ކުނބުރުދޫ އައްޔާއި ޖެލީފިޝް
















ކަނޑުދަތުރެއްގައި އުޅެނިކޮށް، ރޭގަނޑެއްގެ ދަންވަރު ވިއްސާރަވެ، ކަނޑުގަދަވެ ދޯނިގަނޑު ބަންޑުން ޖަހާލައި ދޯނީން ދަތުރުކުރި އެންމެން ކަނޑުގައި ފަތަނިކޮށް ކަޅުއަލީގެ ފައިޖެހުނީ ގަލެއްގައެވެ. ރަނގަޅަށް ހިންދެމިލައި ބަލާލިއިރު އެހެންމީހަކު ފެންނާކަށް ނެތެވެ. އެގަލަކީ އުފެދިފައިވާގޮތުން ނިވާފަތްގަނޑެއް ލެވިގެން އުފެދިފައިވާ އަދި ފެނުން މައްޗަށްދެތިން މުށަށް އުފުލިފައިވާ ގަލެކެވެ. ގާ އުފެދިފައިވަނީ ރަނގަޅަށް އިށީދެވޭގޮތަށެވެ. ގަލުގައި ރަނގަޅަށް އިށީނުމުން ފޫޅުންތިރިވަނީ ފެނުގެ އަޑީގައެވެ.

ނަމަވެސް ވެފައިވާ ވަރުބަލިކަމާއެކު ނިދިއްޖެއެވެ. ނުވަތަ ޚަބަރު ހުސްވެއްޖެއެވެ. ހަމަ ހޭވެރިކަމެއްވީ އިރުގެ ހޫނާއި، އަލިކަމުގެ ތެރެއަށެވެ. އެއީ ހީވާގޮތުން އަނެއް ދުވަހެވެ. ނަމަވެސް ހިގައިގަނެވޭހާ ހަކަތައެއް ނެތެވެ. ހައިހޫނުކަމާއި، ފެންބޮވައިގަތުން ވަނީ، އިންތިހާޔަށް ގޮސްފައެވެ. އަނެއްކާވެސް ނިދިޖެހި ނުވަތަ ޚަބަރުހުސްވެފައި ކަހަލަ ގޮތަކަށް އިންދާ ގައިގައި އެއްޗެއް ހޭކޭހެން ހީވެގެން ލޯ ހުޅުވައި ބަލިއިރު އެއީ ޖެލީ ފިޝް އެކެވެ. ބޭއިޚްތިޔާރުގައި އޭތި ދިރުވައިލީއެވެ. ވަރަށް މީރެވެ. ފެންބުއިމުގެ އަލާ ވެސް ކެނޑިއްޖެއެވެ. އޭގެފަހުން ކައިއުޅުނީ، ޖެލީ ފިޝް އާއި، ފިރުޢައުނު މުދަލާއި، ގާފޮރިއެވެ. އެގޮތުގައި ހޭދަވީ ކިތައް ދުވަސްކަމެއް އެނގުނީ ދޯންޏެއްގެ ބަޔަކު އެފަރަށް ނަގިލިލައި މަސްވެރިކަން ކުރަންއުޅެނިކޮށް، އެމީހުންގެ ބަހަރައެއް ކަޅުއައްޔަށް ވެގެން ހަޅޭއްލަވައިގަތުމުން އެމީހުން އައިސް އޭނާ ދޯންޏަށް ނެގުމުން އެމީހުންގެ ފަރާތުންނެވެ. އޭނާ ދޯންޏަށް ނެގުމާއެކު އެފަރު އަޑިއަށް ހިގައްޖެއެވެ. ޙަޤީޤަތުގައި އެއީ ތިލަވެފައިއޮތް ބޮޑުމަހެކެވެ. އެމީހުންގެ ފަރާތުން އެނގުނީ ކަޅުއަލީމެން ގެއްލުނު ފަހުން މިހާރު 4 އަހަރަށްވުރެ ގިނަދުވަސް ވެދާނެކަމަށެވެ. އެ ދޯނީގެ އެއްވެސް މީހެއްގެ ޚަބަރެއް އަދި ލިބިފައިނުވެ އެވެ.
ކޮންމެއަކަސް ކަޅުއައްޔަށް ރަށަށް އާދެވިޖެއެވެ. އޭގެފަހުން އެހެންރަށަކަށްގޮސް މީހަކާއިނދެ ދިރިއުޅުމެއް ފެއްޓިއެވެ. އެރަށުގައި ދިރިއުޅުމުގެތެރޭގައި، އޭނާ އަތިރިމައްޗަށްގޮސް ކުރިން ކެއި ތަކެތި (ފިރުޢައުނު މުދާ) ކާން ފެއްޓުމުން ރަށުގެ މީހުން އެވާހަކަ އޭނާގެ އަންހެނުން ކަމަލޭ ގާތުގައިވެސް ބުނެފިއެވެ. އެކަން ހުއްޓާލާތޯ ކަމަލޭ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންވެސް ނުހިއްޓިގެން އެންމެފަހުން ކަމަލޭ ވަރިވީއެވެ. އެދުވަސްކޮޅު ރަށުގެ މީހުން ކުރާކަމަކީ، އަތިރިމައްޗަށް ލައްގާ އެފަދަ ތަކެތި ނައްތާލަނީއެވެ. އެވަރުންވެސް ކަޅުއައްޔަށް އެކަން ނުހުއްޓިގެން ފަރުމައްޗަށްގޮސް އަދި އެވަރުންވެސް ނުވެގެން ކަނޑަށްގޮސް އުޅެނިކޮށް އޭނާ މަރުވީ އެވެ. 

ރައިވަރުގަވެސް އެބުނަނީ " ވީފަރިތަ ނުފިލާށިގައިން ލީހުންގާނު ދިއްގެއިން " ވީމާ، ތިންއިރަށް ކާބޭހެންހެން މިހާރު މިކުރާ މުޒާހަރާތަކަކީވެސް އެޒާތުގެ ކަމެކެވެ. އެމީހުންގެ ދެޝޭޚުން ކަމަށްވާ ނަސީމާއި، ހުސައިން ބުންޏޯލައޭ އޭ މީސްތަކުންނޭ! ކަލޭމެންނަށް ތިޔަކަން މިންވަރުކުރެއްވިއަސް ތިކުރާ މުޒާހަރާތައް ހުއްޓާ ނުލައްޗޭ. މިއީ ކަށީގައި ހިފާފައިވާ މުޒާހަރާ ރޯގާއެކެވެ. މި ރޯގާއަށްއޮތް ބޭސްވެރިކަމަކީ، އިތުރަށް މިރޯގާ ޖެހުމެވެ.     ކަޅިއަލީގެ ވާހަކަޔަކީ، ޙަޤީޤީ ޙާދިޘާއެކެވެ. އޭނާގެ މުނިކާފަ ދަރީން މިހާރުވެސް ދުނިޔޭގައި އެބައުޅެއެވެ.
                  --------------------
ލިޔުއްވީ: "ސަތިހިރު"