
ރައްޔިތުންނަށް
ޚިދުމަތް ފޯރުކޮށްދޭ އިދާރާ ތަކުގައި ތިބޭ ރައްޔިތުންގެ މުއައްޒަފުންނަކީ،
ކަންކަން ތަންފީޒްކުރަން ތިބޭ މުއައްޒަފުންނެވެ. ނަމަވެސް ކުރަންޖެހޭ ކަންކަން
ގިނަވެ، ޚިދުމަތްދޭން ތިބޭ މުއައްޒަފުން މަދުވުމަކީ، އެ އިދާރާތަކަށް އޮތް ވަރަށް
ބޮޑު ގޮންޖެހުމެކެވެ. ބޭނުންވެއްޖެ ކޮންމެ ވަގުތަކުވެސް ބޭނުންވެއްޖެ ކޮންމެ މީހަކަށް މަޤާމު
ދެއްވައެވެ. ނަމަވެސް ސިވިލް ސާރވަންޓުން ހަމައެއް ނުޖެއްސެ އެވެ.
އެތަނަށް އޮންނަ ދައުރަކީ، ހަމައެކަނި ސިވިލް ސާވަންޓުން ވަކިކުރުމުގެ އެކަނި
ކަހަލައެވެ. ހަމައެހެންމެ ހަދާފާއި ހުރި ގާނޫނުތަކާއި، ގަވާއިދުތަކުގެ ސަބަބުން
ޚިދުމަތް ފޯރުކޮށްދިނުމާއި، ލިބިގަތުމަށް ހުރި ހުރަސްތައްވެސް އެހާމެ ގިނައެވެ.
ޚިދުމަތް
ފޯރުކޮށްދިނުމަށް ތިބޭ މީހުންނަށް ލިބިދީފައިވާ ފުރުޞަތްތަކުގެ
ބޭނުންވެސް އެފަރާތްތަކުން ހިފަމުން ގެންދާ ގޮތާއިމެދު ހިތާމަ ކުރަން
ޖެހެއެވެ. އަމިއްލަ ގޮތްތައް މާބޮޑީއެވެ. ކަންކަމަށް މުއައްޒަފުންދޭ ސަމާލުކަން
ކުޑައީއެވެ. ޚާއްޞަކޮށް ބަޖެޓު ސެކުޝަން ތަކުގައި މަސައްކަތްކުރައްވާ މުއައްޒަފުންނަކީ،
ވަރަށް ފަޚުރުވެރިކަމާއި، ކިބުރުވެރިކަމާއެކު އެ ޚިދުމަތްތައް ފޯރުކޮށްދޭ
ބައެކެވެ. ބަޖެޓް ސެކްޝަނުގެ މުއައްޒަފުން ދެކޭގޮތުގައި އެމީހުންނާނުލައި އެއޮފީސް ނުހިގާނެއެވެ. ޚާއްޞަކޮށް އެސްޓިމޭޓް މަސައްކަތަށް އަގު
އަދާކުރުމުގައި އެމުއައްޒަފުންނަކީ، ވަރަށްވެސް ފަރުވާކުޑަ ބައެކެވެ.
ހަމައެފަދައިން ފައިސާ ބަލައިގަތުމަށް ގިނަ ކައުންޓަރުތައް ޤާއިމުކޮށްފައި ހުންނަ
އިދާރާތަކުން އެމަސައްކަތްކުރަނީ، ކަންދައްކާ އުސޫލުންނެވެ. ދިހަވަރަކަށް
ކައުންޓަރު ހުއްޓަސް ގިނަފަހަރަށް މަސައްކަތް ހިންގާނީ ދެތިން ކައުންޓަރުގައެވެ.
ނަމަވެސް އަމްބަލަމެއް ހެން ގިނަ ބޯޑުތަކެއް އެލުވާފައި ހުރެއެވެ. ޚިދުމަތް ހޯދަން
ކައުންޓަރަށް ދާ މީހާއާއި މުޚާޠަބުކޮށް ސަލާމް ގޮވާލަނީވެސް މޯލްޑިވިއަން ކަހަލަ
މަދު އިދާރާ އަކުން ނެވެ. ފުލްކޮށް ކައުންޓަރުތަކުގައި މަސައްކަތްކުރަނީ ސްޓެލްކޯ
އާއި، މީރާ ކަހަލަ މަދު ތަނެއްގައެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން
މަޢުލޫމާތު ފޯރުކޮށްދެނީ އެންސްޕާ ކަހަލަ މަދު އިދާރާ އަކުންނެވެ.
ބޭރުމީހުން
އެތެރެކޮށް ބޭރުކުރުމުގެ މަސައްކަތްކުރާ އަމިއްލަ އިދާރާ ތަކުން ސަރުކާރުގެ
އިދާރާތަކަށް ދާ މީހުންނަށް ލޭ މައްޗަށްދާ ބަލި ޖެހުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ.
ސަރުކާރުގެ އެފަދަ އިދާރާ އަކަށް ވަންނަ މީހާ އެތަނުން ނިކުންނާނީ ބަލި މީހެއްގެ
ގޮތުގައެވެ. ހަމައެއާއެކު ނާޖާއިޒް ފައިދާގެ ވާހަކަ އެއީ ދައްކާ ކޮޅުންލާކަށް އޮތް
ވާހަކަ ތަކެއް ނޫނެވެ. އެކަންކަން ހިނގަނީ ހަމައެކަނި ފައިސާ ގުނާ މީހުންގެ
އަތްމައްކު އެކަންޏެއް ނޫނެވެ. ބޭނުންކުރާ ވަސީލަތްތަކުންވެސް އެކަންކަން ކުރެއެވެ.
ބަޖެޓް މުއައްޒަފަކު އޭނާގެ ވަޒީފާގެ ކަމެއް ބެލުމަށްޓަކައި ބޭރު ރަށަކަށް
ގޮސްފިނަމަ (އޭނާއަށް ސަރުކާރުން ދޭ އިނާޔަތްތައް ހޭދަނުކޮށް) ކެއިންބުއިމާއި
ނިދުންވެސް ހަމަޖައްސައިދޭން ޖެހެއެވެ. އެކަންކަން ހަމަޖައްސައި ނުދީފިނަމަ،
ނޭވާނުލެވޭވަރަށް އެމުއައްޒަފުންނަށް ފިއްތާލާނެއެވެ. ދަތިކޮށްލާނެއެވެ.
ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ވެރީންވެސް ތިބެނީ ބަޖެޓް ސެކްޝަނުގެ
މުއައްޒަފުންނަށް ޖިޒީދީގެން ނުވަތަ ދަށުވެފައެވެ. ބޭންކް އޮފް މޯލްޑިވްސް ކަހަލަ
ބައެއް ތަންތަނަށް ޚިދުމަތަށް އެދިގެންދާ މީހުން ތިބެން ޖެހެނީ އެކަމެއް ނިމެންދެން ކޮއްޅަށެވެ. ނަމަވެސް އެއީ ބައެއް ބްރާންޗް ތަކުގައެވެ. ބައެއް
އިދާރާތަކުގެ މުއައްޒަފުން ދިވެހިބަހުން ކުރާ މުޢާމަލާތްތަކުގެ އަޑު އިވުނަސް
ހަތަރެސްފައި އެއްފަހަރާ ކޮށްޅަށްޖެހިގެން ދެއެވެ. "އަޅުގަނޑު މިވިދާޅުވީ، ތީނަ ތިދެންނެވީ،
ޚިދުމަތް ފޯރުވައިދެނީ" ފަދަ
ޖުމްލަތަކުގެ ސަބަބުންނެވެ. ފުރަތަމަވެސް ވާހަކަ ފައްޓާނީ އެކޮޅުކޮޅުންނެވެ.
ނިމޭކޮޅެއް ފެށޭކޮޅެއް ނޭނގޭ ގޮތަށެވެ. ޚިދުމަތަށް އެދިގެންދާ މީހާގެ ވާހަކަ ނިމެންދެން
އަޑުއެހުމުގެ ޤާބިލުކަން އެއްގޮތަކަށްވެސް ނުހުރެއެވެ. ވާހަކަ ދައްކާނީވެސް
އެތަނަށްދާ މީހާއަކީ އެއްވެސްކަމެއް ނުދަންނަ ޖާހިލަށް ހަދައިގެންނެވެ. އަމުދުން
ޒިންމާދާރުކަމެއް ނުހުރެއެވެ. ތިމާގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތް ނުލިބި
ލަސްވުމުން އެމީހާއަށް ކުރިމަތިވާ ދަތިއުނދަގޫތަކަށް ކުޑަވެސް ފަރުވާއެއް
ނުބަހައްޓައެވެ.
ސަރުކާރުން ރައްޔިތުންނަށް ޝުކުރުވެރިނުވާނަމަ، ރައްޔިތުންވެސް
ސަރުކާރަށް ޝުކުރުވެރިއެއްނުވާނެއެވެ. މިއީ ވިސްނަންޖެހޭ ކަމެކެވެ. ޙައްލުކުރަންޖެހޭ ކަމެކެވެ.
---------------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
09 ޖޫން 2014މ.