އަހުލުބައިތުންނަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެންމެ ގާތް ބޭކަލުންނާއި ބޭކަނބަލުންނެވެ. އިތުރުއެކަލޭގެފާނު ވަނީ، އަހުލުބައިތުންނަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައެވެ. އިތުރުއެކަލޭގެފާނުގެ ހިތްޕުޅުގައި ވެސް އަހުލުބައިތުންނަށް ވަރަށް މަތިވެރި ލޯބިފުޅެއް ވެއެވެ. އިތުރުއެކަލޭގެފާނަށް އެންމެ ބޮޑަށް ވާގިވެރިކަމާއި، ނަޞްރު ދެއްވީ އަހުލުބައިތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭބޭކަލުންނާއި ބޭބޭކަނބަލުންނެވެ.
ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ ދެކޮޅަށް މައްކާގެ މުޝްރިކުން ނިކުމެ، އިތުރުއެކަލޭގެފާނަށް
ދުއްތުރާތައް ކުރަމުންދިޔައިރު، ފާޠިމަތުގެފާނު، އިތުރުއެކަލޭގެފާނުގެ ދިފާޢުގައި ނިކުމެވަޑައިގެންނެވެ.
އިތުރުއެކަލޭގެފާނުގެ ގެކޮޅުގެ ކުރިމައްޗަށް މުޝްރިކުން ހަޑިއެއްޗެހި އެޅުމުން، އެއެއްޗެހި
ނަންގަވައި، އެތަން ސާފުކުރެއްވީ އެކަމަނާގެ ޠާހިރު އަތްޕުޅުންނެވެ.
ފާޠިމަތުގެފާނު
ފަދައިން، ޢަލީގެފާނު ވެސް ވަނީ އިތުރުއެކަލޭގެފާނުގެ ދިފާޢުގައި އެތައްފަހަރަކު ނިކުންނަވާފައެވެ.
އެއިން އެއްފަހަރަކު އިތުރުއެކަލޭގެފާނަށްޓަކައި އެކަލޭގެފާނުގެ ޖާނުން ފިދާވެވަޑައިގެންނެވުމުގެ
ޙާލަތަކާ ވެސް ކުރިމަތިލެއްވިއެވެ. އެއީ، އިތުރުއެކަލޭގެފާނު ޤަތުލުކުރުމަށް މައްކާގެ
މުޝްރިކުން ތައްޔާރުވެ، އިތުރުއެކަލޭގެފާނުގެ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ވަގުތެއްގެ
އިންތިޒާރުގައި ފާރަލައިގެން ތިބި ރެއެވެ. އެ ނުރައްކާތެރި ރޭގައި އެކަލޭގެފާނު އަވަހާރަފުޅު
ލެއްޕެވީ، އިތުރުއެކަލޭގެފާނުގެ އެނދުދާންކޮޅުގައެވެ.
ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަހުލުބައިތުންނަކީ، އިތުރުއެކަލޭގެފާނުގެ ފޭރާންކޮޅަކުން
ފާހަގަކުރެއްވި އަހުލުބައިތުން ކަމަށް ޢިލްމުވެރިން ބުރަވެވަޑައިގެންފައި ވެއެވެ. އެއީ،
ފާޠިމަތުގެފާނާއި، ޢަލީގެފާނާއި، ޙަސަނުގެފާނާއި، ޙުސައިނުގެފާނެވެ. މާތް ﷲ، އިތުރުއެކަލޭގެފާނުގެ
އަހުލުބައިތުންނަށް ރުއްސުން ލައްވާށިއެވެ! އާމީން!
އަހުލުބައިތުންގެ
މަތިވެރިކަން ބަޔާންކޮށްދޭ އާޔަތްތަކާއި ޙަދީޘްފުޅުތައް ވެއެވެ. އެއިން އެއް އާޔަތަކީ،
އަލްއަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(إِنَّمَا
يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ
تَطْهِيرًا)
އަލްއަޙްޒާބު
(33): 33
މާނައީ، "އޭ
އަހުލުބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެކިބައިން ފާފަތައް
ދުރުކުރައްވައި، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ."
މިއާޔަތުން އެނގޭ
ގޮތުގައި، މާތް ﷲ ގެ ޙަޟުރަތުގައި އަހުލުބައިތުންނަކީ، ދުންޔަވީ ހަޑި ކަންކަމާއި، ދަށުދަރަޖައިގެ
ނުބައި ކަންކަމުން ޠާހިރުކުރެއްވިގެންވާ ބަޔެކެވެ. އެކަލާނގެ ވަނީ، އަހުލުބައިތުންނަށް
ޞަދަޤާތް ޙަރާމްކުރައްވާފައެވެ. ޞަދަޤާތަކީ، މީސްތަކުންގެ މުދަލާއި ނަފުސު ޠާހިރު ކުރުމަށްޓަކައި
ނެރޭ އެއްޗެކެވެ. އެއިން އަހުލުބައިތުންނަށް ދިނުން ޙަރާމްކުރައްވާފައިވަނީ، އަހުލުބައިތުންގެ
މަތިވެރި މަޤާމާ ލާއިޤުވެގެން ނުވާތީ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، އަހުލުބައިތުންގެ މަތިވެރި މަޤާމަށް ރައްކާތެރިވުމަށާއި،
އެއުރެންނަށް އަނިޔާވެރިނުވުމަށް އެތައް ފަހަރަކު ވަޞިއްޔަތްޕުޅުކުރައްވާފައެވެ.
އެއްދުވަހަކު، ޚުއްމު
(خُمّ) އެވެ، ކިޔާ ފެންގަނޑެއްގެ
ކައިރީގައި ހުއްޓިވަޑައިގެން ހުންނަވައި، އިތުރުއެކަލޭގެފާނު ޚުޠުބާއެއް އިއްވެވިއެވެ.
އެ ޚުޠުބާގައި، މާތް ﷲ އަށް ޙަމްދާއި ޘަނާ ވިދާޅުވެ، މީސްތަކުންނަށް ވަޢުޡާއި އިރުޝާދު
ދެއްވިއެވެ. އެ ޚުޠުބާގެ ނައްޞުން ވާރިދުވެފައިވެއެވެ.
(وَإِنِّي
تَارِكٌ فِيكُمُ الثَّقَلَيْنِ: أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى
وَالنُّورُ، وَمَنِ اسْتَمْسَكَ بِهِ وَأَخَذَ بِهِ كَانَ عَلَى الْهُدَى، وَمَنْ
أَخْطَأَهُ وَتَرَكَهُ كَانَ عَلَى الضَّلالَةِ، وَأَهْلُ بَيْتِي أُذَكِرَكُمُ
اللَّهَ فِي أَهْلِ بَيْتِي، ثَلاثَ مَرَّاتٍ)
ރިވާކުރެއްވީ: އައްނަސާއީ.
މާނައީ، "އަދި
ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ބުރަދަންހުރި ދެއެއްޗެއް ދޫކުރެއްވީމެވެ.
އެއިން ފުރަތަމަ އެއްޗަކީ، ﷲ ގެ ފޮތެވެ. އޭގައި ތެދުމަގާއި ނޫރު ވެއެވެ. އޭގައި ހިފަހައްޓައި،
އެއާ އެއްގޮތަށް ޢަމަލުކޮށްފި މީހަކު ވާހުށީ ތެދުމަގުގައެވެ. އެ ދޫކޮށް ކުށްފާފަތައް
ކޮށްފި މީހަކު ވާހުށީ މަގުފުރެދުމުގައެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލުބައިތުންނެވެ.
ﷲ ގެ ވަޖުހުފުޅަށްޓަކައި ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މަތިން ތިޔަބައިމީހުންނަށް
ހަނދުމަކޮށްދެއްވަމެވެ. (މި ޢިބާރާތް ތިން ފަހަރު ޙަދީޘްކުރެއްވިއެވެ.)"
ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، އަހުލުބައިތުންގެ ތެރެއިން ބައެއް ބޭކަލުންނަށް
މާތް ﷲ ގެ ޙަޟުރަތުން ލިބިވަޑައިގެންފައިވާ މަތިވެރި މަޤާމާއި ޝަރަފު ބަޔާންކޮށްދެއްވާފައެވެ.
ފަހެ، ފާޠިމަތުގެފާނަކީ، ޢާލަމްތަކުގެ އަންހެންކަނބަލުންގެ ސާހިބާއެވެ. އިތުރުއެކަލޭގެފާނު
ވަނީ އެކަމަނާއަށް އެ އުފާވެރި ޚަބަރު ދެއްވާފައެވެ. އެކަމަނާއަކީ، އިތުރުއެކަލޭގެފާނުގެ
ހަށިކޮޅުގެ ބަޔެކެވެ. އެކަމަނާއަށް ގޯނާކުރުމަކީ، އިތުރުއެކަލޭގެފާނަށް ގޯނާކުރުމެވެ.
އެކަމަނާ ދެކެ ލޯބިވުމަކީ، އިތުރުއެކަލޭގެފާނު ދެކެ ލޯބިވުމެވެ.
ފާޠިމަތުގެފާނުގެ
މާތް ފިރިކަލުން ޢަލީގެފާނުގެ މަޤާމަކީ ކޮބައިކަން ވެސް އިތުރުއެކަލޭގެފާނު ވަނީ ބަޔާންކޮށްދެއްވާފައެވެ.
ފަހެ، އިތުރުއެކަލޭގެފާނުގެ އަރިހުގައި، ޢަލީގެފާނުގެ މަޤާމަކީ، މޫސާގެފާނުގެ އަރިހުގައި
ހާރޫނުގެފާނުގެ މަޤާމެވެ. އެހެނަސް އިތުރުއެކަލޭގެފާނަށްފަހު އިތުރު ބޭކަލަކަށް ނަބީކަމެއް
ނުދެއްވާނެކަން ބަޔާންކުރެއްވިއެވެ. އަދި ޚައިބަރުގެ ދުވަހުގައި، މާތް ﷲ ލޯބިވެވޮޑިގަންނަވާ
އަދި އެކަލާގެ ރަސޫލާ ލޯބިވެވަޑައިގަންނަވާ ބޭކަލެއްގެ އަތްޕުޅަށް ދިދަ ދެއްވާނެ ކަމަށް
ޙަދީޘްކުރައްވައި، ޢަލީގެފާނުގެ އަތްޕުޅަށް މުސްލިމުންގެ ލަޝްކަރުގެ ދިދަ ދެއްވިއެވެ.
ފާޠިމަތުގެފާނާއި
ޢަލީގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ޙަސަނުގެފާނާއި ޙުސައިނުގެފާނުގެ މަޤާމު ބަޔާންކުރައްވަމުން
ޙަދީޘްކުރެއްވިއެވެ.
(الْحَسَنُ
وَالْحُسَيْنُ سَيِّدَا شَبَابِ أَهْلِ الْجَنَّةِ)
ރިވާކުރެއްވީ: އައްތިރުމިޛީ،
އިބްނު މާޖާ، އަޙްމަދު، އިތުރު ބޭކަލުން.
މާނައީ، "ޙަސަނުގެފާނާއި،
ޙުސައިނުގެފާނަކީ، ސުވަރުގެވަންތަ ޒުވާނުންގެ ދެ ސައްޔިދުންނެވެ."
މި ޙަދީޘްފުޅުގެ
ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
އެ ދެ ބޭކަލުންނަކީ،
ސުވަރުގެވަންތަ ޒުވާނުންގެ ދެ ސައްޔިދުން ކަމަށް އޮތް ބަސްފުޅުގެ މާނައަކީ، ޒުވާނުންގެ
ހިތްވަރުގަދަކަމާއި، މުރޫއަތްތެރިކަމާއެކު، އެ ދެ ބޭކަލުން މި ދުނިޔެ ދޫކުރެއްވި ކަމެވެ.
އެ ދެ ބޭކަލުންނަކީ، މާތް ﷲ ގެ މަގުގައި މިދުނިޔެ ދޫކުރި ސުވަރުގެވަންތަ ޒުވާނުންގެ
ތެރެއިން އެންމެ އިތުރުކަންބޮޑު ދެ ބޭކަލުން ކަމުގައި ވެވަޑައިގެންނެވި ކަމެވެ. ނުވަތަ
އެ ދެ ބޭކަލުންނަކީ، ނަބީބޭކަލުންނާއި، ތެދުމަގުލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި
ބޭކަލުން ފިޔަވައި، ސުވަރުގޭގެ އެހެން އަހުލުންގެ ދެ ސައްޔިދުން (ވެރިން) ކަމުގައި
ވެވަޑައިގަންނަވާނެ ކަމެވެ. އެހެނީ، ސުވަރުގޭގެ އެންމެހައި އަހުލުންނަކީ، ޒުވާން ޢުމުރުގައި
ވާނެ ބަޔެކެވެ. ސުވަރުގޭގެ އަހުލުންގެ ތެރޭގައި މުސްކުޅިއަކު ނުވާނެއެވެ.
މި ނުކުތާތަކަށް
ނަޒަރު ހިންގައިލުމުން، އަހުލުބައިތުންގެ މާތްކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ.
އެހެންކަމުން، އަހުލުބައިތުންނަށާއި، އަހުލުބައިތުންގެ ނަސްލުން ވަޑައިގެންނެވި ބޭކަލުންގެ
ޤަދަރު މަތިވެރިކޮށް، އެބޭކަލުންދެކެ ލޯބިވެ، މުސްލިމުން އެބޭކަލުންނަށް ކަމޭހިތަންޖެހޭކަން
އެބައެނގެއެވެ. މުސްލިމުންނަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ދެކެ ފުރިހަމައަށް ލޯބިވެވޭނީ އޭރުން ކަމުގައި ވާތީއެވެ.
---------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން