ތަޢާރަފު
އިންސާނުންގެ މެދުގައި ކޮމިއުނިކޭޝަން ހިނގާ
މައިގަނޑު ދެ ގޮތެއް ވެއެވެ. އެ ދެ ގޮތް ތިރީގައި މިވަނީއެވެ. އަޑުގެ ޒަރީއާއިން ކޮމިއުނިކޭޝަން ހިންގުން: މި
ގޮތަށް ކޮމިއުނިކޭޝަން ހިންގާއިރު އެކަމުގައި ޝާމިލުވާ މީހާއަކީ، އަޑުއަހާ ފަރާތް ކަމުގައި ވެދާނެއެވެ. ނުވަތަ ވާހަކަދައްކާ ފަރާތް ކަމުގައި
ވެދާނެއެވެ. ލިޔެފައިވާ އެއްޗެއްގެ ޒަރީއާއިން ކޮމިއުނިކޭޝަން
ހިންގުން: މި ގޮތަށް ކޮމިއުނިކޭޝަން ހިންގާއިރު އެކަމުގައި ޝާމިލުވާ މީހާއަކީ، ކިޔުންތެރިއެއް ކަމުގައި ވެދާނެއެވެ. ނުވަތަ ލިޔުންތެރިއެއް ކަމުގައި
ވެދާނެއެވެ.
މި ދެ ނުކުތާގެ ތެރޭގައި ހިމެނޭ އަސާސީ 4 (ހަތަރު)
މަހާރަތެއް (1) (Skill) ވެއެވެ. އެއީ، އަޑުއެހުމާއި، ވާހަކަދެއްކުމުގެ މަހާރަތާއި، ކިޔުމާއި ލިޔުމުގެ މަހާރަތެވެ. ފުރަތަމަ ދެ މަހާރަތު ހިމެނެނީ ޝަފަވީ
ބައިގައެވެ. ދެވަނަ ދެ މަހާރަތު ހިމެނެނީ ލިޔެކިޔުމުގެ ބައިގައެވެ. އިސްލާމީ
ނަޒަރަކުން، މި ދިރާސީ މަޒުމޫނުގައި އަލިއަޅުވައިލާނީ، މި ހަތަރު މަހާރަތުގެ
ތެރެއިން ފުރަތަމަ މަހާރަތުގެ މައްޗަށެވެ. އެއީ އަޑުއެހުމެވެ.
ކީރިތި ޤުރުއާނުގައި ވަނީ، ޢިލްމާއި މަޢުރިފާގެ
ވަސީލަތްތައް ބަޔާންކުރައްވާފައެވެ. އެ ވަސީލަތްތަކުގެ އެންމެ ކުރީގައިވަނީ، އަޑުއިވުމެވެ. ދެން ފެނުމެވެ. ދެން ބުއްދިއެވެ. މާތް ﷲ ވަޙީކުރައްވާފައި
ވެއެވެ.
(وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ) (2)
މާނައީ، "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ
ގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް
އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން،
ޝުކުރުކުރުމަށްޓަކައެވެ." (3)
ކީރިތި ޤުރުއާނުގައި (سمع) "އަޑުއިވުން" އާއި، އެ ކަލިމައިން އުފެދިފައިވާ އެތައް ކަލިމަތަކެއް
ވެއެވެ. ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެ ކަލިމަތަކުގެ ޢަދަދަކީ، 158 އެވެ. އިންސާނާ ޚަލްޤުކުރެއްވުމާބެހޭ ވާހަކަ ބަޔާންކުރައްވާފައިވާ
އާޔަތްތަކުގައި، (البصر) ފެނުމުގެ ކުރިއަށް
ތަކުރާރުކޮށް އިސްކުރައްވާފައިވަނީ (السمع) އަޑުއިވުމެވެ. ކިއެއްތޯއެވެ. (الهداية) ހިދާޔަތުގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި (العقل) ބުއްދީގެ މައްޗަށް އިސްކުރައްވާފައިވަނީ ވެސް (السمع) އަޑުއިވުމެވެ. މީގެ މިސާލަކީ އަންނަނިވި އާޔަތެވެ.
(أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ إِنْ هُمْ إِلَّا كَالْأَنْعَامِ بَلْ هُمْ أَضَلُّ سَبِيلًا) (4)
މާނައީ، "ނުވަތަ އޭގެތެރެއިން ގިނަ މީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެ
ވެސް އެއުރެންގެ މަގުފުރެދުން ބޮޑެވެ." (5)
އަޑުއެހުމުގެ މުހިންމުކަން ހާމަވާ އެއް ޙަޤީޤަތަކީ، ބީރެއްގެ (6) ގޮތުގައި އުފަންވާ ކުއްޖާއަކީ މަންމަނެއް (7)
ކަމުގައިވާ ކަމެވެ. އެކަމާބެހޭ ގޮތުން ބުނެވެއެވެ. ބީރު ކުއްޖާ މަންމަނަކަށް ވަނީ، އޭނާއަށް އަޑުނީވޭތީއާއި، އެކަމުގެ ސަބަބުން އަޑު ކޮޕީކުރުމުގެ ފުރުޞަތު އޭނާއަށް
ފަހިނުވާތީއެވެ.
އަޑުއެހުމަކީ، އިންސާނާގެ ކިބައިގައިވާ
އެހެން ހުރިހައި (Skills)
މަހާރަތްތަކަށް އަސަރުކުރުވާ ކަމެކެވެ. އެއީ ބަސް އުނގެނުމާއި، ފަހުމުވުމާއި، އެއާވިދިގެން އަންނަ އުފެއްދުމަށް ވާޞިލުވާން އޮތް ޠަބީޢީ
މަގެވެ. އިބްނު ޚަލްދޫންގެ ދެކެވަޑައިގަންނަވާ ގޮތުގައި، އަޑުއެހުމަކީ
ދޫފަސޭހަކަމުގެ މަލަކަތްތަކުގެ (8) ބައްޕައެވެ. ބަހަވީ މަހާރަތްތަކުގެ
މަންމައެވެ.
ދިރާސާކުރާ ފަރާތްތަކުންނާއި މުޙައްޤިޤުން
ކަށަވަރުކޮށްދޭ ގޮތުގައި، މީހަކު ބަހަށް މޮޅުވުމުގެ މައިގަނޑު ސަބަބަކީ، އޭނާގެ ކިބައިގައިވާ އަޑުއެހުމުގެ ޤާބިލުކަމުގެ ބޮޑުކަމެވެ. އެއީ ބަހެއް
އުނގެނި ދަސްކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. (يوسف، 2018)
ކީރިތި ޤުރުއާން އަޑުއެހުމަށް އަންގަވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ) (9)
މާނައީ، "އަދި ޤުރުއާން ކިޔެވިއްޖެ ހިނދަކު
ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް
ރަޙުމަތް ލެއްވުމަށްޓަކައެވެ." (10)
މިއާޔަތުން އެނގޭ ގޮތުގައި، ކީރިތި ޤުރުއާން
އަޑުއިވުމުން، ހަމައެކަނި އަޑުއަހަންވީއެއް ނޫނެވެ. އެކަމަކު ހަނުހުރެ (11)، (ރަނގަޅަށް) ކަނުލައި (12) އަޑުއަހަންޖެހެއެވެ. މާތް ﷲ ގެ
ރަޙުމަތް ޙާޞިލުވާނީ އޭރުންނެވެ. އާޔަތުގައި ބަޔާންކުރައްވާފައިވާ ބަސްފުޅު
އަންނަނިވި މާދަލާއިން (13) ބަޔާންކުރެވިދާނެއެވެ.
ހަނުހުރުން + ކަނުލުން + އަޑުއެހުން = ﷲ ގެ
ރަޙުމަތް ޙާޞިލުވުން
(فَاسْتَمِعُوا لَهُ) މި ބަސްފުޅުގެ ތަފުސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ރައުޔުތައް (الطبري) އައްޠަބަރީ ގެނެސްދެއްވާފައި ވެއެވެ.
އޭގެތެރޭގައި މައިގަނޑު ތިން ރައުޔެއް ވެއެވެ. އެއީ:
ކީރިތި ޤުރުއާން ކިޔަވާއިރު އެއަށް ކަނުލައި
އަޑުއަހަން ޖެހެނީ، އިމާމާ ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާއިރުގައެވެ. އެހެނީ
މި އާޔަތް ބާވައިލެއްވުނީ، ނަމާދުގައި އިމާމާ ކީރިތި ޤުރުއާން ކިޔަވާއިރު، މައުމޫން ވާހަކަދައްކާތީއެވެ.
ކީރިތި ޤުރުއާން ކިޔަވާއިރު އެއަށް ކަނުލައި
އަޑުއަހަން ޖެހެނީ، އިމާމާ ހުކުރު ޚުޠުބާގައި ކީރިތި ޤުރުއާން
ކިޔަވާއިރުގައެވެ. އެއީ އެ އާޔަތްތަކާއި އެއާއެކު އިމާމާ ޚުޠުބާގައި ކިޔާ އެއްޗެއް
ފަހުމުކޮށް ދެނެގަތުމަށްޓަކައެވެ.
(فَاسْتَمِعُوا لَهُ) މި ބަސްފުޅުން އަންގަވާފައިވަނީ، އިމާމާ ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާއިރުގައްޔާއި، ހުކުރު ޚުޠުބާގައި ކީރިތި ޤުރުއާން ކިޔަވާއިރު ކަނުލައި އަޑުއެހުމަށެވެ.
މި ރައުޔުތަކަށް ބަލާއިރު، ނަމާދުގައްޔާއި ހުކުރު
ޚުޠުބާގައި ކީރިތި ޤުރުއާން ކިޔަވާ އަޑު ކަނުލައި އެހުމަށް އިސްލާމްދީނުގައި
އަންގަވާފައިވާކަން އެބަ އެނގެއެވެ. (الطبري، 2018)
(فضيلة الشيخ محمد بن صالح العثيمين) ފަޟީލަތުއްޝައިޚު ޢުޘައިމީންގެ އަރިއަހަށް ހުށަހެޅުނު ސުވާލަކަށް
ޖަވާބުދެއްވަމުން ވިދާޅުވެފައި ވެއެވެ. "މޮޅުއިތުރުވެގެންވަނީ (ނަމާދުގައި)
އިމާމާ އަލްޙަމްދު ކިޔަވައި ނިމުމުން މައުމޫމުން އެ ސޫރަތް ކިޔެވުމެވެ. އެއީ، އިމާމާ އެ ސޫރަތް ކިޔަވާއިރު، މައުމޫމުން އެ ސޫރަތް އަޑުއެހުމަށްޓަކައެވެ. އިމާމާ
އަލްޙަމްދު ކިޔެވުމަކީ ފަރުޟު ރުކުނެކެވެ. އިމާމާ އަލްޙަމްދު ކިޔަވާއިރު، މައުމޫމަކު އެ ސޫރަތް ކިޔަވަމުންދާނަމަ، އިމާމާގެ ކިޔެވުން
އަޑުއެހުމުގެ ފުރުޞަތު އޭނާއަށް ގެއްލިގެންދާނެއެވެ. ..... އަދި އިމާމާ އަލްޙަމްދު
ކިޔަވައި ނިމޭއިރު (ولا الضالين) އެވެ، ކިޔުމުން (آمين) ކިޔުމުގެ ފުރުޞަތެއް ވެސް އޭނާއަކަށް ނޯންނާނެއެވެ. އެއީ އޭނާ އިމާމާގެ
ކިޔެވުން އަޑުއަހަން ނެތް ކަމަށްޓަކައެވެ. މީގެ މައްޗަށް ތަރުތީބުވާ ކަމަކީ، އޭނާ ނަމާދުގެ ޖަމާޢަތުން ބޭރުވުމެވެ." (السليمان، 1999)
ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައި ވެއެވެ. (إِذَا قَرَأَ الْإِمَامُ فَأَنْصِتُوا) (14)
މާނައީ، "އިމާމާ ކިޔަވާ ހިނދު، ފަހެ، (އެ ކިޔެވުން) ކަނުލައި އަޑުއަހާހުށި ކަމެވެ!"
ދަންނަބޭކަލުންގެ އިޖުމާޢުގައި ވަނީ، ހުކުރު ދުވަހު އިމާމާ ހުކުރު ޚުޠުބާ ކިޔާ އަޑު އިވުމުން، އެއަށް ކަނުލައި އަޑުއަހަންޖެހޭނެ ކަމަށެވެ. ކީރިތި ނަބިއްޔާގެ ސުންނަތުން
އެނގޭ ގޮތުގައި، ކަނުލައި އަޑުއެހުން ވާޖިބުވެގެންވާ ދެ ވަގުތެއް ވެއެވެ. އެއިން އެއް
ވަގުތަކީ، އިމާމާގެ ފަހަތުގައި ނަމާދުކުރާ މައުމޫމާއެވެ. ނަމާދުކުރާއިރު، އިމާމާގެ ކިޔެވުން މައުމޫމާ އަޑުއެހުން ވާޖިބުވެގެންވެއެވެ. އަނެއް ޙާލަތަކީ، އިމާމާ ހުކުރު ޚުޠުބާ ކިޔާއިރު ހުކުރު ވާޖިބުވާ މައުމޫމާ އެއަށް ކަނުލައި
އަޑުއެހުމެވެ. (الطبري، 2018)
ޠާހިރު ސުންނަތުގައި ކީރިތި ނަބިއްޔާ ޞައްލަﷲ
ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވަނީ، ހަމައެކަނި
އަޑުއެހުމަކަށެއް ނޫނެވެ. އެކަމަކު، ހަނުހުރެ ރަނގަޅަށް ކަނުލައި އަޑުއެހުމަށެވެ. މިއީ، ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއެކެވެ. އަޑުއެހުމާއި، ހަނުހުރެ ރަނގަޅަށް ކަނުލައި އަޑުއެހުމާ ދެމެދުގައި ވަރަށް ބޮޑު ފަރަގެއް
ވާތީއެވެ. އެއްޗެއް ރަނގަޅަށް ދޭހަވެ ފަހުމުވާނީ ރަނގަޅަށް ކަނުލައި
އަޑުއެހުމުންނެވެ. މިކަމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުގެ
ބޮޑުކަން ހާމަވަނީ، ހަނުހުރެ ރަނގަޅަށް ކަނުލުމުގެ ދަރުމަ، އަޑުއެހުމުގެ ދަރުމައާ އެއްވަރުކުރައްވާފައި ވާތީއެވެ! ކީރިތި ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
(أَقِيمُوا الصُّفُوفَ، وَحَاذُوا الْمَنَاكِبَ، وَأَنْصِتُوا، فَإِنَّ أَجْرَ الْمُنْصِتِ الَّذِي لا يَسْمَعُ كَأَجْرِ الْمُنْصِتِ الَّذِي يَسْمَعُ) (15)
މާނައީ، "(ނަމާދުގައި) ސަފުތައް ތެދުކުރާހުށިކަމެވެ!
އަދި ކޮނޑާއި ކޮނޑު ސީދާކުރާހުށިކަމެވެ! އަދި ހަނުތިބެ ކަނުލާހުށިކަމެވެ! ފަހެ، އަޑު ނީވޭ ޙާލު ހަނުހުރެ ކަނުލާމީހާގެ ދަރުމަ، ހަނުހުރެ ކަނުލައި އަޑުއަހާ
މީހާގެ ދަރުމައާ އެއްވަރެވެ." މި ޙަދީޘްފުޅުން ޙާޞިލުވާ މާދަލާ ތިރީގައި
މިވަނީއެވެ.
(އަޑުނީވޭ ޙާލު) ހަނުހުރުން + ކަނުލުން = (އަޑުއިވޭ
ޙާލު) ހަނުހުރުން + ކަނުލުން + އަޑުއެހުން
މި މާދަލާއަށް ނަޒަރު ހިންގައިލުމުން އެނގޭ
އެއްޗަކީ، ހަނުހުރުމާއި ކަނުލުމާ ނުލައި، އަޑުއެހުމުގެ އަގަކީ ސުމެއްކަމެވެ. ފުޓްނޯޓުގައި
އިސްވެ އިޝާރާތްކޮށްފައިވާނެ ފަދައިން، ހަނުހުރުމަކީ، ހިމޭންވެހުރުމާއި، އަނގަ މަޑުކޮށްގެން (ބަސް ނުބުނެ ވާހަކަނުދައްކައި) ހުރުމެވެ. ކަނުލުމަކީ، ކިޔާ އެއްޗަކަށް ނުވަތަ އިވޭ އަޑަކަށް ފަރުވާ ބެހެއްޓުމެވެ. (16)
ތަޢުލީމާއި ތަރުބިއްޔަތުގެ ނަޒަރުން ބަލާއިރު، މި ޙަދީޘްފުޅުން ވަރަށް މުހިންމު
ކަމެއް މޭރުންވެއެވެ. އެއީ، އަޑުއަހާ އެއްޗެއް ރަނގަޅަށް ފަހުމުވާނީ، ހަނުހުރެ އެއަށް ކަނުލުމުން ކަމެވެ. އެކަމާ ނުލައި ހަމައެކަނި އަޑުއެހިޔަސް
ފަހުމެއް ނުވާނެކަމެވެ.
މިޒަމާނުގެ ސައިންސްވެރިން ކަށަވަރުކޮށްދެއްވާ ގޮތުގައި، ކުޑަކުއްޖާ އުފަންވުމާއެކު، އޭނާގެ ހަށިގަނޑުން ފުރަތަމަ މަސައްކަތްކުރަންފަށާ ޢަމަލީ
ވަސީލަތަކީ އަޑުއިވުމުގެ ގުނަވަން ކަމުގައިވާ ކަންފަތެވެ. އަޑުއިވުމުގެ ޙިއްސު
މަސައްކަތްކުރަން ފަށަނީ ކުއްޖާ އުފަންވާތާ ތިން ދުވަހުގެ ތެރޭގައެވެ. ފެނުމުގެ
ޙިއްސު މަސައްކަތްކުރަން ފަށަނީ ހަތް ދުވަސް ފަހުންނެވެ. ފެނުމުގެ ޙިއްސާ ޚިލާފަށް
އަޑުއިވުމުގެ ޙިއްސު ހުރިހައި ފަރާތަކަށް މަސައްކަތްކުރެއެވެ. ފަހަތުންނާއި
ކުރިމަތިންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން އަންނަ އަޑުތައް ކަންފަތަށް
އިވެއެވެ. އަދި ލޮލަށް ނުފެންނަ ހިސާބުގައި އުޅޭ މީހުން ދައްކާ ވާހަކަ ވެސް
އަޑުއިވެއެވެ. ހޭލާ ހުންނައިރުގައްޔާއި، ނިދާފައި އޮންނައިރުގައި ވެސް ދާއިމީ ގޮތެއްގައި
އަޑުއިވުމުގެ ޙިއްސު މަސައްކަތްކުރެއެވެ. ކީރިތި ޤުރުއާނުން ވެސް މިކަން
ކަށަވަރުވެއެވެ. (حميدات، 2018)
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا) (17)
މާނައީ، "ފަހެ، ހޮހަޅައިގައި އެތައް
އަހަރެއްވާންދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަ ނިންޖެއްގައި
ބައިތިއްބެވީމެވެ." (18)
މިއާޔަތުގައިވާ (فَضَرَبْنَا عَلَىٰ آذَانِهِمْ) ގެ މާނަ ކަމަށް ދިވެހި ތަރުޖަމާގައި ވަނީ، އިބްނު ކަޘީރުގެ
ތަފުސީރުގައިވާ ފަދައިންނެވެ. އެހެން ތަފުސީރު ފޮތްތަކުގައި ވެސް އެ މާނަ
ބަޔާންވެފައި ވެއެވެ. ނަމަވެސް ތަފުސީރު ޢިލްމުވެރިން އެ ބަސްފުޅުގެ އެހެން
މާނަތައް ދެއްވާފައިވެއެވެ.
އައްޒުޖާޖު ވިދާޅުވެފައިވެއެވެ. އޭގެ މާނައަކީ
"ތިމަންރަސްކަލާނގެ އަޑުއިވުމުން އެއުރެން މަނާކުރެއްވީމެވެ."
އިބްނު ޢައްބާސުގެފާނު ވިދާޅުވެފައި ވެއެވެ. އޭގެ
މާނައަކީ "ތިމަންރަސްކަލާނގެ އެއުރެންގެ ކަންފަތްތަކަށް އަޑު ނުވަންނާނެހެން
އެއުރެންގެ ކަންފަތްތައް ބަންދުކުރެއްވީމެވެ." (القرطبي، 2018)
މި ދިރާސީ މަޒުމޫނުން ޙާޞިލުވާ މައިގަނޑު
ނުކުތާތައް ތިރީގައި މިވަނީއެވެ.
އިންސާނުންގެ މެދުގައި ކޮމިއުނިކޭޝަން ހިނގާ
މައިގަނޑު ހަތަރު މަހާރަތެއް ވެއެވެ. އެއީ، އަޑުއެހުމާއި، ވާހަކަދެއްކުމުގެ މަހާރަތާއި، ކިޔުމާއި ލިޔުމުގެ މަހާރަތެވެ. މި ދިރާސީ މަޒުމޫނުގައި
އަލިއަޅުވައިލާފައިވާނީ، ފުރަތަމަ މަހާރަތުގެ މައްޗަށެވެ. އެއީ އަޑުއެހުމެވެ.
ކީރިތި ޤުރުއާނުގައި އިންސާނާ ޚަލްޤުކުރެއްވުމާބެހޭ
ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި، (البصر) ފެނުމުގެ ކުރިއަށް ތަކުރާރުކޮށް އިސްކުރައްވާފައިވަނީ (السمع) އަޑުއިވުމެވެ. އަދި (الهداية) ހިދާޔަތުގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި (العقل) ބުއްދީގެ މައްޗަށް އިސްކުރައްވާފައިވަނީ ވެސް (السمع) އަޑުއިވުމެވެ.
ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތް ﷲ ގެ
ރަޙުމަތް ޙާޞިލުވާނީ، ހަނުހުރެ (ރަނގަޅަށް) ކަނުލައި އަޑުއެހުމުންނެވެ. (ހަނުހުރުން + ކަނުލުން +
އަޑުއެހުން = ﷲ ގެ ރަޙުމަތް ޙާޞިލުވުން)
ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
ޠާހިރު ސުންނަތުގައި ބަޔާންކުރައްވާފައިވަނީ، "އަޑު ނީވޭ ޙާލު
ހަނުހުރެ ކަނުލާމީހާގެ ދަރުމަ، ހަނުހުރެ ކަނުލައި އަޑުއަހާ މީހާގެ ދަރުމައާ
އެއްވަރު" ކަމަށެވެ.
މިޒަމާނުގެ ސައިންޓިފިކް ޢިލްމީ ޙަޤީޤަތްތަކުން
އެނގޭ ގޮތުގައި، ކުޑަކުއްޖާ އުފަންވުމާއެކު، އޭނާގެ ހަށިގަނޑުން ފުރަތަމަ މަސައްކަތްކުރަންފަށާ ޢަމަލީ
ވަސީލަތަކީ އަޑުއިވުމުގެ ގުނަވަން ކަމުގައިވާ ކަންފަތެވެ. ފެނުމުގެ ޙިއްސު
މަސައްކަތްކުރަން ފަށަނީ އޭގެ ފަހުންނެވެ. އަދި ހޭލާ ހުންނައިރުގައްޔާއި، ނިދާފައި އޮންނައިރުގައި ވެސް ދާއިމީ ގޮތެއްގައި އަޑުއިވުމުގެ ޙިއްސު
މަސައްކަތްކުރެއެވެ. ކީރިތި ޤުރުއާނުގެ އަލްކަހުފު ސޫރަތުގެ 11 ވަނަ އާޔަތުން
މިކަން ކަށަވަރުވެއެވެ.
ހަނުހުރުމާއި ކަނުލުން އިތުރަށް ދިރާސާކުރުމަކީ
ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
މި ހިސާބަށް މި މަޒުމޫނު ނިމުނީއެވެ.
*** *** ***
ހަވާސާ:
މަހާރަތަކީ، ތޫނުފިލިކަމާއި
ހުށިޔާރުކަމާއެކު ކަމެއް ކުރުމުގެ ކުޅަދާނަކަމެވެ.
އައްނަޙުލު: 78
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ)
އަލްފުރުޤާން: 44
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ)
ބީރަކީ، އިވުން ކޮށި މީހާއެވެ. ނުވަތަ ކަންފަތަށް އަޑުނީވޭ
މީހާއެވެ.
މަންމަނަކީ، އަޑުނީވޭ، ވާހަކަނުދެއްކޭ މީހާއެވެ.
މަލަކަތަކީ، ތޫނުފިލިކަމާއި
ކުޅަދާނަކަމާއެކު، ވަކި ބާވަތެއްގެ ކަމެއް ކުރުމަށްޓަކައި، ނަފުސުގެ ފުނަށް މޫލާފައިވާ ސިފައެކެވެ. ނުވަތަ ބުއްދިއަށް ޚާއްޞަ
ޤާބިލުކަމެކެވެ.
އަލްއަޢުރާފު: 204
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ)
ހަނުހުރުމަކީ، ހިމޭންވެހުރުމާއި، އަނގަ މަޑުކޮށްގެން (ބަސް ނުބުނެ ވާހަކަނުދައްކައި) ހުރުމެވެ.
ކަނުލުމަކީ، ކިޔާ އެއްޗަކަށް ނުވަތަ
އިވޭ އަޑަކަށް ފަރުވާ ބެހެއްޓުމެވެ.
މާދަލާގެ މާނައިގެ ތެރޭގައި (Equation) އާއި (Formula) ހިމެނެއެވެ.
ރިވާކުރެއްވީ: އިބްނު މާޖާ
މަޞްދަރު: مصنف عبد الرزاق (عبد الرزاق الصنعاني)
ދިވެހި ބަސްފޮތުގައި ހަނުހުރުމާއި، ކަނުލުން މާނަކޮށްފައިވަނީ މިފަދައިންނެވެ.
އަލްކަހުފު: 11
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ)
ޙަވާލާ ލިސްޓު
الطبري. (20 أبريل, 2018). تفسير الطبري. تم الاسترداد من جامعة الملك سعود، المصحف الإلكتروني: http://quran.ksu.edu.sa/tafseer/tabary/sura7-aya204.html
القرطبي. (20 أبريل, 2018). تفسير القرطبي. تم الاسترداد من جامعة الملك سعود، المحف الإلكتروني: http://quran.ksu.edu.sa/tafseer/qortobi/sura18-aya11.html#qortobi
حسان سيد يوسف. (20 أبريل, 2018). أهمية مهارة الاستماع وإجراءاتها التطبيقية. تم الاسترداد من تعليم جديد: https://www.new-educ.com/أهمية-مهارة-الاستماع
فهد ين ناصر بن إبراهيم السليمان. (1999). مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (المجلد 13). الرياض: دار الثريا للنشر.
مسكجوب حميدات. (20 أبريل, 2018). أهمية مهارة الاستماع، ودورها في تنمية مهارة القراءة عند المتعلّم. مجلة آفاق العلوم، الصفحات 130-138.
---------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން