އެއީ ކޮންއެއްޗެއް - 3



ބޮޑުވާ ބިއްލޫރި ގަނޑެކެވެ. ހިތްބަލާ ލެންސެކެވެ.
އަޞްލު ސައިޒަށްވުރެ މާ ބިޔަކޮށް ދައްކައިދެ އެވެ.

މަންޒިލް މަޤުޞޫދެކެވެ. ހުއްދަކުރެ އެވެ.
ވާޞިލްވުމަށްޓަކައި ހިތްކުރާ ކޮންމެ ކަމެކެވެ.

ހިމުން ހިރަފުހެކެވެ. ހިތުގައި ފަޝަލަތައް ލަ އެވެ.
މުޅިން ފިލުވާލުމަކީ މުސްތަޙީލުކަމެކެވެ.

އަރަމުންދާ ރަތްވިލާތަކެކެވެ. ހިތާމަތަކަށް އިރު އޮއްސުމުންނެވެ.
އުންމީދުގެ ހުޅުކޮޅު ދިއްލުމަށްޓަކަ އެވެ.

ރުއް ކަނޑާ ފުރޮއެކެވެ. ހިތާމައިގެ ހާސަރުތައް ކަތިލަ އެވެ.
ޙަސަދައާއި ރުޅި ވެސް ފޮތިފޮތިކުރެ އެވެ.

ބާރަށް ދުވާ އަހެކެވެ. ހުއްޓުވާލާކަށް ލާހިކެއް ނޫނެވެ.
މިޞްރާބު ސީދާކުރެވޭނީ ބުއްދީގެ ލަގަނަކުންނެވެ.

ތަނަވަސް ފަޒާއެކެވެ. ހިތްތައް ފެތުރިފައިވަނީ ތަރިތައް ފަދައިންނެވެ.
ވިދައި ބަބުޅަނީ އީމާންކަމުގެ ނޫރެވެ.

ހިތްވަރު ގަދަ ލީޑަރެކެވެ. ހިތްތަކަށް މަގުދައްކަ އެވެ.
ސަރާސަރު ތަނަވަސް މައިދާނަކަށެވެ.

ކާފިޔާ ހަމަ ޅެމެކެވެ. ވަޒަނަށް ފެތެ އެވެ.
ޞަދާ އިވެނީ ޝާޢިރީ ޙަޔާތުންނެވެ.

ޙިކުމަތްތެރި ޤަލަމެކެވެ. ކާތިބަކީ ހިތެވެ.
ޙަޔާތުނާމާގެ ރީތި ކަމާއި ޗާލޫކަން ލިޔަ އެވެ.

މޮޅު ލިޔުންތެރިއެކެވެ. ޝުޢޫރުތަކުން ފޮތް ހަދަ އެވެ.
ހުރިހައި ހިތެއްމެ ކިޔާނެ ފޮތެވެ.

އިލެކްޓްރިކް ހަކަތައެކެވެ. ހިތުގެ ބޮކި ދިއްލަ އެވެ.
ވިންދުތައް ބާއްޖަވެރިކުރެ އެވެ.

ބޮޑު އެކުމާފާނެކެވެ. ނުލާހިކު ރީއްޗެވެ.
ޙަޔާތުގެ ކުތުބުޚާނާގައި މަޝްހޫރެވެ.

އަގުބޮޑު މުތީއެކެވެ. ހިތުގެ އިތާގައި އުފެދެން ފަށަ އެވެ.
ރަންމުތެއްވަރު ވާން ދުވަސްކޮޅެއް ނަގަ އެވެ.

ލޯގަނޑެއްގައިވާ ތަޞްވީރެކެވެ. ކުރެހީ ހިތެވެ.
ކުލަޖެއްސީ ޚިޔާލާއި ފިކުރުންނެވެ.

މަޑުމައިތިރި ރާގެކެވެ. ދިރުން ހުރި ލަޙުނެކެވެ.
ހިތުގެ ގިޓާގައިވާ ނަރުތަކުން ކުޅެ އެވެ.

ފަލަކުގެ އޯބިޓެކެވެ. ޕްލެނެޓަކީ ހިތެވެ.
ޚިޔާލާތުގެ ފަޒާގައި ދައުރުކުރެ އެވެ.

ތަނަވަސް ސްޓޭޖެކެވެ. މަންޒަރުތައް ދައްކަ އެވެ.
ޙަޔާތުގެ މަސްރަޙު ތަޞްވީރުކުރެ އެވެ.

ދުރު ބަލާ ކިޑިކީ އެކެވެ. އުންމީދުގެ އަލިކަން ވަދެ އެވެ.
ހިތްތައް އުޖާލާކުރާ ދޯދިތަކެއް ފަދައިންނެވެ.

ގެތެމުންދާ ފޭރާމެކެވެ. ނާޒުކު ޝުޢޫރުތަކުންނެވެ.
އެންމެ ބާރުގަދަ އިޙުސާސްތަކުންނެވެ.

ރީތި ނަޝީދެކެވެ. ހިތުދަސްކުރެވޭ ތަރާނާއެކެވެ.
އަބަދުމެ ކިޔޭ ލަވައެކެވެ.

އަލިގަދަ އިކުލީލެކެވެ. ހިތުގެ ވަށައިގެން ފާޅުވެ އެވެ.
އީމާންކަމުގެ ނޫރު ފަތުރާލަ އެވެ.

ވައިސާފު އާބުހަވާއެކެވެ. ތަންސާފު މަންޒިލެކެވެ.
ހިތްތަކަށް ނޭވާލެވޭނެ ދެވަނަ ތަނެއް ނެތެވެ.

އައިބުކިޔާ ހަޖުލެކެވެ. އެކަނިވެރިކަމާއި އަނާނިއްޔަތަށެވެ.
ސަނާކިޔާ މަދަޙައެކެވެ. އުލްފަތާއި އެކުވެރިކަމަށެވެ.

އަވަހަށް ފެތުރޭ ވަބާއެކެވެ. ހިތްތައް ބަލިކަށިކޮށްލަ އެވެ.
މިންޖުވުމަށްޓަކައި ދެވޭނެ ފަރުވާއެއް ނެތެވެ.

ގިޓާގެ ނަރެކެވެ. އުފާވެރި ރާގުތައް ކުޅެ އެވެ.
މުސީޤާރަކީ ހިތެވެ.

ސަރާސަރު ބިމެކެވެ. ފެހި ދަނޑެކެވެ.
ފެތުރިފައިވަނީ ހިތުން ހިތަށެވެ.

އަގު ބޮޑު ޔާޤޫތެކެވެ. ނުލާހިކު ޗާލެވެ.
އިޚުލާޞްތެރިކަމުގެ ފަރުބަދައެއްގައި ނޫނީ ނުވާނެ އެވެ.

ހުދު ކޮތަރެކެވެ. ހިތުން ހިތަށް އުފުލަ އެވެ.
އަމާންކަމާއި އެކުވެރިކަމުގެ މެސެޖެވެ.

ފިނިފެންމަލެކެވެ. މީރު ވަސް ފަތުރަ އެވެ.
ގުޅިލާމެހޭ ހިތްތަކުގެ ބަގީޗާގަ އެވެ.


ސ. އެއީ ކޮން އެއްޗެއް؟
ޖ. އެއީ ލޯތްބެވެ.           (ނިމުނީ)
                 --------------------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން