އަތުކުރި މިވޮޑައި، ހިތްވަރެ މިކެރައި

 

ދިވެހި ރާއްޖޭގެ ވަރަށް ގިނަ ފޮޓޯ، ވީޑިޔޯ، އަދި ދިވެހި / ހިންދީ ލަވަތައް ގެންގުޅުއްވާ އައްޑޫ މީދޫ ހުޅުދުމައިގޭ ޢާއިލާގެ ބޭފުޅަކު، އިއްޔެ އަޅުގަނޑުގެ ފޯނަށް ގައުމީ ލަވައެއް ފޮނުއްވައި، މިއީ ހުވަދޫ ކޮން ރަށެއްގެ ކާކު، ކިޔާފައިވާ ލަވައެއްތޯ އައްސަވައިފިއެވެ.  

ދެން އަޅުގަނޑު މިލަވަ އަޑު އެހުމާ އެކު، ހަނދާނުގެ ކޮށާރުގެ ތަޅުމަޅުގަނޑު އަމިއްލައަށް ނެއްޓި، މިލަވަޔެއްގެ ކަންކަން ހިނގި ނުހިނގި ގޮތް ހާމަ ވެއްޖެއެވެ.

*****

ފުރަތަމަ ވެސް ފެނުނީ، 1970 ވަނަ އަހަރު ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބް އުފައްދައިގެން އެ ކްލަބްގެ މިޔުޒިކް ގްރޫޕުގެ މަސައްކަތް ކުރިޔަށް ދިޔައިރު، ހޯޑެއްދޫ ބޮޑުގޭ އަލްފާޟިލް މުޞްޠަފާ މުޙައްމަދު ޙުސައިން ހަދިޔާކުރެއްވި، އަތުން ޗާބީ ދޭ ލަވަ ފޮއްޓެކެވެ.

މުޞްޠަފާ މިލަވަ ފޮށި ދެއްވިއިރު އޭގެ ކެނބު ކެނޑިފައި ވާތީ، ހަވަރުތިނަދޫ ސްޕާރކްލިން ގޭ ކަނބުރު ގެޔަށް ގެންގޮސް، މަރުޙޫމު ޢަލީ އިބްރާހީމް ލައްވައި ކެނބު ބައްދައިގެން ލަވަ ޖަހައި އުޅެނިކޮށް، އަނެއްކާ ވެސް ކެނބު ކެނޑުނީއެވެ. މިފަހަރު ކެނބުގެ އެހެން ދިމާލަކުންނެވެ. އެހެންވެ، ދެން ކެނބުގެ ބޭނުން ކުރެވޭނޭ ގޮތެއް ނެތުމުން (ޗާބީ ނުދެވުމުން) އޭގެފަހުން ލަވަ ޖަހަން ބޭނުން ކުރީ، ހޮޅީގެ މަތީ ކައިރީގާ އިނގިލި އަޅައި އަނބުރައިގެނެވެ.

މި ލަވަ ފޮއްޓާ އެކު، ލަވަ ހޮޅިތަކެއް ވެސް މުޞްޠަފާ ދެއްވިއެވެ. މީގެތެރޭ ހިންދީ ލަވަޔާއި މަދު ސިންގަޅަ ލަވަ ހޮޅިތަކެއް ވެސް ހުއްޓެވެ.



މިލަވަ ހޮޅިތަކުގެ ތެރެއިން ހިތްގައިމު ރާގަކަށް ކިޔާފައިވާ ސިންގަޅަ ލަވަޔެއް އޮތް ހޮޅިޔެއް ވަނީ، މެދުން ފަޅައިގެން ގޮސްފައެވެ. ރާގުގެ ހިތްގައިމު ކަން އެނގުނީ، ފަޅައިގެން ގޮސްފައި އޮތް ދެ ބައި ޖައްސައި ކޮންމެ ބަޔެއްގެ ވެސް ކައިރިންނާއި މެދުން ހިމަ ގެރިނާބުން (ކަންވާރުން) އައްސައިގެން ލަވަ އަޑު އެހީމައެވެ.

މިހޮޅީގެ މެދުގައި ހުންނަ ލޭބަލުގެ އަކުރުތައް ފަނޑުވެ، އޭރު ކިޔަން އެނގޭވަރު ނުވެޔެވެ. އަދި އެހެން ނޫނަސް އެ ލޭބަލު ބަލައިގެން ލަވަ ކިޔާފައިވާ މީހަކާއި ފިލްމަކާއި އަހަރަކާއި މިކަހަލަ އެއްޗެހި ތަކެއް އެނގޭކަށް ވެސް އޭރަކު އެހާ ބޭނުމެއް ނުވެއެވެ. ބޭނުންވަނީ، ރާގެވެ. އެ ރާގަށް ދިވެހި ލަވަޔެއް ހެދޭތޯ ބެލުމެވެ.

މިހެންވެ، ހަވަރުތިނަދޫ ހިރިހަމައިދިގޭ އަލްފާޟިލާ ރަޝީދާ އިބްރާހީމް ލައްވައި އެ ރާގަށް ތިނަދޫ ބަހުރުވައިން "ތަގެ ރީތި ކަމާ، ތަގެ ލޯބި އެދެއި" މިލަވަ ހެދީ އެވެ. އޭގެ ފަހުން ގިނަ ބަޔަކަށް ވާނީ މިލަވަ އަޑު އިވިފައެވެ. އޭރު ހަވަރުތިނަދޫ ސްޕޯޓްސް ކުލަބުގެ މިޔުޒިކު ގުރޫޕާ އެކު މިލަވަ ކިޔާފައި ވަނީ، ތިނަދޫ ސްޓާރލިންގ މަރިޔަމް ޙިލްމީ ދީދީ އެވެ.

މިލަވަ، މިހާރު ވަނީ، ޒަމާނީ ޓެކްނޯލޮޖީ އާއި ހަމަޔަށް ފޯރައި، ލަވައިގެ މިޔުޒިކަށް ބަދަލު އައިސްފައެވެ. އެކަމަކު މަރިޔަމް ޙިލްމީ ދީދީ ގެ އަޑު ކުރިޔެކޭ ވެސް އެއްގޮތަށް އެބަ އިވެއެވެ.


ލަވަ ފޮށީގެ ޗާބީގެ ބޭނުން ކުރެވެން ނެތުމުން ހޮޅީގެ މަތީ ކައިރީގައި އިނގިލި އަޅައި އަނބުރައިގެން ދަސްކުރި ސިންގަޅަ އެ ލަވަ "މިނި ޕަހަނަ އޮބައި" ކިޔާފައި ވަނީ، ޖަމުނާ ރާނީ ކަމާއި، ފިލްމަކީ "ވަނަ މޯހަނި - 1958" ކަން އެނގުނީ، އިންޓަރ ނެޓުގެ ޒަމާނަށް ހަނދު ބަލައި "ރައްޔިތު މީހާގެ އަތްފޯރާ ފަށަށް" މި އެއްޗެއް އައުމުންނެވެ. 


ނަމަވެސް މިރާގުގައި ފުރަތަމަ ލަވަ ކިޔާފައި ވަނީ، ލަތާ މަންގޭޝްކަރެވެ. ހިންދީ ފިލްމު "އާޝާ – 1957ގެ "ޒަރާ ރުކް ރުކް ކޭ" އެވެ. މިކަން ވެސް އެނގުނީ ފަހުންނެވެ.

*****

ދެން އޮތީ އައްޑޫ މީދޫ ހުޅުދުމައިގޭ ޢާއިލާގެ ބޭފުޅަކު، އަޅުގަނޑުގެ ފޯނަށް ފޮނުއްވި ގައުމީ ލަވައިގެ ކަންތައް ހިނގި ގޮތެވެ.

ގައުމީ މިލަވަ ކިޔާފައި ވަނީ، ހުވަދޫ މީހެއް ނޫނެވެ. އެލަވަ ވިދާޅުވީ، 1974މ. ގައި އޭރުގެ ކޮމިއުނިޓީ ހެލްތު ވޯކަރސް ފަސްޓް ގްރޫޕްގެ ޓްރޭނީ، މއ. އާހިޔާ އަލްފާޟިލް މުޙައްމަދު ނަސީމެވެ. ނަސީމު ވަނީ، 18 މާޗު 2023މ. ގައި ދުނިޔެ ދޫކުރައްވާފައެވެ.

މަތިވެރި ﷲ، މަރުޙޫމު މުޙައްމަދު ނަސީމަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން! 

"އަތުކުރި މިވޮޑައި، ހިތްވަރެ މިކެރައި" ގައުމީ މިލަވަ ހެދީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ދަރިވަރުން ގޮވައިގެން އެތަނުގެ އިސް ވެރިން އަތޮޅު ތަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރޭ 1974މ. ގައި އަޅުގަނޑެވެ. ގައުމީ މިލަވައިގައި ހުންނާނީ ހުވަދޫ ބަހުރުވައެވެ. ހުވަދޫ ވަކި ރަށަކަށް ނިސްބަތް ކޮށްފައި ނޫނެވެ.


މިހާރު ހުވަދޫ ބަހުރުވައިން އިވޭ ގައުމީ މިލަވަޔަކީ، ހަވަރުތިނަދޫ ޖަނަވަރީގޭ އިރުމަތީ ފެންޑާގައި އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރު ގެ އާދައިގެ ރެކޯރޑަރަކުން ކުރި، އޯޑިޔޯ ރެކޯރޑިންގ އެކެވެ. ލަވައިގެ މިޔުޒިކު ކުޅެފައި ވަނީ، ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބުގެ މިޔުޒިކު ގުރޫޕާއި އެލައިޑް ހެލްތުގެ ބައެއް ދަރިވަރުން ގުޅިގެންނެވެ. ހަރުމޯނިޔަމް ޖެހީ، އަޅުގަނޑެވެ. 

ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބުގައި އޭރު މާގިނަ މިޔުޒިކަލް އިންސްޓްރޫމެންޓެއް ނެތް ނަމަވެސް ތަންކޮޅެއް ފަހުން، އެންމެ ޒަމާނީ ހުރިހާ އެއްޗިއްސެއް އެ ކްލަބަށް ގެނެސް އޭގެ ބޭނުންކޮށްފައި ވެއެވެ. އަދި މަސްއޮޑި އަލްފާޟިލް އިބްރާހީމް ޙަމްދީ އާއި، އިބްރާހީމް ރަޝީދާއި، ފީއަލީ ޢަބްދުﷲ ވަޙީދާއި، މިޔުޒިކުގެ މޮޅު ބައެއް ފަންނާނުން ވެސް ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ގްރޫޕަށް ތަމްރީން ދެއްވާފައި ވެއެވެ.

"އަތުކުރި މިވޮޑައި" ގައުމީ މިލަވަ ހަވަރުތިނަދޫގައި ރެކޯޑް ކުރީ، މެލޭރިޔާ ސާރވޭ ދަތުރެއްގައި ފުވައްމުލަކަށް ގޮސް، އެރަށުގެ ކަންކަން ނިންމައި ހަވަރުތިނަދޫގެ ސާރވޭ އަށް އެރަށަށް ދިޔަ ފަހުންނެވެ.

މެލޭރިޔާ ސާރވޭ ޓީމުގެ އިސް ބޭފުޅުންނަށް ތިއްބެވީ، އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލާއި، ހ. ކަރަންކާގޭ އަލްފާޟިލާ ޢާއިޝަތު ރަޝީދެވެ. އަދި އެދުވަސްކޮޅު އެލައިޑް ހެލްތުގައި އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ޑަބްލިޔޫ.އެޗް.އޯ ގެ ކޮންސަލްޓެންޓް މިސް ރޮބްސަން ވެސް މިދަތުރުގައި ބައިވެރިވެ ވަޑައިގަތެވެ.  

މީގެ އިތުރަށް، މެލޭރިޔާ ކްލިނިކުގެ އިސް ބޭފުޅުންނާއި ހެލްތުވޯކަރސް ޓްރޭނީ 1،2 ގެ ގްރޫޕް ތަކާއި، މެލޭރިޔާ ކްލިނިކުގެ ޑޮމިސިލިއަރީ ވޯކަރުންނާއި ސްޕްރޭމަނުން ވެސް ދަތުރުގައި ބައިވެރިވިއެވެ.

         --------------

ޢަބްދުﷲ ޙިލްމީ

23 މޭ 2023މ.