ކީރިތި ޤުރުއާން ޖަމްޢު ކުރުން - ފުރަތަމަ ބައި

بسم الله الرحمن الرحيم

ޤުރުއާން ޖަމަޢަކުރެއްވުމާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމުގެ ކުރިން ކީރިތި ޤުރުއާނަކީ ކޮބައިތޯ ބަލާލަން އެބަ ޖެހެއެވެ. ޢުލޫމުލް ޤުރުއާނުގެ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނަކީ ސޫރަތުލް ފާތިޙާއިން ފެށެވޭ ސޫރަތުއް ނާސްގެ ނިޔަލަށް ނިމޭ މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އެކަނލާގެ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހި ސަލާމް މެދުވެރި ކުރައްވަވާ މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާވައިލެއްވުނު އެކަނލާގެ ކަލާމްފުޅެވެ. އެއީ އެ ކިޔެވުމުން އަޅުކަމެއްކަމުގައި ފުދޭ، ބަލިވުމުން ޝިފާއެއް ކަމުގައި ފުދޭ މާތް ﷲ ޖައްލަ ރައްބީގެ ކަލާމްފުޅެވެ.

އަޅުނގަޑުމެން އެންމެނަށްވެސް އެނގޭ ފަދައިން ކީރިތި މާތް ރަސޫލާގެ މައްޗަށް މި ޤުރުއާން ބާއްވާ ލެއްވުނީ އެހެނިހެން އުއްމަތްތަކާއި ޚިލާފަށް ޙާލަތާއި ވަގުތާއި ގުޅޭ ގޮތުން ލަސްލަހުންނެވެ. މިކަމުގެ ސަބަބުން މީސްތަކުންނަށް މި ޤުރުއާން ދަސްކުރުމަކީ ނުލާހިކު ފަސޭހަކަމަކަށް ވެގެން ދިޔައެވެ. އަދި އެ އާޔަތްތަކުގައިވާ ޙުކުމްފުޅުތައް ވެސް ހިތަށް ނަގައިގަނެވި އެޔަށް ޢަމަލުކުރުމަކީ ފަސޭހަކަމެއްކަމުގައި ވެގެންވަނީ ގޮސްފައެވެ. އަދި މީގެ އިތުރުން މި ޤުރުއާނަކީ މާތް ނަބިއްޔާއަށް މާތް ﷲ ދެއްވި އެންމެ ބޮޑު މުޢުޖިޒާތްވެސް މެއެވެ. ހުރިހާ ޒަމާނަކަށާއި މަކާނަކަށް ފެތޭ އޭގައިވާ އެންމެ ކަލިމައެއް އަދި ފިއްޔެއް ވިޔަސް ގެނައުމަށް ޖިންނީންނާއި އިންސީންނަށް ވެސް ކުޅަދާނަވެގެންނުވާ ޤިޔާމަތަށް ދާންދެން ރައްކާތެރި ކުރެވިގެންވާ މަތިވެރި ފޮތެކެވެ.

އަޅުނގަޑުމެންގެ މަޢުޟޫއަކީ އަސްބާބުއް ނުޒޫލް ނުވަތަ ޤުރުއާނުގެ ޙިކްމަތްތަކެއްވެސް ނޫނެވެ. އަޅުނގަޑުމެންގެ މަޢުޟޫއަކީ ޤުރުއާން ޖަމަޢަކުރެއްވުމެވެ. ވީމާ މަޢުޟޫއާއިގެން ކުރިޔަށް ދަމާތޯއެވެ. އާދޭހެވެ. ޢުލޫމުލް ޤުރުއާނުގައި ޤުރުއާން ޖަމަޢަކުރެއްވުން ދެ ގޮތަކަށް މަޢްނަކޮށްފައި ވެއެވެ. އެއީ:
1. ހިތްތަކުގައި ކުރެވޭ ޖަމްޢު
2. ލިޔެގެން ރައްކާކޮށްގެން ކުރެވޭ ޖަމްޢެވެ.

މާތް ރަސޫލާގެ ޒަމާނުގައި ޤުރުއާން ހިތްޕުޅުގައި ޖަމަޢަ ކުރެއްވުން:

އިތުރު މާތް ނަބިއްޔާގެ ޒަމާނުގައި މި ދެގޮތަށްވެސް ވަނީ ޤުރުއާން ޖަމަޢަކުރެވިފައެވެ. އޭގެ އެއް ދަލީލަކީ ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ މި ބަސްފުޅެވެ. لَا تُحَرِّ‌كْ بِهِ لِسَانَكَ لِتَعْجَلَ بِهِ﴿١٦إِنَّ عَلَيْنَا جَمْعَهُ وَقُرْ‌آنَهُ މާނައީ : ( އޭ މުޙައްމަދުގެފާނެވެ) ޤުރުއާން ކިޔެވުމުަގއި ކަނލޭގެފާނުންގެ ދޫފުޅު ތަކުރާރު ކުރެއްވުން އަވަސް ނުކުރައްވާށެވެ. ހަމަކަށަވަރުން އެ ޤުރުއާން ކަނލޭގެފާނުންގެ ހިތްޕުޅުަގއި ޖަމަޢަކުރެއްވުމަކީ ތިމަން ރަސްކަނލާގެ ރަސްކަންފުޅު މައްޗަށް އޮތްކަމެކެވެ. (سورة القيامة 16-17) މިވަޙީ ބަސްފުޅުން މާތް ރަސޫލާގެ ޙަޔާތްޕުޅުގައި އެ ޤުރުއާން ހިތްޕުޅުގައި ޖަމަޢަކުރެވިގެން ދިޔަކަމަށް ވަރަށް ސާފުކޮށް ދަލީލު ލިބެއެވެ. އަދި މި ނޫނަސް މާތް ރަސޫލާގެ ޒަމާނުގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުންވެސް އެ ޤުރުއާން ހިތްޕުޅުގައި ޖަމަޢަކުރެއްވިއެވެ. ނުވަތަ އެއަށްވުރެ ތިލަ ޢިބާރާތަކުން ދަންނަވަނީނަމަ އެ ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. قتادة قال سألت أنس بن مالك: من جمع القرآن على عهد رسول الله صلى الله عليه وسلم ؟ فقال: أربعة, كلهم من الأنصار: أُبي بن كعب, ومعاذ بن جبل, وزيد بن ثابت وأبو زيد .....( مسلم, كتاب فضائل الصحابة 4/1914 ),

އަނަސްގެފާނު ކިބައިން ޤަދާދަތުގެފާނު ސުވާލުކުރެއްވިއެވެ. ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކީ ދަސްފުޅު ކުރެއްވެވީ ކޮން ބޭފުޅުންނެއްތޯއެވެ. އަނަސްގެފާނުން ވިދާޅުވިއެވެ. ހަތަރު ބޭފުޅެކެވެ. އެ ހަތަރު ބޭފުޅުންނަކީ ވެސް އަންޞާރިއްޔަ ބޭފުޅުންނެވެ. އެބޭފުޅުންނީ އުބައްޔު ބުނު ކަޢްބު، ޒައިދު ބުނު ޘާބިތު ، މުޢާޛް ބުނު ޖަބަލް ، އަދި އަބޫ ޒައިދެވެ. އެހެން ރިވާޔަތެއްގައި އުބައްޔު ބުނު ކަޢްބުގެ ބަދަލުގައިވަނީ އަބުއް ދަރްދާއުއެވެ.(مات النبي صلى الله عليه وسلم ولم يجمع القرآن غير أربعة: أبو الدرداء, ومعاذ بن جبل, وزيد بن ثابت, وأبو زيد)މި ރިވާޔަތްތަކުން އެނގޭގޮތުގައި ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކަށް ދަސްފުޅު ކުރައްވަވާފައިވަނީ 4 އަޞްޙާބުންނެވެ. ( މި ޙަދީޘް ބުޚާރީގައި ވެސް  ވެއެވެ.)

ދެން އެހެން ޙަދީޘްފުޅަކަށް ބަލާލަމާތޯ އެވެ. حدثنا حفص بن عمر ثنا شعبة عن عمرو عن إبراهيم عن مسروق ذكر عبد الله ابن عمر وعبد الله بن مسعود فقال: لا أزال أحبه سمعت النبي صلى الله عليه وسلم يقول:  "خذوا القرآن من أربعة: عبد الله بن مسعود وسالم ومعاذ بن جبل وأبي بن كعب رضي الله عنهم" މި ޙަދީޘްފުޅުން އެނގިގެންދާ ގޮތުގައި ޤުރުއާން އުނގެނުމަށް މާތް ރަސޫލާ އެ އަންގަވަނީ ޢަބްދުﷲ ބުނު މަސްޢޫދުގެ ކިބައިންނާއި ސާލިމްގެ ކިބައިންނާއި މުޢާޛް ބުނު ޖަބަލްގެ ކިބައިންނާއި އަދި އުބައްޔު ބުނު ކަޢްބުގެ ކިބައިންނެވެ. މި ޙަދީޘްފުޅުގައި ވެސް އަނަސްގެފާނުންގެ ކިބައިން ރިވާވެގެންވާ ރިވާޔަތުގައި ނުހިމެނޭ 2 ބޭފުޅުން އެބަ ތިއްބެވިއެވެ.

އިތުރު މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި ޤުރުއާން ހިތުން ދަސްފުޅު ކުރެއްވީ 4 ޞަޙާބީންތޯއެވެ؟

މި މައްސަލައާއި މެދު ޢިލްމުވެރިންގެ މެދުގައި ވަނީ ބަޙްޘް ކުރެވިފައެވެ. އެގޮތުން އެބޭފުޅުން ވިދާޅުވަނީ އަނަސްގެފާނުން އެހެން ވިދާޅުވެފައި އެވަނީ އެކަލޭގެފާނުންނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުންނަވާގެން ކަމަށެވެ. އަދި މީގެ އިތުރުން އެބޭފުޅުން ވިދާޅުވަނީ ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކީ ދަސްފުޅު ކުރެއްވީ އެންމެ ހަތަރު ބޭފުޅުންނެއްވެސް ނޫން ކަމަށެވެ. ކިތަންމެ އަޞްޙާބުންނެއް ވަނީ ޤުރުއާން ދަސްފުޅު ކުރައްވާފަ ކަމުގައި އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. މިހެން ވިދާޅުވާ މަޝްހޫރު ޢާލިމުންގެ ތެރޭގައި އިބްނު ޙަޖަރުލް އަސްޤަލާނީ ، އަބޫބަކުރުލް ބާޤިލާނީ ، އަލްމާޒިރީ އަދި ޤުރްޠުބީ ފަދަ ބޭބޭފުޅުން ހިމެނެއެވެ. މިގޮތުން މާލިކީ މަޒްހަބުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޤުރްޠުބީގެ ބަސްފުޅު މިތާ ނަކަލުކޮށްލާނަމެވެ " القتل بالقراء يوم اليمامة في زمن الصديق رضي الله عنه, وقتل منهم في ذلك اليوم فيما قيل سبعمائة, أشار عمر بن الخطاب على أبي بكر الصديق رضي الله عنهما بجمع القرآن مخافة أن أشياخالجامع لأحكام القرآن للقرطبي: 1/ 49 – 50))القراء

އާދެ، މިފަދަ ކިތަންމެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ވެސް އެނގިގެންދަނީ މާތް ރަސޫލާގެ ޒަމާނުގައި ޤުރުއާން އެކީ ދަސްފުޅު ކުރެއްވެވީ 4 ބޭފުޅުން ނޫންކަމުގައެވެ. އެގޮތުން ދަލީލަކަށް ގެންނަވަނީ ބީރުމަޢްނާގައި ޝަހީދުވެވަޑައިގަތް 70 ޤުއްރާއިންނާއި ޔަމާމަތުގެ ހަނގުރާމައިގައި ޝަހީދުވެވަޑައިގަތް 400 ޤުއްރާއިންގެ ވާހަކައިންނެވެ. އަދި މީގެ އިތުރުން ޢުލޫމުލް ޤުރްއާނުގެ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ ޖަލާލުއްދީނުއް ޞުޔޫޠީ އެކަލޭގެފާނުންގެ ފޮތުގައި ޤުރުއާން ހިތުދަސް ކުރެއްވި އަންހެން ސާހިބެއްގެ ވާހަކަ ބަޔާން ކުރައްވާފަ ވެއެވެ. އެކަމަނާގެ ނަންފުޅަކީ އުންމު ވަރަޤަތު ބިންތި އަބްދުﷲ ބިން ޙާރިޘް އެވެ. އަދި އިބްނި ޙަޖަރް ބަޔާން ކުރައްވާ ގޮތުގައި އަބޫބަކުރުގެފާނު ވެސް ވަނީ ޤުރުއާން ހިތްޕުޅުން އެކީ ދަސްފުޅު ކުރައްވާފައެވެ.

އިބްނު ދާވޫދު އެކަލޭގެފާނުން ލިޔުއްވި ޤިރާއަތޭ ކިޔުނު ފޮތުގައި ކީރިތި މާތް ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން މުހާޖިރުންގެ ތެރެއިން ޤުއްރާއިންގެ ގޮތުގައި 11 ބޭކަލެއްގެ ނަންފުޅު ލިޔުއްވާފައި ވެއެވެ. އެބޭފުޅުންނީ ކީރިތި މާތް ރަސޫލާގެ 4 ޚަލީފާއިންނާއި، ޠަލްޙާ، ސަޢްދު، އިބްނު މަސްޢޫދު، ޙުޛައިފާ، ސާލިމް، އަބޫ ހުރައިރާ، އަބްދުﷲ ބިން އައްޞާއިމް، ޢަބްދުﷲ އިބްނި ޢައްބާސް، ޢަބްދުﷲ ބިން ޢުމަރު، ޢަބްދުﷲ ބިން ޒުބައިރު، ޢަބްދުﷲ ބިން އަމްރު ބުނު ޢާސް، ޢާއިޝާ ބިންތި އަބޫބަކުރު، ޙަފްސާ ބިންތި ޢުމަރު ބުނުލް ޚައްޠާބު، އަދި އުއްމު ސަލްމާ އެވެ. 

އަދި މީގެ އިތުރުން އަލްއަންބާ ބައިޝަވީގެ ޖިލްދު 1 ގައި މާތް ރަސޫލާގެ އަރިހުން ޤުރުއާން ހިތްޕުޅުން ދަސްފުޅުކުރެއްވި ކަމަށް މަޝްހޫރުވެގެންވާ ބޭފުޅުންގެ ގޮތުގައި ޝާމިލްކުރައްވާފައިވާ ނަންފުޅުތައް އަޅުނގަޑުމެން ވެސް މިތާގައި ނަކަލުކޮށްލާނަމެވެ.
أبو بكر الصديق
· عمر بن الخطاب
· عثمان بن عفان
· على بن أبي طالب
· أبي بن كعب
· عبد الله بن مسعود
· زيد بن ثابت
· أبو موسى الأشعري
· أبو الدرادء
· أبو هريرة الدوسي
· ابن عباس
· عبد الله بن السائب
· حذيفة بن اليمان
· معاذ بن جبل
· أبو زيد الأنصارى
· سالم مولى أبي حذيفة
· عبد الله بن عمر
· عقبة بن عامر
· أبو أيوب الأنصارى
· عبادة بن الصامت
· مجمع بن جارية
· فضالة بن عبيد
· مسلمة بن مخلد
· أم ورقة بنت عبد الله بن الحارث الأنصاري
· عبد الله بن عياش بن ابي ربيعة

އިސްވެ ދެންނެވުނު ދަލީލުތަކާއި ޢިލްމުވެރިންގެ  ބަސްފުޅުތަކުގެ މައްޗަށް ބުރަވެހުރެ އަޅުގަނޑުމެން ދަންނަވާނީ މާތް ރަސޫލާ (ޞ.ޢ.ވ) ގެ ޒަމާނުގައި ގިނަ އަޞްޙާބު ބޭކަލުން ވަނީ ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރައްވާފަ ކަމުގައެވެ. އެބޭފުޅުންގެ ޢަދަދަކީ ކޮބައިކަން މާތް ﷲ ނޫން އެހެން ފަރާތަކަށް އެނގިގެންވޮޑިގެން ނުވެއެވެ. (ނުނިމޭ)
              --------------------------

ލިޔުއްވީ: އަޙްމަދު ޢަލާ ދީދީ