ހަތުރުން މިތުރުންނަށްދިޔަހިއްކާ "ފައި" އިން ދިޔަހިއްކުމަކީ ކިހާވަރެއްގެ ބުރަކަމެއްކަން މިހާރުގެ ޒުވާނުންނަށް ނޭނގުން އެކަށީގެންވެއެވެ. މިއީ ޕަމްޕުން ދިޔަހިއްކާ ޒަމާންކަމަށް ވާތީއެވެ. މިކަންކުރާ ގޮތަކީ، ހެނދުނު އެންހިފައިގެން ކަނޑަށް ނިކުންނަން ފުރީއްސުރެ މަސްބޭނެންދެން ނުވަތަ މަސްނުބޭނި ރަށަން އާދެވެންދެން ދިޔަހިއްކާ ދެމީހުން ހުއްޓާނުލައި ކުރާ މަސައްކަތެކެވެ. އެން ދިރި ދެމެހުއްޓުމަށްޓަކައެވެ. އެދެމީހުންގެ އުނަގަނޑުން ތިރި ހުންނަނީ، ލޮނުގަނޑުގެ ތެރޭގައެވެ.

އަވަސްއަވަހަށް ގުދުވެ، ތެދުވެ ކުރާ އެ މަސައްކަތުގައި ކޮންމެ ފަހަރަކު ފަސް، ހަ ލީޓަރުގެ ލޮނު ކަނޑަށް އޮއްސާލާނެއެވެ. އެހެން ނުހަދައިފިނަމަ، ދޯނި އަޑިއަށް ހިނގައިދާނެއެވެ. ދޯނީގެ ވަތަށް ކައްސާލަފާނެތީ ތިރިއަށްހުންނަ ފަޔަށް ހުންނަނީ ޅާނބެއްލައްވައި ދޯނީގައި ހަރުކޮށްފައެވެ.

އަޅުގަނޑު މިލިޔާ ޙާދިސާ ހިނގާފައިވަނީ 1970 ގެ އަހަރު ތަކުގައެވެ. އެއީ ރިޔަލުގެ ޒަމާނެވެ. މިރުސްމާގޭ އަލިބެ މަހަށްދާ ދޯނީގެ ނަމަކީ "ކެނެރީ" އެވެ. އެ ދޯނީގެ ދިޔަހިއްކާ ދެމީހުންކުރެ އެކަކީ އަލިބެއެވެ. މަސްބޭނިއްޖެނަމަ، އެންމެބޮޑުމަސް ލިބޭނީ، މަސްފަނޑިތަވެރިކަންކުރާ މީހާ އަށެވެ. އެ ދޯންޏަށް މަސްފަނޑިތަވެރިކަންކުރަނީ އަލިބެއެވެ. ކަންދިމާވި ގޮތުން އިރުވައިމޫސުން ފެށުމުގެ މަހެއްހާ ދުވަސްކުރިން އިރުވައިމޫސުމުގެ މަސްވެރިކަން ފެށިއްޖެއެވެ. ނަމަވެސް އަލިބެ މަހައްދާ ދޯންޏަށް މަސް ނުބޭނެއެވެ. އެހެންވެ، ދޯނީގެ ވެރިފަރާތުން ދޯންޏަށް މަސްފަނޑިތަވެރިކަން ކުރަން ޙަވާލުކުރީ އެހެން މީހަކާއެވެ. މިކަމާއި އަލިބެ ވަރަށްބޮޑަށް ނުޤަބޫލެވެ. މިހާރު އިރުވައިމޫސުން ފެށި މަސްވެރިކަންވެސް ރަނގަޅަށް ފައްކާވެއްޖެ އެވެ. އަލިބެ ހެދިގޮތަކީ އެދޯންޏަށް މަސްނުބޭނޭގޮތަށް "ލޮއިފޮއްޗެއްގައި" މަސް ކަންވެރިކަމެއް ލިޔެ އެދޯނީގެ (އަލިބެ ދިޔަހިއްކަން ހުންނަ) ވަތުގެ "ވައްގަނޑު" ދަށުގައި ހަރުކުރީއެވެ. އިރުވައިގެ ހަތަރުމަސްދުވަހުގެ މޫސުމީ މަސްވެރިކަން ނިމުނުއިރުވެސް އެދޯންޏަށް މަސް ނުބޭނެއެވެ. ކޮންމެ ދުވަހަކުވެސް އަލިބެ މަހަށްގޮސް ދިޔަ ހިއްކައެވެ. ކަންވީގޮތް އެނގުނީ، ހުޅަނގު މޫސުން ފެށި މަހަށް ނުދެވޭވަރުވެ، ރަށުގައި މަޑުކުރުމަށްފަހުއެވެ.

އާދެ! އަލްއަމީރު މުޙައްމަދު އަމީނު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ހަމަޖެއްސެވި ކެބިނެޓުގެ ހޯމްމިނިސްޓްރީގެ ވަޒީރުކަން ބޭނުންފުޅުވީ އާކަކާގޭ އިބްރާހީމް ޙިލްމީ ދީދީ ކަމަށްވިއަސް އެމަޤާމު އަމީން ދީދީ އޭނާ އަށް ނުދެއްވުމުން އެހެން ވުޒާރާއެއްގެ ވަޒީރުކަން ބޭނުންފުޅު ނުކުރައްވައި ގޭގައި ހުންނެވީއެވެ. އަމީން ދީދީގެ ނާއިބުރައީސަކީ އޭނާގެ ބޭބެ ވެލާނާގެ އިބްރާހިމް މުޙައްމަދު ދީދީ އެވެ. ބޭސް ކޮޅަކަށް އަމީންދީދީ އިންޑިއާ އަށް ވަޑައިގެންނެވިއިރު ވިދާޅުވީ އިބްރާހިމް ބޭބެ އަޅުގަނޑަކަށް ގޯހެއް ނުވާނެއެވެ. ކޮންމެއަކަސް އެދީދީ ބޭރުގައި ހުންނަވަނިކޮށް އެދީދީ ވެރިކަމުން ދުރުކޮށް ރާއްޖެ ވަޑައިގަތުމުން ދޫނިދޫގައި ބަންދުކުރެއްވީއެވެ. ދޫނިދޫގައި އަމީންދީދީ ހުންނެވި ދުވަސްވަރުގައި ފުރުޞަތުގެ ބޭނުންކޮށް އަމީންދީދީ އަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ނަމުގައި އެދީދީއަށް ސިޓީ ފޮނުއްވައި މާލެ ގެންނެވުމުގެ ނަތީޖާއަކީ، ޙަސަދަވެރީންގެ ފަރާތުން އެދީދީގެ ހަށިކޮޅަށް އަނިޔާކޮށް އެއަނިޔާގައި އެދީދީ އަވަހާރަވުމެވެ. އަމީންދީދީ މާލެގެންނެވުމުގެ ސަބަބުން އިބްރާހީމް ޙިލްމީ ދީދީ ފުވައްމުލަކަށް އަރުވާލެއްވިއެވެ. ސުވާދީބު ސަރުކާރު އިއުލާންކުރިއިރު އެދީދީ ހުންނެވީ ފުވައްމުލަކުގައި ހުންނެވިއެވެ. މިތުންނާއި، ހަތުރުން ވަކިކުރައްވާކަށް އަމީންދީދީއަށް އެނގިވަޑައި ނުގަތެވެ. މާޒީ ހަނދުމަފުޅު ނެތުނީއެވެ.

ފެބުރުއަރީ 7، 2012 ވަނަ ދުވަހު މުޙައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ބޭފުޅަކު ވަޑައިގެން ރައީސްކަމުގެ ހުވާކުރެއްވުމަށް ވަޑައިގަތުމަށް ނައިބުރައީސް ވަޙީދަށް ދެންނެވުމުން "އަޅުގަނޑު ހަމަ ދާންވީތޯ؟ ހުވާކުރެއްވޭނެތޯ؟ ރައީސްކަން ލިބޭނެތޯ؟ ވިދާޅުވިކަމަށް ވެއެވެ. "ހައްވަގެ ޓެލެފޯނު" ބުނާގޮތުން އެވާހަކަ ދަންނަވަން ހިލާލީގެއަށް ވަޑައިގަތީ، މުޙައްމަދު ޙުސައިން ޝަރީފު (މޮންދު) އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީވެސް ވަޙީދުގެ އިންތިޒާރުގައި ލަސްކުރިކަމަށް "ހައްވަގެ ޓެލެފޯނު" ބުނެއެވެ. އެކަމަކު ޕީޕީއެމަކަށް ވަޙީދު ވަޑައެއް ނުގެންނެވިއެވެ. ޕޮލިޓިކަލްއެޑްވައިޒަރު ވިދާޅުވީ ވަޙިދަކީ، ރައީސް ކަމަށާއި، ޕްރައިމަރީއެއްގައި ވާދަކުރައްވަން އެމަނިކުފާނަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ ވޯޓުގެ ފުރަތަމަބުރު ފެށުމުގެ ދެތިން ހަފުތާކުރިން ރައީސްއާއި ބައްދަލުކުރި ޓޯޗާރސް އެސޯސިއޭޝަނުގެ މެމްބަރުންގެ ގާތު ވިދާޅުވިކަމަށް "ހައްވަގެ ޓެލެފޯނު"ން ޚަބަރު ދިނީ ވޭތުވެދިޔަ ތިރީސް އަހަރުގެ އަނިޔާވެރިކަން އެންމެންވެސް ދަންނަކަމަށެވެ. ގދ. ތިނަދޫއަށްވަޑައިގެން އެމަނިކުފާނުވިދާޅުވީ، މައުމޫނުގެ ސަރުކާރުން މަންމާފުޅުގެ ބޮލަށް ވެލި އެޅިކަމަށެވެ. ޒުވާނުންގެ ފިކުރުހުރި ހަމައެކަނި ބޭފުޅަކީ، އެމަނިކުފާނުކަމަށް ވަޙީދު މީޑިއާގައި ވިދާޅުވިކަމަށް ރ.ޓީވީން ޚަބަރުދިނެވެ. ޑރ. ވަޙީދަކީ މިހާރު ޕީޕީއެމްގެ މެމްބަރެކެވެ. ހަތުރުން މިތުރުވެ، މުޖްރިމު މަޢުސޫމުވެ، ރައީސް މައުމޫނުގެ ތާއީދު އެމީހުންނަށް އޮހި، މާޒީ ލަފުންވަމުންދާކަމަށް "ހައްވަގެ ޓެލެފޯނުން" ޚަބަރު ދެއެވެ. (ނިމުނީ)
                  ------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި