މަޑަވެލީ މޫސިޔާގެ ޢާއިލާއިން ފަސްވަނަބައި




















ޙާޖީ މުހަންމަދު ކަލޭގެފާނު މީގެފަހުން ހުންނެވީ، ހަވަރު ތިނަދޫ ގޮއިވެރިކަމާއި، އިސްކަތީބެއްގެ މަޤާމުގަ އެވެ. އަތޮޅު ވެރީންނާއި، އަތޮޅުގެ ކަންތައްތަކުގައި ތެދުވެރި އަދި ހީވާގި ޚާދިމެއްގެ ގޮތުގަ އެވެ. ވީރު ޢަލި ދީދީގެ މި ދަވްރުގައި އަތޮޅުގައި އުފައްދަވާފައިވާ ވިޔަފާރި ޖަމްޢިއްޔާގެ ޚަޒާންދަރަކީ ވެސް  މުޙަންމަދު ކަލޭގެފާ ނެވެ. މީނާ އަވަހާރަވީ ދެވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޝަޢުބާން 25، 1370ހ. (މެއި 31، 1951މ.) ވަނަ އަހަރުގަ އެވެ. އޭނާގެ މަޤްބަރާ ވަނީ، މައްޗައްގޮޅީ އާމިސްކިތު ޤަބްރުސްތާނުގަ އެވެ.
އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން!"
(ފާޠުމަތު ޒީދާ ޢަބްދުﷲ/ މަދަރުސާދޮށުގެ، ގދ.ތިނަދޫ)


އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނާއި ބެހޭގޮތުން ފާޠިމަތު ޒީދާ ޢަބުދުﷲ ލިޔުއްވާފައިވާ އެލިޔުއްވުމުގައި، ޙާޖީ މުޙައްމަދު ކަލޭފާނާއި އަދި އެދުވަސްވަރާ ބެހޭގޮތުން ވަރަށްގިނަ މަޢުލޫމާތު ގެނެސްދީފައިވެ އެވެ. އެގޮތުން، އެދުވަސްވަރު އަތޮޅުގެ ވެރިކަމުގެ ދާއިރާގައި ކަންކަން ހިނގަމުންދިޔަގޮތާއި، އަތޮޅުގެ އިޖްތިމާޢީ، ތަޢުލީމީ، ތިޖާރީ، ޞިއްޙީ، ޢިމްރާނީ ކަންކަން ބައްޓަންވެފައިވާގޮތް ވަރަށްސާފުކޮށް ގެނެސްދީފައިވެ އެވެ. އަދި މީގެއިތުރަށް އެދުވަސްވަރު ދިވެހިދައުލަތް ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހުވަދު އަތޮޅުން އެ މަނިކުފާނަށް ފެނިވަޑައި ގެންނެވި މަންޒަރުތަކާއި، އެ އަތޮޅުގެ އޭރުގެ ޙާލަތާއި، މުޙަންމަދު ކަލޭފާނުގެ އަތޮޅު ވެރިކަމުގެ މަސްއޫލިއްޔަތާއި، ބާރުގެމައްޗަށް އަލްއަމީރު މުޙައްމަދު އަމީން ގެންނެވި ބަދަލުތައް (އަމީންދީދީ ލިއުއްވާފައިވާ ސިޓީއެއްކަމަށްވާ) "ކަނޑުން ފިރުކެމުން ވައިން އުނދުހެމުން" މިފޮތުން އެނގެ އެވެ.  އެ ސިޓީގައި އަމީން ދީދީ ލިއުއްވާފައިވާ ބައެއް މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާނެ އެވެ.

ހަވޮއްޑާއަށް ގެންދިއުން
ދިވެހި ރާއްޖޭގައި ފައިލޭރިއާގެ ބަލިމަޑުކަން މާލޭން ދެކުނުގައި ތަންކޮޅެއް ގިނަކަމަށް ފާހަގަކުރެވިފައިވެ އެވެ. މިކަމުގެ ދިރާޘާ އަކާ ހަމަޔަށް ފުރަތަމަ ދެވުނީ ވެސް 1951މ. (1370ހ.) ވަނަ އަހަރުގަ އެވެ. ޑަބްލިއޯ.އެޗް.އޯގެ ފަރާތުން ދުރުވި ބޭކަލަކު ހުވަދު އަތޮޅު ގައްދުއަށް ކުރެއްވި ޒިޔާރަތެއްގައި ޓެސްޓްތަކެއް ހައްދަވައިގެން ނެވެ. އޭރު އެކުރެއްވި ޓެސްޓުގެ ނަތީޖާ ދެއްކީ ރަށުގެ އާބާދީގެ 19 އިން ސައްތައަށް ފައިލޭރިއާ ޖެހިފައިވާ ކަމަށެވެ. (ވިހިވަނަ ޤަރްނުގެތެރޭގައި ދިވެހި ރާއްޖެ އެއްވަނަ ބައި، ޞަފްޙާއިން 118 އިން  129އަށް)

ފައިފަލަބަލީގެމީހުން އެއްވެސް ދުވަސްވަރެއްގައި ހަވޮއްޑާއަށް ގެންދިއަކަމެއް ލިއުމަކުން ނުވަތަ ކިއުމަކުން ކަމަށް ވިއަސް އެނގޭކަށް ނެތެވެ. ހަމައެކަނި އެކަން އެނގެން އޮތީ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ލިޔުއްވާފައިވާ ލިއުމަކުންނެވެ. ޙަސަން ޙިލްމީ އެގޮތަށް ލިއުއްފާއި އެވަނީ، ކުރުމުއްދަތަކަށް ކަމަށް ވިއަސް އެރަށަށް މީހުން ގެންގޮސްފައިވާތީ ކަމަށް ވެދާނެ އެވެ. މިހެނީ، އޭނާއަކީ، އެދުވަސްވަރު ރަށުގެ ވެރިކަމުގެ ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް އެދުވަސް ވަރުގެ ލިޔެކިއުމަށް ލިބެންހުންނަ ވަޞީލަތްތަކަށް ބަލާއިރު ތާރީޚުތަކުގައި ޚިލާފު ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ފައިފަލަ ބަލީގެ މީހުން ހަވޮއްޑާއަށް ގެންދިއުމަކީ، އެކަށީގެންވާ ކަމެއްކަމަށް ބާރުލިބޭ، އަނެއް މަސްދަރަކީ، އައްޑު އަތޮޅު ގަމުގައިވެސް ފައިފަލަބަލީގެ މީހުން އެކަހެރިކޮށްފައި ތިބުމެވެ. އެމީހުން ފަހުން ގެނައީ، ހުވަދު އަތޮޅު މަގުއްދުވަށެވެ. އެ ދުވަސްވަރަކީ، ޙަސަން ޙިލްމީގެ މިދެންނެވި އިދާރީ ދުވަސްވަރެވެ. ފައިފަލަބަލީގެ މީހުން ޢާއްމުންގެތެރެއަށް ދޫކުރާގޮތަށް ހަމަޖެއްސެވީ 1951މ، ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ބެލެވެނީ، ޑަބްލިޔޫ.އެޗް.އޯ އިން ފޮނުއްވި މެޑިކަލް ޓީމަކުން އެ މަސައްކަތް ކޮށްފައި ވަނީ، އެ އަހަރުގެ މާރޗް ކަމަށް ވާތީއެވެ. "އަލްފާޟިލް މުޙަންމަދު އިސްމާޢީލް ފުޅު (ޅ.ނައިފަރު) ލިޔުއްވާފައިބާ ޞިއްޙީ ޚިދުމަތުގައި އިއްޔެއާއި އިހަށް ދުވަސް" އެ ފޮތުގައި މި މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެ އެވެ.

އާދެ! ހުވަދު އަތޮޅު ހަވަރު ތިނަދޫގައި ތިބި ފައިފަލަބަލީގެ މީހުން މާގޮނޑިރެހާއަށް ގެންދިޔައީ 1933މ. ވަނަ އަހަރު (ޙާޖީ މުޙަންމަދު ކަލޭފާނުގެ އަތޮޅުވެރިކަމުގަ) އެވެ. އެ ބައްޔަކީ، ގައިގަޔަށް ފެތުރޭ ބައްޔެއް ނޫންކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން 1946މ. ވަނަ އަހަރު އެމީހުން ރަށަށް ގޮސް ވަޒަންވެރިވީ އެ ރަށްރަށުގެ ބަރާސިލު އަވަށުގަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފައިފަލަބަލީގެ މީހުން ދިރިއުޅޭ އަވަށް ތަކަށް "ބަރާސިލެވެ" ކިޔަންފެށުނީ، އޭގެ ފަހުން ކަމަށް ބުނެވެ އެވެ. ހަވަރު ތިނަދޫގައި ބަރާސިލު އަވަށަށް، އެރަށުގައިތިބި ފައިފަލަ ބަލީގެ މީހުން އެކަހެރިކޮށްފައިވަނިކޮށް، ހަވޮއްޑާ ފަޅުކޮށްފައި އެރަށުންއައި މީހުން، ހަވަރު ތިނަދުވަށް އައުމުން، އެމީހުންގެތެރޭގައިތިބި ފައިފަލަ ބަލީގެ މީހުންނާއި، ހަވަރުތިނަދޫ ބަރާސިލު އަވަށުގައިތިބި ފައިފަލަބަލީގެ މީހުންނާއި، އެ ދެބައިމީހުން ގެންދިޔައީ، މާގޮނޑިރެހާ އަށެވެ. ނަމަވެސް ހަވޮއްޑާއިންއައި، މީހުންގެތެރޭގައިތިބި އެބަލިނުޖެހޭ މީހުން ތިބީ ހަވަރު ތިނަދޫގަ އެވެ. ހަވޮއްޑާއިން މީހުން ފޭބިއިރު ހަވޮއްޑާގައި ދިރިއުޅެނީ ވަރަށް މަދު ބައެކެވެ. ޖުޒާމްބަލީގެ މީހުން ހަވޮއްޑާއަށް ގެންދިޔައީ އެ ރަށުން މީހުން ފައިބައި، ރަށް ފަޅުވެފައި އޮންނަތާ 15 ވަރަކަށް އަހަރަށް ފަހުގައެވެ. (ދޮންތުއްކަލާގެ އައްޑޫ ދަތުރު ޞ167،168 އަދި ޒޫރިޔާގޭ ޢަލީ އިބްރާހީމު ދިން މަޢުލޫމާތުގެ ދިރާޘާ)

ހަވަރު ތިނަދޫގެ ކުރީގެ މިސްކިތްތައް
ފެންނަންހުރި ބައެއް ހެކިތަކަށް ރިޢާޔަތްކުރުމުން ލަފާކުރެވެނީ، ކުރީޒަމާނުގައި ހަވަރު ތިނަދޫގައި އެންމެ ފުރަތަމަ މިސްކިތެއް ބެހެއްޓުނީ، އެރަށު އުޖާލާގޭ އިރުމަތީގައި، އަލިހަނދުވަރުގޭ ގޯތިތެރޭގައިކަމަށެވެ. އެގޮތަށް ލަފާކުރެވޭ ސަބަބަކީ، އެތަނުން އިންދިރާސް ވެފައިވާ މިސްކިތެއްގެ އުސް ފާރުތަކާއި މިސްކިތެއްގެ ތަރަހަ ދެކެފައިވާ މީހުން މިހާރު އެރަށުގައި ތިބުމެވެ. އެގޮތަށް އެކަން ހިނގާފައިވާ ނަމަ ހަވަރު ތިނަދޫގައި ހުރި ބުދުދީނުގެ ފައްޅި ނުވަތަ ވޭރު ނުވަތަ އުސްތޫޕާ ހުރި ތަނަކަށް ވާނީ ވެސް އެތަނެވެ. އެ ގޭގެ ދެކުނަށް ޤަބްރުސްތާނެއް އޮތްކަމުގެ ވެސް އެތަނުން ލިބެއެވެ. ހަވަރު ތިނަދޫގެ ހަނގުރާމަ ހިނގާފައި ވަނީ، އެތަނާއި މާ ދުރުނޫން ހިސާބެއްގައި، ހުޓުކޮޑޭ މިސްކިތް އެހުރި ސަރަޙައްދުގައެވެ. އާދެ! ކުރިން މިދެންވި އަލިހަނދުވަރުގޭ ގޯތިތެރޭގައި ހުރި ބްޑިސްޓް ފައްޅި މުގުރާލައްވައި، އެތަނުގައި އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެވުނީ، އުތީމު ރަދުންގެ ހަވަރުތިނަދޫ ހަނގުރާމައަށް ފަހު، ނުވަތަ ރާއްޖެ އިސްލާމްވުމަށްފަހުގައި ކަމަށް ވެސް ލަފާކުރެވެ އެވެ. ދެން އުފެދޭ ސުވަލަކީ، އެކަން ހިނގާފައި ވަނީ، އުތީމު ރަދުންގެ ޒަމާނުގައި ކަމަށްވާ ނަމަ، ރާއްޖެ އިސްލާމް ވުމަށްފަހު، އުތީމު ރަދުންނާ ހަމަޔަށް އައިއިރު ވެސް ހަވަރު ތިނަދޫގެ މީހުން ތިބީ، އިސްލާމް ދީން ޤަބޫލުނުކޮށް ހެއްޔެވެ؟ ނުވަތަ އެރަށުގައި ބުދުދީން ނުވަތަ ހިންދީ ދީނަށް ތަބަޢަވާ ބަޔަކު ތިބީ ހެއްޔެވެ؟ ނުވަތަ ފިލައިގެން އައި ޣައިރުދީނުގެ ކޮންމެ ވެސް ބަޔަކު އެރަށުގައި ތީބީ ހެއްޔެވެ؟

އާދެ! އެކަން ކޮންމެފަދަ ގޮތަށް އޮތްކަމަށް ވިއަސް، ބޮޑުތަކުފާނު ނުވަތަ އެ ތަކުރުފާނުގެ ހަވަރު ނުވަތަ ސިފައިން އެރަށަށް ވަޑައިގެން އެ ރަށުގައި ތިބި ޣައއިރުދީނުގެ ބަޔަކާއި ހަނގުރާމަކޮށް، އެ ރަށް ހަވަރުގެ ނުވަތަ ސިފައިންގެ ބާރުގެ ދަށަށް ގެނެސް އެރަށުގެ ރައްޔިތުން އަޅުވެތި ކުރެއްވިއެވެ. 1573މ. ން 1979މ. ށް، ގާތްގަނޑަކަށް 406 އަހަރު ވަންދެން އެ ރަށް އޮތީ އެ ނަމުގަ އެވެ. އަދި ރާއްޖޭގެ އެހެނިހެން ރަށްތަކާ ޚިލާފަށް 1580މ ން 1960މ. ށް އެރަށުގެ ރައްޔިތުން ލައްވައި މަސައްކަތް ކުރުވައިގެން ސަރުކާރަށް ވަރަށްބޮޑު ޢާއްމުދަނީއެއް (ޖިޒީ) ނަންގަވާފައިވެ އެވެ.

އަޅުވެތި ކުރުވަނިވި ނަމެއް އޮތްކަމަށް ވިއަސް އެ ރަށުގެ މީހުންނަށް ވެސް އެކަމުގެ ސަބަބުން ޝަރަފުވެރި ނަމަކާއި އަދި ނަފާ ވެސް ލިބެމުން ދިޔަ އެވެ. އެކަމަށް މުޅީން ނިމުމެއް އައީ 1957މ. ވަނަ އަހަރު އައްލަފާޟިލް އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވޑައިގަތުމާއި، ގުޅިގެން، ފަރުދީ ޖީބުތަކުގެ މުއްސަނދިކަމުގެ ބަދަލުގައި، ޖަމާއީ ޖީބުތަކުގެ މުއްސަނދިކަމަށް ޖާގަ ދެއްވުމުގެ ގޮތުން ސަރުކާރު ހިންގެވުމަށް ގެންނެވި ބަދަލުތަކުގެތެރޭގައި ފަޅުރަށްތައް ވަދުވާއަށް ލިޔެދެއްވާ ގޮތަށް ހަމަޖެއް ސެވުމުންނެވެ. ނަމަވެސް ޙަސަން ނޫރައްދީންގެ ރަސްކަމުގައި އަތޮޅުގެ ވާރާއި ރަށްރަށުން ވާރުގެ ގޮތުގައި ނަގާ ތަކެތިވަނީ ކަޑުއްވާލައްވާފައެވެ. ނާޞިރު ގެންނެވި ބަދަލުތަކުގެ ތެރޭގައި އޮޑިދޯނިފަރުން ފީ (މަޢުމޫލް) ނެންގަވައި، މުދަލުން ޑިއުޓީ ނަންގަވާ ގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން ދެބަސްވުންތައް އުފެދުނު ދުވަސްވަރަކީ، އައްޑޫ މައްސަލަ ފުރާވަރަށް އަރަމުން އައި ދުވަސްވަރު ކަމަށްވާތީ، ހަވަރު ތިނަދޫގައި، ދިވެހި ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތާއޮ އައްޑޫ މައްސަލަޔާއި ތިމާގެކަންއުފެދި (އެ ނަމުގައި) ހަވަރު ތިނަދޫން މީހުން ބާލުއްވައި އެ ރަށް، ސަރުކާރުން ދަރަހަނާ ކޮށްލެއްވިއެވެ.
ޑިއުޓީ ނަންގަވަން (މާފަހުން) ބޮޑުވަޒީރު އިބްރާހީމް ނާޞިރު ފެއްޓެވިކަމަށް ވިއަސް 1932މ. ވަނަ އަހަރު ފާސް ކުރެއްވި ޤާނޫނު އަސާސީގައި އެމާއްދާ ލިޔެފައިވެއެވެ. ވަގުތާއި، ޙާލަތު ތަންނުދޭތީ، އެމާއްދާއަށް ޢަމަލުނުކޮށް އޮތީ އެވެ.

އާދެ! ހަވަރު ތިނަދޫގައި ދެވަނަޔަށް ބެހެއްޓުނު މިސްކިތަކީ، ގިނަމީހުންނަށް ހުކުރުނަމާދު ކުރެވޭގޮތަށް (އެރަށުގެ ކުރީގެ ހުކުރު މިސްކިތް މިހާރު އެހުރި ތާނގައި) އިމާރާތްކުރި މިސްކިތެވެ. ފޮޓޯއިން އެފެންނަނީ ކުރީގައި ދެންނެވި މިސްކިތް ފަހުން ބޮޑުކޮށް ޢިމާރާތް ކުރުމުން މިސްކިތުގެ އިރުއުތުރުން މިސްކިތް ފެންނަ ގޮތެވެ. ފޮޓޯއިން މިފެންނަ މިސްކިތް ރާނައި ނިންމީ ޝަޢުބާން 15، 1371ހ. (މެއި 9، 1951މ.) ގަ އެވެ. އެ މިސްކިތުގައި، އުވަޖެހީ ވާރެއިން މިސްކިތުގެ ބޭރުހިޔާކުރުމަށް އެޒަމާނުގެ އޮޅުނދޫ އޮޑިފަހަރުގެ ހަތަރެސްކަން ރިޔާ ދަމައިގެން ހަތަރު ދުވަހުގެ ތެރޭގަ އެވެ. މިސްކިތް ހުޅުއްވައިދެއްވުމަށް ހަމަޖެހި ހުޅުއްވާދެއްވީ (ހަވަރު ތިނަދޫން މީހުން ބޭލުމުގެ ކުރީގައި) އެމިސްކިތް ޢިމާރާތްކުރެއްވުމުގެ މަސައްކަތް އިސްކޮށް ބަލަހައްޓަވައި ހިންގެވި އޭރުގެ ހަވަރުތިނަދޫގެ ކަތީބެއްކަމަށްވާ ޖަނަވަރީގޭ ޙަސަން ޙިލްމީ (ތުއްތުކަތީބު) އެވެ. މި ފޮޓޯ ނަގާފައި ވަނީ 1959މ. ޖުލައިގަ އެވެ. ތިނަދޫގައި މިހާރު ފެންނަންހުރި ކުރީގެ ހުކުރު މިސްކިތަކީ، ހަވަރު ތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރިވުމަށްފަހު، އެ މިސްކިތުގެ ފުރާޅާއި މޫނުމައްޗާއި ވަށައި ކުޑަދޮރުތަކަށް ބަދަލުގެނެސް މަރާމާތުކުރެވި (ސަރުކާރުން ތަކެތި ދެއްވައިގެން) ފެބްރުއަރީ 8، 1979މ. ގައި ހުޅުވައި ނަމާދުކުރަންފެށުނު މިސްކިތެވެ.

ނޯޓް: 1962މ. ވަނަ އަހަރު އެރަށު މީހުން ބޭލުމަށްފަހު އެއްވެސް ކަހަލަ މަރާމާތެއް ނުކޮށް ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަސްފަސްނެތިފައި ވަނިކޮށް (ސަރުކާރުން ތަކެތިދެއްވައިގެން) ރައްޔިތުންގެ މަސައްކަތުން އައުބައުތުރަފިލުވީ 1979މ. ވަނައަހަރު އެވެ. ފަހުގެ ތާރީޚެއްގައި އެންމެ ފުރަތަމަ ސަރުކާރުން ތަކެތިދެއްވި މިސްކިތަކީ، އެ މިސްކިތެވެ. ހަވަރު ތިނަދޫގައި ތިންވަނައަށް ޢިމާރާތްކުރި މިސްކިތަކީ، ހުޓުކޮޑޭ މިސްކިތްކަމަށް ބެލެވެ އެވެ. ހަވަރުތިނަދޫން މީހުން ބޭލުމުގެ ކުރިން (އެންމެ  ފަހުން) އެ މިސްކިތް މަރާމާތުކުރެއްވީ، ޢަބްދުﷲ ކަތީބުކަމަށް ބުނެވެ އެވެ.}
(ނުނިމޭ)