުނު މުއްސަނދި ބޭބޭފުޅުންގެތެރެއިން ފާހަގަކުރެވޭ އަރާހުންނެވި، އުޅަނދުފަހަރާއި، މުދަލާއި، ނޯކަރުން ގިނަ ވަރަށްމުއްސަނދި ބޭފުޅެކެވެ. މުސްތަފާ މަންޞޫރުގެ މަންމާފުޅަކީ ހަވަރުތިނަދޫ ފޫޅުމާ ކަޅުދައިތަގެ ޢާއިޝާ (އައިސާދިޔެ)ގެ މަރިޔަމްފާނު (ކުދެމަރިޔަމްދައިތަ) އެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރު މިޞުރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވުމަށް މިޞުރަށް ވަޑައިގެން މިޞުރުގައި ތިންއަހަރެއްހާދުވަހު އުޅުއްވުމަށްފަހު ޞިއްޙީޙާލުކޮޅު ހުރިގޮތުން މިޞުރުގައި އުޅުއްވުމަށް ދަތިފުޅުވުމާއެކު، އެނބުރިވަޑައިގެން އިންޑިއާއަށް ބަދަލުވެވަޑައިގެން އިންޑިއާއިން ތަޢުލީމު ޙާޞިލުކުރެއްވިކަމަށްވެއެވެ. އަދި އޭގެފަހުން ސްރީލަންކާގައި ހުންނަވައިގެންވެސް ތަޢުލީމު ކުރިޔަށްގެންދެވުމަށް މަސައްކަތް ކުރެއްވެވި ކަމުގައި އެދުވަސްވަރުގެ މީހުންގެފަރާތުން ލިބުނު މަޢުލޫމާތުން އެނގެއެވެ. ނަމަވެސް އިންޑިއާ، އަދި ލަންކާގައި އުޅުއްވިއިރުވެސް މަންޞޫރުގެ ޞިއްޙީޙާލުކޮޅު ބޮޑުވުމާއެކު، ރާއްޖެއިން ބޭރުގައި އުޅުއްވުމަކީ ދަތިފުޅުކަމަކަށް ވެގެން މަދު އަހަރުތަކަކަށްފަހު އެނބުރި ރާއްޖެވަޑައިގަތީކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރަކީ އިނގިރޭސިބަހުން ވާހަކަފުޅު ދައްކަވަން ދެނެވަޑައިގަންނަވާ، އަދި ނެވިގޭޝަން ދާއިރާގެ ފުންނާބުއުސް މޮޅުބޭފުޅެކެވެ. މީގެއިތުރުން ހިންދީބަހުންނާއި، ތަމަޅަބަހުން އަދި ސިންގަޅަބަހުން ވާހަކަފުޅު ދައްކަވަން ދެނެވަޑައިގަންނަވައެވެ. މަންޞޫރުއަކީ ކަނބުރުވެރިކަމުގެ މަސައްކަތާއި، އެޒަމާނުގައި ކޮށްއުޅުނު ގިނަ މަސައްކަތްތައް އަމިއްލަ އަތްޕުޅުން ކުރައްވަން ދެނެވަޑައިގަންނަވާ ވަރަށްހުނަރުވެރި ބޭފުޅެކެވެ. ތަނަވަސް ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވެސްވުމާއެކު، ރީތިކޮށް ހެދުން އެޅުއްވުމަށް ލޯބިކުރެއްވި ތަހުޒީބު، ސާދާ، ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދެވި، ވަރަށްގިނަބަޔަކާއި ގާތް ގުޅުމެއް ބެހެއްޓެވި، ސަމާސާ މިޒާޖެއްގެވެރި ބޭފުޅެކެވެ. ލާނދާއެއްލައިގެން އަމިއްލަފުޅަށް މަސްހިފުމަށް ވަރަށްބޮޑަށް ޝައުޤުވެރިވެ ވަޑައިގެންނެވުމާއެކު، ފަރީކުޅުއްވުމަށްޓަކައި ކޮއްމެދުވަހަކުވެސް ލާނދާއެއްލައިގެން އަމިއްލަފުޅަށް މަސްހިފުމަކީ މަންޞޫރު ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދެވިކަމެއްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. އަމިއްލަ މަސްދޯނިފަހަރު ކިތައްމެވަރަކަށް މަސްބާނައިގެން އައިކަމުގައިވިޔަސް އަދި ކިތައްމެ ވިއްސާރަޔަސް މަންޞޫރު އެހާ ޝައުގުވެރިކަމާއެކު އަމިއްލަ އުފާފުޅެއްގެގޮތުން ކުރައްވަމުންގެންދަވާ ލާނދާއެއްލައިގެން މަސްހިފުމުގެ މި އާދައަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން އެއީ ވަރަށްގިނަބަޔަކު ދަންނާނެ ޙަޤީގަތެކެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރުއަކީ ވަރަށް ޚިޔާލުތަނަވަސް، ޒަމާނަށްއަންނަ ބަދަލުތަކާއި އެއްގޮތަށް ދިރިއުޅުމުގެ ކަންކަމާއި ވަށްޓަފާޅި ބަދަލުކުރެއްވުމުގެ ޝައުގުވެރިކަމާއި އެކަމުގެ ވިސްނުންފުޅު ގެންގުޅުއްވިބޭފުޅެކެވެ. ހަވަރުތިނަދޫ އައްޝައިޚު މުދިމް ޙުސައިންތަކުރުފާނުގެ އިބުރާހީމް ޝިހާބުއާއި ހަވަރުތިނަދޫ އިސްމާޢީލް ޙާޖީގެ ޙަސަންޙަބީބު، އަދި މުސްތަފާ މަންޞޫރު މިތިންބޭފުޅުންގެ ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިފަހަރު ސިލޯނަށް ގެންގޮސްގެން އެއޮޑިފަހަރުގައި އިންޖީނުބަހައްޓައި އޮޑިފަހަރުގެ ކެބިން މިހާރު މިފެންނަ ބޯޓުފަހަރުގައި ހުންނަގޮތަށް ފެންވަރުރަނގަޅު ރީތި ކެބިންތަކަކަށް ބަދަލުކުރުމާގުޅޭގޮތުން ވާހަކަދެކެވި ޚިޔާލު ބަދަލުކުރެވިފައިވެއެވެ. ނަމަވެސް އެކަމުގެ ޢަމަލީ މަސައްކަތް ނުފެށިވަނިކޮށް ބަޣާވާތުގެތެރޭ އިބުރާހީމް ޝިހާބުއާއި، ޙަސަންޙަބީބު ޖަލުގައި ބަންދުވެ އެދެބޭފުޅުންގެ އޮޑިފަހަރުވެސް ހަލާކުވެ ދިއުމާއި އަދި ޖަލުގައި އެދެބޭފުޅުން ދުނިޔެދޫކުރައްވާފައި ވުމުން އެހިސާބުން އެކަން ހުއްޓިދިޔައީއެވެ. އޭރުވެސް މުސްތަފާ މަންޞޫރުގެ އޮޑީގައި ހުންނަ ހިޔާގަނޑުގެ ތެރޭގައި މަންޞޫރުއަށް ވަކިން ރީތިކޮޓަރިއެއް ހުންނަކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު ބައްޕާފުޅު ޙާޖީ މުޙައްމަދު ކަލޭގެފާނު ވަނީ މަންޞޫރު ދިރިއުޅުއްވުމަށްޓަކައި، އެޒަމާނުގައި ހަވަރުތިނަދޫއިން ފެންނަންހުރި ގެތަކާއި ތަފާތު، އަދި ގޭގެ އެއްމެހައި ކަންކަން ތަރުތީބުކުރެވިފައިވާ ރީތި ފުރިހަމަ ގެއެއް ޢިމާރާތްކޮށްދެއްވާފައެވެ. އެގެއަކީ ވަށައިގެން އުސް ފާރުލެވިފައިވާ އަދި ދިރިއުޅުމުގެހުރިހާ ފަސޭހަތަކެއް ލިބޭގޮތަށް، ބަދިގެއާއި ގުދަންތަކާއި، މަސައްކަތްކުރާތަން ވަކިވާގޮތަށް ހެދިފައިހުރި ފެންވަރުރަނގަޅު ގެއެއްކަމުގައި މަޢުލޫމާތުލިބިފައިވެއެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރުއަށް ހުވަދުއަތޮޅުގެ އިނިސްޕެކްޓަރގެ މަގާމް ސަރުކާރުން ދެއްވާފައިވެއެވެ. ދުނިޔެ ދޫކުރެއްވުމާއި ހަމަޔަށްވެސް މުސްތަފާ މަންޞޫރު ދެމިހުންނެވީ ހުވަދުއަތޮޅުގެ އިނިސްޕެކްޓަރގެ މަގާމުގައެވެ. މުސްތަފާ މަންޞޫރުއަކީ ދިވެހިދައުލަތުގެ ޕެންޝަނަރެއްވެސްމެއެވެ. މުސްތަފާ މަންޞޫރުއަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ގާތް ގުޅުމެއްބޭއްވުމުގެ ސަބަބުން ސަރުކާރުގެ އިތުބާރު ވަރަށްބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން ހުވަދުއަތޮޅުގައި އުފެދުނު ދިވެހިސަރުކާރާއި ދެކޮޅުވެރިކަމުގެތެރޭގައިވެސް މަންޞޫރުއަކި ދިވެހިސަރުކާރަށް އެއްބާރުލުންދެއްވި ސަރުކާރުގެ މުހިއްމު ބައިވެރިއެކެވެ. އަދި ދެވަނަފަހަރަށް ތިނަދޫ އާބާދުކުރެއްވުމަށް ކުރެވެމުންދިޔަ މަސައްކަތުގައިވެސް މަންޞޫރު ބައިވެރިވެވަޑައިގެން ފުރިހަމައަށް އެހީތެރިވެދެއްވާފައިވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރު ފުރަތަމަ ކައިވެނިބެއްލެވީ ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީގެ އިބުރާހީމްދީދީގެ މަރިޔަމްދީދީއާއެވެ. މިދެކަނބަލުންނަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ޝަރީފާ މަންޞޫރު ބީޗްވިލާ / ތިނަދޫ، މުޙައްމަދު ޝަރީފު ހ.ތެވެލި / މާލެ، އަޙުމަދު ޝަފީގު ބީޗްވިލާ / ތިނަދޫ އެވެ. މިތިން ބޭފުޅުންގެތެރެއިން ޝަރީފާ މަންޞޫރު މިހާރުވަނީ ދުނިޔެދޫކުރައްވާފައެވެ. މުޙައްމަދު ޝަރީފު ވަރަށްތުއްޕުޅުއިރު ތަޢުލީމު ޙާޞިލުކުރެއްވުމަށް މާލެވަޑައިގެންނެވިގޮތަށް މާލެއާއި އަދި ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ދިރުއުޅުއްވަމުން ގެންދަވަނީ މާލޭގައެވެ. މުޙައްމަދު ޝަރީފުއަކީ ސަރުކާރުގެ މަތީފެންވަރުގެ މަގާމްތަކެއް ފުރުއްވެވި، ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ރިސޯޓު އޯނަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ފުދުންތެރި މާލޭގެ ގެދޮރުވެރި ބޭފުޅެކެވެ. އަޙުމަދު ޝަފީގަކީވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ވަރަށްބޮޑަށް ވިދާލި ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަޙުމަދު ޝަފީގު ނުވަތަ ކުޅިވަރުގެ ދާއިރާގައި މަޝްހޫރުވެފައިވާ ނަމުންނަމަ "ސައްޕޭ" އެެންމެބޮޑަށް ވިދާލައިފައިވަނީ ކްލަބް ވެލެންސިއާގެ ކުޅަދާނަ ޑިފެންޑަރގެ ގޮތުގައެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރު ދެއަންބަށް، ބޭފުޅަކާއި ކައިވެނި ބައްލަވައިގަތެވެ. އެއީ ދެއްވަދޫ އިސްމާޢީލްދީދީގެ  މުޙައްމަދުދީދީގެ ޢާއިޝާދީދިގެ މަރިޔަމްދީދީއާއެވެ. މިދެކަނބަލުންގެ މި ކައިވެނިފުޅަށް ބޭފުޅަކު ލިބިވަޑައިގެންފައިނުވެއެވެ. ދުނިޔެ ދޫކުރެއްވުމާއި ހަމަޔަށްވެސް މަރިޔަމްދީދީ އިންނެވީ މުސްތަފާ މަންޞޫރުގެ އަނބިކަނބަލުންގެ ގޮތުގައެވެ. އޭގެފަހުން އިތުރު ބޭފުޅުންތަކަކާއި މަންޞޫރު ކައިވެނި ބެއްލެވިއެވެ. އެގޮތުން ކައިވެނިބައްލަވައިގެންނެވި ބޭފުޅުންގެތެރެއިން ނަޑައްލާ ފާތުމަތު މުނީރާއަށް އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ނަމަކީ ޝަހީދާ މަންޞޫރުއެވެ. މިޝަހީދާ މަންޞޫރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ މާލޭގައެވެ.

އަލްމަރުޙޫމު މުސްތަފާ މަންޞޫރު ދުނިޔެދޫކުރެއްވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ  މަންޞޫރު ގެންގުޅުއްވާއޮޑި މަރާމާތުކުރެއްވުމަށް އައްޑުއަތޮޅަށް ވަޑައިގެން އައްޑުއަތޮޅު ފޭދޫގައި އުޅުއްވަނިކޮންނެވެ. އައްޑުއަތޮޅުގައި އޮޑި މަރާމާތުކުރެއްވުމުގެ ބޭނުންފުޅަކަށްވީ ފުވައްމުލަކާއި، އައްޑުއަތޮޅުން ލަކުޑި ހޯއްދެވުމަށް ފަސޭހަފުޅުވާނެތީކަމަށް ބެލެވެއެވެ. އައްޑުއަތޮޅުހިތަދޫއަށް އޮޑި އެހެލުމަށްފަހު މަރާމާތުގެ މަސައްކަތުގައި އުޅުއްވަނިކޮށް ކުޑަދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މުސްތަފާ މަންޞޫރު ދުނިޔެދޫކުރައްވާފައި ވަނީ 1969 ވަނައަހަރުގެ މެދެއްހާތާނގައި އައްޑުއަތޮޅު ފޭދޫގައެވެ. ފަސްދާނުލެވިފައިވަނީ ފޭދޫ ހުކުރުމިސްކިތުގެ ޙަރިއްމަ ތެރޭގައެވެ. މަންޞޫރުގެ އެ އޮޑިވެސް އެހެންހުރެ ހަލާކުވެ ދިޔައީއެވެ. އަލްމަރުޙޫމު މުސްތަފާ މަންޞޫރުއަކީ ތިނަދޫއާއި، މާލޭގެވެސް ގިނަބައެއްގެ ލޯތްބާއި އިޙުތިރާމު ހޯއްދަވާފައިވާ ތިނަދޫގެ ޤަދަރުވެރި ޢިއްޒަތްތެރިއެކެވެ. މާތް ﷲ މަރުޙޫމުގެ ފާފަފުއްސަވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން.

          --------------------------

މައުލޫމާތުހޯދައި ލިއުނީ:

މުޙައްމަދު ޒުހައިރު، މާގަލާ/ތިނަދޫ

ތާރީޚް:

16 އޮކްޓޫބަރ 2020