ހަވަރުތިނަދޫން މީހުންބޭލުމުގެތެރެއިން - 2

(ފުރަތަމަބަޔާއި ގުޅޭ)
30 ޖެނުއަރީ 1962މ. އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2ގަޑި ބައި- 3 ޖަހާ ކަންހާއިރު، "ސިލްވަރކްރެސްޓް" ހަވަރުތިނަދޫގެ އިރުމަތީފަރާތު ފަރާއި ގާތްކުރަމުން ދިޔަ ވަގުތަކީ ކާޑެއްދޫގައި ދަނޑުގޮވާން ކުރުމުގެ މަސައްކަތަށް ދިޔަ ހަވަރުތިނަދޫގެ ބައެއް ފިރިހެނުންނާއި އަންހެނުން މަސައްކަތް ނިންމައި ކާޑެއްދޫއިން ފުރައިން ރަށަށްދާން ދަތުރުކުރަމުން ދިޔަ ވަގުތަށްވާތީ "ސިލްވަރކްރެސްޓް" ދިޔައީ އެ ދޯނިފަހަރާ ދިމާލަށެވެ. އޭގެ ބޭނުމަކީ "ސިލްވަރކްރެސްޓް"ގައި ތިއްބެވި ބޭފުޅުންގެ މަސައްކަތްޕުޅަށްޓަކައި ހަވަރުތިނަދޫއަށް ވަޑައިގަތުމަށް ދޯންޏެއްގެ އެހީތެރިކަން ހޯއްދެވުންކަމަށް ވެދާނެއެވެ. އޭރު ހަވަރުތިނަދޫ ދެކުނުފަރާތު ފަރާއި އެންމެ ކައިރީގައިވާ ދޯންޏަކީ ހަވަރުތިނަދޫ ހަޒާރުމާގޭ އިބްރާހީމް ތަކުރުފާނު (ލައިޓްރޯސް/ތިނަދޫ) ގެ އަށެއްކަ ރިޔަނުގެ ދޯންޏެކެވެ. މިދޯންޏާއި ދިމާލަށް "ސިލްވަރކްރެސްޓް" އަންނަތަން ދޯނީގެ މީހުންނަށް ފެނުމުން "ސިލްވަރކްރެސްޓް" އަކީ ކޮން އުޅަނދެއްކަން އެނގިގެން ދޯނި އަތުވިޔަ ނުދިނުމަށްޓަކައި ހަވަރުތިނަދޫ ފަރުގެ އެދިމާލުން(މަންގަޑާއި ވެހަފުލާއާއި ދޭތެރެއިން) އެދޯނި ރަށުގެ ފަޅުތެރެއަށް ވަނީއެވެ. އޭރު މިދޯނީގެވެރި އިބްރާހީމް ތަކުރުފާނާއި، ހަވަރުތިނަދޫ ގުމްރީގޭ (މިހާރު ތިނަދޫ ހަޒާރުމާގެއާގެ) ރެކިފުތާއި، ތިނަދޫ ޖޭނެސްޓް މުޙައްމަދު ޒުހައިރާއި އަދިވެސް އިތުރު ބައެއްމީހުން މިދޯނީގައި ތިއްބެވެ.


       މިއީ 1958މ. ގައި ނަގާފައިވާ ހަވަރުތިނަދޫގެ ފޮޓޯއެކެވެ. 

ތިނަދޫ ލައިޓްރޯސް އިބްރާހީމް ތަކުރުފާނުގެ ދޯނި ހަވަރުތިނަދޫ ފަރުން އެތެރެއަށް ވަނުމުން ދެން "ސިލްވަރކްރެސްޓް" ދުއްވާލީ ދެކުނުފަރާތުން ހަވަރުތިނަދޫއަށް ދަތުރުކުރާ ތިން ހަތަރު ދޯންޏަކާއި ދިމާލަށެވެ. މިދޯނިތައްވެސް އަތުވިޔަ ނުދިނުމަށްޓަކައި ކަފެނާއާއި މާގޮޑެރެހާ ފަރުމަތިން ބީހެމުން ނުބީހެމުން ފަރުން އެތެރެއަށް ވަނީއެވެ. މިދޯނި ކަފެނާ ފަރުން އެތެރެއަށްވަން ވަގުތު "ސިލްވަރކްރެސްޓު"ން އިންޒާރުގެ ބަޑިޖެހުމުން އެދޯނިން ދަތުރުކުރި ހަވަރުތިނަދޫ ލައިނޫފަރުމާގޭ ސަންފާ ބިރުން ރޫރޫއަޅައި ޙާލަތުގެ ނުރައްކާތެރިކަން ހިތަށްވަދެ ހޮޑުލައި ވަރަށްބޮޑަށް ހާލުދެރަވެފައި ވަނިކޮށް، ޖެހިގެންއައި ދުވަހު ހަވަރުތިނަދޫއަށް ބަޑިޖަހަމުންދަނިކޮށް އޭނާ ނިޔައުވީއެވެ. މަރުޙޫމާ ސަންފާ ވަޅުލީ ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެނެސް، އަބޫބަކުރު ޚަޠީބު ކަލޭގެފާނުގެ ނާލުބައްތެލި "ޣަނީމާ" ގައި އަލިފާން ރޯކޮށްލުމުން ވައިޖެހޭ ދިމާލުގެ ގޮތުން އަލިފާނުގެ ގަދަހޫނާއި ބޯ ދުން މިޞްރާބުވެފައިވާ ހަވަރުތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި (މިހާރު މަސްޖިދުއް ސުލްޠާން މުޙައްމަދު) މިސްކިތުގެ ޤަބުރުސްތާނުގައެވެ. މިޖަނާޒާގައި އިސްކޮށް ހުންނެވީ ހަވަރުތިނަދޫގެ މަޝްހޫރު ކުޑަކަތީބު ޤާސިމް ރަޝާދު (ކާސިންފުތު ބެއްޔާ)އެވެ.


        ފޮޓޯގައި އެވަނީ ހުވަދޫގައި ބޭނުންކުރާ ކުޑަދޯނީގެ ނަމޫނާއެކެވެ. 

"ސިލްވަރކްރެސްޓް"އަށް 2ވަނަ ދޯނިވެސް އަތުނުވުމުން ދެން ދުއްވާލީ ދެކުނުފަރާތުން ކާޑެއްދޫ އުތުރުކޮޅާދިމާލުން ކޮޑަކިރިގައްލާގެ އިރަށް ހޭރިޔާ ކުރަމުން ދާ ރިޔާނެގި ދޯންޏަކާ ދިމާލަށެވެ. މިދޯންޏާއި ކައިރިކޮށް "ސިލްވަރކްރެސްޓް"ގެ ބާރުގެދަށަށް ދޯނި ގެނެސް އޭގެ ކަފުގައި ދޯނި ބާއްވައިގެން ހަވަރުތިނަދޫ ފަރުކައިރިއަށް "ސިލްވަރކްރެސްޓް" އައެވެ. މިދޯންޏަކީ ނަޑެއްލާއާއި ރަތަފަންދޫއާއި ދޭތެރޭ އޮންނަ މާދޫ އިން ކަށިވެއްޔާއި އެނޫންވެސް ބައެއް ތަކެއްޗާ އެކު ހަވަރުތިނަދޫއަށް ދަތުރުކުރާ ހަވަރުތިނަދޫ ޢަލީ ހުސައިން(ދޮންކަޅާބޭގެ ޢަލީ)ގެ ދޯންޏެކެވެ. މި ދޯނީގައި ތިބީ ހަވަރުތިނަދޫ ބެރުގޭ އަލްމަރުޙޫމް ޒަކަރިއްޔާ މޫސާއާއި، އޭނާގެ ދަރިފުޅު ރެކިދިޔެގެ ފިރިމީހާ ތިނަދޫ މަދޮށިމާގޭ އަލްމަރުޙޫމް މުޙައްމަދު ތަކުރުފާނާއި،  ޒަކަރިއްޔާ މޫސާގެ މާފަދަރި ތިނަދޫ މުޖުމަރާގޭ އިބްރާހީމް ރާޝިދާއި، ހަވަރުތިނަދޫ ސަންފާގެ މޫސާ(މަތައިދޫ މޫސާ) ހިތަދޫގެ/ހޯޑެއްދޫ އާއި، އަދި ތިނަދޫ ހިކިފިނިފެންމާގޭ ޢާއިޝަތު އަޙުމަދު(އައިސާދިޔެ) އެވެ. ޢާއިޝަތު އަޙުމަދު(އައިސާދިޔެ) އަކީ ފިރިމީހާ ކައިރީ ދުވަސްކޮޅަކު މާދޫގައި އުޅުމަށްފަހު ރަށަށް ދާ މީހެކެވެ.


         ފޮޓޯއިން ފެންނަނީ ތިނަދޫ، ކަފެނާ، މާގޮޑެރެހާ ސަރަޙައްދެވެ. 

ޢަލީ ހުސައިން(ދޮންކަޅާބޭގެ ޢަލީ)ގެ ދޯންޏާއެކީ ހަވަރުތިނަދޫ އިރުމަތީފަރާތު ފަރާއިގާތަށް "ސިލްވަރކްރެސްޓް" އައުމަށްފަހު، އޭގެ ލައުޑްސްޕީކަރ މެދުވެރިކޮށް "މޯލްޑިވްސްޓާރ"ގެ ފަހަރެކޭ އެއްގޮތަށް އަޑުގަދަކުރާގެ ޛަރީޢާއިން ރަށުގެ ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. ރަށުގައި ނަގާފައިހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމަށާއި، މިހެން ނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެކަމެވެ. އޭގެފަހުން ވައިގެތެރެއަށް އިންޒާރުގެ ބަޑިޖަހަމުން ދިޔައެވެ. ބަޑިޖަހަންފެށުމުން ރަށުތެރެއިން ކާޅުތައް ހޭރި، ބައެއްފަހަރު ހަވަރުތިނަދޫ ވާރުގޭ(އަތޮޅުގޭ) ބަނބުކެޔޮ ގަހާއި އެހިސާބުގަނޑުގެ ބައެއް ގަސްގަހުގެ ކުދިގޮފިތަކާއި ފަތްތައް ބުރިބުރިވެ ބުރައިގެންދާ ތަންވެސް ފެނުނެވެ.


       ފޮޓޯގައިވަނީ ހަވަރުތިނަދޫ ބޮޑުފާލަމާއި ރޫޅާލައިފައިވާ ފަސްބާޑިއެކެވެ.

ކުޑަ އިރުކޮޅެއްގެތެރޭ "ސިލްވަރކްރެސްޓް" ކައިރީ އޮތް ދޯނީގައި ހުރި ހަވަރުތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާ ހަވަރުތިނަދޫއަށް ފޮނުވިއެވެ. އޭނާ ފޮނުވީ ހަވަރުތިނަދޫގެ ވެރިންނާއި ރައްޔިތުންނަށް އިއްވައިދިނުމަށް ދިވެހިދައުލަތުން ބޭނުންފުޅުވާ އެއްޗެއް އޭނާއަށް އެންގެވުމަށްފަހު، ދޯނީގެ މަޅުގަނޑެއް "ސިލްވަރކްރެސްޓް" ކައިރީ ކަނޑުތެރޭ ބާއްވައިގެން އެއަށް ބަޑިޖަހައި ގިނަ ލޯވަޅުތަކެއް އެޅުމުން އެ މަޅުގަނޑާ އެކީއެވެ. އަދި ޒަކަރިއްޔާ މޫސާ ފޮނުއްވުމަށްފަހު އެކަންތައް ހިނގަމުންދަނީ ކިނެއްތޯ ދުރުމީގެ ޛަރީޢާއިން ބޮޑުވަޒީރު އިބްރާހީމް ނާޞިރު ބައްލަވަމުން ގެންދެވިކަމަށް މަޢުލޫމާތުލިބުނެވެ. (ނުނިމޭ)
             --------------------- 
ޢަބުދު ޙިލްމީ