ވެހުނު އިރު ނުނެގުނު ފެން


ވެހުނު އިރު ފެން ނުނެގި އޮއްވައި އެ މޫސުން ފަހަނަޅައި ހިނގައްޖެ އެވެ. މިހާރަކު ދެން އެ މޫސުމުގެ ފެނެއް ނުނެގޭނެ އެވެ. ނަގަންޏާ ނެގޭނީ މި މޫސުމުގެ ފެނެވެ. އެކަމަކު މި މޫސުމުގެ ފެނަށްވުރެ އެ މޫސުމުގެ ފެނުގެ ޞައްޙަކަން ބޮޑުވެފައި "ބޯން" ކަމުދެ އެވެ.


ދިވެހިތާރީޚާއި ގުޅުންހުރި ކަމަށް ބެލެވޭ ދެތިން ވާހަކައެއް "ގޮތަކަށް" އަޅުގަނޑަށް ލިޔެވުނީމާ ބައެއް ބޭފުޅުން އެ ކަމަށް ހިތްވަރު ދެއްވައި ކުރިއަށް ދާށޭ އެބަ ވިދާޅުވެ އެވެ. އަދި އަޅުގަނޑަށް އަނދިރި ވެފައިވާ އެ މަގުން ދެވޭ ނުދެވޭ ދިމާއެއް ނޭނގި އުޅޭތަން ބައެއް ބޭފުޅުންނަށް ފެނިވަޑައިގަތީމާ އެކަމާއި ސަހަރޯ ހީފުޅުވެ  އަޅުގަނޑުގެ ކުރިމައްޗަށް ހުރަސްވެފައިވާ ބިޔަ ބޮޑެތި ގޮފިތައް ވެސް އެއްފަރާތް ކުރައްވައި މަގު ދެއްކެވޭތޯ އުޅުއްވަ އެވެ. އެކަމަކު އަޅުގަނޑުގެ އަމިއްލަ ލޮލަށް ނުފެންނަ އެއްޗިއްސެއް މީސްމީހުންގެ ލޮލުން ހޯދައިގެން އަބަދަކު އެހެނެއްވެސް ނުއުޅެވޭނެ ނޫންތޯ އެވެ. އެގޮތަކަށް އެ މަގަކުން ކުރިޔަށް ނުދެވޭނެ ނޫންތޯ އެވެ. 

 

އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ނަން އަޅުގަނޑަށް ވަރަށްގިނައިން ލިޔެވިއްޖެ އެވެ. މުޅީންވެސް ތާރީޚާ ގުޅުން ހުރި ކަންކަމުގަ އެވެ. ލިޔެވުނު ކަންކަމުގެ ތެރޭގައި ސީދާ އެ ކަމެއްގެ ވާހަކަ ލުޠުފީ ދެއްކެވި އަޑު އިވުނު ވާހަކަ ވެސް އޭގެތެރޭ އެބަ ހުއްޓެވެ. ރާއްޖޭގެ އެތެރެއާއި ބޭރުގައި ހިނގި ރާއްޖޭގެ ތާރީޚާ ގުޅުންހުރި ގިނަ ކަންކަމެއްގެ ވާހަކަ މަރުޙޫމް ލުޠުފީ ދެއްކެވި އަޑު އެހީމެވެ. އެކަމަކު މި ސިކުނޑީގައި އެ އަޑު ހަރުލާފައި މިހާރު ނެތީތާ އެވެ. އެހެން އެވީ އޭރު އެ ކަމާއި އުޅެންވާ ގޮތަށް ނޫޅެވުނީމަ އެވެ. ވެހުނު އިރު ފެން ނަގަން ނޫޅެވުނީމަ އެވެ. ވެހުނު އިރު ދިޔަދޮވީގެ ދަށަށް ކުޑަ ވިޔަސް ޓައްޕު ގަނޑެއްހާ ހިސާބު ވެސް ދިއްކޮށްލެވުނު ނަމަ ކުޑަ ފެންފޮދަކުން ކަރުހިއްކުމުގެ އަލާ ކެނޑިދާނޭ މިކަހަލަ މީހެއްގެ ކަރުތެރެ ގައިމު ތެންމާލެވުނީސްތާ އެވެ. އެކަމަކު އެ ކަން މިވީ އެއްކަލަ ބުނާހެން ނުކުރެވުނު ބައިގެ ކަމަކަށެވެ. ނޫޅެވުނު ބައިގެ ކަމަކަށެވެ. އެ ހަނދާނުގައި މިހާރުއޮތީ ހަމައެކަނި އެކަން އެހެން ހިނގިކަމަށް ދަންނަވައިލުމާއި އެ ދުވަސްވަރުގެ ބައެއް ވާހަކަ ދަންނަވައިލުމެވެ. އެނޫންކަމެއް އެބަ އޮތްތޯ އެވެ.


އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުވެރިއަކަށް އޭދަފުށީގައި ހުންނަވަނިކޮށް އެ އަތޮޅު ހެލްތު ސެންޓަރުގައި މަސައްކަތް ކުރަން ސަރުކާރުން އަޅުގަނޑު ފޮނުއްވީމާ އަޅުގަނޑު ބެހެއްޓެވީ ލުޠުފީގެ އަރިހުގައި އޭދަފުށީ އަތޮޅުގޭގަ އެވެ. އެ ދުވަސްވަރު ހެލްތު ސެންޓަރުގައި މަސައްކަތް ކުރުމަށް އެ ތަނަށް ދާ މީހުން ތިބެންޖެހެނީ ކޮންމެހެން އަތޮޅުގެއަކު ނޫނެވެ. އަތޮޅުވެރިން ހަމަޖެއްސެވި ތަނެއްގަ އެވެ. އެ މީހަކު ޚިޔާރުކުރާ ތަނެއްގައި ވެސް ހުރެވިދާނެ އެވެ. އެ އަތޮޅުގައި އެ ދުވަސްވަރު ވެސް އަތޮޅުއޮފީހާއި ރަށުއޮފީހުގެ ބެއްލެވުމުގެ ދަށުގައި ބައެއް ތަންތަން ހުއްޓެވެ. އެކަމަކު އަޅުގަނޑު ބެހެއްޓެވީ ލުޠުފީ ހުންނަވާ އަތޮޅުގޭގެ ކޮޓަރިއެއްގަ އެވެ. އެއީ ރަސްމީ ނުރަސްމީ ޢިނާޔަތަކަށް ވެސް ވެދާނެއެވެ. ލުޠުފީއަކީ އަޅުގަނޑާއި ތިމާގެ ބޭފުޅަކަށްވީމާ އެއަށްވުރެ ވެސް ގާތްކޮށްލެއްވީ ކަމަށް ވެދާނެ އެވެ.


ބައެއް ދުވަސްވަރު އަތޮޅުގެ އޮންނަނީ ވަރަށް ވެސް "އަބުއި" ކޮށެވެ. އަޅުގަނޑުމެން ކަހަލަ "އުޅެން ނުދަންނަ" މީހުން "ބަލައިގެން" އުޅެން ޖެހިފަ އެވެ. އެ ދުވަސްވަރު އުސްތާޛު ލުޠުފީގެ އަނބިކަނބަލުން ތުއްތު ދޮންގޮމާ (ޢާއިޝަތު ޒުބޭރު) ދޭތެރެއަކުން ލުޠުފީ އަރިހަށް ވަޑައިގެން އަތޮޅުގޭ ގައި އިންނަވަ އެވެ. ތުއްތު ދޮންގޮމާއާއި ރައީސް ނާޞިރުގެ ދަރިކަލުން އަޙުމަދު ނާޞިރުގެ ދަރިކަލުން ތުއްޕުޅު އިބްރާހީމް ދީދީ ވެސް ތުއްތު ދޮންގޮމާ ވަޑައިގެންނެވި ފަހަރަކު ގެންނެވި އެވެ. ތުއްޕުޅު އިބްރާހީމް ދީދީ އަކީ އޭނާގެ އަރިހަށް ދެވޭވަރުގެ މީހުންނާއި އޭރު ވަރަށްގުޅޭ ބޭފުޅެއް ވެސް މެއެވެ.


އަތޮޅުގޭގެ އެއްކޮޓަރީގައި ތިބެނީ އަޅުގަނޑާއި އޭރުގެ އަތޮޅުއޮފީހުގެ ކާތިބު ހިތާދޫ މުޙައްމަދު އަބޫބަކުރާ އެވެ. ދެން ބޭރު އެހެންމީހަކު އެ ދުވަސްވަރު އަތޮޅުގެއަކު ނުހުރެ އެވެ. ބޮޑުކަމެއް ދިމާވެގެން އެ ވަގުތެއްގައި ދެވޭނޭ ގޮތެއް ނުވިއްޔާ ނޫނީ އަޅުގަނޑުމެން ދެ މީހުންގެ ވެސް ކެއުމާއި ސައި އޮންނަނީ ލުޠުފީގެ އަރިހުގައި އޭނާގެ ފަރިއްކޮޅާއި ސައިފޮދު އޮންނަ ގަޑީގަ އެވެ. ތުއްތު ދޮންގޮމާ ވަޑައިގެން އިންނަވާއިރު އޭނާ ވެސް ފަރިއްކޮޅު ބައެއް ގަޑިތަކުގައި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަނެ އެވެ. މަދު ފަހަރެއްގައި ސައިފޮދުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.


ރޭނގަޑު ފަރިއްކޮޅަށްފަހު އަތޮޅުގޭ ބޭރުގެ ތެރެއަށް އުސްތާޛު ލުޠުފީ ނުކުމެވަޑައިގެން އަތޮޅުގެ ރަށްރަށުން ވަޑައިގެން ތިއްބަވާ ވެރިންނާއި އޭދަފުށީގެ ވެރިންނާއި ވާހަކަފުޅު ދައްކަވަން ގަޑިއެއް ދޮޅުގަޑިއެއްހާ އިރު ވަންދެން ފަށްޖެހި ގޮނޑިއެއްގައި އިންނަވަ އެވެ. މި ގަޑީގައި ވެސް ލުޠުފީގެ މައިގަނޑު ވާހަކަފުޅަކަށް ވެފައި އޮންނަނީ ތާރީޚާ ބެހޭ އެކި ވާހަކަފުޅެވެ. އެ އަތޮޅުގެ ރަށްރަށުގެ ދުވަސްވީ ބައެއް ވާހަކަފުޅު ދައްކަވާއިރު އެ ރަށްރަށުގައި އުޅެ ބޮޑުވި މީހުންނަށް ވުރެ ލުޠުފީ ހުންނަވަނީ ހާސްބައި ކުރީގަ އެވެ. ސީދާ އެ ރަށްރަށު ވެރިންގެ ބައެއް ބޭފުޅުން "އެހެންތޯއޭ" ދަންނަވައިލުމެއް ނޫން އެހެން އެއްޗެއް ވިދާޅުނުވެވޭ ފަހަރު ވެސް ބައެއް ވާހަކަފުޅުގައި އާދެ އެވެ.


އޮފީހުގެ ރަސްމީގަޑި ނޫން އެހެން ގަޑިއެއްގައި ރަސްމީ ޙައިސިއްޔަތާ ގުޅުންހުރި އެއްވެސް ވާހަކަފުޅެއް އުސްތާޛު ލުޠުފީ ދެއްކެވި އަޑު އެހި ހަނދާނެއް އަޅުގަނޑުގެ ނެތެވެ. މުޅީންވެސް ދެއްކެވި ހަނދާން ހުރީ ކޮންމެ ގޮތަކުން ބެލިކަމަށް ވިޔަސް ދިވެހި ތާރީޚާއި ގުޅުން ހުރި ވާހަކައެކެވެ. ވިސްނާ މީހަކަށް ޢިބްރަތްތަކެއް ޙާޞިލް ކުރެވިދާނެ ވާހަކައެކެވެ. އެއްފަހަރަކު ކޮނޑޭގެ އަންހެނަކު ޖިންނި މޮޔަވެގެން އުޅުނު ވާހަކައެއް ވިދާޅުވި އެވެ. އެ ގަޑީގައި (ޖިންނިއާއި) އަންހެންމީހާ ދެއްކި ވާހަކަ ލުޠުފީ އައްސަވައި އޭނާގެ "ފިރިމޮޔަ" ޙަރަކާތްތަކެއް ވެސް ދެކިވަޑައިގަތެވެ. މި ވާހަކަފުޅު ދެއްކެވި ވަގުތަކީ އެ ތާނގައި އަޅުގަނޑު އިން ވަގުތަކަށް ވުމުން "ތިމާގެ ކަމުގެ ސެންސަރެއް" އެބަ އުޅޭކަން ވިސްނުނެވެ. ނަމަވެސް ސެންސަރެއް ނެތި އެ ޙާދިޡާ ބައެއް މީހުންނަށް ލުޠުފީ ވިދާޅުވެ ދެއްވާފައިވެ އެވެ.


ކުރިން ދެންނެވި ދުވަސްކޮޅުގައި ލުޠުފީގެ އަނބިކަނބަލުން ތުއްތު ދޮންގޮމާ ވަޑައިގެންނެވި ދަތުރުފުޅެއްގައި ތުއްތު ދޮންގޮމާގެ ދައްތަ ތުއްތުގޮމާ (އާމިނަތު ޙުސައިން) ވަޑައިގަތެވެ. ތުއްތުގޮމާ އޭދަފުށީގައި އިންނެވީ އަތޮޅުގެއާ ދާދިގާތުގެ ގެސްޓްހައުސް "ޕާމްޝޭޑް"ގަ އެވެ. ތުއްތުގޮމާ އަކީ ދިވެހިބަހުގެ ހަމަތަކާ އެކީ އެންމެރީތި ދިވެހިބަހުން އަބަދު ވެސް  ވާހަކަފުޅު ދައްކަވާ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނު ބޭފުޅެކެވެ. އަދި އެއީ ދިވެހި މަޢުލޫމާތުގެ ވެސް ޚަޒާނާއެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެ ކަން އަޅުގަނޑަށް ތަޖުރިބާ ކުރެވުނެވެ.


އެއް އަހަރަށްފަހު އަޅުގަނޑު އެ އަތޮޅުން ދާންޖެހުނު އިރު ވެސް އެ ތާނގައި ލުޠުފީ ހުންނެވިއެވެ. އޭގެ އަހަރުތަކެއްގެ ފަހުން ދެން ވަޤުތު އޮވެގެން އުސްތާޛު ލުޠުފީއާއި އަޅުގަނޑާއި ބައްދަލުވީ ހުވަދުއަތޮޅު ވިލިނގިލިންނެވެ. އެ ރަށު މުރީދުގޭގައި ހުންނެވި ހުނެވުމުގަ އެވެ. ތިން ދަތުރެއްގައި އެ ގޮތަށް ފައިންޕުޅު ފެނުނެވެ. ކޮންމެފަހަރަކު ވެސް އަރިހަށް ދެވުމުން ބައެއް ގާތް ބޭފުޅުންގެ ޚަބަރު އައްސަވައިލައްވަ އެވެ. އޭގެ ފަހުން ލުޠުފީއަށް އަލުން ހޯއްދެވުނު ތާރީޚާ ގުޅުންހުރި ބައެއް ކަންކަމުގެ ވާހަކަ ދައްކަވަ އެވެ. ފުރަތަމަ ދަތުރުގެ ފަހުން އަނެއް ދެ ދަތުރު ވިލިނގިއްޔަށް ދެވުނުއިރު އަޅުގަނޑުގެ ބައްޕަ ދުނިޔެ ދޫކުރައްވާފައި ވުމުން ބައެއް ކަހަލަ ތާރީޚީ ލިޔުންތައް އަޅުގަނޑަށް ދެއްވި އެވެ. އޭގެ ކުރިން ބައްޕައަށް ފޮނުއްވަނީ އެވެ.


އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ދިވެހިތާރީޚުގެ އާދަޔާއި ޚިލާފު ރެކޯޑެއް ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ދިވެހި ކަނޑުތަކުގެ ސަތަޙައިން މައްޗަށް ކިރިޔަކިރިޔާ ހިކޭ ފަހަރު އަންނަ ފިނޮޅެއް ރަށެއް ވިޔަސް އެ ހުރިހާ ހިކިފަސް ތަނަކަށް ޒިޔާރަތް ކުރެއްވުމުގެ ޝަރަފެވެ. މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ނޫން އެހެން ބޭފުޅަކަށް މި ޝަރަފު ޙާޞިލު ކުރެއްވުނު ކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. އެ ތަންތަނަށް ޒިޔާރަތް ކުރެއްވީ ވެސް ދިވެހި ތާރީޚީ މަޢުލޫމާތު ހޯއްދެވުމަށްޓަކައެވެ. އެ ތަންތާނގައި އާބާދީއެއް އުޅެފައިވޭތޯ އެފަދަ ނިޝާނެއް ކަމެއް އެބަ ހުރިތޯ ފަދަ ޢިލްމީ ދިރާސާއެއް ކުރެއްވުމަށްޓަކަ އެވެ.


ކޮންމެއަކަސް ވެހުނުއިރު ފެން ނުނެގި އޮއްވައި އެ މޫސުން ފަހަނަޅައި ދިޔުމުން ދެން އެ މޫސުމުގެ ފެނެއް ނުނެގޭނެ އެވެ. ނަގަންޏާ ނެގޭނީ މި މޫސުމުގެ ފެނެވެ. އެކަމަކު މި މޫސުމުގެ ފެނަށްވުރެ އެ މޫސުމުގެ ފެނުގެ ޞައްޙަކަން ބޮޑުވެފައި "ބޯން" ކަމުދާ ކަމަށް އަޅުގަނޑު ދެކެމެވެ.


މަތިވެރި ﷲ ދިވެހި މުއައްރިޚު އުސްތާޛު މަރުޙޫމް ލުޠުފީގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާށިއެވެ.

               ----------------

ޢަބުދުﷲ ޙިލްމީ

04 ޖޫން 2012މ.