ހަވަރުތިނަދޫ ޙަސަން ޙަލީމު

 ހަވަރުތިނަދޫ ޙަސަން ޙަލީމްއަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދުވަސްވަރު އުފެއްދެވި ދާރުލް އިޤާމާއަށް އަތޮޅުތަކުން ކިޔަވަން ކުދިން ފޮނުވުނުއިރު ހުވަދުއަތޮޅުން ފޮނުއްވި ކުދިންގެތެރޭ ހިމެނިވަޑައިގަތް ބޭފުޅެކެވެ. އެބޭފުޅާ، މަދުރަސަތުލް މަޖީދިއްޔާއިން އެދުވަސްވަރުގައި ދެވޭއެއްމެމަތިން ތަޢުލީމް ޙާސިލްކުރައްވާފައިވެއެވެ.

ޙަސަން ޙަލީމްއަކީ މަދަރުސަތުލް މަޖީދިއްޔާގައި ތަޢުލީމް ޙާޞިލުކުރެއްވިއިރު އޮނަރަބަލް އަލްއުސްތާޒު ޢަބުދުﷲ ޙަމީދުއާއި، ދިވެހިބަހުގެ ކުޅަދާނަ ޢިލްމުވެރިއެއްކަމުގައިވާ އަލްފާޟިލު ޢަބުދުﷲ ޞާދިގު (ޞޯދުބެ) އާއެކު އެއްކުލާހެއްގައި ކިޔަވަންއުޅުއްވި ބޭފުޅެކެވެ. ހަމައެހެންމެ ޙަސަން ޙަލީމުއަކީ އެދެބޭފުޅުންނާ އެއްފަދަ، ދިވެހިބަހަށް ފަރިތަ ޅެންހެއްދެވުމަށާއި ލިއުއްވުންތެރިކަމަށްވެސްމޮޅު ހުނަރުވެރި އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.  ޙަސަން ޙަލީމުގެ ލިއުއްވުންތަކާއި ޅެންތައް  އެދުވަސްވަރުގެ މަޖައްލާއެއްކަމުގައިވާ އައްރާބިތާގައި ޝާއިޢުކުރައްވާފައިވެއެވެ. މަދަރަސަތުލްމަޖީދިއްޔާގެ ޚާއްސަޕާޓީގައި ހިމެނިވަޑައިގަތުމުގެސަބަބުން ކުޅިވަރަށް ނުހަނު ސަމާލުކަންދެއްވެވި އެކިކުޅިވަރު ތަކުގައި ވަރަށްބޮޑަށް ޙަރަކާތްތެރިވެއުޅުއްވި ބޭފުޅެކެވެ. އަދި އެމަދަރުސާގެ ޙާއްސަޕާޓީގެ ފުރަތަމަކޮމާންޑަރަކީވެސް ޙަސަންޙަލީމުއެވެ. ވުމާއެކު ތާރީޚުން އެނގޭގޮތުގައި ޙަސަންޙަލީމަކީ ދިވެހިރާއްޖޭގެ ފުރަތަމަ ކެޑޭޓުކޮމާންޑަރެވެ.

ޙަސަން ޙަލީމު ދުނިޔޭގައި ހުންނެވިނަމަ އަލްފާޟިލު ޢަބުދުﷲ ޞާދިގު (ޞޯދުބެ) މެންފަދަ ދިވެހިބަހަށް ޚިދުމަތްކުރެއްވެވުމުގައި އެއްމެކުރީސަފުގައިއުޅުއްވާނެ ބޭފުޅެއްކަމާމެދު އެއްވެސްޝައްކެއްނެތެވެ. މަޖީދިއްޔާއިން ތަޢުލީމް ޙާޞިލު ކުރައްވާ ނިމިވަޑައިގަތުމުން އޭރުގެ ވުޒާރަތުއްދާޚިލިއްޔާގެ ސެކެޓްރީކަމުގެ ވަޒީފާ ސަރުކާރުންދެއްވެވިއެވެ. ނަމަވެސް ދުވަސްކޮޅަކު އެވަޒީފާގައި އުޅުއްވުމަށްފަހު އެވަޒީފާދޫކުރައްވައި އަމިއްލައުފަންރަށަށް ޚިދުމަތް ކުރެއްވުމަށްޓަކައި ހަވަރުތިނަދޫ އަށް ވަޑައިގެން އެރަށުގައި އޭރުހިންގި މަދަރުސާކަމުގައިވާ މަދަރުސަތުލްއަމީރުއިބުރާހީމް ގެ ހިންގާސެކެޓްރީގެ މަގާމު ފުރުއްވިއެވެ. އަދި އެމަދަރުސާގެ ފުރަތަމަ ކުޅިވަރުމުރުޝިދަކީވެސް ޙަސަން ޙަލީމެވެ.

މަދަރުސަތުލްއަމީރުއިބުރާހީމް ހިންގެވުމުގައި ވަރަށްކުޅަދާނަކަމާއި ހީވާގިކަމާއެކު އިދާރީގޮތުން މަދަރުސާހިންގެވުމުގެ ބުރަމަސްއޫލިއްޔަތު އުފުއްލެވުމުގެ އިތުރަށް ދިވެހިބަހާއި އަދަބިއްޔާތާއި ކުޅިވަރުގެ ރޮގުން ގިނަގުނަ ޚިދުމަތްތަކެއް އެމަދަރުސާއަށް ޙަސަން ޙަލީމުވަނީ ކޮށްދެއްވާފައެވެ. މަދަރުސާގެ ކުލާހަކަށް މުދައްރިސަކަށް ވަޑައިނުގެންނެވޭފަދަ ޢުޒުރެއް މެދުވެރިވެވަޑައިގަންނަވާ ޙާލަތްތަކުގައި އެމަދަރުސާގައި ގަޑިފުރުއްވާނެ އިތުރުމުދައްރިސުން ހަމަޖެހިފައި ތިބުމާއެކުވެސް އެފަދަވަގުތުތަކުގައި ޙަސަން ޙަލީމަށް ފުރުއްވޭފަދަގަޑިތައް ނަންގަވައި އެގަޑިތައް ޙަސަން ޙަލީމު ފުރުއްވާ ހައްދަވައެވެ.  ޙަސަން ޙަލީމުއަކީ މަދަރުސާގެ އިދާރީ ކަންކަންކަމާއި، މަދަރުސާ ހިންގުމުގެ ގަވާޢިދުތައް އެކުލަވާލައްވައިގެން ހަމަޖެހިފައި އޮންނަ އުޞޫލާއި އެއްގޮތަށް ކުރިޔަށްގެންދެވި އަދި ވަރަށްތަރުތީބުކޮށް ހުރިހާކަމެއްވެސް ކުރެއްވެވި ބޭފުޅެކެވެ.  ހަމައެހެންމެ ދަރިވަރުން ގެންގުޅޭފޮތްތަކާއި، ޔުނިފޯމު ސާފުތާހިރުކޮށް ރީތިކޮށްގެންގުޅުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެ އެކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާހެއްދެވި ބޭފުޅެއްވެސްމެއެވެ.

މަދަރުސަތުލްއަމީރުއިބުރާހީމްއަކީ ހަވަރުތިނަދޫގެއިތުރަށް ހުވަދުއަތޮޅުގެ އެކިރަށްރަށުންނާއި އަދި އެހެން އަތޮޅުތަކުގެ ކުދިންވެސް ތަޢުލީމު ޙާޞިލުކުރަމުންދިޔަ މުޅިރާއްޖެއަށް މަޝްހޫރުވި މަދަރުސާއެކެވެ. މިމަދަރުސާއަކީ ހުވަދުއަތޮޅުގައިތިއްބެވި ތަނަވަސްއެއްމެހައިބޭފުޅުންގެ ދީލަތިއެހީފުޅާއި، އެބޭފުޅުންގެ ފުރިހަމަބައިވެރިވުމާއެކު ހިންގެވި އަތޮޅުމަދަރުސާއަކަށްވުމުން، މަދަރުސާގެ ހުރިހާކަމެއްވެސް ކުރައްވާފައިވަނީ ވަރަށްބޮޑަށްބެލެހެއްޓިގެން ފުރިހަމައަށް އިންތިޒާމު ކުރެވިގެންނެވެ. މިކަންތައްތައް މިހާފުރިހަމައަށް ކުރެވިފައިވަނީ ޙަސަން ޙަލީމުގެ ކުޅަދާނަކަމާއި، ހިންގުންތެރިކަމުން ކަމުގައިވުމީ އެދުވަސްވަރުގެ އެއްވެސްބޭފުޅަކު އެކަމާ ދެބަސްވެވަޑައިނުގަންނަވާނެ ޙަގީގަތެއް ކަމުގައިދަންނަވަމެވެ.

މަދަރުސާގެ ނާޒިރު ޢަބުދުﷲކަތީބާއި، ޙަސަން ޙަލީމުގެ މައިގަނޑު މަގުޞަދަކީ މަދަރުސާނިންމާފައި ނުކުންނަ ކޮއްމެ ދަރިވަރަކީވެސް މުސްތަގުބަލުގައި އަތޮޅުގެއެކިކަންކަމާ ޙަވާލުވެ މަސްއޫލިއްޔަތު އަދާކުރެވޭފެންވަރުގެ ދަރިވަރަކަށް ކޮއްމެދަރިވަރަކުވެސް ހެއްދެވުންކަމުގައި އެދުވަސްވަރު ތަޢުލީމުޙާޞިލުކުރެއްވި ވަރަށްގިނަބޭފުޅުން ވިދާޅުވެއެވެ. މަދަރުސަތުލް އަމީރުއިބްރާހީމްއަކީ ދަރިވަރުންގެޔުނިފޯމުއެއް ކަނޑައެޅިގެންހިންގެވި އެއަތޮޅުގެ ފުރަތަމަ މަދަރުސާއެވެ. ޔުނިފޯމު ހޯދަންދަތިވާކުދިންނަށް ޔުނިފޯމުދެއްވަނީ މަދަރުސާގެފަރާތުންނެވެ. އަދި މަދަރުސާގެ މުވައްޒަފުންނަށް ޔުނިފޯމު ހަމަޖައްސަވައި ދެއްވާފައި ވުމުގެއިތުރަށް، ދުއްވާނެ ބައިސިކަލްވެސް މަދަރުސާގެފަރާތުން މުވައްޒަފުންނަށް ހަމަޖައްސަވާފައިވެއެވެ. މިމަދަރުސާގެ ނަން ނިސްބަތްވެފައިވަނީ ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވެވި ބޭފުޅެއްކަމުގައިވާ އަލްއަމީރު އިބުރާހީމް ފާމުލަދޭރިކިލެގެފާނުގެ ނަންފުޅަށެވެ.                                 

ހަވަރުތިނަދޫ އިބުރާހީމް ޝިހާބްއާއެކު އެރަށުގެ ކުޅިވަރު ތަރައްގީކުރެއްވުމަށް ޙަސަން ޙަލީމު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. ހަވަރުތިނަދޫގައި ކުޅިވަރާއި އިޖުތިމާޢީކަންތައް ކުރިއަރުވައި އާލާކޮށް ހަވަރުތިނަދޫގެ ތަރައްގީއަށް މަސައްކަތް ކުރެއްވުމުގެގޮތުން ކްލަބެއް ރަޖިސްޓްރީ ކުރެއްވުމަށްވެސް އިބުރާހީމް ޝިހާބްއާއެކު ޙަސަން ޙަލީމް މަސައްކަތްކުރެއްވެވިއެވެ. މިކްލަބް ރަޖިސްޓްރީކުރެއްވުމަށް ސަރުކާރަށް ހުށަހެޅުއްވުމުން އިބްރާހިމް ޝިހާބުއާއި ޙަސަން ޙަލީމުއާ ދެބޭފުޅުންނާމެދު ހިތުގާ ނުތަނަވަސްކަމެއްއޮތްބަޔަކު ކުރި ރިޕޯޓަކާއިގުޅިގެން މިދެބޭފުޅުން ކުށްވެރިންގެގޮތުގައި ގޭގައި ބަންދުކުރެއްވެވިއެވެ.


ޙަސަން ޙަލީމްއަކީ ރަށުގެ އެކި ޢުމުރުފުރައިގެ މީހުންނާވެސް ވަރަށްގުޅުންބޮޑު ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި، މީހުންނާއެކު އުޅުއްވަންދެނެވަޑައިގަންނަވާ ޙާޒިރުޖަވާބު ދެއްވުމުގައިވެސް އަރާހުންނެވި، ސަމާސާމިޒާޖެއްގެވެރި ބޭފުޅެކެވެ. އަދި ހަވަރުތިނަދޫގެ ގޭގެއަށް ނަންކިއުމަށް ހަވަރުތިނަދޫ އޮފީހުން އެކުލަވާލި ކޮމިޓީގެ އިސްބޭފުޅަކަށް ހުންނަވައިގެން ގޭގެއަށް ނަންކިއާފައިވަނީވެސް ޙަސަން ޙަލީމު ކަން ފާހަގަކުރަމެވެ. ހަވަރުތިނަދޫގެ އެދުވަސްވަރު ގޭގެއަށް ނަންދެއްވުމަށް ގޭގެއަށް ޒިޔާރަތްކުރައްވަމުން ގެންދެވިއިރު ދިމާވާ ޙާލަތާއި ގޭގެނަމާއި ގުޅޭގޮތުން މީހުން ދައްކާ ވާހަކައަށް ޙަސަން ޙަލީމުގެ ކުޅަދާނަ ޙާޒިރުޖަވާބުން ދެއްވިނަންތައް މިހާރުވެސް ތިނަދޫގެ އެކި ގޭގެއަށް ކިޔަމުންއެބަދެއެވެ.

ޙަސަން ޙަލީމުގެ އެއްމެގާތް އެކުވެރިއަކީ ހަވަރުތިނަދޫ އައްޝައިޚް މުދިމްޙުސައިންތަކުރުފާނުގެ އިބުރާހީމް ޝިހާބުއެވެ. ޙަސަން ޙަލީމް ކައިވެނި ބައްލަވައިގަތީވެސް އިބްރާހީމް ޝިހާބުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ހަވަރުތިނަދޫ އައްޝައިޚް މުދިމްޙުސައިންތަކުރުފާނުގެ ކަތްދާމަނިކެއާއިއެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ ޢަދުނާނު ޙަލީމުއާއި މުއުމިނާ ޙަލީމުއެވެ. ޢަދުނާނުޙަލީމަކީވެސް ބައްޕާފުޅު ޙަސަންޙަލީމެކޭ އެއްގޮތަށް ގިނަބަޔަކާއި ގުޅުންއޮންނަ، ޙާޒިރުޖަވާބަށްމޮޅު، ތަޢުލީމީބޭފުޅެކެވެ. ސަރުކާރުގެ މުހިއްމު ގިނަވަޒީފާތަކެއް އަދާކުރައްވާފައިވާ ވަރަށް ކުޅަދާނަ ހިންގުންތެރި، މުރާލި ބޭފުޅެކެވެ. އަތޮޅުގެ އިޖުތިމާޢީ ދާއިރާ ކުރިއެރުވުމަށް ނުހަނު ހީވާގިކަމާއެކު ގިނަމަސައްކަތްތަކެއް ކޮށްދެއްވެވި ބޭފުޅެކެވެ. ޢިމާރާތްކުރުމުގެ ދާއިރާގައި ގިނަތަޖުރިބާތަކެއް ލިބިވަޑައިގެންހުންނެވި އެދާއިރާގެ ވަރަށް އިސްމަގާމުތަކެއް އަދާކުރަށްވަމުންގެންދެވުމުގެ އިތުރަށް  ދޫފަސޭހަ މޮޅުވާހަކަދެއްކުންތެރިއެއްވެސްމެއެވެ. ތިނަދޫއިން މީހުންބޭލި ޙާދިސާގައި އެޢާއިލާ ގއ.ވިލިގިއްޔަށް ހިޖުރަކުރުމާއި ގުޅިގެން ޢަދުނާނުޙަލީމުއާއި، މޫމިނާޙަލީމު ދިރިއުޅުއްވާރަށަކީ ވިލިގިލިއެވެ.

ޙަސަން ޙަލީމުގެ ބައްޕާފުޅަކީ ހަވަރުތިނަދޫ ކައްބޮއްލޭ ދޮންމުޙައްމަދުބެއްޔަގެ މޫސާތަކުރުފާނުއެވެ. މަޝްހޫރުވެފައިވަނީ ދޮންމުޙައްމަދުބެއްޔަގެހުތާގެ ނަމުންނެވެ. މިއީ ހަވަރުތިނަދޫގެ ވަރަށް ކުޅަދާނަ މޮޅު ވަޑިއެކެވެ. ވަޑާމުގެ ވަރަށްގިނަ މަސައްކަތް ވަރަށްމޮޅަށް ދެނެވަޑައިގަންނަވާ ވަރަށް ހުނަރުވެރި ހުވަދުއަތޮޅުގެ ވަރަށް މަޝްހޫރު ވަޑިއެކެވެ. ހަވަރުތިނަދޫގެ ކުރީގެ ހުކުރުމިސްކިތުގެ އިތުރުން ވާދޫއާއި ފިޔޯރީއާއި ފުވައްމުލަކުގައިވެސް މާވަޑިއެއްގެގޮތުން މިސްކިތްތައް ބިނާކުރެއްވުމުގައި އެހީވެ މަސައްކަތް ކޮށްދެއްވާފައިވެއެވެ. އަދި ހަވަރުތިނަދޫއާއި ވިލިގިލީގައިވެސް އެޒަމާނުގެ ހައިވަކަރުގެތައް ޢިމާރާތްކުރައްވައި ހައްދަވައިދެއްވައި މީހުންނަށް މަސައްކަތް ދަސްކޮށްދެއްވައި ހެއްދެވިކަމަށްވެއެވެ.

މޫސާތަކުރުފާނުގެ މިޢާއިލާގެ ވަޑާމަށް މޮޅު ބޭފުޅުންގެތެރޭގައި ހަވަރުތިނަދޫ ފޭރުމާގޭ ޙަސަންދީދީ އާއި މާލޭގައި އުޅުއްވާ އެލިޔާގެ މާވަޑިތަކުރުފާނުގެ ގޮތުން މަޝްހޫރުވި ހ.ކާމްސީ މުޙައްމަދު ތަކުރުފާނުއާއި ހަވަރުތިނަދޫ ހެޕީސައިޑް ކާސިންތަކުރުފާނު ހިމެނިވަޑައިގަންނަވައެވެ. މިއެއްމެ ބޭފުޅުންނަކީވެސް ވަރަށް ހުނަރުވެރި ކުޅަދާނަ މޮޅުވަޑިންނެވެ. ވަކިން ޚާއްޞަގޮތެއްގައި މުޙައްމަދުތަކުރުފާނަކީ ވަރަށް ކުޅަދާނަ މޮޅުވަޑިއެއްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

ޙަސަން ޙަލީމުގެ މައްމާފުޅަކީ ހަވަރުތިނަދޫ ވަލުގޭ ދޮންޙުސައިންތަކުރުފާނުގެ އައިސާފާނުގެ މަރިޔަމްފާނުއެވެ. ޙަސަން ޙަލީމުއާއި އެއްބަނޑުއެއްބަފާގައި އިންނެވީ އެއްމެ އަންހެން ބޭފުޅެކެވެ. އެއީ ޙަސަން ޙަލީމުގެ ދައްތަ ޚަދީޖާ މޫސާ (ތިނަދޫ ސީވިޔު ކައިދާފާނު، ގަޒީރާ މުޙައްމަދު ރަޝީދުގެ މައްމާފުޅު)އެވެ. ޙަސަން ޙަލީމުގެ މައްމާފުޅު މަރިޔަމްފާނު ފަހުން ހަވަރުތިނަދޫ އޮޅަދީދިކަތީބުއާއި ކައިވެނި ބައްލަވައިގެން ޙަސަން ޙަލީމުއާއި އެއްބަނޑު އެހެން ބޭފުޅުންތަކެއް ލިބިވަޑައިގެންފައިވެއެވެ. އެއީ  އާމިނާދީދީ،  އައިސާދީދީ،  ޙަސަންދީދީ،  ފާތުމާދީދީ  އަދި ދޮންދީދީއެވެ.

ހަވަރުތިނަދޫގައި ދިވެހިސަރުކާރާއި ދެކޮޅަށް އުފެދުނު ދެވަނަ ބަޣާވާތުގެތެރޭ އިބްރާހިމް ޝިހާބުއާއި ޙަސަން ޙަލީމުއާއި ދެބޭފުޅުންނަކީ ދިވެހިސަރުކާރަށް ވަފާތެރި ދިވެހިސަރުކާރާއި އެއްކޮޅަށްތިއްބެވި ދެބޭފުޅުންކަން ބަޣާވާތުގެބައިވެރިންނަށް އެނގުމާއެކު ރައްޔިތުންގެތެރެއިން ބަޔަކުނުކުމެ ޙަސަން ޙަލީމު ގަޔަށްއަރައިގަނެ ތަޅައި ވަރަށްއަނިޔާކޮށްފައިވެއެވެ. އެކަމުގެތެރޭ އިބްރާހިމް ޝިހާބުއާއި  ޙަސަން ޙަލީމު އައްޑުއަތޮޅަށް އަރުވާލެއްވުމަށް ބަޣާވާތުގެވެރިން ނިންމައި އައްޑުއަތޮޅަށް އެދެބޭފުޅުން ފުރުވާލިދަތުރުގެތެރެއިން ފިއްލަވައިގެން މިދެބޭފުޅުން މާލެވަޑައިގަތެވެ. މިދަތުރުކުރައްވާފައިވަނީ އިބްރާހިމް ޝިހާބު އެދިވަޑައިގަތުމާއިގުޅިގެން އިބްރާހިމް ޝިހާބުގެ އަމިއްލަފުޅު މަސްދޯންޏެއްގައެވެ. މިދަތުރުގައި ޙަސަން ޙަލީމު ފިއްލަވައިގެން މާލެއަށް ވަޑައިގަތުމާއެކު ބަޣާވާތްތެރިން ޙަސަން ޙަލީމުގެ ގެ ތަޅާލީ އެގޭތެރޭގައި ޙަސަން ޙަލީމުގެ އަނބިކަބަލުންނާއި ކުޑަދަރިކަލުން ޢަދުނާނު ޙަލީމު ތިއްބައި އެމީހުންނަށްވެސް އެއްވެސްއަޅާލުމެއް ބެލުމެއްނެތިއެވެ. ތަޅާލި ގެތަކުގެތެރޭގައި އިބުރާހީމްޝިހާބުގެ ގެއާއި އައްޝައިޚު މުދިމްޙުސައިންތަކުރުފާނުގެ ގެވެސް ހިމެނެއެވެ. މިއީ އެއްބަރިއަކަށްހުރި ތިންގެ ކަން ފާހަގަކުރަމެވެ.

 ޙަސަންޙަލީމުމެން މާލެއަށް ދަތުރުކުރެއްވެވިއިރު ހުވަދޫކަނޑުގައިވި ފަހުރޭގައި ޝިހާބުއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެވާހަކަ އަނެއްދުވަހުގެ ހެނދުނު އިބްރާހިމް ޝިހާބު، ޙަސަން ޙަލީމުއާއި ހިއްސާކުރެއްވެވިއެވެ. މިހުވަފެންފުޅުގައި ފެނިވަޑއިގެންނެވި ކަންކަމުގެ ބައެއްވާހަކަތައް އިބުރާހީމް ޝިހާބު ވިދާޅުވުމުން އެވާހަކަތަކުގެ މައްޗަށް ޙަސަން ޙަލީމު އިރުކޮޅަކު ވިސްނާވަޑައިގަތުމަށްފަހު އިބުރާހީމް ޝިހާބަށް ދެންނެވީ މާލެނުގޮސް ދޯނީގެ މިސްރާބު ބަދަލުކުރައްވައި އިންޑިއާއަށްދިއުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް މިދެބޭފުޅުންގެ ނިމުން މިފަދަ ދެރަ ގޮތަކަށް މެދުވެރިވެދާނެކަމަށް ކުޑަކޮށްވެސް ހިތްޕުޅަށް އަރާވަޑައިނުގަތުމުން، ޖަވާބުގައި އިބްރާހިމް ޝިހާބު ވިދާޅުވީ މިހާރު ރާއްޖެއާއި ބޭރު ގައުމުތަކާއި ޑިޕޮލަމެޓިކް ގުޅުން އޮންނަގޮތުން ކޮއްމެތަނަކަށް ދިޔަކަމުގައިވިޔަސް މާލެގެންނާނެކަމަށެވެ. ވީމާ ރަނގަޅުގޮތަކީ މާލެގޮސް ހުރިހާކަމެއްނިމުނީމާ ދެން ބޭރަށްދިއުންކަމަށެވެ.

        ކޮއްމެއަކަސް މިދެބޭފުޅުން މާލެވަޑައިގަތުމުން ދަތުރާއި ބެހޭގޮތުން އޭރުގެ މަޙުކަމަތުލް އަމަންޢާއްމުއިން ސުވާލުކުރެއްވެވިނަމަވެސް އެބޭފުޅުންދެއްކެވި އެއްވެސްވާހަކަފުޅަކަށް ބެއްލެވުމެއްނެތި ދެބޭފުޅުންވެސް ބިޑިއަޅުވައި އިބްރާހިމް ޝިހާބު ޖަލަށް ފޮނުވާލައްވައި  ޙަސަން ޙަލީމު ބަނޑޭރިގޭ ގޯތިތެރޭގައިހުރި އަށިގެއެއްގައި ބަންދުކުރެއްވުމައްފަހު އޭގެ ހަފްތާއެއްފަހުން ޙަސަން ޙަލީމުވެސް ޖަލަށްގެންދެވިއެވެ. އެއްވެސް ތަޙްޤީގެއް ހިންގުމެއްނެތި އިންސާނިއްޔަތާއި ޚިލާފު އެތައް އަނިޔާތަކެއް ދެމުންދިޔަ މާލޭޖަލުގައި ގިނަދުވަސްތަކެއްވަންދެން  ބޭތިއްބުމަށްފަހު  ޙަސަން ޙަލީމު ޖަލުން ނެރުނުއިރު  ޝިހާބުވަނީ މިދުނިޔެ ދޫކުރައްވާފައެވެ. އޭރު ޙަސަންޙަލީމުވެސް ވަނީ ވަރަށްބޮޑަށް ޙާލުދެރަވެ އެއްގޮތަކަށްވެސް ހިނގާބިގާ ނޫޅެވޭވަރަށް ޙާލަތުގޯސްވެފައެވެ.

ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވައި ބޭސްފަރުވާ ކުރުމެއްވެސްނެތި ޙަސަން ޙަލީމު ޖަލުން ނެރެގެން ތިނަދޫ ޕާމްޝޭޑް އަޙުމަދު ޙަބީބުއާއި ދެބޭފުޅުން މިނިވަންކުރުމުގެ ނަމުގައި ތ.އަތޮޅު ވިލިފުށްޓަށް ފޮނުއްވާލުމަށްޓަކައި އެއަތޮޅު އަނގަމަތި މަސްދޯންޏަކަށްލައި ފުރުވާލެއްވިނަމަވެސް ވިއްސާރަވެ ވަރަށްބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން މާލެކައިރީގައިއޮންނަ ވެލައްސަރާއަށްލަފައި  އެރަށުފަޅުތެރޭގައިތިބޭތާ ފަސްވަނައަށްވީދުވަހު ޙަސަން ޙަލީމު މިދުނިޔެދޫކުރައްވައިފިއެވެ. އެހިސާބުން ދޯނި އެބުރިމާލެއައިސް މަޙަކަމަތުލް އަމަންޢާއްމުގައި އެވާހަކަ ދަންނަވައި ދެންއޮތްމީހާގެ ޙާލަކީވެސް އެއީ ކަމުގައި ދެންނެވުމުން އަޙުމަދުޙަބީބު ދޯނިންބާލައި ބެލެނިވެރިޔަކާއި ޙަވާލުކުރެއްވެވިއެވެ. ޙަސަންޙަލީމު ނިޔާވެފައިވަނީ ހިޖުރީގޮތުން 1381 ވަނައަހަރުގެ ޒުލްޙައްޖާމަހުގެ 21 ވަނަދުވަހުއެވެ. އޭރު ޙަސަން ޙަލީމުގެ ޢުމުރުފުޅަކީ 34 އަހަރެވެ. ފަސްދާނުލެވިފައިވަނީ މާލެވިލިގިލީގައެވެ. (މިހާރުގެ ވިލިމާލެ) މާތްﷲ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

               ----------------------

މަޢުލޫމާތުހޯދައި ލިއުނީ:

މުޙައްމަދު ޒުހައިރު، މާގަލާ / ތިނަދޫ

ތާރީޚް:

17 މާރޗް 2015