މީގެ އަހަރުތަކެއްގެ ކުރިންފެށިގެން ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދިޔަ އެތަކެތީގެބޭރުގައި
ޑިމޮކްރަސީގެ ނަންލިޔެފައިވާ ސާމާނަކީ މޫސުމާއި ކަނޑުތަކުގެ އޮޔާއިވަޔަށް ނުހަނު
ވިސްނުންތެރިކަމާއެކު ރަނގަޅަށް ބެލުމަށްފަހު ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް
ލައްގާގޮތަށް ފުރެތިކާލުންގެ މިއްލަތަކުން ކަނޑުތެރެއަށް އަޅަމުންގެންދާ ސާމާނުތަކެއްކަމަށް ލަފާދާރު ބުއްދިވެރިންގެ ބަޔަކު ބުނެއުޅުނޫއެވެ. އޭރުއްސުރެ މިތަކެތި ގިނައިން
ލައްގަނީ ހުޅަނގުމޫސުމްގެ
ބާރު ވަޔާ ވިއްސާރައާއެކުއެވެ. ލައްގާ ސާމާނުގެތެރޭ ވިހިން ފެށިގެން ތިރީހާ ދޭތެރޭ
ޤަރުނުތަކުގެ އާދަމުގެދަރިންނަށް އެ ތަކެތިފެނުމުން އެބައިމީހުން ޙައިރާންވެ ތަލިން ކުޅުހިކޭވަރުގެ އެއްޗެހި ހުރެއެވެ.
މިގޮތަށްލައްގާ ޑިމޮކްރަސީގެ
ސާމާނުގެ ތެރޭ އެތެރޭގައި
ހޮއިނެތް ދިހަބާރަ ޓަނު ހުންނަވަރުގެ ބޮޑެތި ދަގަނޑާއި، ފޮނިރަހަ ގަދަކަމުން ކައިބޮއިހެދުމަށް
ދަތިވާވަރުގެ ދޯބުރާލިހަކުރު ގުޅިތަކާއި، އިންސާނުންނަށް އޭގެ ފޮޓޯ ނުފެންނަ ގޮތަށް
ހަދާފައިވާ ޓީވީތަކާއި، ދޫނި ސޫފާސޫތްޕަށް ނޫނީ އޭގެ އަޑުނުއިވޭ ރޭޑިޔޯތަކާއި، ފެނަށްގިރިގެން ނުދާނޭ ކުލަކުލައިގެ ކަރުދާހުގެ ގާނޫނުތަކާއި، އަސާސީ ޖުއްލާބުގެ ގުޅަބޭހާއި،
ލާމަރުކަޒީ ވިހިއޮށުގެ ތަސްބީހަ ފައްޗާއި، ޙައްޤާނިއްޔާ ދުއްރަތަކާއި، ޕާޓީ ސިސްޓަމްގެ
ރިހާކުރު ޖާޑިތަކާއި، އަޚުލާގަށް މާބަނޑުވެފައިވާ ކުލުނު ޖާޑިތަކާއި، އިންސާނީހަމަތަކުގެ
ދެފުށް ފެންނަ ބޯކަރުދާސް ފޮށިގަނޑުތަކާއި މިކަހަލަ ގިނަ އެއްޗެހިތަކެއް ހުރެއެވެ.
މި ތަކެއްޗަކީ އޭގެ ގޮތްބާވަތް
ނޭނގި އެއަށް ދަހިވެތިވެ އޭގެ ބޭނުންކުރަން ފަށައިފިނަމަ އެބަޔެއްގެތެރޭ ޢަދުލު އިންޞާފާއި
ހަމަހަމަކަން ނޯންނާނެ ތަކެއްޗެއްކަމާއި، ތަބާވާނެ ގާނޫނެއް ގަވައިދެއް ވެރިއެއްނެތި
ވައްކަންކުރުމާއި ފޭރުމާއި ލޫޓްވުމާއި މާރާމާރީއާ ލޭއޮހޮރުން ހިނގާނެކަމާއި، ގަދަފަދަ
ޖައްބާރުން ނިކަމެތިންގެ މައްޗަށް ވެރިވެގެން ހިތަށްއެރިކަމެއް ހިތަށްއެރިވަގުތަކު
ހިތަށްއެރިގޮތަކަށް ކުރާނެކަމާއި، ޖެއްސުން ކުރުމާއި އަނެކުންގެ ޙައްގުތަކާއި އަބުރަށްއަރައިގަތުމާއި ޣީބަބުނުމާއި މަކަރުހެދުމާއި ދޮގުހެދުމާއި ރިޝްވަތާއި ފަސާދައާއި ފިތުނަވެރިކަން ބިމުގެ ވެއްޔަށްވުރެ ގިނަވެދާނެކަމަށް އޭރުވެސް
މިތަކެއްޗާއި އަދި ދުނިޔޭގެ ވާނުވާދަންނަ ބުއްދިވެރިން ބުނެއުޅުނެވެ. އޭގެފަހުން އެކަންވީވެސް
ހަމަ އެހެންނެވެ. ބުއްދިވެރިން ބުނިގޮތަށް އަކުރެއް ފިއްޔެއް ސުކުނެއްގެ ވިޔަސް ތަފާތެއްނެތި
އެކަން ފެންނަމުންދެއެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް
ޑިމޮކްރަސީގެ ސާމާނު ލައްގަމުން ދިޔައިރު އެއެއްޗެއް އެއްވެސްމީހަކު ނަގައި ފޮރުވައި
ހަދައިފިނަމަ ޑިމޮކްރަސީގެ އުޞޫލުން ބޮޑުވެގެންވާ އަދަބު ލިބޭނޭކަން އަންގާފައިވާއެއްޗަކީ
ހަމައެކަނި ޑިމޮކްރަސީ ދޮންނަމެޝިނެވެ. ލައްގަމުންދިޔަ ޑިމޮކްރަސީގެ އެހެން ބާވަތްބާވަތުގެ
ސާމާނާއި އަޅައިބަލާއިރު ޑިމޮކްރަސީ ދޮންނަމެޝިން ލެއްގީ ވަރަށް މަދުންކަމަށްވުމާއެކު،
މިއެއްޗެތި ޚާއްޞަކުރީ ޑިމޮކްރަސީގެ އުޞޫލުން އެހާތަނަށް ތަޞައްރަފު ފުދި ބާލިޣުވެފައިވާ
ޕާޓީތަކަށެވެ.
ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު
ފުދި ބާލިޣުވެފައިވާ ޕާޓީތަކަށް އެކަނި ޑިމޮކްރަސީ ދޮންނަމެޝިން ޚާއްޞަކުރަން ޖެހުނީ
އެވައްތަރުގެ މެޝިނަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ޢާއްމުކޮށް ބޭނުންކުރާ އޭސީ ކަރަންޓުން
އޭގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭނޭ އެއްޗަކަށްވެފައި، އޭގެ ބޭނުންކުރެވޭނީ
ޑިމޮކްރަސީ ޑީސީ ބެޓްރީން ކަމަށް ވާތީއެވެ. މިވައްތަރުގެ ބެޓްރީއަކީ ހަމައެކަނި ނަޖިދު
ޝައިޠޯން ފެކްޓަރީން އުފައްދާ އެއްޗެއްކަމަށާއި، އެފެކްޓަރީން މިބެޓްރީ ދޫކުރަނީ ޑިމޮކްރަސީގެ
ދެފަރާތް ހާމަޔަށް ފެންނަ އުޞޫލުން ހަމައެކަނި ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު ފުދި
ބާލިޣުވެފައިވާ ޕާޓީތަކަށްކަމަށް ބުނެވެއެވެ.
ޑިމޮކްރަސީ ދޮންނަމެޝިނަކީ ޢާއްމުކޮށް
ގެންގުޅޭ ދޮންނަމެޝިން ފަދަ އެއްޗެއްނޫނެވެ. މިވައްތަރުގެ މެޝިން ބޭނުންކުރަނީ ޑިމޮކްރަސީގެ
އުޞޫލުން ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކާއި ގުޅޭ އާދަމުގެދަރިންގެ ތެރެއިން
ވަކިބާވަތެއްގެ ކުނިމިލަ ހުރި އާދަމުގެދަރިން ދޮވެ ސާފުޠޯހިރުކުރުމަށެވެ. މީގެތެރެއަށް
އެމީހަކުލުމަށްފަހު، ދޮޅުގަޑިއިރު ވަންދެން މެޝިންހިންގައި އޭގެތެރެއިން އެމީހަކުނެރޭތާ 9 މަހާއި 9 ދުވަސް ވަންދެން އެމީހަކުހުންނާނީ ޅަވަރެއްގެ ސިފަހުތުރު ކުއްތާއެއްގެ
ސިފައިގައި ބުއްދި ބުރާންތިވެފައެވެ. އެހެންވާންޖެހެނީ މެޝިނުގެތެރޭ ބުރުއެޅިލެއް
އަވަސްކަމުން ކަމަށާއި ފުރިހަމަ އިންސާނެއްގެސިފައަށް އެމީހަކުރުޖޫޢަވެ ބުއްދިފުރިހަމަވާނީ
ގަދައަޅައި ގިނަ މަސައްކަތްތަކެއް ކޮށްގެންކަމަށްވެސް ބުނެވެއެވެ.
ކޮންމެއަކަސް ޑިމޮކްރަސީގެ އުޞޫލުން
ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކުން މިވައްތަރުގެ މެޝިން ބޭނުންކުރުމަކީ ޑިމޮކްރަސީގެ
ދެފަރާތް ހާމަޔަށް ހުރަހެއްނެތި ފެންނަ އުޞޫލުން ކުރާކަމެކެވެ. ޑިމޮކްރަސީ ނަގަހައްޓައި
ދެމެހެއްޓުމުގެ އުޞޫލުންނެވެ.
-------------------
ލިޔުއްވީ: މީމު ނޫނު