އެނަމާބޯޓު ކާރިސާ












އެނަމާ ބޯޓުގެ ކާރިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ. ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުންމަރުވެ 2 މީހަކު ގެއްލިފައިވެއެވެ. މިކާރިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

ކާރިސާ ހިނގާދިޔަގޮތް

މިކާރިސާހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްލާ ބައްދަލުކުރިމެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނިހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ. ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިން ގޮސް މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނަ އަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުން ދަނިކޮށް ވަރަށްކުއްލިގޮތަކަށް އެރޭ 8:30 ކަން ހާއިރުއެވެ. މިކާރިސާ ހިނގާފައިވާގޮތެއްކަމަށް ވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުން ޖަހާލައިގެންނެވެ.

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާމަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ކަމާބެހޭ ބައެއް މާހިރުން ދެކެއެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް މިފަރާތްތަކުން ދެކެއެވެ.

އެބޯޓުގެ ކެޕްޓަން މުހައްމަދު ޒާހިރު (އޭރު އުމުރުން 42 އަހަރުގެ) ބުނެފައިވަނީ "އެ ރާޅަކީ ބޮއްކުރައަކަށްވެސް އޭގެން އަސަރުނުކުރާނެވަރުގެ ކުޑަ ކުޑަ ރާޅެއް"ކަމަށެވެ. އޭނާ ބުނެފައިވަނީ ވިލިނގިލިން ފުރައިގެން ދެއްވަދޫއާ ހަމައަށް އައިއިރުވެސް ބޯޓް ރޯލުނުކުރާކަމަށެވެ. އަދި އެ ކުޑަ ކުޑަ ރާޅުގައި ޖެހި އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީއެވެ. އޭނާ ބުނެފައިވާގޮތުގައި ބޯޓުބަންޑުން ޖަހާލިވަގުތު އިންޖީނު ރޫމުގައި ރޯވެފައި ހުރި މަންޒަރު އޭނާއަށް ފެނިފައިވެއެވެ. އަދި އޭގެ ދުންގަނޑު މުޅިބޯޓަށް ފެތުނުކަމަށްވެއެވެ. އަދި ތެޔޮތައްވެސް ބުރައިގެންގޮސް ބޯޓާއި ބޯޓު ކައިރީ ވަށައިގެން ކަނޑުގައިވެސް ޑީސަލް ހުރިކަމަށްވެއެވެ.

އެމީހުންނަށް ފުރަތަމަ އެހީވީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. ޢޭގެފަހުން ގއ.ދާންދޫ މިޔަރެން ދޯނި މިކާރިސާ ހިނގިވަގުތު އެނަމާ ބޯޓުކައިރިއަށް ގޮސް އެމީހުންނަށް އެހީނުވެ ވަނީ ގޮއްސައެވެ. އެ ކާރިސާއިން ސަލާމަތްވީ މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވުނީހެވެ. ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީނުވެ މިދޯނި ދިޔައީއެވެ. އަދި މީގެތެރެއިން ބައެއްމީހުންނަށް ފަހުންވަނީ ގާނޫނީގޮތުން ހައްގު އަދަބުދެވިފައެވެ.

މިކާރިސާގައި މަރުވި އަދި ނުފެންނަ މީހުންގެ ލިސްޓު

1- މަރިޔަމް ޚަލީފާ، 23، ގދ.ތިނަދޫ، އުޖާލާގެ (ލ.އިސްދޫ)
2- ނަސީމާ އަލީ، 55، ނަސީމީގެ
3- މަރިޔަމް ސައީދާ، 17، ސްވީޓްމީޑް
4- ފާތުމަތު ދީނާ ފަރީދު، ތިންއަހަރާއި ބައި، ޕޮރިޖް ހައުސް
5- މަރީނާ ގާސިމް، 55، ފެހިވިލާގެ
6- ދޮންބީފާނު، 49، ދުނބުރިމާގެ
7- އަމީޒާ އަހުމަދު، 18، ދުނބުރިމާގެ
8- ރަޝާޤާ ރަޝާދު، 20، ހުޅަނގުގެ
9- އައިސާފާނު، 62، ރީހުއްސަބާ
10- ހަމްޒީލް އަހުމަދު، 17، ސިލްވަރ
11- މުނީރާ އިސްމާއިލް، 47، ހީރާގެ
12- ހަދީޖާ ހުސެއިން (ރެކީފާނު)، 43، ހީރާގެ ދެކުނުބައި
13- އިބްރާހިމް ރަޝީދު، 38، ނައިޓް ކުއީން
14- މަރިޔަމް ރަޝީދާ، 50، ސީވިއު
15- ޝިފްގަތު ޝާކިރު، ދެއަހަރާއި ބައި، ނަސީމީގެ
16- އަދީލް މުހައްމަދު، 23، ފްރެންޑްލީ ބީޗް
17- މުހައްމަދު ރާފިއު އިބްރާހިމް، 4، ހުޅަނގުގެ
18- މޫސާ މުޝާން މުނައްވަރު، 2، ގްރާންސް
19- އަހުމަދު ޒުބައިރު، 21، ތާޓީފޯ
20- މަރިޔަމް މުޙައްމަދު، 49، ވިންސެންޓް
21- ޒޫނާ ޒުހައިރު، 35، ފޮނިމާގެ
22- މުޙައްމަދު އިފްޙާމް ،13މަސް، ގދ.ތިނަދޫ ޕެރިސް ވިލާ (މަރުވީ 24 މާޗް 2004 ގައި ސްރީލަންކާގެ އެޕޯލޯ ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާދެމުން ގެންދަނިކޮށް)
22- މުހައްމަދު އަސްލަމް، 20، ތާޓީފޯ (ނުފެންނަ)
23- މަރިޔަމް ޝަގަފު ޝާކިރު،  5، ނަސީމީގެ (ނުފެންނަ)



ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުން

މިކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް އެނަމާ ފަންޑުގެ ނަމުގައި 5އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ޚައިރާތުފަންޑެއް ހުޅުވިއެވެ. ބޭންކް އޮފް މޯލްޑިވެސްގެ ތިނަދޫ ގޮފީގައި ހުޅުވާފައިވާ މިޚައިރާތު އެކައުންޓުގެ ނަމްބަރަކީ (170304) 003 -411201-7710 އެވެ. މިފަންޑަށް 2006 ވަނައަހަރުގެ ފެބްރުއަރީ މަހާ ހަމައަށް 2.4 މިލިޔަން ރުފިޔާލިބިފައިވެއެވެ. އަދި 2005 ޑިސެމްބަރުގެ ނިޔަލަށް 1.8 މިލިޔަން އަދި 2006 ގެ ފެބްރުއަރީ މަހުގެ ތެރޭގައި 216000 ރުފިޔާ އެ އާއިލާތަކާ ހަވާލުކުރެވިފައިވެއެވެ.

21 މާރޗް 2004 ވަނަ ދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގައި ޒީރޯޑިގްރީ އެޓޯލް އިން އިސްނަގައިގެން ބޭއްވި މިއުޒިކް ޝޯ އަކުން ލިބުނު 27160.65 ދިވެހި ރުފިޔާ މިފަންޑަށް ހަދިޔާކޮށްފައިވެއެވެ. އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މިފަންޑަށް 5 ލައްކަ ރުފިޔާގެ އެހީއެއް ވެފައެވެ. ދިވެހިރާއްޖެގެ ފުރަތަމަ ޑިވިޒަނުގެ 6 ފުޓުބޯޅަ ޓީމަކުން އިސްނަގައިގެން އެ އާއިލާތަކަށް އެހީތެރިވުމަށް ފުޓުބޯޅަމެޗެއް 2004 ވަނައަހަރު މާޗްމަހުގެ ތެރޭގައި ބާއްވާފައިވެއެވެ. މެޗުގައި ބައްދަލުކުރީ ފުރަތަމަ ޑިވިޝަނުގެ 6 ޓީމުން ހޮވާލެވިފައިވާ ޓީމަކާއި ރާއްޖޭގެ ޓީމުތަކަށް ކުޅޭ ބިދޭސީންގެ ޓީމެކެވެ. މިމެޗުގެ ދެޓީމުގެ ކުޅުންތެރިންގެ ޖާޒީގެ ކުރިމަތި 50،000 ރުފިޔާއަށް، އަދި ފަހަތް 40،000 ރުފިޔާއަށް އަދި ކޮންމެއަތެއް 10،000 ރުފިޔާއަށް ސްޕޮންސަރ ކުރެވިފައިވިއެވެ. އަދިމެޗުގެ ރެފްރީންނާއި އޮފިޝަލުންގެ ޖޯޒީ ދިވެހިތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސްޕޮންސަރ ކުރިއެވެ.

މީގެއިތުރުން މިމެޗު ހިނގަމުންދިޔައިރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ޚައިރާތުފޮށި ބަހަޢްޓާފައެވެ. މިހުރިހާ ފައިސާއެއްވެސް ވަނީ އެނަމާ ފަންޑަށް ޖަމާކުރެވިފައެވެ. މިކާރިސާގައި ނިކަމެތިކަން ލިބުނު އާއިލާތަކަށް އެހީތެރިވުމަށް ގދ.ތިނަދޫ މަސްވެރިންނާއި އޮޑިވެރިން އިސްނަގައިގެން (ޖުމްލަ 14 ދޯނި) 27 މާރޗް 2004 ން ފެށިގެން ވިދވިދިގެން 3 ދުވަހު މަހަށްގޮސް އެމީހުން އެއްކުރި ފައިސާ އާއިލާތަކަށް ދީފައިވެއެވެ. މިއާއިލާތަކަށް އެހީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުންޏެއްކަމަށްވާ ދިރާގުގެ ފަރާތުން 3 އޭޕްރިލް 2004 ގައި ދޮޅުލައްކަ ރުފިޔާގެ އެހީއެއް ވެފައިވެއެވެ.

އިތުރުމައުލޫމާތު

ބޯޓު އަޑިއަށް ގޮސްފައި އޮތް ހިސާބުގެ ފުންމިނުގައި 79 މީޓަރު ހުރިއެވެ. އޭރު ބޯޓުގެ އުމުރުން ވަނީ 7 އަހަރުވެފައެވެ. ޢެބޯޓުގެ ދިގުމިނުގައި ގާތްގަނޑަކަށް 55 ފޫޓު ހުރިއެވެ. ކާރިސާއަށްފަހު ދެއަހަރެއްހާ ދުވަސް ވަންދެން ބޯޓުގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން މިބޯޓުގެ ދަތުރުތައް ފަށާފައިވަނީ 4 ފެބްރުއަރީ 2006 ގައެވެ. މާލެއަށް ދިއުމަށް އެނަމާބޯޓު ފުރީ އެބޯޓުގެނަން 'ކުރިމަގު' އަށް ބަދަލުކުރުމަށްފަހުއެވެ މިނަން ކިޔަން ޖެހުނީ ކުރީގެ ނަމާމެދު ގިނަބަޔަކު ހިތްހަމަ ނުޖެހޭތީކަމަށް ބޯޓުގެ ވެރިފަރާތުން ބުނެފައިވެއެވެ.
                        ------------------------------
މަސްދަރު: http://dv.wikipedia.org/wiki/%DE%87%DE%AC%DE%82%DE%A6%DE%89%DE%A7%DE%84%DE%AF%DE%93%DE%AA_%DE%86%DE%A7%DE%83%DE%A8%DE%90%DE%A7