މަޑަވެލީ މޫސިޔާގެ ޢާއިލާއިން - ހަވަނަބައި




















ބުނެވޭގޮތުގައި އުތީމު ބޮޑުތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގެންތާ ކައިރީގައި ހުވަދުއަތޮޅަށްކުރެއްވި ދަތުރު ފުޅެއްގައި ހަވަރު ތިނަދޫއަށް ވަޑައިގެންނެވި އެވެ. މި ދަތުރުފުޅާއިމެދު ހުވަދު އަތޮޅުގެ ކުރީގެ މީހުންގެ ދިރާސާތަކުން ފެންނަ އެއްގޮތަކީ ބޮޑުތަކުރުފާނު މާލެ ހިއްޕެވިއިރު އެކިރަށްރަށުގައި ތިބި ޕޯޗްގީޒުންގެ ތެރެއިން ފިލައިގެންދިޔަ މީހުން ކޮބައިތޯ ބައްލަވައި، އެމީހުން ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށްވުން އެކަށީގެންވާ ކަމަށެވެ. އަނެއްގޮތަކީ، ޕޯޗްގީޒުންގެ ވެރިކަމުގައި އިސްލާމްދީނުގެ މައިގަޑު އަސާސްތައް ބަލިކަށިވެފައިވާތީ، އެކަންކަން އެކަންކަން ރަނގަޅުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.


ރާއްޖެ އިސްލާމްވީ ފަހުން ގިނަ އަހަރުތަކެއް ވެފައި ވަނިކޮށް ޕޯޗްގީޒުން ރާއްޖެއަށް ވެރިވުމުން އެމީހުން މަޖްބޫރީ، ގަދަފަދަ ލާދީނީ އަދި ލާއިންސާނީ އަނިޔާއާއި، ރައްޔިތުންގެ ކިބައިން ބަދަލުހިފުމުގެ ސަބަބުން، އެހާތަނަށް އައި އިރު ހުވަދު އަތޮޅުގައި ދެމިއޮތް އިސްލާމީ ދަންމަރުގެ އަލިކަން ފަނޑުވެ ނެތިހިނގައިދާނެ ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. މީގެ މާނައަކީ ޣައިރުދީނުގެ (ބުދުދީނުގެ ނުވަތަ ހިންދީ ދީނުގެ ކޮންމެވެސް ބައެއް އެ އަތޮޅުގައި ނޫޅޭވާހަކައެއް ނޫނެވެ. މިހެން މި ދެންނެވީ، ހުވަދުއަތޮޅުގެ އެދަތުރު ފުޅުން އެބުރި ބޮޑުތަކުރުފާނު މާލެވަޑައިގަތްތާ ކައިރީގައި ޝިރުކާއި ބިދުޢައިގެ ކަންތައްގަޑެއް ހަވަރު ތިނަދޫގައި އަލުން ފެށުނު ކަމަށް ބުނެވޭތީ އެވެ. ބައެއް ފަރާތްތަކުން ލަފާކުރަނީ، ފިލައިގެންދިޔަ ޕޯޗްގީޒުންގެ ލަޝްކަރުގެ ބަޔަކު ފިލައިތިބި ތަންތަނުން ނުވަތަ ފަޅުރަށް ރަށުން ވިޔަސް އެބުރި އަނެއްކާ އެކިރަށްރަށަށް ދިޔަދިޔުމުގައި ތިނަދޫއަށް ވެސް ދިޔަ ކަމަށެވެ. ކޮންމެއަކަސް މިޚަބަރެއް މާލެއަށް ލިބުމުން މާލެއިން ހަވަރު (ލަޝްކަރީން) ފޮނުއްވައިގެން އެރަށުގައި ތިބި ބުދުދީނުގެ މީހުންނާއި ހަނގުރާމަ ކުރައްވައި އެމީހުން ޤަތުލުކުރެއްވީކަމަށް ބުނެވެ އެވެ. އެ ހަނގުރާމައިގައި މަރުވެދިޔަ ކާފަރުންގެ ހަށިތައް ވަޅުލެވިފައިވަނީ ހުޓިކޮޑޭ މިސްކިތާއި މާދުރުނޫން ހިސާބަކުން އުތުރުފަރާތުން ގޮނޑުދޮށާއި ކައިރީގަ އެވެ. ފަހުން އެސަރަޙައްދު ގިރައިގެންދާގޮތް ވުމުން އެގޮތްމިގޮތަށް ވަޅުލެވިފައިވާ އިންސާނީ ބިޔަ ހަށިތަކެއްގެ ވަރަށް ބޮޑެތި ކަށިތައް ފެނިފައިވެ އެވެ. މިކަށިތައް ދުށްމީހުން މިހާރު ވެސް ތިނަދޫގައި އެބަތިބޫ އެވެ. (ޢަބްދުﷲ ޙިލްމީ ގދ.ތިނަދޫ/ މަދަރުސާދޮށުގޭ)

މީލާދީން 1692 ވަނަ އަހަރު ރަސްކަމުގެ ތަޚްތުގައި ރެދަލިކުރެއްވި އައްސުޠާން މުޙަންމަދު ޢަލީ ބިން އަލްޙާއްޖަ ޢަލީ ތުއްކަލާ (ދެއްވަދޫރަސްގެފާނު) ގެ ބޮޑުދައިތާފުޅު ދޮންދަލޭކާ ކަނބުލޭގެފާނު އަވަހާރަވީ އެކަމަނާގެ ކޮއްކޯފުޅު ދެއްވަދޫ ރަސްގެފާނު ހަވަރުތިނަދޫގައި ބިނާކުރައްވަން ފެއްޓެވި ހުޓުކޮޑޭމިސްކިތް (މިހާރު މަސްޖިދުލް ސުލްޠާން މުޙައްމަދު) ބިނާކުރެއްވުމުގެ މަސައްކަތް ބެއްލެ ވުމަށް ހަވަރުތިނަދޫއަށް ވަޑައިގެން އުޅުއްވަނިކޮށްނެވެ. އެކަމަނާ އަވަހާރަވުމުން ފަސްދާނުލެވިފައިވަނީ ހުކުރު މިސްކިތުގެ އުތުރު ފަރާތުގައިވާ ބިސްތާނައިގަ އެވެ. (ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު،ޞ1،2)

ހުޓުކޮޑޭ މިސްކިތަކީ، އެޒަމާނުގެ ފަންނީ ހުނަރުވެރިކަމާއެކު، ޢިމާރާތްކޮށްފައިވާ ތާރީޚީ މިސްކިތެކެވެ. ފަހުން އެމިސްކިތް ބޮޑުކުރެއްވިއިރު މިސްކިތުގައިހުރި އާޘާރީ ބައެއްތަކެތި (ހައިވަކަރު ބެރިތަކާއި، ތަނބުތަކާއި، ފިލާތަކާއި އަދި މިނޫނަސް އެފަދަ ބައެއްތަކެތި) ވަނީ، މިސްކިތުގެ ވެވަށްއަޅައި ވެވާއެކުވަނީ ފޮރުވާފަ އެވެ. އެ ވެއު މިހާރުވަނީ، އެދިމާއިން ބޯޅަދަނޑުތެރޭގަ އެވެ. މަސައްކަތެއްކޮށްގެން އެތަކެތި ފެނިއްޖެނަމަ އެއީ ތާރީޚީ ހެކިތަކެއް ލިބިދާނެ ތަކެތި ކަމަށް ވެދާނެއެވެ. މި މިސްކިތުގެ އިތުރު ތަފްޞީލް ކުރިން ލިޔެފައިވާނެއެވެ. ދެއްވަދޫ ރަސްގެފާނުގެ ޒަމާނުގައި ޢިމާރާތްކުރެއްވި ހުޓުކޮޑޭ މިސްކިތަށް ފެންޑާއެއް އިތުރުކުރައްވައި އިތުރުމަރާމާތު ކުރައްވައި ބޮޑުކުރެއްވީ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގައި އޭނާއާއި ހަވަރުތިނަދޫ އިސްމާޢީލް ޙާޖީ މެން އިސްކޮށް ތިއްބަވައިގެންނެވެ. މި ފޮތުގައިވާ ފޮޓޯއިން އެފެންނަނީ އެމަރާމާތުގެ ފަހުން މިސްކިތުގެ ތަރަހައަށް ބަދަލެއް ނުގެންނަވައި (ހަވަރު ތިނަދޫ ޢަބުދުﷲ ކަތީބު ކުރެއްވި މަރާމާތަށްފަހު) ހަވަރު ތިނަދޫގެ ދެވަނައާބާދީ އައިސް މިސްކިތް ބޭނުންކުރަމުން ދިޔައިރުގެ ފޮޓޯއެކެވެ. ދެވަނަ އާބާދީ އައިސް ކުޑަކުޑަ މަރާމާތެއްކުރިޔަސް މިސްކިތުގެ ބޭރު ސިފައަށް މާބޮޑު ބަދަލެއް ގެނެވި ފައިނުވެ އެވެ. ނަމަވެސް މިހާރު ފޮޓޯއިން ފެންނަ މިސްކިތަކީ، ކުރިންހުރި މިސްކިތް ނައްތާލައި މުޅީން އަލަށް ހަދާފައިވާ މިސްކިތެކެވެ. ކުރީގެ މިސްކިތަށްވުރެ ބޮޑުކޮށްފައެވެ. ފަހުން ބޮޑުކުރިއިރު، މިސްކިތުގެ ބޭރުފާރު އެވަނީ، ކޮންމެވެސް ވަރަކަށް ބޭރަށް ދަމާލެވިފަ އެވެ.

އެންމެ ކުރީގައި ދެއްވަދޫ ރަސްގެފާނު އެތާގައި މިސްކިތް ޢިމާރާތްކުރިތާ އެތައްއަހަރެއްގެފަހުން ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅަށް މުނިމާމަ ވިދާޅުވާ ބޭފުޅެއްކަމަށްވާ ދެއްވަދޫ އިސްމާޢީލް ދީދީ ހަވަރުތިނަދޫއަށް ވަޑައިގެން އެރަށުގައި ވަޒަންވެރިވެ ވަޑައިގަތެވެ. ކައިވެނިކުރެއްވީ ވެސް ޙާޖީ މުހައްމަދު ކަލޭގެފާނާއި ދެބެންގެދެދަރި ހަވަރު ތިނަދޫގެ ބޭކަނބަލަކާ އެވެ. ދަލިކާފާނު (ޒުލޭޚާ) އާ އެވެ. އެ ދެ ކަނބަލުންގެ ވަރަށް ބޮޑު ދަރިފަސްކޮޅެއް އެރަށުގައި އެބައޮތެވެ.

އާދެ! ކުރީޒަމާނުގައި ކަންހިނގަމުންދިޔަގޮތަށް ބަލާއިރު މަރުވާމީހުން ވަޅުލަނީ، މިސްކިތްތަކާ ގުޅިފައިވާ ޤަބުރުސްތާނުގަ އެވެ. ޤަދަރުވެރި މާތްމީހުން މިސްކިތާއި ވީހާ ގާތުގައި ވަޅުލަ އެވެ. މިސްކިތުގެ ވޮށުއަލިކަން ފެންނަ ހިސާބުގައި ވަޅުލައެވެ. ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅު ހަވަރުތިނަދޫ ހުކުރުމިސްކިތު ޤަބްރުސްތާނުގައި ފަސްދާނުލެވުނީ، މިހާރުގެ ހުކުރުމިސްކިތް އެހުރި ތަނުގައި އެދުވަސްވަރު މިސްކިތެއް ހުރުމާއި އަދި ދެއްވާދޫ ރަސްގެފާނު ބިނާކުރައްވަން ފެއްޓެވި މިސްކިތް ވެސް ނިމިފައިނުވާތީ ކަމަށް ލަފާކުރެވެ އެވެ. މިދެންނެވި ހުކުރުމިސްކިތް (މަސްޖިދުއް ސުލްޠާން މުޙަންމަދު) އެއީ އެރަށުގައި ޢިމާރާތްކުރެވުނު ދެވަނަ މިސްކިތެވެ. މިހާރު ފެންނަން އެހުރި ހުކުރުމިސްކިތަކީ ފުރަތަމަ ފަރަށް އެރަށުގައި ޢިމާރަތްކުރި މިސްކިތުގެޖާގަ ކުޑަވެ (ޖާގަ އިތުރުކޮށް) ޢިމާރާތްކުރި މިސްކިތެއް ކަމަށް ޤަބޫލުކުރެވެ އެވެ. އަދި އެދުވަސްވަރު ކަންކަން ހިނގާފައިވާގޮތަށް ރިޢާޔަތް ކުރާއިރު ބެލެވެނީ، މިހާރު ފެންނަށްއެހުރީ، މިދެންނެވި ހުކުރުމިސްކިތުގެ ފުރަތަމަ ތަރަހަމަތީގައިކުރެވުނު ދެވަނަ ޢިމާރާތް ކަމަށެވެ. ލޯމާފާނުތަކުން އެނގޭގޮތުގައި، ރާއްޖެ އިސްލާމްވުމަށްފަހު، މިސްކިތްތައް ބިނާކުރީ، އެޒަމާނުގައި ޣައިރުދީނަށް އަޅުކަން ކުރަން ހަދާފައިހުރި ތަންތަން މުގުރާލައި އެ ތަރަހަތަކުގެ މަތީގަ އެވެ. އެގޮތުން އެންމެ ޒަމާންވީ ތަރަހައެއް ފެންނަ ތަނަކީ، ހަވަރުތިނަދޫގެ މިހާރުގެ އަލިހަނދުވަރުގޭ ގޯތިތެރެއިންކަމަށް އެރަށުގެ ހަރުމީހުން ބުނެއެވެ. އަދި ޣާޒީބަންޑާރައިންގެ ދުވަސްވަރު އެ ރަށުގައި ހިނގާފައިވާކަމަށް ބުނެވޭ ހަނގުރާމަ ހިނގާފައިވާ ސަހަރަޙައްދަކީ، އެތަނާއި މާދުރުނުން ހިސާބަކަށްވާތީ، އެރަށުގައި ފުރަތަމަ މިސްކިތެއް ޢިމާރާތްކުރެވުނީ މިދެންނެވި ތަނުގައިހުރި އެފަދަތަނެއް މުގުރާލުމަށްފަހު އެ ތަރަހައިގެ މަތީގައި ކަމަށް ވެސް  ބެލެވޭނެ ފުރުޞަތު ވަރަށްބޮޑެވެ. ކޮންމެއަކަސް ޙާޖީ މުޙަންމަދު ކަލޭފާނުގެ ޙައްޖު ދަތުރުފުޅު ނިންމަވާލެއްވުމަށް، ރަށަށް ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، އެރަށުގެ ހުކުރުމިސްކިތް (މަސްޖިދުއްސުލްޠާން މުޙައްމަދު) އަލުން މަރާމާތުކޮށް ބޮޑުކުރެއްވު މެވެ. އެއީ އެ މިސްކިތް ބޮޑުކުރެވު 3 ވަނަ ފަހަރެވެ.


ކުރީގެ ހުކުރުމިސްކިތަކީ ލާފެންކޮށްގެން،ލާގެބަހައްޓައި، އެޒަމާނާ އެއްގޮތަށް ހަދާފައިވާ ވަރަށްރީތި މިސްކިތެކެވެ. ފަހުން މިސްކިތް ބޮޑުކުރައްވައި، މަރާމާތުކުރެއްވިއިރު މިސްކިތުގެ ތަނބުތަކާއި ފިލާތަކާއި، ބެރިތަކާއި، ހިރިގަލުން ހަދާފައިވާ ތަކެތި، އެމިސްކިތުގެ 2 ވެވަށްއަޅައި އެވެއުތައް ވަނީ، ފޮރުވާލެވިފަ އެވެ. މަސައްކަތެއް ކޮށްފިނަމަ، މިއީވެސް ތާރީޚީ ޚަޒާނާއެއް ކަމަށް ވެދާނެއެވެ. މިހާރު ބަންދުކޮށްފައި އެހުރި މަސްޖިދުއްސުލްޠާން މުޙައްމަދު 3 ވަނަ ފަހަރަށް ބޮޑުކޮށް  މަރާމާތުކުރިއިރު އަލަށް އިތުރުކުރެވުނު ސަރަހައްދުން، މަދުޢަދަދެއްގެ މިނިކަށިތައް ފެނިފައިވެ އެވެ. ނަމަވެސް މިބަޔަކީ،  އެދުވަސްވަރު ނަމާދުކުރަން އިތުރުކުރި ބައެއް ނޫނެވެ. އަދި ހިޔާކޮށްފައިވާ ބައެއް ވެސް ނޫނެވެ. އެ ބައި އިތުރު ކުރެވުނީ، އިޙްތިރާމްކުރާ މީހުން ވަޅުލުމަށެވެ. ފަހުގެ މީހުންނަށް އެކަން ނޭގި އެބައި ހިޔާކޮށް މިސްކިތުގެ ބަޔަކަށް ހެދުނީއެވެ. ވީމާ، އެ ޤަބުރުތައް ނެގުމުން ނުވަތަ އެބައި މިސްކިތާއި ވަކިކުރުމުން އެކަން އެނިމުނީ އެވެ. މިސްކިތުގެ ކުރީގެ ތަރަހައިގައި އެއްވެސް ގަބުރެއް ނުވާނެކަމަށް ކުރީއްސުރެ އެގިފައިވެ އެވެ. ޝައްކެއްވާނަމަ ބެލިވެސްދާނެ އެވެ. މިދެންނެވި ބަޔަކީ، މިސްކިތުގެ ވަށައިގެން އަށެއްކަ ފޫޓު ބޮޑުމިނުގެ ސަރަހައްދެކެވެ. މި ފޮތުގައި ފުރިހަމަ ތަފްޞީލް ނުލިއުނެއްކަމަކު، އެ މިސްކިތް 3 ފަހަރެއްގެމަތިން ބޮޑުކުރެވުނުގެ ގޮތުގައި ބައެއް ތަފްޞީލްތައް ކޮންމެވެސް މިންވަރަކަށް އަޅުގަނޑަ އެނގިފައިވެ އެވެ.


އާދެ! އެ މަޢުލޫމާތުގެއަލީގައި ދެންނެވެންއޮތީ، ފުރަތަމަ އެ މިސްކިތް ބޮޑުކުރެވުނު ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ކުރިން މަރާމާތުކޮށްފައިވަނިކޮށް، ޙާޖީ މުޙަންމަދު ކަލޭފާނުގެ ޙައްޖު ދަތުރަށްފަހު، އޭނާގެ މޭސްތިރި ކަމުގެ ދަށުން އެދުވަސްވަރުގެ މުއްސަނދީގެ އެހީތެރިކަމާއެކު، މިސްކިތް ބޮޑުކުރެވުނެވެ. އެފަހަރު މާބޮޑަށް ބޮޑުކުރުމުގެ ސަބަބުން މިސްކިތުގެ ކުރީގެ ލާގެ ބެސް މުޅިން ރޫޅައި އަލުން އެހެންގޮތަކަށް ބަދަލުކުރެވުނެވެ. އެ ލާގޭގައި ބޭނުންކޮށްފައިވާ (ލިޔެފައިވާ) ހައިވަކަރު ބެރިތައް ވަޅުލީ ނުވަތަ އަޅާފައިވަނީ، އެ މިސްކިތުގެ އިރުމައްޗާއި އަދި އިރު އުތުރުގައި ހުރި ދެ ވެވަކަށެވެ. ހަމަ އެދުވަސްވަރު ކުރެވުނު އަނެއް މަސައްކަތަކީ، ހުޓުކޮޑޭ މިސްކިތް (ދެއްވަދޫ ރަސްގެފަނު ބިނާކުރެއްވި މިސްކިތް) ގެ ލާގެ ވެސް ރޫޅާލައި އެ މިސްކިތުގެ ދެކުނުގައި (މިހާރުގެ ބޯޅަދަނޑުގެ އުތުރުކޮޅުގެ ގޯލުދަނޑީގެ ހުޅަނގުގައިހުރި ވެވަކަށް އެޅީ އެވެ. އެ ގޮތުން އެ މިސްކިތުން ބައެއް ވެސް މިހާރު އެވަނީ، މަދު ޤަބްރުތަކެއްގެ މަތީގަ އެވެ. އާދެ! މިދެންނެވި 3 ވެވަކީ، ތާރިޚީ ޚަޒާނާއެއްކަމަށް ވާނެކަން ކަށަވަރެވެ! ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ބަޔަކު އެ މުހިންމު މަސައްކަތްކުރާނެކަމަށް އުންމީދު ކުރެވެ އެވެ.

ޙާޖީ މުޙަންމަދު ކަލޭގެފާނުގެ ޙަޔާތްޕުޅާމެދު

ހުވަދުއަތޮޅުގައި އެންމެގިނަ ދުވަހު ވާރުކުރެއްވި (އަތޮޅުވެރިކަން ކުރެއްވި) ހަވަރުތިނަދޫ ޙާޖީ މުޙަންމަދު ކަލޭގެފާނަކީ، އަތޮޅާއި ރާއްޖޭގެ ނިސްބަތުގައި ބެލިކަމަށް ވިޔަސް އާދަޔާއިޚިލާފު ޝަޚުޞިއްޔަތެއްކަމަށް ޤަބޫލުކުރަން ޖެހެ އެވެ. ފަރުދެއްގެ ނިސްބަތުގައި އެއަށްވުރެގިނަ ކަންކަން ރަގަޅު ފެންވަރެއްގައި ކުރައްވާފައިވާ، އަނެއް ބޭފުޅަކު، އެޒަމާނުގައި ރާއްޖޭގައި ހުރެދާނެ ކަމާމެދު ވެސް ސުއާލު އުފެދެ އެވެ. މި ވަރުގަދަ ޝަޚުޞިއްޔަތު ދެކިފެނި، ތަޖުރިބާ ކުރެވިފައިވާ މީހުން އަދިވެސް ތިނަދޫއާ، އެހެން ތަންތާގައި ވެސް އެބަ ތިބޫ އެވެ. އެފަދަ ބައެއް މީހުންގެ ފަރާތުން އެނގޭގޮތުގައި ހަވޮއްޑާއި، ހުނަދޫގައި ތިބި ޖުޒާމް ބަލީގެމީހުންނާއި އަދި އެނޫން ރަށްރަށުގައިތިބި ފައިފަލަބަލީގެ މީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައިވެސް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ. ޖުޒާމްބަލީގެ މީހުން ބުނާގޮތުގައި  އެ މީހުންނަށް ކުރިމަތިވި އެންމެ ހީނަރު  ދުވަސްވަރަކީ، ހަވަރު ތިނަދޫ  ފަޅުވެފައި އޮތް ދުވަސްވަރެވެ. އެދުވަސްވަރު މަހެއްގެމައްޗަށް ހަމައެކަނި 3 ލާހި ހަނޑޫ ވެސް ލިބިފައިވެ އެވެ. އެތައްބަޔަކު ހައިހޫނުކަމުއި އެ ދެ ރަށުގައި ވަނީ، ދުނިޔެ ދޫކޮށްފައިވެ އެވެ.
(ނުނިމޭ)