ކީރިތި ޤުރުއާން ޖަމްޢު ކުރުން - ދެވަނަބައި













މާތް ރަސޫލާގެ ޒަމާނުގައި ޤުރުއާން ލިޔެގެން ރައްކާކުރުން:

ކީރިތި މާތް ރަސޫލާ އަފްޟަލުއް ޞަލާތު ވައްސަލާމުހޫ ޢަލައިހީ ގެ ޒަމާނުގައި ޤުރުއާން ވަނީ ލިޔެވިފައިކަން އެނގިގެންދާ ކިތަންމެ ދަލީލުތަކެއް ފެންނަން އެބަހުއްޓެވެ. ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާ ( ޞ.ޢ.ވ) ގެ މާތް ޙަދީޘްފުޅުތަކުން ވެސް މެއެވެ. އިސްލާމުންގެ ތެރެއިންވެސް މަދު ބަޔަކު ނަމަވެސް ދަނީ ޤުރުއާން ވަނީ މާތް ރަސޫލާގެ ޒަމާނުގައި ލިޔެވިފައިވާ ކަމަށް އިންކާރު ކުރަމުންނެވެ. އެހެން ނަމަވެސް އެއީ އެ ބަޔެއްގެ ޢިލްމުގެ މަދުކަމުންނާއި ޖާހިލުކަމުން އެބައިމީހުން ކުރަމުން އަންނަ ދޮގު ދަޢްވާއެކެވެ. ސަބަބަކީ ސީދާ ޤުރުއާނުންވެސް މިކަމަށް ދަލީލު ލިބޭތީއެވެ. ސޫރަތުލް ޢަބަސަގެ 11 ވަނަ އާޔަތުން 16 ވަނަ އާޔަތުންވެސް މިކަމަށް ދަލީލު ލިބިގެން ދެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ، "فمنشاء ذكره (12) في صحف مكرمة (13) مرفوعة مطهرة (14) بأيدي سفرة (15)"  މާނައީ : ފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ. އެ قرآنވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.  މަތިވެރި، طاهرކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. ދަތުރުކުރައްވާ މަލާއިކަތުންގެ އަތްޕުޅުތަކުގައެވެ.

މި އާޔަތްތަކުގެ ތަފްސީރުގައި ވަޒީރު ޢަލީ ޢަބްދުﷲ ޔޫސުފް ލިޔުއްވަނީ ޤުރުއާނުގައި ހިމެނޭ 114 ސޫރަތުގެ ތެރެއިން 42 ނުވަތަ 45 ސޫރަތެއް މި އާޔަތް ބާއްވާލެއްވުނު އިރު މުސްލިމުން ލިޔެ މައްކާގައި ރައްކާކޮށްފައިވާ ކަމަށެވެ. މި އާޔަތްތަކުގައިވެސް މާތް ﷲ "صُحُفٍ" އޭ ނުވަތަ ފަތްފުށްތަކޭ ވަޙީ ކުރައްވައިފައިވާ ކަމުން އަޅުނގަޑުމެންނަށް އެނގިގެންދަނީ އެއިރު ޤުރުއާން ބާވައިލެއްވެމުން ދިޔަވަރަކަށް ލިޔެވެމުންވެސް ދިޔަކަމެވެ. އަދި މީގެ އިތުރުން ޢުމަރުގެފާނުން އިސްލާމްވި ޙާދިޘާ އާއި ބެހޭ ގޮތުން ރިވާވެގެންވާ ރިވާޔަތުންވެސް އަޅުނގަޑުމެންނަށް ހަމަ މިކަމަށް ވަރަށްފުރިހަމަ ދަލީލެއް ލިބިގެން ދެއެވެ. އެހެންނަމަވެސް މިފަދަ ކުރު މަޤާލަތެއްގައި އެވާހަކަތައް ބަޔާން ކުރާކަށް އަޅުނގަޑުމެންނެއް ގަސްތެއް ނުކުރަމެވެ. އަދި ވަގުތެއްވެސް ނެތް މެއެވެ. 

އެހެން ނަމަވެސް މާތް ރަސޫލާ ( ޞ.ޢ.ވ) ގެ ޒަމާނުގައި ޤުރުއާން ލިޔުއްވި ބައެއް އަޞްޙާބު ބޭކަލުންގެ ނަންފުޅުތައް ޝާމިލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުނގަޑުމެން ދެކެމުއެވެ. މިހެން ކަމުން މުޙައްމަދު މުޞްޠަފާ އަލް ޢަޒަމީ ލިޔުއްވައިފައިވާ " ޤުރުއާނުގެ ތާރީޚް" އޭ ކިޔުނު ފޮތުގައި މި ޢިލްމުވެރިޔާ މާތް ރަސޫލާގެ އަމުރުފުޅަށް ޤުރުއާން ލިޔުއްވި އަޞްޙާބު ބޭކަލުންގެ ނަންފުޅުތަށް ކަމުގައި ބަޔާން ކުރައްވާފައި ހުންނެވި ނަންފުޅުތައް އަޅުނގަޑުމެން މިތަނުގައި ޝާމިލްކޮށްލާނަމެވެ. އަލް ޢަޒަމީ އޭނާގެ ފޮތުގައި ލިޔުއްވަނީ، އަބޫ އުމާމާ، އަބޫ އައްޔޫބުލް އަންޞާރީ، އަބޫ ބަކްރުއް ޞިއްދީޤް، އަބޫ ޙުޛައިފާ، އަބޫ ސުފްޔާން، އަބޫ ސަލަމާ، އަބޫ ޢައްބާސް، އުބައްޔު ބުނު ކަޢްބު، އަލް އަރްޤަމް ބިން އަބިލް އަރްޤަމް، އުސައިދް ބިން އަލް ޙުދައިރު، ޖަޢްފަރު ބިން އަބީ ޠާލިބް، ޒައިދު ބުނު ޘާބިތު، އަދި ޢުޘްމާން ބުނު ޢައްފާން (رضياللهعنهم) ފަދަ ބޭކަލުންނެވެ.

މާތް ރަސޫލާއަށް ވަޙީ ބާވައިލެއްވެމުން ދިޔަ ވަރަކަށް އެ ބާވައިލެއްވޭ ވަޙީއެއް ކޮންމެވެސް އަޞްޙާބު ބޭކަލެއް ލައްވާ ލިޔުއްވަވާ އެބޭފުޅެއް ލައްވާ އެ ލިޔުއްވި އެއްޗެއް ކިޔުއްވަވައެވެ. އެކަލޭގެފާނަކީ އުއްމިއްޔަ ނަބިއްޔެއްކަމަށް އުއްމަތުގެ "ގިނަ" ދަންނަބޭކަލުން އެއްބަސް ވެވަޑައިގަންނަވައެވެ. މިހެންކަމުން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުމުން އެ ލިޔުއްވަނީ އަޞްޙާބުން ލައްވައެވެ. އޭގެ ތެރެއިންވެސް އެންމެ މަޝްހޫރު ބޭކަލަކީ زيدبنثابت އެވެ. އަދި ސުންނަތް ޖަމާޢަތުގެ ގިނަ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މާތް ރަސޫލާ (ޞ.ޢ.ވ)ގެ ޒަމާނުގައި އެ ޤުރުއާން ފޮތެއްގެ ސިފައިގާ ޖަމަޢަ ކުރައްވާފައި ނުވެއެވެ. އެ ޤުރުއާން ލިޔެގެން ގެންގުޅެފައިވަނީ ޖަނަވާރު އެއްޗިހީގެ ކަށި ކަށި ގަނޑުގައްޔާއި އަދި ހިލަކޮޅުގައްޔާއި ފިލާ ގަނޑު ގަނޑު ގައްޔާއި އަދި ފޮތި ފަދަ ތަކެތީގައެވެ. އެކި އެކި ބޭބޭކަލުންގެ އަތްޕުޅުތަކުގައި އެކި ބައި ބައި އެވެ.

ޝިޔަޢީ މަޛްހަބުގެ ބައެއް އިމާމުން ވިދާޅުވާ ގޮތުގައި މާތް ރަސޫލާ (ޞ.ޢ.ވ) ގެ ޒަމާނުގައި އެ ޤުރުއާން ވަނީ އެއް ފޮތެއްގެ ސިފައިގައި ޖަމަޢަ ކުރެވިފައި ކަމުގައެވެ. އަދި އެބޭފުޅުން ދަލީލަކަށް ގެންނަވަނީ މާތް ރަސޫލާގެ މި ޙަދީޘްފުޅެވެ. قال : "تركت فيكم أمرين لن تضلوا ما تمسكتم بهما : كتاب الله ، وسنة نبيه" މި ޙަދީޘްފުޅުގައި މާތް ރަސޫލާ (ޞ.ޢ.ވ)،  كتابالله އޭ ވިދާޅުވެފައިވާތީ އެ ބޭފުޅުންގެ ދަޢްވާއަކީ ޢަރަބި ބަހުގައި كتاب އޭ އެ ޒަމާނުގައިވެސް އަދި މި ޒަމާނުގައިވެސް ކިޔަނީ ދެހީރަހެއް ދެމެދުގައިވާ ދަފްތަރު ތަކަކަށް ކަމަށެވެ. މިހެން ކަމުން މާތް ރަސޫލާ (ޞ.ޢ.ވ)  "މާތް ﷲ ގެ ފޮތާއި" މިހެން އެ ޙަދީޘް ކުރައްވަނީ މުޅި ޤުރުއާން އެއްފޮތެއްގެ ސިފައިގާ ޖަމަޢަކުރެވިފައިވާތީ ކަމަށް ވިދާޅުވެއެވެ. އެހެން ނަމަވެސް މިއީ ސުންނަތް ޖަމާޢަތުގެ ފިކުރެއް ނޫނެވެ. ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން މި ބަހަށް ދެއްވައިފައިވަނީ ވަރަށްވެސް ކުރު ރައްދެކެވެ. އެބޭފުޅުން ވިދާޅުވަނީ ސޫރަތުލް ބަޤަރާގައި މާތް ﷲ ވަޙީ ކުރައްވަނީ، الم (1) ذلك الكتاب لا ريب فيه هدى للمتقين (2) މި އާޔަތުގައި الْكِتَابُ އޭ މާތް ﷲ ވަޙީ އެ ކުރައްވަނީ އެ ޤުރުއާން އަދި އެއްކޮށް ބާއވައިލައްވާ ނުވެސް ނިމެނީސް ކަމުގައެވެ.

ކީރިތި މާތް ރަސޫލާ ( ޞ.ޢ.ވ) ގެ ޒަމާނުގައި ލިޔެވިފައިވާ އަދި އެކަލޭގެފާނުގެ ސިއްކަފުޅު ޖެއްސެވިފައިވާ ފަތްކޮޅެއް


ކީރިތި މާތް ރަސޫލާ (ޞ.ޢ.ވ) ދުނިޔޭގައ ހުންނަވަނިކޮށް ޤުރުއާން އެއް ފޮތެއްގެ ސިފައިގައި ޖަމަޢަ ނުކުރެވުނު ސަބަބުތަކާއި މެދު ޢިލްމުވެރިން ވަނީ ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެ ތެރެއިން ކޮންމެވެސް ވަރެއް މި ޢިލްމީ ބަޙުޘްގައި ހިމަނާލުމަކީ ބޭނުންތެރިކަމެއްކަމުގައި އަޅުނގަޑު ދެކެމުއެވެ. އާދެ، މާތް ރަސޫލާ (ޞ.ޢ.ވ) ސުވަރުގެ ވަޑައިގަތުމުގެ ކުރިން ޤުރުއާން ޖަމަޢަކުރެވިފައި ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކަލޭގެފާނުން ދުނިޔޭގައި ހުންނެވީ ޤުރުއާން އެކީ ބާވައިލައްވާ ނިމުނުތާ ނުވަ ދުވަސް ވަންދެން ކަމުގައެވެ. އަދި އެ ދުވަސްތަށް އެކަލޭގެފާނުން ހޭދަ ކުރެއްވީ އާލާސްކަންފުޅުގައި ކަމެވެ. އަދި މި ނޫން ސަބަބުތަކުގެ ތެރޭގައި ޤުރުއާން އަބަދުވެސް ބާވައިލެއްވެމުން ދިޔައީ ޙާދިޘާއަކާއި ގުޅޭ ގޮތުން އެކި ފަހަރު މަތިން ކަމުގައި ވުމާއި އަދި ސޫރަތްތައް ބާވައިލެއްވެމުން ދިޔައީ އޭގެ ތަރުތީބުން ނޫކަމުގައި ވުމުންނެވެ.

އިސްވެ ދެންނެވުނު ދިރާސީ ދަލީލުތަކަށް ފަހު، އަޅުނގަޑުމެންނަށް އެނގިގެންދަނީ ކީރިތި ޤުރުއާން ވަނީ މާތް ރަސޫލާގެ ޒަމާނުގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުން ހިތްޕުޅުން އެކީ ދަސްފުޅު ކުރައްވާފައި ކަމަށާއި އަދި އެ ޤުރުއާން ވަނީ އެކަލޭގެފާނުންގެ ޒަމާނުގައި އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުން ލިޔެވިފައި ކަމަށާއި އެހެން ނަމަވެސް އެއް ފޮތެއްގެ ސިފައިގައި އެ މާތް ނަބިއްޔާގެ ޒަމާނުގައި ޖަމަޢަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މިއީ ސުންނަތް ޖަމާޢަތުގެ އަހްލުވެރިންގެ ޤަވްލުވެސް މެއެވެ.

އަދި ހަމަމިފަދައިން ޤުރުއާން އެންމެ ފުރަތަމަ ޖަމަޢަކުރެވުނީ އަބޫބަކުރުގެފާނުގެ ޒަމާނުގައި ކަމީ ޝައްކެއް އޮތްކަމެއްވެސް ނޫނެވެ. މިވާހަކަ ދެން އޮތް ބާބުގައި ތަފްޞީލުކޮށް އަންނަ ހުއްޓެވެ.

އަބޫބަކުރުގެފާނުންގެ ޒަމާނުގައި ޤުރުއާން ޖަމަޢަ ކުރެވުން:

ކީރިތި މާތް ރަސޫލާ ( ޞ.ޢ.ވ) ސުވަރުގެ ވަޑައިގަތުމާއި ވިދިގެން ޢަރަބި ބައެއް ޤަބީލާތައް ނުކިޔަމަންތެރިކަން ދައްކައި އަދި އަނެއް ބަޔަކު މުރުތައްދު ވެގެން ދިޔައެވެ. އެގޮތުން މުސައިލަމަތުލް ކައްޛާބު ނަމަކަށް ކިޔުނު މީހަކު ނަބީކަމަށް ދަޢްވާކޮށް ވަރަށް ގިނަ މީހުން އޭނާގެ ބަހަށް ހައްލާލިއެވެ. އަދި މި ކަން ހަމަޖެއްސުމަށްޓަކައި ޚިލާފަތުގެ ދަރުބާރުން ލަޝްކަރެއް ތައްޔާރު ކުރައްވައި ޔަމާމާއަށް ހަނގުރާމައަށް ފޮނުވިއެވެ. މި ހަނގުރާމައަށް ޔަމާމާއިގެ ހަނގުރާމަ އަދި ޙަރްބުއް ރިއްދާ އޭ ވެސް ކިޔެއެވެ. މި ހަނގުރާމައިގައި އިސްލާމުންގެ ލަޝްކަރަށް ކާމިޔާބު ލިބިވަޑައިގަތްކަމުގައި ވިޔަސް ވަރަށް ގިނަ އަޞްޙާބުން ޝަހީދުވެވަޑައިގަތެވެ. އެއްބައި ރިވާޔަތްތަކުގައިވާ ގޮތުން މި ހަނގުރާމައިގައި 400 ޤުއްރާއިން ޝަހީދުވެވަޑައިގަތެވެ. އަދި އަނެއްބައި ރިވާޔަތުގައި ވާ ގޮތުން 70 ޤުއްރާއިން ޝަހީދުވެވަޑައިގަތެވެ.

ކޮންމެއަކަސް މި ހަނގުރާމައިގައި މިހާގިނަ ޤުއްރާއިން ޝަހީދުވެވަޑައިގަތުން ވެގެން ދިޔައީ ޤުރުއާން އެއްފޮތެއްގެ ސިފައިގައި ޖަމަޢަ ކުރެވިގެން ދިޔުމުގެ އަސްލަށެވެ. މި ހަނގުރާމައިގައި މިހާ ގިނަ އަޞްހާބުން ޝަހީދުވެވަޑައިގަތުމުން ޢުމަރުގެފާނުން އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "މިގޮތަށް ކޮންމެ ހަނގުރާމައެއްގައި ޤުރުއާން ހިތުދަސް ބޭފުޅުން ޝަހީދުވެވަޑައިގަނެގެން ދަނީނަމަ އިސާހިތަކު އަހުރެމެންގެ ތެރެއިން މި ޤުރުއާން ނެތި ހިގައިދާނެއެވެ. ޤުރުއާން ނެތިގެން ދިޔުމަކީ އީމާންކަންވެސް ނެތިގެންދިޔުމެވެ. މިހެންކަމުން ތިމަން ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ މި ޤުރުއާން އެއްފޮތެއްގެ ސިފައިގާ ލިޔެ ރައްކާކުރުމަށެވެ." ޢުމަރުގެފާނުން މިހެން ދެންނެވުމުން އަބޫބަކުރުގެފާނުން އެންމެ ފުރަތަމަ ކުރެއްވީ އިންކާރެވެ. ސަބަބަކީ މާތް ރަސޫލާ ކުރައްވާފައިނުވާކަމެއް ކުރެއްވުމަށް ފަސްޖެހިވަޑައިގަތީއެވެ.

އެހެން ނަމަވެސް ޢުމަރުގެފާނުންގެ ހެލޭ ބަލާޣާތްތެރި ދޫފުޅުން މިކަމުގެ މުހިއްމުކަން ދެންނެވުމުން އެކަން ވިސްނިވަޑައިގެން ޒައިދުގެފާނުން ބަލާފޮނުއްވައި މި ވާހަކަ އެކަލޭގެފާނަށް ދެންނެވިއެވެ. އަދި ހަމަ އަބޫބަކުރުގެފާނެކޭ އެއްފަދައިން އެންމެ ފުރަތަމަ ޒައިދުގެފާނުންވެސް ކުރެއްވީ އިންކާރެވެ. އެހެނަސް އެކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ވިސްނިވަޑައިގަތުމުން މިކަން ކުރެއްވުމަށް އެކަލޭގެފާނުންވެސް އެއްބަސްވެވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނުން ޒައިދުގެފާނަށް ވިދާޅުވިއެވެ. "ކަލޭގެފާނަކީ ޒުވާން ބޭފުޅެކެވެ. އަދި ކަލޭގެފާނުންގެ ކިބައިން އެއްވެސް އުނި ސިފަފުޅެއް ފެނިފައިނުވާ ބޭފުޅެކެވެ. އަދި ކަލޭގެފާނަކީ ކާތިބެކެވެ. ވީމާ މާތް ރަސޫލާ (ޞ.ޢ.ވ) އަށް ބާވައިލެއްވުނު ތަކެތި ލިޔެ ޖަމަޢަކުރުމަށް އަވަސްވެގަންނާށެވެ."

އަބޫބަކުރުގެފާނުން މިހެން ވިދާޅުވުމުން ޒައިދުގެފާނުން އެ މަސައްކަތާއިގެން ކުރިޔަށް ވަޑައިގަތެވެ. އަދި ޒައިދުގެފާނުން ރިވާކުރައްވާފައިވެއެވެ. އެބޭކަލުން އަހުރެންނާއި މިހަރަ ފަރުބަދަތަކުން ފަރުބަދައެއް އުފުލުމަށް ޙަވާލުކުރެއްވި ކަމުގައި ވިޔަސް މި މަސައްކަތަށްވުރެ ބުރަވެގެންނުވާނެ ކަމުގައެވެ. ކޮންމެއަކަސް މި ބުރަ މަސައްކަތް ޒައިދުގެފާނުން ފެއްޓެވިއެވެ. ޚިލާފަތުގެ ދަރުބާރުން މާތް ރަސޫލާ (ޞ.ޢ.ވ) ގެ ޒަމާނުގައި ލިޔުއްވައިފައިވާ ހުރިހާ އާޔަތްތަކެއް ޚިލާފަތުގެ ދަރުބާރަށް ގެނައުމަށް އެންގެވިއެވެ. އަދި ޒައިދުގެފާނުން އެ ތަކެތި ބައްލަވައިގެން އެ މަސައްކަތް ފެއްޓެވިއެވެ. އެހެން ނަމަވެސް އެންމެ އާޔަތެއް ނޫނީ އެހެން ހުރިހާ އާޔަތެއް ލިބިވަޑައިގަތެވެ. އެއީ ތައުބާ ސޫރަތުގައި އޮންނަ "لقد جاءكم رسول من أنفسكم عزيز عليه ما عنتم حريص عليكم بالمؤمنين رءوف رحيم (128)  فإن تولوا فقل حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم (129)" މިއާޔަތް ކަމުގައިވެސް ބުނެވެއެވެ. އެހެން ނަމަވެސް އިޚްތިލާފް ހުއްޓެވެ.

މި އާޔަތް ފެނިވަޑައިގަތީ އަބޫ ޚުޒައިމަތުލް އަންޞާރީގެ ގޭގެ މަތާ ރަންފިލާ މަތީގައި އޮއްވައެވެ. މި އާޔަތް ފެނުމުގެ ކުރީގައި މަދީނާގެ ގޭގޭ ތަކުގައި އުނދަނަކަށް އަލިފާނެއްވެސް ނުލައެވެ. އަދި ހަމަމިފަދައިން މި އާޔަތް ފެނުމުން މަދީނާގެ އެންމެހާ ރައްޔިތުން އެކަމަށް އުފާ ކުރިއެވެ. ޒައިދުގެފާނުން އެ މުޞްޙަފް ލިޔުއްވުމަށްފަހު ބޭއްވެވީ އަބޫބަކުރުގެފާނުންގެ އަތްޕުޅުގައެވެ. އެކަލޭގެފާނަށް ފަހު އެ މުޞްޙަފް އޮތީ އުއްމުލް މުއުމުމިނީން ސިއްތުނާ ޙަފްޞާ ބިންތި ޢުމަރު ގެ އަތްޕުޅުގައެވެ. ޢުޘްމާންގެފާނުންގެ ޚިލާފަތާއި ޖެހެންދެން މި މުޞްޙަފް އެ ކަމަނާގެ އަތްޕުޅުގައި އޮތެވެ. (ނުނިމޭ)
              ----------------------------
ލިޔުއްވީ: އަޙްމަދު ޢަލާ ދީދީ