ހުވަދުއަތޮޅުގެ
ތަޢުލީމުގެ ބާނީ
އާދެ!
އެބޭފުޅެއްގެ މަޢުލޫމާތު، މިފޮތުގައި އަޅުގަނޑު ގެނެސްދީފައިމިވާ ބޭފުޅަކީ، ދެފަހެއްގެ މަތީން 31
އަހަރު ހުވަދު އަތޮޅުގެ ވާރުވެރިކަމާއި، ފަހުން އަތޮޅުވެރިކަން
ކުރެއްވުމުގެ އިތުރަށް ތަފާތު އެތައް ކަމެއްގައި، އެންމެ އިސްދަވްރެއް
އަދާކުރައްވާ ފައިވާ، ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނު
(ޢާއްމުނަމުން މަޝްހޫރުވެފައިވާ ކަޅުބެއްޔާގެ ރެކިބެއްޔާ) ގެ ޙަޔާތުން ބައެކެވެ.
އެ މަޢުލޫމާތުކޮޅު އަޅުގަނޑުމެންނާއި ހަމަޔަށް ވާޞިލްވުމުގައި މުހިއްމު ދައުރެއް
އަދާކުރީ ގދ.ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ (ތުއްތުކަތީބު)
ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ޙަސަން ޙިލްމީއަކީ، ދުނިޔެ ތަޙައްމަލް ކޮށްފައިވާ ވަރަށްބިރުވެރި ދަތި
އުނދަގޫ ދުވަސްވަރެއް ކަމަށްވާ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ރަނގަޅަށް
ދެކެވަޑައި ގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ، އެދުވަސްވަރު ހުވަދު އަތޮޅު
ހިންގުމުގެ ޢަމަލީ މައިދާނުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި
ބޭފުޅުންގެ ތެރެއިން މުހިއްމު ބޭފުޅެކެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނަކީ، އޭނާކުރެއްވި ވެރިކަމުގެ ގޮތުންނާއި އަމިއްލަފުޅު ގޮތުން ހުވަދު އަތޮޅަށް
ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ގޮތުން ވަރަށްޙާއްޞަ ބޭފުޅެކެވެ. ޝަޚުޞީގޮތުން
ވިދުންގަދަ ޝަޚްޞެކެވެ. އާދެ! އޭނާއަކީ، ހުވަދު އަތޮޅުގައި ފާހަގަކޮށްލެވޭ
ޝަޚްޞިއްޔަތްތަކުގެ އެންމެ އުސް ކުންނެވެ. ހުވަދު އަތޮޅަށް ޢާއްމުކުރައްވައިގެން
ތަޢުލީމީ ހިޔާވަހި ކަމެއްގެ ބިންގާ އެންމެ ފުރަތަމަ އަޅުއްވައިދެއްވީ ވެސް އޭނާ
އެވެ. ވީމާ، އޭނާގެ ނަން "ރަންއަކުރުން" ފާގަކޮއްލަން ޖެހެއެވެ. ހުވަދު
އަތޮޅުގެ ތަޢުލީމަށްޓަކައި، އޭނާ އެ އެޅުއްވި ބިންގަލަކީ ނުވަތަ އެ ޢިމާރާތަކީ،
ޚާއްޞަކޮށް ހަވަރުތިނަދޫ ޢާއްމުކޮށް ހުވަދު އަތޮޅުގެ ތަޢުލީމަށްޓަކައި އެންމެ
ފުރަތަމަ ހުޅުއްވެވި "އެދުރުވެހި" ކަމަށްވާ
"މަދަރުސަތުލްއަޞްބާޙު" އެވެ. އެފަޚްރުވެރި ތާރީޚާކީ ޖުމާދިލް އައްވަލް
17، 1350ހ. (އޮކްޓޫބަރ 2، 1931މ.) އެވެ.
އާދެ! ޢަރަބި
ތަޢުލީމަކީ، އެދުވަސްވަރު ވެސް އަދި މިދުވަސްވަރު ވެސް މާލެފިޔަވައި އަތޮޅުތަކަށް
އެހާ ޢާއްމު ތަޢުލީމެއް ނޫންކަމަށް ވިއަސް އެ ތަޢުލީމު ވެސް އެމަދަރުސާގައި އޭނާ
ވަނީ، ފައްޓަވާ ދެއްވާފަ އެވެ. އޭގެ
ފަހުން މި މަދަރުސާގެ ނަން ދެފަހަރަށް ބަދަލުވި އެވެ. ފުރަތަމަ ބަދަލުވީ
"މަދަރުސަތުސުބުލައްސަލާމް" މި ނަމަށެވެ. "ދޮންތުއްކަލާގެ އައްޑު
ދަތުރު" މި ފޮތަށް ރިޢާޔަތްކުރުމުން، އެ މަދަރުސާގެ ރަންޒަމާނަކީ 1950މ. އާއި
1954މ. އާއި ދެމެދުގެ ދުވަސްވަރެއް ކަމަށް ލަފާކުރެވެ އެވެ. އެ މަދަރުސަގެ ނަން
ދެން ބަދަލުވީ "މަދަރުސަތުލްއަމީރުއިބްރާހީމް" މި ނަމަށެވެ. އަމީރު
އިބްރާހީމްގެ ނަން ނިސްބަތްވާ ފަރާތަކީ، ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ.
ހަވަރުތިނަދުވަށް ވަޑައިގެން އެ މަދަރުސާ ހުޅުއްވައިދެއްވީ އެ ކިލެގެފާނެވެ. އޭނާ
ބޮޑުވަޒީރުކަންކުރެއްވީ މާރޗް 11،1954މ. (ރަޖަބް 5،1373ހ.) ޑިސެމްބަރ 12،1957މ.(ޖުމާދަލް އައްވަލް 20، 1377ހ.) ށެވެ.
މަދަރުސަތުލްއަޞްބާޙުގެ
ފުރަތަމަ ނާޒިރަކީ، އައްޝޭޚު
މުޙައްމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. އޭނާއަކީ، އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުން (ރާއްޖޭގައި)
ދަސްވެނިވި ބޭފުޅެކެވެ. މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ދެކުނުގޭ
ދޮންމަނިކަކީ، ޑިގްރީ ހޯލްޑަރެކެވެ. ހުވަދުއަތޮޅު ރަށްރަށަށް ތަޢުލީމާއި،
ތަހްޒީބާއި، ތަމައްދުނު ގެންގޮދިން އިސް މޭސްތިރީންނަކީ، ނުވަތަ
އުސްތާޒުންނަކީ، ދެކުނުގޭ ދޮންމަނިކުގެ ނާޒިރުކަމުގެ ދަށުން ދަސްވެނިވި ބޭފުޅުން
ނެވެ. މި ދެންނެވި ތަޢުލީމާއި، ތަހްޒީބާއި، ތަމައްދުނު އެޢިމާރާތެއްގެތެރޭގައި ބައްޓަންވެގެންދިޔަ
ޢިމާރާތުގެ ބާނީއަކީ، އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނެވެ. އޭނާއަކީ،
ލާމަޘީލު ޝަޚްޞިއްޔަތެކެވެ. އަގުހުރި ޤަވްމީ
ބަޠަލެކެވެ. އޭނާގެ މަތިވެރި ޒިކުރާއަށް ނިމުމެއް ނެތެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނު ފައްޓަވައިދެއްވި މަދަރުސަތުލްއަޞްބާޙުގެ ނަން ކުރިން
މިދެންނެވި ގޮތަށް ނަން ބަދަލު ކުރެވެމުންގޮސް އަލްމަރުޙޫމް ޢަބްދު ﷲ ކަތީބު
(ހިރިހަމައިދިގޭ ޢަބްދުﷲ މޫސާ މަނިކުފާނު) އިސްކޮށް ހުންނަވައިގެން
މަދަރުސަތުލްއަމީރުއިބްރާހީމުގެ ނަމަށް ނަން ބަދަލުކުރެވުނު މަދަރުސާގެ ކިޔެވުން
ނިމުމަކަށް އައީ ފުރަތަމަ ފަހަރަށް ސަރުކާރާ ދެކޮޅަށް ހަވަރުތިނަދޫގައި ކުރި
ބަޣާތާއި ގުޅިގެން އޭރުގެ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރު އެ ރަށަށް
ވަޑައިގެން ޖުލައި 17، 1959މ.
(މުޙައްރަމް 12، 1379ހ.) ހުކުރު
ދުވަހު ސަރުކަރުގެ ބާރުގެދަށަށް އެ ރަށް ގެނައުމާއި ގުޅިގެން ނެވެ. ހައިވަކަރާއި،
ސައްކެޔޮލަކުޑި ބޭނުންކޮށްގެން ރަނގަނޅު ފެންވަރަކަށް ހަދާފައިވާ 90 ފޫޓް 60
ފޫޓުގެ މި ޢިމާރާތުގައި އޭގެފަހުން ހިނގަމުންދިޔައީ، ސަރުކާރުގެ (ވިޔަފާރި)
ކުންފުނިތަކުގެ މައި މަރުކަޒެވެ. އެކަން ނިމުމަކަށް އައީ ހުވަދު އަތޮޅު
ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް ސަރުކާރާއި ދެކޮޅަށް ބަޣާވާތް ކުރުމާއިގުޅިގެ
ޖެނުއަރީ 31، 1962މ.
(ޝަޢުމާން 25، 1381ހ. ބުދަ
ދުވަހު ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރު ހަވަރުތިނަދުވަށް ވަޑައިގެން އެ
ރަށުން މީހުން ބޭލުއްވުމާއި ގުޅިގެންނެވެ.
އާދެ!
ހަވަރުތިނަދޫން މީހުން ބޭލުމުން ހުވަދު އަތޮޅުގެ ރަށްރަށަށްދިޔަ މީހުން،
އެ ރަށްރަށުގައި މަދަރުސާތަކެއް ޤާއިމުކޮށް
ކިޔަވައި ދިނެވެ. އެކަމުގެ ސަބަބުން ހުވަދު އަތޮޅު ވަރަށްގިނަ ރަށްރަށަށް،
ޚާއްޞަކޮށް ތަޢުލީމީ ރޮގުން، ޢާއްމުކޮށް އެހެނިހެން ރޮނގުތަކުން ވެސް ވަރަށްގިނަ
ކުރިއެރުންތަކެއް ލިބިފައިވެ އެވެ. އޭފެފަހުން އޮގަސް 22، 1966މ. (ޖުމާދަލްއައްވަލް 6، 1386ހ.) ގައި ދެވަނަ ފަހަރަށް އެރަށް އާބާދުކުރުމާއި
ގުޅިގެން ވެސް އަތޮޅުގެ ރަށްރަށުގެ ކުދިން ތިނަދުވަށް ގޮސް ތަޢުލީމު ޙާޞިލުކުރި
އެވެ.
ދެވަނަ
ފަހަރަށް ހަވަރުތިނަދޫގައި މީހުން އާބާދުކުރުމަށްފަހު، ކިޔަވައި ދިނުމަށްޓަކައި،
އަލްފާޟިލް ތުއްތީދި ދޮންމަނިކުގެ ބެއްލެވުމުގެ ދަށުން ރައްޔިތުންގެ ނަމުގައި
އަމީރުއިބްރާހީމްގެ ނަމުގައި ކިލާހެއް ހިންގެވި އެވެ. ނަމަވެސް ގަވާޢިދުން
ފުރަތަމަ ހުޅުވުނު މަދަރުސާއަކީ "މަދަރުސަތުލްމިސްބާޙުލްހުދާ" އެވެ. އެ
މަދަރުސާގެ ކިޔެވުން ފެއްޓެމުން، ހުއްޓެމުން އަދި ވެއްޓެމުން ކަހަލަ ގޮތަކަށް ގޮސް، އެތަނުގެ ކިޔެވުން މުޅިން ނިމުމަކަށް އައީ 1984މ.
(1405ހ.) ހާތާނގައި އަތޮޅު ތަޢުލީމީ މަރުކަޒް ޤާއިމު ކުރެއްވުމާއި ގުޅިގެން ނެވެ.
އެ މަރުކަޒަށް ފުރަތަމަ ވަޑައިގެންނެވި ހެޑްމާސްޓަރަކީ ހދ.ކުޅުދުއްފުށީގެ
ބޭފުޅެއްކަމަށްވާ އަލްފާޟިލް ސަޢީދު އަޙުމަދެވެ. އޭގެފަހުން ވަޑައިގަތީ އަލްފާޟިލް
ބޮއި ޚަލީލު އެވެ. އެ އަތޮޅަށް އިނގިރޭސި ތަޢުލީމު ތަޢާރަފުވީ އެ މަދަރުސާގެ
ދުވަސްވަރުގަ އެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނުގެ ސިޔަރަތުގެ ކޮއްރާހެއް
ތިރީގައި
ނަކަލުކޮށްފައި އެވަނީ، ޙާޖީ މުޙަންމަދު ކަލޭފާނާއި ބެހޭގޮތުން ގދ.ތިނަދޫ
މަދަރުސާދޮށުގޭ އަލްފާޟިލާ ފާޠިމަތު ޒީދާ ޢަބްދުﷲ އޭނާގެ ކާފަ ގދ. ތިނަދޫ
ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުންތަކާއި ޙަވާލާދެއްވައި
ލިއުއްވާ ފައިވާ ބަޔާނެކެވެ. ޙަސަން ޙިލްމީއަކީ، މުހަންމަދު ކަލޭފާނުގެ
ވެރިކަމުގައި ހަވަރުތިނަދޫގައި ކަތީބަކަށް ހުންނެވި ބޭފުޅެކެވެ. އޭރު އޭނާ
ކައިވެނި ކުރައްވައިގެން ހުންނެވީ، އޭނާގެ މަންމަފަރާތުގެ މާފަ، ޙާޖީ މުޙައްމަދު ކަލޭގެފާނަށް ކާފަ ވިދާޅުވާ
ޢާއިޝަތު ޤާސިމް (އައިސާފާނު) އާއި އެވެ. އޭގެ އިތުރަށް ޙަސަން ޙިލްމީ އަކީ، މުޙަންމަދު ކަލޭފާނުގެ އަތޮޅުވެރިކަމުގެ ދަވްރުގައި،
މުޙަންމަދު ކަލޭގެފާނު ރަށުގައި ވަޑައިގެން
ނޫޅުއްވާ ދުވަސްތަކުގައި ވާރުގެ (އަތޮޅު އޮފީސް) ހިންގެވުމުގައި ވެސް އިސްދައުރެއް
އަދާކުރައްވާ ފައިވާ ފަރާތެވެ. އެގޮތުން މުޙަންމަދު ކަލޭފާނާއި ބެހޭގޮތުން ޞައްޙަ
މަޢުލޫމާތު ހުންނާނޭ އެއްބޭފުޅަކީ، ޙަސަން ޙިލްމީކަމަށް ޤަބޫލުކުރަން ޖެހެ އެވެ. ފާޠިމަތު ޒީދާ ޢަބުދުﷲ
އެއްފަރާތުން ނިސްބަތް ވަނީ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޢާއިލާ އަށެވެ. ޙާޖީ
މުޙަންމަދު ކަލޭފާނަށް ހުވަދު އަތޮޅުގެ ވާރުވެރިކަން (އަތޮޅުވެރިކަން)
ލިބިވަޑައިގަތީ، އައްސުލްޠާން މުޙަންމަދު ޝަމްސުއްދީނުގެ ފުރަތަމަ ރަސްކަމުގެ
ދަވްރުގަ އެވެ.
"އެދުވަސްވަރު
އަތޮޅުވެރިކަންކުރާ ރަށަކީ، ހޯނޑެއްދޫ އެވެ. މުޙަންމަދު ކަލޭފާނަށް މިކަން
ލިބިވަޑައި ގެންނެވިތާ ވަރަށް ކައިރީގައި ރަޖަބް 26، 1349ހ. (ޑިސެމްބަރ 16، 1930މ.) ގައި ހޯނޑެއްދޫގައިހުރި ވާރުގެ (މިހާރުގެގޮތަށް
ބަލާނަމަ އަތޮޅުގެއާއި، އަތޮޅު އޮފީސް) ރޫޅާލައްވައިގެން ތިނަދޫގައި ވާރުގެ ރާނަން ފައްޓަވައިފި
އެވެ. މިބަދަލު ސަރުކާރުން ގެންނެވީ، އެދުވަސްވަރު ކަންތައްތަކަށްއައި ބަދަލުތަކާއެކު،ހޯނޑެއްދުވަށްވުރެ ތިނަދޫގައި އަތޮޅުގެ ވެރިކަމާއިބެހޭ
މަސައްކަތް ކުރެއްވުމަށް ފަސޭހަވެފައިވާތީ އެވެ. ހުވަދު އަތޮޅު ހޮވޮއްޑާއިން
މީހުން ބާލުއްވައި، ތިނަދޫ ބަރާސިލު އަވަށުގައި ތިބޭ ފައިފަލަބަލީގެ މީހުން (ފައިލޭރިއާ މީހުން) މި އަތޮޅު ހަވޮއްޑާއަށް
ގެންދެވީ ވެސް މިއަހަރުގެ ތެރޭގަ އެވެ. އެއީ މިބަލި ފެތުރެމުންދާލެއް
އަވަސްކަމާއި، ބައްޔަށް ދޭނޭ ޚާއްޞަ ފަރުވާއެއް އެ ދުވަސްވަރު ލިބެންނެތުމުގެ
ސަބަބުން، ސަލާމަތުންތިބި މީހުންގެ ރައްކާތެރިކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް
އެޅެންއޮތް ފިޔަވަޅެއްގެ ގޮތުންނެވެ. މިކަން މިގޮތަށް ހަމަޖެހުނީ، ވާރުވެރިޔާާއާއި
އަތޮޅުގެ ކުރިއަށްތިއްބެވި ބޭފުޅުންނަށް މިކަން މިގޮތަށް ގެންދެވުމަށް
ފެނިވަޑައިގެން، ދަވްލަތުގައި
އެވާހަކަދަންނަވައި ހުއްދަ ލިބިވަޑައިގެން ނެވެ.
މުޙަންމަދު
ކަލޭފާނުގެ މި ދަވްރުގައި ޝައްވާލް 10، 1348 (މާރޗް 10، 1930މ.) ގައި
ހަވަރު ތިނަދޫ ދެކުނުކޮޅު (ދެކުނު އަވަށު) މިސްކިތް ޢިމާރަތް ކުރުމަށް
ބިންގާއެޅައި އެ މަސައްކަތް ފެށުނެވެ. މިމިސްކިތް (ފާށަނާމިސްކިތް) ރޫޅާލެވުނީ
ތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރިވީ ފަހުންނެވެ. އެމިސްކިތްހުރީ
މިހާރުގެ އެސް. 21 ނަންބަރު ބްލޮކުގެ އިރުއުތުރު ކަންމަތީގައި، މަގާއި އިންވެގެން، އެ ބްލޮކުން ބައެއްގަ އެވެ.
ޙާޖީ
މުޙަންމަދު ކަލޭފާނު އަތޮޅުގެ ވާރުވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު
އަތޮޅުގެ ތަޢުލީމީ ޙާލަތުއޮތީ އެހިނދަށް ބަލާއިރު ވެސް ތަންކޮޅެއް ދަށުގައިކަމަށް
އޭނާއަށް ފާހަގަ ކުރެވުނެވެ. މިހެންކަމުން އަތޮޅާއި އަދި ތިނަދޫގެ ބޮޑުންނާއި
މަޝްވަރާ ކުރެއްވުމަށްފަހު އަތޮޅުގެ އެކިރަށްރަށުގައި، އެރަށްރަށަށް އެވަގުތަށް
ބޭނުންވާނޭކަމަށް ފެންނަ މިންވަރަކަށް ކުދީންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް
ފެއްޓެވި އެވެ. މިގޮތުން ތިނަދޫގައި ޖުމާދިލްއައްވަލް 17، 1350ހ. (ސެޕްޓެމްބަރ 29، 1931މ.) ގައި ތިނަދޫގެ އޭރުގެ އެންމެބޮޑު އަދި އެންމެ
މަޝްހޫރު ޢިމާރާތް، ތަޢުލީމު
ދެއްވުމަށްޓަކައި ބިންގާ އެޅުއްވި އެވެ. އެންމެ ފުރަތަމަ އެތާގައި ހިނގީ
މަދަރުސަތުލްއަޞްބާޙު އެވެ. އޭގެފަހުން މަދަރުސަތުސުބުލައްސަލާމްއެވެ. ފަހުން
އެތާގައި ޢިމާރާތްކުރެއްވީ މަދަރުސަތުއަމީރުއިބްރާހީމްއެވެ. އަހަރުތަކެއްގެ ފަހުން
މިޢިމާރާތުގައި ސަރުކާރުގެ ޤަވްމީ ކުންފުނީގެ ގ.އަތޮޅުގޮފި ވެސް ހިންގި އެވެ.
ބޮޑުއަށިގޭގެ ނަމުން މަޝްހޫރުވެފައިވާ މި ޢިމާރާތް ތަޅާލެވުނީ،
ދެވަނަ ފަހަރަށް ތިނަދޫގައި މީހުން
ވަޒަންވެރިވުމާއި ގުޅިގެން ނެވެ. މި ޢިމާރާތުގެ މަސައްކަތް ނިމެންދެން ކުދީންނަށް
ކިޔަވައިދެމުން ގެންދެވީ މަދަރުސަތުލްއަޞްބާޙްގެ ނަމުގައި އަތޮޅުގެ
ތަޢުލީމަށްޓަކައި ތިނަދޫގައި ހުޅުއްވެވި މަދަރުސާގަ އެވެ. އެއީ ޖުމާދަލްއާޚިރާ 15، 1350ހ.(އޮކްޓޫބަރ 17، 1931މ.) ގަ އެވެ. މި މަދަރުސާގައި އިސް
އުސްތާޒެއްގެގޮތުން ކިޔަވައިދެއްވި އެއްބޭފުޅަކީ، ކުރީގެ މަދަރުސަތުލްއަޞްބާޙުގެ
ނާޡިރު އައްޝޭޚް މުޙަންމަދު ފަހްމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. މީނާއަކީ، ފަޟީލަތުއްޝޭޚް ޙުސައިން ޞަލާޙުއްދީނުގެ
އިސްދަރިވަރެކެވެ.
(ނުނިމޭ)