ހައްދުންމަތީގެ އިހު ވާހަކަ- ދޭއް - މާބޮޑަށް ބިރުގަނެ ވަހުމް އުފެދޭނަމަ ނީވޭ އަޑުތައްވެސް އިވޭނެ



އާބާދީތައް ނެތިގޮސް ބޭނުންކުރުން ހުއްޓާލެވި ފަޅުވެ ވީރާނާވެފައިވާ މިސްކިތްތައް ޒަމާނުގެ ވަކިތަކުގެ ޝިކާރައަށްވެ ހަލާކުވެ ވެއްޔާއި ގަލުގެ ފަސްފުނިތަކަކަށް ބަދަލުވެގެން ދެއެވެ. އެއްޒަމާނެއްގައި މީހުން ދިރިއުޅެ ހޭލަމޭލަވެ ދިރުންހުރި ސަރަޙައްދުވެސް ވާބޯ ޖަންގައްޔަށް ވެދެއެވެ. ދެން މިފަދަ މިސްކިތްތަކުގެ ތަރާގަނޑާއި ފެންނާންހުންނަ ތަކެތީގެ ބޭނުންހިފަނީ ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށެވެ. އެގޮތުން މިސްކިތުގެ ވަޅަކީވެސް ބޭނުން ހިފޭ އަގުހުރި އެއްޗެއްގެ ގޮތުގައި އޮންނަނީ ވެފައެވެ. ހިރިގަލުން ހަދާފައި ހުންނަ ވަޅުތައް ކޮނެ ނަގައިގެން ގޭގޭގައި ބޭނުންކުރުމަށާއި އަލަށް ހެދޭ މިސްކިތްތަކުގައި ބޭނުންކުރުމަށް ގެންދިއުމަކީ އިހުގެ އާދައެކެވެ. ނަމަވެސް ފަޅުވެފައިހުންނަ ސަރަޙައްދުތަކާއި ގުޅުވައިގެން ދެކެވިފައި ހުންނަ ބިރުވެރި ވާހަކަތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ސަރަޙައްދުތަކަށް ގޮސް އެފަދަ ތަކެއްޗަށް ވައިއެޅެން ކެރެނީވެސް މަދުބަޔަކަށެވެ. އިހުގެ މިސްކިތެއް ކަމުގައިވާ "ކިރަހަކުރު" (ކިރުހަކުރު) މިސްކިތްހުރީ ކޮޅުވޭރު ވެލާނާ ރުއްގަނޑު ކައިރީގައެވެ. ނުވަތަ އެރުއްގަނޑު ތެރޭގައެވެ. 


ކުޑަކަލޯގެ ހަލީމާގެ ކަމަނާގެ މޫސާގެ އެދުމުގެ މަތިން ކިރަހަކުރު މިސްކިތުގެ ވަޅު ނެގުމަށްޓަކައި ގަމު މަތިމަރަދޫ ޒުވާނެއް ކަމުގައިވާ ކުޑަކަލޯގެ ދޮންމޫސާގެ އަޙުމަދުގެ ޔޫސުބު ކިރަހަކުރު މިސްކިތްދޮށަށް ހިނގައްޖެއެވެ. ވިނަކޮށާ ސާފުކޮށް ވަޅު ފާހަގަކޮށް އެތެރޭގައިހުރި ކުނިބުންޏާ ގަސްތައް ނަގަމުންގޮސް ވަޅުތެރެއަށް އެރިއްޖެވެ. ވަޅަށް އެރި އޮއްވާ ނުދަންނަ އަޑަކުން "ތިވަޅުން އަރާށޭ" ގޮވާލައިފިއެވެ. މަސައްކަތް ހުއްޓާފައި މައްޗަށް އަރާ ބެލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ދެން ބިރުން މަސައްކަތް ހުއްޓާލައިފައި ނިކުމެ މޫސަބޭ ގާތުގައި މިވާހަކަ ބުނެފިއެވެ. މޫސަބޭ ބުނީ އެއީ ކަމެއް ނޫނޭ މަސައްކަތްކުރިއަށް ގެންދާށޭ އެވެ. އަނެއްކާވެސް ބިރުންހުރެ ޔޫސުބު ގޮސް އެރުނީ ވަޅުނެގުމަށެވެ. ވަޅު ކޮނުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެނިކޮށް އަނެއްކާވެސް ގޮވާލެވޭ ވަކިދިމާލެއް ނޭނގި ގޮވާލާ އަޑަކުން ވަޅުން އެރުމަށް ގޮވާތީ އިވިއްޖެއެވެ. ނަމަވެސް މިފަހަރު ބިރުގެންފައި ހުރި ނަމަވެސް އިވޭ ކަމަށް ނުހަދާ ހިއްވަރު ކޮށްފާ ވަޅުކޮނެ ނިންމާލައިފިއެވެ. ވަޅުން އެރިއިރު ޔޫސުބު ހުރީ ދޫކުރުވެ ވާހަކަ ނުދެއްކޭގޮތް ވެފައެވެ. މީހާ ހުރީ ހުންއައިސް ރަތްވެފައެވެ. ހުންވިހެނުލާ ތިން ދުވަސްދިޔުމަށްފަހު ޔޫސުބު މިދުނިޔެއަށް އެންމެފަހުގެ ނޭވާލައިފިއެވެ.

ދަންނައެ:
ކުޑަކަލޯގެ ހަލީމާގެ ކަމަނާގެ މޫސާއަކީ އަޅުގަނޑުގެ ކާފޯ (ކާފަ) ލ.ގަމު ކަރަންކާގޭ މޫސާ އިދުރީސްއެވެ. ކާފަ އުފަންވީ ހިޖުރައިން 1344 ވަނަ އަހަރުގެ ޛުލްހިއްޖާމަހުގެ 05 ވަނަ ދުވަހުގައެވެ. މީލާދީގޮތުން އެއީ 1926 ވަނަ އަހަރުގެ ޖޫން މަހުގެ 16 އެވެ. ކާފަ ނިޔައުވީ ޢުމުރުން 78 އަހަރުގައި 2005 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހުގައެވެ. ކާފައަކީ ގަމުގެ މުދިންކަމާއި ކުޑަކަތީބުކަން ކުރެއްވި ޚަޠީބެކެވެ. މަރުބަލީގައި ޖެހުމާއި ހަމައަށް ޖަމާޢަތްތެރިކަމުގެ މަސައްކަތުގައިވެސް ދެމިހުންނެވިއެވެ. އެޒަމާނުގެ ޢިލްމީ ފެންވަރަށް ބަލާއިރު ގަމުގައި ތިއްބެވި އެންމެ ޢިލްމުވެރި އެއް ބޭފުޅެވެ.

މިވާހަކައަކީ ގަމު މުކުރިމަގު ކަތީބުގެ އައްޔުބޭ (އަލްމަރްޙޫމް ޢަލީ އިބްރާހިމް، މުކުރިމަގު.ފޮނިމާގެ، ލ.ގަން) އޭނާގެ މަރުބަލީގައި މުކުރިމަގު ފޮނިމާގޭގައި އޮވެގެން ކިޔައިދެއްވި ވާހަކައެކެވެ. ކުޑައިރުއްސުރެ އައްޔުބޭގެ އެއްލޮލުގެ ފެނުން މަރުހޫމްވެފައިވެއެވެ. އޭނާގެ ޙަޔާތުގައި ލޮލުންދުށް ތަނާ އިވުނު އަޑުތައް ވަރަށް ތަފްޞީލްކޮށް ކިޔައިދެއްވޭފަދަ ބާރުގަދަ ހަނދާނެއް ސިކުޑީގައި ލައްވާފައިވިއެވެ. ނިޔައުވުމާއިހަމައަށްވެސް ހަނދާންތަކަކަށް ދެގޮތެއް ނުވެއެވެ. ފުރިހަމަ ބުއްދިއެއްގައިވިއެވެ. މާތްﷲ އޭނާއާއި މިވާހަކައިގާ ނަންގެނެވުނު އެންމެހައި މަރްޙޫމުންގެ ފުރާނައަށް ރަޙުމަތް ލައްވާށިއެވެ.
             ----------------------
މުޞަންނިފު: ޠާހާ އަބޫބަކުރު ލ. ގަން
05 ޖޫން 2020މ.