ހަވަރުތިނަދޫ އިބްރާހީމް ޝިހާބުގެ
ބައްޕާފުޅަކީ، ހަވަރުތިނަދޫ ބޮޑުކައްތިކަލެހާނު (ބޮޑުކަތީބުކަލޭގެފާނު)ގެ މުޙައްމަދު
ކަތީބުކަލޭގެފާނުގެ، އަޙްމަދު ކަލޭގެފާނު (ހަވަރުތިނަދޫ މާމުދިމް)ގެ، އައްޝައިޚް މުދިމް
ހުސައިން ތަކުރުފާނުއެވެ. މައްމާފުޅަކީ ކަތީބު މޫސާފުޅުގެ ކަތީބު މުޙައްމަދުފުޅުގެ ޒުލޭޚާ (ދޮންމަނިކެ)އެވެ. ކައިވެނިފުޅު
ބައްލަވައިގަތީ ކަތީބު މޫސާފުޅުގެ ކަތީބު
މުޙައްމަދުފުޅުގެ ކަތީބު
ދޮންޢަލިތަކުރުފާނުއާއި ތިނަދޫ ބޮޑުކައްތިކަލެހާނު
(ބޮޑުކަތީބުކަލޭގެފާނު)ގެ މުޙައްމަދު ކަތީބު
ކަލޭގެފާނުގެ މަރިޔަމްފާނުގެ މުޙައްމަދު ތަކުރުފާނުގެ ޙުސައިން ތަކުރުފާނު (ޙުސައިންފުތުބޭ)ގެ
މަރިޔަމް ޙުސައިން (މަރިޔަމްދިޔެ) އާއި މިދެބޭފުޅުން ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވިދަރިކަނބަލެއްކަމުގައިވާ،
ޢާއިޝަތު ޙަބީބާ (އައިސާމަނިކެ) އާއިއެވެ. މިއީ ދެބެއިންގެދެދަރި ދެބޭފުޅުންނެވެ. މިކައިވެންޏަށް
ބޭފުޅަކުލިބިވަޑައިގެންފައިނުވެއެވެ.
ޝިހާބުވަނީ އޭނާގެ ބައްޕާފުޅު
އައްޝައިޚް މުދިމް ހުސައިން ތަކުރުފާނު
އަރިހުންނާއި ދެކުނުގޭ ދޮންމަނިކުގެ އަރިހުން މަތީފެންވަރަކަށް ޢަރަބި ބަހާއި ދީނީތަޢްލީމު
އުނގެނި އަދި އެދުވަސްވަރު ހަވަރުތިނަދޫގައިހުރި މަދަރުސާ (މަދުރަސަތުއް
ސުބުލުއްސަލާމް)އިން އެކަށީގެންވާ ފެންވަރަކަށް ތަޢުލީމް ހާސިލްކުރައްވާފައެވެ. އޭގެފަހުން
ޝިހާބު ވަނީ ސްރީލަންކާގެ ކޮޅުބުން އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަން
އެނގިވަޑައިގަންނަވާ ފެންވަރަށް އިނގިރޭސި ބަސް އުނގެނި ވަޑައިގެންފައެވެ. މީގެއިތުރުން
މަތީފެންވަރަކަށް ދީނީތަޢުލީމު ޙާޞިލު ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވިއެވެ.
ދިގު މުއްދަތެއްގައި މިޞުރުގައި ހުންނަވައި އަލްއަޒުހަރު ޔުނިވަރސިޓީއިން
އިސްލާމްދީނުގެ ޢިލްމު އުގެނުމަކީ ޝިހާބު ވަރަށްބޮޑަށް ޚިޔާލު ކުރައްވާފައިވާ ކަމެކެވެ.
އަނބިކަބަލުން އައިސާމަނިކެގެ ބަލިޙާލު ހުރިގޮތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް
ލިބުމުން މިޞުރަށް ވަޑައިގަތުމަށް ޝިހާބު ނިންމަވާފައިވެއެވެ.
ޝިހާބާއި އައިސާމަނިކެގެ ކައިވެނި
ވެވުނުތާ މާކަގިނަދުވަހެއް ނުވަނީސް އައިސާމަނިކެ ވަރަށްބޮޑަށް އާލާސްކަންފުޅާ
އުޅުއްވަން ފެއްޓެވުމުގެ ސަބަބުން އެދުވަސްވަރު ރަށުން ދެވެންހުރި ފަރުވާއެއް ދެއްވައިގެންވެސް
އައިސާމަނިކެއަށް އެއްވެސްވަރެއްގެ ލުޔެއް ލިބިވަޑައިނުގަތުމާއެކު
އައްޑުއަތޮޅުގައި ތިބި އިނގިރޭސިންނާ ހަމަޔަށް އައިސާމަނިކެ ގޮވައިގެން ގަމަށް ވަޑައިގަތެވެ.
އެދުވަސްވަރަކީ ގަމުގައިތިބި ދިވެހިން (ގަމުގެރަށްވެހިން) އޭރު ގަމުން
ނުފައިބާތިބި ދުވަސްވަރެވެ. ގަމުގެހޮސްޕިޓަލުން އައިސާމަނިކެ ބައްލަވައި
ފަރުވާދެއްވަން ފެއްޓެވިއެވެ. ނަމަވެސް ދުވަސްކޮޅަކު ފަރުވާކުރުމަށްފަހު
އައިސާމަނިކެގެ ބައްޔަކީ ޓީބީ ކަމާއި އެދުވަސްވަރު ގަމުގެ ހޮސްޕިޓަލް އެވަރުގެ
ބައްޔަކަށް ބޭސްކުރެވޭވަރަށް ތައްޔާރު ވެވިފައިނެތް ކަމަށް ބުނުމުން ގަމުގައި
ދުވަސްކޮޅަކު ތިބުމަށްފަހު ޝިހާބު ވަނީ އައިސާމަނިކެ ގޮވައިގެން ސްރީލަންކާއަށް
ވަޑައިގަތުމުގެ ބޭނުންފުޅުގައި މާލެވަޑައިގެންފައެވެ.
އޭގެފަހުން ސްރީލަންކާއަށް
ވަޑައިގެން ލަންކާގެ ޓީބީގެ ޚާއްޞަ ހޮސްޕިޓަލެއްގައި އައިސާމަނިކެއަށް
ފަރުވާދެއްވުން ކުރިޔަށް ގެންދުވުނެވެ. މިބައްޔަށް މިހާރު ދުނިޔޭގައި ދެވެންހުރިފަދަ
ބޭސްފަރުވާއެއް އެދުވަސްވަރު ލިބެންނެތުމުގެ ސަބަބުން ދިގުމުއްދަތެއްގައި (ގާތްގަނޑަކަށް ވިހިވަރަކަށް މަސްދުވަހު)
ފަރުވާކުރުމުގައި ލަންކާގެ އެހޮސްޕިޓަލުގައި އައިސާމަނިކެ އެޑްމިޓް
ކުރެވިފައިވުމުގެ ސަބަބުން ޝިހާބު ލަންކާގައި ހުންނެވިއެވެ. އެއަށްފަހު
އައިސާމަނިކެ އަށް ރަނގަޅުވާން އަންނަނީ ވަރަށްބޮޑު އޮޕަރޭޝަނެއް ކޮށްގެން
ކަމުގައި ޑޮކްޓަރ އެންގުމާ ގުޅިގެން ރަށުގައިތިބި ދެފަރާތުގެ ތިމާގެ މީހުންނާ
މަޝްވަރާ ކުރެއްވެވުމަށްފަހު އެ އޮޕަރޭޝަން ކުރުމުގެ ކަންތައް ކުރިޔަށްގެދެވުމަށް
ނިންމަވައި އެނބުރި ހަވަރުތިނަދޫއަށް ވަޑައިގެންނެވިތާ ގިނަދުވަސްތަކެއްނުވެ ހަވަރުތިނަދޫގައި
ބަޣާވާތުގެ ކަންތައް ފެށި ހުރިހާކަމެއްހުއްޓި ކުރިޔަށްދެވޭގޮތްނުވިއެވެ. ފަހުން
އައިސާމަނިކެގެ މިބައްޔަށް ބޭސްކުރެވި އޮޕަރޭޝަން ކުރެވޭވަރުވީ ޝިހާބު މިދުނިޔެ
ދޫކުރެއްވި ފަހުންނެވެ.
ހަވަރުތިނަދޫން މީހުންބާލުއްވައި
މަޑަވެލީގައި ތިއްބެވިއިރު އައްޑުއަތޮޅު ގަމަށްވަޑައިގެން އިނގިރޭސިންގެ
ބެއްލެވުމުގެދަށުން ވަރަށް ދިގުމުއްދަކަށް ގަމުގައިހުރި ހޮސްޕިޓލުން
ބޭސްފަރުވާކުރެވި ފުރަތަމަފަހަރަށް އޮޕަރޭޝަންކުރެވުނީ 1965 ވަނައަހަރުގެ ތެރޭގައެވެ. ނަމަވެސް މިއޮޕަރޭޝަން ނުވަތަ
ސާރޖަރީއާމެދު ޑޮކްޓަރުން އެހާހިތްހަމަޖެހޭގޮތް ނުވުމާއި އެކަން ކާމިޔާބު ވުމުގައި
އޮތް ޔަގީންކަން ކުޑަވުމުން މިސާރޖަރީއާ އަދި ބަލިމީހާއާއި ބެހޭ މަޢުލޫމާތުތައް
މިޑޮކްޓަރުން އިނގިރޭސިވިލާތުގެ ލަންޑަނުގެ ނޫހެއްގައި ޝާއިއުކޮށް މިކަމަށް އެހީތެރިކަމެއް
ބޭނުންވާކަމަށް ލިޔެހެދުމުން ލަންޑަނުގެ ޢުމުރުން ދުވަސްވީ އަމިއްލަ ހޮސްޕިޓަލެއް
ހިންގަވާ ވަރަށް ތަޖުރިބާކާރު ޑޮކްޓަރެއް އޭނާގެ އަމިއްލަ ސާމާނާއެކު ގަމަށް
ވަޑައިގެން 1974 ވަނައަހަރުގެތެރޭ ދެވަނަފަހަރަށް އައިސާމަނިކެ އޮޕަރޭޝަން ކުރައްވައިﷲގެ
ތަނަވަސް ރަޙުމަތާއެކު އެބަލިން މުޅިން ފަސޭހަ ކޮށްދެއްވިއެވެ. އޭގެފަހުން އިތުރު
އެއްވެސް ބޮޑުބައްޔެއް ކުރިމަތިނުވެ މިދުނިޔެ
ދޫކުރެއްވުމާހަމަޔަށް އައިސާމަނިކެ ހެޔޮހާލުކޮޅުގައި
އިންނެވިއެވެ. އައިސާމަނިކެ ދުނިޔެ ދޫކުރެއްވީ 19 ޖުލައި 1998ގައެވެ. ފަހުން އައިސާމަނިކެގެ ސާރޖަރީ
ހެއްދެވި ޑޮކްޓަރަކީ އިނގިރޭސިވިލާތުގެ ކިންގް ޖޯޖްއަށް މިބަލިޖެހިވަޑައިގެން
އެމަނިކުފާނަށް ފަރުވާކުރަށްވައި އޮޕަރޭޝަން
ކުރެއްވި ޓީމުގައި ހިމެނިވަޑައިގެންނެވި ހަޑޮކްޓަރުންގެ
ތެރެއިން އެއްބޭފުޅެކެވެ. ޝިހާބަކީ އޭނާގެ އެއްބަނޑުތިމާގެ މީހުންނަށާއި
އަނބިކަނބަލުންނަށްވެސް ވަރަށް އޯގާތެރި ވަރަށް ހެޔޮލަފާ ޢާއިލީގުޅުމުގެ
ވަރަށްފުރިހަމަ ނަމޫނާބޭފުޅެއްކަމުގައި ދަންނަވަމެވެ.
ޝިހާބަކީ ރަށުގެ ކުދިބޮޑު އެންމެން
ނުހަނު ލޯބިވާ ހަވަރުތިނަދޫގެ ވަރަށް މުއްސަނދި ގަދަރުވެރި ހިތްތިރި އެންމެންނާވެސް
ނުހަނު ގުޅުންބޮޑު ދީލަތިބޭފުޅެކެވެ. ޢާއްމުކޮށް ހުވަދުއަތޮޅާއި ދެކުނުގެ
އަތޮޅުތަކުގައިވެސް ޝިހާބުގެ ޚުލްޤު ރަނގަޅުކަމާއި، އަބުރުވެރިކަމުގެ ވާހަކައަކީ
އެންމެންވެސް އިއްތިފާގުވާ ވަރަށް މަޝްހޫރު ވާހަކައެކެވެ. ވަރަށް ތަހްޒީބު
ދިރިއުޅުއްވުމެއް އުޅުއްވި ސާފުތާހިރު އަދި ހަމަޖެހޭ އުޞޫލުތަކެއް ހިފެހެއްޓެވި ބޭފުޅެކެވެ.
ފަރިއްކުޅުއްވައި އުޅުއްވުމުގައިވެސް މިޒަމާނުގެ ހޮޓެލް އިންޑަސްޓްރީން
މިފެންނަފަދަ ރީތި ގޮތްތަކެއް ގެންގުޅުއްވުމާއި އަދި ކުރައްވާ ކޮންމެކަމެއްމެ ވަގުތަށް
ސަމާލުކަން ދެއްވައިގެން ކުރެއްވުމީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގެން
އެކަމެއް ކުރައްވައެވެ. ފަރިއްކުޅުއްވާ ވަގުތުތަކުގައިވެސް ތިމާގެ ނުވަތަ ރަށްޓެހި
ކޮންމެވެސް ބަޔަކާއެކު ފަރީއްކުޅުއްވުން އާދައަކަށް ހައްދަވައި އަދި އެގޮތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެވަގުތަކާއިގުޅޭ
އެންމެއެކަށޭނަ ގޮތަކަށް ބައްލަވައިގެން ރީތިކޮށް ހެދުންއެޅުއްވުމާއެކު އަދި ސަވާރީގެ ގޮތުގައި ބައިސިކަލާއި
މޮޓޯސައިކަލް ފަދަތަކެތި އެޒަމާނުގައި ގެންގުޅުއްވި ބޭފުޅެކެވެ. އިބްރާހީމް
ޝިހާބަކީ ހަވަރުތިނަދޫ އަށް އެންމެ ފުރަތަމަ ސައިކަލެއް ގެންނެވި ޒުވާނާއެވެ.
ސިލޯނުންގަނެގެން ޝިހާބު ގެންނެވީ އެދުވަސްވަރުގެ މަޝްހޫރު ބްރޭންޑެއް
ކަމުގައިވާ BSA މަރުކާގެގެ
ސައިކަލެކެވެ. އިބްރާހީމް ޝިހާބުގެ ސައިކަލުގެ ނަމްބަރަކީ 69 އެވެ. އެހެންކަމުން
އެއިން އެގެނީ އެދުވަސްވަރު މާލޭގައި ހުރި ދައުލަތުގެ އަދި އަމިއްލަ މީސްމީހުންގެ
އިންޖީނުލީ ތަކެތީގެ އަދަދުގެ މަދުކަމެވެ.
ރާއްޖޭގައި ފަޓުލޫނުލުން
ޢާއްމުވެފައިނެތް ޒަމާނެއްގައި ހަވީރީ ހެދުމެއްގެ ގޮތުގައި ފަޓުލޫނާއި އަތްދިގުގަމީސް
ތުރުކުރައްވައި ބޫޓަށްއަރާވަޑައިގެން އުޅުއްވައެވެ. ހަވަރުތިނަދޫގައި ފަޓުލޫނު
ޢާއްމުކުރެއްވުމުގެ ވިސްނުމުގައި ޝިހާބުގެ ބައެއް ތިމާގެ މީހުންނަށާއި ބައެއް ރައްޓެހި
ރަޙުމަތްތެރިންނަށްވެސް އޭނާގެ އަމިއްލަ ޚަރަދުގައި ލަންކާއިން ފަޓުލޫނު
ފައްސަވައިދެއްވައި އޭގެބޭނުން ކުރެއްވުމަށް ފަށްޓުވާފައިވެއެވެ. ހަމައެހެންމެ
ޝިހާބުގެ އަނބިކަބަލުން އައިސާމަނިކެއަށްވެސް ޕާކިސްތާނުގެ އަންހެނުން ލައިއުޅޭ
ކަހަލަ ހަރުވާޅާއި ޙިޖާބު އެކުލެވޭގޮތަށް އަތްދިގުކޮށް ހުންނަ ގަޔަށްދޫހެދުން
ރާއްޖެއިން ބޭރުން ގެންނަވައި އެހެދުން ބޭނުންކުރައްވަން ފަށްޓުވާފައިވެއެވެ. އަދި
ހަމައެއާއެކު ޒަމާނުއްސުރެ ހަވަރުތިނަދޫގައި ބޯކޮށައިއުޅުނު ގޮތްތަކަށް
ބަދަލުގެންނެވުމުގެ ބޭނުންފުޅުގައި ތިނަދޫ ލޯންޑްރީ މަރުޙޫމް މުޙައްމަދުކަލޯ ޝިހާބާއެކު
ސްރީލަންކާއަށް ގެންދަވައި އޭނާއެކަމަށް ތަމްރީނުކުރައްވައި ޒަމާނީ ވަސީލަތްތައް
ހޯއްދަވައި ދެއްވުމާއެކު ބޯކޮށުމުގެ ވައްޓަފާޅި ބަދަލުކޮށްލެއްވިއެވެ.
ބެލެވޭ ގޮތުގައި މިހާރު މިޒަމާނުގައި
އިމާރާތް ކުރެވެމުންމިދާ ބެޑްރޫމް، ސިޓިންގރޫމް، ކިޗަން، އަދި ޑައިނިންގ ރޫމް ހިމެނޭ ގޮތަށް ބޮޑެތި ކުޑަދޮރުތައްލެވި،
ފަރުމާކުރެވިގެން ހެދެމުންދާގެތަކާ އެއްފަދަގެއެއް އެއްމެފުރަތަމަ ރާއްޖޭގައި
ހެއްދެވީވެސް ހަވަރުތިނަދޫގައި ޝިހާބު ހެއްދެވި އޭނާގެ އަމިއްލަފުޅު ގެކަމުގައި
ގިނަބަޔަކުދެކެއެވެ. އަދި މިއީ ކުރީ ޒަމާނުގައި އެތެރެގެއާއި ބޭރުގެ އަދި
ދެފަރާތުގެ ފެންޑާ ހުޅުވާލެވިފައި ހުންނަހެން އަދި މަތީ ދެފުރާޅަށްވުރެ ދެފަރާތު
ފެންޑާގެފުރާޅު ތިރިކޮށްހަދާފައި ހުންނަ ހަތަރުފުރާޅުގެ ބަދަލުގައި ދެފުރާޅަށް "ފުރާޅުމަޑިކޮށް"
ހިޔާކޮށްގެން ތިނަދޫގައި ބިނާކުރި ފުރަތަމަގެވެސް މެއެވެ. އަދި މިގޭގެ
ފައިދޮށްތައް އަޅާފައިވަނީ ދެފަރާތުގެ ފައިދޮށް ކުކުޅުވަހިން ގުޅުވުމުގެ
ބަދަލުގައި ޓުރަހެއްހެން ދެފަރާތުގެ ދެފައިދޮށް
އެކުގައި ލިބޭގޮތަށް ހެދިފައިހުރި ރުއް އަތޮޅުގެ އެކި ރަށްރަށަށް ދަތުރު
ކުރައްވައި ހޯއްދަވައިގެންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ރާއްޖެއިންބޭރަށް ދަތުރު ކުރަން ގެންގުޅޭ
ރިޔާނެގި، އޭނާގެ އަމިއްލަ އޮޑީގައި، އިންޖީނު ބެހެއްޓުމާއި އޮޑީގެކެބިން މިހާރު ފެންނަ
ބޯޓުފަހަރުގެ ކެބިންއާ އެއްކަހަލަ ގޮތަކަށް ހެއްދެވުމަށް ޕްލޭން ކުރައްވައި އެކަމަށް
ވަރަށްބޮޑަށް ޚިޔާލު ގެންގުޅުއްވާފައި ވެއެވެ. ހަވަރުތިނަދޫގައިހުރި އެފަދަ އެހެން
އޮޑިފަހަރު ގައިވެސް އިންޖީނު އެޅުވުމަށް އެފަރާތްތަކަށް ޚިޔާލު ދެއްވައި މަޝްވަރާ
ކުރައްވަމުން ގޮސްފައިވެއެވެ. ޝިހާބު މިކަމާ މަޝްވަރާ ކުރެއްވެވި ބޭފުޅުންގެ ތެރެއިން
އޭރު އެކަމަށް އެއްބަސްވެ ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ އިސްމާޢީލް ޙާޖީގެ
ޙަސަން ޙަބީބެވެ.
ޙަސަން ޙަބީބަކީވެސް ވަރަށް ޚިޔާލު
ތަނަވަސް ބޭފުޅެކެވެ. ޝިހާބުއަކީ ތަރައްގީގެ ތަނަވަސް ޚިޔާލު ގެންގުޅުއްވި، ރަށުގެ
ތަރައްގީއަށް ރައްޔިތުންގެ ބައިވެރިވުމާއެކު ކުރެވުނުކޮންމެ މަސައްކަތެއްގައި ޢަމަލީ
ގޮތުންބައިވެރިވެ އޭނާގެ އަމިއްލަ މުދަލުން އެކަންކަމަށް ހޭދަކުރެއްވި އަދި
އެދުވަސްވަރު ކޮށްއުޅުނު ގިނަމަސައްކަތްތައް އަމިއްލަ އަތްޕުޅުން ކުރައްވަން
ދެނެވަޑައިގަންނަވާ ހުނަރުވެރިބޭފުޅެކެވެ. ބަރާބަރަށް ފަރުޟު ފަސްނަމާދު
އަދާކުރެއްވުމާއެކު ދީނީކަންތައްތަކަށް ވަރަށް ސަމާލުކަން ދެއްވި ބޭފުޅެކެވެ.
ޝިހާބުގެ ބައްޕާފުޅު އައްޝައިޚް މުދިމް
ހުސައިން ތަކުރުފާނުގެ ފަރާތްޕުޅުން ހަވަރުތިނަދޫ ހުކުރުމިސްކިތް ބެލެހެއްޓުމާއި
މިސްކިތް މަރާމާތުކުރުންފަދަ ކަންތައްކުރެއްވުމާއި ބައެއްފަހަރަށް އިމާމުވެ
އެމިސްކިތުގައި ނަމާދު ކޮށްދެއްވުންފަދަ ކަންތައްތައްވެސް ޝިހާބު ކުރައްވާފައި ވެއެވެ. ހަވަރުތިނަދޫގައި
ހިންގަމުންދިޔަ މަދަރުސާއެއް ކަމުގައިވާ (މަދަރުސަތުލް ސުބުލުއްސަލާމް)ގެ މުދައްރިސެއްގެ ގޮތުން ހިލޭސާބަހަށް
އެމަދަރުސާއަށް ގިނަޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ޝިހާބުއަކީ ހަވަރުތިނަދޫގެ
ކުޅިވަރު ތަރައްގީ ކުރެއްވުމަށްވެސް ނުހަނު ސަމާލުކަން ދެއްވައި އަމިއްލަފުޅަށް
ޚަރަދުކުރައްވައި ވަރަށްބޮޑު ޝައުގުވެރިކަމާއެކު
އެކަމުގައި އުޅުއްވި ވަރަށްމުރާލި ބޭފުޅެކެވެ. ޚާއްސަގޮތެއްގައި ހަވަރުތިނަދޫގެ ފުޓުބޯޅަދަނޑު
ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ޚަރަދުގައި ލަކުޑި ހޯއްދަވައި ގޯލްޕޯސްޓް
ހައްދަވައި، ލަކުޑިބެރިން ހުރަސްއަޅުއްވައި ދަވާދުލައްވައި ގޯލްގައި ދާޖައްސަވައި
ސިލޯނުން ކުޅިވަރުސާމާނު ގެންނަވައި ވަރަށްބޮޑަށް އެކަމުގައި ހަރަކާތްތެރިވި
ބޭފުޅެކެވެ. ހަމައެހެންމެ ހަވަރުތިނަދޫގައި ކުޅިވަރު ކުރިއަރުވައި އެކުވެރިކަންއާލާކޮށް
އިޖްތިމާޢީ ކަންކަން ކުރިއެރުވުމާއެކު ހަވަރުތިނަދޫގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި
ހަވަރުތިނަދޫގައި ކްލަބެއް އޮތުމަކީ މުހިއްމު
ކަމެއްކަމަށް ދެކެވަޑައިގެން އެދުވަސްވަރު ހަވަރުތިނަދޫގައިތިބި ޒުވާނުންގެ ގިނަބައެއްގެ
ޚިޔާލާއި، މަޝްވަރާއާއިއެކު، ޝިހާބާއި ޙަސަންޙަލީމް
މިދެބެފުޅުންގެ މަސްއޫލުވެރިކަމުގެ ދަށުން 1960 ވަނައަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކްލަބެއް ރަޖިސްޓްރީ ކުރެއްވުމަށް ސަރުކާރަށް
ހުށަހެޅުއްވިއެވެ. ޙަސަން ޙަލީމަކީ އޭނާގެ އެންމެބޮޑު އެކުވެރިޔާ އަދި އޭނާގެ
އެއްބަނޑު އެއްބަފާ ކޮއްކޮ ޚަދީޖާ ޙުސައިން (ކަތްދާމަނިކެ)ގެ ފިރިކަލުންވެސްމެއެވެ.
ޝިހާބަކީ ދިވެހި ދައުލަތަށާއި ދިވެހި
ސަރުކާރަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ހިޖުރައިން 8 ޝަޢްބާން 1378 އަދި މީލާދީން 16
ފެބްރުއަރީ 1959 ވަނަދުވަހުގެރޭ ހަވަރުތިނަދޫގައި ހުރި ވާރުގެ ތަޅާލައި، ހަވަރުތިނަދޫގައި
ބަޣާވާތްކޮށް އޭރު އެއަތޮޅުގައި ހުންނެވި އަތޮޅުވެރިޔާ ނ.ތ. ޙަސަންދީދީގެ
ގައިކޮޅަށް އަރައިގަނެ އަނިޔާދޭން އުޅުނުވަގުތުވެސް ޙަސަންދީދީ އަށް
ރައްކާތެރިކަމާއި، ޙިމާޔަތްދީ، އޭނާ ފޮރުވައިގެން އެރޭ ގެންގުޅުއްވީ، ޝިހާބު އެވެ.
އޭގެ ފަހުގައިވެސް ނ.ތ. ޙަސަންދީދީ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުމާއެކު،
އޭރުގެ ސަރުކާރާއި އެއްކޮޅަށް ޝިހާބު މަސައްކަތް ކުރައްވާފައިވުމުން، ބޮޑުވަޒީރު އިބްރާހީމް
ނާޞިރު ހަވަރުތިނަދޫއަށް ވަޑައިގެން، ބަޣާވާތްކުރި މީހުން ހައްޔަރު ކުރައްވައި، ހަވަރުތިނަދޫ
ސަރުކާރުގެ ބާރުގެދަށަށް ގެންނެވުމަށްފަހު، ހަވަރުތިނަދޫގެ ވެރިކަމުގެ ދާއިރާއިން
ޝިހާބު ބޭނުންފުޅުވާ ކޮންމެކަމެއް ޝިހާބަށް ދެއްވުމަށް ބޮޑުވަޒީރު އިބްރާހީމް ނާޞިރު
ނިންމެވިއެވެ.
ނަމަވެސް ޝިހާބަކީ، އެއްއިރެއްގައިވެސް ވެރިކަމެއް ނުވަތަ ސަރުކާރުގެ ވަޒީފާއެއް ބޭނުންފުޅުވެގެން އުޅުއްވި ބޭފުޅަކަށްނުވުމުން އެކަން ގަބޫލުފުޅު ނުކުރެއްވިއެވެ. އެހެންވެ، އަނެއްކާވެސް ޝިހާބު ބޭނުންފުޅު އެހެން ކަމެއް އޮތްތޯ ބޮޑުވަޒީރު ނާޞިރު ސުވާލު ކުރެއްވުމުން، ޝިހާބު ދެންނެވީ އެބޭފުޅުންގެ ޢާއިލީފަޅުރަށެއްގެ ގޮތުގައި ގެންގުޅުނުފަޅުރަށް "ކަނަންދޫ" ލިބުމަށް އެދޭ ކަމުގައި ދަންނަވާކަމަށެވެ. ވުމާއެކު ނާޞިރު ވަގުތުން މާލެއާއި ގުޅުއްވައި، ހަމައެދުވަހު އެކަން ހަމަޖައްސަވައި ދެއްވެވިއެވެ. އޭގެފަހުން، ޝިހާބު ނިޔާވުމާއި ހަމައަށްވެސް ކަނަންދޫ އޮތީ، ޝިހާބު އަށެވެ. ކަނަންދޫ އަކީ، ޝިހާބު ދުނިޔެއަށް އުފަންވުމުގެ ކުރިންވެސް ޝިހާބުގެ ބައްޕަ އައްޝައިޚް މުދިމް ޙުސައިން ތަކުރުފާނު ގެންގުޅުއްވާ ފަޅުރަށެކެވެ. އެޢާއިލާގެ މީހުން ނުހަނު ލޯބިވާ އަދި ދޭތެރެ ދޭތެރެއިން ޢާއިލާގެ މީހުން އެރަށަށް ގޮސް އެރަށުގައި ދިރި އުޅުއްވޭ ފަދަ ގޮތަކަށް، ގޭގެއާއި، ނަމާދުކުރާތަނާއި، ކައްކައި، ކައިބޮއި ހެދޭނެ ފަސޭހަ ގޮތްތައްވެސް ގާއިމް ކޮށްގެން ބަލަހައްޓަމުންދިޔަ އެޢާއިލާގެ ވަރަށްޚާއްޞަ ރަށެކެވެ. ހިރިހަމައިދިކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު، އެބޭފުޅުންގެ އާރާއި، ބާރު ގަދަކޮށް އަތޮޅުގެ ހުރިހާކަމަކަށް އެބޭފުޅުންގެ ނުފޫޒު ފޯރުއްވިއިރު، މި ފަޅުރަށްވެސް ޝިހާބުގެ ބައްޕަ އައްޝައިޚް މުދިމް ޙުސައިން ތަކުރުފާނު އަތްޕުޅުން ހިރިހަމައިދިކަލޭގެފާނު ނެންގެވީއެވެ.
1961 ވަނައަހަރުގެތެރޭ ހަވަރުތިނަދޫގައި، ދެވަނަފަހަރަށް ސަރުކާރާ
ދެކޮޅަށް ބަޣާވާތް ކުރުމާއެކު ޝިހާބާއި ޙަސަން ހަލީމަކީ ދިވެހިސަރުކަރަށް
ތާއީދުކުރާ ބައެއްކަން އެނގިގެން ބަޣާވާތުގެ ބައިވެރިން ނުކުމެ މިދެބޭފުޅުންގެ
ގައިކޮޅަށްއަރައިގަނެ އަނިޔާކޮށް ނެތިކޮށްލުމަށް މަސައްކަތް ކުރިއެވެ. އެގޮތުން
ޙަސަން ޙަލީމް އަތުލައިގަނެ ތަޅައި، ލޭއޮހުރުވާލައި
ވަރަށް އަނިޔާކޮށްފައިވާކަން ވަރަށް ހިތާމައާއެކު ފާހަގަކުރަމެވެ. ނަމަވެސް ޝިހާބަކީ
ހަވަރުތިނަދޫގެ މުއްސަނދި، ވަރަށް ނުފޫޒުގަދަ އަދި ގިނަބައެއްގެ ލޯބި ވަރަށްބޮޑަށް
ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވުމުން،
ޝިހާބަށް އަނިޔާކުރަން ކައިރިއަށް
އާދެވޭގޮތް ނުވިއެވެ.
އޭގެފަހުން ޝިހާބާއި ޙަސަން
ޙަލީމް އައްޑުއަތޮޅަށް އަރުވާލުމަށް ނިންމައި އެކަންތަންފީޒު ކުރުމުގެ
މަސައްކަތްފެށިއެވެ. ކިޔެވުމުގެ ނަމުގައި އައްޑުއަތޮޅަށް ފޮނުވާލަން ހަމަޖައްސައި
ޝިހާބަށް އެކަން އެންގުމުން ޝިހާބު އެދިވަޑައިގަތީ އެނާގެ އަމިއްލަ ދޯންޏެއްގައި
އެދަތުރު ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެދޭކަމަށެވެ. ޝިހާބުގެ އެހުށަހެޅުން
ސުވާދީބުގެ ވެރިންވެސް ގަބޫލުކޮށް ޝިހާބުގެ އަނބިކަނބަލުންނާއި ދެންވެސް
ބޭނުންފުޅުވާބަޔަކު ބައިވެރިކޮށްގެން އަމިއްލަ ދޯނީގައި އެދަތުރު ކުރުމުގެ
ހުއްދަދިނެވެ. ނަމަވެސް ހުރިހާކަމަކަށް ފާރަވެރިވެ ޝިހާބާއި ޙަސަން ޙަލީމު އައްޑުއަތޮޅަށް
ގެންދިއުމަށް ބަޣާވާތުގެ ވެރިންގެ ފަރާތުން ދޯންޏަށް 11 މީހުން ހަމަޖައްސައި ދަތުރުގެ
އެއްމެހައި ކަންތައް ބެލެހެއްޓުން އެމީހުންނާ ޙަވާލުކުރިއެވެ.
ދަތުރުގެ އެންމެއިސްވެރިންގެ
ގޮތުގައިހަމަޖެއްސީ ކަޓިޔޭއިބްރާހީމްބެއާއި،
ގޮހޮރެސުލައިމާންއެވެ. އަޅުގަނޑަކީވެސް މިދަތުރުގެ ބައިވެރިއެކެވެ. އޭރުއަޅުގަނޑަކީ
ކުޑަކުއްޖެކެވެ. ޝިހާބަކީ އަޅުގަނޑުގެ މަންމައާ
އެއްބަނޑު އެއްބަފާ ބޮޑުބޭބެއަށްވެފައި، ޝިހާބުގެ
ދަރިއަކުނެތުމާއި އަދި އަޅުގަނޑުގެވެސް
ބައްޕަ ނިޔާވެފައިވުމުން ޝިހާބުގެ ދަރިއެއްގެ ގޮތުން އޭނާއާއެކު އަޅުގަނޑު
ގެންދެވީއެވެ. އެންމެބޮޑު ބޭނުމަކީ ކުރިންވެސް ރޭވާފައިވާގޮތަށް މާލެވަޑައިގެން
ބަޣާވާތުގެ ކަންތައްނިމި ހަމަޔަކަށް އެޅުމުން
އަޅުގަނޑަށް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމެވެ.
މިދަތުރަކީ ވަރަށްތާރީޚީ
ދަތުރެކެވެ. މިދަތުރަށް ފެށުމުގެކުރިން ޝިހާބު އޭނާގެ އެއްބަނޑު އެންމެން
ރޭގަނޑެއްގައި އޭނާކައިރިއަށް ގެންނަވައި އެންމެނަށް ހިތްވަރު ދެއްވައި
ނަޞޭހަތްތެރިވެ އޭނާއާމެދު ކަންބޮޑުނުވުމަށް އެބޭފުޅުންނަށް ދަންނަވައި ވާހަކަފުޅު
ދެއްކެވިއެވެ. އަދި އަތްޕުޅުގައިހުރި ހުރިހާ ފޮޓޯތަކެއް ނަންގަވައި ތިމަންނާ
ނެތްދުވަހެއް ފެނިއްޖެނަމަ މިފޮޓޯތައް ބައްލަވާފައި ތިޔަބޭފުޅުން ހިތާމަ
ކުރައްވާނެއޭ ވިދާޅުވެ އެބޭފުޅުންގެ ކުރިފުޅުމަތީގައި ފޮޓޯތައް އަންދަވާލެއްވެވިއެވެ.
ހަވަރުތިނަދޫއިން ފުރައިގެން
ދަތުރުފަށައިގެންގޮސް ފުރަތަމަ ދިޔައީ ޝިހާބުގެ
ފަޅުރަށް އެއަތޮޅުގެ ކަނަންދޫއަށެވެ. އެރަށަށްފައިބައި، ކައްކައި، ކައިބޮއި
ހެދުމަށްފަހު ކުކުޅުކޮށިތަކެއް ތައްޔާރުކޮށް ގިނަޢަދަދަކަށް ކުކުޅުހިފައި
ކޮށިތަކުގައި ބަންދުކޮށް ދޯންޏަށް އެތަކެތި އަރުވައިގެން ދެންދިޔައީ އެއަތޮޅު ފިޔޯރީއަށެވެ.
ވައިރޯޅިވެސް މަޑުކަމާއެކު އެރޭ އެރަށުގައި ތިބެފައި އަނެއްދުވަހު
ދަތުރުކުރާގޮތަށް ވާހަކަދެކެވިގެން އެރަށުގައި މަޑުކުރީއެވެ. މިގޮތަށް މިކަން ހަމަޖެހުމުން ބަޣާވާތުގެ ބައިވެރިންގެ
ފަރާތުން ދޯންޏަށް އަރުވާފައި ތިބި 11 މީހުންގެ ތެރެއިން ގޮހޮރެ ސުލައިމާންއާއެކު
9 މީހުން އެމީހުންގެ އަމިއްލަ ބޭނުމެއްގައި ފިޔޯރީއާ
ވަރަށް ކައިރީގައި އޮންނަ ރަތަފަންދޫއަށް
ދާންނިންމައި، އަނެއް ދެމީހުންގެވެސް ރުހުމާއެކު އެ 9 މީހުން ރަތަފަންދޫއަށް ދިޔައެވެ.
އޭރު މެންދުރުފަހު ތިނެއް ޖެހުމާއި ކައިރިވަނީއެވެ.
ފުރުޞަތުގެ ބޭނުން ހިއްޕަވައި ބަޣާވާތުގެ
ބައިވެރިންގެ ގޮތުގައި ދެންތިބި ދެމީހުންނާއި
ޝިހާބު ވާހަކަ ދެއްކެވުމަށްފަހު ޖެހިގެންއޮތް މާތޮޑާއަށް ދާން
ކަމަށްބުނެ ދޯނި ނައްޓާލީއެވެ. އެރަށަށް ދިއުމުގެ
ބޭނުމެއްކަމަށް ޝިހާބު ވިދާޅުވީ މާތޮޑާ ވަޙީދުބޭގެ
(ގުލްފާމުގޭ އިބްރާހީމް ވަޙީދު) މައްމައަކީ ތިމާގެ ބޭފުޅަކަށް ވާތީވެ، ދުރުދަތުރަކަށް
ދާއިރު އޭނާއާއި (މަރިޔަމްފާންދައްތަ) ބައްދަލުކުރަން ކޮންމެހެން ބޭނުން ވާތީކަމަށެވެ.
ދަތުރުފަށައި ވަކިހިސާބަކަށް ދެވުނުތަނާ ކަޓިޔޭއިބްރާހީމްބެ އަތުން ދޯނީގެ ހުންގާނު
އަތުލުމަށްފަހު ޝިހާބު އެދެމީހުންނާއި މުޚާތަބުކޮށް ވިދާޅުވީ ބަޣާވާތަކީ ކާމިޔާބުވާނެ
ކަމެއް ނޫންކަމަށާއި އޭގެސަބަބުން ލިބޭނީ ގެއްލުން ކަމުގައެވެ. މިމޭރުމުން ވާހަކަ
ދައްކަވައި ދިވެހިސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި
ވަރަށްބޮޑަށް ނަޞޭޙަތްތެރިވެ ހެދުމަށްފަހު މިހިސާބުން މާލެއަށްދާން ދަތުރު ފަށަނީކަމަށް
ވިދާޅުވުމުން އެދެމީހުން (ކަޓިޔޭއިބްރާހީމްބެއާ
މުޙައްމަދުތަކުރުފާނު) ޝިހާބުގެ ވާހަކަތައް ޤަބޫލުނުކޮށް ވަގުތުން ކަނޑަށް
ފުންމާލައި ފަތާފައިދިޔައީއެވެ. އެހެންވެ އެދެމީހުންނަށް ފަރުމައްޗަށް އެރެންދެން
ދޯނި ނުދުއްވައި މަޑުކޮށްގެން ތިބުމަށްފަހު ދެމީހުން ފަރުމައްޗަށް އެރުމާއެކު ދޯނީގެ އިތުރު ރިޔާތައް ނަގައި،
ފަލިވެސް ޖަހާފައި އަވަހަށް ކަނޑު ނުކުމެވޭގޮތަށް މާވާރުލުއާ ދިމާލަށް ދޯނި ދުއްވަންފެށިއެވެ.
އަޅުގަނޑުމެންނަށް ވާރުލުކަނޑާ ހަމަޔަށް
ދެވުނުއިރު ވަނީ ގާތްގަނޑަކަށް އިރުއޮއްސި ހަގަޑިބައިވެފައެވެ. އެހާހިސާބުން
ދަތުރުގެ ބައިވެރިއެއް ކަމުގައިވާ ކާސިމްބެ (ރީފްސައިޑްރަޝީދުގެ ބައްޕަ)ގެ
އަންހެނުން ވިހަންކައިރިވެފައި އިނުމާއެކު ދަތުރުދާން އުޒުރުވެރިވުމުން އޭނާއަށް
ކާބޯތަކެތި ދީފައި މާވާރުލުއާ ކައިރިކޮށް އެރަށަށް އޭނާބޭލުމަށްފަހު ވާރުލުކަނޑުން ނުކުމެގެން ތ. އަތޮޅާއި ދިމާލަށް
މިސްރާބުޖަހައި ދުއްވަންފެށުނެވެ.
އަޅުގަނޑަށް ފަހުން ލަފާކުރެވުނު
ގޮތުގައި ފިޔޯރީ ކަނޑުން ނުނުކުމެ އަތޮޅުގެ އިރުމަތިން ވާރުލުކަނޑުން
ދޯނިނުކުމެފައިވަނީ ސުވާދީބުގެ ވެރިން އަތުނުޖެހި ވީހައިވެސް އަވަހަކަށް އަތޮޅު
ނުފެންނަ ހިސާބަށް ބޭރަށް ދިއުމުގެ
ވިސްނުމުގައެވެ. އިރުއެރުމުގެ ކުރިން އަތޮޅު ނުފެންނަ ހިސާބަށް
ބޭރުމުރުމަށް ބޭނުންވުމާއެކު، ހިތްވަރުލައި ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަން
ކާމިޔާބު ކުރެވުނެވެ. ޝިހާބަކީ ނިޔަމިކަން ދެނެވަޑައިގަންނަވާ ބޭފުޅަކަށްވުމުން
ދަތުރުކުރަންވީ މިސްރާބު ދައްކައި ހުރިހާކަމެއް ބެލެހެއްޓީ ޝިހާބެވެ. ވައިރޯޅި
މަޑުކަމާއިވެސްއެކު ދެރެއާއި އެއްދުވަހު ހުވަދޫކަނޑުގައި ދަތުރުކުރުމަށްފަހު،
އަނެއްދުވަހު ހެނދުނު ނުވައެއް ޖެހުމުގެ ކުރިން ތ. ވޭމަންޑޫ ކަނޑުން ވަދެގެން ވޭމަންޑޫއަށް
ދެވުނެވެ.
އިބްރާހީމް ޝިހާބު މާލެއަށް
ދަތުރު ކުރައްވައިފި ކަމުގެ ޚަބަރު ހަވަރުތިނަދޫއާ ހަމަޔަށް ދިއުމުން ވަރަށްގިނަ ދޯނިފަހަރުގައި
ނުކުމެ ޝިހާބު ދަތުރުކުރާ ދޯނި ފެނޭތޯ
ވަރަށްބޮޑަށް މަސައްކަތްކޮށް ދޯނި
ނުފެނުނީމާ އެނބުރި ހަވަރުތިނަދުއަށް އައިސް ހަވަރުތިނަދޫގައިހުރި ޝިހާބުގެ ގެއާއި ގޯތީގައިހުރި ހުރިހާ
ޢިމާރާތްތަކާއި އަދި ޝިހާބުގެ ބައްޕަގެގެވެސް ތަޅައި ބިމާހަމަކޮށް މުދާތައް
ލޫޓުވައި ހުރިހާ ތަކެއްޗެއް ހަލާކުކުރިއެވެ. ތ. ވޭމަންޑޫއަށް
ދޯނި ލެފުމުން އެންމެން ބާލައިގެން އަތޮޅުގެއަށް ގެންގޮސް އެތާނގައި ވަކިންހުރި
ގެއެއްގައި ބަންދު ކޮށްފައި ބޭތިއްބުމަށްފަހު އެދޯނި އެއްގަމަށް އެހެލީއެވެ.
ވޭމަންޑޫގައި ތިބިއިރު ކައިބޮއިހެދީވެސް އަމިއްލަ ކާބޯތަކެތީގައި އަމިއްލައަށް
ކައްކައިގެންނެވެ. ހަފްތާއެއްހާ ދުވަހު ބަންދުގައި އެތާގައި ބޭތިއްބުމައްފަހު އެއަތޮޅު
ހިރިލަންދޫ ނާލުބައްތެއްޔަކާއެކު ދެއުޅަދަށް މީހުންބަހާލައިގެން މާލެ
ގެންދެވުނެވެ.
އަޅުގަނޑުމެންނަށް މާލެ ދެވުނީ ވޭމަންޑޫއިން
ފުރިދުވަސްނޫން އަނެއްދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މާލެއާއި
ކައިރިކުރިއިރު ގިނަޢަދަދެއްގެ ބަޔަކު ތޮށިގަނޑު ކައިރިއަށް އެއްވެ ހަރުއަޑުން
އައްޑޫ ހުވަދޫ މީހުނަށް ހުތުރު އެއްޗެހި ގޮވަމުން ދިޔައެވެ. އެވަގުތު ސިފައިން
އައިސް ދެސަފަށް އެތުރިލައިގެންތިބެ
އަޅުގަނޑުމެން ބާލައިގެންގޮސް ވެއްދީ ބަނޑޭރިގެއަށެވެ. (މިހާރުގެ ސިފައިންގެ މައި
މަރުކަޒު) އެތަނަށް ވައްދައި އެއްފަރާތެއްގައިހުރި ކުޑަވަރެއްގެ ގެއެއްގެ
ފެންޑާމަތީގައި ކޮއްޅަށް ބޭތިއްބީއެވެ. އޭރު ގަޑިން ތިންގަޑި ބަޔާއި
ކައިރިވެދާނެއެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި
އެތާގައި ތިބޭތާ އެތަކެއް ގަޑިއިރުވީފަހުން (ގާތްގަނޑަކަށް އެރޭގެ ދިހައެއް
ޖެހިފަހުން) މަޙްކަމަތުލް އަމަންޢާއްމުގެ ނާއިބު
ޢަބުދުލް ޙައްނާނު ވަޑައިގެން ފަހަރަކު މީހަކު އޭނާގެ ކުރިފުޅުމައްޗަށް
ޙާޒިރުކޮށް ދަތުރާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ދަތުރުގެ ހުރިހާކަމެއް ހިނގައިދިޔަގޮތާއި،
ބަޣާވާތުގެ ބައިވެރިން ގެފަރާތުން ދޯންޏަށް އެރުވި 11 މީހުންގެ މަޢުލޫމާތާއި އެއެންމެންގެ
ފޮށިތަންމަތި ދޯނީގައި ހުރިކަމާއި މިހުރިހައި ކަމެއް ތަފްޞީލްކޮށް ދެންނެވުނެވެ.
އަޅުގަނޑާވެސް އެސުވާލުތައް ކުރެއްވިއެވެ. ވަރަށް ތަފްޞީލުކޮށް އަޅުގަނޑު އެވާހަކަ
ދެންނެވީމާ ޢަބުދުލް ޙައްނާނު އަޅުގަނޑާ ދިމާލަށް ވަރަށް ހަރުއަޑުންވިދާޅުވީ
"ކަލޭ ތިއޮއްކުޑަކުއްޖާ ހަދާދޮގު ނިކަން ދެކިބަލާށޭ" އެއައްފަހު، ޝިހާބު،
އަދި ޙަސަން ޙަލީމް އަތުގައި ބިޑިއަޅުވައި،
ހުރިހާ ފިރިހެނުންނާއެކު ހެންވޭރުކޮޅުގައި ހަދާފައިވާ ޖަލަކަށް ގެންދެވި އެޖަލުގައި
ބަންދު ކުރެއްވިއެވެ.
އަޅުގަނޑަކީ
ކުޑަކުއްޖަކަށްވާތީ އަޅުގަނޑު
ޖަލަށް ނުގެންގޮސް ޝިހާބުގެ އަނބިކަނބަލުން
އައިސާމަނިކެ ދައްތައާއި، ދޮންބީފާނު (ދައްތައަށް އެހީތެރިވުމަށް ގެންގުޅޭމީހެއް)
އަދި އައިސާމަނިކެދައްތަގެ ދަރިފުޅު ރުގައްޔާއާއި، އަޅުގަނޑުމެން އެއްމެން
ގެންދިޔައީ ވީރުޢަލިދީދީގެ ހުސައިންދީދީގެ މ. ނީލް ގެއަށެވެ. މިގޭގައި ހަފްތާއެއްހާ
ދުވަހު ބޭތިއްބުމަށްފަހު ވީރުޢަލިދީދީގެ ޙަސަންދީދީގެގެ ގ.
ރެޑިއަމްގެއަށް ބަދަލުކޮށް އެގޭގައި ދޮޅުމަހެއްހާ
ދުވަހު ބަންދުގައި ބޭތިއްބިއެވެ. އޭގެފަހުން
އުތުރުގެ ރަށަކަށް ނިސްބަތްވާ
ނާލުބައްތެއްޔެއްގައި، ހދ.އަތޮޅު ނައިވާދޫއަށް ފޮނުވާލެއްވިއެވެ.
އަޅުގަނޑުމެންނަށް އެރަށަށް ދެވުނީ
އެއްދުވަހެއްގެ އިރުއޮއްސުނު ފަހުންނެވެ. ވުމާއެކު އެރަށުގެކަތީބު (ޢަލިކަތީބު) ވަޑައިގެން
ތިބޭނެތަނެއް ހަމަޖެހެންދެނޭ ވިދާޅުވެ އަޅުގަނޑުމެން އެރޭ ބޭތިއްބީ
އަތިރިމަތީގައިހުރި އޮޑިހަރުގެއެއްގައެވެ. ނިދާލަން ބިންމަތީގައި އަޅާލާނެ
ރިޔަލެއް ދެއްވިއެވެ. އެރަށަށް އަޅުގަނޑުމެން
ދިޔައިރު އަޅުގަނޑުމެންގެ ދަތުރުގެ
ބައިވެރިންގެ ގޮތުގައިހިމެނޭ މީހުންގެ ތެރެއިން ޝިހާބާއި، ޙަސަން ޙަލީމާއި، އަޙްމަދު ޙަބީބު
ޕާމްޝޭޑް ފިޔަވައި ދެންތިބި މީހުން ވަނީ ސަރުކާރުން އެރަށަށް ފޮނުވާލައްވާފައެވެ.
އަޅުގަނޑުމެންގެ ޚަބަރު ލިބުމާއެކު
އެމީހުން ވަގުތުން އައިސް އެރޭ އެމީހުންވެސް ތިބީ އަޅުގަނޑުމެންނާއެކު
އެހަރުގޭގައެވެ. އެމީހުންނަކީ
ދިގުމޫސަބޭގެ ޢަލީ، ބޮޑެކަޅާބޭގެ
ޙަސަންފުތު،
ކުއްދައިތަގެ ބެއްޔަގެ ޙުސައިންތަކުރުފާނު، ރައްކަލިޔަގެ ދޮންކަމަނަގެ ޢަބުދުﷲ
ކަލޯ އަދި ޙުސައިންފުތުބޭގެ އައިސާދިޔަގެ
ޤާސިމް ޙަސަންއެވެ. މިއެންމެން އެއްތަން
ވުމުން ޖަލުގެޚަބަރު އޮޅުންފިލުވުމާއި ދަތުރާއި ބެހޭ ވާހަކަ ދެއްކުމަށް އެރޭ ތިބީ
ނުނިދާހޭލައެވެ. އެއާއެކު އެންމެން އެއްރަށެއްގައިއުޅެވޭތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
އޭގެ އަނެއްދުވަހު ހެނދުނު ރަށުއޮފީހަށް އަޅުގަނޑުމެން
ގެންދަވައި ޢަލިކަތީބު އޭނާގެ ކުޑަވަރެއްގެ މަސްބޯޓެއް ބަލަހައްޓާ އޭނާގެ ތިމާގެ
މީހަކާއި އަޅުގަނޑުމެން ޙަވާލުކޮށް އެމީހާގެ ގޭގައި ތިބެވޭނެގޮތް ހަމަޖައްސަވައި ދެއްވިއެވެ.
އަޅުގަނޑުމެންނާއި ޙަވާލުވި މީހަކީ ހދ. ނެއްލައިދޫ އަންހެނަކާއި އިދެގެން
އުޅޭމީހަކަށް ވުމުން ގިނަދުވަހު މިދެމަފިރިން އުޅެނީ ނެއްލައިދޫގައެވެ. މަދުފަހަރަކު
މެނުވީ އެދެމަފިރިން ނައިވާދޫއަށް އައިސް އެގޭގައި ނުއުޅެއެވެ. ވުމާއެކު އެގޭގައި
ދިރިއުޅެނީ އަޅުގަނޑުމެން އެކަންޏެވެ. ނައިވާދޫއަކީ މަސްވެރި ރަށަކަށްވެފައި މީހުންވެސް
ހެޔޮރަށަކަށްވުމާއި ޚާއްޞަކޮށް ކަތީބުގެ އޯގާތެރިކަމާ އަޅާލުން ވަރަށްބޮޑަށް ލިބުނުކަމުން
އަޅުގަނޑުމެން އެރަށުގައި އުޅުނީ ހަމަޖެހިގެންނެވެ.
ރަށުގެ ދޯނިފަހަރު މަހުންލަފައި ކޮންމެ
ދޯންޏަކުންވެސް އަޅުގަނޑުމެންނަށް މަސްދޭތީ ކެއުން ހަމަޖެއްސުމަށްފަހު އިތުރުވާމަސްކޮޅު ހިއްކައިގެން އެރަށުން މާލެދާ
ދޯނިން މާލެ ފޮނުވައިގެން ލިބޭލާރިން ބޭނުންވާ ބައެއްސާމާނު ގަނެވޭހާވެއެވެ.
ހަމައެއާއެކު މާލެއިން ވީރުޢަލިދީދީގެ ޙުސައިންދީދީގެ ޙަވާލުގައިހުރި ޝިހާބުގެ
ފައިސާއިން އޭނާ އަޅުގަނޑުމެންނަށް ފައިސާ ފޮނުވަމުންދާތީ އެފައިސާއިން އެރަށުގެމީހުންނެކޭ އެއްގޮތަށް ރަށުގެ
ކާޑުގެއިން ކާބޯތަކެތި ހެޔޮއަގުގައި
ގަންނަން ލިބުމާއި އެރަށުގެ މީހުންގެވެސް އެހީތެރިކަމާއެކު އިރާދަކުރެއްވީތީ
އެރަށުގައި ދިރިއުޅުމަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދިޔައެވެ. ހަމައެކަނި
ތަފާތަކީ ހަވަރުތިނަދޫގައި އުޅެވިފައިވާ މުއްސަނދި މާޙައުލާއި އެރަށުގައި
އުޅެންޖެހުނު މާޙައުލުގެ ތަފާތުބޮޑުކަމެވެ.
އެދުވަސްވަރު އެހިސާބުގެ ދިރިއުޅުމުގެ ފެންވަރާއި، ދިރިއުޅުމުގެ
ވައްޓަފާޅިއާއި، ކެއިންބުއިމުގެ އާދަތަކާއި، މިހެންހުރި މިކަހަލަ ކަންތައްތަކުގެ
ތަފާތު ބޮޑުކަމެވެ. އެނޫން މައްސަލައެއްނެތެވެ. އޭރު ނައިވާދޫއަކީ މަދިރީގެ
އުނދަގޫ ވަރަށް ބޮޑުރަށެކެވެ. ވުމާއެކު ރޭގަނޑު ނިދަނީ ގޭތެރެއަށް ހިކިބޮނބި
ގެނެސްގެން އަލިފާންރޯކޮށް ދުންއަރުވަމުންނެވެ. ނައިވާދޫގައި ހަތްމަސްދުވަހު ތިބެން ޖެހުނެވެ. އެއަށްފަހު އަޅުގަނޑުމެން
މާލެފޮނުވަން ސަރުކާރުން އެންގެވުމުން އެއަތޮޅުގެ އެދުވަސްވަރު އަތޮޅުއޮފީސް ހުންނަރަށަށް
"ނޮޅިވަރަންފަރަށް" ގެންގޮސް އެރަށުގައިވެސް ތިންހަފްތާއެއްހާދުވަހު ބޭތިއްބިއެވެ.
ނޮޅިވަރަންފަރަށްދިޔައިރު ހަވަރުތިނަދޫން ގެނެވިފައިތިބި ހަވަރުތިނަދޫ ހިރިހަމައިދި ޢާއިލާއިން އެގޭ
ނަފީސާއާއި، ރަޝީދާ އިބްރާހީމްއާ، އިސްމާޢީލް ޙާޖީގެ ޢާއިލާއިން ޙަބީބާ ޙަސަން
ޙަބީބްއާއި، އަނީސާމެންފަދަ ބޭބޭފުޅުން އެރަށުގައި، ތިއްބެވުމާއެކު، އެމީހުންނާއެކު އުޅެވުމުން ހަވަރުތިނަދޫގެ
ޚަބަރު އޮޅުންފިލިއެވެ. 4 ފެބުރުއަރީ 1962ގައި ހަވަރުތިނަދޫއިން މީހުންބާލައި ރަށް
ފަޅުކުރިކަން އެނގުނީވެސް އެހިސާބުންނެވެ. ނަމަވެސް ގާތްތިމާގެމީހުން ދިޔައީކޮންކޮން
ރަށްރަށަކަށްކަމެއް އެބޭފުޅުންނަކަށްވެސް އެނގިވަޑައިނުގަންނަވައެވެ. ވުމާއެކު
މޮޅިވެރިކަމާއި ހިތާމަ އިހުނަށްވުރެވެސް ބޮޑުވިއެވެ. އެއަށްފަހު އަޅުގަޑުމެން މާލެ ގެނެވި ތ. އަތޮޅުގެ އުޅަނދެއްގައި ތ. އަތޮޅުވިލުފުށްޓަށް
ފޮނުވާލެއްވިއެވެ.
ވިލުފުށްޓަށް ދިއުމުން އެގުނީ ވިލުފުށްޓަކީ
ބަންދުން ސަލާމަތްކުރުމުގެ ގޮތުން ހުވަދުއަތޮޅަށް ފޮނުވާލެވެންދެން، ތިބޭތަނެއްގެ
ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވާ ސްޓޭޝަންކަމެވެ. މަހަކަށްވުރެ ގިނަ ދުވަހު
އެރަށުގައި ތިބުމަށްފަހު ހަވަރުތިނަދޫ މުސްތަފާ މަންޞޫރުގެ އޮޑިން އަޅުގަނޑުމެންގެނެސް ހުވަދުއަތޮޅު
ވިލިގިއްޔަށް ބޭލިއެވެ. އޭރު ހުވަދުއަތޮޅު ދެބައިކޮށް ގއ އަދި ގދ ވަނީ އުފައްދަވާފައެވެ.
އަތޮޅުއޮފީހަށް އަޅުގަނޑުމެން ގެންދިއުމުން ގއ. އަތޮޅުވެރިޔާ
ވިލިގިލީ ތުއްތުކަތީބު ވިދާޅުވީ، މިހާރު ސަރުކާރުން އެންމެން މިނިވަންކުރައްވައިފި
ކަމަށާއި އެމީހަކު ދާންބޭނުން ތަނަކަށް ދިޔަޔަސް އެއްމެރަނގަޅު ކަމަށެވެ.
އޭރު އަޅުގަނޑުބަލައި ދޮންބައްޕަ
މޫސާ ފަތުޙީ ވަޑައިގެން ވިލިގިލީގައި އުޅުއްވުމާއެކު އަޅުގަނޑާއި
އައިސާމަނިކެދައްތައާ، ޙަބީބުއާ، ރުގައްޔާ ދިޔައީ ދޮންބައްޕައާއެކު ގދ. މަޑަވެއްޔަށެވެ. މިއީ
އަޅުގަނޑުގެ ޢުމުރުން ބާރަވަރަކަށް އަހަރުގެތެރޭ އަޅުގަނޑާއި ކުރިމަތިވި ދުވަހަކުވެސް
ހަނދާނުން ފޮހެވިގެންނުދާނެ، ހިތާމަވެރި، ވަރަށްހިތްދަތި، ޙާދިސާއެކެވެ. މިހިސާބަށް އައިއިރު
އަޅުގަނޑުމެންގެ މުޅިޢާއިލާ އެންމެބޮޑަށް ލޯބިވާ އަދި ޢާއިލާގެ ފަޚުރެއް ކަމުގައިވާ އަޅުގަނޑުވެސް
އެބޭފުޅަކު ދެކެ އެންމެ ލޯބިވާ ބޮޑުބޭބެ
އިބްރާހީމް ޝިހާބް އެއްވެސް ތަޙްޤީގެއް
ނުކޮށް ވަރަށް އަނިޔާވެރި ގޮތަކަށް، ހައިހޫނުކަންމަތީ، ޖަލުގައި އެހާގިނަ ދުވަހު
އޮންނަން ޖެހިވަޑައިގަތުމުން ވަނީ (ޢުމުރުފުޅުން ތިރީސްވަރަކަށް އަހަރުތެރޭ)
ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. މަރްޙޫމްގެ ފާފަފުއްސަވައި ފުރާނަފުޅަށް
މާތް ﷲ ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން
އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު
ހަވަރުތިނަދޫއަށް ވަޑައިގެން ސަރުކާރުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެންނެވުމަށްފަހު، ހަވަރުތިނަދޫއަށް
ފައިބާވަޑައިގަތުމާއެކު، ޝިހާބުގެގެ ތަޅައި ބިމާހަމަކޮށްފައިވާ މަންޒަރު
ފެނިވަޑައިގަތުމުން އެވަގުތު އެހިސާބުން
ދިމާވި ހަވަރުތިނަދޫގެ އަންހެނަކާއި
ސުވާލުކުރައްވައި އެއީ ކޮންގެއެއްތޯއާއި ކިހިނެއްހިނގާފައިވާ ކަމެއްތޯ
ނާޞިރު އޮޅުންފިލުއްވި ކަމަށްވެއެވެ. އެއީ ޝިހާބުގެގެ ކަމާއި، ބަޣާވާތާއި،
ދެކޮޅުހައްދަވައި، ފިއްލަވައިގެން މާލެވަޑައިގަތުމުން، ރައްޔިތުން ނުކުމެ އެގެ
ތަޅާލީ ކަމުގައި ނާޞިރަށް އެ އަންހެންމީހާ
ދެންނެވި ކަމަށްވެއެވެ. އެއާވިދިގެން މިހާރު ޝިހާބު ކޮބައިތޯ ނާޞިރު އަނެއްކާވެސް
އެއްސެވިކަމަށްވެއެވެ. ޖަވާބުގައި އެމީހާ ދެންނެވީ ޝިހާބު ހަވަރުތިނަދޫއިން
ފުރިފަހުން ޚަބަރެއްނުވާކަމަށެވެ.
ނާޞިރުއަށް މިކަން ރަނގަޅަށް ސާފުވެވަޑައިގެން އަދި
ފިޔަވަޅު އަޅުއްވާނެ ފުރުޞަތު ލިބިވަޑައިގެންފައި އޮތްއިރުވެސް އެއްވެސް ފިޔަވަޅެއް
ނާޅުއްވައި ހަވަރުތިނަދޫއިން ކުށްވެރިންގެ ގޮތުގައި މާލެގެންދެވުނު
ބޭބޭފުޅުން މާލެވިލިގިލީގައި ހުރި
ޖަލެއްގައި ބަންދު ކުރެއްވުމަށްފަހު އެތަކެއްދުވަސް ފާއިތުވީފަހުން ތަޙުގީޤު ފަށްޓަވައި
ޝިހާބު ކޮބައިތޯ ބެއްލެވިއިރު ޝިހާބު ވަނީ
ނިޔާވެފައެވެ. ވުމާއެކު ޝިހާބާއެކީ
ޖަލުގައި ބަންދު ކުރެވުނު އަނެއްދެބޭފުޅުން ކަމުގައިވާ ޙަސަން ޙަލީމާއި އަޙްމަދު
ޙަބީބު މިނިވަން ކުރުމުގެ ގޮތުން ޖަލުންނެރެ ތ. ވިލުފުށްޓަށް ފޮނުއްވާލުމަށްޓަކައި އެއަތޮޅު ދޯންޏަކަށްލައި ފުރުވާލެއްވިއެވެ. ނަމަވެސް
ވިއްސާރަވުމުގެ ސަބަބުން ދަތުރު ކުރެވޭވަރު ނުވެގެން މާލެއަތޮޅު ވެލައްސަރު
ފަޅުތެރޭގައި ތިބޭތާ ފަސްވަނައަށް ވީ
ދުވަހު ޙަސަން ޙަލީމްވެސް ނިޔާވީއެވެ. އެއީ
ހިޖުރައިން 21 ޛުލްޙިއްޖާ 1381 އަދި މީލާދީން 25
މެއި 1962 ވަނަދުވަހެވެ. އެހެންވެ އެދޯނި އަނބުރާ މާލެގޮސް މަޙްކަމަތުލްއަމަންޢާއްމުގައި
އެވާހަކަދަންނަވައި ދެންއޮތްމީހާގެވެސް ޙާލު އެހާދެރަކަމާއި އޭނާގޮވައިގެން ދާންވެސް
ނުކެރޭނެކަމުގައި ދެންނެވުމުން ޙަބީބު ދޯނިން ބާލުއްވައި ވީރުޢަލިދީދީގެ
ޙުސައިންދީދީއާއި ޙަވާލުކުރެއްވުމުން އޭނާ ޙަބީބު ހޮސްޕިޓަލަށް ގެންގޮސް
ފަރުވާދެއްވަން ފެއްޓެވީއެވެ. ޙަބީބު އަށް ކިރިޔާ އުޅެވޭވަރުވީވެސް ހޮސްޕިޓަލުގައި
ބާއްވައިގެން ދެމަހެއްހާދުވަހު ބޭސްފަރުވާ ކުރިފަހުންނެވެ. އެހިސާބުން ޙަބީބުވެސް
ހޮސްޕިޓަލުންނެރެ ތ. އަތޮޅު ވިލުފުށްޓަށް ފޮނުވާލެއްވިއެވެ. ޙަސަން ޙަލީމު
ފަސްދާނު ލެވިފައިވަނީ މާލެވިލިގިލި (މިހާރުގެވިލިމާލެ) ގައެވެ.
މާލޭ ހެންވޭރުކޮޅުގައި މަޝްހޫރު
ބޮޑުފާރުންބޭރުގައި ހަދާފައިހުރި ޖަލަކީ ދިވެހި ތާރީޚުގައިވެސް އެންމެބޮޑަށް
މީހުންނަށް އަނިޔާދީ ލާއިންސާނީ އެތައް ޢަމަލެއް ހިންގައި އެތައްބައެއްގެ ފުރާނަ ދުއްވާލާފައިވާ
ޖަލެކެވެ. މިޖަލަށް ބިޑިއަޅުވައިގެން ވައްދާ ކޮންމެ މީހަކީ މަރުގެ ލިސްޓުގައި ހިމެނޭ
މަރާލަންޖެހޭ މީހެއް ކަމުގައިވެއެވެ. ވުމާއެކު އެ ޖަލުގައި ބިޑިއާއެކުތިބި
އެކަކުވެސް މަރުން ސަލާމަތްވެފައި ނުވާކަން ފާހަގަކުރަމެވެ. އެ ޖަލުގައި ކާންދެނީ
ދުވާލަކު ދެއިރު ކޮންމެއިރަކުވެސް
ހުސްގޮދަންފުށުން ފިހެފައިވާ އެންމެ ރޮށްޓެކެވެ. ލައިގެންކާނެ އެހެން އެއްވެސް
އެއްޗެއް ނުލިބެއެވެ. ބޯންލިބޭ ފެނަކީ ޖަލުގެ އެއްފަރާތެއްގައި ބަހައްޓާފައި ހުންނަ
ވަޅަކުން ނަގާފެނެވެ. މިވަޅުގެ ވަށައިގެން އަޅާފައިވާ ތަޅުންގަޑު ހަލާކުވެފައިވުމުން،
ވަޅުގެ ކައިރިވަނީ ވަރަށްބޮޑަށް ޗަކަހެދި ނަޖިސްވެފައެވެ. ވަޅުންފެން ނަގަން
އޮންނަނީ ވާގަނޑެއްޖަހާފައި އޮންނަ ދަގަނޑު ބާލިދީއެކެވެ. ވުމާއެކު ބިޑިއަޅުވާފައި
ތިބޭބަޔަކު މިބާލިދީން ފެންނަގައިގެން ތާހިރުވެ، ފެންބޮއި ހަދާނެގޮތް ވިސްނާވަޑައިގަަތުމަށް އަޅުގަނޑު
ތިޔަބޭފުޅުންނަށް ދޫކޮށްލާނަމެވެ. ފާޚާނާކުރުމަށް ހުންނަނީ ހަމައެވަޅާއި ޖެހިގެން ވަށައިގެން
އަރިއަކަށް އެންމެ ޓިނުގަނޑެއް ޖަހައިގެން ހަދާފައިވާ ގާތްގަޑަކަށް 500 ވަރަކަށް
އަކަފޫޓުގެ ކުޑަތަންކޮޅެކެވެ. އެއީ ޖަލުގައިތިބި، 400 ވަރަކަށްމީހުން ބޮޑުކަމު،
ކުޑަކަމު، ދާ ތަނުގެ ގޮތުގައެވެ. މިކުޑަކުޑަ
ތަންކޮޅުގައި، ހަތަރުސަތޭކައެއްހައި މީހުން، އަހަރެއްހާދުވަހު، ގަޟާޙާޖަތް
ކުރާއިރު އެތަނުގެ ނަޖިސްކަމާއި އެތަނުގެ ޙާލަތު އޮންނާނެ ގޮތް އިތުރަށް މީހަކު
ސިފަކުރަން ޖެހޭނެކަމަކަށް ނުދެކެމެވެ.
ޖަލުގައި އެކަކު އަނެކަކާ ވާހަކަ ދެއްކުމަކީ
މަނާކޮށްފައި އޮންނަކަމެކެވެ. ޖަލުގައި ފޯރިއަށްތިބޭ ސިފައިން އަންގާފައި އޮންނަނީ ކަލޭމެން ކަލޭމެންނާ ވާހަކަދެއްކުމާއި، ކަލޭމެން
އަހަރެމެންނާވެސް ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. އަދި ކަލޭމެން އަހަރެމެންނާ
ދައްކަންޖެހޭ ވާހަކައެއްވެސް ނުއޮންނާނެ ކަމަށެވެ.
ކުޑަކަމުދާންވެއްޖެއްޔާ އެއްއިނގިލި ހިއްލާލުމަށް، ބޮޑުކަމުދާން ވެއްޖެއްޔާ
ދެއިނގިލި ހިއްލާލުމަށް، ބޯފެންއަޅާފައި ހުންނަ ޓައްޕުން ފެންހުސްވެއްޖެއްޔާ
ތިންއިނގިލި ހިއްލާލުންފަދަ އިޝާރާތުން ކަންކަން ކުރުމަށް ގަދައަށް އަމުރު ކުރައްވާފައި
ވެއެވެ. ބޯންފެންއަޅާފައި ހުންނަ ޓައްޕުން ފެންހުސްވެއްޖެއްޔާ އެޓައްޕަށް
ފެންއަޅަން ދާންޖެހޭނީ ބިޑިއަޅުވާފަހުންނަ ކޮންމެވެސް މީހެކެވެ. ބޮޑުކަމު، ކުޑަކަމު
ދިއުމަށްވެސް އޮންނަނީ ކިޔޫ ތަރުތީބެކެވެ. ކިތަންމެ ވަރަކަށް މީހަކު ޙާޖަތަށް
ދާންޖެހިފައިހުއްޓަސް އެތަރުތީބާއި ޚިލާފަށް ފުރުޞަތެއް ނުދޭނެއެވެ. އެހާގިނަބައެއްގެ
ތެރޭގައި މިކަން މިގޮތަށް ހިނގާއިރު، އެކަން އޮންނާނީ ކިހިނެއްކަން އޮތީހިތްޕުޅަށްގެނައުމެވެ.
އަނގައިން ހެޔޮއެއްޗެއް ކިޔެވިޔަސް ބަލަނީ އެއީ ސިޙުރު ހަދަނީކަމަށެވެ.
ދަތްއުނގުޅުމަކީވެސް މަނާކަމެކެވެ. އަދި ދަތްއުނގުޅޭނެގޮތެއް ނުވެސްހުރެއެވެ. "ނަމާދުކުރުން
ތިމަންނާމެން މަނާނުކުރަމެވެ. އެކަމަކު ފެނަކީ ތިމަންނާމެންގެ އެއްޗެކޭ، އެއަށްއަމުރު
ކުރާނީ ތިމަންނަމެންނޭ" ބުނެ ފެނުން ވުޞޫކުރުންވެސް އޮންނަނީ މަނާކޮށްފައެވެ.
މިކަހަލަ ވަރަށް ހަރުކަށި އުސޫލުތަކެއް ޖަލުގައި ފޯރިއަށްތިބޭ ސިފައިންވަނީ
ޖަލުގައި ގާއިމްކޮށްފައެވެ.
އެއްވެސް ރުކެއް ގަހެއް ނެތް
ހިސާބުގައި ހަދާފައިވާ މި ޖަލަކީ ވައިދައުރުވާނެ ގޮތެއްވެސް ނެތި ވަރަށް ކިރިޔާ
ހިންދެމިލެވޭވަރަށް ތިރިކޮށް ޓިނުން ހަދާފައިވާތަނެކެވެ. އަދި ވަރަށް އަލިގަދަބޮކި
ދިއްލާފައިވުމުން ރޭގަނޑެކޭ ދުވާލެކޭއެއްވަރަށް އިންތިހާއަށް ހޫނުގަދައެވެ.
މިކަހަލަ ތަނެއްގައި އެއްގޮތަކަށްވެސް ފެންވެރުމެއްނެތި އެހާގިނަދުވަސްވުމުން
އެފަދަބައެއްގެ ޙާލަތު ހުންނާނެގޮތާއި، ބިންމަތީގައި ފަންގަޑެއް އަޅައިގެން
ތިބޭއިރު ވާރޭވެހި ފެންބޮޑުވާ ވަގުތުތަކުގައި އުޅޭނެ ދަތިއުނދަގޫ ގޮތްތަކާއި، މާލެއަކީ
އެދުވަސްވަރު ވަރަށް ފިނިހައް ގިނަތަނަކަށްވުމުން، ފިނިހަކުގެ އުނދަގުލުން
ސަލާމަތް ނުވެވިގެންއުޅުނު ޙާލާއި، މިހުރިހާކަމަކަށް ކޮންމެ ބޭފުޅެއްގެ
އަމިއްލަފުޅު ސިކުޑިން، ވިސްނާވަޑައިގަތުމުން، އެޖަލުގެ އަނިޔާވެރިކަމާއި، ޖަލުގައި
މީހުންއުޅުނު ދަތިޙާލު ވަރަށް ރީތިކޮށް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް އަމިއްލަފުޅަށް
ސިފަކުރެއްވުމަކީ، ދަތިފުޅުކަމަކަށް ވާނެކަމަކަށް ނުދެކެމެވެ. ޖަލުގައި އެހާގިނަބަޔަކު
މަރުވީވެސް އެކަށީގެންވާ ކާނާއެއްނުލިބި ގިނަދުވަސްތަކެއްވުމާއި، މިވަޅުންނަގާފެން
ބޯންޖެހުމުގެ ސަބަބުން އެތަނުގައި ބަލިމަޑުކަމެއް އުފެދިގެން ދިޔައިރުވެސް
އެއްވެސް ފަރުވާއެއް ދެވިފައިނުވުމުގެ ސަބަބުންކަމަށް ވަރަށްބޮޑަށް
ގަބޫލުކުރެވެއެވެ.
ކޮންމެމީހަކީވެސް އެއްވެސް
ޙާލެއްގައި، އެމީހެއްގެ ކިބައިން ނިގުޅައި ނުގަނެވޭނެ ޙައްގުތަކަކާއި،
ކަރާމާތްތެރިކަން ލިބިގެންވާ މީހެކެވެ. ގާނޫނުއަސާސީއަކުން ގައުމު ހިންގުމުގެބާރު ސަރުކާރަކަށް
ލިބިދެވެނީވެސް މިދެންނެވި ކަންކަމަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ސަރުކާރު ހިންގުމަށް
ޝަރުތު ކުރެވިގެންނެވެ. އިންސާނަކަށް މާތް ﷲ ދެއްވާފައިވާ ކަރާމާތްތެރިކަމާއި އދ ގެ
އިންސާނީ ޙައްގުތަކާއިބެހޭ ޖަމްޢިއްޔާއިން އެކަށައަަޅައި ކަށަވަރު ކޮށްދެއްވާފައިވާ
އިންސާނީ ޙައްގުތަކަކީ އެއްވެސް ޙާލެއްގައި ނިގުޅައިނުގަނެވޭނެ، އަދި އެޙައްގުތަކުން
އެއްވެސް ފަރުދަކު މަޙުރޫމް ނުކުރެވޭނެ ޙައްގުތަކަކަށް ވީއިރުވެސް އިބުރާހީމް ނާޞިރުގެ
ސަރުކާރުން މިވަނީ އެޖަލުގައި މިހުރިހާ ކަމަކާއި ޚިލާފުވެ
ވަރަށްއަނިޔާވެރިކަމާއެކު އެތައްބައެއްގެ މަޢުޞޫމް ފުރާނަތަކެއް މިދުނިޔެއާއި
ވަކިކޮށްފައެވެ. ވުމާއެކު، މިއަނިޔާވެރި ޙާދިސާއާ ބެހޭގޮތުން ކޮންމެހެން
މިއަށްވުރެ އިތުރު ތަފްޞީލެއް ލިއުމުގެ ވަކި ބޭނުމެއް އޮތްކަމަކަށް އަޅުގަނޑުވެސް
ނުދެކެމެވެ.
ޝިހާބު ޖަލުގައި އޮންނެވި އިރުވެސް ޖަލުގައިތިބި އެހެން އެންމެނާޚިލާފަށް
ވަރަށްކެތްތެރިވެ ބަރާބަރަށް ނަމާދުކުރައްވައި އަބަދުމެ ސިއްރިޔާތުގައި ޤުރުއާން
ކިޔެވުމާއި ޛިކުރު ކުރުންމަތީ ދުވަސްތައް ވޭތިކުރައްވަމުން ގޮސްފައިވާކަން
ޖަލުގައި ތިއްބެވި އެހެން ބޭފުޅުންގެ ފަރާތްޕުޅުން މަޢުލޫމާތުލިބިފައިވެއެވެ.
ޝިހާބު އޭނާގެ ޙަޔާތުގެ އެއްމެފަހު ދުވަސްތައް ގުނުއްވަމުން ދިޔައިރު، ފަހުދެހަފްތާތެރޭ
ވަރަށްގަދައަށް ހުންފުޅު ޖެހިވަޑައިގަތެވެ. އޭގެތެރެއިން ދުވަހެއްގައި ޖަލުގައިތިއްބެވި
ބޭބޭފުޅުންގެ ތެރެއިން ފިޔޯރީ އައްޝައިޚް
އަލްމަރުޙޫމް ޢަލީ ލުތުފީއާ ހަވަރުތިނަދޫ އަލްޙާފިޒް އަލްމަރުޙޫމް އިބްރާހީމް ރަޝީދުއާ
ވާހަކަފުޅު ދައްކަވަމުން ހެޔޮލަފާ ރަނގަޅުމީހަކު މަރަށް ޙާޒިރުވާ ވަގުތު އެމީހަކަށް
މަރުފެންނާނީ ކޮންގޮތަކަށްތޯ ޝިހާބު އެބޭފުޅުންނާއި ސުވާލުކުރެއްވި ކަމަށްވެއެވެ. ޖަވާބުގައި އެބޭފުޅުން
ވިދާޅުވި ކަމަށްވަނީ އެފަދަމީހަކަށް މަރުފެންނާނީ އެމީހަކު އެއްމެހިތްއެދޭފަދަ
ސިފައެއްގައިކަމަށެވެ. އެބޭފުޅުން މިފަދައިން ވިދާޅުވުމުން އޭނާއަށް
އެފަދަގޮތަކަށް ދިމާވެއްޖެނަމަ ދަންނަވާނޭކަމަށް ޝިހާބު ވިދާޅުވިކަމަށްވެއެވެ. ކޮންމެއަކަސް
ޝިހާބުގެ މަރަކީ ޖަލުގައިތިބި އެއްމެންވެސް އިއްތިފާގުވާގޮތުގައި އެފަދަރީތި މަރެއް
ދުވަހަކުވެސް ދެކެފައިނުވާފަދަ ރީތި މަރެކެވެ. ޝިހާބު މަރަށް ޙާޒިރުވިވަގުތު
އަޙުމަދު ޙަބީބުއަށް ގޮވާލައްވައި ތިމަންނާއާ ކައިރިއަށް އައިސް ޖެހިގެން
ކައިރީގައި އޮތުމަށް ޝިހާބު ޙަބީބަށް ވިދާޅުވުމަށްފަހު، ހަވަރުތިނަދޫ އިބްރާހީމް
ރަޝީދަށް ގޮވާލެއްވުމުން އެވަގުތު އެތާނގައި އާދެވެންތިބި އެއްމެން ޝިހާބު
އަރިހަށް ޖަމާވިއެވެ. އެވަގުތު ޝިހާބު ވިދާޅުވިކަމަށްވަނީ ތިމަންނަ ބަލައި
އައިސާމަނިކެއާއި ޒުހައިރު ތިމަންނަ ކައިރިއަށް އަތުވެއްޖެކަމަށެވެ. ދެން ޝިހާބު އެދިވަޑައިގަތުމާއެކު އިބްރާހީމް ރަޝީދު
ޔާސީން ސޫރަތް ކިޔަވަން ފެއްޓެވިއެވެ. އެހާހިސާބުން މީހުންނާ ސަލާމްކުރައްވައި ހިތްހެޔޮކުރެއްވުމަށް
އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. އެވަގުތަކީ ޖަލުފޯރީގައިވެސް ތަންކޮޅެއް ރަނގަޅު
ބަޔަކުތިބި ވަގުތަކަށްވުމުން ކިޔެވުމުގެ ފުރުޞަތުވެސް ފަހިވީއެވެ. ޖަލުގައި
ފޯރިއަށް ތިބި ސިފައިންނާވެސް ސަލާމް ކުރެއްވެވިއެވެ. އެއާއެކު ބާރު އަޑުފުޅުން
ޝަހާދަތް ވިދާޅުވަމުން ގެންދެވިއެވެ. މީހަކާ ވާހަކަފުޅު ދައްކަވައިފިނަމަ އެއަށްފަހު
ޝަހާދަތް ވިދާޅުވެއެވެ. އިބްރާހީމް ރަޝީދު ތިންފަހަރު ޔާސީން ސޫރަތް ކިޔަވާ
ވިދާޅުވުމަށްފަހު ހުއްޓަވާލެއްވުމުން، އަދިކުރިޔަށް ގެންދެވުމަށް ޝިހާބު
އެދިވަޑައިގަތުމާއެކު އަނެއްކާވެސް ރަޝީދު ކިޔަވަން ފައްޓަވައި ވަކިހިސާބަކަށް
ކިޔެވިތަނާ ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުފުޅު ކުރައްވައިފިއެވެ. އެއީ
ހިޖުރައިން 20 ޛުލްގަޢިދާ 1381 އަދި މީލާދީން 24 އޭޕްރިލް 1962 ވަނަދުވަހުގެރޭގެ އިރާކޮޅުގެ ވަގުތެކެވެ. އޭރު ޝިހާބުގެ
ބަނޑޭރި ކުދުބޭގެ ޢަބުދުލްކަރީމް، ޝިހާބުގެ
ވިޔަފާރި ދަތުރެއްގައި މާލެއައިސް އުޅެނިކޮށް ހަވަރުތިނަދޫގައި ބަޣާވާތް ކުރުމާއި
ގުޅިގެން މާލެއާއި އަދި ފަޅުއޮޑިފަހަރުގައި ތިބި ހުވަދުއަތޮޅުގެ އެންމެން
ހައްޔަރުކޮށް ޖަލަށް ލީއިރު މިޢަބުދުލްކަރީމުވެސް ޖަލަށްލައި އެޖަލުގައި ޝިހާބު
އޮތް ގޮޅިޔާ ޖެހިގެން އޮތްގޮޅީގައި އޮތެވެ. ޝިހާބު ނިޔާވި ޚަބަރު އަޑު އިވުމާއެކު
އެއީ ތިމަންނާގެ ސާހިބޭ ތިމަންނަ ޝިހާބު ކައިރިއަށް ގެންދާށޭ ބުނުމާއެކު އޭނާވެސް
ނިޔާވީއެވެ. ފަސްދާނުލެވިފައިވަނީ ދެބޭފުޅުން އެކުއެކީގައި މާލޭ ހެންވޭރު
ސަހަރާގައެވެ.
ޢަބުދުލްކަރީމްއަކީ ޝިހާބުދެކެ
ވަރަށްލޯބިވާ ވަރަށް ތެދުވެރި ވަފާތެރި ޚާދިމެކެވެ. ތިމާގެވެސް ބަޔަކަށް
ވުމާއިއެކު އެދުވަސްވަރު ޢަބުދުލްކަރީމްގެ އެއްބަޑުއެއްބަފާ މީހުންނާއި، ޢާއިލާގެ އެންމެން
އުޅެނީވެސް ޝިހާބުއާއެކުގައެވެ. ޝިހާބު ދަތުރުކުރެއްވި ދޯންޏާއި، ދޯނީގައިހުރި
މުދަލާއި،އަދި ޢަބުދުލްކަރީމްގެ ޙަވާލުގައި ހުރި ޝިހާބުގެ މުދަލަށްވެސް
ވީގޮތެއްވެސް ސަރުކާރުން އަންގަވާފައި ނުވެއެވެ. ޝިހާބުގެ މިދަތުރުގައިި، ދިރިއުޅުމުގައި
ބޭނުންކުރާ ގިނަސާމާނާއި އޭނާގެ މޮޓޯސައިކަލާއި ދެބައިސިކަލްވެސް ގެންދެވިއެވެ.
ސައިކަލަކީ އޭރު ރާއްޖޭގައިހުރި އެއްމެބޮޑު ވަރުގަދަ ސައިކަލެވެ. އިގިރޭސިވިލާތުގެ
އުފެއްދުމެއް ކަމުގައިވާ ބީއެސްއޭ މަރުކާގެ ރާއްޖޭގައި ހުރި ހަމައެކަނި
ސައިކަލެވެ. އަމަންޢާއްމުން ފޮށިތައް ލިބުނުއިރު އެފޮށިތަކުންވެސް އަންނައުނާއި
އަގުބޮޑު ގިނަ ތަކެތި ވަނީ ގެއްލިފައެވެ.
ޝިހާބު ޖަލުގައި ބަންދުވެ ނިމިދިޔަ ގޮތާއިމެދު އިތުރަށް އެއްޗެއް ދަންނަވާނަމަ، ދަންނަވަން ޖެހެނީ، ދުނިޔޭގައި ކަންހިނގާމަގަށް ބަލާއިރު މުދަލުގެ ދަހިވެތި ކަމާހުރެ މިފަދަ ގެއްލުންބޮޑު ހިތާމަވެރި ކަންތައްތައް ހިނގުން އެއީ ދުނިޔޭގެ އާދައެއް ކަމުގައެވެ. އެގޮތުން ޝިހާބުގެ ޙަޔާތުގެ އެކި މަރުޙަލާ ތަކުގައި ޝިހާބު ކުރިމަތި ލައްވަން ޖެހިވަޑައިގަތް ކަންތައްތަކާއި ޖަލުގައި ނިމިދިއުމުގައި ފެންނަންހުރި ހެކިތަކަށް ބަލާއިރު ދުނިޔެދައްކާ ޙަޤީގަތުން ޝިހާބުވެސް އިސްތިސްނާވެވަޑައިގެންފައި ނުވާކަމުގައި ހިތާމައާއެކު ދަންނަވަމެވެ. މިހެންވެ ދިރިތިބީންގެ މަސްލަޙަތައްޓަކައި މިކަމާއި ގުޅޭއިތުރު ތަފްޞީލަކަށް ނުގޮސްކުރުކޮށްލުމަށް ގަސްދުކުރަމެވެ.
އިބްރާހީމް ނާޞިރު ހަވަރުތިނަދޫއިން މީހުންބާލުއްވައި އެހިންގެވި ލާއިންސާނީ ޢަަމަލުތައް "ތަޙްޤީގު ކުރެއްވުމަށް ކަމަށްވިދާޅުވެ" އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އެކުލަވާލެއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށްް އަޅުގަނޑުވާނީ، ޝިހާބު ޖަލުގައިބަންދުކޮށް މަރާލެވުނު މައްސަލަ ބައްލަވައިދެއްވުންއެދި ހުށަހަޅާފައެވެ. އެކަމާއިގުޅިގެން، އެކޮމިޓީއަށް އަޅުގަނޑު ޙާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމައްފަހު އަޅުގަނޑަށް އަންގަވާފައިވަނީ "ތިޔަ މައްސަލައަކީ މީހެއްގެ މަރުގެ މައްސަލައަކަށްވާތީ އެކަން ވަރަށް ރަނގަޅަށް ބަލަންޖެހޭކަމަށެވެ". އޭގެފަހުން އެ މައްސަލާގެ އެއްވެސް ޚަބަރެއްނުވެއެވެ.
ހަވަރުތިނަދޫއާއި ކުރިމަތިވި މި
ހިތާމަވެރި ޙާދިސާގެތެރޭގައި އިބުރާހީމް ޝިހާބުފަދަ ތަޖުރިބާކާރު، ހުނަރުވެރި ޢިލްމީ އެތަކެއްބޭފުޅުންނެއް ކުއްލިގޮތަކަށް
މިދުނިޔެއާ ވަކިވެދިއުމަކީ ހުވަދޫއަތޮޅަށް އަދި ވަކިންޚާއްޞަކޮށް ހަވަރުތިނަދޫއަށް
ލިބުނު ދުވަހަކުވެސް ފޫނުބެއްދޭވަރުގެ ބޮޑުގެއްލުމެކެވެ. އިބްރާހީމް ނާޞިރުގެ މި
އަނިޔާވެރި ޢަމަލަކީ ހަވަރުތިނަދޫގެ މުއްސަނދިކަމާއި ހަވަރުތިނަދޫއަށް ލިބިފައިވިކުރިއެރުން
ނެތިކޮށްލުމަށް ދުރަށް ރާވައިގެން ވަރަށް ގިނަދުވަހުން ނޫނީ ހަވަރުތިނަދޫއަށް
އަރައިނުގަނެވޭނެ ގޮތަށް ވިސްނައިގެން ހިންގަވާފައިވާ އިންސާނިއްޔަތާ ޚިލާފު
ވަރަށްބޮޑު ޖަރީމާއެކެވެ. މިހިތާމަވެރި ޙާދިސާއަށް ފަސްދޮޅަސް އަހަރުފުރުމާއި ގާތްވަމުންދާއިރުވެސް
ކުރިއަރާފައިވާ ތަހުޒީބު މުޖުތަމަޢަކުން ފެންނަންޖެހޭފަދަސިފަތައް ހަވަރުތިނަދޫގެފަސްގަނޑުން ފެންނަމުން ނުދާކަމީ
މިކަމުގެ ވަރަށް އަލިގަދަހެއްކެއް ކަމުގައި ފާހަގަކޮށްލެވެއެވެ. މުޖުތަމަޢުއެއް
ބިނާވެގެން އަންނައިރު އެތަނެއްގައި އުފެދޭ ވަޠަނީލޯބިހުންނަ، ހަރުދަނާ، ޢިލްމުވެރި،
ވިސްނުން ތޫނު ބޭބޭފުޅުންގެ މަސައްކަތާއި، ހުނަރާއި، ސުލޫކާއި، މަޢުލޫމާތާއި،
ތަޖުރިބާއަކީ ގުޅިލާމެހިގެން އެއްޖީލަކަށްފަހު އަނެއްޖީލަކަށް
ވާރުތަވަމުންދާންޖެހޭ ކަންކަމަށް ވީނަމަވެސް ހަވަރުތިނަދޫ މިވަނީ ވިއްސި ވިހާލިވެ
މިއެންމެހައި ކަންތައްތަކުން މަޙުރޫމްވެ، އެހާރާއިމިހާރު ގުޅުވައިދެވޭނެ
ގޮތެއްނެތް ހިތްދަތި ޙަޤީގަތެއްގެ ތެރޭގައެވެ.
މިހާރު އަޅުގަނޑުމެން އެއްމެންގެވެސް
އެދުމަކަށް ވާންވީ މި ޙަޤީގަތް ޤަބޫލު ކުރުމާއެކު، އަނެއްކާވެސް
އަލުންއާބާރެއްލައި ތަހުޒީބު މުޖުތަމަޢުއަކަށް ތިނަދޫ ހެދުމަށްޓަކައި
ރޭވުންތެރިކަމާއެކު، ވިސްނުންތެރި، ޢިލްމީ މަސައްކަތްތަކެއް ފަށައިގަނެ، ގުޅިގެން
ކުރިޔަށްދިއުމަށެވެ. އޭރުން ތިނަދޫއަކީ ކުރިއެކޭވެސްއެއްގޮތަށް،
ރާއްޖޭގެނިސްބަތުގައި، ކުރިއަރާފައިވާ، ހުނަރުވެރި، ޙުލްގުރަނގަޅު، ސިވިލައިޒް ބަޔަކުދިރިއުޅޭ ރަށެއްގެގޮތުގައި ވެގެންދިއުމީ ދާދި ގާތުގައިވާ ކަމެއްކަމަށް
ގަބޫލުކުރެވެއެވެ.
މާތް ﷲ މަރުޙޫމްގެ ފުރާނަފުޅަށް
ސުވަރުގޭގެމަތިވެރި ނިޢުމަތް މިންވަރުކުރައްކވައި، ތިނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް
ހެޔޮވިސްނުންދެއްވައި ފާގަތިދުވަސްތަކެއް މިންވަރުކުރައްވާށިއެވެ. އާމީން
---------------
މަޢުލޫމާތު ހޯދައި ލިއުނީ: މުޙައްމަދު
ޒުހައިރު، މާގަލާ / ތިނަދޫ
ތާރީޚް: 26
އޭޕްރިލް 2017
ނޯޓު: މިލިޔުމުގައިވާ ޖަލާބެހޭ މަޢުލޫމާތު އަޅުގަނޑާއި ހިއްސާކޮށްފައިވަނީ ގދ. ތިނަދޫ އޯޝަންރީޑް އަބްދުލްހާދީއެވެ.