ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ތެރެއިން އިނގިލީގެ ނިޝާން


ދުނިޔެ އެނބުރެމުން ދާވަރަކަށް ދަމުން ޒަމާނަކަށްފަހު ޒަމާނެއް ފާއިތުވަމުން ދިޔަހެން އިންސާނުން އަންނަނީ އެބައިމީހުންގެ ބުއްދިޔާއި ފިކުރުން އައު ހޯދުންތަށް ހޯދަމުންނެވެ. މުޅީން އައު އީޖާދުތަށް ކުރަމުންނެވެ. މިއިން ކޮންމެ އައު ހޯދުމަކާއި އައު އީޖާދަކީ އަޅުގަނޑުމެން މުސްލިމުންގެ އީމާންކަމަށް ލިބިދޭ އިތުރު ޘާބިތުކަމަކާއި ހަރުދަނާކަމަކަށް މި އަންނަނީ ވަމުންނެވެ. ސަބަބެއްވެސް ނެތިޔެއް ނޫނެވެ. އެހެނީ އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ކޮންމެ ބަޔަކުމެ، އެބަޔެއްގެ ހިތުގައި އެއްވެސް ޝައްކަކާއި ނުމެލައި ގަބޫލުކުރާ ޤަބޫލުކުރުމަކީ އަޅުގަނޑުމެންގެ މާތް ރަސޫލާ محمد صلى الله عليه و سلم  ގެ މައްޗަށް ބާއްވާލެއްވުނު ކީރިތި ޤުރުއާނަކީ ހުރިހާ ޒަމަނަކާއި މަކާނަކަށްވެސް ފެތޭ ޤިޔާމަތާއި ޖެހެންދެން ދެމިހުންނަނިވި މުޢުޖިޒާތެއްކަމެވެ. އިސްވެ ދެންނެވުނު ފަދައިން ދުނިޔެ ދެކެމުންދާ ހޯދުންތަކުންނާއި ކުރިއެރުންތަކުގެ ސަބަބުން މިބަހުގެ ތެދުކަން އަންނަނީ ކިތަންމެ ގޮތަކުން ޘާބިތުވަމުންނެވެ. އަދި ހަމަމިފަދައިން މިކަމުގެ ސަބަބުން އިހު ހިދާޔަތް ނުލިބި ތިބި ކިތަންމެ ބަޔަކަށް އަންނަނީ ހިދާޔަތް ލިބުމުގެ މަތިވެރި ނަސީބު ލިބެމުންނެވެ. 


ކީރިތި ޤުރުއާން އަލިކަން ގެނެސްދިނީ ތާރީޚުގެ ކިތަށް ސަފުޙާއަށްތޯއެވެ. މި ޤުރުއާން މަގު ދައްކައިދިނީ ސައިންސުގެ ކިތަށް ދާއިރާއަށްތޯއެވެ؟ ޤުރުއާނުގެ ބަސްމަގުގެ ބަލާޣާތްތެރިކަމާއި އަދަބިއްޔާތުގެ ހަމަތަކުގެ މޮޅުކަމަށްޓަކައި ޝޯޚުވެލެއްވީ ކިތަށް އަދަބީ އުސްތާޛުންތޯއެވެ؟ އަދި ކިޔެއްތަ މިފަދަ ދެވަނަ އެއްޗެއް ގެންނަން މަސައްކަތް ކުރި ކިތަށް މީހުންގެ މަސައްކަތް ކާބިޔާބުވެފައިވޭތޯއެވެ ؟ މި ހުރިހާ ސުވާލެއްގެ ޖަވާބުވެސް ހޯދާބަލާ ބަޔަކަށް އެހެރީ ސާފުކޮށް ފެންނާށެވެ. ޢާދާއި ޘަމޫދު ބާގައިގެ މީހުންނާއި އަދި ރޯމަނުން ފަދަ އެތަށް ތާރީޚީ ބަޔެއްގެ ވާހަކަޔަކަށް ޤުރުއާނުގެ ޛަރީޢާއިން އަންނަނީ އަލިކަން ލިބެމުންނެވެ. ސައިންސުވެރީން ހޯދަމުންދާ އައު ހޯދުންތަކުގެ އެތަށް ވާހަކައެއް އޭގެ ހާހާއި ހަތަރުސަތޭކަ އެތަށް އަހަރެއްގެ ކުރީގައި އެހެރީ ޤުރުއާނުގައި ބަޔާންވެ ނިމިފައެވެ. އިރާއި ތަރިތަކާއި ހަނދުގެ ދައުރުވުމުން ފެށިގެން ކައުނު ވުޖޫދުވި ގޮތާއި ބެހޭގޮތުންނެވެ. ކާއިނާތުގެ ދިރުންތަކާއި ބެހޭގޮތުންނެވެ. އިންސާނާ އާއި ބެހޭގޮތުންނެވެ. ބިމާއި ކަނޑާއި ބެހޭގޮތުންނެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެކެވެ. ހަމަމިހެންމެ ދުނިޔޭގައި ނަންވިދާލި ކިތަންމެ ބަސްވާރުންނެއް ކީރިތި ޤުރުއާނުގެ އިޢުރާބާއި ބެހޭގޮތުންނާއި އޭގެ ބަސްމޮށުންތެރިކަމުގެ ބަލާޣާތްތެރިކަމުގެ މައްޗަށް އެތަށް ޖިލްދެއްގެ އެތަށް ފޮތެއް ލިޔުއްވާފައި އެބަހުއްޓެވެ. މި ބަސްތަކުގެ ތެދުކަން ހޯދާބަލާ ބަޔަކަށް ފެންނާނެ ހިސާބުގައި އެބަހުއްޓެވެ. 

އާދެ! އަޅުގަނޑުގެ ގަލަމުން ދޯރިނެގިގެން މި އުޅެނީވެސް މިފަދަ މަޢުޟޫއަކަށް އެއްޗެއް ދަންނަވާލެވޭތޯއެވެ. ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ތެރެއިން އިނގިލީގެ ނިޝާނާއި ބެހޭގޮތުން އެއްޗެއް ދަންނަވާލެވޭތޯއެވެ. މިއަދުގެ ބަވަނަވަމުން އަންނަ ދުނިޔޭގައި އިންސާނުންނަށް އެންމެ ބޮޑު ފާއިދާއެއްކޮށްދޭ އެއް ހޯދުމަކީ އެކެއްގެ އިނގިލީގައިވާ ނިޝާނު އަނެކެއްގެ އިނގިލީގެ ނިޝާނާއި ތަފާތުވާ ތަފާތުވުމެވެ. މި ހޯދުމުގެ ސަބަބުން މީހެއްގެ " އައިޑެންޓިޓީ " ކަށަވަރު ކުރުމަށްޓަކައިވެސް އިނގިލީގެ ނިޝާނަށްވުރެ އިތުބާރު ކުރެވޭ އެހެން އެއްޗެއް ނުވެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގެ އެކިއެކި ކަންކަމަށް ބަލާލަމާތޯއެވެ؟ ފެންނަ މަންޒަރުތަކަކީ އިނގިލި ކުރީގެ ނިޝާނުގެ މުހިންމުކަމެވެ. އޮފީސް އޮފީހަށް ޙާޟިރުވިކަން އަންގައިދެނީވެސް މިއަދު ގިނަ އޮފީސްތަކުގައި " ފިންގަރ ޕްރިންޓު" ޖެހުމުންނެވެ. އެއް ދޮރުން ވަދެ އަނެއް ދޮރުން ނިކުތުމަށްޓަކައިވެސް މިއަދު އިނގިލީގެ ނިޝާނަކީ ވަރަށް މުހިންމު އެއްޗެކެވެ. ބޮޑެތި ކުށްވެރީންނަށް އެބައިމީހުންގެ ކުށުން ރެކިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ހަމަ އިނގިލީގެ ނިޝާނެވެ. ވީމާ އަޅުގަނޑުމެންގެ މުޅި ދިރިއުޅުން މިއަދު ބިނާވެފައި މިވަނީ އިނގިލީގެ ކުރީގައިމިވާ ނިޝާނަށްކަމަށް ދެންނެވުމަކީ ދޮގަކަށް ވާނެހެނެއް ހިޔެއްނުވެއެވެ.


ތާރީޚު ދިރާސާކުރައްވާ މުއައްރިޚުން ވިދާޅުވާ ގޮތުގައި ޢީސާގެފާނުގެ މީލާދުގެ އެއްހާސް އަހަރުކުރީންވެސް އެވޭލާ ބާބިލުގައްޔާއި ސީނުކަރަޔާއި އަދި ފާރިސްކަރަ ފަދަ ކުރިއަރާފައިވާ ޙަޟާރަތްތަކުގެ މީހުން ރަސްމީ ލިޔުންތަކުގައި ސޮއި ޖެހުމަށްޓަކައި އިނގިލީގެ ނިޝާން ބޭނުންކޮށްފައިވާކަން ފެންނާން އެބަހުއްޓެވެ. އެހެންނަމަވެސް އެކަން އެޒަމާންތަކުގައި ކޮށްފައިވަނީ އޭގެ މާބޮޑު ޙަޤީޤަތްތަކެއް އެނގިގެންނޫންކަންކަމަށްވެސް އެބޭފުޅުން ލިޔުއްވައެވެ. އިނގިލި ކުރީގައިވާ ނިޝާނުގެ " ޕެޓަން" ތަށް ވަކި ޚާއްސަ ނަޒަރެއް ދެވިގެން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މީލާދުން 1686 ވަނަ އަހަރު އިޓަލީ ވިލާތުގެ ބޮލޯނާ ޔުނިވާރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ މާސެއްލޯ މަލްފިޣީ އަށެވެ. އެހެންނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން އެއިރުވެސް އެޔަކަށް ލިބިފައެއް ނުވެއެވެ. މީގެ އެތަށް އަހަރުތަކެއް ފަހުން މީލާދުން 1823 ވަނަ އަހަރު އެހެން ޕްރޮފެސަރެއްކަމުގައިވާ ޖޮހަނަސް އެވެންގެލިސްޓާ ޕާރކިންޖޭ އިނގިލީގެ ނިޝާނާއި ބެހޭ ގޮތުން އިތުރު ތަޙްލީލީ ދިރާސާތަށް ކުރެއްވިއެވެ. އަދި އެ ދިރާސާތަކުގެ އަލީގައި އިނގިލީގެ ނިޝާންތަށް ދެނެގަތުމަށްޓަކައި ތަފާތު 9 ޕެޓަނެއް އެބޭފުޅާ ހޯއްދެވިއެވެ. އެހެންނަމަވެސް މި ދިރާސާގެ ސަބަބުންވެސް އިނގިލީގެ ނިޝާނަކީ މާ ތަފާތުކަން ބޮޑު ޢަޖާއިބު ކުރުވަނިވި އެއްޗެއްކަމެއް މުޅި ދުނިޔެއަކަށް ޢާއްމުވެގެނެއް ނުދެއެވެ.

ދެމީހެއްގެ އިނގިލީގެ ނިޝާނެއް އެއްގޮތް ނުވާކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މީލާދުން 1858 ވަނަ އަހަރު އިންޑިޔާގެ މެޖިސްޓުރޭޓު ކޯޓެއްގެ ފަނޑިޔާރެއްކަމުގައިވާ ވިލިއަމް ހާރޝަލަށެވެ. ވިލިޔަމް ހާރޝަލް އޭނާގެ ޝަރިޢަތުގެ މަޖިލިސްތަކުގައި އިންޑިޔާ ރައްޔިތުން ލައްވާ ސޮއި ކުރުވާންޖެހޭ އެކި ކަހަލަ ބަޔާންތަކުގައި ސޮއިގެ ބަދަލުގައި ޖައްސުވަނީ އިނގިލީގެ ނިޝާންތަކެވެ. މި ގޮތަށް އެތަށް ބަޔާނެއްގައި ސޮއި ޖެއްސުވިފަހުން މި ފަނޑިޔާރަށް ފާހަގަކުރެވުނީ ދެ ފިންގަރ ޕްރިންޓެއް އެއްގޮތްނުވާ ކަމެވެ. މިކަންވެގެން ދިޔައީ ފިންގަރ ޕްރިންޓުގެ ޚާއްސަކަން ދުނިޔެއަށް އާއްމުވުމުގެ ފުރަތަމަ މަރުޙަލާކަމުގައެވެ.

މީލާދުން 1880 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގެ ޑަކްޓަރެއްކަމުގައިވާ ޑރ ހެންރީ ފޯލްޑްސް އިނގިލީގެ ނިޝާނާއި މެދު ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އަދި މިއީ ވަރަށް ގިނަކަންކަން ހޯދާގަތުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަމުގައި އޭނާ ދެކި ދިރާސާކުރަން ފެއްޓިއެވެ. މިގޮތުން ބިންމައްޗަށް އެއްލައިލާފައި އޮތް ފުޅިޔެއްގައި ހުރި ފިންގަރ ޕްރިންޓު ނަގާ އެ ފުޅި އެތަނަށް އެއްލާލީ ކާކުތޯ ހޯދުމުގެ މަސައްކަތް ފަށާ ތަފާތު އެކި މީހުންގެ އިނގިލީގެ ނިޝާން ނަގަމުން ގޮސް އެ ފުޅި އެއްލާލި ފަރާތްވެސް އޭނާ ހޯދިއެވެ. އަދި ހަމަމިފަދައިން މީލާދުން 1892 ވަނަ އަހަރު އާޖެންޓީނާގެ ގެޔެއްގެ ދޮރުކަނީގައި ލެއިން ފެވިފައި ހުރި އިނގިލީގެ ނިޝާނެއް ނަގައިގެން ޤާތިލު ހޯދިއެވެ. އިނގިލީގެ ނިޝާނުގެ މުހިންމުކަމާއި އޭގެ ޚާސިއްޔަތު މުޅި ދުނިޔެ އެނގި ފާޅުވަމުން އައީ މާބާރު އިސްޕީޑެއްގައެއް ނޫނެވެ.

އާޖެންޓީނާގެ ފުލުހުން މި ހޯދި ހޯދުމުގެ ސަބަބުން މީލާދުން 1920 ވަނަ އަހަރާއި ހަމަޔަށް އައިރުގައި ދުނިޔޭގެ މަޝްހޫރު ހުރިހާ ޤައުމެއްގައި ވަނީ އިނގިލީގެ ނިޝާން ބޭނުންކުރަން ފެށި އެޔަށް ޚާއްސަ ގަދަރެއް ދޭން ފަށާފައެވެ. އަދި މީލާދުން 2000 ވަނަ އަހަރާއި ހަމަޔަށް ދުނިޔެ ކުރިމަތި ލީއިރުގައި އިނގިލީގެ ނިޝާން ވަނީ ކޮންޕިޔުޓަރައިޒު ކުރެވި އިނގިލީގެ ނިޝާން ޖަހާލުމުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން ހޯދޭނެ ނިޒާމް ޤާއިމުކުރެވިފައެވެ. މިއަދާއި ހަމަޔަށް އާއިރު ގޭގޭ ދޮރުފަތް ހުޅުވަންވެސް ބޭނުން ކުރާން ޖެހިފައިވަނީ އިނގިލީގެ ނިޝާނެވެ. ފޯނެއް ކުރުމަށްޓަކައިވެސް ބޭނުންކޮށް މިއުޅެނީ އިނގިލީގެ ނިޝާނެވެ.

ވަރަށް މުލައްޚަސްކޮށް މި ބަލާލެވުނީ އިންސާނުން އިނގިލީގެ ނިޝާން ދެނެގަތް ތާރީޚުގެ މައްޗަށެވެ. ދުނިޔޭގެ ތާރީޚު އެކަމެއްގެ މައްޗަށް ހެކިދޭ އެއްކަމަކީ އަޅުގަނޑުމެންނަށް އިނގިލީގެ ނިޝާނުގެ މުހިންމުކަމާއި އޭގެ ތަފާތު ޚާއްސިއްޔަތު ދެނެގަތުމަށްޓަކައި 300 އަހަރު ފާއިތުވިކަމެވެ. އެތަށް ސަތޭކަ ބަޔެއްގެ މަސައްކަތާއި ދިރާސާވެސް އެކަމަށް ހޭދަކޮށްގެން 300 އަހަރުގެ މުއްދަތެއްގައި އަޅުގަނޑުމެން އިންސާނުން ދެނެގަނެ ތަރައްގީ ކުރި އިނގިލީގެ ނިޝާނާއި ކީރިތި ޤުރުއާނާއި ހުރި ގުޅުމަކީ ކޮބައިތޯއެވެ ؟

ކީރިތި މާތް ރަސޫލާގެ އަރިހަށް މަރުވެފައިވާ މީހެއްގެ ކަށިގަނޑެއް ހިފައިގެން މީހަކު އައިސް ދެންނެވިއެވެ. " އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނުންގެ ކަލާނގެ އަހުރެން މަރުވެ މިފަދަ ކަށިގަނޑަކަށް ބަދަލުވުމަށްފަހު އަލުން ދިރުއްވާނޭކަމުގައި ކަލޭގެފާނު ވިދާޅުވަމު ހެއްޔެވެ ؟ ދެން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތް ބާއްވާލެއްވިއެވެ.
ﭽ ﮚ  ﮛ  ﮜ  ﮝ  ﮞ  ﮟ      ﮠ  ﭼ القيامة: ٤
މާނައީ : " އެހެންނަކުންނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތަށް ހަމަކުރެއްވުމަށްވެސް، ތިމަން ރަސްކަލާނގެ ކުޅަދުންވަންތައެވެ."
މި އާޔަތުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާ ބަޔާންކުރައްވާފައިވާ " އިނގިލިތަކުގެ ކުރިތަށް " މިއީ ވަރަށް ޚާއްސަ މާނައެއް ލިބިގެންވާ ބަސްކޮޅެކެވެ. އެހެނީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ އިނގިލީގެ ނިޝާނަކީ އެމީހަކަށް ޚާއްސަވެގެންވާ ނިޝާނެކެވެ. ދެމީހެއްގެ ނިޝާނެއް އެއްގޮތެއް ނުވާހުއްޓެވެ. ދުނިޔޭގައި މިހާރު ދިރިތިބީންނާއި ދުނިޔޭގައި އުޅެ ގޮސްފައިވާ އެންމެހާ މީސްތަކުންގެ މެދުގައިވިޔަސް ހެވެ. އެއް ނިޝާނެއް ލިބިގެންވާ ދެމީހެއް ނުފެންނާނެއެވެ. އެއްމާބަނޑު އެއްވައްތަރު ކުދީންނަކީ އެއް ޑީއެއްއޭ ސީކުއެންސެއް ލިބިގެންވާ ކުދީންނެވެ. ނަމަވެސް އެކުދީންގެވެސް އިނގިލީގެ ނިޝާން ތަފާތެވެ.

އިނގިލީގެ ނިޝާން ކުރެހި އެ ޕެޓަނަށް އިނގިލި ޑިޒައިން ހެދިގެން އަންނަނީ ކުއްޖާ އުފަންވުމުގެވެސް ކުރީގައެވެ. މައިމީހާގެ ބަނޑުގައި ގަރުބަގަންނަތާ 4 މަހުން އެކުއްޖެއްގެ އިނގިލީގެ ނިޝާން ފުރިހަމަވެއެވެ. އަދި އެކުއްޖެއް އުފަންވެ ހެދިބޮޑުވެ މުސްކުޅިވެ މަރުވެއްޖެއުމަށް ދާންދެންވެސް އެ ނިޝާނަކަށް ކުޑަ ބަދަލެއް ވިޔަސް ނާދެއެވެ. މި ޚާއްސިއްޔަތުގެ ސަބަބުން މުޅި ދުނިޔެ އެއެއްޗަކަށް އެންމެ ބޮޑު އިތުބާރެއް ކުރާ އެއްޗަކީ މިއަދު ފިންގަރ ޕުރިންޓުކަމާއި މެދަކު ޝައްކެއްނެތެވެ. އާދެ މިކަން އަޅުގަނޑުމެން ކީރިތި ޤުރުއާނުން ވަރަށް ސާފު ޞަރީޙަ ޢިބާރާތުން ފެންނާން އެބައޮތެވެ.
ﭽ ﮊ  ﮋ  ﮌ  ﮍ    ﮎ  ﮏ  ﮐ  ﮑ  ﮒ    ﮓ  ﮔ   ﮕ  ﮖ  ﮗ  ﮘ   ﮙ  ﮚ  ﮛ  ﮜ  ﮝ  ﮞ  ﮟ      ﮠ  ﭼ القيامة: ١ - ٤
މާނައީ : " ގިޔާމަތް ދުވަސް ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ. އަދި ނަފްސުއްލައްވާމާ ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ. އިންސާނާ ހީކުރަނީ ތިމަން ރަސްކަލާނގެ އޭނާގެ ކަށިތަށް އެއް ނުކުރައްވާނެ ކަމަށްހެއްޔެވެ ؟ އެހެންނަކުންނޫނެވެ ! އެ އިންސާނާގެ އިނގިލިތަކުގެ ކުރިތަށް ހަމަކުރެއްވުމަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތައެވެ. "
މި އާޔަތުގައި މާތް ﷲ ސުބްޙާނަޙޫ ވަތަޢާލާ އެ އިޝާރާތްކުރައްވަނީ އަލުން ހުރިހާ އިނގިލިތަކުގެ ނިޝާންތަށް އެއްކުރައްވާ އުފައްދަވާނެ ވާހަކަޔަށެވެ. އެންމެ ނިޝާނެއް ދެ ނިޝާނެއްގެ ވާހަކައެއް ނޫނެވެ. މިތަނުގައި  މިބަހުން އެ އިޝާރާތްކުރައްވަނީ ހުރިހާ އަތްތަކެއްގެ އިނގިލިތަކުގެ ނިޝާންތަކަށެވެ. މުޅި ދުނިޔޭގެ ތެރެއަށް އެ ނިޝާންތަށް ބުރުބުރުއްސާލާފައި ވިޔަސް ޤިޔާމަތް ދުވަހުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ އެއްކުރައްވާ އަލުން އުފައްދަވާނެ ވާހަކައެވެ.

އިނގިލީގެ ނިޝާނާއި މެދު ވިސްނާލުމުން ސިކުނޑިޔަށް ވެރިވަނީ ކޮން ޚިޔާލެއްތޯއެވެ ؟ އިނގިލީގެ ކުރިފަދަ ކުޑަކުޑަ ޖާގައެއްގައި އެހާ އެއްވަރަށް ހަމަޔަށް ވަކި ޑިޒައިނާއި ޕެޓަންތަކަކަށް އަދި އެއްބަޔަކު އަނެއްބަޔަކާއި އެއްގޮތް ނުވާނޭ ގޮތަށް ކުރެހުންތަކެއް އެޅިފައިވުމީ މިއީ މާތް ﷲ ޖައްލަ ރައްބީގެ ކުޅަދުންވަންތަކަމުގެ ކޮޅުނެތްކޮޅުގެ މިސާލެއް ނޫންތޯއެވެ. އަދި މުޅި އިންސާނީ ނަވްޢު އެކަމަކަށް މިހާރު އިޢުތިރާފުވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ އެންމެ ބޮޑު ހެއްކަކީވެސް މިއީއެވެ. އާޚިރަތް ދުވަހަށް އޮތް ޙުއްޖަތަކީވެސް މިއީއެވެ. ސައިންސުގެ އަލީގައި އަޅުގަނޑުމެން އިންސާނުންނަށް މިކަން ހޯދާ ގަތުމަށް 300 އަހަރަށްވުރެ ގިނަ އަހަރު ފާއިތުވެފައި ވާއިރު އޭގެ ސާދަ ސަތޭކަ އަހަރު ކުރީން އުޅުއްވި ލިޔާން ކިޔާން ނުދަންނަ ބޭފުޅަކަށް އަމިއްލައަށް މިފަދަ ވާހަކައެއް ގެނެވިދާނެތޯއެވެ ؟ ޝައްކެއްވެސް ނެތެވެ. ކުރީންވެސް ދަންނަވާލެވުނު ފަދައިން މިއީ ވެސް ކީރިތި ޤުރުއާނަކީ މުޢުޖިޒާތެއްކަން ބަޔާންކޮށްދޭ އަލިގަދަ ދަލީލެކެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް މަގު އަލިވެ ސާފުވާނޭ ގަދަ ހެއްކެކެވެ.

އާދެ އިސްވެ ދިޔަ ލިޔުންތަކުން އިނގިލީގެ ނިޝާން ތަރައްޤީވެގެން އައި ގޮތާއި އިންސާނުން އޭގެ ޚާސިއްޔަތު ދެނެގަތުމައްޓަކައި ހޭދަކުރި މުއްދަތާއި އަދި މަސައްކަތުގެ ކޮންމެވެސް މަންޒަރެއް މިހާރު ތިޔަބޭފުޅުންނަށް ސިފަވާނެކަމަށް އަޅުގަނޑު ދެކެމެވެ. ހަމައެހެންމެ  ޒަމާނަކަށްފަހު ޒަމާނެއް ފާއިތުވަމުން ދިޔަހެން އިންސާނުން އަންނަނީ އެބައިމީހުންގެ ބުއްދިޔާއި ފިކުރުން އައު ހޯދުންތަށް ހޯދަމުންނެވެ. މުޅީން އައު އީޖާދުތަށް ކުރަމުންނެވެ. މިއިން ކޮންމެ އައު ހޯދުމަކާއި އައު އީޖާދަކީ އަޅުގަނޑުމެން މުސްލިމުންގެ އީމާންކަމަށް ލިބިދޭ އިތުރު ޘާބިތުކަމަކާއި ހަރުދަނާކަމަކަށް މި އަންނަނީ ވަމުންކަމުގައިވެސް އަޅުގަނޑުވާނީ ބަޔާންކޮށްފައެވެ. މި ކުރު މަޤާލަތުގައި މި ބަޔާންކޮށްލެވުނު ވާހަކަތަކުންވެސް އަޅުގަނޑުގެ މި ބަހަށް ތާއީދު ކުރައްވާނެކަމީ އަޅުގަނޑު ޝައްކެއްނެތި ގަބޫލުކުރާ ކަމެކެވެ.

ބަޔެއް މީހުންގެ ވިސްނުމުގައި ސައިންސަކީ ހުރިހާ ކަމެއްގެ ހައްލެވެ. ހުރިހާ ސުވާލުތަކެއްގެ ޖަވާބުވެސްމެއެވެ. ދީންތަކަކީ އެމީހުން ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އެމީހުން އުފެދުނީ ސައިންޓިފިކް ރިއެކްޝަންތަކާއި އެކި ކަންތަށްތަކުގެ ތެރެއިންނެވެ. ނެތި ދިޔުންވެސް އޮތީ ހަމަ މިހެންނެވެ. އަދި އެޔަށްފަހު އަނބުރާ އައުމެއްވެސް ނުވާ ކަމަށް އެމީހުން ޤަބޫލުކޮށް އުޅެތެވެ. އެހެނަސް މިބައިމީހުންގެ އަމިއްލަ ފޮތްތަކުގައި މިބައިމީހުން އަމިއްލަޔަށް ލިޔެފައިވާ ލިޔުންތަކުން އެނގޭން އޮތް ގޮތުގައި އެންމެ ކުޑަމިނުން އިނގިލި ކުރީެ ހަގީގަތް ދެނެގަތުމަށްޓަކައި އެމީހުން 300 އަހަރު ހޭދަކުރާންޖެހުނެވެ. ވީމާ މީގެ ހާހާއި ހަތަރު ސަތޭކަ އެތަށް އަހަރެއް ކުރީން އުޅުއްވި އުއްމިއްޔަ ބޭކަލެއް އަމިއްލައަށް ހައްދަވައިގެން ލިޔުއްވި ފޮތެއްނަމަ އެބޭފުޅަކަށް މި ވިސްނުމެއް އައި ގޮތަކާއި މެދުވެސް ސުވާލު އުފައްދަން ޖެހޭނެއެވެ. ޝައްކެއްނެތެވެ. ހައްގެވެ. މި ޤުރުއާނާއި މެދު ވިސްނާ ފިކުރު ކުޅައުމުން އަޅުގަނޑުމެންގެ އީމާންކަން ދަނީ އިތުރުވަމުންނެވެ. ހިތްތަކަށް ދަނީ ޘާބިތުކަން ލިބެމުންނެވެ. އަދި ވިސްނާ ފިކުރުކުރާ ބަޔަކަށް ހިދާޔަތްވެސް ދާނީ ލިބެމުންނެވެ.
           ------------------

މުޞަންނިފު: އަލްއުސްތާޛު އަޙުމަދު ޢަލާ ދީދީ

ރެފަރެންސް:
މިރަކަލްސް އޮފް ދަ ޤުރުއާން / ޑރ ހާރޫން ޔަހުޔާ / 2013
ޤުރުއާން އޮން ދަ ފިންގަރ ޕްރިންޓްސް / ޑރ ޝަރީފް އަލް ޣަޒަލް / 2007
ސައިންޓިފިކް މިރަކަލްސް އޮފް ދަ ޤުރުއާން ވެބްސައިޓު
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
ތަފްސީރު އިބްނި ކަޘީރު