ކީރިތި ޤުރުއާން ޖަމްޢު ކުރުން - ތިންވަނަބައި













ޢުޘްމާންގެފާނުގެފާނުގެ ޒަމާނުގައި ކީރިތި ޤުރުއާން ޖަމްޢު ކުރެއްވުން:


ޢުޘްމާންގެފާނުންގެ ވެރިކަމުގައިވެސް އިސްލާމީ ދިދައިގެ ދަށަށް ބޮޑެތި ޤައުމުތަށް ދިޔައީ ފަޠަޙަވަމުންނެވެ. އެގޮތުން އަޒަރްބައިޖާންގައި ކުރެވުނު ހަނގުރާމައެއްގައި ސީރިޔާ ނުވަތަ ޝާމްކަރައިގެ ލަޝްކަރާއި ޢިރާޤްކަރައިގެ ލަޝްކަރު ބައްދަލުވިއެވެ. އަދި މި ދެބައިމީހުން ކީރިތި ޤުރުއާން ކިޔަވަމުން ގެންދިޔައީ އެކިއެކި ލެހެޖާތަކަށެވެ.
 
މި ގޮތުން ޝާމްގެ ބޭކަލުން ވިދާޅުވަމުން ގެންދެވީ އުބައްޔު ބުނު ކަޢްބުގެ ޤިރާއަތަށެވެ. އަދި ޢީރާޤްގެ ބޭކަލުން ވިދާޅުވަމުން ގެންދެވީ ޢަބްދުﷲ ބުނު މަސްޢޫދުގެ ޤިރާއަތަށެވެ. މިހެންކަމުން އެބައިމީހުންގެ ތެރޭގައި އަރައިރުން ބޮޑުވެ އަދި އެއްބަޔަކު އަނެއްބަޔަކު ކިޔަވަނީ ގޯސްކޮށް ކަމަށާއި އަދި ތިމާމެން މި ކިޔަވަނީ ޞައްޙަކޮށް ކަމަށް ބުނެ ދަޢްވާ އުފުލިއެވެ.

މިތަން ޚުޛައިފާ ބިން އަލްޔަމާންއަށް ފެނިވަޑައިގެން އަވަހަށް ދަތުރުކުރައްވާ ޢުޘްމާންގެފާނުންގެ ގެ ގަނޑުވަރަށް ވަޑައިގަތެވެ. އަދި ޚަލީފާއަށް ދެންނެވިއެވެ.  އޭ އަމީރުލް މުއުމިނީންއެވެ ނަޞާރާއިންނާއި ޔަހޫދީން އެމީހުންގެ ފޮތާއި ހެދި އިޚްތިލާފްވެ ހަލާކުވީފަދައިން މުޅި އިސްލާމީ އުއްމަތް ހަލާކުވެގެން ނުދަނީސް އަވަހަށް ޤުރުއާނުގެ ކޮޕީތަކެއް ލިޔުއްވަވާ އިސްލާމީ ކޮންމެ ޝަހަރަކަށް ބައްސަވާށެވެ. (ياأميرالمؤمنين أدركهذه الأمة قبلأ نيختلفوافيا لكتاب اختلاف اليهود والنصار) ޢުޘްމާންގެފާނުން މި ސަބަބަށްޓަކައި އަބޫބަކުރުއް ޞިއްދީޤްގެ ޒަމާނުގައި ޖަމްޢުކުރައްވާފައިވާ މުޞްޙަފްބަލައި ޙަފްޞާގެފާނުންގެ އަރިހަށް ފޮނުއްވިއެވެ. އަދި އެ މުޞްޙަފް ގެންނެވުމަށްފަހު زيد بن ثابت وعبدالله بن الزبير وسعيد بن العاص وعبدالرحمن بن الحارث بن هشام ބަލާފޮނުއްވަވާ ގެންނެވުމަށްފަހު އަބޫބަކުރުގެފާނުންގެ ޒަމާނުގައި ޖަމަޢަކުރެވިފައި އޮތް މުޞްޙަފް ބައްލަވައިގެން ނަސްޙުކުރެއްވުމަށް އަމުރުފުޅު ކުރެއްވިއެވެ. އަދި އެންގެވިއެވެ. ތިޔަބޭފުޅުންގެ ތެރޭގައި ކަލިމައެއްގެ ޚިލާފް އުފެދިއްޖެނަމަ އެ ކަލިމައެއް ޤުރައިޝުންގެ ބަހުން ކިޔާގޮތަށް ލިޔާށެވެ. އެހެނީ ކީރިތި ޤުރުއާން ބާއްވާލެއްވުނީ އެބަހުންނެވެ. 

ޢުޘްމާންގެފާނުން ކީރިތި ޤުރުއާނުގެ ކޮޕީތަކެއް ނަސްޚުކުރައްވަވާ ނިންމެވުމަށްފަހު ޙަފްޞާގެފާނަށް އެ މުޞްޙަފް އަނބުރާ ރައްދުކުރެއްވުމަށްފަހު ދެން ހުރި ހުރިހާ ޤުރުއާނުގެ އެހެން ނަސްޚުތަކެއް އަންދަވާލެއްވުމަށް އަމުރުކުރެއްވިއެވެ. އަދި އެޔަށްފަހު އިސްލާމީ ކޮންމެ މައި ޝަހަރަކަށް ކޮޕީއެއް ފޮނުއްވިއެވެ. އެ ގޮތުން ކޫފާ އަށާއި މިޞްރަށާއި ޝާމްކަރައަށާއި އަދި މިނޫންވެސް އެހެނިހެން އިސްލާމީ މައި ޝަހަރުތަކަށް ކޮޕީއެއް ފޮނުއްވުމަށްފަހު އެކަލޭގެފާނުންގެ އަތްޕުޅުގައިވެސް ކޮޕީއެއް ބޭއްވެވިއެވެ. ޢުޘްމާންގެފާނުންގެ ޒަމާނުގައި ކީރިތި ޤުރުއާން ލިޔެވުނު ގޮތަށް މިކިޔަނީ ރަސްމު ޢުޘްމާނީ އެވެ. މިހާޜުވެސް ޤުރުއާން ލިޔެވެމުން އަންނަނީ ހަމަ ޢުޘްމާންގެފާނުން އެ ޤުރުއާން ނަސްޚުކުރެއްވެވި ރަސްމުންނެވެ. ޢުޘްމާންގެފާނުން ޝަހީދުކުޅަ ވަގުތު ކިޔަވާވިދާޅުވާން އިންނެވީ އެކަލޭގެފާނުންގެ އަތްޕުޅުގައި ބޭއްވެވި މުޞްޙަފުންނެވެ. މި މުޞްޙަފްކަމަށް ބުނެވޭ މުޞްޙަފެއް މިހާޜުވެސް ތުރުކީވިލާތުގެ އިސްތަންބޯލްގެ ދާރުލްއާޘާރެއްގައި އެބަ އޮތެވެ. އޭގައި ޢުޘްމާންގެފާނުންގެ ލޭފޮދުކަމަށް ބުނެވޭ މުށިކުލައިގެ ތިކިތަކެއްވެސް ފެންނަހުރެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.


 
(މިމުޞްޙަފް އޮންނަނީ އުޒްބެކިސްތާންގެ މިސްކިތެއްގެ ކުތުބުޚާނާގައެވެ. މިމުޞްޙަފް އެތަނަށް ގެންދެވުނީ ރޫސީ އިންގިލާބަށްފަހު 1924 ވަނަ އަހަރުގައެވެ.)

ޤުރުއާން ޖަމްޢުކުރެވިގެން މިއަދާހަމައަށްވެސް އަންނަނީ ތަފާތު އެކިއެކި ޤައުމުތަކުގައި ލިޔެވި ޗާޕުކުރަމުންނެވެ. އަދި އަދާހަމަޔަށްވެސް އެ ޤުރުއާނުގައި އެއްވެސް ތަފާތެއްވާކަމަކަށް އިސްލާމް ދީނުގެ އެއްވެސް ދުޝްމިނަކަށް ހޯދިފައެއް ނުވެއެވެ. އެމެރިކާގެ ކޮލަމްބިޔާ ޔުނިވަރސިޓިގައި ބޭއްވިފައި އޮތް 1000 އަހަރުވީ މުޞްޙަފް އެމީހުން ދިރާސާކުރުމަށްފަހު ވަނީ މި ޤުރުއާނުގެ އެއިރުގެ ކޮޕީ އާއި މިހާރުގެ ކޮޕީ އާއި އެއްވެސް ތަފާތެއް ނުވާކަމަށް ނުރުހުމުގައި ނަމަވެސް ހެކިވެފައެވެ. އަދި ޖަރުމަންވިލާތުގެ މިޔުނިކް ޔުނިވަރސިޓިގައި ހުންނަ  ކޮރަންފޯރޝަންގް އިންސްޓިޓިއުޓްއިން (Institute for Koranforschung,) ވަނީ އެންމެ އިހު ޒަމާނުގައި ލިޔެވިފައިވާ ކީރިތި ޤުރުއާނުގެ 42000 ކޮޕީއެއްކޮށް 50 އަހަރަށްވުރެ ދިގު ދިރާސާއެއްކޮށްފައެވެ. އަދި އެ ދިރާސާއަށްފަހު އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ތިމަންމެން ބެލި ބެލުމުން މި ޤުރުއާނުގައި އެއްވެސް ތަފާތެއްވާކަމަކަށް ފާހަގައެއް ނުކުރެވުނެވެ. އަދި މި ޤުރުއާނާއި އެންމެ އިހު ޒަމާނުގައި ނަސްޚުކުރެވިފައިވާ ޤުރުއާނާއިވެސް އެއްވެސް ތަފާތެއް ނުވެއެވެ. ކުށަކަށް ފެނިފައި ވަނީ ބަޔެއް ފަހަރު ލިޔާ މީހުންނަށް ލިޔުމުގައި ޖެހިފައިވާ ކުށެވެ. އެ ނޫން ކުށެއް ފެނިފައި ނުވެއެވެ. އެހެންނަމަވެސް ހިތާމަޔަކީ އެ މުއައްސަސާއިން އެއްކުރި ކޮޕީތަކާއި އެކު އެތަން ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން އެތަނަށް ބޮން އެޅުމުން މުޅިން ހަލާކުވެ ނެތިގޮސްފައިވާ ކަމެވެ.

އާދެ، އިސްވެ ބަޔާން ކުރެވުނު އެންމެހާ ވާހަކަތަކުން އަޅުނގަޑުމެންނަށް އެނގުނީ މާތް ﷲ ގެ ވަޙީ ބަސްފުޅުގެ ތެދު ކަމެވެ. މާތް ﷲ ސޫރަތުލް ޙިޖްރުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާ އަންގަވަނީ إِنَّا نَحْنُ نَزَّلْنَا الذِّكْر َ‌وَإِنَّا لَهُ لَحَافِظُونَ އެވެ. ބައްލަވާށެވެ. މި ވަޙީ ބަސްފުޅު ފަހެ ތެދަކަށް ނުވޭތޯއެވެ. ޤުރުއާން އަންނަނީ އެ ޒަމާނަކާއި ގުޅޭ ގޮތުން އެ ޒަމާނެއްގެ އަހްލުވެރީންގެ އަތްތަކުން ޙިމާޔަތް ކުރައްވަމުންނެވެ. އެންމެ ކުޑަ މިނުން އެ ޤުރުއާނަށް ދުޝްމިނު މީހުންގެ އަތްތަކުންވެސް އެ ޤުރުއާން އަންނަނީ ޙިމާޔަތް ކުރެވެމުންނެވެ. އެމެރިކާގެ ކާފިރުން އެތަކެއް ޚަރަދުތަކެއް ކޮށްގެން ބަލަހައްޓާ ދުވަސްވީ މުޞްޙަފެއް އެމެރިކާގެ ކޮލަމްބިޔާ ޔުނިވަރސިޓިގައި އެބަ އޮތެވެ. އަދި ރޫސީ ވިލާތުގެ އާޘާރެއްގައިވެސް 1000 އަހަރުވެފައިވާ މުޞްޙަފެއް އެމީހުން އަންނަނީ ބޮޑެތި ޚަރަދު ކޮށްގެން ބަލަހައްޓަމުންނެވެ. ވިސްނާ ބަޔަކަށް މިހުރީ ހައްތަހާވެސް ހެކި އެހެންނޫންތޯއެވެ؟ (ނިމުނީ)
              -----------------------------
ލިޔުއްވީ: އަޙުމަދު ޢަލާދީދީ