އެއީ ކޮންއެއްޗެއް - 2ޚާލިޞް ރަނެވެ. އަގުބޮޑު މަޢުދަނެކެވެ.
އަނާނިއްޔަކަން ވެރިވެއްޖެނަމަ ގަޑުބަޑުވެދެ އެވެ.

ދެމިހުންނަނިވި ޒިކުރާއެކެވެ. ވަކި ބާވަތެއްގެ ހިތްތަކަށެވެ.
ޒަމާނުގެ ދިގު މަގުގައި އެއާއެކު ދަތުރުކުރި ފަތުރުވެރިންގެ އެވެ.

ރަނގަބީލު ޖަހާ ރާގެކެވެ. ނަލަ އަޑެކެވެ.
ޣާފިލުވެފައިވާ ހިތްތައް ހޭލައްވާލަ އެވެ.

ދިގު ވާހަކައެކެވެ. އެތައް ޗެޕްޓަރެއް ވެ އެވެ.
ހާދިސާތައް ތަޞްވީރުވެފައިވަނީ ހިތްތަކުންނެވެ.

ބަހާރު މޫސުމެކެވެ. އަންނަނީ ހިތްތަކަށެވެ.
މާމެލާމެލިން މާތައް ފޮޅުވައި އުފާވެރިކަން ގެނެސްދެ އެވެ.
                           
ޗާލު ކުރެހުންގަނޑެކެވެ. ފެންނަނީ ހިތުގެ ބިތުންނެވެ.
އެތައް ވާހަކައަކާއި ލަވައެއް ޖަމާވެފައިވެ އެވެ.

ބާރު ގަދަ ޠޫފާނެކެވެ. ހިތްތަކުގެ ޞަޙަރާތަކަށް އަރަ އެވެ.
އިޙުސާސްތަކުގެ ވެލިފުނިތައް ބުރުއްސާލަ އެވެ.

ސާފު ޒުމުއްރަދެކެވެ. އަލިމަހެއް ފަދަ އެވެ.
އެކަނިވެރިކަމުގެ އަނދިރީގައި ވެސް ވިދައި ބަބުޅަ އެވެ.

ބާރުގަދަ މަސްތެކެވެ. ޙަޔާތުގެ އިކުސީރެކެވެ.
ހަބަރުގެ ހިތިކަން ކަނޑުވާލާ ދަވާއެކެވެ.

އެތައް ފޮޅުވަތްތަކެކެވެ. ލިޔަނީ ހިތެވެ.
ޙަޔާތުގެ ފަތްފުށްތަކުގަ އެވެ.

ވާދަވެރި މުބާރާތެކެވެ. ވާދަކުރަނީ ހިތްތަކެވެ.
ނިމޭ ހިސާބަށް ވާޞިލުވެއްޖެ ނަމަ ނާކާމިޔާބުވެ އެވެ.

އަލިގަދަ ދަންމަރެކެވެ. ހިތްތަކަށް މަގުދައްކަ އެވެ.
އެކަނިވެރިކަމުގެ އަނދިރީގަ އެވެ.

ތަނަވަސް އައްސޭރިއެކެވެ. ހިތްތައް އުކާލެވިފައި ވެ އެވެ.
އައްސޭރިފަށުގައިވާ މުތްތޮށިތަކެއް ފަދައިންނެވެ.

އެއީ ސުމެކެވެ. އެއާ ނުލައި ހިތަކީ ސުމެކެވެ.
ރަނގަޅު ތަނުގައި ޖަހައިފިނަމަ ހިތުގެ އަގު މަތިވެދެ އެވެ.

އިތާގެ މުތެކެވެ. އޮތީ ހިތުގެ އަޑީގަ އެވެ.
ކުޅަދާނަ ފީނުންތެރިއަކަށް ނޫނީ ނުނެގޭނެ އެވެ.

މުޖައްރިބު ބޭހެކެވެ. ފުރިހަމަ ޝިފާ ލިއްބައިދެ އެވެ.
ބޭފަވާތެރިކަމުގެ ތީރުތައް ޒަޚަމްކުރި ހިތްތަކަށެވެ.

ބިކަޙާލުގައިވާ ނިކަމެއްޗެކެވެ. ބައެއް ޙާލަތްތަކުގަ އެވެ.
ތަޞައްރަފު ނުފުދޭ ޖާހިލުންގެ ގާތުގަ އެވެ.

ތެދުވެރި ޒަމީރެކެވެ. ގުޅިފައިވަނީ ހިތާ އެވެ.
ޙައްޤުގެ އަޑު ތާއަބަދު އުފުލަ އެވެ.

އުދުހޭ ދޫންޏެކެވެ. އުންމީދުގެ ފިޔައިންނެވެ.
މާޔޫސްވެފައިވާ ހިތްތަކަށް އުންމީދުތައް ހިފައިގެންނެވެ.

ހަނޑޫ ކަނޑާ ވަނެކެވެ. ބޭނުންވަނީ ހަކަތަ އެވެ.
ސާދާ އިޙުސާސާއި ތާޒާ ޝުޢޫރުގެ އެވެ.

މޮޑެފައިވާ ފުށްގަނޑެކެވެ. ޙަޔާތުގެ ޒަރޫރަތެކެވެ.
ބާއްޖަވެރި ކަމުގެ ކާނާ އުފައްދަ އެވެ.

ގަތާފައިވާ އިސްތަށިގަނޑެކެވެ. އެލިފައިވަނީ ހިތުންނެވެ.
އުފެދިފައިވަނީ ނާޒުކު ޝުޢޫރުތަކުންނެވެ.

ފެތުރިފައިވާ ހިޔަލެކެވެ. ހިތުގެ ބައްރުގަ އެވެ.
ރަށްވެހިވާނީ ވަފާތެރި އިޚުލާޞްތެރިންނެވެ.

ރީތި ޙާލަތެކެވެ. ބާއްޖަވެރި ކަމުގެ އެޑްރެހެވެ.
އުންމީދުގެ ދެލިން ސޮއިކުރެ އެވެ.

ރާގުފުމޭ އޮނެކެވެ. ޖަޒުބާތުގެ ރާގުތައް އިއްވަ އެވެ.
ދަގައްފާނަށް ދަގަނޑު ދަމާހެން، ހިތްތައް ދަމައިގަނެ އެވެ.

މިނިވަން ދިދަ އެކެވެ. ހިތުގެ ކުނބަށް ނެގެ އެވެ.

ނާޒުކު ޝުޢޫރުތަކުގެ ވައިން ވިހުރެ އެވެ. (ނުނިމޭ)
                      --------------------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން