ފުށްގަޑެއްހެން ދުނިޔެ މޮޑެވިދާނެކަމަށް ހީކުރަނީހެއްޔޭ


އަހުރެން ކުޑާވަރު އިރުގެ މިތުރު ދޮން މޫސާފުޅު ގޮވަތީ ހާރޫނުގެ ދަރިއެއްކަމަށްވާ މުނީރު މިތާ އޮޅުދޫކަރާގައި ކިޔަވާން އެބަހުރެޔޭ.  މިހުންނަ ހުރުމުގައި މަދުމަދުން ދެފޮއިން އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރަށް އަހުރެންގެ ހާލުއަހުވާލު ބަލާން މިގެއަށް އައުދޭމެއަ. މިކަމީ ޝުކުރު ހުށި ކަމެކޭ. އެހެންނާ އެސޮރުގެ ބަފައި ހާރޫނު ދެމިއޮތުމުގެ ގޮވައްޗަށް ދަތުރުކުރި ފަހުން މިހައިރު ދޮޅަސް އަހަރު ވިޔަކަސް އެބަފައި ދެއްކި މަގުން އެބަފައިގެ މިދަރި ކަސިޔާރު ނުވެ އަހުރެންނާއި ގާތްކަން ބަހައްޓާކަމީ ފަހެ ކުޑަކަމަކަށްނުވާ ހުއްޓޭ.

މިކަން މިމަގަށް ހިގަމުންދަނިކޮށް މިމަހުގެ ފުރަތަމަ ފޮއިގެ ދުވަހެއްގައި މުނީރު އަތުވާއްޖޭ. އަދި އަހުރެންނާއި ބައްދަލުކޮށް އޭނާ މަހަލްދީބަށް ދާންއުޅޭ ވާހަކަ ބުނެއްޕޭ. ކިޔައިފިއޭ މިހައިރު މިކަރާގައިވެސް ކުރޫނާއޭ ކިޔާ ބޮޑުވެގެންވާ ބަލިމަޑުކަމެއް ހުރަހޮޅިއްޖޭ. އަދި ކިއެއްތަ. އެޔަކީ މިހިދަށްވެސް ފަރުވާއެއްނެތް ބަލާ މުސީބާތަކަށްނޫނީ ނުވެޔޭ. ބައެއް ބައެއް ނާމާނިގާރުން ކަބަރުދޭގޮތުގައި މިބަލިމަޑުކަމުގައި މަރުވެދާ އެންމެހައި ކަތުންވެސް ވަޅުލުމެއްނެތި އެގޮތްމިގޮތަށް ހަދަނިއްޔޭ އެބަކިޔަތޭ. ކަންހުށިމަގީ މިއީކަމަށްވާތީ މަހަލްދީބަށް ގޮވައްޗަށް ދާން ޓިކިޓީނަގައި ފުރާންވެއްޖެޔަތީވެ ކުޑާނިކުބެ ދެކިލާން އައިއްޔޭ.  
ދެންފަހެ މިބާވަތަކުން ބައެއް ބައެއް ވާހަކަތަކެއް ދެކެވި އަންނާރު ސަރުބަތުކޮޅެއް ބުއިމަށްފަހު ސާޢަތަކަށްވުރެ ހިދުކޮޅުދިގުނުވެ ސަލާންގަލާން ކުރުމަށްފަހު މުނީރު ހިގާއްޖޭ.

މިދުވަހު އަހުރެން ދެއްކި ބައެއް ވާހަކަ.
ކޮއިފުޅާ މުނީރުވޭ. ކުޑާނިކުބެ ހިތުން އެއްގޮތަކުން ބެލިނަމައީ މިހައިރު މިހިގަނީ ބާވަތެއްގެ އިމްތިޙާނެއްމެއަ. މިކަރައާއި މިނޫނަސް ބޮޑެއްޗާއި ކުޑަވެގެންވާ ބައްރުތަކަށްވެސް މިއިމްތިޙާނެއް ހުރަހޮޅި ކުރާނެ ނުކުރާނެކަމެއް ނޭގި މީސްތަކުން އެއުޅެނީ ނީސްތާއްޓަށް އަރައިގެންނޭ. ތިމައުރެންނީ މިދުނިޔޭގައި އެފަދަ އެހެން ބަޔެއްނެތް ފެންވަރަށް ކުރިއަރައިފައިވާ ބަޔެއްކަމަށް ދަޢުވާކޮށް އަދި ފުށްގަޑެއްހެން މިދުނިޔެ މޮޑެވިދާނެޔޭ ހީކޮށް ތިމަތިމާމެންގެ ބޮޑުކަމާއި މޮޅުކަން ދެއްކުމަށް ގުންފައިޖަހައި ގަދަބަސް ބުނާ އާދަމުގެ ދަރީން އަދު ކޮބައިހެއި؟ ފަހެ އެއުރެންވަނީ އެއުރެން އެކުޅަ ދަޢުވާއާއި އެއްވަރަށް ކުރިއަރައިގޮސް ފަހަތް ނުފެންނަވަރު ވެފައިހޭ ނުވަތަ ނޫންހެއްޔޭ އެއުރެން އަމިއްލައަށްވެސް ފިކުރުހިންގާނެކަމަށް އަހުރެންގެ ހިތް ބުނެޔޭ. މިބަހީ އެއުރެން އެވަނީ ލޮލަށް ނުފެންނަ ކުޑަ މަޚުލޫގަކާހުރެ ކުޑަކަކޫމައްޗަށް ތިރާވެފައިނޫން އެހެން ކޮންގޮތަކަށްހޭ؟ ފަހެ މިކަމުންވެސް އެގެނީ އެއުރެންނަށްވުރެ ބާރުގަދަ ކުޅަދުންވަންތަ މަތިވެރި ފަރާތްޕުޅެއް ވޮޑިގެންވާކަން ނޫން ދެން އެހެން ކޮންކަމެއްހޭ؟ ވީއިރު މިކަމުގެ މައްޗަށްވެސް އެއުރެން ފިކުރު ހިންގައި މީސްތަކުންގެ މައްޗަށް ބޮޑާވެގަތުމާ އަނިޔާވެރިކަން ދޫކޮށް ޢިބުރަތެއް ލިބިގަނެ ހެޔޮވެގެންވާ މަގު ޚިޔާރުކުރުން ކިޔެއްހެއި؟ އިހު ބުނެވިދިޔަ ފަދައިން އެފަދަ އެހެން ބަޔެއްނެތް ފެންވަރަށް ކުރިއަރައިފައިވާ ބަޔެއްކަމަށް ދަޢުވާކޮށް އަދި ފުށްގަޑެއްހެން ދުނިޔެ މޮޑެލެވިދާނެޔޭ ހީކުރުމަށްވުރެ ނުބައިކަން ބޮޑުކަމެއް އޮންނާނެހޭ؟  ނޯންނާނެޔޭ!

މަތިވެރި އިލާހުގެ ވަޙީ ބަސްފުޅު ނިކަން އަޑުހައިބަލާށެވެ.
يٰۤـاَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسۡتَمِعُوۡا لَهٗ ؕ اِنَّ الَّذِيۡنَ تَدۡعُوۡنَ مِنۡ دُوۡنِ اللّٰهِ لَنۡ يَّخۡلُقُوۡا ذُبَابًا وَّلَوِ اجۡتَمَعُوۡا لَهٗ​ؕ وَاِنۡ يَّسۡلُبۡهُمُ الذُّبَابُ شَيۡـئًـا لَّا يَسۡتَـنۡـقِذُوۡهُ مِنۡهُ​ ؕ ضَعُفَ الطَّالِبُ وَالۡمَطۡلُوۡبُ‏ ( ސޫރަތުލް ޙައްޖު 73)
މިއާޔަތުގެ މަޢުނައީ، އޭ މީސްތަކުންނޭވެ! (ﷲ) މިސާލެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން އެއުރެންނަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެއެވެ. (ސޫރަތުލް ޙައްޖު 73)

ކޮއިފުޅާ މުނީރުވޭ! މިހައިރު ކުޑާނިކުބެ މިހުރީ ބަލިމަޑުކަމަކާހުރެ ވިޔަސް މިތަނުން އެހެންތާކަށް ހިޖުރަކުރެވޭވަރަށް ވުރެ ލޯބޯ ކޮށިވެ އަދުތޯ މާދަން ވެފަޔޭ. ވީއިރު ކުރާނީ ފަހެ ކިޔެއްހޭ. ބޮޑު ސުވާމީންގެ މިއަޅާއަށް ސަލާމަތާއި އަމާންކަން ދެއްވާނެތޭ. ކޮއިފުޅާވޭ! ކޮއިފުޅުގެ ދަތުރު އަމާންކުރައްވާށިޔޭ. في أمان الله
ބޮޑުދައިތައަށާއި މޫސަބެ ގޮވަތީ އެންމެނަށް ކުޑާނިކުބޭގެ ހެޔޮދުޢާ ސަލާން ރައްދުކުރާހުށިކަމޭ. ކުޑާނިކުބެވެސް އެދެނީ މިބަލިމަޑުކަމަށް ރަގަޅު ޝިފާއެއް އަވަސްމަގަކުން މިންވަރުކުރެއްވުމޭ.  إن شاء الله
         ---------------------------------