ޣިޔާސުއްދީން ރަދުން ކަނޑުފައްތައިލިއިރު އެރަދުންގެ ހުންނެވީ އެންމެ ދަރިކަލެކެވެ. މިތުއްޕުޅު ދަރިކަލުންވެސް ފަސްގަނޑުގެ ދަށަށް ފޮނުވައިލާންކަމަށް ދޮންބަންޑާރައިންގެ ނުލަފާ ދަރީންތައް ހިތުލައިގެން އުޅެނިކޮށް މިދަރިކަލުން ބެލެހެއްޓުމާ ހަވާލުވެގެން އުޅުނު ފުވައްމުލަކު ދެމަފިރިން ވަރަށް އާދޭސްކޮށްގެން އެދެމަފިރީންނާއެކު ފުވައްމުލަކަށް ފޮނުވައިލަން އާރަދުން ރުހޭބަސް ދެއްވައިފިއެވެ.
ދެން މިދެމަފިރީން އެދަރިކަލުން ގޮވައިގެން ފުވައްމުލަކަށް ހިގާއްޖެއެވެ. އެދަރިކަލުން ބޮޑުފުޅުވީ ފުވައްމުލަކުގައި ހުންނަވައިގެންނެވެ. އަވަހާރަވީވެސް އެތާގައެވެ. ދެކުނުގެ އަތޮޅުތަކުގައި ކިލެގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކީ މިބުނެވުނު ދަރިކަލުންނެވެ. ކިލެގެފާނަކީ ޕްރިންސަކަށްވެފައި ދެކުނުގެ ތިން އަތޮޅުގެ ތެރެއިން އެކިލެގެފާނު އަރައިވަޑައިގެންނެވި ކޮންމެ ރަށެއްގެ ވެރިކަން ދައުލަތުން އޮތީ ހަމަޖައްސަވައި ފަތްތޫރަ ހިންގަވައިފައެވެ. ދެން މިކިލެގެފާނު ކުރައްވާ ވެރިކަމަކީ ނިކަން ދޭތެރެ އަވަސްކޮށް ޅަ އަންހެން ބެއިކަނބަލުންނާއި ކައިވެނި ބައްލަވައިގަތުމާއި އެބެއިކަނބަލުންގެ ފަރާތްޕުޅުން ބޭފުޅުން ހޯއްދެވުމެވެ. މާލޭގައި ހުންނަވާ ރަދުންނާއި ތޮޅޭން އުޅުއްވުމުގެ ވިސްނުމެއް އަމްދުން ނުގެންގުޅުއްވައެވެ. އެހެންވެ މާލޭ ރަދުންވެސް ހުންނެވީ ކިލެގެފާނަށް ހުވަދޫ ކަނޑުން ދެކުނު ހިބަކޮށްދެއްވައިގެން ވަރަށް އުފަލުގައެވެ. ކިލެގެފާނުވެސް އެމަނިއްޕުޅު ބޭނުންފުޅުވާ ޒާތުގެ ވެރިކަން މިތިން އަތޮޅުގައި ހިންގަވަތެވެ. އާއިލާ ދިޔައީ ބޮޑުވަމުން މެންބަރުންގެ އަދަދު އިތުރުވަމުންނެވެ. ކިލެގެފާނު އަވަހާރަވީއިރު ޚުދު އެކިލެގެފާނަށް ވެސް ބެއިފުޅުންގެ އަދަދު އެގިވަޑައިނުގަންނަވާކަމަށް ބައެއްމީހުން ބުނެއުޅެއެވެ. އަނެއްބަޔަކު ބުނަނީ ކިލެގެފާނުގެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ބޭފުޅުން އަދި މުނިކާފަ ވިދާޅުވާ ބޭފުޅުން ފެނިވަޑައިގަތީމާ ބުރުސޫރައަށް ވިސްނަވާފައި އެއީ ކިލެގެފާނުގެ އައުލާދުކަން ކިލެގެފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ކިލެގެފާނުގެ
އެންމެ ދޮށީ ބެއިފުޅަކީ އައިސާދިއެވެ. މިއީ ނިކަން ބަސްގިނަ
އަންހެން ސާހިބެކެވެ. ކިލެގެފާނުގެ އެންމެ ދޮށީ ބެއިފުޅާކަމަށްވީމާ މިއައިސާދި މަޝްހޫރުވެފައިވަނީ
ދޮށީދީދީގެ ނަމުންނެވެ. މި ދޮށީދީދީއަކު އަދި ސޯޅަ
ސަތާރަވެސް ނުވަނީސް މީނާ ހުވަދުއަތޮޅު ކޮނޑޭއަށް ގެންދަވައި އެރަށު އަލިމަނިކުފާނޭ ކިޔުނު ބެއިކަލަކާއި ކިލެގެފާނު ކައިވެނިކޮށްދެއްވައިފިއެވެ. މިކައިވެނިން ދެ
ބޭފުޅަކު ލިބިވަޑައިގެންފައިވަނިކޮށް
ބަޔަކު ފުވައްމުލަކަށްގޮސް އަލިމަނިކުފާނޭ ކިޔައިގެން ކިލެގެފާނުގެ އަރިހުގައި ކުޓުވައިފިއެވެ. މިކުޓުވުމެއްގެ ޚުލާސާއަކީ އަލިމަނިކުފާނު ނިކަން ގިނަގިނައިން
ކިލެގެފާނަށް ބަދުބަސް ބުނެ މަލާމާތް ކުރާވާހަކައެވެ. މިކަމާ ކޯފާވެގެން ކިލެގެފާނު ބޮޑު ޓީމެއް ކޮނޑޭއަށް ފޮނުއްވައިފިއެވެ. ބޭނުންފުޅަކީ ދޮށީދީދީ
އެރަށުން ގެންދެވުމެވެ.
ކިލެގެފާނު
ފޮނުއްވި ޓީމު ކޮނޑޭއަށް ފޭބިއިރު ދޮށީދީދީ އޮންނެވީ ވަރަށް ތުއްޕުޅު ބެއިފުޅަކާއެކު އަދި ރައްކައުވުމުގެ
އާލާސްކަންފުޅުން މުޅިން މިންޖުނުވެވި ދާންމަތިކޮޅުގައެވެ. މި ޓީމު ގޭތެރެއަށް ވަނަ ނުދިނުމަށް އަލިމަނިކުފާނު ދޮރުމަތީގައި ހުރަހަކަށްވެގެން
އެބަހުންނެވިއެވެ. އަލިމަނިކުފާނަށް އަނިޔާއެއް ނުކުޅައުމަށް ކިލެގެފާނު
އަންގަވާފައިވާތީ މިޓީމުގެ
ސަރުދާރު ހެދި ގޮތަކީ ފުރާޅުން ތަންގަނޑެއް ވައްޓާލައި ގޭތެރެއަށް ބަޔަކު ވައްދައި ދޮށީދީދީ ނެގީއެވެ. ދެން މިކައިވެނިވެސް
ކިލެގެފާނު ރޫޅާލައްވައި
ދޮށީދީދީ އައްޑުއަތޮޅު މީދޫއަށް ގެންދަވައި އެރަށު ގަނޑުވަރު މުހުއްމާތައްޚާނޭ ކިޔުނު ބެއިކަލަކާއި
ކައިވެނިކޮށްދެއްވައިފިއެވެ. މީދޫގައި ދޮށީދީދީގެ ދޮށީ
ބެއިފުޅަކީ ޚަދީޖާ ދީދީ ނުވަތަ ކައްދައިދީއެވެ.
މި ކައްދައިދީ
ބޮޑުފުޅުވެގެން ކައިވެނި ބައްލަވައިގެންނެވީ ހުޅުދުމައިގޭ އިބްރާހިމް މަނިކުފާނާއެވެ. ކައްދައިދީގެ ބޭފުޅުންގެ
ތެރެއިން އެންމެ ގިނަބަޔަކަށް
އެނގޭ ބޭފުޅުންނަކީ ކުބެއްޔާ (އަލިދީދީ) އާއި އެޅަބެއްޔާ (އަބްދުﷲ ދީދީ) އެވެ. މީގެ ތެރެއިން އެންމެ ހަގު އަދި ހަލަނިކަން އެންމެ ބޮޑު ބެއިފުޅަކީ އެޅަބެއްޔާއެވެ. ކުބެއްޔާ ބޮޑުފުޅުވެގެން
އައީ ވަރަށް މަސައްކަތްތެރި
ދުނިޔެ ހޯއްދަވާން ގަދައަޅުއްވާ ބެއިފުޅެއްގެ ގޮތުގައެވެ. އެޅަބެއްޔާގެ ކިބައިގައި މިސިފައެއްނެތެވެ.
އެޅަބެއްޔާ އުޅުއްވީ އެމަނިކުފާނުގެ
ނަމާވެސް އެކަށޭނަ ގޮތަށް ޅަގޮތުގައެވެ.
އެއްފަހަރަކު
ކުބެއްޔާ މީދޫ އޮޑިޔަކުން އޮޅުދޫކަރައަށް ވަޑައިގެންނެވިއެވެ. ކަރައިން ބައްލަވައިގަތް ތަކެތީގެ ތެރޭގައި ބިސްކޯދު ޑަބިޔަލެއްވެސް ހިމެނުނެވެ. ބިސްކޯދަކީ އޭރު ދިވެހިން
ދަންނަ އެއްޗެއް ނޫނެވެ.
މިބިސްކޯދު ޑަބިޔާ މީދޫއަށް ގެންނަވައި އޭގެ އަގު ބޮޑުކަމާއި ޑަބިޔަލުގެ ރީތިކަމާއި އޮފުވެސް ގަދަކަމުން މިޑަބިޔާ
ނުވެސްކަނޑުއްވައި ގޭގެ
މަތިވަޑާންގަނޑުގެ ތެރެއަށްލައްވައި ކުބެއްޔާ މިޑަބިޔާ ރައްކާތެރިކުރައްވައިފިއެވެ. އެދުވަހުން ފެށިގެން މިޑަބިޔާ
ހުންނަނީ އެތާގައެވެ.
ރަށުގެ އެންމެންވެސް ކުބެއްޔާ އޮޅުދޫކަރައިން މާމީރު ޒަމާނީ ބިސްކޯދު ޑަބިޔަލެއް ގެންނަވައި ރައްކާކުރައްވައިގެން
ގެންގުޅުއްވާ ވާހަކަ ވަރަށް
އޮލަކޮށް ދައްކަތެވެ.
ކުބެއްޔާ
އުޅުއްވި ގެޔަކީ މިހާރުގެ ހުދުވިލާގެ އެވެ. ކުބެއްޔާގެ ކޮއްކޯފުޅު އެޅަބެއްޔާވެސް އެމަނިއްޕުޅުގެ ޅަގޮތުގައި
އެގޭގައި އުޅުއްވައެވެ.
ކުބެއްޔާ ގިނައިން އުޅުއްވަނީ ގެއިން ބޭރުގައި ކަމަށްވާތީ ގޭތެރޭގެ ކަންތަކުގައި ބޮޑަށް އުޅުއްވަނީ އެޅަބެއްޔާއެވެ.
މިގޮތަށް އުޅުއްވުމުގައި
ކުބެއްޔާގެ ބިސްކޯދު ޑަބިޔަލާ ހަމައަށްވެސް އެޅަބެއްޔާގެ ނަޒަރު ސީދާވެއްޖެއެވެ. އެޅަބެއްޔާ ކުރައްވާ ކަމަކީ ގޭގެ
މަތިވަޑާންގަނޑަށް ސިއްރިޔާތުގައި
އަރައިވަޑައިގެން ބިސްކޯދު ޑަބިޔާ ކަނޑުއްވައިގެން ފަރީއްކުޅުއްވަނީއެވެ. މަހެއްހައި ދުވަސްވީތަނާ
ބިސްކޯދުތައް ހުސްވެއްޖެއެވެ.
މިބިސްކޯދުތައް ފަރިއްކުޅުއްވައިގެން ލިބިވަޑައިގަންނަވާ އަރާމެއްގައި ބައެއްދުވަސްދުވަހު މަތިވަޑާންގަނޑުގެ
މަތީގައި އެޅަބެއްޔާ އަވަހާރަފުޅުވެސް
ލައްޕަވައެވެ. ޑަބިޔާ ހުސްވުމުން އެޅަބެއްޔާ ކުރެއްވިކަމަކީ ޑަބިޔަލުގެ ތެރެއަށް ކުޑަގިފިއްޔާއި ބޮޑު
ގިފިލިވެސް ކުރައްވައި
ޑަބިޔަލުގެ މަތި ނިކަން ރަނގަޅަށް ޖައްސަވައި އިހު ހުރިގޮތަށް ބެހެއްޓެވީއެވެ.
ދިގު ޒަމާންތަކަކަށް ފަހު ކުބެއްޔާ އަވަހާރަވެއްޖެއެވެ. ކުބެއްޔާ އަވަހާރަވުމުން އެމަނިއްޕުޅުގެ މުދާތައް ކުބެއްޔާގެ އެކި ބޭފުޅުންގެ މެދުގައި ތަރިކަ ބަހާ އުސޫލުން ބަހައި ނިމިއްޖެއެވެ. މިމުދަލުގެ ތެރޭގައި އެއްކަލަ ބިސްކޯދު ޑަބިޔާވެސް ހިމެނުނެވެ. މިޑަބިޔާ ލިބިވަޑައިގެންނެވީ ކުބެއްޔާގެ ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލުން އަބްދުﷲ ދީދީއަށެވެ. މިމަނިކުފާނުވެސް މިޑަބިޔާ ކަނޑުއްވައި އޭގެ ތެރޭގައި ހުރި ބިސްކޯދު ފަރިއްކުޅުއްވުމުގެ ޚިޔާލެއް ނުކުރެއްވިއެވެ. އެކަށީގެންވާ މުނާސަބު ވަގުތެއް ނުވަތަ ދުވަސްވަރެއްގެ އިންތިޒާރުގައި މިދީދީއަކުވެސް އެބަހުންނަވައެވެ. ބިސްކޯދަކީ ކާއެއްޗަކަށްވާއިރު އެއަށްވެސް މުއްދަތެއް އޮންނާނެކަމާއި ހަލާކުވެދާނެކަމުގެ ވިސްނުމެއް ފިކުރެއްނެތެވެ.
މިގޮތުގައި
އަހަރުތަކެއް ފާއިތުވެދިޔަފަހުން ރަށަށްއައި ވަރަށް ތަދުމަޑުކަން ބޮޑު ދުވަސްވަރެއްގައި އެއްކަލަ ބިސްކޯދު
ޑަބިޔާ ކަނޑުއްވައި އާއިލީ
ބޭފުޅުންނަށް ބެއްސެވުމުގެ ޚިޔާލު އަބްދުﷲ ދީދީ ކުރައްވައިފިއެވެ. ބިސްކޯދު ޑަބިޔާ ކަނޑުއްވާނެ ދުވަސް ކަނޑައަޅުއްވައި މިކަމަށް ކުޑަވަރެއްގެ ރަސްމިއްޔާތެއްވެސް އިންތިޒާމްކުރައްވައި އާއިލާގެ
ބޭފުޅުން ހާޒިރުވުމަށް އަބްދުﷲ ދީދީ
އަންގަވައިފިއެވެ. މިއެންމެން ހާޒިރުވުމުން މިޑަބިޔާ އެދީދީ ކަނޑުއްވައި މަތިގަނޑު ނައްޓާލައްވައިފިއެވެ. ހާޒިރުވެތިބި
އެންމެންވެސް މިޑަބިޔަލުގެ
ތެރޭގައި ހުރި ބިސްކޯދުގެ މީރުވަހާއި ރަހަޔަށް ކެތްމަދުވެފައި ތިއްބައި ފެނުނީ ޑަބިޔަލުގެ ތެރެއިން ކުޑަވަރެއްގެ
ދުންކޮޅެއް އެރި މަންޒަރެވެ.
ދެން ދުވާން ފެށީ ނަޖިހުގެ ވަހެވެ.
ކަންވީގޮތުން
މިވާހަކަ ނުދެއްކުމަށް އަބްދުﷲ ދީދީ އެންމެންނަށްވެސް އަންގަވައިފިއެވެ. އެކަމަކު ވެއްޖެކަމަކީ ސިއްރުކުރެވޭ
ކަމަކަށް ނުވާތީ މިތަނަށް
ހާޒިރުވި ބައެއްމީހުން ރަށުތެރޭގައި މިވާހަކަ ދައްކައިފިއެވެ. ކުބެއްޔާގެ ބިސްކޯދު
ޑަބިޔާގެ ވާހަކަ އެހިސާބުން ރަށުގެ ފޯކްލޯރުގެ ތެރެއަށް ވަދެގެން ހިނގާއްޖެއެވެ.
---------------------------
ލިޔުއްވީ:
"ގަދަކަލޭގެފާނު"
http://www.meedhoo.com/?p=1424