އަލްޙަސަނުލް ބަޞްރީގެ ބައެއް ޙިކުމަތް
އަލްޙަސަނުލް ބަޞްރީގެ އަރިހުގައި މީހަކު ދެންނެވި އެވެ.
"ތިމަންނާގެ އަންހެން ދަރިފުޅާ އިންނަން އެތައް ބަޔަކު ކުރިމަތިލައިފި އެވެ. އެ މީހުންގެ ތެރޭން ތިމަންނާގެ އަންހެން ދަރިފުޅު ދެވާނީ ކާކާތޯ އެވެ؟"

އަލްޙަސަނުލް ބަޞްރީ ވިދާޅުވި އެވެ. 
"އެމީހުންގެ ތެރޭން އެންމެ ހެޔޮލަފާ ތަޤުވާވެރި މީހަކާ ދެވާށެވެ! އޭނާ އެކަނބުލޭގެ ދެކެ ލޯބިވެއްޖެނަމަ، އިންތިހާދަރަޖައަށް ހެޔޮކޮށް ހިތާނެ އެވެ. އޭނާ އެކަނބުލޭގެ ދެކެ ހިތްހަމަނުޖެހިއްޖެނަމަ، އަނިޔާވެރިއެއް ނުވާނެ އެވެ."

އަލްޙަސަނުލް ބަޞްރީ ވިދާޅުވި އެވެ.
"ތަޤުވާވެރިން ދެނެގަނެވޭނެ ޢަލާމާތްތަކެއް ވެ އެވެ. އެމީހުން ތެދު ބުނާނެ އެވެ. އެމީހުން ވަޢުދަށް ވަފާތެރިވާނެ އެވެ. އެމީހުން ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާނެ އެވެ. އެމީހުން ނިކަމެތީންނަށް އޯގާވެރިވާނެ އެވެ. އެމީހުން އެހެންމީހުންނަށް އެމީހުންގެ ހައިބަތު ދައްކާކަށް ނޫޅޭނެ އެވެ. އެމީހުން ޚުލްޤުހެޔޮވާނެ އެވެ. އެމީހުން މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާނެ އެވެ."

އަލްޙަސަނުލް ބަޞްރީގެ އަރިހުގައި މީހަކު ދެންނެވި އެވެ.
"ކަލޭގެފާނުގެ ހެޔޮލަފާ ކަމާއި ޒާހިދުކަމުގެ ސިއްރަކީ ކޮބައިތޯ އެވެ؟"

އަލްޙަސަނުލް ބަޞްރީ ވިދާޅުވި އެވެ.
"އެ ސިއްރުގައި އެކުލެވިފައިވަނީ ހަތަރު ކަމެކެވެ. އެއީ:
ތިމަންކަލޭގެފާނުގެ ރިޒުޤު އެހެން މީހަކަށް ނިގުޅައިނުގަނެވޭނެކަން ދެނެވަޑައިގަންނަވަމެވެ. މިހެންވެ، ތިމަންކަލޭގެފާނުގެ ހިތްޕުޅު ހަމަޖެހިގެންވެ އެވެ. ތިމަންކަލޭގެފާނު ކުރައްވާ މަސައްކަތްޕުޅު، އެހެން މީހަކު ނުކުރާނެކަން ދެނެވަޑައިގަންނަވަމެވެ. މިހެންވެ، އެ މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނަވަމެވެ. ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް، މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދެނެވަޑައިގަންނަވަމެވެ. މިހެންވެ، އެކަލާނގެ ޙަޟުރަތަށް އުރެދުމުގެ ޢަމަލެއް ކުރެއްވުމަށް ލަދުވެތިވެވަޑައިގަންނަވަމެވެ. ތިމަންކަލޭގެފާނަށް "މަރު" އިންތިޒާރުކުރަމުންދާކަން ދެނެވަޑައިގަންނަވަމެވެ. މިހެންވެ، ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރައްވައި ގެންގުޅުއްވާ ރަސްކަލާނގެ ޙަޟުރަތާ ބައްދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގެން ވަމެވެ."
            ------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން