ހަވަރުތިނަދޫއާއި ގުޅުން ހުރި ޢާއިލީ ވަނަވަރު

 ކަމެއް ކުރުމުގައި އެތައްގޮތަކުން އެތައްކަމެއް އެކަމަކަށް މެދުވެރިވުމުން އެކަމެއް ނިމިގެން ދިޔުމުގައި ކަމުގެ ކުޑަބޮޑު މިނާއި، ފުރިހަމަވުމާއި ނުވުމާއި މިކަހަލަ އެތައްކަމެއް ފެނެއެވެ. މިހެންވީ ކަމެއްގައި އެކަމެއް އެންމެ ފުރިހަމަކޮށް ނޫނަސް ވަކިވަރަކަށް ނިންމާލެވޭގޮތް ވީމާ އެކަމަކާއިބެހޭ ގޮތުން ދަންނަވާލަން ޖެހިދާނެ އެއްޗެއްވެސް އޮވެދާނެއެވެ. އެއީ މިވަނަވަރުތައް ބައްލަވާ ފަރާތްތަކާއި އައްސަވާ ފަރާތްތަކަށް އެކަން އެނގިވަޑައިގަންނަވާނީ އެއްޗެއް ދަންނަވައިގެންކަމަށް ވާތީއެވެ.

ކޮންމެ ކަމެއްވެސް ވާނީ އެކަމެއް ވާންވީގޮތަކަށް ޙާލަތާއި ކަމާއި އެކަމުގެ ސަބަބުތައް ފުރިހަމަވީމައެވެ. ދެން ލަހެއްނުވެ އެކަމެއް ވެދެއެވެ. އިލާހީ ގާނޫނުގައިވާ ގޮތުގެމަތީން އެކަމެއްވުމުގެ ވަގުތުގައެވެ.

ހަވަރުތިނަދޫއާއި ގުޅުންހުރި ޢާއިލީ ވަނަވަރުތަކަކީ ވަގުތާއި ޙާލަތާއި ކަންއޮތް ގޮތުން ވަރަށް ދަތިކަމާއެކު ހޯދައި އެއްކުރެވުނު އެއްޗެކެވެ. އޭގެތެރެއިން މިހާތަނަށް ހޯދުނު ވަނަވަރުތައް ޢާއްމުކޮށް ފެންނަފަށަށް ގެނެސްފައިވާނީ އެވަނަވަރުތައް ބައްލަވައިލައްވަން އެޢާއިލާތަކުގެ ގިނަޢަދަދެއްގެ ބޭފުޅުން އެދިވަޑައިގެންފައިވާތީއެވެ. މިމަސައްކަތް ކުރުމުގައި އަޅުގަނޑުގެ އެއްވެސްކަހަލަ މާއްދީ ބޭނުމެއް ނެތެވެ. މިހެންމެ މިވަނަވަރުތައް މީގެކުރީން ހޯއްދަވައި އެއްކުރެއްވުމުގެ މަސައްކަތްކުރެއްވި ފަރާތުން (މަރުޙޫމު ޙަސަން ޙިލްމީ ޖަނަވަރީގެ/ ގދ. ތިނަދޫ)ވެސް، މިކަމުން އެފަރާތަށް މާއްދީފައިދާއެއް ހޯއްދެވުމަށް އުޅުއްވާފައި ނުވެއެވެ. އަޅުގަނޑުމެން މިމަސައްކަތްކޮށްފައި ވަނީ ޢާއިލީގޮތުން ޙަގީގަތުގައި ގުޅުމެއްނުވާ ފަރާތްތަކެއްކަން އެނގިތިބެ ގަލަމުން ނޫނީ އަނގައިން އެފަރާތްތައް ޢާއިލީގޮތުން ގުޅުވައިލުމުގެ ނުބައިކަމުން ދުރުވެ ތިބެގެންނެވެ. އަދި ޢާއިލީގޮތުން ޙަގީގަތުގައި ގުޅިފައިވާ ބަޔެއްގެ ވިސްނުމަށް އެކަންކަން މިހާތަނަށް ނުގެނެވިވާނަމަ އެބަޔަކަށް އޭގެ އެކަކުއަނެކަކު އަންގައި ދިނުމުގައި ރަނގަޅުނޫން މަގްޞަދެއް ވެސް ނެތިއެވެ. ނަމަވެސް މިދަރިދަރިކޮޅުތަކުން އެކަކު އަނެކާއާއި ގުޅިފައިވާ މިންވަރުގެ ތަޢާރަފެއް ލިބުމުން އެބަޔެއްގެތެރޭ އެނގުމާއި ދަތުމާއި ގުޅުންތެރިކަމަށް ހަރުދަނާކަމެއް އައުމަކީ ވެދާނެކަމެކެވެ. 

ވަކިދަރިކޮޅަކަށް މީހަކު ނިސްބަތްވުމަކީ އެމީހަކަށް ލިބޭ ވަކި މޮޅުކަމެއްނޫނެވެ. މިކަން ހާމަކޮށްލީ މިވަނަވަރުތައް އެއްކޮށް ލިޔުމުގެ މަސައްކަތްކުރަމުން ގެންދިޔަ ދިގު ދުވަސްތަކުގައި މިކަންކުރި ބަޔަކަށް އެއަޑުތައް އަހަން އެންމެ ފަސޭހަނޫން އަޑުތަކެއް އެކި ގޮތްގޮތުން އެކި ދިމަދިމާލުން އެކި ޙާލަތްތަކުގައި އަޑު އިވިފައިވުމުންނެވެ. އެއަޑުތައް ނުވަތަ އެވާހަކަތައް ދޫދޫމަތީން އަދި އެންމެފަހުން ޒަމާނުގެ ޓެކްނޮލޮޖީއާއި ހަމައިގައިވެސް އުޅުމަކީ ކުޑަކަމެއް ނޫންތާއެވެ.

ވަކިޢާއިލާއެއް މާ ބޮޑުކަމަށް މާ ނަންހުރިކަމަށް ފެނުމަކީ، އެކަމާ ފަޚުރުވެރިވާންޖެހޭ ވަރުގެ މޮޅުކަމެއްނޫނެވެ. ދުނިޔެއަށް ނޭވާލި އިންސާނަކަށް ލިބޭނޭ އެންމެމޮޅު ކަމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެ. ކޮންމެ ޢާއިލާއަކީ ވެސް ބޮޑު ޢާއިލާއެކެވެ. އެހެނީ ކޮންމެމީހަކީވެސް ކޮންމެވެސް ހަތަރު ފަރާތަކާއި ޢާއިލީގޮތުން ގުޅިފައިވާނޭ މީހެކެވެ. އެއީ އެމީހެއްގެ ބައްޕަގެ ބައްޕައާއި ބައްޕަގެ މަންމައާއި މަންމަގެ ބައްޕައާއި މަންމަގެ މަންމައެވެ. ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް  މިކަން މިހެންނުވެ އާދަމު ޢަލަހިއްސަލާމުގެ ކާފަބޭފުޅުންގެ ފަހަށް ދުނިޔެއަށް އެއްވެސް އިންސާނަކު އުފަންނުވާނެއެވެ. މިއީ މިކަން އިލާހީ ސުންނަތާއި އެއްގޮތްވާގޮތުގެ މަތިން ދުނިޔެ ދެމިއޮތްހާ ދުވަހަކު ހިނގާނޭ ގޮތެވެ. ދަރިކޮޅެއްގެ ބޮޑުކަމާއި ކުޑަކަމުގެ ތަފާތުތަކެއް ލިބިފައިހުރި ވަނަވަރުތަކުން ފެންނަން ހުއްޓަސް އޭގެ ޙަގީގަތަކީ އެ ދަރިކޮޅެއް ކުޑަވުމެއްނޫނެވެ. އެހެންވާންޖެހުނީ އެދަރިކޮޅެއްގެ މަޢުލޫމާތު ފުރިހަމައަށް ލިބޭނޭގޮތެއް ނުވީމައެވެ.

ދަރިކޮޅަކަށް ނިސްބަތްވާ ގިނަ މީހުންނަށް އެނގެނީ އެދަރިކޮޅެއްގެ ވަރަށްކުޑަ މިންވަރެކެވެ. މިހާވަރަށް އެނގުމުގައިވެސް ދަރިކޮޅެއްގެ ދެމީހެއްގެތެރޭ ބައެއްފަހަރަށް އެނގުމުގެ ތަފާތުތަކެއް ހުރުމުން އެކަން ޙަގީގަތާއި އެއްގޮތްކޮށް ހޯދައިގަތުމުގައި ވަރަށްއުނދަގޫ ދަތި މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ބައެއްމީހުންނަށް އެމީހުންގެ މާމަ މާފަ(މަންމަގެ ބައްޕަ) މުންނަ (ބައްޕަގެ މަންމަ) ކާފަގެ ނަންވެސް ހަނދާނަށް ގެނައުން ދައްޗެވެ. ބައެއް މީހުންނަށް އެހާވަރުވެސް ނުވެއެވެ. 

އިންސާނެއްގެ ދިރިއުޅުމުގައި އުނދަގޫ އަދި ބުރަކޮށް ވިޔަސް އޭނާކުރާ ހުރިހާ މަސައްކަތަކީ އެއިން މާބޮޑު މާއްދީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއްކަމަށް ނުވެދާނެއެވެ. އެކަމަކު މިކަހަލަ ބައެއް ކަންކަންކުރާ މީހުން ދެކޭގޮތުގައި އެކަމެއް ކުރެވޭގޮތް ވުމަކީވެސް ލިބޭ ވަރަށްބޮޑު އެއްޗެކެވެ. ހިތްހަމަ ޖެހުމެކެވެ. ފައިސާ ނުވަތަ ތަކެތީގެގޮތުގައި ފެންނަންނެތް އަގުހުރި ކަމެކެވެ. އަދި އެކުރެވުނު ކަމަކީ ތިމާފިޔަވައި ދެން ތިބީންގެގާތުގައި "ބޭނުންތެރި" ކަމެއްކަމަށް ވެއްޖެނަމަ، އެއީ މިކަހަލަ މަސައްކަތެއްކުރި މީހަކަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް އެމީހަކަށް ވެދާނެއެވެ. މިގޮތަށް މީހަކުކުރާ ކަމަކީ އޭގެޒާތުގައި އެވަގުތަކު މާބޮޑު ބޭނުމެއްނެތް ކަމެއްކަމަށް ބަޔަކަށް ހީވިޔަސް، އޭގެފަހުން އެކަމަކީ ރަނގަޅު ބޭނުންތެރި ކަމެއްކަމުގައި ގިނަ މީހުންގެ ގާތުގައިވެސް ވެދާނެއެވެ. ޒަމާނާއި ޙާލަތު ބަދަލުވަމުންދާ ދިޔުމުގައެވެ. ހުވަދުއަތޮޅު ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ (ތުއްތުކަތީބު) ފެއްޓެވި މިމަސައްކަތަކީ މިދެންނެވި ކަހަލަ ކަމަކަށްވުން އެކަށީގެންވެއެވެ.

ދަރިކޮޅު ލިޔުއްވުމުގެ އިތުރަށް ތާރީޚީ މަޢުލޫމާތު ހޯއްދެވުމުގައިވެސް މަރުޙޫމް ޙަސަން ޙިލްމީ ވަރަށްބޮޑު އިސްކަމެއް ދެއްވިކަން ގަބޫލު ކުރެވެއެވެ. އަދި މިކަންކަމުގެ ފައިދާއާއި ބޭނުންތެރިކަން ބައެއް ފަރާތްތަކުންވެސް ޙިއްޞާކުރަމުން ގެންދަވާފައިވާކަމީ ޔަގީންކަމެކެވެ. ޙަސަން ޙިލްމީ އެއްކުރެއްވި މަޢުލޫމާތުގައި ގިނައީ އޭނާގެ އުފަން އަދި މައިފުށުގެ  އަތޮޅުކަމަށްވާ ހުވަދުއަތޮޅާއިބެހޭ ދުވަސްވީ މަޢުލޫމާތެވެ. އޭނާގެ ބައްޕަ ނިސްބަތްވަނީ އައްޑޫ މީދޫއަށެވެ. މިކަން މިހެންއޮތް ނަމަވެސް އައްޑުއަތޮޅާބެހޭ ގޮތުން އޭނާ ހޯއްދަވާފައިވާ އެއަތޮޅުގެ ދުވަސްވީ މަޢުލޫމާތު މަދެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވާ ދަރިކޮޅުތަކުގެ ނުވަތަ ޢާއިލީ ވަނަވަރުގެ އަޞްލު ނުގެއްލޭގޮތަށް އެތައްބަޔެއްގެ ވަރަށްބޮޑު މަސައްކަތުން އެޢާއިލީ ވަނަރުތައް ޢާއްމުކޮށް ފެންނަފަށަށް ގެނެވިފައިވަނީ އޭނާ ދުނިޔެ ދޫކުރެއްވިފަހުން ގިނަ ފަރާތްތަކެއްގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މަރުޙޫމް ޙަސަން ޙިލްމީއަށް މުޅީން ފުރިހަމަ ނުކުރެއްވިފައިވާ މަސައްކަތެއް އަޅުގަނޑަށްވެސް މުޅީން ފުރިހަމަނުކުރެވި ވަނިކޮށެވެ. ނަމަވެސް ހޯދިފައިވާ ވަނަވަރެއް ހޯދިފައިވާވަރަކީ އެންމެ ފުރިހަމަވަރެއް ނޫންކަމަށް ވިޔަސް، އެއީ ފަށައިގަތުމުގައި އޭގެ ބޭނުންކުރާ މީހަކަށް މިފަހަރަށް ރަނގަޅު ވެދާނެ އެއްޗެއްކަމަށް ބަލައިގެން  ތަންކޮޅެއް އަވަހަށް މިވަނަވަރުތައް ބައްލަވާލެއްވޭނޭ ގޮތެއްވުމަށް ގިނަ ފަރާތްތަކުންވަނީ އެދިވަޑައިގެންފައެވެ. މީގެތެރޭ މަރުޙޫމް ޙަސަން ޙިލްމީ ދުނިޔޭގައި ހުންނެވިއިރު އޭނާއާއިއެކީ މިދަރިކޮޅުތަކުގެ ވަނަވަރުތައް ބައްލަވައި އޭގެ މަޢުލޫމާތު އިތުރަށް މުއްސަނދިކޮށްދެއްވި އަދި އެއަށް އިޞްލާޙީ މަސައްކަތްތަކެއް ކޮށްދެއްވި ފަރާތްތަކެއްވެސް ހިމެނެއެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވި ދަރިކޮޅުތަކުގެ އިތުރަށް ޢާއިލީ ވަނަވަރުތަކުގައި ހިމަނާފައިވާނީ އޭނާގެ ކޮއްކޮ ތިނަދޫ ހަލަވެލި އަލްމަރުޙޫމް މުޙައްމަދު ޙިލްމީ ލިޔުއްވާފައިވާ އެ ދެބެއިންގެ ބައްޕަ ފަރާތުން އައްޑޫ މީދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ދަރިކޮޅުން މުޙައްމަދު ޙިލްމީއަށް އެހާތަނަށް ލިޔުއްވިފައިވާ ޢާއިލީ ވަނަވަރެވެ. މިބައި އަޅުނގަޑަށް ދެއްވީ މުޙައްމަދު ޙިލްމީއެވެ. ޙަސަން ޙިލްމީ މިމަސައްކަތް ކުރައްވަމުން ގެންދެވިއިރު މިކަމުގައި އޭނާގެ އެންމެބޮޑު އެހީތެރިއަކީ ތިނަދޫ އޯޝަންޕާކް އަލްމަރުޙޫމް ވިލިގިލީ ޙުސައިނެވެ. މި ދެ ކަލުން މިމަސައްކަތް ކުރައްވަނިކޮށް އަޅުގަނޑު ވަރަށްގިނަފަހަރު ދުށީމެވެ. 

އަލްމަރުޙޫމް ވިލިގިލީ ޙުސައިނަކީ އޭނާ ދާދިކުޑައިރު ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ހުވަދުއަތޮޅު ވިލިގިލިން ގެންނަވައިގެން މުހައްމަދު ކަލޭގެފާނުގެ ގޭގައި ބަހައްޓަވައި، ގެންގުޅުއްވި ކުއްޖެކެވެ. މުޙައްމަދު ކަލޭގެފާނަކީ ދަރިކޮޅުގެ ވަނަވަރާއި އެހެނިހެންވެސް އެޒަމާނުގެ ބައެއް ކަންކަން ލިޔުއްވުމުގެ މަސައްކަތްކުރެއްވި ބޭކަލެކެވެ. ތިނަދޫއާއި މަޑަވެއްޔާއި، ހޯޑެއްދޫގައި އޭނާ ނިސްބަތްވާ ދަރިކޮޅު އޭރުވެސް އަދި މިހާރުވެސް ވަރަށްބޮޑަށް ފެތުރިފައިވެއެވެ. ހުވަދުއަތޮޅުގައި އެންމެ ގިނަދުވަހު އަތޮޅުވެރިކަން ކުރެއްވި ބޭކަލަކަށް މުޙައްމަދު ކަލޭގެފާނު ވުމުގައި އޭނާގެ ތަފާތު ފަންނީ ހުނަރުވެރިކަމާއި ތަނަވަސްކަމުގެއިތުރަށް ޢާއިލާގެ ބޮޑުކަމާއި މީހުންނާއި ގުޅުންތެރިކަމުގެ ވަރަށްބޮޑު ޙިއްޞާއެއް ގުދުރަތުން އޭނާއަށް މިންވަރުކުރައްވާފައިވެއެވެ. އޭނާކުރެއްވި ވެރިކަމުގެ ޒަމާނުގެ ގޮތުންނާއި އެކު، އޭނާއަކީ އެޒަމާނުގައި މާލޭގެ އަތިރީގެއާއި ނޫރައްދީން ބަންޑާރައިންގެ ޚާންދާނާއި އަދި އެހެންބައެއް ބޮޑެތި ޚާންދާނާއިވެސް ގުޅުން ރަނގަޅު ބޭކަލެކެވެ.

މަރުޙޫމް ވިލިގިލީ ޙުސައިނުގެ ބައްޕައަކީ މާލެއަށް ނިސްބަތްކުރެވޭ ބޭކަލެއް ކަމަށްވެފައި ޢާއިލީވަނަވަރަށް އިސްކަމެއްދެއްވި ބޭކަލަކަށްވާތީ، އެޒަމާނުގެ މާލޭގެ ނަންހުރި ބޮޑެތި ދަރިކޮޅުތަކުގެ ވަނަވަރުތައްވެސް ޙުސައިނަށް އޭރުވެސް ރަނގަޅަށް އެނގިލައްވައެވެ. އަދި އޭރު މުޙައްމަދު ކަލޭގެފާނުގެ ގެއަށް ޒިޔާރަތްކުރައްވާ އެކިފަންތީގެ އެކި ފަރާތްތަކުގެ ތަޢާރަފާއި ވަނަވަރު ހޯއްދެވުމަށްވެސް މަރުޙޫމް ވިލިގިލީ ޙުސައިން ވަރަށްބޮޑު ސަމާލުކަމެއް ދެއްވިއެވެ.   އެހެންކަމުން ޙުސައިނު ހިމެނިފައިވަނީ ހުވަދުއަތޮޅާއި އެނޫންވެސް ރާއްޖޭގެ އެޒަމާނުގެ މަޝްހޫރު ބައެއް ދަރިކޮޅުތަކުގެ ވަނަވަރުތަކަށް ފަރިތަ ބޭކަލެއްކަމަށެވެ. މަރުޙޫމް ޙުސައިނުގެ މިފަންނުގެ ކުޅަދާނަކަން ރަނގަޅަށް އެނގޭނޭ ވަރަށްގިނަމީހުން މިހާރުވެސް ތިނަދޫގައި އެބަ ތިއްބެވެ. އެމީހުން އެވާހަކަ މިހާރުވެސް ދައްކައެވެ.

ޢާއިލީ ވަނަވަރުގެ މަޢުލޫމާތު އެއްކުރެއްވުމުގެ ޝައުގުވެރިކަން އަލްމަރުޙޫމް ޙަސަން ޙިލްމީގެ ކިބައިގައި އުފެދުމުގެ އެންމެބޮޑު އަޞްލަކީ ޢާއިލީވަނަވަރު ލިޔުއްވުމުގެ މަސައްކަތް ކުރައްވާފައިވާ އަލްމަރުޙޫމު ޙާޖީ މުޙައްމަދު ކަލޭގެފާނާއި ގާތްކަމެއް އޮތުން ފިޔަވައި އަލްމަރުޙޫމު ވިލިގިލީ ޙުސައިނުގެ ޢާއިލީވަނަވަރުގެ މަޢުލޫމާތުގެ ގިނަކަމާއި ފުރިހަމަކަންކަމުގައި ވުމަކީ ދުރުކަމެއްނޫނެވެ. އެހެންކަމާއިއެކުވެސް މަޢުލޫމާތު އެއްކުރެއްވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ޙަސަން ޙިލްމީ ހޯއްދެވިއެވެ.

އޭގެތެރޭ ތިނަދޫ ސަވޭރާ މަރުޙޫމު ޙަސަންފަހުމީ ދީދީ އާއި ތިނަދޫ ވައިލެޓްވިލާ މަރުޙޫމު މުޙައްމަދު ކަލޭގެފާނާއި ތިނަދޫ ދީފްރަމްގޭ މަރުޙޫމު ޙަސަން ތަކުރުފާނު(ޙަސަންބެ) އާއި ތިނަދޫ ބްލެކްބާރޑް ކ މަރުޙޫމު ާސިމްބޭ ހިމެނެއެވެ. ނަމަވެސް ޙަސަން ޙިލްމީ އެމަސައްކަތް ކުރެއްވިއިރު ތިނަދޫ މާނެލް ޝައިޚު މަރުޙޫމް ޔޫސުފު ޞިދުގީ އާއި ޙަސަން ޙިލްމީގެ ބޭބެ ސްޓާރލިންގ މަރުޙޫމް އަޙުމަދު ޙިލްމީ އާއި ،ޙަސަން ޙިލްމީގެ ކޮއްކޮ ހަލަވެލި މަރުޙޫމް މުޙައްމަދު ޙިލްމީ އާއި ހުވަދުއަތޮޅު ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސާއި ތިނަދޫ އޯޝަންމީޑް މަރުޙޫމާ ޙައްވާ މުޙައްމަދުދީދީ އާއި ތިނަދޫ ޖަނަވަރީގޭ މަރުޙޫމާ ފާޠިމަތު ހުސޭންއާއި އަދި ޢާއިލީވަނަވަރުގެ އެދުރު ވިލިގިލީ މަރުޙޫމު ޙުސޭން، ޙަސަން ޙިލްމީ އާއި އެކީގައި އެމަސައްކަތުގައި އުޅުއްވިތަން ވަރަށް ގިނަފަހަރު އަޅުގަނޑަށް ވަނީ ފެނިފައެވެ. މިފަރާތްތަކުގެ ތެރެއިން އިބްރާހީމް އަނީސް ނޫން އެހެން ފަރާތްތައް މިހާރުވަނީ ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. ޙަސަން ޙިލްމީއާއި އެކީގައި ޢާއިލީ ވަނަވަރާއި އެހެން ބައެއް ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވާތީ އަޅުގަނޑަށް ފެނި ހަނދާނަށް ގެނެވޭ ލިޔުންތެރިންނަކީ ޙަސަން ޙިލްމީއާއި އެކީގައި އޭނާ މަސައްކަތްކުރެއްވި ދެ އޮފީހުގައި ވަރަށްގާތްކޮށް އުޅުއްވި ތިނަދޫ އަލިދޯދި ޢަބުދުﷲ ޢަފީފާއި ތިނަދޫ ނޮޑެލް ޢަދުނާނު އިސްމާޢީލާއި ތިނަދޫ ޓްވައިލައިޓް ޝަމީމާ އާދަމެވެ. މި ބޭފުޅުން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ޙަސަން ޙިލްމީ ދުނިޔެދޫކުރެއްވި ފަހުން އޭނާގެ މިމަސައްކަތް ނިންމާލުމަށްޓަކައި މަސައްކަތްކުރަން އަޅުގަނޑަށް ޖެހުނުއިރު އޭނާއާއި އެކީ އެމަސައްކަތުގައި އެންމެބޮޑަށް އުޅުއްވިކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވާ ޝައިޚު ޔޫސުފް ޞިދުގީ އާއި އަޙުމަދު ޙިލްމީ ވަނީ ދުނިޔެ ދޫކުރައްވާފައެވެ. ދެން ހުންނެވި މުޙައްމަދު ޙިލްމީ މިމަސައްކަތް ގެންދާނޭ ގޮތާއި އަދި މިކަމަށް ބޭނުންވާނޭ އިތުރު މައުލޫމާތާއި އިރުޝާދުވަނީ ދެއްވާފައެވެ. އޭގެއިތުރަށް މިވަނަވަރުގެ %95 އޭނާވަނީވެސް ބައްލަވާފައެވެ. 

ހަލަވެލި މުޙައްމަދު ޙިލްމީ ދުނިޔެދޫކުރެއްވީ  އަޅުގަނޑަށް ދެއްވަމުން ގެންދެވި އަތޮޅުގެ ތާރީޚީ ބައެއް މަޢުލޫމާތު އެންމެފަހުން ދެއްވިތާ ދެތިން ހަފުތާގެ ފަހުންނެވެ. އަޅުގަނޑު މިމަސައްކަތްކުރަން ފަށައި ވަކިވަރަކަށް ނިމިގެން ވަނަވަރާއި ބެހޭ ތަޢާރަފުގެ ލިޔުމެއް ފުރަތަމަލިޔުނީ 13 ޝައްވާލު 1423، 17 ޑިސެމްބަރ 2002 ގައެވެ. ނަމަވެސް ގިނަ މީހުންނަށް ވަނަވަރުތައް ބަލައިލެވޭނޭ ގޮތެއް ތަނަވަސްވެފައި ނުވުމުގެ ސަބަބުން އެގޮތަށް ދިޔަ ދުވަސްކޮޅުގެ ތެރޭ ވަނަވަރުތަކުގެ އިތުރުބައިތައް ހޯދީމެވެ. މިހާރު މިފެންނަގޮތަށް ވަނަވަރުތައް ގެނެވިފައިވަނީ އޭގެ 8 އަހަރުގެ ފަހުންނެވެ. ނަމަވެސް ޙަސަން ޙިލްމީ ކޮންމެވެސް ވަރަކަށް ލިޔުއްވާފައިނުވާ އިތުރު އެއްވެސް ޢާއިލީވަނަވަރެއް އަޅުގަނޑު ނުލިޔަމެވެ. އަޅުގަޑު ކުރި މަސައްކަތަކީ އެވަނަވަރުތަކަށް އެހާތަނަށް ނުގެނެވިފައިވާ އިތުރުމީހުންގެ ނަންތައް ގެނެވޭތޯކަމަށް ވިޔަސް، އެމަޢުލޫމާތު އެނގޭމީހުން މަދުކަމާއެކު މިކަން އެންމެރަނގަޅަށް ކުރެވޭނޭގޮތެއް ނުވިއެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވާ ޢާއިލީވަނަވަރުގެ އިތުރު މަޢުލޫމާތުހޯދުމަށް އަޅުގަނޑު ގޮސް ބައްދަލުކޮށް ވާހަކަދައްކައި މަޢުލޫމާތު ދެއްވި ފަރާތްތަކުގެ ތެރެއިން ވަރަށްގިނަ ބޭކަލުންނާއި، ކަނބަލުން އަޅުގަނޑަށް މިވަނަވަރުތައް ވުޖޫދަށް ނުގެނެވެނީސް ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމަކީ އެފަރާތްތަކުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަކަށް މިކަންވުމުގެ އިތުރަށް އަޅުގަނޑާއިވެސް ގާތް ފަރާތްތަކެއްކަމަށް ވާތީ އެއީ އަޅުގަނޑު ވަރަށްދެރަވެ ހިތާމަކުރަން ޖެހުނު ކަމެކެވެ. މިހާތަނަށް އައިއިރުވެސް މިވަނަވަރުތައް ފެންނާނޭގޮތް ނުވީކަމާއި އެހެންވީނަމަ އޭގެ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަޢުލޫމާތު އަޅުގަނޑަށް ވެސް ދެއްވި މުހިއްމު ބައެއް ފަރާތްތަކާއި ބައްދަލުކޮށްލެއްވުމުގެ ފުރުޞަތުވެސް ތަނަވަސް ވެފައި އޮންނާނެތީއެވެ. ދެން އަޅުގަނޑު އެންމެ ދެރަވާންޖެހޭ ކަމަކީ މިވަނަވަރުތައް ބައްލަވައިލައްވަން ބޭނުންވެލައްވައި އަޅުގަނޑާއި އެންމެ ގިނަފަހަރު އެވާހަކަ ދައްކަވަމުން ގެންދަވާފައިވާ އަދި މިވަނަވަރުތަކުގައި އެ ދެ ބޭކަލެއްގެ ޢާއިލާހިމެނޭ ދެ ބޭކަލުންކަމަށްވާ ތިނަދޫ ޝިމްލާ އަލްމަރުޙޫމް މުޙައްމަދު މުފީދާއި ތިނަދޫ އީގަލް މުޙައްމަދު މުޞްޠަފާއާއި ދެބޭކަލުން ކުރެ މުފީދު މިހާރު ނިޔައުވެފައިވާ ކަމެވެ. މި ވަނަވަރުތައް ޢާއްމުކޮށް ބެލޭނޭގޮތްވީއިރު މުފީދުވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އެމަރުޙޫމަށް މަތިވެރި ﷲ ސުބްޙާނަހޫވަތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. މުޞްޠަފާ ދެއްވި ހިތްވަރަށް ޝުކުރު އަދާކުރަމެވެ.

ތިރީގައި އެވަނީ މި އިލީވަނަވަރުގެ މަސައްކަތް ކުރުމުގައި އަޅުގަނޑަށް ގިނަ މަޢުލޫމާތު ދެއްވައި އެންމެބޮޑަށް އެހީތެރިވެދެއްވި ފަރާތްތަކުގެ ތެރެއިން ހަނދާންހުރި ފަރާތްތަކުގެ ނަންތަކެވެ. މީގެތެރެއިން ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަށާއި، އަދި މިވަނަވަރުތައް ފުރަތަމަ ހޯއްދަވައި އެއްކުރެއްވި ފަރާތްތަކުގެތެރެއިން މިހާރު ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަށް ސަވާބާއި މަޣުފިރާ ދެއްވުން އެދި ﷲ ސުބްޙާނަހޫވަތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މިވަނަވަރުތައް ވުޖޫދަށް ގެނައުމުގައި މަސައްކަތްކުރައްވާފައިވާ މިހާރު ދުނިޔޭގައި ތިއްބެވި ފަރާތްތަކުގެ އަގުހުރި ޚިދުމަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އަޅުގަނޑަށް މަޢުލޫމާތުދެއްވި ފަރާތްތަކުގެ ނަންތައް ތިރީގައި ފާހަގަކޮށްފައިވާއިރު ރަށުގެނަން ލިޔެފައިނެތީ ހުވަދުއަތޮޅު ތިނަދޫގެ ފަރާތްތަކެވެ.

ދުނިޔެ ދޫކުރައްވައިފައިވާ ފަރާތްތައް (10 ޖެނުއަރީ 2013މ. ގެ ކުރިން)

އަބޫބަކުރު އިބްރާހީމް/ ގްރީންވިލާ، 

އަޙުމަދު ވަޙީދު/ ސީބްރީޒް  

ޤާސިމް ޢަލީ(ކާސިންބޭ)/ ފެހިވިލާގެ

ފާޠިމާ/ އޮރެންޖް

ޢާއިޝާ/ ބިޖިނިންގްވިލާ

މަރިޔަމްފާނު/ ހެޕީލައިޓް

ދޮންބީފާނު/ މާނެލް

ޢާއިޝަތު އާދަމް/ ބީޗްރެސްޓް

ޢާއިޝަތު ޢަލީ/ ޓޮންގާ

މަރިޔަމްދިޔެ/ އަލަސްކާ

ޢަބުދުﷲ ނަޞީރު/ ރަންކޮކާގެ

މުޙައްމަދު ޙިލްމީ/ ހަލަވެލި

އަޙުމަދު މުޙައްމަދު(އަޙުމަދުބޭ)/ ކެނދިފަށުވިގެ

ޙުސައިން އަޙުމަދު/ ޓޯޓައިސް

ފާޠިމަތު އިބްރާހީމް ދީދީ/ ޓޯޓައިސް

ޙައްވާ ދިޔެ/ ފްރެންކް

ޢާއިޝަތު ޤާސިމް/ މަދަރުސާދޮށުގެ

އާމިނަތު ޙަމީދު/ ޑައިމަންޑްވިލާ

ޙައްވާދިޔެ/ ނިއުޒީލް

މަރިޔަމް ޙަސަން/ ނެދުންގެ

ފާޠިމަތު ޙުސޭން/ ޖަނަވަރީގެ

މަރިޔަމްދިޔެ/ ފީލިންގްވިލާ

ރެކިދިޔެ/ ދީފްރަމްގެ 

ދޮންތައްޚާނު/ ކޫވިލް

އާދަމް ތަކުރުފާނު/ ސޫރަޖުގެ

މުޙައްމަދު ވަޙީދު ޙަސަން/ ދީނާރު މަޑަވެލި

ޢަބުދުﷲ(އަބުދުބޭ) އަޅިވިލާގެ/ މާމެންދޫ

އާދަމް ޙުސޭން(ދޮންކަޅާބޭގެ އާދަމް)/ ޝާރކް

ރެކިބީފާނު/ ގާލިކް

ޙުސޭން ޢަލީ(ޙުސައިންބޭ)/ މެޓްރޯނިއުސް

އިބްރާހީމް ޤާސިމް(އިބްރާހީމްފުތު)/ ސައިބޭރިޔާ

އާދަމް ތަކުރުފާނު/ ރިވެލްފިޝް

މޫސާ އިބްރާހީމް(ރެކިބޭ)/ އިރުމަތީގެ

މުޙައްމަދު އިބްރާހީމް(މުޙައްމަދުބޭ)/ ޓިބެޓް

މޫސާ އިބްރާހީމް/ ލައިޓްރޯސް،

ފާޠިމަތު ޙަސަން/ ގްރީންލީފް

އާމިނާދިޔެ/ ރަދީފު

ދިޔެ(ދައްތަ)/ ސައިބޭރިޔާ

ރެކިދައިތަ/ ކެނދިފަށުވިގެ 

 

ދުނިޔޭގައި ތިއްބެވި ފަރާތްތައް (10 ޖެނުއަރީ 2013މ. ގައި)

މުޙައްމަދު އަޙުމަދު/ އޮރެންޖް (މިހާރު ނިޔައުވެފާ)

ޙަސަން އަޙުމަދުދީދީ/ ސްޓާރލިންގް

ޙަސަންބޭ/ މުނިޔާގެ  (މިހާރު ނިޔައުވެފާ)

އިބްރާހީމް ތަކުރުފާނު/ ފަނީސްޕޮޓް  (މިހާރު ނިޔައުވެފާ)

ޢަބުދުލް ޙައްޔު/ އުޖާލާގެ

ޢަލީ ނަޞީރު/ ޒޫރިޔާގެ މަޑަވެލި  (މިހާރު ނިޔައުވެފާ)

އިބްރާހީމް އަނީސް ޝަބްނަމީގެ/ވިލިގިލި

އާމިނަތު ފާއިޒާ/ ހަލަވެލި

މަރިޔަމް އިބްރާހީމް/ ލޯންޑްރީ   (މިހާރު ނިޔައުވެފާ)

ފާޠިމަތު ނާޞިރާ/ ޗާންދު  (މިހާރު ނިޔައުވެފާ)

އަމީނާ/ ހައިހޯޕް  (މިހާރު ނިޔައުވެފާ)

ޙައްވާ އިބްރާހީމް/ ޕްރިޖްހައުސް

ދޮންކަމަނަ/ ސަންޑޭ  (މިހާރު ނިޔައުވެފާ)

ޢަލީ ޙުސައިން/ ރަންގަލް (މިހާރު ނިޔައުވެފާ)

ޢަލީ ރަޝީދު/ ޑައިމަންޑްވިލާ  (މިހާރު ނިޔައުވެފާ) 

ޙަސަން އިބްރާހީމްދީދީ/ އެވަރފާސްޓް  (މިހާރު ނިޔައުވެފާ)

ޙުސޭން އަޙުމަދު/ އާގަރާ

އަޙުމަދު ނަޞީރު/ ވައިލެޓްވިލާ  (މިހާރު ނިޔައުވެފާ)

އިބްރާހީމް އިސްމާޢީލްދީދީ/ ދާރުއްސަލާމް ކޮނޑޭ  (މިހާރު ނިޔައުވެފާ)

ޢަބުދުލް މުޙުސިން/ ހެޕީ މަޑަވެލި

އިބްރާހީމް ވަޙީދު/ ގުލްފާމްގެ މާތޮޑާ  (މިހާރު ނިޔައުވެފާ)

ޒަކަރިއްޔާ/ ޖެމިނީހައުސް (މިހާރު ނިޔައުވެފާ)

ޤާސިމް ޙަސަން/ ޗިޗަންޑާގެ  (މިހާރު ނިޔައުވެފާ) 

ރެކިދިޔެ/ އާސީނުގެ  (މިހާރު ނިޔައުވެފާ)

ދަލިކާދިޔެ/ އަންސެންޓް  (މިހާރު ނިޔައުވެފާ)

ފާޠިމާ/ ބްލެކްނެކް (މިހާރު ނިޔައުވެފާ)

ސަންފާދިޔެ/ ނޫމުރަކަ

ޙައްވާދިޔެ/ އެލީނާ  (މިހާރު ނިޔައުވެފާ)

މަރިޔަމް ޤާސިމް/ ނަރުގިސްވިލާ  (މިހާރު ނިޔައުވެފާ) 

ޢާއިޝަތު ޤާސިމް/ މާރާދަގެ

ޢަލީ ޙުސޭން(ޢަލިބެއްޔާ)/ މާރާދަގެ (މިހާރު ނިޔައުވެފާ)

ޤާސިމް ތަކުރުފާނު/ ހައިހޯޕް  (މިހާރު ނިޔައުވެފާ) 

ޙަސަން ތަކުރުފާނު/ ރެޑްއޯޝަން  (މިހާރު ނިޔައުވެފާ)

މުޙައްމަދު އަޙުމަދު/ ދިއްލަގީ (މިހާރު ނިޔައުވެފާ)

ޙައްވާ ޙަސަން/ ކިޔުޕިޑް  (މިހާރު ނިޔައުވެފާ) 

ފާޠިމާދިޔެ/ ޑޯލްވިލާ  (މިހާރު ނިޔައުވެފާ) 

މަރިޔަމް ޝީރީން/ ސްވީޓްޑްރީމް  (މިހާރު ނިޔައުވެފާ)

ފާޠިމަތު ޔޫސުފު/ ޕޭލް

މަރިޔަމް ޙުސޭންދީދީ/ ސިލްވަރކްއީން  (މިހާރު ނިޔައުވެފާ) 

އަޙުމަދު ޙަބީބު/ ޕާމްޝޭޑް

މުޙައްމަދު ގާސިމް/ ފެހިވިނަ

ޤާސިމް މޫސާ/ ނެދުންގެ   (މިހާރު ނިޔައުވެފާ)

ޙުސައިން(ނަޑެއްލާ ކަލޯ)/ރޯމިޔޯ  (މިހާރު ނިޔައުވެފާ) 

ޢަލިތަކުރުފާނު/ ގުލްޝަން  (މިހާރު ނިޔައުވެފާ)

އަޙުމަދު އިބްރާހީމް/ އަކިރި  (މިހާރު ނިޔައުވެފާ) 

އާމިނަތު ޒުބޭދާ/ ޝިމްލާ

މަރިޔަމް މުނީރާ/ ނައިންހައުސް  (މިހާރު ނިޔައުވެފާ) 

މަރިޔަމް ޢަލީ/ އޮރެންޖްގާރޑްން

ފާޠިމާ/ ބާމިޔާގެ

ޢާއިޝާ(އައިސާދައްތަ)/ ހުދުފިނިފެންމާގެ  (މިހާރު ނިޔައުވެފާ) 

މަރިޔަމް ޢަބުދުއްރަޙުމާނު(މަރިޔަމްދައްތަ)/ ރަނައުރާގެ (މިހާރު ނިޔައުވެފާ)

އާދަމް މޫސާ(އާދަމްބެ)/ އޮރެންޖްގާރޑްން (މިހާރު ނިޔައުވެފާ)

ޔޫސުފު މުޙައްމަދު(ޔޫސުފުބެ)/ ނައިންހައުސް (މިހާރު ނިޔައުވެފާ)

މުޙައްމަދު ޒުހޭރު/ ޖޭނެސްޓް

ޢާއިޝަތު އިބްރާހީމް/ މޮސްކޯގެ

މުޙައްމަދު ޤާސިމް (މުޙައްމަދުބެ)/ ޕާޓްރާގެ  (މިހާރު ނިޔައުވެފާ) 

ޢަލީ ޝަމީމް/ ތެވެލި

ދޮންބީފާނު/ އޮމެގާ  (މިހާރު ނިޔައުވެފާ) 

މުޙައްމަދު ޝާކިރު/ އަލްބޭނިޔާ

ފާތިމަތު ހުސޭން(ފާތިންދިޔެ) /ސޯމާލީ

މުޙައްމަދުކަލޯ/ ލޯންޑްރީ  (މިހާރު ނިޔައުވެފާ) 

ޙަސަން ޢަލީ/ މާފުށީގެ  (މިހާރު ނިޔައުވެފާ)

ޙަސަން ޢަޒީޒު(ހަސަންކަލޯ)/ ރަދީފު   (މިހާރު ނިޔައުވެފާ)

މޫސާކަލޯ/ ޕީކޮކް   (މިހާރު ނިޔައުވެފާ)

އަބުދުﷲ ޔޫސުފު(ރެކިބެ)/ ޕޭލް (މިހާރު ނިޔައުވެފާ)

ޢަބުދުﷲ ކަލޯ/ ޕާޕަލް 

އާމިނަތު ޔޫސުފު(އާމިންދައްތަ)/ ކޮތަރުގެ (މިހާރު ނިޔައުވެފާ)

ސިއްތި/ ޕެރިސް  (މިހާރު ނިޔައުވެފާ)

ރެކިދިޔެ/ ނަރުގިސްގެ 

ޢަބުދުﷲ/ ނަރުގިސްގެ

ފާޠިމާ/ ނައިޓްކްއީން (މިހާރު ނިޔައުވެފާ)

ރެކިދިޔެ/ ރަންދޯދި

މަރިޔަމް/ ފެއަރީ،

ޙަސަން(ޙަސަންބެ)/ ފެއަރީ  (މިހާރު ނިޔައުވެފާ)

އަޙުމަދުފުތު/ ވައިޓްޗޯކް (މިހާރު ނިޔައުވެފާ)

ޙުސޭން ޢަފީފު/ ރޯމަރުގެ

ޙުސޭން ޝަފީގު/ ޢަޞުރުމާގެ (މިހާރު ނިޔައުވެފާ)

ޙުސޭންފުޅު/ ދޮންފަޅޯގެ

މަރިޔަމް މުޙައްމަދު/ ކުރަމަތީގެ  (މިހާރު ނިޔައުވެފާ)

ޚަދީޖާ ޙުސޭން ގޮންގަލި/ވިލިގިލި  (މިހާރު ނިޔައުވެފާ)

މަރިޔަމް ޙަސަން(މަރިޔަމްދައްތަ)/ މިލަންހައުސް   (މިހާރު ނިޔައުވެފާ)

ޙަސަން ޢުސްމާނު(ތުއްތު)/ހ ަލަވެލިމާގެ

ޢަލިފުތު/ ރެލީހައުސް،

ޤާސިމް މުޙައްމަދު/ ބެކިންގހަމް (މިހާރު ނިޔައުވެފާ)

ޙުސޭން އަޙުމަދު/އ ީގަލް (މިހާރު ނިޔައުވެފާ)

ފާޠިމަތު އިސްމާޢީލް/ އީގަލް  (މިހާރު ނިޔައުވެފާ)  

ޖަމީލާ މުޙައްމަދު/ ބިންމަތީގެ

އަޙުމަދު ވަޙީދު/ މާކަރީވިލާ  (މިހާރު ނިޔައުވެފާ) 

މުޙައްމަދު ނަސީމު/ ބްލެކްއެންޑްވައިޓް

ޙަލީމާ/ މާމެންދޫ 

މަރިޔަމް އިސްމާޢީލް(މަރިޔަމްދައްތަ)/ މާދެލަ  (މިހާރު ނިޔައުވެފާ)  

ޢާއިޝަތު މުނީރާ/ ކުދިމާގެ

އާމިނާދިޔެ/ ޝެހެނާއީ   (މިހާރު ނިޔައުވެފާ)

ދުވަސްވީ ދަރިކޮޅަކީ އޭގެ އެތައް އަހަރެއްގެ ފަހުން އެދަރިކޮޅުގެ ވަނަވަރުލިޔާއިރު އުނިއިތުރު ހުރުން އެކަށީގެންވާ އެއްޗެކެވެ. އެހެންކަމުން ކުރިން ދެންނެވިހެން މިވަނަވަރު ތަކުގައި އުނިއިތުރު ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެކަން ފާހަގަކުރެއްވޭ ފަރާތެއްވާނަމަ އެކަމެއް އަޅުގަނޑުމެންނަށް އަންގަވާލަދެއްވައި އިޞްލާޙްކޮށްލުމުގެ ފުރުޞަތެއް ލިބޭނޭގޮތް ވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަޅުގަނޑުމެންގެ މިމަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ދާނަމަ ވަނަވަރުތަކަށް އަންނަ އުނިއިތުރުގެ ޞައްޙަކަން ބެލުމަށްފަހު އެގޮތަށް ވަނަވަރު އިޞްލާޙްކޮށް އިރާދަކުރެއްވިއްޔާ "ގަލެހިރި" ނުވަތަ އެނޫންވެސް ބައެއް ވެބްސައިޓްތަކަށް އަޕްލޯޑް ކުރާގޮތަށް ހަމަޖެހިފައިވެއެވެ.

މިޢާއިލީ ވަނަވަރުތައް ލިޔެފައިވަނީ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ދުނިޔެ ދޫކުރެއްވިތާ އަހަރުތަކެއްގެ ފަހުންނެވެ. ނަމަވެސް އޭގެ އަޞްލު ނުގެއްލޭ ގޮތަށެވެ.

މިމަސައްކަތް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިވި އެއްކަމަކީ ޢާއިލާއަކުން އެނގެންހުރި އެންމެ އިސްމީހާ ނުވަތަ އެންމެ އިސް ދެ ކަނބަލެއްގެ ނަންތައް އެނގޭކަމަށް ވިޔަސް އެ ދެކަނކަބަލުންގެ ޢާއިލާ އުފަންވުމުގެ ތަރުތީބުން އެނގުމުގައި ދިމާވި ދައްޗެވެ. ޙަސަން ޙިލްމީގެ ލިޔުއްވުމުންވެސް އެ ކަން އެހާ ރަނގަޅަށް(އުފަންވުމުގެ ތަރުތީބުން) އެނގޭކަށް ނެތެވެ.

މި ވަނަވަރުތަކުގައި ހިމެނެންޖެހޭ، އެކަމަކު އެފަރާތްތަކުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ހޯދައި ނުގަނެވުނު ފަރާތްތަކާއި އަދި ފަހުގެ ޒުވާން ޖީލުގެތެރެއިން މިވަނަވަރުތަކާއި ގުޅެންޖެހޭ ފަރާތްތަކުން އެފަރާތްތަކުގެ ވަނަވަރު ފާހަގަކޮށް ދެން އިތުރަށް ކުރިއަށް ގެންދަންޖެހޭ ގޮތް ދެނެގަތުމުގައި ދައްޗެއްނުވާނޭ ގޮތަށް މިވަނަވަރުތައް އެކުލަވާލުމުގައި ބަލާފައި ވާނެއެވެ. 

ގާތްތިމާގެ މީހުންގެތެރޭ އެކަކު އަނެކަކީ ކާކުކަމާއި އެ ދެ ފަރާތުގެ ތިމާގެކަމުގެ މިންވަރު އެނގުމަކީ ދީނީ އަދި ދުނިޔަވީގޮތުންވެސް ރަނގަޅު ކަމެކެވެ. މިހެނީ އެކަމުން ތިމާމެންގެ ލޭގެ ގުޅުންތެރިކަން ހަރުދަނާވުމާއި އެކަކު އަނެކާއަށް އެހީތެރިކަން ފޯރުވައި، ގުޅުން ބަދަހިކުރުމަށްވެސް ބާރުއަޅައެވެ. މިފަހަކަށްއައިސް ދެބެންގެ ދެދަރިއަށްވުރެ ދުރުވުމަކީ ތިމާގެކަމެއް ނޫންކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. އަދި އެއަށްވުރެ ދުރުވުމުން އެކަކު އަނެކާއަށް ތިމާގެކަމުގެ މިންވަރު ނޭނގޭ މީހުންވެސް މިހާރު މަދެއްނޫނެވެ. މިހެންވެފައިވަނީ ކުރީގެ ދުވަސްތަކުގައި އުޅުނު ކާބަފައިންނާއި، މީސްމީހުން އޭގެ އެކަކު އަނެކާއާއި ހުރި ތިމާގެކަމަކާއި ގާތްކަމެއް އެމީހުންގެ ދަރިންނާއި ޒުވާން ޖީލަށް ފޯރުކޮށްދީފައި ވިޔަސް މިހާރު އެފަދަ ފަރާތްތަކުން އެކަން އެގޮތަށް ކުރަމުން ނުގެންދަވާކަމެވެ.

މިހެންވަނީ މިހާރަކަށްއައިސް މާއްދީ ދުނިޔޭގެ އަވަދިނެތިކަމުގެ ސަބަބުން އެކަހަލަ ކަންކަން ދަރީންނާއި ގާތް މީހުންނަށް ފާހަގަކޮށް ދެއްކުމަށް ވަގުތުނުވަނީ ކަމަށް ވުންވެސް ނުވަތަ އެއީ ހުސް އަނގަ ތެޅުމެއްކަމަށް ބަލަނީކަމަށް ވުންވެސް އެކަށީގެންވެއެވެ. މިއީ ކޮންމެހެން ޒަމާން އޭގެ ޒާތުގައި ގެނުވި ބަދަލެއްނޫނެވެ. އަދި ކީއްހެއްޔެވެ. މިއީ މީސްމީހުން އެމީހުން އަމިއްލައަށް އެމީހުންގެ ޒަމާނުގައި އަމިއްލައަށް ގެނުވާ ބަދަލެވެ.

އެންމެފަހުގެ ޝުކުރު އަދާކުރުމަށްޓަކައި ބައެއް ފަރާތްތައް ޚާއްޞަކޮށްލުމަކީ މި ކަމުގައި އެހީތެރިވެދެއްވި އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއްކަމަށް ނުބެއްލެވުން އެދެމެވެ. އެއް ފަރާތަކީ މި ޢާއިލީ ވަނަވަރުތަކުގައި ފާހަގަކުރެވޭ އެންމެބޮޑު ދަރިކޮޅަށް ވެސް ނިސްބަތްވާ ހ. ތެވެލި އަލްފާޟިލް މުޙައްމަދު ޝަރީފެވެ. އަނެއް ފަރާތަކީ އެދަރިކޮޅަށް ނިސްބަތްކުރެވޭ ތިނަދޫ ޖޭނެސްޓް އަލްފާޟިލް މުޙައްމަދު ޒުހައިރެވެ. އެންމެފަހުގެ ޝުކުރު އަދާކުރާނީ މިޢާއިލީ ވަނަވަރުތަކުގެ ޗާޓުގެ މަސައްކަތްކުރި ތިނަދޫ މަދަރުސާދޮށުގޭ ކުދީންނަށެވެ.

                              ---------------------

ޢަބުދުﷲ ޙިލްމީ

10 ޖެނުއަރީ 2013މ.