މަދަރުސަތުލްއަމީރުއިބްރާހީމްއަކީ އަލްފާޟިލް މޫސާ ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަމުގައި، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް ނިސްބަތްކުރެވޭ އަދި އެކިލެގެފާނު ހުޅުއްވައި ދެއްވި މަދަރުސާ އެކެވެ. އެ މަދަރުސާގެ ފުރަތަމަ ނާޡިރަކީ، ހަވަރުތިނަދޫ އަޅިވިލާގޭ ޢަބުދުﷲ ކަތީބެވެ. އާދެ! މަދަރުސަތުލްއަޞްބާޙްގެ ދަރިވަރުންގެތެރެއިން ހަވަރުތިނަދޫ ހާޖަރާގޭ/ޢަބްދު ﷲ ސަޢީދު ދީދީއާއި، ބީޗްވިލާ/މުސްޠަފާ މަންޞޫރުއާއި، ގެލަ/ޢަބްދުﷲ ޝަކީބާއި، ކޭވަކުގޭ/ޙުސައިން ޢަފީފް، އަދި ވިލިނގިލީ އަޙުމަދު ޙިލްމީ ދީދީ ރާއްޖެއިން ބޭރުން ވެސް ތަޢުލީމު ޙާޞިލްކުރެއްވި އެވެ.
މީގެތެރެއިން މުސްޠަފާ މަންޞޫރު ނޫން އެހެން
ބޭފުޅުން ތަޢުލީމު ޙާޞިލްކުރެއްވީ އިންޑިއާ އިން ނެވެ. މުސްޠަފާ މަންޞޫރު އިންޑިއާ
އާއި، މިޞްރުން ވެސް ތަޢުލީމު ހޯއްދެވި އެވެ. މި މަދަރުސާގެ ގިނަ ދަރިވަރުންނަކީ،
ފަހުން އަތޮޅުގެ ގިނަ ރަށްރަށުގައި ޚިދުމަތުގައި ތިއްބެވި ފުންނާބު އުސް ބޭފުޅުން
ކަމުގައިވި އެވެ. އެމީސްމީހުންގެ ދަރިފަސްކޮޅުން މިއަދު ވެސް ދަނީ އަތޮޅަށް
ޚިދުމަތް ލިބެމުން ނެވެ.
ދިވެހި
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިއުލާންކުރެއްވިއިރު ހުވަދުއަތޮޅުގެ
ވާރުވެރިއަކަށް ހުންނެވީ ޙާޖީ މުޙަންމަދު ކަލޭފާނެވެ. މިއުފާވެރި އިޙްތިފާލުގެ
މުނާސަބަތުގައި އަތޮޅުގެ ރަށްރަށް ޒީނަތްތެރިކޮށް ތައްޔާރުކުރެވުނެވެ. މި ޤާނޫނު
އަސާސީގައި އޭރުގެ ރަދުން އައްސުލްޠާން މުހަންމަދު ޝަމްސުއްދީން (3ވަނަ) ސޮއިކުރައްވައި
ތަސްދީޤްކުރެއްވީ ޝާއުބާން 17، 1351ހ. (ޑިސެމްބަރ 14، 1932މ.) ގަ އެވެ. ޤާނޫނު އަސާސީ ޢާއްމުކޮށް އިޢުލާން ކުރެއްވުމުގެ
ދަރުބާރުއޮތީ ޝާއުބާން 23، 1351ހ. (ޑިސެމްބަރ 21، 1932މ.) ގަ އެވެ.
މި ޤާނޫނު
އަސާސީ ފާސްވުމާއި ގުޅިގެން އިންތިޚާބު ކުރެވުނު ރައްޔިތުންގެ މަޖްލިސްގައި
ތިއްބެވި މިއަތޮޅުގެ މެމްބަރުންނަކީ:
1 . ހަވަރުތިނަދޫ އަބޫބަކުރު ކަތީބު
2 . ހަވަރުތިނަދޫ އޮޅަ ދީދި ކަތީބު
3 . ވިލިނގިލީ ކުޑަކަތީބު
4 . ދާންދޫ ދޮންތަކުރުފާނު އެވެ.
މީގެފަހުން
ގިނަދުވަސްތަކެއްނުވެ ޙާޖީ މުޙަންމަދު ކަލޭފާނު އަތޮޅުވެރިކަމުން ވަކިކުރައްވައި
ހަވަރުތިނަދޫ އިސްމާޢީލް ޙާޖީ އަށް އަތޮޅުވެރިކަން ދެއްވައިފި އެވެ. މީނާ 3
އަހަރެއްހައި ދުވަހު އެމަޤާމުގައި ހުންނެވިއެވެ. އަލްމަރުޙޫމް އިސްމާޢީލް ޙާޖީ
އަކީ ތަނަވަސް ބޭފުޅެ ކެވެ. އޭނާގެ ފުއްދުންތެރިކަމުގެ އަސަރު މީސްތަކުންނަށް
ފޯރުކޮށްދެއްވި އެވެ. އަދި އޭނާއަކީ، ރައްޔިތުންގެ ކަންކަމުގައި
އިސްނެންގެވުންބޮޑު މިކަންކަމަށް ހޭދަކުރެއްވުމުގައި އަދި މިހާތަނަށް ތިނަދޫ
ދެކެފައިނުވާފަދަ ދީލަތި ބޭފުޅެކެވެ. އިސްމާޢީލް ޙާޖީގެ ފަހުން މިމަޤާމު
ލިބިވަޑައިގަތީ މާލޭގެ ބޭފުޅެއްކަމަށްވާ ދޮންމަނިކުގެ ޅަތުއްހުއްތު އަށެވެ.
މީނާހުންނެވީ (ދެތިން މަހެންހާ ދުވަހު) ވަރަށްކުރު މުއްދަތެއްގަ އެވެ. ދެން
އަނެއްކާ ވެސް މި މަޤާމު ލިބިވަޑައިގަތީ، ޙާޖީ މުޙަންމަދު ކަލޭފާނަށެވެ. ޙާޖީ
މުޙަންމަދު ކަލޭފާނަށް ދެވަނަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ،
ޝަމްސުއްދީން ރަދުން ރަސްކަމުން ޣަޒުލުކުރެވުނު ފަހުންކަމަށް ބުނެވެ އެވެ.
މިހެންކަމުން ދެފަހަރުމަތިން 31 އަހަރު އޭނާ އެމަޤާމުގައި ހުންނެވި އެވެ.
ޝަމްޝުއްދީން
ރަދުންގެ ރަސްކަމުގެ ކުރީކޮޅު މިއަތޮޅު ވިލިގިލީ އަލްފާޟިލް ކަޅު ޢަލި ދީދީ (ޙަކީމު ދީދީ ގެ ބައްޕަ) ރޭގަނޑު މާލޭ
މަގުމަތީގައި ނިޔާވެފައިއޮތްވާ ފެނިފައިވެ އެވެ. ބުނެވެނީ، ބަޔަކު މަރާލީ ކަމަށެވެ. ޢަލި ދީދީ އަކީ، މާންދޫގޭ
ބޭފުޅުންގެ ފަރާތްޕުޅުގައި ހުންނެވި ބޭފުޅެއްކަމުގައި ބުނެވެއެވެ. އޭރު މާލޭގައި
ވެރިކަމާއިގުޅޭ ސިޔާސީ ކޯޅުންގަޑެއް ހިނގަމުންދިޔަ އެވެ. މި ޙާދިސާ ހިނގިއިރު
ހުވަދު އަތޮޅުގެ އަތޮޅުވެރިޔަކީ، ހަވަރު ތިނަދޫ އަލްފާޟިލް ދިހަރޭ ޙުސައިން
ކަލޭގެފާނެވެ. ނަމަވެސް މިވާހަކަ މި ތާނގައި ލިޔެލީ ހަމައެކަނި މަޢުލޫމާތައްޓަކަ
އެވެ.
އަލްއަމީރު
ޙަސަން ނޫރައްދީނު (2ވަނަ) ރަސްކަމަށް އިސްކުރެވުނީ ޒުލްޤައިދާ 17، 1353ހ. ގައި ޙާޖީ މުޙަންމަދު ކަލެފާނުގެ މި ދަވްރުގަ
އެވެ. މި އުފާވެރި މުނާސަބާގައި އަތޮޅުގައި ކުރެވުނު ކަންކަމުގެތެރެއިން އެންމެ
ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ، އަތޮޅުގެ މީހުންއުޅޭ ރަށްރަށް ސާފުކުރައްވައި
ބައެއް މަގުތައް ހައްދަވައި ރަށްރަށް ޒީނަތްތެރި ކުރެއްވު މެވެ. މިކަމާއި
ޙަވާލުކުރައްވައި އަތޮޅު ތެރެއަށް ފޮނުއްވީ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ އެވެ.
ޙަސަން ނޫރައްދީނު ރަދުންނަށް ކޮލިލެވުނީ އޮގަސްޓް 20، 1938މ. (ޖުމާދައްޘާނީ 24، 1357މ.) ގަ އެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނުގެ މި ދަވްރުގެ ފަހުކޮޅަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ
ދުވަސްވަރު ކަމަށްވާތީ، ބަނޑުހައިހޫނު ކަމުގެ އަސަރު އަތޮޅުގައި ވަރަށް ބޮޑުވެގެން
ދިޔަ އެވެ. ކާޑުގެގޮތުން ވަރަށް ބޮޑަށް ދަތިވެ، ހުވަދު އަތޮޅުން ގާތްގަނޑަކަށް 800 ވަރަކަށް މީހުން
ބަނޑުހައިހޫނުގައި ނެތިގެންދިޔަ ކަމަށްވެ އެވެ. އަތޮޅުގެ އިތުރަށް
މުޅިރާއްޖެއަށްވެސް މިދަތިކަންވަނީ، ފޯރާފައެވެ. މި ދުވަސްވަރު ތެރޭގައި ރަށްރަށާއި ގޯތިގެދޮރުގެ ސާފުތާހިރުކަން
އެކަށީގެންވާ ވަރެއްގައި ހިފެހެއްޓިފައި ނެތުމާއެކު ތަދުމަޑުކަމުގެ ތެރެއަށް
ބަލިމަޑުކަމެއްވެސް ވެރިވި އެވެ. މަރުވެދިޔަ ބައެއް މީހުންނަކީ، ހަމައެކަނި
މަގޫފަތްކެއި ބައެއް ނޫނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ،
ބަލިމަޑުކަމާއި،ހަނގުރާމަކުރަން
ވެސް ޖެހުނު މީހުން ނެވެ.
ދެވަނަ
ބޮޑުހަނގުރާމަ ފެށުމާއި ގުޅިގެން އައްޑު އަތޮޅަށް އިނގިރޭސިން ފައިބައި އެއަތޮޅު
ވިލިނގިލީގައި ތިބި ފައިފަލަ ބަލީގެ މީހުން ހުވަދު އަތޮޅު މަގުއްދޫގައި ތިބޭނޭ
ގެތައް ތައްޔާރުކޮށް އެމީހުން މަގުއްދޫއަށް ގެނައީ އިނގިރޭސީންގެ މަނަވަރެއްގަ
އެވެ. މި ގޭގެ ހެދުމުގެ މަސައްކަތާއި ހަވާލުކުރައްވައި ސަރުކާރުގެ ފަރާތުން
މިއަތޮޅަށް ފޮނުއްވެވީ މާލޭ އަލްފާޟިލް ދޮންމަނިކުގެ ޅަތުއްތު އެވެ. މިރަށަށް
އެމީހުން ގެންދިއުމުގެ ވެރިއަކީ، މާލޭ އަލްފާޟިލް ކުޑަދޮންކަލޭފާ ނެވެ. (ހުވަދު
އަތޮޅު ދެބައިކުރެއް ވުމަށްފަހު ގއ.އަތޮޅުގެ އެންމެ ފުރަތަމަ އަތޮޅުވެރިޔާއަކީ
ކުޑަ ދޮންކަލޭފާނެވެ.) މި މަސައްކަތް މިގޮތަށް ހަމަޖައްސައި ޚާއްޞަ
އެހީތެރިކަމެއްދެއްވި ބޭފުޅަކީ، އޭރު ކޮޅުބުގައި ހުންނަވާ ރެޕްރެޒެންޓެޓިވް އަލްއަމީރު ޙަސަން ފަރީދު
ދީދީއެވެ. މި ހަނގުރާމައިގައި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން
ޢަމަލްކުރަންވީގޮތް ސަރުކާރުގެ ފަރާތުން އަތޮޅުތަކަށް އެންގެވިއެވެ. މިސިޓީ
އަތޮޅުގެ ރަށްރަށުގައި އިއްވުނެވެ. ތިރީގައި އެވަނީ އެ ސިޓީއެވެ.
"
މަޙްކަމަތުއްދާޚިލިއްޔާއިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅުގެ އަތޮޅުވެރީންނަށް
ބަހެއް.
ތިޔަ އަތޮޅު
އަތޮޅުގެ އެންމެހައި މީސްތަކުންނަށް ރަނގަޅަށް ކިޔައިދީ ނަޞޭޙަތާއެކު އަންގާށެވެ.
މި ސިޓީ ލިބުމަށްފަހު އަލުން އެންގުމެއް އަންގާން ދެން ބިގަރެއް ނުވަތަ އެފަދަ
އެހެންއަލިކަމެއްދޭ އެހެންބައްތިއެއްނަމަވެސް ނުދިއްލުމަށް. އަދި އަންގާ ށެވެ.
ކަނޑުން ލައްވެފައިވާ ގޮތްނޭނގޭ ބާވަތުގެ ތަކެއްޗާއި ގާތްނުވުމަށާއި،
ރައްކައުތެރިވުމަށް އަދި އަންގަ މެވެ. ރޭގަނޑުގައި މަތިންދާބޯޓެއް އަންނަކަން
އެގިއްޖެނަމަ ހުރިހައި ބައްތިއެއްވެސް ކުޑަކޮށް ބޭރަށް އަލި ނުފެންނާނޭހެން ހެދުމަށާއި،
ދުވާލެއްގައި މަނަވަރެއް މަތިންދާ ބޯޓެއް ފެނިއްޖެނަމަ މީސްތަކުން އެއްތަނެއްގައި
ބޮޑިވެފައި ނުތިބުން.
ޝަޢުބާން 9، 1358 ހ. (ސެޕްޓެމްބަރ 23، 1939މ.)
ސޮއި:
މުޙަންމަދު
ބުނި ވެލާނާމަނިކުފާނު
(ވަޒީރުއްދާޚިލިއްޔާގެ
ނާއިބް)
ރާއްޖެތެރެއިން
ސަރުކާރަށް ނަންގަވަމުން ގެންދެވި ވާރު ކަނޑުއްވާލެއްވީ ވެސް ހަސަން ނޫރައްދީނު
ރަދުންގެ މި ދަވްރުގައި ޙާޖީ މުޙަންމަދު ކަލޭފާނުގެ އަތޮޅުވެރިކަމުގަ އެވެ. ކުރީ
ޒަމާނުގައި ދީދީ އެވެ، ކިޔާމީހަކު އިންދާ ރުއްގަހުގެ ދެބައިކުޅަ އެއްބައި ނަގާކަމަށް
ބުނެވެ އެވެ. އަދި ހުވަދު އަތޮޅު ވާދޫ ފަސްގަނޑުގައިވީ މީހެއްގެ އަތުން ވާރުދުރޯ
ނެގުމެއް ނޯވެ އެވެ. މިއީ އަލްފަޤީޙް މުޙަންމަދު ޖަމާލުއްދީން (ވާދޫ
ދަންނަކަލޭގެފާނަށްކުރާ) އިޙްތިރާމެއްގެގޮތުން ހިނގަމުންއަންނަ ކަމެއްކަމަށް
ބެލެވެ އެވެ. ޙާޖީ މުހަންމަދު ކަލެފާނުގެ މިދަވްރުގެ ވާދަވެރިކަން ނިމުނީ ރަޖަބް
27، 1362ހ.(ޖުލައި 29، 1943މ.) ގައި މާލޭ އަލްފާޟިލް ބީރު ޢަލި ދީދީއަށް އެ
މަޤާމު ދެއްވުމާއި ގުޅިގެން ނެވެ. އެއީ އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ
ދަވްރަށްފެށި އެކިލެގެފާނު އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ތިނަދޫއަށް
ވަޑައިގެންނެވެ. އޭނާގެ އަރިހުގައި މި ދަތުރުފުޅުގައި އަލްފާޟިލް ޙުސައިން ޢަފީފު
ދީދީ، އަލްފާޟިލް މަލިމް މުޙަންމަދުދީދީ، އަލްފާޟިލް މައުލަވީ މުޙަންމަދު ހަސަން،
އަލްފާޟިލް ވަޑިދޮންމަނިކު، އަލްފާޟިލް ތުޅާދޫގޭ މޫސާ މަނިކު، އަލްފާޟިލް ވީރު ޢަލިދީދީ،
އަލްފާޟިލް ބޮނޑިބަތް ދޮންތުއްތު، ގެންދެވިއެވެ. ވާރުވެރިކަމަށް، ޢާއްމުގޮތެއްގައި އަތޮޅުވެރިކަން ކިޔަންފެށުނީ، އަލްފާޟިލް ބީރު ޢަލި ދީދީގެ އަތޮޅުވެރިކަމުގެ ދަވްރުގަ
އެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނަކީ، އިންސާނިއްޔަތުގެގޮތުން ވަރަށްގިނަބަޔަކަށް އެހީވެދެއްވި
ތަނަވަސް ބޭފުޅެކެވެ. ހަމަމިއާއެކު ދީނީ ކަންކަމަށް ވަރަށް ޚާއްޞަކަމެއް ދެއްވި
އެވެ. ތިނަދޫ ބަރާސީލު އަވަށުގައި މިސްކިތެއް ބިނާކުރެއްވި އެވެ. ތިނަދޫގައި
މީހުން ދެވަނަ ފަހަރަށް ވަޒަންވެރިވުމާއިގުޅިގެން މި މިސްކިތުގެ ނަން އެފަރާތަށް
ނިސްބަތްވާގޮތަށް މަސްޖިދުލްޙާއްޖަ މުޙަންމަދުގެ ނަމުން ނަންދެވިފައިވެ އެވެ. މި
މިސްކިތް މިހާރުވަނީ، މަރާމާތުގެގޮތުން
ބަދަލުތަކެއްގެނެވި މަސްޖިދުލް މައުވާގެ ނަމުން ނަންދެވިފަ އެވެ. މިނޫނަސް އެހެން
ބައެއް މިސްކިތްތަކަށް އެކިވަރުގެ އެހީވެދެއްވި އެވެ. ހުވަދުއަތޮޅު ފަރެހުގެ
ވަރަށްބޮޑު ހުސްބިމެއް (މިހާރު ފަރެހު ކޮޑެދޫ) ގައި ރުއްއިންދަވައި އެތަން
އެރަށުގެ މިސްކިތުގެ ބޯގައަކަށް ހައްދަވައި ދެއްވި އެވެ. އަދި މިއަތޮޅު މެންތަންދޫ
ކިޔާ ފަޅުރަށުގެ ރުއްތައް ދެރަވެ ނެތިދަނިކޮށް އެރަށުގައި އަލުން ރުއްއިންދަވައި
ތިނަދޫ ހުކުރުމިސްކިތަށް އެރަށުން ޚަރަދު ކުރެވޭގޮތަށް ވެސް ހަމަޖައްސަވައި ދެއްވި
އެވެ. ކޮނޑޭގައި ވެސް ރުއްގަނޑެއް އިންދަވައި އެރަށުގެ މިސްކިތުގެ ބޯގައަކަށް
ލެއްވި އެވެ. މާތް ބޮޑެތި އިލްމުވެރީންނަށް ބަހައްޓަވާ އިހްތިރާމާއި ޤަދަރެއްގެ
ގޮތުން މަޝްހޫރު ވާދޫ ދަންނަކަލޭފާނުގެ ޒިޔާރަތް މިހާރު އެހުރިގޮތަށް އާބާތުރަ
ފިލުއްވައި ހެއްދެވީ ވެސް ޙާޖީ މުޙަންމަދު ކަލޭފާނުގެ އަމިއްލަ ޚަރަދުގަ އެވެ.
(ނުނިމޭ)