ދިވެހިރާއްޖޭގެ މިސްކިތްތަކުން ބަންގިއާއި ނަމާދުގެ ކިޔެވުން ދުރަށް ފޮނުވުމަކީ މިހާރު އައުކަމެއް ނޫނެވެ. އެކަން އައުކަމަކަށްވީ އެބާވަތުގެ ޓެކްނޮލޮޖީއަށް ދިވެހިރާއްޖެއިން ހަނދުބެލުމުގެ ކުރިންނެވެ. އެހެންވީމާ މިކަހަލަ ވާހަކަ މިހާރުދެއްކީމާ ބަޔަކަށްވާނީ ޖޯކު ކަމަކަށެވެ.
ރާއްޖެތެރެއާއި ބެހޭ ވަޒީރު
އުސްތާޛު މަރުހޫމް ޢަބްދުﷲ ޙަމީދު، 1990ގެ ކުރީކޮޅު
ތިނަދުއަށް ވަޑައިގަތް ދަތުރުފުޅެއްގައި ތިނަދޫ ހުކުރުމިސްކިތުގައި އިމާމުވެ
ހުކުރު ނަމާދުކުރެއްވިއެވެ. މިދުވަހު އެމަނިކުފާނު ހުކުރުކުރައްވާކަން ޢާއްމުކޮށް
އެނގިފައި އޮތުމުން ހުކުރުނަމާދުގެ ވަގުތަށް މީހުންއައިސް މިސްކިތާއި މިސްކިތުގެ
ބޭރުގައި ނަމާދުކުރުމަށް ހަމަޖެހިފައިވާ ތަން މުޅިން ފުރުނެވެ.
މިސްކިތަކީ އެދުވަސްވަރުގެ
ބޮޑު މިސްކިތަކަށް ވުމާއިއެކު ގިނަ ފަންކާތަކެއް އެނބުރުމުން އިމާމާގެ ޚުޠުބާގެ
އަޑާއި ކިޔެވުމުގެ އަޑު އެންމެނަށް އިވޭނީ މިސްކިތްތަކުން މިހާރު އިވޭ ގޮތަކަށް
ނޫނެވެ. ތަންކޮޅެއް މަޑުވާނެއެވެ.
އެދަތުރުފުޅު
ނިންމަވާލައްވައި އުސްތާޛު މަރުހޫމް ޢަބްދުﷲ ޙަމީދު، މާލެވަޑައިގަތުމަށްފަހު
ތިނަދޫ ހުކުރުމިސްކިތަށް ސައުންޑް ސިސްޓަމަށް ފޮނުވައި ދެއްވިއެވެ. އެމަނިކުފާނު
އަމިއްލަފުޅު ގޮތުންނެވެ. ރަސްމީ ޙައިސިއްޔަތުން ނޫނެވެ. އޭރު ރަށްރަށުގެ
މިސްކިތްތަކަށް ސަރުކާރުން ސައުންޑް ސިސްޓަމް ނުފޮނުއްވައެވެ.
ތިނަދޫ ހުކުރުމިސްކިތުގެ
ސައުންޑް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްކުރީ އަތޮޅުއޮފީހާއި ތިނަދޫ އޮފީހުގެ މުވައްޝަފުންނާއި
މިސްކިތުގެ މުދިމް ތިނަދޫ އަންޒަމާން މަރުޙޫމު
މުޙައްމަދު ޙަސަނެވެ. މިމިސްކިތުގެ
ތެރޭގައި މިނިކަށިހުރި ކަމަށް ބުނެ 2009މ. ގައި މިސްިތް ބަންދުކުރުމާއި
ހަމަޔަށްވެސް މިސްކިތުގެ މުދިމަކީ މަރުޙޫމު މުޙައްމަދު ޙަސަނެވެ.
ތިނަދޫ ހުކުރުމިސްކިތުގައި
ސައުންޑް ސިސްޓަމް ބެހެއްޓުމުގެ ތެރޭ ލައުޑް ސްޕީކަރ ފުރަތަމަ ހަރުކުރީ މިސްކިތުގެ
އިރު އުތުރާއި އިރު ދެކުނުން މިސްކިތުގެ ބޭރު ސީލިންގްއާއި ޖެހިގެންނެވެ. ނަމަވެސް
ތާޅަފިލި ހަރުކުރުމަށް ހެދި ދަގަނޑު މާސްޓް ނިމުމުން މިސްކިތުގެ ހުޅަނގު
ފަރާތުގައި މާސްޓް ޖަހައި އޭގައި 3 ތާޅަފިލި ހަރުކުރީއެވެ.
އެދުވަސްވަރު ރަށްރަށުގެ
މިސްކިތްތަކުގައި ޢާއްމުކޮށް ސައުންޑް ސިސްޓަމް ނުހުރެއެވެ. މިހެންވުމުން މިކަމަކީ
ވަރަށްގިނަ މީހުންނަށް ލިބުނު ބޮޑު ފަސޭހަކަށްވިއެވެ. ޚާއްޞަކޮށް މިސްކިތުގެ
މުދިމް މަރުޙޫމު މުޙައްމަދު ޙަސަންގެ ބަންގި ގޮވުމުގެ ރާގާއި އަޑު މަޚުރަޖައާއި
މިއީ އޭރުވެސް އަދި އޭގެފަހުންވެސް ފާހަގަކުރެވޭ ކަމެކެވެ.
-----------------
ޢަބްދުﷲ ޙިލްމީ
11 ޖުލައި 2026މ.
