މަތާރަންފިލާމަތިން



ޒަމާންވީ ފޮތެއް ނަގައިގެން ހިރަފުސް ފޮޅާލުމަށްފަހު، އެފޮތް ހުޅުވާލައިފީމެވެ. ފޮތަކީ "ތާރީޚީ" ފޮތެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ ވާހަކަތައް ލިޔެފައިވާ ފޮތެކެވެ. ސުރުޚީއަކީ "ޕޯޗްގީޒުންގެ އަތްދަށަށް ރާޖެ ދިއުން" އެވެ. ތަޚުތުގައި އިންނެވީ ކަޅުމުހައްމަދު ކަލަމިންޖާ އެވެ. އާދެ! ޕޯޗްގީޒުންގެ ނަވެއް ހުވަދު އަތޮޅުގެ ފަރަކަށް އުރުނެވެ. (ރާއްޖެ ފަރުތަކަށް އުރޭ ނައުޒޯގު ފަހަރަކީ، އޭރު ވެސް މިހާރު ވެސް ދިވެހި ދަވްލަތުގެ މިލްކެކެވެ.) މި ނާދޮށަށް ދިޔައީ ގާފަރު ކަޅު އިބްރާހީމެވެ. އޭނާ އަކީ ބުރަކިރަނީންގެ ޢާއިލީ ޚާއްޞަ ޚާދިމެކެވެ.

ދިވެހިތާރީޚުގެ ޞަފްޙާތަކުން އެނގޭގޮތުގައި، ބުރަކިރަނިންގެ ލޯބިވެރިޔާ މާލޭ ރަށްދެބައިގޭ ކަޅުމުހަންމަދަށް ރަސްކަން ހޯއްދަވައި ދެއްވުމަށްޓަކައި، ތަޚުތުގައިއިންނެވި ރަދުން 5 ވަނަ ޢަލިރަސްގެފާނު ގަތުލުކުރީ، ދައްތަ ބުރަކިރަނީން އެކަމަށް އެދިވަޑައިގަތުމުން، ކަޅުއިބްރާހީމުގެ ދޮންބައްޕަ ހުޅުދެލީ ދޮންޔޫސުފު އެވެ. މި ދޮންޔޫސުފަކީ، ރަސްގެފާނުގެ ހަށިފާރަވެރިއަކަށް ހުންނަވާ، ރަސްގެފާނުގެ ކަނޑިކޮޅު އުފުލާ މީހާ އެވެ. ކަޅުމުހަންމަދަށް ރަސްކަން ލިބުމުން، ދޮންޔޫސުފަށް ދޮށިމޭނާކަމަށް ކޮލިލައިދޭނެކަމަށް "ދޮންދަރިފުޅު" ކަޅުއިބްރާހިމް ބުނެގެން ރޭގަނޑެއްގެ ފުރަމެންދަމުގައި ގުޅަކުޅޭފަސްގަނޑަށް ދޮންޔޫސުފު ނިކުމެ (ބޭރުން އައި ބައެއްގެ ގޮތުގައި) ހަނގުރާމަ އިޢުލާންކޮށް، އެތަނަށް ރަސްގެފާނު ނެރުއްވައިގެން ފަހަތުގައި ހުރެފައި ފައިންޕުޅުގެ ފުންނާބުގައި ޖެހިޖެހީނުން ރަސްގެފާނުގެ ފައިންޕުޅުގެ މައިނާރު ބުރިކޮށް އެރަދުން ޝަހީދުކުރުމުން، ހަމައެރޭ ކަޅުމުޙައްމަދު ރަސްކަމުގެ ތަޚުތު އަތުލެއްވީ އެވެ.

ވުމާއެކު، ކަޅު މުޙަންމަދަށް ރަސްކަން ހޯއްދަވައިދެއްވި އެންމެ އިސް މޭސްތިރި އަކީ، މިދެންނެވި ކަޅުއުނބުށެހެމު އެވެ. ވުމާއެކު. އޭނާއަކީ ވެސް ފަހުގެ ތާރީޚުގައި ފެނިފައިވާ ޅިޔަނުން ފަދައިން ބޭނުންކަމެއް ބޭނުންވަގުތަކު، ބޭނުންގޮތަކަށް އަމިއްލައަށް ފެންނަ ގޮތަކަށް ކުރުމުގެ ބާރާއި އިޚްތިޔާރުގެ ވެރިއެކެވެ. ވުމާއެކު، ހުވަދުއަތޮޅަށް އުރުނު ނައު ދޮށަށް ކަޅުއިބްރާހިމް އަމިއްލަގޮތުން ގޮސް އޭގައި ހުރި ހުރިހައި މުދާތައް ފޭރި، އެއިން ދަތުރުކުރި އެންމެންގެ ކަރުބުރިކުރީ އެވެ. އެނަވުގެ ކެޕްޓަނުންގެ އަންހެނުން ފިޔަވައެވެ. އޭނާގެ ފިރިއަކީ އިންޑިއާގެ ގޯވާގައިހުރި ޕޯޗްގީޒު ވައިސްރޯއީގެ ތިމާގެމީހެކެވެ. ދިވެހީންގެ މެދުގައި މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ، ކާންޒީ ކަމަނާ (ޚާދުޖުޒީ) އާދެ! ކައްޕިތާނުގެ އަންހެނުން އޭރު އިނީ ބަލިވެއެވެ. މިއެންމެން ގަތުލުކުރުމަށްފަހު ދެން ކަލުއުނބުށެހެމު ހުރީ އޭގައި ހުރި ހުރިހައި މުދާތަކާއިއެކު، އައްޑުއަތޮޅަށް ގޮސް، އަމިއްލަ ގޮތުން ދެކުނުގެ 3 އަތޮޅުގެ އަތޮޅުވެރިކަމުގައެވެ. ކާންޒީ ކަމަނާ ވިހައި ގަދަވުމުން އޭނާ އާއި ކައިވެނިކޮށްގެންނެވެ.

އެބަނޑުން ލިބުނު ކުއްޖަކީ، މަތުއްކަލާ އެވެ. ކުރިން އެކަމަނާ ވިހެއި ކުއްޖާގެ ނަމަކަށް މުހައްމަދު ކިޔައިގެން މިދެކުދީން ގެންގުޅުނީ، ކަޅުއިބްރާހީމެވެ. އެގޮތުގައި އަހަރުތަކެއްވަންދެން އައްޑުއަތޮޅުގައި ހުރުމަށްފަހު، މާލެ އައީއެވެ. މި މުޙައްމަދަކީ ދިވެހީންގެ މެދުގައި މަޝްހޫރު އަނދިރިއަނދިރީން (އެންޑްރިއާސް އެންޑްރޫ) އެވެ. ކާންޒީ ކަމަނާގެ ވާހަކަ މިހާ ހިސާބުން އެނިމުނީއެވެ. ކޮންމެއަކަސް ކަޅުއުނބުށެހެމުގެ ބެލުމުގެ ދަށުގައި މާލޭގައި އަހަރުތަކެއްވަންދެން ހުރުމަށްފަހު، އެއްބަނޑު ކޮއްކޮ މަތުއްކަލާ ގަތުލުކުރުމަށްފަހު، ފިލައިގެން އިންޑިއާއަށް ދިޔައީއެވެ.

ދެން އޭނާ މަސައްކަތްކުރީބައްޕަ ޤަތުލުކުރުމުގެ ބަދަލު ހިފާށެވެ. އެދުވަސްވަރަކީ، 9 ވަނަ ހަސަން ރަސްގެފާނު، އޭނާގެ ބޭބެ އައްސުލްޠާން މުހައްމަދު ގަތުލުކުރުމަށްފަހު، ރަސްކަމަށް ވެރިވުމާއި، ގުޅިގެން މާލޭގައި ހިނގަމުންދިޔަ ދެކޮޅުވެރިކަމުގެ އުނދަގޫތަކާ ހެދި ރާއްޖެދޫކޮށް އިންޑިއާއަށް ގޮސް (ރަސްކަމުގެ ބޭނުމުގައި) ކިރިސްތިއަން ދީނަށް ވަދެ އެމީހުންގެ އެހީތެރިކަން ހޯދައި، އެމީހުންނަށް ރާއްޖޭން ޖިޒީދީގެން ވެރިކަންކޮށް އަދި ރާއްޖޭގެ ރައްޔިތުން ކިރިސްތިއަން ދީނަށް ވައްދަން މަސައްކަތްކުރި ދުވަސްވަރެވެ. މުހަންމަދު ރަސްގެފާނާކީ، ކަޅުމުޙަންމަދު ރަސްގެފާނުގެ ކާފަ ދަރިއެކެވެ. ހަސަން ރަސްގެފާނަކީ ކަޅުމުޙައްމަދު ރަސްގެފާނުގެ މުނިކާފަ ދަރިއެކެވެ. އެކަންތައްގަނޑުގެ ތެރޭގައި ދެތިން އަހަރުވަންދެން ތަޚުތުވެސް ހުރީ ހުހަށެވެ.

ބޭރުގެ ނުފޫޒުތަކާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން ކުރި ހަނގުރާމަތަކުގައި، އޭރު އިސްކޮށް ތިއްބެވި ދެބޭފުޅުންނަކީ، އަބޫބަކުރާއި، އަލީ އެވެ. ފުރަތަމަ ރަސްކަމަށް އިސްވެވަޑައިގަތީ އަބޫބަކުރުއެވެ. 3 މަސްދުވަސްވީ ތަނާހެން (ރަސްކަން ބޭނުންވާ ދިވެހީން) އޭނާ ޤަތުލުކޮށްފިއެވެ. ދެން ތަޚުތަށް އިސްވެވަޑައިގަތީ އަލީ 6ވަނަ ޢަލިރަސްގެފާނެވެ. ތަޚުތުގައި އެރަދުންނަށް ސަމާލު ނުވެވިގެން އުޅުއްވަނިކޮށް އަނދިރިއަނދިރީންގެ ލަޝްކަރު މާލެ އާއި ދޮޅެއް 3 ވަނަ ފަހަރަށް އަތުވެއްޖެއެވެ. އޭރު މާލޭގައި ތިބީ 9 ވަނަ ހަސަން ރަސްގެފާނު ގަތުލުކުރި، އޭނާގެ ބޭއަށް ތާއީދުކުރާ މީހުންނާއި 9 ވަނަ ހަސަން ރަސްގެފާނަށް ތާއީދުކުރާ މީހުންނެވެ. އަލިރަސްގެފާނަށް ތާއީދުކުރާ ތިބީ ވަރަށް މަދު ބައެކެވެ.

ވުމާއެކު، ޕޯޗްގީޒުން ރާއްޖެ އަތްދަށުލާން އައުމުން ދިވެހީން ބުނީ އައްޔެކޭ އަނދިރިއެކޭ ތިމަންމެންނަށް ހަމަހަމައެވެ. އަލީރަސްގެފާނުގެ ބަދަލުގައި ރަސްކަންކުރަން ބޭރުގެ ފަރަންޖީއެއް ވިއަސް ވަރިހަމަ ކަމުގައެވެ. މިހެންބުނެ އަލިރަސްގެފާނާ އެކު އަތިރިމައްޗަށް ދިޔަ މަގުމަތީގައި، އެރަދުން ޕޯޗްގީޒުންނާއި ޙަވާލުކޮށް އެންމެން ފިލީއެވެ. އެރަދުން ޝަހީދުވީއެވެ. ޕޯޗްގީޒުން މާލެ ހިފައި ދީން ބަދަލުކޮށް އިއްފަތްފޭރި މުދާފޭރި އަނިޔާވެރިކަމާއި އެކު ފަނަރަ އަހަރާއި ހަމަސްދުވަހު ވެރިކަންކުރިއެވެ. އަނދިރި އަނދިރީންގެ، އަނދިރި ރަސްކަން ނިންމީ (އޭނާ ގަތުލުކޮށް) ޣާޒީ ރަދުންނެވެ. ތާރީޚުގައި މަޝްހޫރު ބޮޑުތަކުރުފާނެވެ.

އާދެ! އާ ދަވްރަކަށް ރައްޔިތުންގެ މަޖިލީހުން ހޮވުމުން ވެސް އިބްރާހިމް ނާސިރު ވެރިކަން ބޭނުންފުޅު ނުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން ދެން ހޮވީ މައުމޫނު ޢަބްދުލްގައްޔޫމެވެ. 30 އަހަރު ވަންދެން ވެރިކަން ކުރެއްވައި ދެން ކުރިމަތި ލެއްވި ދަވްރުން (2008 ގެ އިންތިޚާބުން) އެމަނިކުފާނު ހޮވިވަޑައިނުގަނެއެވެ. އަލްފާޟިލް ޢަލީ އުމަރު މަނިކުގެ ދުވަހުފޮތުގައި ލިޔުއްވައިފައިވާ ގޮތުން މައުމޫނުގެ ދަވްރު ފެށުމާއި އެކު (1980މ ގައި) ނާސިރުގެ ޅިޔަނު ކެރަފާ މުޙައްމަދު ނަސީމު ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

ދިވެހި ތާރީޚުގައި ލިޔެފައިވާ އެންމެ ގަދަފަދަ އަނެއް ހާދިސާ އަކީ ނޮވެމްބަރ 3، 1988 ގެ އުދުވާނީ ހަމަލާއެވެ. އެކަމުގައި އިސްކޮށްތިބީ ވެސް ކެރަފާ އާއިލާގެ ސިއްކަ މުހަންމަދު އިސްމާއީލު މަނިކާއި، ހ.ހާޖަރާގޭ މުޙަންމަދު ލުޠުފީ އާއި އޭނާއާއި ބައިރިވި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާސިރާއި އަދިވެސް ބައެއް މީހުންނެވެ. ނަމަވެސް އެކަން ވެސް ކާމިޔާބެއް ނުވިއެވެ. 2012 އޮކްޓޫބަރ ފަތްތޫރައިގައި ލިޔެފައިވަނީ ލުޠުފީ ސަރުކާރާއި ދެކޮޅަށް އެފަދަކަމެއް ކުރުމަށް އުޅުނީ ގަވާއިދާޚިލާފަށް ބޭރުކުރަން އުޅުނު ކަހަނބުފަތްތަކެއްގެ މައްސަލަ އާއި ހިތްހަމަނުޖެހިގެން ކަމަށެވެ. އޭނާއާއި، ކެރަފާ އަބްދުއްސައްތާރައި، ސިއްކަ މުހަންމަދު އިސްމާއީލުމަނިކަކީ، އބްރާހިމް ނާސިރުގެ ވެރިކަން ބަދަލުކުރަން ވެސް މަސައްކަތްތަކެއް ކޮށް ނާކާމިޔާބުވެފައިވާ މީހުންނެވެ.

މީލާދީން 2008 ވަނަ އަހަރުގައި ވެރިކަން ބަދަލުވިކަމަށް ވިއަސް އެވެރިކަން ބަދަލުކުރުމަށްޓަކައި، ވަރަށްގިނަ ކަންކަން ވަނީ ކޮށްފައެވެ. އެގޮތުން ދީނާއި ގާނޫނުތަކާއި ޚިލާފަށް 30 އަހަރު ދުވަހުގެތެރޭގައި ޝަރީޢަތްތަކާއި ކުރިމަތިލާންޖެހުނު މީހުންގެ ލިސްޓުތައް ހޯދައި ވެރިކަމާއި ދެކޮޅަށް އެމީހުންނަށް ހިތްވަރު ދިނުމާއި، ޅިޔަނުންގެ ބަދަލުހިފުން ފަދަ އެތައްކަމެއް ވަނީ ހިނގާފަ އެވެ. މިފަދަ އެތައްކަމަކާއި އެކު، ވެރިކަން ބަދަލުކުރަން މަސައްކަތްކުރި މީހުން ބުނަމުން ގެންދިޔައީ، މައުމޫނުގެ ބަދަލުގައި ކުނިވެފައި އޮތް ކުއްތާގަނޑެއް ވެރިކަމަށް ގެންނަށް ވެސް މާ ރަނަގޅުކަމަށެވެ. ކޮންމެއަކަސް ވެރިކަން ބަދަލުވެއްޖެއެވެ. 2008 ގައި ވެރިކަމަށް ހޮވިވަޑައިގަތް މުހަންމަދު ނަޝީދުގެ ޢަމަލުފުޅުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ އަޑުއުފުލުމުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވައިފިއެވެ. ގާނޫނީ ހަމަތަކާއެކު ނާއިބު ރައީސް ރައީސްކަމުގެ ހުވާކުރެއްވީއެވެ. އޭގެ އަނެއްދުވަހު ކުރީގެ ވެރިކަމުގެ ބޮޑުންނާއި ވާގިވެރީން ނިކުމެ ދިފާއީ ޝަރުޢީ ބައެއް ދިދާރާތަށް އަންދާލީއެވެ. ވެރިކަން ބަޣާވާތަކުން ބަދަލުކުރިކަމަށް ބުނެ އެވެ. އަވަސް އިންތިޚާބަކަށް އަޑު އުފުލީއެވެ. މިފަދަ އެތައް ކަމެއްގެ ތެރެއިން މިހާރު ފެންނަމުން މިދަނީ، އަނެއްކާ ވެސް ޢަލިރަސްގެފާނުގެ ޒަމާނަށް އަލިދަންމަތި ވަމުންދާތީއެވެ. (ނިމުނީ)
                          ----------------------------
ލިޔުއްވީ: "ރަންދޫ"
10 އޭޕްރިލް 2014މ.