ހަވަރުތިނަދޫން މީހުންބޭލުމުގެތެރެއިން - 4













(ތިންވަނަބަޔާއި ގުޅޭ)
"ސިލްވަރކްރެސްޓް" އައިސް އެދުވަހު ހިނގި ކަންކަމާގުޅިގެން ދެންވާނީ ކިހިނެއްތޯއާއި ދިވެހިދައުލަތުގެ މާފަށްއެދޭ ބަޔަކު ތިބިނަމަ މާފުދެއްވާނެކަމަށް އަންގަވާފައިވާތީ އެކަމަށް އެދުމަކީ ރަނގަޅުކަމަކަށް ނުވާނެތޯ އެކަމާމެދު ވިސްނުންހުރީ ކިހިނެއްތޯ މުޙައްމަދު ޙުސައިނާއި ގާތް ރަށުގެ އެކިފަންތީގެ ގާތް ބައެއް މީހުންގެގާތުގައި އޭނާ އެ ރޭ އެވާހަކަ ދެއްކެވިއެވެ. މީގެބޭނުމަކީ އެކަމަށް ބޭނުންވާ މީހަކު ހުރިތޯއާއި އެކަމުގައި މީހެއްގެ އެހީތެރިކަމެއްވެސް ލިބޭތޯ ބެއްލެވުންކަމަށް މުޙައްމަދު ޙުސައިނު މަޢުލޫމާތު ދެއްވައެވެ. މިހެންމެ، އެރޭ އޭނާ އެވާހަކަދެއްކެވި ކަމަށް އޭގެ ބަޔަކު އަޅުގަނޑުގާތުވެސް ބުނެފައިވެއެވެ. ނަމަވެސް "ސިލްވަރކްރެސްޓް" ކައިރިއަށް(އެ ދެކަލުންގެ އިތުރަށް) ދާނެ މީހަކު އެރޭ ނުވިކަމަށް މުޙައްމަދު ޙުސައިނު މަޢުލޫމާތު ދެއްވައެވެ. ދެ ސަބަބަކަށްޓަކައެވެ. 
އެއްބަޔަކަށް ދާން ނުކެރުނީ އެހިސާބަށް ދެވުމުގެ ކުރިން ރަށްބަލަހައްޓާ ފާރަވެރިންނަށް އެކަން އެނގި ބޭޒާރުވެއްޖެނަމަ، އެމީހަކު ހައްޔަރުވުމުގެ އިތުރަށް އެމީހެއްގެ ގޯތިގެދޮރު ތަޅައި ސުންނާފަތިކުރުން ކަހަލަ ދެރަގޮތެއް މެދުވެރި ވެދާނެކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ. 
އަނެއްބަޔަކު ދާން ބޭނުންނުވީ މިފަހަރު "ސިލްވަރކްރެސްޓް" އަށް ކާމިޔާބުނުވާނެކަމަށް ރަށުގެ ވެރިންގެ ބައެއްބޭފުޅުން އެދުވަހުވެސް ޔަޤީންކަން ދެއްވާފައިވާތީއެވެ.

މުޙައްމަދު ޙުސައިނަކީ ގިނަބަޔަކާއި ބައްދަލުވެ އެކި ވާހަކަދައްކަވާ ބޭކަލެކެވެ. އެކިމީހުން ސަމާލުކަން ދޭ ވާހަކައާއި ބައެއްފަހަރު އެހާ ސަމާލުކަން ނުދޭ ވާހަކަވެސް ދައްކަވާ ބޭކަލަކަށްވުމުން އެރޭ އޭނާ އެއުޅުއްވަނީ "ސިލްވަރކްރެސްޓް" ދޮށަށް ދުރުވަންކަމަށް އެއްވެސްމީހަކަށް އެހާބޮޑު ސަމާލްކަމެއް ނުދެވެއެވެ. އެމީހުން ބެލީ އެދުވަހު ހިނގި ކަންކަމާއި ގުޅިގެން އޭނާ އެމީހުންނާއި ޚިޔާލު ބަދަލުކޮށްލެއްވީ ކަމަށެވެ.

ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނަށް "ސިލްވަރކްރެސްޓް"ދޮށަށް ދުރުވެވުނީ އެކަމަށްޓަކައި ވަރަށް ގިނަ އުނދަގޫ އުފުއްލަވައި ގިނަ ވަގުތުތަކެއް ހޭދަކުރައްވައިގެންނެވެ. މިމަސައްކަތުގައި ރަށުތެރޭގައި ދެބޭކަލުން އުޅުޢްވި ވަގުތު ފެންނަ މީހުންނަށް އެބޭކަލުންނާއި މެދު ޝައްކެއްވެ ސުވާލު ނުކުރެވުނީ ދެ ބޭކަލުންނަކީ ވެސް އޭރުއޮތް ވެރިކަމުގެ އިސް ފަރާތްތަކާއި ގުޅުންބޮޑު އަދި މުވައްޟަފުންނަށް ވެސް ވުމާއިއެކުގަ އެވެ. ޢަބުދުލްވައްހާބަކީ އަތޮޅުއޮފީހުގެ ސެކްރެޓެރީ އެވެ. މުޙައްމަދު ޙުސައިނަކީ ސިފައިންގެ މީހެކެވެ.


      މިއީ އެދުވަސްވަރުގެ ބައެއް ބޮއްކުރާ ހުންނަގޮތުގެ ނަމޫނާއެކެވެ. 

ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން "ފަތުޙުލް މުބާރިކް" އޮޑީގެ ބޮއްކުރާ ބާލައިގެން ހަވަރުތިނަދޫގެ ފަޅުތެރޭ އޮންނަ މާފުއްޓާ (ތިނަދޫމާފުއްޓާ) ދިމާލުން އިރުމައްޗަށް ކަނޑުތެރެއަށް ނުކުތީ ރިޔަލެއް ފައްޔެއް ރިތެއް ފަދަ އެއްޗެއްވެސް ނެތިއެވެ. ކާނެ ބޯނެ އެއްޗެއްވެސް ނެތިއެވެ. އުތުރުން ޖެހޭ ވައިގައި ބޮއްކުރާގެ ދެކޮޅުގައި ތިބެގެން ފައިން ފަލިޖަހަމުން ތިނަދޫ މާފުއްޓާ ދިމާލުން އިރަށްގޮސް "ސިލްވަރކްރެސްޓް" އާއި މިޞްރާބުވުމުން އެއާއިދިމާލަށް ދިޔައީއެވެ. "ސިލްވަރކްރެސްޓް"ގެ ވަރަށް ކައިރިއަށް ދެވުނުއިރުވެސް އޭގެ ބޭރަށް ހުރި ހުރިހާ އައްޔެއްވަނީ ނިއްވާލައިފައެވެ. ނަމަވެސް ބޮއްކުރާ އެއާއި ކައިރި ކުރުމާއެކު ކުއްލިއަކަށް މުޅި ބޯޓް ދިއްލިގެންދިޔައިރު ތައްޔާރީ ޙާލަތުގައި ތިބި ސިފައިންވެސް ފެނިގެން ދިޔައެވެ. އަދި މިދެކަލުން "ސިލްވަރކްރެސްޓަ"ށް ނެގުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭ ސީދާ ބޮޑުވަޒީރު އިބްރާހިމް ނާޞިރު އެ ދެކަލުންނާއި ސުވާލުކުރެއްވިއެވެ. "ކޮން ބައެއްތޯއާއި، ބޭނުމަކީ ކޮބައިތޯއެވެ. މިހާތަނަށް ރަށުގައި ހިނގަމުންދިޔަ ދެކޮޅުވެރި ޙަރަކާތުގައި ބައިވެރިވެ އުޅުނީ ކޮންކަމެއްގައި ކިހާވަރަކަށްތޯއާއި ރަށުތެރޭގެ ކަންތައް މިވަގުތު ހުރީ ކޮންގޮތަކަށްތޯއެވެ." 

ބޮޑުވަޒީރުގެ އެންމެ މުހިއްމު ސުވާލަކަށްވީ "އެ ދުވަހު ތިނަދޫގެ ރައްޔިތުންނާއި ވެރިންގެގާތަށް އެމަނިކުފާނު ފޮނުއްވި ޤާޞިދު(ހަވަރުތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާ) ރަށުގެވެރިންނާއި ރައްޔިތުންގެ ގާތުގައިދެއްކި ވާހަކަތަކަށް އެބައިމީހުން އިޖާބަދިނީ ކޮން ގޮތަކަށްތޯއާއި،  ވެރިންނާއި ރައްޔިތުން ނިންމުންހުރީ ކޮން ގޮތަކަށްތޯއާއި އަދި ޒަކަރިއްޔާ މޫސާއަށް ވީ ކިހިނެއްތޯ"އެވެ. 

ބޮޑުވަޒީރު ކުރެއްވި ސުވާލުތަކަށް ޢަބްދުލްވައްހާބާއި މުޙައްމަދު ހުސައިން ތެދުބަހުން ޖަވާބު އެރުވިއެވެ. ހިނގި ކަމެއް ހިނގި ގޮތަކަށެވެ. ސުވާލާއި ޖަވާބަށްފަހު ވެސް މި ދެކަލުންނަށް ދިވެހިދައުލަތުން މާފުދެއްވިކަމެއް ނުވަތަ ނޫންކަމެއްވެސް އެވަގުތު ބޮޑުވަޒީރު ވިދާޅުވެފައި ނުވެއެވެ. އޭގެފަހުން ސަޔާއި އެއާއިވާނޭ އެއްޗެހި ދެ ކަލުންނަށް ހަމަޖެހިގެންވެސް ދިޔައެވެ.

ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން ހަވަރުތިނަދޫގެ ފާރަވެރިންނަށް ސިއްރުން ފުރަމެންދަމު ބޮއްކުރާ ބާލައިގެން "ސިލްވަރކްރެސްޓް"ދޮށަށް ފުރުއްވިފަހުން އެކަން އެނގުނު ގޮތަކަށް ރަށުގެ ވެރިންނާއި ރައްޔިތުންގެ ބަޔަކަށް އެނގުމުން އެ ދެކަލުން އުޅުއްވަމުން ގެންދެވި ގެތަކުގެ ކައިރިއަށް ބަޔަކުއެއްވެ ހޯބޯލަވައި އަޑުގަދަކޮށް އެއްޗެހިކިޔައި އުޅުނެވެ. ނަމަވެސް އޭރު އެ ދެކަލުންގެވެސް އަމިއްލަ ގޭގެ ނެތުމުން އެއްވެސް ގެއަކަށް މުދަލަކަށް ގެއްލުމެއް ނުލިބެއެވެ.

މާދޫއިން އަންނަނިކޮށް އަތުލި ދޯނީގެ މީހުންގެތެރެއިން ޒަކަރިއްޔާ މޫސާ އިއްޔެ ހަވަރުތިނަދޫއަށް ފޮނުވާފައިވާތީ ދެން އެދޯނީގައި ތިބި އެންމެން މިއަދު (31 ޖެނުއަރީ 1962 ބުދަ) ހަވަރުތިނަދޫއަށް ފޮނުވިއެވެ. ހެދުނު ސައިގެ ފަހުންނެވެ. އެމީހުން ފޮނުވީ ޢަބްދުލްވައްހާބާއި، މުހައްމަދު ޙުސައިނާއި ދެކަލުން "ސިލްވަރކްރެސްޓް" ދޮށަށް ދުރުވި ފަތުޙުލް މުބާރިކް އޮޑީގެ ބޮއްކުރާގައެވެ. 

މިމީހުން ފޮނުވިއިރު އެމީހުންނާއި ޙަވާލުކޮށް ހަވަރުތިނަދޫގެ ރައްޔިތުންނަށް ނުވަތަ ވެރިންނަށް ވިޔަސް "ސިލްވަރކްރެސްޓު"ން ލިޔުމެއް ފޮނުވިކަމާއި، އަދި އެމީހުން ހަވަރުތިނަދޫއަށް ދިޔުމުން އެމީހުންދިޔަ ބޮއްކުރާ އެއްގަމަށް އަރުވާފައި ތަޅައި ހިމުންކޮށްލިކަމާއި، ދުރުމީގެ ޛަރީޢާއިން މިތަން ބައްލަވަން ބޮޑުވަޒީރު ހުންނެވި ވާހަކަ ބައެއް ލިޔުންތަކުގައި އެވަނީ ޙަޤީޤަތާއި އެއްގޮތަށް ނޫނެވެ. މިކަހަލަ އެއްވެސްކަމެއް "ސިލްވަރކްރެސްޓް"ގެ އެފަހަރު ނުހިނގައެވެ. އެހެނެއްނޫނެވެ. ހުވަދުއަތޮޅުގައި ފުރަތަމަ އުފެދުނު ދިވެހިދައުލަތާއި އިދިކޮޅު ޙަރަކާތް ހަމަޖެއްސެވުމަށް ބޮޑުވަޒީރު އިބްރާހީމް ނާޞިރު "މޯލްޑިވްސްޓާރގައި" ކުރެއްވި ދަތުރުފުޅުގައި ގައްދޫއިން ހަވަރުތިނަދޫއަށް އެ ބޯޓް ދިޔުމަށްފަހު، ގައްދޫން ހައްޔަރުކޮށް ބޯޓަށް ގެނެސްފައި ތިބި ހަވަރުތިނަދޫގެ ބަޔަކު ލިޔުމަކާއެކު ހަވަރުތިނަދޫއަށް ފޮނުވިއެވެ. މީގެތެރޭ، ތިނަދޫ ގޯލްޑްރިންގ ތުއްތުކަލޯއާއި، ތިނަދޫ ދޭލިޔާގޭ މޫސާއާއި، އަދި އިތުރު ބަޔަކުވެސް ތިއްބެވެ. މިމީހުންފޮނުވީ އެފަހަރު "މޯލްޑިވްސްޓާރު"ން ގެނައި ގައްދޫ ކުޑަ ދޯންޏެއްގައެވެ. އެފަހަރު އެދޯނި ހަލާކުކޮށްލިކަމާއި، ދުރުމީގެ ޛަރީޢާއިން ބޮޑުވަޒީރު އިބްރާހީމް ނާޞިރު އެތަން ބެއްލެވިކަމަށް ވިޔަފާރިމިއަދުގެ 27 ޖުލައި 1959މ. ގެ ޢަދަދުގައިވެސް ލިޔެފައިވެއެވެ.

މާދޫއިން އަންނަނިކޮށް އަތުލި ދޯނީގެމީހުން "ފަތުޙުލްމުބާރިކް" އޮޑީގެ ބޮއްކުރާގައި ހަވަރުތިނަދޫއަށް ފޮނުވުމަށްފަހު،  ބޮޑުވަޒީރުގެ އެންގެވުމަށް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން އިސްކޮށް ބައިތިއްބައިގެން "ސިލްވަރކްރެސްޓް" ކައިރީއޮތް ހަވަރުތިނަދޫ ދޮންކަޅާބޭގެ ޢަލީ ޙުސައިންގެ ދޯނީގެ ތަކެތީގެތެރެއިން 4 ފައްޔާއި ރިތާއި ނޫން އެހެން ހުރިހާއެއްޗެތި ކަނޑަށްއުކައިލައި ހަވަރުތިނަދޫއަށް ދިޔުމަށް ތައްޔާރުކުރުމުން ބޮޑުވަޒީރާއި، އަޙުމަދު ޒަކީއާއި، އަޙުމަދު ޙިލްމީއާއި، މުޙައްމަދު ޢިމާދުއްދީނާއި، މައިޒާން އިބްރާހީމްމަނިކާއި ދޯންޏަށް އެރުއްވިއެވެ. މިބޭފުޅުންގެ އިތުރަށް މިދޯނީގައި ތިބީ ސިފައިންނާއި ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނެވެ. މި ދެ ބޭކަލުން ގެންދެވީ ކުރިންދެންނެވި ބޭފުޅުންގެ މަސައްކަތްޕުޅަށް އެހީތެރިވެދިނުމަށެވެ. (ނުނިމޭ)
                 ---------------- 
ޢަބުދު ޙިލްމީ