
މިއީ އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން ލިޔުއްވައިފައިވާ "ކުކުޅު ނިންދަވަން ކިޔާ ބަނދި" އެވެ.
ހުވަދޫ ސަގާފަތަކީ، އަދަބިއްޔާތުގެ ރޮނގުން ވެސް ނުހަނު މުއްސަނދި ސަގާފަތެކެވެ. އެ ސަގާފަތުގައި ކުޑަކުދިން ކިޔާ ވަރަށް ގިނަ ބަނދިތައް ވެ އެވެ. އެކިއެކި ކުޅިވަރުތައް ކުޅޭއިރު، ކުދިވެރިން އަ ބަނދިތައް ކިޔައި އުޅެ އެވެ. އެއިން އެއް ބަންޖަކީ، ކުކުޅު ނިންދަވަން ކިޔާ ބަންޖެވެ. ކުޅޭގެ ހަދައިގެން ކުޅޭއިރު، އެގޭގައި ގެންގުޅޭ ކުކުޅު ނިންދަވަން ކުދިންވެރިން މި ބަނދި ކިޔަ އެވެ.
ހުކުޑާ!
ހުކުޑާ!
ތަގަންމާއި
ތަގައްޕާއި ދެވެރި ތިއެތާ!
ހަތެ
މުގުރާޑެ ހިފައިގެން!
ތަގައު
ތަޅައި މަރަން!
ހުކުޑާ!
ހުކުޑާ!
އަވަހަށް
ނިދައްޔަ! އަވަހަށް
ނިދައްޔަ!!!
އެކި ރަށްރަށު ކުދިން މިބަނދި ކިޔާއިރު ބައެއް ލަފުޒުތަކުގައި ތަފާތުތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ރަށްރަށު ކުދިން "ތަގަންމާ" ކިއުމުގެ ބަދަލުގައި "ތަޣައްމާ" މިހެން ވެސް ކިޔައިފާނެ އެވެ. އަދި ބައެއް ރަށްރަށު ކުދިން "ތަޣަންޏާ" މިހެން ވެސް ކިޔައިފާނެ އެވެ. "ތަގަންމާ" އާއި، "ތަޣަންމާ" އާއި، "ތަޣަންޏާ" އަކީ "ތިބާގެ މަންމަ" އެވެ. "ތަގައްޕާ"އާއި، "ތަޣައްޕާ"
އަކީ "ތިބާގެ ބައްޕަ" އެވެ.
ބައެއް ރަށްރަށު ކުދިން "މަރަން" ކިއުމުގެ ބަދަލުގައި "މަރަންނަޓެ" މިހެން ވެސް ކިޔައިފާނެ އެވެ. ބައެއް ރަށްރަށު ކުދިން "ނިދައްޔަ" ކިއުމުގެ ބަދަލުގައި "ނިދައްޔަޅޭ" ވެސް ކިޔައިފާނެ އެވެ. މި ބަނދީގެ ތަރުޖަމާ ތިރީގައި މިވަނީ އެވެ.
ކުކުޅާ އެވެ! ކުކުޅާ އެވެ!
ތިބާގެ
މަންމައާއި، ތިބާގެ ބައްޕަ އާއި
ދެމީހުން އެބައާދެ އެވެ!
ހަތް
މުގުރުބުރި ހިފައިގެންނެވެ!
ތިބާގެ
ގައިގައި ތަޅައި މެރުމަށެވެ!
ކުކުޅާ
އެވެ! ކުކުޅާ އެވެ!
އަވަށް
ނިދައިލާށެވެ!
އަވަހަށް ނިދައިލާށެވެ!!!
ރާގަކަށް މިބަނދި ކިޔަމުންދާއިރު، ކުކުޅުގެ ބޯ ވާނީ އެސޮރުގެ ފިޔަގަނޑުގެ ދަށަށް ލާފަ އެވެ. އެސޮރު ވާނީ ތަނެއްގައި ބާއްވާފަ އެވެ. ބަނދި ކިޔާ ކުއްޖާ ވާނީ، ފިޔަގަނޑާއެކު އެސޮރުގެ ގައިގައި މަޑުމަޑުން ހިފަހައްޓައިގެންނެވެ. ހައެއްކަ ފަހަރު މި ބަނދި ކިޔައި ނިމޭއިރު، ކުކުޅު އޮންނާނީ ނިދާފަ އެވެ. އޮޅު ކުކުޅު ވަރަށް ގިނަ އިރު ނިދާފައި އޮވެ އެވެ. ހޮރު ކުކުޅު ހިނދުކޮޅަކު އޮތުމަށްފަހު ތެދުވެގެން ހިނގައިދެ އެވެ.
ހުވަދުއަތޮޅުގެ ޒަމާނީ ތަޢުލީމުގައި މިފަދަ ބަނދިތައް ދިރުވައި އާލާނުކުރާތީ، މިހާރުގެ ކުދިންނަށް މިފަދަ ބަނދިތައް ނޭނގުމަކީ ދުރުކަމެއް ނޫނެވެ. މިހެންވެ، މި އަގުހުރި ސަގާފީ ބަނދި ހަނދާނުގެ ޒާކިރާއިން މުޅިން ފޮހެވިގެން ދިޔަނުދިނުމަށްޓަކައި ނަކަލުކޮށްލީ އެވެ.
ނޯޓް:
ހުވަދޫ
ބަހުން "އޮޅު" ގެ އިދިކޮޅު މާނައިގައި
"ހޮރެ" ކިޔަ އެވެ. ރަސްމީ ދިވެހި ބަހަށް ހުވަދޫ ބަސް ތަރުޖަމާކުރެވޭއިރު، އެބެފިލި ޖެހޭ ފަހު އަކުރުގައި އުބުފުލި
ޖެހޭ އުޞޫލުން،
"ހޮރެ" ގެ "ރ" ގައި އުބުފިލި
ޖެހެ އެވެ. "ހޮރު" ގެ އެއް މާނައަކީ،
"އޮޅު ނޫން" އެވެ. ދިވެހި ބަސްފޮތުގައިވާ
"ހޮރު" ގެ މާނަތަކުގެ ތެރޭގައި
"އޮޅު ނޫން" ހިމަނާފައެއް ނެތެވެ.
------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން